ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ވަޙީދު، ސްރީލަންކާގެ ޑެޕިއުޓީ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް، ނިއޮމާލް ޕެރޭރާއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު އޮތް މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ އިޤްތިޞާދާއި، ސިޔާސީ މަސްރަޙާބެހޭ މަޢުލޫމާތު، ނައިބު ރައީސް، ސްރީލަންކާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރާ ޙިއްޞާ ކުރެއްވިއެވެ. މީގެއިތުރުން، ރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެއްވެން ހުރި ދާއިރާތަކުގެ މައްޗަށް ނައިބު ރައީސް ބައްލަވާލައްވައި، ޚާއްޞަ ގޮތެއްގައި މަސްވެރިކަމާއި، އެކުއަރކަލްޗަރގެ ދާއިރާއިން ދެޤައުމުގެ ދެމެދުގައި އެއްބާރުލުން އިތުރުކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ދެޤައުމުގެ ދެމެދުގައި ކުރެވޭ އެކިއެކި މުޢާމަލާތްތައް ހަރުދަނާ ގޮތުގައި ދަމަހައްޓަވަން ބޭނުންފުޅުވާ ކަމުގައިވެސް ވިދާޅުވިއެވެ.