ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ދިވެހިރާއްޖޭގައި ހުންނަވާ ރަޝިޔާގެ އޮނަރަރީ ކޮންސަލް އަޙްމަދު މާހިރުދީދީއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އޮތް މިބައްދަލުކުރެއްވުމުގައި، މިމަހު ސީޝެލްސްގައި ކުރިއަށް ދިޔަ 8 ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ބައިވެރިވި ދިވެހިރާއްޖޭގެ ޓީމްތަކަށް އަޙްމަދު މާހިރުދީދީ ވެދެއްވި އެހީތެރިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ. އަދި ސީޝެލްސްގައި ދިވެހި ޓީމްތަކަށް ކަންކަން ފަހިކޮށްދެއްވުމަށް އަޙްމަދު މާހިރުދީދީ ކޮށްދެއްވި މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

އޮނަރަރީ ކޮންސަލްގެ ވާހަކަފުޅުގައި، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބައްލަވާލައްވަން ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމަކީ ދިވެހި ޓީމްތަކަށް އިތުރު ހިތްވަރެއް ލިބުނު ކަމެއް ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، ސީޝެލްސާއި ދިވެހިރާއްޖެއާއި އަދި އިންޑިޔާ ކަނޑުގެ އެހެން ޖަޒީރާ ޤައުމުތައް ހިމެނޭ ގޮތަށް އުފެއްދެވުމަށް ހަމަޖެހިފައިވާ ޝިޕިންގ ލައިންގެ މަސައްކަތް އެންމެ ފުރިހަމަ ގޮތުގައި ކުރެއްވޭނެ އުސޫލެއްގެ މައްޗަށްވެސް ދެބޭފުޅުންގެ ވާހަކަފުޅުގައި ބައްލަވައިލެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޑޮކްޓަރ މުޙަންމަދު ވަޙީދާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަޙްމަދު މަޢުޞޫމާއި، ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ އަމީން ފައިޞަލް ބައިވެރިވެވަޑައިގެންނެވިއެވެ.