بســم اللّـه الرّحمـن الرّحيــم

ވެށިފަހި މާލެ ޕްރޮގްރާމްގެ ޑައިރެކްޓަރ އާދަމް މަނިކު، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ދައުލަތުގެ ވަޒީރުން، އަދި ވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން.

السّـلام عليـكم

އަޅުގަނޑުމެންނަށް މިއަދު ދެވުނީ، އެނގިވަޑައިގަންނަވާނެ، ވެށިފެހި މާލެ ޕްރޮގްރާމްގެ A ކެޓަގަރީގެ ގޯތި ލިބިވަޑައިގަންނަވާ ބޭފުޅުންގެ ތެރެއިން 10 ބޭފުޅުންގެ ރަޖިސްޓްރީ ނުވަތަ 10 ބޭފުޅުންގެ ގޯތީގެ ޔަޤީންކަން، އެ ގޯތި ލިބިފައިވާކަން. A ކެޓަގަރީއަށް ހުށަހަޅާފައި މިވަނީ، މާލޭގައި ބިންކޮޅެއް އޮވެމެ، އެހެން ނަމަވެސް، އެ ބިންކޮޅު ކުޑަކަމުން މާލޭގައި ދިރިއުޅެވެން، އެމީހަކަށް ދިރިއުޅެވެން ނެތް މީހުންނަށް، ބޯހިޔާވަހިކަމެއް ނުވަތަ ދިރިއުޅެވޭނެ ގޮތެއް ހޯދައިދިނުމުގެ މަސައްކަތެއް، A ކެޓަގަރީއަކީ. އޭގައި ދެކަމެއް އަޅުގަނޑުމެން އެބަކުރަން. ފުރަތަމަ ކަމަކަށް، މިސާލަކަށް، މާފުށީގެއިން ތަންކޮޅެއް ހުސްވީ. ހުސްވީމާ، މަރިޔަމްއަށް ވަރަށް ރަނގަޅު. މަރިޔަމްއަށް އެބަ ލިބޭ ހުޅުމާލެއިން ބިމެއް. ނުވަތަ ކަޅޯއްގެއިން ތަންކޮޅެއް ހުސްވީ. ނުވަތަ އާސަރީގެއިން ތަންކޮޅެއް ހުސްވީ ނުވަތަ ކޮލަމްބިޔާއިން ތަންކޮޅެއް ހުސްވީ. އަޅުގަނޑަށް އެންމެފަހުން ކޮލަމްބިޔާއަށް ވަންއިރުވެސް، އެތަނުން ތަންކޮޅެއް ހުސްވެއްޖިއްޔާ ވާނެގޮތް ހަމަ ޔަޤީނުންވެސް އަޅުގަނޑަށް އެނގޭ. މި ހުސްވާ ތަންކޮޅުގައި، ސަރުކާރުން ގަސްތު ކުރަނީ، ދެން އަދި އަނެއްކާ ހަމަ އިތުރަށް އެ ބިން ބޭނުންކުރާކަށެއް ނޫން. ގަހެއް ޖަހަން ނުވަތަ ޕާކިންގއަށް އެތަންކޮޅު ހުސްކުރަން ނުވަތަ އެއްޗެހި އަޅަން ހުސްކުރަން. ނުވަތަ ރާޒުވާ ކުޅެން، ތާސްކުޅެން، ޑާޓް ކުޅެން ހުސްކުރަން ނުވަތަ ބާސްކެޓް ރިންގެއް އަޅުވަން. ނުވަތަ ކުނި ވަށިގަނޑެއް ބަހައްޓަން.

