بســم اللّـه الرّحمـن الرّحيــم

މާލޭސިޓީގެ މޭޔަރ އަލްފާޟިލް މައިޒާން ޢަލިމަނިކު، ރާއްޖޭގެ ނައިބު ރައީސް، ވަޒީރުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، މާލޭސިޓީ ކައުންސިލްގެ ޢިއްޒަތްތެރި މެންބަރުން، އަދިވެސް ވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން.

السّـلام عليـكم

ލާމަރްކަޒީ އުޞޫލުން ރާއްޖޭގެ ރަށްތައް ހިންގުމުގެ ބޭނުންތެރިކަމާ ގުޅޭގޮތުން މި ސަރުކާރުންނާއި އަދި ޚާއްޞަކޮށް، އަޅުގަނޑު ނިސްބަތްވާ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަލްސަފާއެއްކަމުން، އަޅުގަނޑުމެން ވަކާލާތު ކުރަމުން އަންނަތާ ދުވަސްތަކެއްވެއްޖެ. މާލެ ހިންގުމުގައި، މާލޭގެ ރައްޔިތުންގެ ބަހެއް މިހާރަށްވުރެ، ކުރީގައި އެކަން އޮތްވަރަށްވުރެ ބޮޑުކޮށް ބައިވެރިކޮށްގެން، އެ ރައްޔިތުންނަށްޓަކައި، އެ ރައްޔިތުން ބޭނުންވާ ގޮތަކަށް، އެމީހުންގެ ކަންކަން ފުރިހަމަކޮށްދިނުމަށްޓަކައި، މާލޭގެ ކަންކަން ހިންގާނެ ނިޒާމެއް ހޯދުމަށްޓަކައި އަޅުގަނޑުމެން ވަކާލާތުކޮށް އަދި ބައެއްފަހަރަށް އަޑު އުފުލައި، މުޒާހަރާކޮށް، ބަޙުޘް ކުރަމުން އަންނަތާ ދުވަސްތަކެއްވީ ފަހުން، އަޅުގަނޑުމެންނަށް ލިބުނީ މިހާރު އަޅުގަނޑުމެން ޢަމަލު ކުރަމުން މިގެންދާ ޤާނޫނުއަސާސީ.

އެ ޤާނޫނުއަސާސީ ޖާގަ ދިނީ، ލާމަރްކަޒީ އުޞޫލުން ރާއްޖޭގެ ރަށްތަކާއި އަތޮޅުތައް ހިންގަން. އަދި ވަކިން ޚާއްޞަކޮށް، މާލޭ ސިޓީއާއި އަދި އެހެންވެސް ސިޓީތައް ލާމަރްކަޒީ އުޞޫލުން ހިންގުމަށްޓަކައި. އެއަށްފަހު، އެ އުޞޫލުން ހިންގުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު އެކުލަވައިލެވި، އަޅުގަނޑުމެންނަށް ސިޓީ ކައުންސިލެއް އިންތިޚާބު ކުރެވިފައި މިވަނީ މިދިޔަ އަހަރުގެ ފަހުކޮޅު. އެ ސިޓީ ކައުންސިލްގެ އިންތިޚާބަށްފަހުގައި، އަވަސްވެގަނެވުނީ، އެކައުންސިލާއި މާލޭގެ އެންމެހާ ކަންކަން ޤާނޫނުގައިވާ ގޮތުގެ މަތިން ޙަވާލުކުރުމުގެ އިންތިޒާމްތައް ކުރިއަށް ގެންދަން.

