بســم اللّـه الرّحمـن الرّحيــم

މިނިސްޓަރ އޮފް އެޑިޔުކޭޝަން އޮނަރަބްލް ޞިފާ މުޙަންމަދު، ކުޑަފަރީ ސްކޫލްގެ ޕްރިންސިޕަލް، ޤައުމީ އިދާރާގެ ސްޓޭޓް މިނިސްޓަރ އަދި އެމިނިސްޓަރުގެ ނައިބު، އަތޮޅު ކައުންސިލަރ، ރަށު ކައުންސިލަރ، ތަޢްލީމީ ދާއިރާގެ ހިންގުންތެރި ވެރިން، ކުޑަފަރީ ސްކޫލްގެ ޓީޗަރުންނާއި، އެންމެހާ ހިންގުންތެރިން. އަދި ވަކިން ޚާއްޞަކޮށް، ކުޑަފަރީ ސްކޫލްގެ ދަރިވަރުންނާއި، ކުޑަފަރީގެ އެންމެހާ ބެލެނިވެރިން.

السّـلام عليـكم

އަޅުގަނޑަށް ކުޑަފަރިއަށް އާދެވޭ އެނގިވަޑައިގަންނަވާނެ މިއީ، ފުރަތަމަފަހަރެއް ނޫން. އެހެންނަމަވެސް، މިދަތުރު އަޅުގަނޑު ކުޑަފަރިއަށް މި ކުރީ، ކުޑަފަރީގެ ޒާތުގެ އަދި މިބާވަތުގެ ރާއްޖޭގެ ވަރަށްގިނަ ރަށްރަށުގެ މަދްރަސާތަކަށް ދިމާވެފައިވާ ޙާލަތާ ގުޅޭގޮތުން ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކުގެ މެދުގައި މަޝްވަރާތަކެއްކޮށް، އާ ވިސްނުންތަކެއް ނެރެމުން އަންނަ ދުވަސްވަރެއްގައި. ކުޑަފަރީއަކީ އަބަދުވެސް އެރަށުގެ ރައްޔިތުން، ތަޢްލީމަށާއި ތަހުޒީބަށް އަދި ބަދަލަށާއި ކުރިއެރުމަށް، ނުހަނު ބޮޑުކޮށް ބޭނުންވާ ބައެއްކަން އެއީ، މި ރާއްޖޭގެ ތާރީޚު ވަރަށް ފުރިހަމައަށް ދައްކާފައި އޮތް ޙަޤީޤަތެއް. އަޅުގަނޑުމެންނަށް ކުޑަފަރިން އުފެދުނު ކިތަންމެ ކަމެއް، ކުޑަފަރިން ނުކުތް ކިތަންމެ ޚިޔާލެއް، ކިތަންމެ އުޞޫލެއް، ކިތަންމެ ގޮތެއް، މުޅި މި ރާއްޖެއަށް ފެތުރިގޮސްފައިވާތަން ފެނިފައި އޮތީކީއެއް އެއްފަހަރަކު ދެފަހަރަކު ނޫން.

އަޅުގަނޑު ރޭގައިވެސް ކުޑަކޮށް ފާހަގަކުރިން، އަޅުގަނޑަށް ފެންނަ ފެނުމުގައި، މިހާރު އަޅުގަނޑުމެން ޢަމަލު ކުރަމުންމިދާ ޤާނޫނުއަސާސީއަށް ނިމުމެއް ގެނެސް، އެ ޤާނޫނުއަސާސީ ތަންފީޛު ކުރުމުގެ މަރުކާ، ސިއްކަ، އޭގައި ޖެހުމަށްޓަކައި އެއީ ކޮން ދުވަހެއްގައި، ކޮންއިރެއްގައި ކުރެވެން އޮތް، ކުރާން އޮތް ކަމެއްތޯ ކަނޑައެޅުމަށް ރައްޔިތުންގެ ބާރު އެމަސައްކަތުގެ ތެރެއަށް ފާއްދާލީ، ފޫއަޅުވާލީ އަޅުގަނޑަށް މިހާރުވެސް އަދި އޭރުގައިވެސް ފެންނަ ފެނުމުގައި، ކުޑަފަރިން ނުކުތް ޚިޔާލުތައް.

އަޅުގަނޑު މިއަދު ކުޑަފަރިއަށް އައިސް މިހުރީ، އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވެ ރައްޔިތުންނަށް ވަޢުދުތަކެއްވިން. އަޅުގަނޑުމެން އަބަދުވެސް ފާހަގަކުރަމުން އައިން، ވެރިކަމުގައި އަޅުގަނޑުމެން މިތިބެނީ، އޭގެ ޝަހެންޝާހާއި، އަރާމާއި، ލައްޒަތާއި، ޢިއްޒަތަކަށް ނޫނޭ. އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑުމެންގެ ބޭނުމަކީ، އަބަދުވެސް ރައްޔިތުންނަށް ޚިދްމަތް ކޮށްދިނުމޭ. އަޅުގަނޑުމެން ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދައިދިނުމޭ. އަޅުގަނޑުމެންގެ ރައްޔިތުން އެއް ޙާލަތުން އަނެއް ޙާލަތަށް ބަދަލުވެ، ތަނަވަސްވެ، އަޅުގަނޑުމެންގެ ދިރިއުޅުން ކުރިއަރައި ދިޔުމޭ. އެމަގަށް ކަންކަން ގެންދިޔުމަށްޓަކައި ސަރުކާރުންވަނީ ތަރައްޤީގެ އާ އޮނިގަނޑެއް އެކުލަވާލާފައި. އެއީ، ޤައުމީގެ ތަރައްޤީގެ އޮނިގަނޑު 2009 ން 2013 އަށް ޢަމަލުކުރާނެ މައިގަނޑު ކަންކަން ހިމެނިފައި އޮތް، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މެނިފެސްޓޯ ހިންގުމުގެ އޮނިގަނޑު. މިއޮނިގަނޑުގައި އަޅުގަނޑުމެން ފާހަގަކޮށްފައިވާނެ، އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި، ރާއްޖޭގައި ކިޔަވާ ކުދިންގެ ނުވަތަ މަދްރަސާ ނިމޭ ކުދިންގެ މަދުވެގެން 60 ޕަސެންޓް ކުދިންނަކީ، 5 މާއްދާއިން އޯ ލެވެލް އިމްތިޙާނުގައި C ފާހަށްވުރެ މަތިން ފާސްވާންޖެހޭނެ ކުދިންނޭ. އެނޫން ގޮތަކަށް ރާއްޖޭގެ ކަންކަން ގޮސްފިނަމަ، ރާއްޖެ ކާމިޔާބުނުވާނެކަން އެއީ، އިންސާނީ ތަޖްރިބާ ވަރަށް ރަނގަޅަށް ދައްކާފައިވާ ޙަޤީޤަތެއް.

