މިއަހަރު ޤައުމީ އިނާމަށް ހުށަހެޅި ފޯމްތައް ބައްލަވައި، އިނާމަށް މީހުން ހޮއްވެވުމަށް ކުރައްވަންޖެހޭ މަސައްކަތްތައް ޤައުމީ އިނާމާބެހޭ ކޮމިޓީއިން މިއަދު ފަށްޓަވައިފިއެވެ.

ޤައުމީ އިނާމަށް ނަން ހުށަހެޅުއްވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ފުރްޞަތު ހުޅުއްވާލެއްވީ، މިއަހަރުގެ ޖޫން މަހުގެ 1 ވަނަ ދުވަހުއެވެ. ޖުލައި މަހުގެ 31 ވަނަ ދުވަހު މުއްދަތު ހަމަވިއިރު، 102 ފޯމު ހުށަހަޅުއްވާފައިވާ ކަމަށާއި، މި ފޯމުތައް ހުށަހަޅާފައިވަނީ، އިނާމަށް ފުރްޞަތު ހުޅުވާލި 28 ދާއިރާގެ ތެރެއިން 22 ދާއިރާއަކަށް ކަމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ހާމަކުރައްވައެވެ.

ޤައުމީ އިނާމު ދެއްވާނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.