ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، "ދެވަނަ ފުރުޞަތު ޕްރޮގްރާމް އޮފީސް"       މި ނަމުގައި ސަރުކާރުގެ އިދާރާއެއް 2011 އޯގަސްޓް 9 ވަނަ ދުވަހު އުފައްދަވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެ އޮފީސް ހިނގަމުންދާނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން ހިނގަމުންދާ ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރީހެބިލިޓޭޝަން ސަރވިސަސްގެ ދަށުންކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދެވަނަ ފުރުޞަތު ޕްރޮގްރާމް އޮފީސް މި އުފެއްދެވީ، ޙުކުމް ތަންފީޒުކުރަމުންދާ ކުށްވެރިން، އުފެއްދުންތެރި އަދި ބޭނުންތެރި ބައެއްގެ ގޮތުގައި މުޖުތަމަޢަށް ނެރުމަށް މަގުފަހިކޮށްދިނުމަށްޓަކައި، ސަރުކާރުން އެކުލަވާލާފައިވާ "ދެވަނަ ފުރުޞަތު" ޕްރޮގްރާމްގެ ކަންކަން ހިންގައި ބެލެހެއްޓުމަށް ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސަރުކާރުގެ އޮފީސްތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، ދެވަނަ ފުރުޞަތު ޕްރޮގްރާމް އޮފީހަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނެ ނަންބަރަކީ 429 ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.   
ދެވަނަ ފުރުޞަތު ޕްރޮގްރާމް އޮފީހުގެ މަސައްކަތްތަކުގެ ލިސްޓް މިދެންނެވުމާއެކު އެވަނީއެވެ.

ދެވަނަ ފުރުޞަތު ޕްރޮގްރާމް އޮފީހުގެ މަސައްކަތްތައް 
1.      "ދެވަނަ ފުރުޞަތު" ޕްރޮގްރާމުގެ ދަށުން، ފުރުޞަތުދެވޭ މީހުން، ނޭޝަނަލް ސަރވިސް ޕްރޮގްރާމްގައާއި، ސަރުކާރުން ހިންގާ މަސައްކަތް ދަސްކޮށްދޭ ޕްރޮގްރާމްތަކުގައި ބައިވެރިކުރުމުގެ ކަންތައްތައް، ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރިއަށް ގެންދިއުމާއި، ފުރުޞަތުދެވޭ ފަރާތްތައް     އެ ޕްރޮގްރާމްތަކުގައި ބައިވެރިވަމުން ދޭތޯ ބަލައި، ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކުރުން.
2.      "ދެވަނަ ފުރުޞަތު" ޕްރޮގްރާމުގެ ދަށުން، ފުރުޞަތުދެވޭ މީހުންގެ ހުނަރުތައް ވަޒަންކޮށް،      އެ ހުނަރުތައް ބޭނުންވާ ސަރުކާރުގެ މަޝްރޫޢުތަކުގައާއި، ސަރުކާރު ކުންފުނިތަކުގައި މަސައްކަތް ކުރުމުގެ އިންތިޒާމު ހަމަޖެއްސުމާއި، އަމިއްލަ ކުންފުނިތަކުގައި މަސައްކަތްކުރުމުގެ ފުރުޞަތު މިފަދަ މީހުންނަށް ހޯދާ ދިނުމަށް މަސައްކަތްކުރުމާއި، މި ތަންތަނުގައި އެ މީހުން މަސައްކަތްކުރަމުންދާގޮތް ބަލައި، ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކުރުން.
3.      "ދެވަނަ ފުރުޞަތު" ޕްރޮގްރާމުގެ ދަށުން، ފުރުޞަތުދެވޭ މީހުން މުޖުތަމަޢަށް އަހުލުވެރިކޮށްދިނުމަށާއި، ދިރިއުޅުމުގެ ހުނަރުތަކާއި، ދީނުގެ އަސާސްތައް ދަސްކޮށްދިނުމަށްޓަކައި ކަމާބެހޭ އިދާރާތަކާ ގުޅިގެން ޕްރޮގްރާމްތައް ހިންގުން.