މި ޕްރޮގްރާމްގެ، A ކެޓަގަރީގެ ޕްރޮގްރާމްގެ ބޭނުމަކީ، މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަމެއް ހޯދައިދެމުން އަދި ހަމަ މާލެއިން ބިން ހުސްކުރަމުން ގެންދިޔުން. އަޅުގަނޑުމެން މިމަސައްކަތް، މި ފިކުރު ގެނައިއިރުގައި، މިކަމާ ހަމައެހެން އަޅުގަނޑުމެން ގެންނަ ފިކުރުތަކެކޭވެސް އެއްފަދައިން، އެއްބަސްވި މީހުން ވަރަށް މަދު. މިއީ ވާނެ ކަމެއް ކަމަށް ވަރަށްމަދު ބަޔަކު ދެކެނީ. ކާކުތޯއޭ، މާލެއިން މިހެން ހަދާފައި، އެހެން ހަދާފައި، އެހެން ހަދަން އެއްބަސްވާނީ. އެހެންނަމަވެސް، އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ، ވަރަށް ގިނައިން އަޅުގަނޑުމެންނަށްވާގޮތަކީ، އަޅުގަނޑުމެންގެ ނާޅިން އަޅުގަނޑުމެން އެހެން މީހުން މިނަނީ. އޭނާގެ ޙާލަށް އަޅުގަނޑުމެން ވިސްނާންވީ. އޭނާ މިހާރު ދިރިއުޅެމުން އެ އުޅޭ ގޮތް، ދިރިއުޅެމުން އެދާގޮތް. އޭނާއަށް ޖެހިފައިވާ ދަތުރު، ބުރަކަން. ކޮންމެ ގޮތެއް ހަދާފައިވެސް ރީތިކޮށް ދިރިއުޅެވޭނެ ގޮތެއް. އެއީ، ޢާއިލާ ބޮޑުވަމުން އަންނަނީ. ދެމަފިރިންނަށް އެއްކޮޓަރީގައި ހުރިހާ ކުދިންނާ އެއްކަކު އަބަދަކު ނޫޅެވޭނެ. ދިމާވާ އެތައްއެތައް އިޖްތިމާޢީ މައްސަލަތަކެއް މީގެތެރެއިން އެބަ ނުކުމޭ. އެހެންވީމާ، މާލޭގެ ރައްޔިތުންނަށް ގޮތެއް ހޯދުމަކީ ކޮންމެހެން ބޭނުންތެރިކަމެއް. މި ޤައުމެއް ދެމިއެއް ނޯންނާނެ، މިކަން އަޅުގަނޑުމެން ޙައްލުނުކޮށެއް. ސަރުކާރުން މިކަމަށް ވަރަށްބޮޑު އިސްކަމެއް ދެން އެބަ. އަޅުގަނޑަށް މިހާރު ވަރަށްބޮޑު ޔަޤީން ކަމެއް އެބަލިބޭ، އަޅުގަނޑުމެންނަށް މިކަން ކުރެވޭނެ ކަމަށް.