ކުޑަފަރީގައި މިދިޔަ އަހަރު އޯ ލެވެލް އިމްތިޙާން ހެދީ 21 ކުދިން. އޭގެތެރެއިން 5 މާއްދާއިން ފާސްވެފައިމިވަނީ ގާތްގަނޑަކަށް ދިހަވަރަކަށް ކުދިން. އަނެއް ހުރިހާ ކުދިން ދެން ދާނެ ތަނެއް، އެކުދިންނަށް ދެންވާނެ ގޮތެއް އެއީ، އަބަދުވެސް އަޅުގަނޑުމެން އެންމެންގެ ވިސްނުމަކަށް، އަޅުގަނޑުމެން އެންމެންގެ އަޅާލުމަކަށްވާންޖެހޭނެ. އެކުދިންނަށް ދެން ވާނީ ކިހިނެއްތޯ އަޅުގަނޑުމެން ދެނެގަންނާންޖެހޭނެ. މިއަދާ ހަމައަށް އައިއިރުގައި، އެކުދިންނަށް ވަމުން އައި ގޮތް އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް ފެންނަމުން އެބަދޭ. ރާއްޖޭގައި މިހާރު އޯ ލެވެލް އިމްތިޙާން ހަދައިގެން، ކޮންމެ އަހަރަކު ދިހަހާސް ކުދިން އެބަ ނުކުމޭ. އޭގެތެރެއިން، އެ އިމްތިޙާނުން ފާސްވެގެން، މަތީ ތަޢްލީމަކަށް ދެވެނީ ވަރަށްމަދު ކުދިންކޮޅަކަށް. އަދި އޭގެތެރެއިން ވަޒީފާގެ ފުރްޞަތެއް މި ލިބެނީވެސް ހަމަ ވަރަށްމަދު ކުދިންކޮޅަކަށް. ދެން ދިމާވަނީ ވަރަށްދެރަ ގޮތެއް. 10 ނިންމީމާ، އަދި 10 އިން ފާސްނުވީމާ، 10 އެއްގެ ހުނަރެއްވެސް ނެތް. އޮފީހެއްގައި ނުވަތަ މެނެޖީރިއަލް މެދުފަންތީގެ މަސައްކަތެއްގައި ޙަރަކާތްތެރިވާނެ ހުނަރެއްވެސް ނުލިބުނު. އަދި ދެން ދިމާވާ އަނެއް ކަމަކީ، މަދްރަސާއަށް ދިޔައީތީވެ، މަސްބާނާނެ ހުނަރުވެސް ނުލިބުނީ. ވަޅެއް ކޮންނާނެ ހުނަރެއްވެސް ނުލިބުނީ. ފާރެއް ރާނާނެ ހުނަރެއްވެސް ނުލިބުނު. ގަހެއް ކަނޑާނެ ހުނަރެއްވެސް ނުލިބުނު. ބުރަކަށްޓަށް ތަދުނުވާ ގޮތަށް އެއްޗެއް އުފުލާލާނެ ހުނަރެއްވެސް ނުލިބުނު. ދެފެން ދޭތެރެއަށް އަޅުގަނޑުމެންގެ ގިނަ ދަރިން މިދަނީ. ދިޔައީމާ، މިދެންނެވި ދޭތެރޭގައި ދެން އެ ބޭނުންވާ ހުނަރު ހުރި މީހުންނަށް މި ރާއްޖެ ހުޅުވެނީ. އެއީ، ރާއްޖެއިން ބޭރުގެ ރައްޔިތުން. އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝް އަދި އެހެން ޤައުމުތަކުގެ މީހުން.

މިގޮތަށް ރާއްޖޭގައި ވަޒީފާ އަދާކުރާ ރަނގަޅު އެއްލައްކަ ބޭރުމީހުން އެބަތިބި. ތިބިއިރު ކުޑަފަރީ ކުދިންނަކަށް ވަޒީފާއެއް ނެތް. ރާއްޖޭގެ މަދްރަސާ ނިންމައިގެން ނުކުންނަ މިދެންނެވި ދިހަހާސް ކުދިންގެ ތެރެއިން މަތީ ތަޢްލީމަކަށްދާ މަދުކުދިންކޮޅު ފިޔަވައި ދެން އެހެން ހުރިހާ ކުދިންނަށްހެން ޙަޤީޤަތުގައި އަޅުގަނޑުމެންނަށް މިއޮންނަނީ ގޮތެއް ނުހޯދިފައި. ރިޒޯޓަކަށްދާން މަސައްކަތް ކުރެވިދާނެ، އެހެންނަމަވެސް، ހޮޓެލް ސްކޫލް ނުނިންމާ ހުރީތީވެ، ރަނގަޅު ވެއިޓަރަކަށްވެވޭކަށް ނެތް. ރިޒޯޓަކަށްދާން މަސައްކަތް ކުރެވިދާނެ، އެހެން ނަމަވެސް، މަދްރަސާގައި އުޅުނީތީވެ، ރިޒޯޓަށް ގޮސް ކޮންނާކަށް ނޭނގެ. އަޅުގަނޑުމެންނަށް މިދެންނެވި ތަނުން އަރައިނުގަނެ، އަޅުގަނޑުމެން މި އެދޭ ބަދަލު، އަޅުގަނޑުމެން މި އެދޭ ތަރައްޤީ، އަޅުގަނޑުމެންގެ ރާއްޖެއަކަށް ނުހޯދޭނެ. އަޅުގަނޑުމެން މިބޭނުންވާ މިންވަރަށް ކުދިން، މަދްރަސާއިން އެބަ ފާސްވާންޖެހޭ. ކުދިން ދެފެން ދޭތެރޭގައި ބޭތިއްބުމަކީ އެއްވެސް ހާލެއްގައި މި ސަރުކާރުން އެދޭނެ ކަމެއް ނޫން. ފުރިހަމަ ތަޢްލީމެއް، ރަނގަޅު ތަރުބިއްޔަތެއް، ހުނަރުވެރި އާބާދީއެއް، ޒުވާން ޖީލެއް އުފެއްދިގެން ނޫނީ، އަޅުގަނޑުމެން މިއެދޭ ތަރައްޤީ އަޅުގަނޑުމެންނަކަށެއް ނުހޯދޭނެ.

