ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނަށް މިއަދު މެންދުރުފަހު ޒިޔާރަތް ކުރައްވައި، އެ ޑިޕާޓްމަންޓްގެ އިސްބޭފުޅުންނާ ބައްދަލުކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ އެ ޑިޕާޓްމަންޓަށް މި ޒިޔާރަތް ކުރެއްވީ، ރާއްޖެއަށް ބިދޭސީން އެތެރެވުމުގައި، ޤަވާޢިދާ ޚިލާފު އެއްވެސް ކަމެއް ހިނގާފައިވޭތޯ ބެއްލެވުމަށްޓަކައި، އެކަމުގެ ތަޙްޤީޤު މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިހާރު ފަށްޓަވާފައިވުމާއި، އެ ޑިޕާޓްމަންޓްގެ ކައުންޓަރުތަކުން ސިފައިން ޚިދްމަތް ދެއްވަން މިއަދު ފަށްޓަވާފައިވާތީ، އެޑިޕާޓްމަންޓްގެ މަސައްކަތްތައް ބައްލަވާލެއްވުމަށްޓަކައެވެ.

ރައީސުލްޖުމްހޫރިއްޔާ، އިމިގްރޭޝަން ޑިޕާޓްމަންޓްގެ އިސްބޭފުޅުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ވަކި އެއްބޭފުޅެއްގެ އިސްތަށިފުޅުގައި އިލްޒާމް ނޭޅޭގޮތަށް ތަޙްޤީޤުތައް ހިނގަމުންދާނޭ ކަމަށާއި، މިކަމަށް ދެހަފްތާވަރު ހޭދަވާނެ ކަމަށް ވިދާޅުވިއެވެ. އަދި މިހާރު ހިނގަމުންދާ ތަޙްޤީޤަށް ހުރިހާ ބޭފުޅުންވެސް އެއްބާރުލެއްވުން ދެއްވައި، ތަޙްޤީޤަށް ބޭނުންވާ މަޢްލޫމާތުތައް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. އަދި ދެހަފްތާއެއްހާ ދުވަހުގެ ތެރޭގައި، މުޅިން އާ ނިޒާމަކާއެކު، ހުރިހާ ބޭފުޅުންނަށްވެސް މަސައްކަތަށް ނުކުމެވަޑައިގެންނެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.