އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާކަމީ، ދިވެހިރާއްޖެއާއި ސީޝެލްސްއާ ދެޤައުމުގެ ދެމެދުގައިވާ ގުޅުން ބަދަހިކުރެއްވުމަށާއި، ސަރަޙައްދުގެ ޤައުމުތަކުގެ އެއްބާރުލުމަށް އެމަނިކުފާނު ދެއްވާ އަހަންމިއްޔަތުގެ ރަމްޒެއް ކަމުގައި ސީޝެލްސްގެ ރައީސް ޖޭމްސް މިޝޭލް ވިދާޅުވެއްޖެއެވެ. ރައީސް މިޝޭލް މިހެން ވިދާޅުވީ، 8 ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް މިޝޭލްގެ ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް ވަރަށް ހޫނު މަރްޙަބާއެއް ވިދާޅުވެ، އެމަނިކުފާނަށް ޝުކުރުއަދާކުރެއްވިއެވެ.

ދިވެހިރާއްޖެއާއި މި މުބާރާތުގައި ބައިވެރިވާ އެހެން ހުރިހާ ޤައުމުތައްވެސް ގުޅިފައިވަނީ، އެއް އުންމީދަކާ ކަމަށް ވިދާޅުވަމުން، ތަރައްޤީވަމުން މިއަންނަ އިންޑިއަން އޯޝަންގެ ޤައުމުތައް އެކުގައި މަސައްކަތް ކުރުމުގެ މުހިންމުކަން ރައީސް މިޝޭލް ފާހަގަކުރެއްވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މޫސުމަށް އަންނަމުންދާ ބަދަލުތަކާމެދު އަޅުގަނޑުމެން އަޑު އުފުލުމާއެކު، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން، އެޤައުމެއްގެ ތިމާވެށްޓަށް ކުރިމަތިވާ ނުރައްކާތަކުން ސަލާމަތްވުމަށް އެޅެންހުރި ފިޔަވަޅުތައް، ރައްޔިތުންގެ ރައްކާތެރިކަމަށް އެޤައުމަކުން އަޅައި، އެކަމަށް ޙައްލު ހޯދުމުގެ މަސައްކަތް ކުރަންޖެހޭ ކަމުގައިވެސް ރައީސް މިޝޭލް ވިދާޅުވިއެވެ.

8 ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިދަތުރުފުޅުގައި ބައިވެރިކުރެއްވި ވަފްދުގެ ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.