މާލެއަކީ ހަމަކަށަވަރުންވެސް ދިވެހި ސަރުކާރުގެ ތިންބައިކުޅަ އެއްބަޔަށްވުރެ ބޮޑު މަސައްކަތް ހިނގަނީ މިރަށަށް. މާލޭގައި ދިރިއުޅެނީ ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއްބަޔަށްވުރެ ގިނަ ބައިވަރު މީހުން. މާލޭގައި ދިރިއުޅޭ އާބާދީގެ ޢަދަދަކީ ހަމަ ރަނގަޅު އެއްލައްކަ ފަންސާސް ހާސް މީހުންކަން އަޅުގަނޑުމެން އެންމެންނަށްވެސް ސާފު. މާލޭގެ ރަޖިސްޓްރީގައިވާ މީހުންނާއި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނާއި އަދި މާލޭގައި ދިރިއުޅޭ ބިދޭސީންނާއެކުގައި، މާލޭގައި މިހާރު ދިރިއުޅެމުން އަންނަ މީހުންގެ ޢަދަދު ވަރަށްވެސް ގިނަ. މާލޭ ސިޓީ ކައުންސިލްގެ ވާޖިބަކީ، މި އެންމެހާ މީހުންނަށް، މިރަށުގައި ވީ އެންމެ ރަނގަޅަކަށް އުޅެވޭނެ ގޮތެއް ހޯދައިދިނުން. އެމީހުންގެ ދިރިއުޅުމުގެ ބައިވެރިއަކަށް ސިޓީ ކައުންސިލްވުން. އެކަމަށްޓަކައި ލާމަރްކަޒީ އުޞޫލުން ހިންގުމުގެ އޮނިގަނޑު އެކުލަވާލެވިފައި މިވަނީ. އެއާ އެއްގޮތަށް އަޅުގަނޑުމެންނަށް މަސައްކަތް ކުރެވުނީމާ، އިރާދަކުރެއްވިއްޔާ، މާލޭގެ ކަންކަން މި ސިޓީ ކައުންސިލަށް ފުރިހަމައަށް ބަލަހައްޓަމުން ގެންދެވޭނެ. އަދި ހަމަ އެކަންކަން ބަލަހައްޓަމުން ގެންދާއިރުގައި، އެކަންކަމަކީ މާލޭގެ ރައްޔިތުންގެ ލަފައާއި، އެމީހުންގެ މަޝްވަރާއާއި، އެމީހުން އެދޭ ގޮތަށް ހިނގާ ކަންކަން ކަމަށްވުމީ، ކޮންމެހެން ބޭނުންކަމެއް.

މާލޭގެ މަސައްކަތްތައް ނުހަނު ގިނަ. މާލެ ތޮއްޖެހިފައި އޮތް މިންވަރު އަޅުގަނޑުމެން އެންމެންނަށް ސާފު. މާލޭގައި މީހުން އުޅޭ ޢަދަދުވެސް އަޅުގަނޑުމެންނަށް އެނގޭ. އެހެން ނަމަވެސް، މިހުރިހާ މައްސަލަތަކެއް މާލޭގައި ހުރި ނަމަވެސް، މާލޭ ރައްޔިތުންނަށް އަދި މާލޭގައި ދިރިއުޅޭ މިއޮއްހާ މީހުންނަށް ހަމަ މިވަރު ތަނެއް ޙަޤީޤަތުގައި ނެތް. އަޅުގަނޑުމެންނަކަށް މިނޫން ތަނެއް ކަމަކުވެސްނުދޭ. މި ނޫން ތަނެއްގައި އުޅޭކަށްވެސް ބޭނުމެއްނުވޭ. މިނޫން ތަނެއް އެއީ، އަޅުގަނޑުމެންގެ ރަށް ކަމަށް ދެކިގެން އުޅެންވެސް ދަތި. މާލޭގެ ވަރަށްގިނަ ރައްޔިތުންގެ ބޭނުމަކީ، ހަމަ ރާއްޖޭގެ އެހެން ރަށްރަށެކޭވެސް އެއްފަދައިން، މިރަށުގައިވެސް ރަށު އޮފީހެއްގެ މަސައްކަތްތައް ބަރާބަރަށް ހިނގުުން.

އެ މަސައްކަތުގެ ތެރޭގައި މިހާރު އަޅުގަނޑުމެންނަށް ފާހަގަކުރެވޭ ކިތަންމެ ކަމެއް އެބަހުރި. ވަކިން ޚާއްޞަކޮށް، ޢާންމު ޞިއްޙަތުގެ ކަންކަން. ރާއްޖޭގައި ހުރިހާ ރަށެއްގައި ހެލްތް ސެންޓަރުންނަށް، ފެމިލީ ހެލްތް ވަރކަރުންނާއި ކޮމިއުނިޓީ ހެލްތް ވަރކަރުން ތިބޭ. އެ ހެލްތް ވަރކަރުން، އެރަށްރަށުގެ ޢާންމު ޞިއްޙަތާ ގުޅޭ ކަންކަން ބެލެހެއްޓުމަށް އެމީހުންނަށް ލާޒިމްވެފައި އޮވޭ. މާލޭ ހެލްތް ސެންޓަރު، ދުވަސްކޮޅެއް ވަންދެން ހިނގި. އެހެން ނަމަވެސް، މާލޭގައި ހެލްތް ވަރކަރުންނާއި، ފެމިލީ ހެލްތް ވަރކަރުންނާއި އަދި ކޮމިއުނިޓީ ހެލްތް ވަރކަރުން ތިބެގެން، މާލޭގެ ޢާންމު ޞިއްޙަތުގެ ކަންކަން، ރާއްޖޭގެ އެހެން ރަށްރަށުގައި ވަރަށް ކާމިޔާބާ އެކީގައޭ އަޅުގަނޑު ދަންނަވާނީ. ކުރިއަށް ގެންދެވިފައި އޮތް މިންވަރާ ގާތަށްވެސް މާލޭގައި ގެންދެވިފައިނުވާކަމުން، މުޅި ރާއްޖޭގެ ޢާންމު ޞިއްޙަތުގެ ކަންކަން އަޅުގަނޑުމެންނަށް ރަނގަޅަށް އަޅުގަނޑު ދަންނަވާނީ، ސަކާ ހިސާބަކަށް ގެނެވިފައި ނެތީއޭ. މާލޭގެ ޢާންމު ޞިއްޙަތުގެ ކަންކަން، މާލޭގެ ޕަބްލިކް ހެލްތްގެ މަސައްކަތަކީ، ވަރަށް މުހިންމު މަސައްކަތެއް. އަޅުގަނޑަށް ފެންނަ ފެނުމުގައި، މާލޭގެ ސިޓީ ކައުންސިލް އަވަދިނެތި އުޅެންޖެހޭ ވަރަށްބޮޑު އެއް މަސައްކަތް.