އަޅުގަނޑަށް އެންމެބޮޑު ޔަޤީން ކަމެއް ލިބެނީ، އަޅުގަނޑުމެންނަށް މިހާރު އެބަ އެނގޭ، ބޮސްކާލިސް އިން ވަރަށް ބާރަށް ކުރާ ކަމެއްކަން އެއީ، ބިން ހިއްކުން. އަދި ޓެކްސް ނެގީމާ ފައިސާ ލިބޭކަން. އެހެންވީމާ، ހުރިހާ އެންމެންނަށްވެސް ބޯހިޔާވަހިކަމެއް ފޯރުކޮށްދެވިދާނެކަން. މިއީކީ އެއްވެސް ހާލެއްގައި ރޮކެޓް ސައިންސެއް ނޫން. ވަރަށް އާދައިގެ ވިސްނުމެއް. އިރާދަކުރެއްވިއްޔާ، މި ވިސްނުމުގައި އަޅުގަނޑުމެންނަށް ބާރަށް ކުރިއަށް ދެވޭނެ. އަޅުގަނޑަށް ފެންނަ ފެނުމުގައި، އަބަދުވެސް ކާމިޔާބުވާނީ އާދައިގެ ވިސްނުން. މާ މޮޅު އެއްޗެއް ހަދަން އަޅުގަނޑުމެން އުޅެފިއްޔާ، ދެން ދިމާވެފައި ހުރި ގޮތްވެސް، އެތައް ބައެއްގެ ފަރާތުން އަޅުގަނޑަށް ހުރީ ތަޖްރިބާވެފައި. މޮޅު ކަމެއް ކުރަން އުޅެގެން ގޮސް އެންމެފަހުން ދެއުޅިއެއްނުވާވަރާއި، ފެން ނުހިފެހެއްޓޭ މިންވަރު.
އަޅުގަނޑުމެންނަށް މިދަންނަވާހެން، މި A ކެޓަގަރީއަށް ހުށަހެޅިފައި އޮތީ މިފަހަރު އެއްހާސް އެއްސަތޭކަ އަށްޑިހަ ފަހެކޭ އަޅުގަނޑު ހަނދާންވަނީ. ދެން އޭގެތެރެއިން ބައެއް ބޭފުޅުންނަށް އޮޅިގެން ނަމަވެސް، މާލޭގައި ބިންކޮޅެއް ނެތިވެސް، މި A ކެޓަގަރީ ފޯމް ހުށަހަޅާފައި. އަޅުގަނޑުމެންނެއް އެ ފޯމްތަކެއް ބާޠިލެއް ނުކުރާނަން. މި ޕްރޮގްރާމަށް ބާޠިލެއް ނުވާނެ. ހަމަ ހައްތަހާވެސް އެއް ކެޓަގަރީން އަނެއް ކެޓަގަރީއަށް ބަދަލުވާނީ. ދެން ގޯތި ލިބޭނެ ދުވަސް ބަދަލުވާނީ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ އަމާޒަކީ، ހުރިހާ އެންމެންނަށްވެސް ގޮތެއް ހޯދައިދިނުން. އަޅުގަނޑުމެންނަށް ޔަޤީން، އެކަން އަޅުގަނޑުމެންނަށް ކުރެވިދާނެކަން. މިރާއްޖޭގައި ވާންއޮތް ކަމެއްކަން. ރާއްޖޭގެ ހިސާބުތައް، ރާއްޖޭގެ އިޤްތިޞާދު، ރާއްޖޭގެ މާލިއްޔަތު، މި ކަންކަން މިހުރީ އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް ފެންނަން. ގަދައަޅައި ހިތްވަރާ އެކީގައި މަސައްކަތް ކޮށްފިނަމަ އަދި އޭގެތެރެއަށް ސިޔާސީ ވިސްނުން، އަޅުގަނޑުގެ އަމިއްލަ ފައިދާއަށް ނުބަލައި، އަޅުގަނޑުމެން މަސައްކަތް ކޮށްފިނަމަ، އަޅުގަނޑަށް ހަމަ ޔަޤީން، ވަރަށް ރިވެތިކޮށް މިކަން ގެންގޮސް އަޅުގަނޑުމެންނަށް ނިންމޭނެ.

މިދެންނެވި އެއްހާސް އެއްސަތޭކަ އަށްޑިހަ ފަސް ބޭފުޅުންގެ ތެރެއިން މާލޭގައި ޙަޤީޤަތުގައި ކިތަންމެ ކުޑަ ނަމަވެސް ބިންކޮޅެއް އޮތް ކަމަށް ބެލެވޭ، އެބަ ފާހަގަވޭ، ހަތްސަތޭކަ ސާޅީސް ފަރާތެއް. އެ ހަތްސަތޭކަ ސާޅީސް ފަރާތުގެ ތެރެއިން ހަތަރުސަތޭކަ ކޮންމެވެސް ވަރަކަށް ފަރާތުން މި އެދެނީ ހުޅުމާލޭ ބިންކޮޅަކަށް. އަޅުގަނޑުމެން މި ޕްރޮގްރާމަށް އެންމެ ފުރަތަމަ ނެގީ ދުއިސައްތަ ފަންސާސް ގޯއްޗަށް. ބިންކޮޅެއްގެ ގޮތުގައި ދޭން ދުއިސައްތަ ފަންސާސް. ދެން އެކަމަކު ފޯމްތައް ލިބުނުއިރު، ހަތަރުސަތޭކަ ހަތްދިހަ އެބައޮތް. އެހެންވީމާ، އަޅުގަނޑު މި ހިތަށްއަރަނީ، އަޅުގަނޑުމެންނަށް މިކަން ކުރެވިދާނެއޭ. އަދި އަނެއް ބާކީތިބި ބޭފުޅުންނަށްވެސް އަޅުގަނޑުމެންނަށް ބިންކޮޅެއް ދެވިދާނެއޭ. އެހެންވީމާ، އެގޮތަށް އަޅުގަނޑު މަސައްކަތް ކުރަމުން މިދަނީ.

