މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯއްދަވައި ދެއްވުމަށް ހިންގަވަމުން ގެންދަވާ ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ހުޅުމާލެއިން ގޯތި ލިބޭނެކަމުގެ ލިޔުން 10 ފަރާތަކާ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ހަވާލުކުރައްވައިފިއެވެ. މި ލިޔުންތައް އެފަރާތްތަކާ ހަވާލުކުރެއްވީ، ވެށިފަހި މާލޭ ޕްރޮގްރާމުގެ އޮފީސް ހުޅުއްވައިދެއްވުމަށް މިއަދު މެންދުރުފަހު ބޭއްވެވި ރަސްމިއްޔާތުގައެވެ. ގޯތި ލިބޭނެކަމުގެ ލިޔުން ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވި 10 ފަރާތަކީ، ވެށިފަހިމާލެ ޕްރޮގްރާމުގެ ދަށުން، މާލޭގައި ހުރި އަމިއްލަ ކުދި ބިން، ބަދަލު ލިބޭގޮތަށް ސަރުކާރަށް ދޫކޮށްލަން އެއްބަސްވެފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ބައެއް ފަރާތްތަކެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ފުރަތަމަ ފިޔަވަހީގައި ބޯހިޔާވަހިކަމަށް އެދިފައިވާ ހުރިހާ ފަރާތްތަކަށްވެސް ކޮންމެވެސް ގޮތެއް ސަރުކާރުން ހޯއްދަވައި ދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ސަރުކާރުގެ އަމާޒަކީ، ހުރިހާ އެންމެންނަށްވެސް ގޮތެއް ހޯއްދަވައިދެއްވުން ކަމަށާއި، އެއީ ކުރެއްވިދާނެ ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ބޯހިޔާވަހިކަން ހޯއްދަވައިދެއްވުމަށް ސަރުކާރުން އަޅުއްވާ ފްލެޓުތައް އެއްފަހަރާ އަޅަން ފެށުމުން، އެ ފްލެޓުތަކުގެ މަސައްކަތް އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމަވާލެއްވޭނެކަންވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.