މާލޭގެ ސާފުތާހިރުކަމާއި، މާލޭގެ ބަލިމަޑުކަމާއި، ރޯގާތައް ފެތުރެމުންދާ މިންވަރާއި އަދި އެކިބާވަތް ބާވަތުގެ ސޫތްޕާއި ކުނި، މާލޭގައި އުފެދޭ ދަރަޖައާއި، އެތަކެތި ނައްތާލުމާއި، މާލެ ބެލެހެއްޓުން އެއީ، ކުޑަ ކަމެއް ނޫން. އެހެން ނަމަވެސް، އަޅުގަނޑުވެސް ޢަލިމަނިކުވެސް ވަރަށް ރަނގަޅަށް ދަންނަން. އަދި އަޅުގަނޑުމެންގެ ސިޓީ ކައުންސިލްގެ ހުރިހާ ކައުންސިލަރުންވެސް އަޅުގަނޑަށް ވަރަށް ރަނގަޅަށް އެނގޭ. އެބޭފުޅުންނަކީ ޙަޤީޤަތުގައި ރަށްވެރިކަމަށް ރާއްޖޭގައި އަލަށް އަޅުގަނޑުމެންނަށް ތަޢާރުފް ކުރެވުނު ޤާނޫނުއަސާސީންނާއި، ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމްގެ ތެރެއިން އުފެދުނު ވަރަށް ހަރުދަނާ، ވަރަށް ވަރުގަދަ، ވަރަށް ވާދަވެރި، ވަރަށް ކެރޭ ކައުންސިލަރުން. ކޮންމެ ބޭފުޅަކީވެސް ވަރަށް ވާދަވެރި އިންތިޚާބެއްގައި ބައިވެރިވެވަޑައިގަންނަވައިގެން، އެ އިންތިޚާބު ކާމިޔާބު ކުރައްވައިގެން، ގޮނޑި ފުރުއްވަމުން ގެންދަވާ ބޭފުޅެއް، ކައުންސިލަރެއް. އެބޭފުޅުންނަށް މި މާލެއާ ގުޅޭގޮތުން ނުވިކަމެއް، ދެން އެހެން ސަރުދާރަކަށް، އެހެން މީހަކަށް ވަކިވާނެ ކަމަކަށް އަޅުގަނޑެއް ހަމަގައިމުވެސް ނުދެކެން. އަޅުގަނޑަށް ޔަޤީން، އެބޭފުޅުންނަށް މިކަންކަން ކުރިއަށް ގެންދެވޭނެކަން.

