ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އ.ދ.ން އިރާނަށް ކަނޑައެޅުއްވި، އިންސާނީ ޙައްޤުތަކާބެހޭ ޚާއްޞަ ރެޕަޓުއަރ ޑޮކްޓަރ އަޙްމަދު ޝަހީދާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު އޮތް މިބައްދަލުކުރެއްވުމުގައި، މެދުއިރުމަތީގެ އިންސާނީ ޙައްޤުތަކާ ގުޅޭ މައްސަލަތައް ޙައްލުކުރުމަށްޓަކައި ދިވެހިރާއްޖޭގެ ފަރާތުން ކުރެވިދާނެ މަސައްކަތްތަކުގެ މައްޗަށް ދެބޭފުޅުން ބައްލަވާލެއްވިއެވެ. އަދި މިއަހަރު އައްޑޫ ސިޓީގައި ބާއްވަވާ ސާކް ސަމިޓްގައި، މިސަރަޙައްދުގެ ޤައުމުތަކުގައި އިންސާނީ ޙައްޤުތަކާބެހޭ ހަރުދަނާ ސިޔާސަތެއް ޤާއިމްކުރެއްވުމާ ގުޅޭ ގޮތުން ވާހަކަދެއްކެވުމުގެ މުހިންމު ކަމުގެ މައްޗަށްވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

އ.ދ.ން އިރާނަށް ކަނޑައެޅުއްވި، އިންސާނީ ޙައްޤުތަކާބެހޭ ޚާއްޞަ ރެޕަޓުއަރގެ މަގާމަށް ޑޮކްޓަރ އަޙްމަދު ޝަހީދު ހޮވިވަޑައިގެންފައިވާތީ، އެމަނިކުފާނު މިހާރު ހުންނެވި ރައީސުލްޖުމްހޫރިއްޔާގެ ފޮރިން ޕޮލިސީ އެޑްވައިޒަރުގެ މަގާމުން މިއަދު ވަނީ ވަކިކުރައްވާފައެވެ. ޑޮކްޓަރ އަޙްމަދު ޝަހީދު އެމަގާމުން ވަކިކުރައްވައި އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ ފޮރިން ޕޮލިސީ އެޑްވައިޒަރުގެ މަގާމުގައި ހުންނަވައިގެން ކޮށްދެއްވާފައިވާ ޚިދްމަތްތަކަށް ޝުކުރު އަދާކުރައްވާފައިވެއެވެ.