ރާއްޖޭގެ މަސްވެރިން، ސީޝެލްސަށް ގޮސް، އެތާނގެ ރައްޔިތުންނަށް ދޮށީގެ މަސްވެރިކަން ދަސްކޮށްދީ، އެ ހުނަރު ތަޢާރުފް ކޮށްދިނުމަށް ހަމަޖެހިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު ސީޝެލްސަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މާލެ ވަޑައިގެން، ޚަބަރުފަތުރާ ވަސީލަތްތަކާ މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބައްދަލުކުރައްވައި، މިދަތުރުފުޅާބެހޭ މަޢްލޫމާތު ދެއްވަމުންނެވެ.

ސީޝެލްސްގައި މަސްވެރިކަން ކުރަނީ، އެރަށުގެ ރައްޔިތުން ނޫން ކަމަށާއި، ސަރުކާރުގެ ބޭނުންފުޅަކީ އަދި އަމާޒަކީ، ރާއްޖޭގެ މަސްވެރިން ސީޝެލްސަށް ގޮސް، ސީޝެލްސް ރައްޔިތުންނަށް މަސްވެރިކަން ކުރަން ދަސްކޮށްދިނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިކަން މިގޮތަށް ކުރެވިއްޖެނަމަ، ސީޝެލްސް ސަރުކާރަށް ގެއްލުމެއްނެތި، އެ ލައިސަންސް ބޭރުގެ ފަރާތްތަކަށް ދޫކުރުން ހުއްޓާލުމަކީ ފަސޭހަ ކަމަކަށް ވެގެންދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މިކަމަށް ސީޝެލްސް ސަރުކާރުން އެއްބަސްވެވަޑައިގެންފައިވާ ކަމާއި، މި މަސައްކަތް އިރާދަކުރެއްވިއްޔާ، ދެތިންމަސް ދުވަހުގެ ތެރޭގައި ފަށައިގަނެވޭނެކަންވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިންޑިއާ ކަނޑުގެ ޖަޒީރާ ޤައުމުތަކުގެ މެދުގައި މިހާރަށްވުރެ ބޮޑަށް އިޤްތިޞާދީ، އިޖްތިމާޢީ އަދި ސިޔާސީ ގުޅުމެއް އުފެއްދެވުމަކީ ސަރުކާރުގެ ވަރަށްބޮޑު އަމާޒެއްކަންވެސް ބަޔާން ކުރެއްވިއެވެ.

ސީޝެލްސާއި ރާއްޖެއާ ދެމެދު މިދަތުރުފުޅުގައި މަޝްވަރާ ކުރެއްވި އެހެން ކަންތައްތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، ސީޝެލްސާއި ދިވެހިރާއްޖެއާއި އަދި އިންޑިޔާ ކަނޑުގެ އެހެން ޖަޒީރާ ޤައުމުތައް ހިމެނޭ ގޮތަށް ޝިޕިންގ ލައިނެއް އުފެއްދެވުމާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވި ކަމުގައި ވިދާޅުވިއެވެ. ސަރުކާރުގެ އަމާޒަކީ، ރާއްޖޭގައި މިއޮތް ޝިޕިންގ ލައިނާއި، ސީޝެލްސާއި، މޮރިޝަސްއާއި، ކޮމޯރޯސް އާއި ރީ ޔޫނިއަން ހިމެނޭ ގޮތަށް ބޮޑު އެއް ޝިޕިންގ ލައިން ޤާއިމް ކުރެވޭތޯ ބެއްލެވުންކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. މިކަމަށް ސީޝެލްސް ސަރުކާރުން ވަރަށްބޮޑު ތަރުޙީބެއް ދެއްވި ކަމަށާއި، މިކަމާ ގުޅޭގޮތުން މަޝްވަރާކޮށް، ކަންކަން ނިންމުމަށް، ރާއްޖޭގެ ފަރާތުން ބޭފުޅުންނާއި، ސީޝެލްސާއި މޮރިޝަސްގެ ބޭފުޅުން ހިމެނިވަޑައިގަންނަވާ ޓީމެއް އެކުލަވައިލައްވައިގެން ހުރިހާ ޤައުމުތައް ޙިއްޞާވާ ބޯޑެއް އުފެއްދެވުމަށް ނިންމަވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސީޝެލްސްއާއި ރާއްޖެ ގުޅިގެން ތަކެތި އިމްޕޯޓް ކުރީމާ، ރާއްޖެއިން އިމްޕޯޓް ކުރެވޭ ތަކެއްޗަށް، މާ ރަނގަޅު އަގެއް ލިބިގެންދާނެ ކަމަށް ދެކެވަޑައިގަންނަވާތީ، އެކަމާ ބެހޭގޮތުންވެސް މިދަތުރުފުޅުގައި މަޝްވަރާ ކުރެއްވި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ވަކިން ޚާއްޞަކޮށް، ތެލާއި، ކާނާގެ ބާވަތްތަކާއި އަދި ބޭހުގެ ބާވަތްތައް، މިއަށްވުރެ އަގުހެޔޮކޮށް ހޯދޭނެ މަގެއް، އިރާދަކުރެއްވިއްޔާ މިހާރު މިދަނީ ފެންނަމުން ކަމަށާއި، ސީޝެލްސް ސަރުކާރާއެކު މިކަމުގައި އެއްބަސްވެފައިވަނީ، ދެފަރާތް އެކުލެވޭ ޓީމެއް އުފައްދަވައިގެން މަސައްކަތް ކުރިއަށް ގެންދިޔުމަށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ސީޝެލްސްއަށް ކުރެއްވި ދަތުރުފުޅާބެހޭ މަޢްލޫމާތު، ނޫސްވެރިންނަށް ދެއްވަމުން، އެމަނިކުފާނު މިއަދު ވިދާޅުވީ، މިދަތުރުފުޅުގައި ކުރެއްވި އެންމެބޮޑު މައިގަނޑު މަސައްކަތްތަކަކީ، ކުޅިވަރު ޓީމުތަކަށް ތަރުޙީބު ދެއްވުން ކަމަށެވެ. އަދި އިރާދަކުރެއްވީތީ، ރާއްޖޭގެ ޓީމުތައް ވަރަށް ރަނގަޅު ކާމިޔާބީތަކެއް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ހޯދަމުންދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.