އަޅުގަނޑު އަބަދުވެސް ފާހަގަކުރާ ކަމެއް، ތަރައްޤީއަކީ އިންސާނާއަށްވާ ގޮތެކޭ، ވާކަމެކޭ. ކުޑަފަރީއެއް ތަރައްޤީއެއް ނުވާނެ. ތަރައްޤީވާނީ ކުޑަފަރީ ރައްޔިތުން. ކުޑަފަރީ މީހުން. ތަންދޮރު އޮޅުންފިލާން މިޖެހެނީ ކުޑަފަރީ މީހުންނަށް، ކުޑަފަރީ ރައްޔިތުންނަށް. އެމީހުންނަށް އެއްޗެއް އެނގިގެން، އެމީހުން ކުރާ ކަމަކުން ވާކަމެއް ތަރައްޤީއަކީ. އެއީ، އެއްގަމު ތޮށްޓެއް ނޫން، ބޮޑުހިލަ ބަނދަރެއް ނޫން، ސަހަރާ ވަށާފާރެއްވެސް ނޫން. އެއީ، ހަމަ ސީދާ އަޅުގަނޑުމެންގެ ދަރިންނަށް އަޅުގަނޑުމެން އަންގައިދޭ އެއްޗެއްގެ މައްޗަށް ބިނާވެ، އަޅުގަނޑުމެންނަށް ވާގޮތެއް. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ، މިދެންނެވި ގޮތް އަޅުގަނޑުމެންގެ ދަރިންނަށް ހެދުމަށް. ތަރައްޤީގެ ވަސީލަތަކީ، އިންސާނީ ވަސީލަތް، އިންސާނާ. އެ އިންސާނާގެ ހުނަރާއި، އެ އިންސާނާގެ ޤާބިލުކަމާއި، އޭނާގެ ކުޅަދާނަކަން، އަޅުގަނޑުމެން މި ނެރެންޖެހެނީ، ދިއްކުރާން ޖެހެނީ. މާތްރަސްކަލާނގެ މި އުންމަތުގައި، މި ކައުނުގައި އުފައްދަވާފައިވާ އެންމެ ވަރުގަދަ، އެންމެމޮޅު އަދި އެންމެ ދިގުދެމިގެންވާ އެއްޗަކީވެސް، ވަސީލަތަކީވެސް ހަމަ އިންސާނާ. އެއަކާ ވާދަކުރެވޭނޭ އެހެން އެއްވެސް އެއްޗެއް ނެތް. އަޅުގަނޑުމެންގެ މަސައްކަތަކަށްވާންޖެހޭނީ، އެ އިންސާނާގެ ފުރިހަމަ ޤާބިލުކަން އިންސާނިއްޔަތަށް ފަހިވާގޮތަށް ނެރެދިނުން. އަޅުގަނޑުމެން ކުރާން ޖެހޭ މަސައްކަތަކީ މިދެންނެވީ. އެމަސައްކަތަށްޓަކައި ފާހަގަކުރީ، އޯ ލެވެލް އިމްތިޙާނުގައި ބައިވެރިވާ ކުދިންގެ 60 ޕަސެންޓް ކުދިންނަކީ، C ފާހަށްވުރެ މަތިން ފާސްވެފައިވާ ކުދިންނަށްވާންޖެހޭނެއޭ.

އަޅުގަނޑު މިއަދު މިވާހަކަ މިތަނުގައި ދައްކާއިރު، ހަމަ އެންމެ ބޭފުޅަކަށް ޝުކުރު ދަންނަވާލަން ބޭނުން. އެއީ، ޝެހެނާޒް ޢަބްދުﷲ. ޝެހެނާޒް ޢަބްދުﷲ މިތަނަކު ވަޑައިގެންވެސް ނެތް. ޝެހެނާޒް ޢަބްދުﷲ މިވަގުތަކު އަޅުގަނޑުމެންނާ އެއްކަކު މަސައްކަތްކޮށްވެސް ނޫޅުއްވާ. އެހެން ނަމަވެސް، އަޅުގަނޑު މިދައްކާ ތަޢްލީމާ ގުޅޭ ވާހަކަތަކަކީ، ދުވަސްތަކެއް ވަންދެން މިދެންނެވި ޝެހެނާޒް ޢަބްދުﷲ، އަޅުގަނޑާ ދިމާއަށް، ބައެއްފަހަރަށް ބިޑި އަޅާފައި އޮއްވާ، އަނެއްބައިފަހަރަށް އެހެން ގޮތަކަށް ހުއްޓާ، ކިޔަމުން، ބުނަމުން، މަޖުބޫރު ކުރަމުން، އެންމެފަހުން އައިސް، އަޅުގަނޑުމެންގެ މިދެންނެވި މެނިފެސްޓޯގައި އެ އަކުރުތައް ލިޔެވި، އެ ބަސްތައްފެވި، މި ރާއްޖޭގެ ޤައުމީ ތަރައްޤީގެ އޮނިގަނޑުގައި އެގޮތަށް އެކަން ކަނޑައެޅި، އެ އަމާޒަށް އަޅުގަނޑުމެން މިހާރު އެންމެންމެ މަސައްކަތް ކުރަމުންދާ ކަމެއް. އަޅުގަނޑުމެން ކުޑަފަރިން ބޭނުންވަނީ 60 ޕަސެންޓް ކުދިންނަށް ތަޢްލީމު ލިބުން. އެކަން ކުރުމަށް މިހާރު ދެއަހަރު ދުވަހު މަސައްކަތް ކުރެވިއްޖެ. ކުރެވުނުއިރުގައި އަޅުގަނޑުމެން މިއެދޭ ބަދަލު، މިއެދޭގޮތަށް މިކަން އަދި ކުރެވިދާނެ ކަމަކަށް މިހާރު އަޅުގަނޑަކަށް ނުފެނޭ.