ދެން މި ބިމެއް ނޫން އެކަނި ތިޔަބޭފުޅުންނަށް ލިބޭނީކީ. އެއާ އެކީގައި އެޗް.ޑީ.އެފް.ސީ އިން ހައުސިންގ ލޯނެއް ލިބޭނެ. ދެން ސަރުކާރުން އުންމީދު ކުރަނީ، އެ ހައުސިންގ ލޯނަށް ޓްރިވެންޑްރަމަށް ނުވަތަ ބެންކޮކަށް ވަޑައިނުގަތުމަށް. ހަމަ ސީދާ އެއިން ގެ އެޅުމަށް. އެހެންވީމާ، އެކަން ކުރުމަށްޓަކައި އަޅުގަނޑުމެން ވަރަށް ބޮޑަށް ބަލަހައްޓާނަން. މި ހައުސިންގ ލޯނުން އެޅޭނެ ގެ އެޅެންޖެހޭނީ ވަކިގޮތަކަށް. އަޅުގަނޑުމެން އެދޭނީ، ސަރުކާރުން ދައްކާ ޕްލޭންތަކެއްގެ ތެރޭގައި، މި ގެތައް ހުރުމަށް. އެ ގެތައް އެޅުމަށް. އެހެންވީމާ، އެލޯނު ލިބިލައްވާ ފަރާތްތަކުން ބެލުންތެރިކަމާއި އަދި އަމާނާތްތެރިކަމާއެކީގައި އެއީ، އެތައް ބައެއްގެ ހަދިޔާއެއް. އަދި އެތައް ބަޔަކުވެގެން ތިޔަބޭފުޅުންނަށްދޭ އެއްޗެއް. އެއްވެސް ހާލެއްގައި ހަމައެކަނި އަޅުގަނޑުދޭ އެއްޗެއްނޫން. މުޅި ރާއްޖޭގެ ރައްޔިތުން ތިޔަބޭފުޅުންނަށްދޭ އެއްޗެއް. އެހެންވީމާ، އެ ޒިންމާދާރުކަމާއެކީގައި މިކަން އަޅުގަނޑުމެން ކުރަން ޖެހޭނެ.
މިސާލަކަށް، ހަމަ އަދި އެއާއެކީގައި އަޅުގަނޑުމެން ހުރިހާ ޙަޤީޤަތެއް ޤަބޫލުކުރާނީ. އެއްކަމަކީ، ގޭގައި މީހަކަށް ތަންކޮޅެއް ކުއްޔަށްދީގެނޭ ދިރިމިއުޅެވެނީ. އެމީހާ އަތުން ލިބޭ އާމްދަނީ ބޭނުމޭ. އެހެން ހުރި މީހެއް ވެއްޖިއްޔާ، ހުޅުމާލެއަށް ބަދަލުވާއިރު، ލޮޖަރާއި އެމީހާއާ އެކީ ބަދަލުވާނީ. އެތަންކޮޅު އޮންނާނެ. އެމީހާއަށް އެތަންކޮޅު ކުއްޔަށް ދެވޭނެ. އެހެންވީމާ، އަޅުގަނޑުމެންނެއް ކޮންމެހެންނެއް މި ނުފެންނަ ޙަޤީޤަތްތަކެއް ނުވަތަ ޙަޤީޤަތްތައް އެއީ ނެތް އެއްޗެއް ކަމަކަށް ހަދައިގެން މި މަސައްކަތް ކުރާކަށެއް ނޫޅޭނަން. ބައެއްގެ ކަންތައްތައް އެއިރެއްގައި ހުރި ގޮތަކަށް، ވީ އެންމެ ރަނގަޅަކަށް އަޅުގަނޑުމެން ބަދަލުކޮށްދެވޭތޯ ބަލާނީ.

