ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ސީޝެލްސްގެ ރައީސް މިސްޓަރ ޖޭމްސް މިޝޭލްއާ ބައްދަލުކުރައްވައިފިއެވެ. ސީޝެލްސްގެ ރައީސްގެ ރަސްމީ ގެކޮޅު، ސްޓޭޓް ހައުސްގައި އޮތް މިބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ސީޝެލްސްއާ ދެޤައުމުގެ ދެމެދުގައިވާ ގާތް ގުޅުމާ ބެހޭގޮތުންނާއި، މިގުޅުން އެކި ދާއިރާތަކުގައި އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ރާއްޖޭގެ އިޤްތިޞާދީ ޙާލަތު މިހާރު އޮތްގޮތާއި، ރާއްޖޭގެ އިޤްތިޞާދު އިތުރަށް ހަރުދަނާ ކުރެއްވުމަށް ސަރުކާރުން މިހާރު ކުރައްވަމުން ގެންދަވާ މަސައްޕުޅުތަކުގެ މަޢްލޫމާތު، މިބައްދަލުކުރެއްވުމުގައި ސީޝެލްސްގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. އަދި ރާއްޖޭގެ އިޤްތިޞާދު އިޞްލާޙު ކުރެއްވުމުގެ ޕްރޮގްރާމްގެ ދަށުން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅުއްވާފައިވާ ޓެކްސްގެ ބިލްތަކާއި އަދި އެހެން ބިލްތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ.

ސީޝެލްސްގެ ރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގެ އިޤްތިޞާދު ރަނގަޅު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް މަރްޙަބާ ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމަށްފަހު، ދިވެހިރާއްޖެއާއި ސީޝެލްސްއާ ދެޤައުމުގެ ދެމެދުގައި ދެއެއްބަސްވުމެއްގައި ސޮއިކުރެއްވުން އޮތެވެ. މި ދެއެއްބަސްވުމަކީ، މަސްވެރިކަމާބެހޭ ދާއިރާއިން ގުޅުން ބަދަހިކުރެއްވުމާބެހޭ އެއްބަސްވުމަކާއި، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާބެހޭ ކަންކަމުގައި އެއްބާރުލުން ދިނުމާ ގުޅޭ އެއްބަސްވުމެކެވެ. މި ދެއެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ، ރާއްޖޭގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަޙްމަދު ނަސީމެވެ. ސީޝެލްސްގެ ފަރާތުން ސޮއިކުރެއްވީ، ސީޝެލްގެ މިނިސްޓަރ ފޮރ ފޮރިން އެފެއާޒް ޖީން ޕޯލް އެޑަމްއެވެ.