އަޅުގަނޑަކީ އެއްވެސްއިރެއްގައި ހަމަ ކުރީދުވަހު ކުރި ކަންތައް މިއަދު ކޮށްކޮށް ހުރުމަށް ވަރިހަމަކޮށްގެން ހުންނަހިތްވާ މީހެއް ނޫން. ބޭނުންވާ ނަތީޖާ އަޅުގަނޑުމެން ނެރެންޖެހޭނެ. ނަތީޖާ ނެރުމަށްޓަކައި އާ ވިސްނުން، އާ ގޮތްތައް، އެހެން ޙާލަތުތައް އަޅުގަނޑުމެން އުފައްދާންޖެހޭނެ. އަޅުގަނޑުމެންނަށް މިއަދު ލިބިފައިވަނީ ވަރަށްބޮޑު ނަޞީބެއް. އަޅުގަނޑުމެންގެ އެޑިޔުކޭޝަން މިނިސްޓަރަކަށް ހުންނެވި ޞިފާ މުޙަންމަދަކީ، މިކަމުގައި ވަރަށްގިނަ ދުވަސް ވަންދެން އުޅުއްވާފައިވާ ބޭފުޅެއް. އަދި ހިތި ތަޖްރިބާއާއި ވޭނާއި ދަތީގައި ބޮޑުވެހުރި ވަރަށް ރަނގަޅު ދިވެއްސެއް. އަޅުގަނޑަށް ފެންނަ ގޮތުގައި، އަޅުގަނޑުމެން މިއެދޭ ބަދަލު ގެނައުމަށް ޝިފާއާ އެކުގައި ވަރަށް ރަނގަޅު ޓީމެއް އެބަ މަސައްކަތް ކުރައްވާ. އަޅުގަނޑަށް ދާދިފަހުން ދިމާވި އެއްބޭފުޅަކީ އޭގެތެރެއިން އާދަމް ޝަރީފް. އަޅުގަނޑަށް އަދި އެނޫނަސްވެސް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެކިއެކި ދާއިރާތަކުގައި މަސައްކަތް ކުރައްވާ ވަރަށް ޤާބިލް ބޭފުޅުން އެބަތިއްބެވި. އެބޭފުޅުން އުފެއްދެވި ކަމަށްޓަކައި ކުރީގެ ސަރުކާރަށް އަޅުގަނޑު ނިހާޔަތަށް ޝުކުރު ދަންނަވަން.

އަޅުގަނޑު ދެންމެ ދަންނަވާން އުޅުނީ އެން.ޑީ ޙަމީދަށް ނުހަނު ޝުކުރު އަޅުގަނޑު ދަންނަވަމޭ. އަޅުގަނޑަށް އެނގޭ، ނައިފަރު ދޮންކަލޭފާނު ޙަމީދުގެ ވާހަކަކަން އަޅުގަނޑު މިދެންނެވީ. އެޑިޔުކޭޝަން ޑިވެލޮޕްމަންޓް، އީ.ޑީ.ސީ އުފެދިގެން އަދި އީ.ޑީ.ސީ.ގެ ތެރެއިން ޓީޗަރުން ތަމްރީނު ކުރުމާއި، އެކިއެކި ތަޢްލީމީ ކަންކަމުގައި މި ރާއްޖެ ކުރިއަރައި ގެންދެވި ބޭފުޅުންކޮޅެއް މި ރާއްޖޭގައި މިވަގުތުވެސް ހަމަ އެބައުޅުއްވާ. އަދި އަޅުގަނޑުމެން ކުރަމުންމިދާ ހުރިހާ ކަމެއް، އަޅުގަނޑު ޙަމީދުގެ ނަންފުޅު އެކަނި ދަންނަވާލާފައި މިހެން ދޫކޮށްލަން އުނދަގޫވޭ. އެހެންނަމަވެސް، އަޅުގަނޑު މިދަންނަވާ ނަންތަކަކީ އެބާވަތުގެ ނަންތައް. އެހެންވީމާ، އަޅުގަނޑު އެދެނީ، އަޅުގަނޑު ޙަމީދޭ ދެންނެވީމާ، އެއީ، ޙަމީދުގެ ބާވަތުގެ ހުރިހާ ބޭފުޅުންގެ ވާހަކަ. އެއީ ޢާންމު ނަމެއް. ޚާއްޞަ ނަމެއް ނޫން.

އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ އާ ވިސްނުން ނެރުމަށް. މިހާރު މިމަސައްކަތްކުރާ ގޮތަށް އަޅުގަނޑުމެން މަސައްކަތް ކުރީމާ، އަޅުގަނޑުމެން ވަޢުދުވެފައި އޮތް މުއްދަތުގެ ތެރޭގައި އަޅުގަނޑުމެންނަކަށް ވަޢުދު ފުއްދޭނެ ތަނެއް ތަޢްލީމީ ގޮތަކުން ނުފެނޭ. އެހެންނަމަވެސް، އަޅުގަނޑުމެންނަކީ އަބަދުވެސް އެއްފިޔަވަޅު ފަހަތަށްޖެހިފައި، އާ ވިސްނުމަކާއެކީގައި، އަނެއްކާ ހަފިޔަވަޅު ކުރިއަށް ނުކުންނާނެ ބައެއް. މިދިޔަ ދެތިން ހަތަރު މަހެއްގައި އަޅުގަނޑުމެންނަށް ވަރަށްގިނަ ވަގުތު މަޝްވަރާގައި ތިބެވިއްޖެ. އަޅުގަނޑުމެންނަށް ޔަޤީން، އަނެއްކާވެސް ހަމަ މި 60 ޕަސެންޓް ކުޑަފަރިން ނެރެވޭނެކަން. ނެރުމަށްޓަކައި ކިޔަވައިދޭގޮތް އެބަ ބަދަލުކުރާންޖެހޭ. ނެރުމަށްޓަކައި މަދްރަސާ ހިންގާގޮތް އެބަ ބަދަލުކުރާންޖެހޭ. އެނަތީޖާ ހޯދުމަށްޓަކައި މަދްރަސާގައި ބޭނުންކުރާ ވަސީލަތްތައް، އެބަ ބަދަލުކުރާންޖެހޭ. އެނަތީޖާ ހޯދުމަށްޓަކައި ރަށު ރައްޔިތުން މަދްރަސާއާ ގުޅޭގޮތުން ގެންގުޅުއްވާ ވިސްނުން، އެބަ ބަދަލުކުރައްވަންޖެހޭ. ފުރަތަމަ ކަމަކަށް، މިއީ ދަރިންނަށް ކިޔަވައިދޭން ހަދާފައި ހުރި ތަނެއް. ރަށުގައި ވަޒީފާގެ ފުރްޞަތު އިތުރުކުރަން ހަދާފައި ހުރި ތަނެއް ނޫން. ކުޑަފަރީ މަދްރަސާއަކީ، ކުޑަފަރީ ދަރިވަރުން، ގިނަ ބައިވަރު ކުޑަފަރީ ރައްޔިތުންގެ ދަރިންނަށް ރަނގަޅު ތަޢްލީމެއް ހޯދައިދެވޭތޯ އުފައްދާފައި، ހަދާފައި ހުންނަ ތަނެއް. މިއީކީއެއް ވޮޗަރުން ގިނަކުރަން ނުވަތަ މަސައްކަތު މީހުން ގިނަކުރަން ނުވަތަ އެހެންވެސް ސަޕޯޓް ސަރވިސްއެއް އިތުރުކުރަން ހަދާފައި ހުރި ތަނެއް ނޫން. މިއީ، މިތާނގެ ދަރިވަރުންނަށް ކިޔަވައިދިނުމަށް ހަދާފައި ހުރި ތަނެއް.

ރަށު ރައްޔިތުންވެސް އަދި ރަށުގައި ޙަރަކާތްތެރިވާ ޕާޓީތަކުގެ އެންމެ ބޭފުޅުންނަށްވެސް މި ޙަޤީޤަތް ވަރަށް ސާފުކޮށް އެބަ އެނގިވަޑައިގަންނަވަންޖެހޭ. އަޅުގަނޑު ތަކުރާރުކޮށް ދަންނަވަން ބޭނުންވަނީ، ބޭނުމަކީ ދަރިންނަށް ކިޔަވައިދިނުމޭ. އަދި ކުޑަފަރީ ރައްޔިތުންނަށް އެބަ އެނގޭންވެސްޖެހޭ. މިމަދްރަސާގެ ތެރެއަށް އަދި ކުޑަފަރި އެކަންޏެއް ނޫން. ހުރިހާ މަދްރަސާތަކަކުންވެސް، މަދްރަސާތަކުގެ ތެރެއަށް އެއްވެސް ބާވަތެއްގެ ރަށުގެ ކޯޅުމެއް ވައްދަވައިގެން ނުވާނެ. އެއީ، ސިޔާސީ ޕާޓީތަކުގެ ދެމެދުގައި އޮތް ކޯޅުމަކަށްވިޔަސް އަދި ގޮއެއްގައި ހުރި ރުއްގަހެއްގެ މައްސަލައަކަށް ވިޔަސް ނުވަތަ ފަޅެއްގައި އޮތް އޮޑިއެއްގެ މައްސަލައަކަށް ވިޔަސް، މިތަނަށް ވަންނާންޖެހޭނީ މިތަނާ ގުޅޭ މައްސަލަ. އެހެން ހުރިހާ މައްސަލައެއް ހުންނަންޖެހޭނީ މިތަނުން ބޭރުގައި. މިތަނުގައި ހުންނަ ޓީޗަރެއްގެ ބައްޕައަކީ ގޮއެއްގައި ހުރި ރުކެއްގައި އެޅި ކާށްޓެއް، އެހެން ގޮތަކަށް ނެގި މީހަކަށްވެގެން، އޭނާއާމެދު އެހެން މީހަކު އޮންނަ ނަފްރަތެއް، ޙަސަދައެއް މަދްރަސާގެ ފާރުގެ ތެރެއަށް ފޭދިގެން ނުވާނެ. ރަށުގެ ރައްޔިތުންނަށް، ބެލެނިވެރިންނަށް މިކަން ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވަންޖެހޭނެ. މަދްރަސާގެ ނާޒިރަށްވެސް، މަދްރަސާގެ ހިންގުންތެރިންނަށްވެސް މިދެންނެވި އެއްބާރުލުން ދެއްވަންޖެހޭނެ. އެނގިވަޑައިގަންނަވާނެ، އަޅުގަނޑު އަބަދުވެސް، އަޅުގަނޑަށްވީ މިންވަރަކުން ސާފުކޮށް ވާހަކަ ދެއްކޭތޯ އަޅުގަނޑު ބަލަން. އަޅުގަނޑު މިއަދު މިދައްކަނީކީއެއް އަޅުގަނޑުގެ ދުރު ބަޔަކާއެއް ނޫން. އަޅުގަނޑު ދެކެނީ ތިޔަބޭފުޅުންނަށް ވަރަށް ސާފުކޮށް އަޅުގަނޑު ދަންނަވާ ވާހަކަ އޮޅުންފިލާ ކަމަށް. އަދި އަޅުގަނޑު ދެކެނީ، ތިޔަބޭފުޅުން، ކުޑަފަރީ ރައްޔިތުން ރާއްޖޭގެ އެހެން ރަށްރަށަށް މިސާލު ދައްކަމުން، އެބަދަލުތައް ގެންނަންޖެހޭ ވަގުތުތަކުގައި ގެންނަންޖެހޭ މިންވަރަށް ގެންނަކަމަށް.