ހުޅުމާލޭގައި މިދެވޭ ބިންކޮޅުގެ އިތުރުން، މާލޭގައި އެބަ އެޅޭ، ފައްސަތޭކަ ފްލެޓް. މިހާރު އޭގެ އެއްތަނުގެ ކޮންކްރީޓް މަސައްކަތް މިދަނީ ކުރިއަށް. ދެން އަސްލަމް އަޅުގަނޑަށް ވަރަށްބޮޑު ޔަޤީން ކަމެއް އެބަދޭ، ޖުލައި މަސް ނިމުމުގެ ކުރީގައި، އަނެއް ތިން ތަނުގެ މަސައްކަތްވެސް ފެށޭނެ ކަމަށް. ދެން އަޅުގަނޑުމެންނަށް ހަމަ ވަރަށް ބޮޑަށް ޔަޤީން، ހުރިހާ މި ފައްސަތޭކަ ފްލެޓްވެސް އެޅޭނެ ކަމަށް. ދެން ބޭފުޅުން ވިދާޅުވި އެކަމަކު ޙަޤީޤަތުގައި ތަނެއް އަޅަން ނަގަނީ، އެންމެ ގިނަވެގެން އަހަރު ދުވަސް. ދެން އެއްފަހަރާ އަޅަން ފެށީމާ، ހުރިހާ ތަނެއްވެސް އެއްއަހަރު ދުވަހުން ނިމޭނެ. ދެން އަޅުގަނޑު ހަމަ މި ދެކެނީ، އަޅުގަނޑުމެންނަށް މިކަމުގައި ހުރަހެއް ނެތް ކަމަށް. އަޅުގަނޑު އެދެނީ، ތިޔަބޭފުޅުން އަޅުގަނޑުމެންނާއެކީގައި، މިކަމުގައި މަސައްކަތް ކޮށްދެއްވުމަށް. އަދި އަޅުގަނޑުމެންނަށް މިދަންނަވާހެން، ދެން އާދަމް މަނިކުވެސް އެބުނުއްވިހެން، ވަރަށްގިނަ ކަންކަމަކީ އެކަނި ނުކުމެ ފަށައިގަންނަންޖެހޭ ކަންކަން. ދެން ފަށައިގަންނައިރުގައި، އަޅުގަނޑަށް އަބަދުވެސް ހިތްވަރުދޭން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އަދި ސަރުކާރުގެ ބައެއް ބޭފުޅުން ތިއްބަވާ. ތިއީ ވާނެ ކަމެކޭ، ތިކަން ތިހެން ކުރެވިދާނެ ކަމަށް ވިދާޅުވެ، އެބޭފުޅުން އަޅުގަނޑަށް އަބަދުވެސް ހިތްވަރު ދެއްވާ. ސަރުކާރުގައިވެސް އުޅުއްވާ.

