ދިވެހިރާއްޖޭގެ ސަލާމަތީ ދާއިރާތަކާއި، ޤައުމީ ސަލާމަތާ ގުޅުންހުރި މުއައްސަސާތައް ވިލަރެސް ކުރައްވައި، ޤައުމީ ސަލާމަތީ އޮނިގަނޑު އެކުލަވާލެއްވުމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރގެ އޮފީހުން ކުރައްވަމުން ގެންދަވާ މަސައްކަތް ކުރިއަށްދާ ގޮތުގެ މަޢްލޫމާތު، ވަޒީރުންގެ މަޖިލީހަށް އަރުވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި މި ބައްދަލުވުމުގައި، ރާއްޖޭގެ ޤައުމީ ސަލާމަތީ އޮނިގަނޑެއް އެކުލަވާލެއްވުމަށް ކުރައްވާ މަސައްކަތުގެ މަޢްލޫމާތާއި، މި މަސައްކަތުގައި ހޯއްދެވިފައިވާ ކުރިއެރުން ވަޒީރުންގެ މަޖިލީހާއެކު ޙިއްސާ ކުރައްވައި، އެކަންކަމާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާ މަޝްވަރާ ކުރެއްވިއެވެ. މި ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިބައްދަލުވުން ތަޢާރުފް ކުރެއްވުމުގެ ގޮތުން، ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ އަމީން ފައިޞަލް ދެއްކެވި ވާހަކަފުޅުގައި، ކަމާބެހޭ ހުރިހާ ފަރާތެއް ބައިވެރިވާ، ހަރުދަނާ ޤައުމީ ސަލާމަތީ ސިޔާސަތެއް އެކުލަވާލެއްވުމަކީ، ސަރުކާރުގެ ވަރަށް މުހިންމު އަމާޒެއްކަމާއި އަދި ސަރުކާރުގެ މައިގަނޑު އެއް މަސައްކަތްކަން ފާހަގަކުރެއްވިއެވެ. އަދި ޤައުމީ ސަލާމަތީ ސިޔާސަތުގެ ބޭނުމަކީ، ރާއްޖޭގެ ހުރިހާ މަޞްލަޙަތުތަކެއް ދެނެގަނެ، ޤައުމީ މަޞްލަޙަތުތައް ޙިމާޔަތްކޮށް، ރައްކާތެރިކުރުމާއެކު، އެމަޞްލަޙަތުތައް ކުރިއެރުވުން ކަމުގައި ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ވިދާޅުވިއެވެ.

ޤައުމީ ސަލާމަތީ އޮނިގަނޑެއް އެކުލަވާލެއްވުމަށް، ރާއްޖޭގެ ސަލާމަތާގުޅޭ ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުމާއެކު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް ބައްލަވާލައްވަމުން، މިމަސައްކަތްތަކުން ޤައުމީ ސިޔާސަތު ކަނޑައެޅުމުގެ ފެންވަރުގައި، ސްޓްރެޓީޖިކް އެނަލިސިސް މަސައްކަތާއި، ސަލާމަތާބެހޭ ދާއިރާއަށް އަންނަ ބަދަލުތަކާއި، ރާއްޖޭގެ ސަލާމަތަށް ހުރި ގޮންޖެހުންތައް ދެނެގަތުމުގެ މަސައްކަތް ފެށިފައިވާކަން ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ހާމަކުރެއްވިއެވެ.

ރާއްޖޭގެ ޤައުމީ ސަލާމަތީ އޮނިގަނޑު އެކުލަވާލެއްވުމަށް، ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރގެ އޮފީހުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން، އެމެރިކާގެ "ޑިފެންސް އިންސްޓިޓިއުޝަން ރީފޯމް އިނިޝިއޭޓިވްސް"ގެ އެއްބާރުލުމާއި، ރާއްޖޭގެ ސަލާމަތާގުޅޭ ހުރިހާ ފަރާތްތަކުގެ ބައިވެރިވުމާއެކު، ރާއްޖޭގެ ޤައުމީ ސަލާމަތީ އޮނިގަނޑު އެކުލަވާލުމާބެހޭ ދެ މަސައްކަތު ބައްދަލުވުން، މީގެކުރިން އެއޮފީހުން ބާއްވަވާފައިވެއެވެ. މި ސިލްސިލާގެ ތިންވަނަ މަސައްކަތު ބައްދަލުވުން މިއަދާ މާދަމާ ކުރިއަށްދާނެއެވެ.

ޤައުމީ ސަލާމަތީ އޮނިގަނޑު އެކުލެވިފައިވަނީ، އަސާސީ ދެބައެއްގެ މައްޗަށެވެ. އެއީ، ޤައުމީ ސަލާމަތާބެހޭ ސިޔާސަތު އެކުލަވާލުމާ ގުޅޭ ބަޔާއި، ޤައުމީ ސަލާމަތާބެހޭ ކަންކަމުގެ އިންސްޓިޓިއުޝަނަލް އޮނިގަނޑެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއަށް ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވާ ފަދައިން، ޤައުމީ ސަލާމަތީ އޮނިގަނޑުގެ ތެރޭގައި ހިމެނޭ، މެރިޓައިމް ސެކިއުރިޓީއާބެހޭ ޤައުމީ ސިޔާސަތެއް އެކުލަވާލައްވައި، ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅަށް ހުށަހަޅުއްވާފައިވާ ކަމަށް ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ އަމީން ފައިޞަލް ވިދާޅުވިއެވެ. މެރިޓައިމް ސެކިއުރިޓީ ޕޮލިސީގެ އިތުރުން، ނޭޝަނަލް ކްރައިމް ޕްރިވެންޝަން ޕޮލިސީއާއި، އިންޑަސްޓްރިއަލް ސެކިއުރިޓީ ޕޮލިސީއާއި އަދި ނޭޝަނަލް ކައުންޓަރ-ޓެރަރިޒަމް ސްޓްރެޓިޖީއެއް އެކުލަވާލެއްވުމަށް ބޭނުންވާ މައިގަނޑު މަސައްކަތްތައް، ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރގެ އޮފީހުން، ކަމާބެހޭ ދާއިރާތަކުގެ އެހީގައި މިހާރު ފުރިހަމަ ކުރައްވާފައިވާކަންވެސް ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ފާހަގަކުރެއްވިއެވެ.

އަދި ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރގެ އޮފީސް އުފައްދަވައި، ރާއްޖޭގެ ސަލާމަތާ ގުޅޭ ހުރިހާ ދާއިރާތަކުގެ ބައިވެރިވުން ހިމެނޭ ގޮތުގައި، ޤައުމީ ސަލާމަތާ ބެހޭގޮތުން ލަފާދޭ ކޮމިޓީތައް އެކުލަވާލެއްވިފައިވާކަމީ، ޤައުމީ ސަލާމަތީ ވިއުގަ އެކުލަވާލައްވައި، އިންސްޓިޓިއުޝަނަލައިޒް ކުރެއްވުމަށް ކުރައްވާ މަސައްކަތަށް، އިތުރު ބާރެއް ލިބިގެންދިޔަ ކަމެއް ކަމުގައިވެސް އަމީން ފައިޞަލް ވިދާޅުވިއެވެ.