އެހެންވީމާ، މިއަދު އަޅުގަނޑަށްވެސް ލިބޭ ވަރަށްބޮޑު އުފަލެއް، ރާއްޖޭގައި އަލަށް ތަޢާރުފްކުރާ ސްމާޓް ސްކޫލް، ކުޑަފަރީގައި ފުރަތަމަ ތަޢާރުފް ކުރުމުގެ މަސައްކަތް ފަށައިގަތުން. މިދެންނެވި ބާވަތުގެ މަދްރަސާއެއްގައި ކަންކަން، އެހެން މަދްރަސާތަކުގައި ހުންނަ ގޮތްތަކާ، ކޮންމެވެސް މިންވަރަކަށް ތަފާތުވާނެ. ބޭނުންކުރާ ސާމާނަކީ، އެންމެ ޒަމާނީ ވަސީލަތްތަކަށްވާނެ. މަލްޓި މީޑިއާގެ އެހީތެރިކަމާއެކީގައި، ދަރިވަރުންނަށް ތަކެތި އޮޅުންފިލުވައިދިނުން. މަންޒަރާއި އަދި އެހެންވެސް އަޑުތަކާއެކީގައި ދައްކާން ފެށުމުން، ސާފުކޮށްދިނުމުގެ ފުރްޞަތުތައް އިރާދަކުރެއްވިއްޔާ، ކުޑަފަރީގައި ފަހިވެގެންދާނެ. ހަމައެހެންމެ، ބޭނުންކުރެވޭ ކުދިންނަށް ތަކެތި އަންގައިދިނުމަށް ބޭނުންކުރެވޭ ކްލާސްރޫމްގެ ބޯޑް ނުވަތަ ޓީޗަރު ބޭނުންކުރާ ވަސީލަތްތައް އެއީ، ކުދިންނަށް ސްމާޓް ބޯޑޭ އަޅުގަނޑުމެން މިހާރު މި ކިޔާ ނުވަތަ ބައެއްފަހަރަށް ދިއްލޭ ބޯޑުގެ ގޮތުގައި އަޅުގަނޑު އަޑުއަހާފައި އޮތް ބޯޑް ބޭނުންކޮށްގެން އަޅުގަނޑުމެންނަށް، ދަރިވަރުންނަށް ރަނގަޅު، މާ ރަނގަޅު ތަޢްލީމެއް ދެވިދާނެ ކަމަށް އަޅުގަނޑު ހަމަގައިމުވެސް، އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތް ގޮތުގައި، ލިބިފައިވާތީވެ، އަޅުގަނޑުގެ ހިތުގެ އަޑިން އެކަން އަޅުގަނޑު ޤަބޫލުކުރަން. އިރާދަކުރެއްވިއްޔާ، ކުޑަފަރީގައި އެފަދަ ވަސީލަތްތައްވެސް އުފެދިގެންދާނެ.

އަނެއްކާވެސް އަޅުގަނޑުމެންނަށް މިޞްރާބު މިޖެހެނީ ރަނގަޅު ތަޢްލީމެއް މިދެވެނީ، ދިއްލޭ ބޯޑެއް ހުރީމާ ކަމަށް ދެކެވޭ ވިސްނުމަކަށެއް ނޫން. އޮޅިވަޑައިނުގަންނަވާތި، ތަރައްޤީއަކީ ބޮޑުހިލަ ބަނދަރެއްވެސް ނޫން. އެހެންވީމާ، ރަނގަޅު މަދްރަސާއަކީ، ދިއްލޭ ބޯޑެއްވެސް ނޫން. ރަނގަޅު މަދްރަސާއަކީ ރަނގަޅު ޓީޗަރުން. ރަނގަޅު މަދްރަސާއަކީ، ރަނގަޅު ޓީޗަރުން ކިޔަވައިދޭ އަދި ބެލެނިވެރިން އަޅާލައިގެން ބޮޑެތިކުރާ ދަރިވަރުންތަކެއް އުޅޭ މަދްރަސާއެއް. އެއްވެސް އެއްޗެއް އިތުރަކަށް ބޭނުމެއްނުވޭ. ބޭނުންވަނީ އެންމެންގެ ލޯބި ދަރިވަރުންނަށް. ބޭނުންވަނީ ދަރިވަރުންނާ އެންމެން އަޅާލުން. އަޅުގަނޑުމެންނަށް އެމަސައްކަތް އެންމެ ހިނދުކޮޅަކަށްވެސް ހަނދާން ނައްތާލައިގެނެއް އަދި ކިތަންމެ ގެތަކެއް، ކިތަންމެ ތަކެއްޗެއް، ކިތަންމެ އާލާތެއް ގެނެސް، ތަންތަނުގައި އެތުރިޔަސްވެސް، ހަމަ އަނެއްކާވެސް ނަތީޖާ ނުލިބޭނެ. ނަތީޖާއާ ދިމާއަށް އަޅުގަނޑުމެން ދާންވެގެން މިޞްރާބު މިޖަހަނީ، ރަނގަޅު ޓީޗަރުން އަދި ޓީޗަރުން އިތުރަށް ތަމްރީނުކޮށްގެން އަދި ވަސީލަތްތައްވެސް ރަނގަޅުކޮށްގެން އަދި މާޙައުލުވެސް ބަދަލުކޮށްގެން ކުދިންނަށް ތަންދޮރު އޮޅުންފިލުވައިދެވޭތޯ، ތަޢްލީމެއް އުނގަންނައިދެވޭތޯ ބެލުން.

