ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އިންޑިޔާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް، މިސްޓަރ އެސް. އެމް. ކްރިޝްނާއާ ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ދެމެދުގައިވާ ގާތް ރަޙްމަތްތެރި ގުޅުން، ޕަބްލިކް ޕްރައިވެޓް ޕާރޓްނަރޝިޕް (ޕީ.ޕީ.ޕީ)ގެ ދަށުން އިތުރަށް ބަދަހިކުރެއްވުމާބެހޭގޮތުންނާއި، މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށްޓަކައި އެކުލަވާލެވިފައިވާ އެކިއެކި މަޝްރޫޢުތަކާއި، މޫސުމަށް އަންނަ ބަދަލުތަކުން އަސަރު ނުކުރާނެފަދަ ހަރުދަނާ އިޤްތިޞާދެއް އުފެއްދުމުގެ މުހިންމުކަމާބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. މީގެއިތުރުން، ރާއްޖޭގައި ކުރިއަށްދާ ތިމާވެށްޓާ ރައްޓެހި ގޮތުގައި ހަކަތަ އުފެއްދުމުގެ މަޝްރޫޢާބެހޭ މަޢްލޫމާތު، އިންޑިޔާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

މިއަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާކް ސަމިޓާ ބެހޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެއްވިއެވެ. މިގޮތުން، ރާއްޖޭގައި ބާއްވާ ސާކް ސަމިޓްގައި، ތިމާވެށި ހިމާޔަތްކުރުމާއި، ތަރައްޤީގެ މަސައްކަތްތަކުގައި މަދުން ކާބަން ބޭނުންކުރާނެ ގޮތްތަކާގުޅޭ ހަރުދަނާ އެއްބަސްވުމެއް އެކުލަވާލުމުގެ ބޭނުންތެރިކަމާބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ. އަދި މިކަމުގެ ޢަމަލީ މަސައްކަތް ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންގޮސްދެއްވުމަށް އިންޑިޔާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރުގެ އަރިހުން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ރާއްޖެއަކީ، ޑިމޮކްރެޓިކް ވެރިކަމެއް ޤާއިމު ކުރެވިފައިވާ އިސްލާމީ ޤައުމަކަށްވުމާއެކު، މި ވެރިކަން ތަރައްޤީ ކުރުމަށްޓަކައި ކުރެވެންހުރި ކަންތައްތަކާ ބެހޭގޮތުންވެސް ރައީސުލްޖުމްހުރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ.

އިންޑިޔާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމަށް އައިސްފައިވާ ހެޔޮ ބަދަލު ފާހަގަކުރެއްވިއެވެ. ޚާއްޞަ ގޮތެއްގައި އ.ދ.ގެ މަޖިލީހުގައި ރާއްޖެއިން އަދާކުރާ މުހިންމު ދައުރުގެ މައްޗަށް ބައްލަވާލައްވަމުން، ރާއްޖެއަކީ ކުޑަ ޤައުމެއް ކަމުގައިވިޔަސް، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ނުފޫޒު، ބޮޑު ކަމުގައި އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ކްރިޝްނާ ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަކީ، މޫސުމަށް އަންނަ ބަދަލުތަކާބެހޭގޮތުން، އަޑު އުފުއްލެވުމުގައި، ދުނިޔޭގެ އެންމެ ކުރީސަފުގައި ހުންނެވި އެއް ލީޑަރު ކަމުގައިވެސް މިނިސްޓަރ ކްރިޝްނާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމަށްފަހު، ރާއްޖޭގައި މި އަހަރު ބާއްވާ ސާކް ސަމިޓަށް އިންޑިޔާ ސަރުކާރުން ދެއްވާ 5 މިލިއަން ޑޮލަރު ފައިސާގެ އެހީގެ ޗެކް، އިންޑިޔާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ، ރާއްޖޭގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަޙްމަދު ނަސީމާ ހަވާލުކުރެއްވިއެވެ. އަދި ރާއްޖޭގައި އެޅުމަށް ހަމަޖެހިފައިވާ އިންޑިޔާގެ ހައިކޮމިޝަންގެ އޮފީސް ޢިމާރާތް ކުރުމަށް މާލެއިން ދޫކުރާ ބިން އިންޑިޔާ ސަރުކާރާ ހަވާލުކުރެއްވުންވެސް އޮތެވެ. މީގެއިތުރުން، އިންޑިޔާގެ ޔުނިވަރސަލް އެމްޕަޔަރ އިންފްރާސްޓްރަކްޗަރ ކުންފުނިން ރާއްޖޭގައި ޢިމާރާތްކުރާ މަލްޓި ޑިސިޕްލިނަރީ ޔުނިވަރސިޓީއާއި، ވެލްނެސް ސެންޓަރާއި މެޑިކަލް ރިޒޯޓުގެ އެއްބަސްވުމުގެ ލިޔެކިޔުންތައްވެސް ހަވާލުކުރެއްވިއެވެ.