ހަމައެއާއެކީގައި އަޅުގަނޑު އެދޭނެ، ރާއްޖޭގެ އެހެން ހުރިހާ ރައްޔިތުންވެސް އަޅުގަނޑުމެންނަށް މިކަންކަން ކުރުމަށް ހިތްވަރު ދެއްވުމަށް. އެނގިވަޑައިގަންނަވާނެ، ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއްގައި ހިންގާ އަނެއް ކުށް ދެއްކުމަށް އަދި ނުވާނެ ކަމަށް ވިދާޅުވުމަށް ކިތަންމެ ބަޔަކު މަސައްކަތް ކުރާނެ. އަދި ކުރާންވެސް ޖެހޭނެ. އެހެންވީމާ، އަޅުގަނޑުމެންނަށް ރަނގަޅު ޑިމޮކްރަސީއެއް ބިނާކުރެވޭނީ. އެހެން ނަމަވެސް، އެމަސައްކަތްތަކުގެ ތެރޭގައި، ޤާނޫނުތައް ގަޑުބަޑުކުރުމާއި އަދި މިމަސައްކަތް ނުވާނެ ކަހަލަ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ކަންކަން ކުރެއްވުން އެއީ އަޅުގަނޑުމެން ވަރަށް ދެރަވާނެ ކަމެއް. އަޅުގަނޑު އުންމީދު ކުރަން، ރާއްޖޭގެ ރައްޔިތުން އަދި މާލޭގެ ރައްޔިތުން ޚާއްޞަކޮށް، އަޅުގަނޑުމެންނަށް މިކަން ކުރުމުގައި، އެބޭފުޅުންގެ މަޖިލީހުގެ މެންބަރުންނަށް ހިތްވަރު ދެއްވާނެ ކަމަށް. އަދި ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް.

އެނގިވަޑައިގަންނަވާނެ، ބޯހިޔާވަހިކަމުގެ ޕްރޮގްރާމް އެބަ ހިނގާ، ރާއްޖޭގެ ހުރިހާ ތަނެއްގައި. އަދި ކުރިއަށް މިއޮތް ދެތިން ހަތަރު މަހެއްގެ ތެރޭގައި، މިކަން އަޅުގަނޑުމެން ކުރިއަށްވުރެ މާ ބާރަށް ގެންދާނީ. ގެ އަޅަން ހުރި ތަންތަނުގެ ކޮންޓްރެކްޓްތައް މިހާރު މިވަނީ ނިމިފައި. ކުޅުދުއްފުށީގަޔާއި، އައްޑުއަތޮޅު ހިތަދޫގަޔާއި އަދި ތިނަދޫގަޔާއި، މިތަންތަނުގައި އެޅޭ ގެތައް، ގިނަ ޢަދަދަކަށް އަޅަން ފެށޭނެ، އިރާދަކުރެއްވިއްޔާ، ދާދި އަވަހަށް. މިމަސައްކަތްތައް އަޅުގަނޑުމެންނަށް ކުރިއަށް ގެންދެވޭނެ. އަދި އަޅުގަނޑު މި އުންމީދު ކުރަނީ، އަޅުގަނޑުމެންގެ މި ދައުރުގެ ތެރޭގައި، މިމަސައްކަތްތައް ނިންމާލެވޭނެ ކަމަށް. އަޅުގަނޑުމެން ދުށީ ރާއްޖޭގައިވަނީ ސާޅީސްހާސް ގޭބީސީއޭ. މާލޭގައި ސޯޅަހާހެއްހާ ގޭބީސީއޭ. އެއީ، މިތަނުގައި ދިރިއުޅޭ މީހުންގެ ޢަދަދަށް، މި ރާއްޖޭގައި ދިރިއުޅޭ މީހުންގެ ޢަދަދަށް ބަލާއިރު، މާ މަދު ޢަދަދެއް.

އެހެންވީމާ، ގިނަ ގެ އުފައްދަން ޖެހޭނެ. އަދި އަޅުގަނޑުމެން ދެކެނީ. ތަރައްޤީގެ އެންމެބޮޑު އިންޖީނަކީ ގެ ކަމަށް. ޤައުމެއް ތަރައްޤީވެ ދިޔުމަށް ބޭނުންވަނީ ގެއެއް ރަނގަޅު. އެ ގެއެއްގައި ރަނގަޅު ޢާއިލާއެއް އުޅުން. ރަނގަޅު މަންމައަކާއި ބައްޕައަކާއި، ރަނގަޅު ދަރިންތަކެއް ތިބުން. އަދި މައިންބަފައިންނާ އަޅާލާ، ދޮށީ މީހުންނާވެސް އަޅާލާ، ދެރަވެ އެކިކަންކަމުގައި ގެއްލުން ލިބޭ ފަރާތްތަކަށް ހަމްދަރުދީވެ، ތިމަންނާ މިއީ ހަމައެކަނި މީހާއެއް ނޫނޭ އަދި އެހެން މީހުންވެސް މިދުނިޔޭގައި އުޅޭކަން ގަބޫލުކޮށް، ދެނެގަނެ އަދި ތަރައްޤީގެ މަސައްކަތާއި، ކުރިއެރުމުގެ މަސައްކަތުގައި އަދި އުފާފާގަތިކަމާއި، މަޖާ ކުރުމުގައި އުޅޭ ޢާއިލާއެއް، އުޅޭ ގެއެއް އެއީ، ތަރައްޤީގެ އެންމެބޮޑު ވަސީލަތަކީ.

އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނީ، މިދެންނެވި ގެ ބާރަށް ކުރިއަށް ގެންދިޔުމަށް. ދެން މި A ފޯމްގެ ކަންތައް އަޅުގަނޑުމެންނަށް ވަކި ހިސާބަކަށް ގެންދެވުނީމާ، އިރާދަކުރެއްވިއްޔާ B ފޯމްތަކައިގެން އަޅުގަނޑުމެން ފަށައިގަންނާނަން. އަދި އެއަށްފަހު C ފޯމްތަކައިގެން ފަށައިގަންނާނަން. މީގައި އަޅުގަނޑުމެންނަށް އެންމެބޮޑު ބުރައެއް، އުނދަގުލެއް، ދައްޗެއް ދިމާވާނީ C ފޯމްތަކުގައި. އެއީ ވަރަށްގިނަ ޢަދަދެއްގެ C ފޯމް އެބަވޭ. އެގާރަހާސް C ފޯމް. އެހެން ނަމަވެސް، އެ C ފޯމްތައްވެސް އަޅުގަނޑުމެން ބަލައި، އޭގެ ޢަދަދަކީ ކޮބައިތޯ އަދި އެފަރާތްތަކަށް ގޮތެއް ހޯދައިދިނުމަށް އަޅުގަނޑުމެންނަށް ވީ މިންވަރަކުން މަސައްކަތް ކުރާނަން.
ބިން އޮތީ ހަމައެކަނި މާލޭގަޔާއި ހުޅުމާލެއަކު ނޫން. އަދި ވިލިނގިލިވެސް ބޮޑުކުރެވެން އެބައޮތް. ގުޅީފަޅު އިރާދަކުރެއްވިއްޔާ މިއަންނަ މަހު ތެރޭގައި ބޮޑުވެގެން އަންނާނެ. އަދި އަޅުގަނޑުމެން އެތަންތަނުގައި، އެއްރަށާއި އަނެއް ރަށާ ދެމެދުގައި ގުޅާލެވޭނެ ގޮތްތައް، ފަސޭހައިން ދަތުރުފަތުރު ކުރެވޭނެ އިންތިޒާމްތައްވެސް ހަމަޖެހޭނެ. މިހާރު މިދަނީ އެކަންކަމަށް ބޭނުންވާ ފީޒިބިލިޓީތަކާއި އެސެސްމަންޓްތައް ހެދެމުން. އެހެންވީމާ، އަޅުގަނޑަށް ވަކިން ތަފްޞީލް އެއްޗެއް ދަންނަވަން ނުކެރިގެން ނުވަތަ ނުދަންނަވަން އަޅުގަނޑު މިއުޅެނީ. އެހެން ނަމަވެސް، އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަނީ، އަޅުގަނޑުމެން މިމަސައްކަތުގައި ފަހަތަކަށް ނުޖެހޭނަމޭ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް ވީ މިންވަރަކުން މަސައްކަތްކޮށް، އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ވަޢުދުވެފައިވާ ފަދައިން، ތިޔަބޭފުޅުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނަމޭ. އަޅުގަނޑަކީ ފްލެޓް ދޮންބެއޭ.

والحمد للّـه. ވަރަށް ބޮޑަށް ޝުކުރިއްޔާ!