އަޅުގަނޑުމެންގެ މިމަސައްކަތް، ޞިފާ ވިދާޅުވާގޮތުގައި، ކުޑަފަރީން އެޑިޔުކޭޝަން މިނިސްޓްރީގެ ބޭފުޅުން ވަޑައިގަންނަވާނީ، މިރަށުގެ މަދްރަސާ، މިދެންނެވި ގޮތަށް އަށަގަންނުވާފައި. މިދެންނެވި ގޮތަށް ބަދަލުކުރައްވާފައި. އެ މަދްރަސާގައި އަޅުގަނޑުމެން މި އެދޭ ބާވަތުގެ ތަޢްލީމް އިރާދަކުރެއްވިއްޔާ ދޭން ފަށާފައި. އަޅުގަނޑު ވަރަށް ބޮޑަށް އެދެން، މިކަމަށް ހުރިހާ ބެލެނިވެރިންވެސް، ކުޑަފަރީ ހުރިހާ ރައްޔިތުންވެސް ފިކުރު ހިންގެވުން. އަދި މަޝްވަރާވެސް ކުރެއްވުމަށް، ބަޙުޘްވެސް ކުރެއްވުމަށް. އެހެންނަމަވެސް، އަދި އިތުރު ކަމަކަށް އަޅުގަނޑު އެދެންޖެހޭ. މިކަން އަޅުގަނޑު ކޮށް ނިމެންދެން ބަލަހައްޓަވައިގެން ތިއްބަވަންވީ. އަދި މިހާތަނަކަށް އެހާބޮޑު ގޯހެއް އަޅުގަނޑު ހިތުން އަޅުގަނޑު ކުޑަފަރީ ރައްޔިތުންނަކަށް ކޮށްފައެއް ނޯންނާނެ.

އެހެންވީމާ، މިކަމުގައިވެސް ހަމަގައިމުވެސް އަޅުގަނޑު މިނުކުންނަނީ އަޅުގަނޑު ވަރަށް ކައިރިން، ގާތުން ބަލާފައި. އަޅުގަނޑު މިހުންނަނީ މިމަސައްކަތް ކުރުމަށް މިނުކުންނަނީ ހެޔޮހިތާ. ހަމަ ޙަޤީޤަތުގައި ރަނގަޅު ނަތީޖާއެއް، އަޅުގަނޑު ވަރަށް ލޯބިވާ ރަށަކަށް ހޯދުމަށްޓަކައި. އެކަން އަޅުގަނޑު ކުރިޔަދެއްވުމަށް އަޅުގަނޑު، އަޅުގަނޑުގެ ކުޑަފަރީ އެންމެހާ ރަޙްމަތްތެރިން، އަޅުގަނޑުގެ ވަރަށް ގާތް ކުޑަފަރީ ރަޙްމަތްތެރިންގެ ކިބައިން އެދެން. މިކަން އަޅުގަނޑު ކުރުމަށް އަޅުގަނޑަށް ޖާގަ ދެއްވައްޗޭ. އަޅުގަނޑު ކުޑަފަރިއަށް މިކަން ކުރާން މިއައީވެސް ހަމަ މިދެންނެވި ސަބަބަށްޓަކައި. އަޅުގަނޑަށް އެނގޭ، ތިޔަބޭފުޅުން ބައެއްފަހަރަށް ވަރަށް ހިތްހަމަނުޖެހޭކަން. ބަނދަރުވެސް ނުނިންމޭތީ އަދި އެއްކަމެއްވެސް ނުވާތީ. ހެލްތް ސެންޓަރުވެސް ރަނގަޅު ނުވާތީ. އަދި މަދްރަސާވެސް ރަނގަޅު ނުވާތީ. ބައިވަރު ކަންތައް އެބަހުރި. އަޅުގަނޑަށް އެކަން ސާފުވޭ. އެކަންވެސް އަޅުގަނޑަށް އެނގޭ. ހަމަ އަޅުގަނޑު ޤަބޫލުކުރަނީ، އަދިވެސް ތިޔަބޭފުޅުން އަޅުގަނޑުމެންގެ މިމަސައްކަތުގައި، އަޅުގަނޑުމެންނާއެކީގައި ތިޔަބޭފުޅުން ކުރިއަށްދާން ނެތިއްޔާ، ދެން އެހެން ބައެއް ނެތް. އެހެންވީމާ، މަސައްކަތް ހުއްޓާލާކަށް އެއްވެސް ބޭފުޅަކު އެދިވަޑައެއްނުގަންނަވާނެކަން އަޅުގަނޑަށް ޔަޤީން. އަޅުގަނޑުމެން އެބަޖެހޭ، މި ރާއްޖެއަށް ދައްކަން، އެބައޮތޭ ގޮތެއް، މި ރާއްޖެ ސަލާމަތްކުރާނެ. 60 ޕަސެންޓް ކުދިން، 5 މާއްދާއިން ފާސްނުވަންޏާ، ދެން ފާސްނުވީހާ ކުދިން އެންމެފަހުން އައިސް އެތިބެނީ ކަޓަރު ހިފައިގެން، ޑްރަގް ބޮއިގެން. އެކުދިންނާ އަޅާލުމަށް ނުވަތަ އެކުދިންގެ މައްސަލަތައް ޙައްލު ކުރުމަށް، ދެން މުޅި މި ރާއްޖޭގެވެސް ހުރިހާ ކަމެއް އެބަ އެނބުރިގަންނާންޖެހޭ. ރާއްޖޭގެ ހުރިހާ މައްސަލައެއްހެންވެސް، އަޅުގަނޑަށް ފެންނަ ފެނުމުގައި މިއޮންނަނީ ދެކަމެއްގެ މައްޗަށް ހުއްޓިފައި. އެއީ، ރަނގަޅު ތަޢްލީމާއި އަދި އުފެދިގެން އަންނައިރު ރަނގަޅު ޞިއްޙަތެއް ނުލިބުމާ. ދުޅަހެޔޮ އިންސާނެއް، ތަންދޮރު އެނގޭ އުފެއްދީމާ އެއީ، އެއަށްވުރެ އެ އެއާ އެއްވަރު ނުކުރެވޭފަދަ ތަރައްޤީގެ ވަސީލަތެއް. އަޅުގަނޑުމެންގެ އަބަދުވެސް މަސައްކަތަކަށްވާނީ، މިދެންނެވި ވަސީލަތް، އުފެއްދުން ތަރައްޤީ ކުރުމަށް މަސައްކަތް ކުރުން.