އަޅުގަނޑުމެންނަށް މާލޭ ސިޓީ ކައުންސިލަށް ބަދަލުކުރާންހުރި މަސައްކަތްތައް ނުހަނު ގިނަކަން ވަރަށް ބޮޑަށް ސާފު. ޚާއްޞަ ގޮތެއްގައި، މާލޭގެ ބިން، މާލޭ ސިޓީ ކައުންސިލާ ޙަވާލުކުރެވި، އެ ބިން މާލޭގެ ލޭންޑް ޔޫސް ޕްލޭނާ، ބިން ބޭނުންކުރުމުގެ ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން ބޭނުންކުރަމުން ގެންދިޔުން. އަދި އެ ބިމުން އެކިއެކި ވިޔަފާރިއާއި، ބިމުގެ އެކިއެކި މުޢާމަލާތްތައް ހިންގައި، މާލޭ ރައްޔިތުންނަށް ތަނަވަސް ދިރިއުޅުމެއް ހޯދައިދިނުމަށް މަސައްކަތް ކުރުމަކީވެސް، ސިޓީ ކައުންސިލުން ކޮންމެހެން ކުރާން ޖެހިފައި އޮތް ކަމެއް.
މާލޭގެ ބިމަކީ އަގުބޮޑު ބިމެއް. މާލޭގެ ބިމުގެ އަގު، މާލޭގެ އެންމެހާ ރައްޔިތުންނަށް، އޭގެ ފައިދާ ކުރާނެ ގޮތަކަށް، މާލޭގެ ބިން ބޭނުންކުރެވޭނެ. މި ބިމުގެ ބޮޑު ރައުސްމާލު ބޭނުންކޮށްގެން، މާލޭގެ ރައްޔިތުންނަށް މިއަށްވުރެ މާ ރަނގަޅު ދިރިއުޅުމެއް ހޯދައިދެވޭނެކަމީ، އިޤްތިޞާދީ ކުޑަކުޑަ ޢިލްމަކާ އެކީގައިވެސް އަޅުގަނޑުމެންނަށް މިއަދު ސާފުވެފައި ހުރި ކަންތައްތައް.

އަޅުގަނޑަށް ކަށަވަރު، މާލޭ ސިޓީ ކައުންސިލަށް، ދެން އާ ވިސްނުންތަކާއެކީގައި، މާލޭ ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަށް މަސައްކަތްތައް ކުރިއަށް ގެންދެވޭނެކަން. މާލެއަކީ، ހަމައެކަނި މާލޭ ރަޖިސްޓްރީ ރައްޔިތުންގެ ރަށެއް ނޫން. މާލެއަކީ، އެންމެންގެ ރަށެއް. މާލެއަކީ، މި ދިވެހިރާއްޖޭގެ ވެރިކަން ކުރާ ރަށް. މިރަށަކީ މި ރާއްޖޭގެ ހުރިހާ ރަށަކަށްވެސް އޮތް ރަށް. މިރަށުގެ ކަންކަން ހަމަޖެހިގެންދާންވާނީ އަދި އަޅުގަނޑަށް ކަށަވަރު، އަޅުގަނޑަކީވެސް މާލޭ މީހެއް. މާލޭ މީހުން ބޭނުންވާނީވެސް އެގޮތް. މާލޭ މީހުން އެދޭނީވެސް މާލޭގައި ރާއްޖޭގެ ހުރިހާ އެންމެންނަށްވެސް، އެމީހުން ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަކޮށްގެން، އެންމެންނަށް އެކީގައި އުޅެވޭނެ ގޮތެއް ހޯދަން.

މާލޭގެ މިންވަރަކީ ހަމައެކަނި މި ފުރަ މާލެ ކަމަށް މިއަދު ދެކެވޭކަށެއް ނެތް. އަޅުގަނޑަށް ޔަޤީން، މީގެ ދުވަސްކޮޅެއް ކުރީގައި މާލެއަކީ ބޮޑުފާރުން އެތެރެ ކަމަށް އެކަނި ދެކެވިފައި އޮތް ދުވަހެއްވެސް ގޮސް ނިމިފައި އޮވެދާނެ، ވާނެ. ހަމަ އެހެންމެ، މާލޭގެ މިނަކީ، އަޅުގަނޑަށް ފެންނަ ފެނުމުގައި، އަދި އަޅުގަނޑުމެންގެ ތެރެއިން އެތައް ބަޔަކަށް މިހާރު ވަރަށް ބޮޑަށް ސާފުވަމުން އަންނަ ގޮތުގައި، ކުޑަކަރިން ފެށިގެން އައިސް ގިރާވަރު އުތުރުކަނޑާ ހަމައަށް. އެއީ، އަޅުގަނޑުމެންނަށް ބޮޑު މާލޭގެ ގޮތުގައި ވިސްނައިގެން ނޫނިއްޔާ، މާލޭގެ މައްސަލަތައް އަޅުގަނޑުމެންނަށް ޙައްލު ކުރަން ދަތިވާނެ. ކުޑަކަރިން ފެށުނީމާ އެއީ، ހުޅުމާލޭ ފަޅުން ފެށުނީ. އެހިސާބުން އައިސް އަޅުގަނޑުމެންނަށް ތިލަފުށީ ކޮޅަށް ނުވަތަ ގިރާވަރު އުތުރު ކަނޑަށް އަޅުގަނޑު ހަނދާންވާ ގޮތުގައި އެހިސާބުން އަޅުގަނޑުމެންނަށް މާލޭގެ ބިމާއި އަދި މާލޭގެ ދިރިއުޅުމުގެ ޖާގަ ފުޅާކުރެވެން އެބައޮތް. މާލޭގެ ތަނަވަސްކަން ބޭނުންކޮށްގެން، މާލޭގެ މިބިމުގެ މުއްސަނދިކަން ބޭނުންކޮށްގެން، މިދެންނެވި މަގަށް ރާއްޖެ ބަދަލުކޮށްލުމަކީ، އަޅުގަނޑަށް ފެންނަ ފެނުމުގައި މިހާރު އަޅުގަނޑުމެންނަށް ފަސޭހައިން ކުރެވެން އޮތް ކަމެއް.