4.      "ދެވަނަ ފުރުޞަތު" ޕްރޮގްރާމުގެ ދަށުން، ފުރުޞަތުދެވޭ މީހުންގެ ތެރެއިން، މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމުގެ ފަރުވާ ބޭނުންވާ މީހުންނަށް އެ ފަރުވާ ދިނުމުގެ ކަންތައްތައް ޑިޕާޓްމަންޓް އޮފް ޑްރަގް ޕްރިވެންޝަން އެންޑް ރީހެބިލިޓޭޝަން ސަރވިސަސް އާ ގުޅިގެން ކުރިއަށް ގެންދިއުން. މީގެ ތެރޭގައި، މިފަދަ މީހުންނަށް ބޭނުންވާ ފަރުވާ ދެނެގަތުމާއި، ފަރުވާ ދޭނެ ގޮތުގެ ތާވަލު އެކުލަވާލުމާއި، އެ ތާވަލާ އެއްގޮތަށް ފަރުވާ ހޯދަމުން ދޭތޯ ބަލައި، ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކުރުން ހިމެނެއެވެ.
5.      "ދެވަނަ ފުރުޞަތު" ޕްރޮގްރާމުގެ ދަށުން، ފުރުޞަތުދެވޭ މީހުންގެ ކަންކަން ކޮމިއުނިޓީ ލެވެލްގައި ބަލައި، އެމީހުންނަށް ލަފައާއި އިރުޝާދު ދިނުމަށްޓަކައި، "މެންޓޯރ"އެއް ނުވަތަ ލަފާދޭ މީހަކު ޢައްޔަންކުރުމާއި، މެންޓޯރއިންނަށް ބޭނުންވާ ތަމްރީނު ދިނުމާއި، "ދެވަނަ ފުރުޞަތު" ޕްރޮގްރާމްގެ ދަށުން ފުރުޞަތުދެވޭ މީހުންގެ އުޅުން ހުންނަ ގޮތް ބަލައި ރިޕޯޓްކުރާނެ އުޞޫލުތަކާއި ތާވަލުތައް ކަނޑައެޅުމާއި، އެ އުޞޫލުތަކާއި ތާވަލުތަކާ އެއްގޮތަށް މަޢުލޫމާތު ހޯދައި، އެ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، ފުރުޞަތު ދެވޭ މީހުންނަށް ޕްރޮގްރާމްތައް ރާވައި ހިންގުން.
6.      "ދެވަނަ ފުރުޞަތު" ޕްރޮގްރާމުގެ ދަށުން، ފުރުޞަތުދެވޭ މީހުން މުޖުތަމަޢަށް އަނބުރާ ގެނައުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ޕްރޮގްރާމްތައް ހިންގުން.
7.      "ދެވަނަ ފުރުޞަތު" ޕްރޮގްރާމުގެ ދަށުން، ފުރުޞަތުދެވޭ މީހުން، ސަރުކާރުން ކަނޑައަޅާ ޝަރުޠުތަކާ އެއްގޮތަށް، ސަރުކާރުން ކަނޑައަޅާ މުއްދަތުގައި ޢަމަލުކުރޭތޯ ބަލައި، ޝަރުޠުތަކާ އެއްގޮތަށް، އެ މުއްދަތު ފުރިހަމަކުރާ މީހުންނަށް މަޢާފުދިނުމުގެ ކަންތައްތައް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރިއަށް ގެންދިއުން. އަދި ޝަރުޠުތަކާ އެއްގޮތަށް އެ މުއްދަތުގެ ތެރޭގައި ޢަމަލުނުކުރާ މީހުން، "ދެވަނަ ފުރުޞަތު" ޕްރޮގްރާމުން ވަކިކޮށް، އެމީހަކަށް ތަންފީޒުކުރެވެމުން ދިޔަ ޙުކުމަށް އެމީހަކު ރުޖޫޢަކުރުމުގެ ކަންތައްތައް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރިއަށް ގެންދިއުން.