އަޅުގަނޑު ނިންމާލުމުގެ ކުރީގައި، ކުޑަފަރީގެ ރައްޔިތުންގެ ތެރެއިން ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދެންނެވުމުގެ އިތުރުން، ޚާއްޞަކޮށް، އަޅުގަނޑުމެން މުޙަންމަދު ފަހީމަށާއި ކަސްތޫރިގޭ އަދި ނަސީމަށާއި، ހަމަ ކުޑަފަރީގެ ކައުންސިލްގެ އެންމެ މެންބަރުންނަށް ޝުކުރު ދަންނަވަން. އަދި ވަކިން ޚާއްޞަކޮށް، އަޅުގަނޑު އަބަދުވެސް ދަންނަވާ ވާހަކައެއް ތަކުރާރު ކުރާނަން. މިއަދު ވަރަށްގިނަ ކުދިން، ވަރަށް ފޮނި ކާމިޔާބު ކުޑަފަރިން ހޯއްދަވައިފި. އަޅުގަނޑު ވަރަށް އުފާވޭ. އަދި ވަކިން ޚާއްޞަކޮށް، އަންހެން ކުދިން ވަރަށް މަތީ ވަނަތައް، މި މަދްރަސާއިން ހޯދައިފި. އަޅުގަނޑު އެކުދިންނަށް މަރްޙަބާ ދަންނަވަން، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން. އަދި އެ މަރްޙަބާއާ އެކީގައި ދަންނަވަން އޮތް ވާހަކައަކީ، ކާމިޔާބުގައި ހިތް ތިރިކުރައްވައްޗޭ. ކާމިޔާބުގައި ބޮޑާވެ، ދެން ކުރާންހުރި ކަންތައްތައް ހަނދާންނެތިވެ ގޮސްފިއްޔާ، އެ ކާމިޔާބު އެއީ، ބޮޑު ހުރަހަކަށް، މުޅި ދިރިއުޅުމަށް އެޅޭ ބޮޑު ހުރަހަކަށް އިސާހިތަކު ބަދަލުވެ ހިނގައިދާނެއޭ. ކާމިޔާބުގައި ހިތްތިރިކުރުމަކީ، ކާމިޔާބުގެ ފޮނި މޭވާގެ ރަހަ ލިބުމަށްޓަކައި ކޮންމެހެން ބޭނުންތެރިކަމެއް.

ހަމައެހެންމެ، އަޅުގަނޑު ދަންނަވަން އޮތް އަނެއް ވާހަކައަކީ، ނާކާމިޔާބީއަކީ އަޅުގަނޑު އަޑުއަހައިފިން، ބެސްޓް އޯލްރައުންޑަރ ވިދާޅުވާ އަޑު، އެއީ، ކާމިޔާބުގެ ސިއްރޭ. ނާކާމިޔާބަކީ ހިތްވަރު ގަދަކުރާންވީ ވަގުތު. އެއީ ދެރަނުވާންވީ ވަގުތު. ނީށީންނާންވީ ވަގުތު. ކުރިއަށްދާންވީ ވަގުތު. އަޅުގަނޑުމެނަށް، އަޅުގަނޑުމެން އެންމެންނަށްވެސް ބައެއްފަހަރަށް، އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް ބައެއްފަހަރަށް ނާކާމިޔާބީއާ ދިމާވޭ. އަދި ބައެއް މީހުންނަށް ބައެއްފަހަރަށް ދެރަގޮތްތަކާ ދިމާވޭ. އެއީ، ނާކާމިޔާބެއްތޯ، އަޅުގަނޑުމެން އަމިއްލައަށް މި މިނަނީ، އަމިއްލައަށް މިދެކެނީ، މިބުނަނީ. އަޅުގަނޑު ދެކެނީ، ހަމަ ކޮންމެ އަޑިއަކަށްފަހު، ދެން އަރާނީ މައްޗަށޭ. ތިރިވީމާ ދެން ނޯންނާނެ ތިރިވެވޭނެ އިތުރު ޖާގައެއް. ދެން ހަމަ ޖެހޭނީ މައްޗަށް އަރަން.

އަޅުގަނޑު އުންމީދު ކުރަން، ފެއިލްވީ ކުދިން، ދެނެއް ފެއިލެއް ނުވެވޭނެ. ދެން ވެވޭނީ ފާސް. އެހެންވީމާ، އެކުދިން މަސައްކަތް ކުރަންވީ ފާސްވުމަށް. އަޅުގަނޑަށް އެނގޭ، ފާސްވާނެކަން. އެއީ، ވަރަށް ފަސޭހަ ކަމެއް. އެއީ އަބަދު ތަރުތީބުން، ގަވާއިދުން ކޮންމެ ދުވަހަކު އެކުރާ ކަމެއް، ގަވާއިދުން ކުޑަ މިންވަރަކަށް ކުރުން. އިމްތިޙާން ގާތްވީމާ، ހުރިހާ އެއްޗެއް އެއްރެޔަކުން ދަސްކުރާން އުޅުމެއް ނޫން. އަބަދުވެސް ފިލާވަޅުތައް ބެލުން. އަބަދުވެސް މަދްރަސާގެ ކަންކަމަށް ޝައުޤުވެރިކަން ބެހެއްޓުން. އަޅުގަނޑަށް ޔަޤީން، ކުޑަފަރީ ދަރިވަރުން، މިއަދަށްވުރެ އަދި މާ އުފާވެރި ފާގަތި މާދަމައެއް ހޯއްދަވާނެ. އެކަމަކާ އަޅުގަނޑު ޝައްކެއްނުކުރަން.

އަޅުގަނޑުގެ ދުޢާއަކީ، ހުރިހާ ބޭފުޅުންނަށްވެސް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم.
______________________