ވެށިފަހި މާލެ ޕްރޮގްރާމުންނާއި އަދި އަޅުގަނޑުމެންނަށް މިހާތަނަށް މާލެއާ ގުޅޭގޮތުން ހިންގިފައި ހުރި މަސައްކަތްތަކުން ވަރަށް ބޮޑަށް ސާފުވަނީ، މާލޭގެ ބިމުގައި އަގު އެބަހުރި ކަމަށް. އެ ރަންވޭގެ ގޮތުގައި ބޭނުންކޮށްގެން، މާލެ ތަރައްޤީ ކުރުމަކީ ވަރަށް ފަސޭހައިން އަދި އެހާމެ އެހާ ބޮޑު އުނދަގުލަކާ ނުލައި ކުރެވެން އޮތް ކަމެއްގެ ގޮތުގައި. އެއްވެސް މަސައްކަތެއް، އެއްވެސް ސިޓީއެއް އަދި ސަރުކާރެއްވެސް، ރަށެއްވެސް ނުހިންގޭނެ، ފައިސާ ނުހޯދައެއް. ފައިސާ އަބަދުވެސް ލިބެން އޮންނާނީ، އެންމެފަހުން އައިސް އެންމެ ތަނަކުން. އެއީ ރައްޔިތުންގެ އަތުން. އެނޫން ބައެއްގެ އަތުގައި ފައިސާއެއް ނުހުންނާނެ. ހުރިހާ ފައިސާއަކީވެސް އަޅުގަނޑުމެންގެ މުޅި ޚަޒާނާއަކީވެސް ރައްޔިތުންގެ އެއްޗެއް. ރައްޔިތުން ދިނީމާ، ރައްޔިތުން ދިން މިންވަރަކަށް ބޭނުންކޮށްގެން، އެމީހުންގެ ކަންތައްތައް ފުރިހަމަކުރުން މީގައި އޮތް ގޮތަކީ. ކުރާންހުރި ކަންކަން ރައްޔިތުންނަށް ސާފުކޮށްދިނީމާ، އެއަށްދާ ޚަރަދު ރައްޔިތުންނަށް އަންގައިދެވުނީމާ، ޓެކްސްގެ ގޮތުގައިވެސް އަދި އެނޫން ގޮތްގޮތުންވެސް ރައްޔިތުން އެފައިސާ ސަރުކާރަށް ލިބޭނެ ގޮތެއް އޮތް ކަމަކަށް އަޅުގަނޑުގެ ބުއްދިއަކަށް ނުވިސްނޭ.

އަޅުގަނޑުވެސް މިރާއްޖޭގެ ރައްޔިތުން ދަންނަން. އެ ރައްޔިތުންނަކީ ސަރުކާރާ އެކީގައި މަސައްކަތް ކުރަން ތައްޔާރަށް ތިބި ބައެއްކަން އަޅުގަނޑަށް ވަރަށް ސާފުކޮށް އެނގޭ. އަޅުގަނޑަށް ވަރަށް ބޮޑަށް ޔަޤީން، އަޅުގަނޑަށް އުންމީދުވެސް ކުރެވޭ، އަދި އަޅުގަނޑަށް ހަމަކަށަވަރު ކުރެވޭ، އެ އުންމީދު ޙަޤީޤަތަކަށްވާނެކަން. މާލޭ ސިޓީ ކައުންސިލް، މާލޭގެ ކަންކަން، މާލޭގެ ރައްޔިތުން އެދޭގޮތަށް ކޮށްދެމުން ގެންދާނީ، ރާއްޖޭގެ އެހެން ހުރިހާ ރަށަކަށްވެސް މިސާލެއްގެ ގޮތުގައި ދައްކަމުން. އަދ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް އޭގެ ފައިދާ ކުރާނެ ގޮތަކަށްކަން.


އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والســّلام عليــكم.