بســم اللّـه الرّحمـن الرّحيــم

މިނިސްޓަރ އޮފް އެޑިޔުކޭޝަން އަލްފާޟިލާ ޝިފާ މުޙަންމަދު، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑޮކްޓަރ މުޞްޠަފާ ލުޠުފީ، އަދި ވައިސް ޗާންސެލަރ ޑޮކްޓަރ ޙަސަން ޙަމީދު، ޔުނިވަރސިޓީ ކައުންސިލްގެ ޢިއްޒަތްތެރި މެންބަރުން.

الســّلام عليــكم

މި ތާރީޚީ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޤާނޫނުގެ ދަށުން އެކުލަވާލެވޭ ފުރަތަމަ ޔުނިވަރސިޓީ ކައުންސިލް އިފްތިތާޙް ކުރުމުގެ ޝަރަފް އަޅުގަނޑަށް ދެއްވިކަމަށްޓަކައި ޔުނިވަރސިޓީގެ ޗާންސެލަރއަށް ޝުކުރު ދަންނަވަން.

އާދެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ރަމްޒުކޮށްދެނީ، އަޅުގަނޑުމެންގެ ކުރިމަގާމެދު ކުރާ އުންމީދުތައް. އަޅުގަނޑުމެންގެ ޤައުމަށްޓަކައި ދެކޭ ފޮނި ހުވަފެންތައް. މި ޔުނިވަރސިޓީގެ ދަރިވަރުންނަކީ، ކުރިމަގުގައި އެ ހުވަފެންތައް ޙަޤީޤަތަކަށް ހަދައިދޭންތިބި މިޤައުމުގެ ޒުވާން ލީޑަރުން. ޤައުމަށްޓަކައި އަޅުގަނޑުމެން ދެކޭހިތްވާ މުސްތަޤްބަލަކީ، އިންޞާފުވެރި، ޢަދުލުވެރި، އަމާން މުޖްތަމަޢެއް. ރައްޔިތުންގެ އިޤްތިޞާދީ ބޭނުންތައް ފުދިފައި ތިބި، ރައްޔިތުންގެ ޙައްޤުތައް ރައްކާތެރި ކުރެވިފައިވާ ޞުލްޙަވެރި އުފާވެރި މުޖްތަމަޢެއް. އަޅުގަނޑުމެންގެ އާ ޒުވާން ޖީލަކީ، މިދެންނެވިފަދަ މުސްތަޤްބަލަކާ ދިމާލަށް ދިވެހި މުޖްތަމަޢު ގެންގޮސްދެވޭފަދަ ވިސްނުންތެރިކަމާއި ޤާބިލްކަން ހުރި ބަޔަކަށް ހެދުމަކީ، މިޔުނިވަރސިޓީގެ އެންމެބޮޑު މަސްއޫލިއްޔަތު.

މިއަދު ތިޔަ ޢިއްޒަތްތެރި މަޖިލީހުގެ ވާޖިބަކީ، މިދެންނެވި އަމާޒު ޙާޞިލް ކުރުމަށްޓަކައި، މި ޔުނިވަރސިޓީގެ މިޞްރާބް ކަނޑައަޅުއްވައި، އެ މިޞްރާބުގައި ޔުނިވަރސިޓީގެ ދުވެލި ބާރުމިނެއްގައި ކުރިއަށް ގެންގޮސްދެއްވުން.

ޔުނިވަރސިޓީ ކައުންސިލްގެ މެންބަރުކަން، ތިޔަބޭފުޅުން ޤަބޫލު ކުރެއްވީތީ އަޅުގަނޑު، ތިޔަ ހުރިހާ ބޭފުޅުންނަށް މަރްޙަބާއާއި ޝުކުރު ދަންނަވަން. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސިޔާސަތުތައް ކަނޑައަޅުއްވައި، ޔުނިވަރސިޓީ ހިންގެވުމުގެ މުހިންމު މަސްއޫލިއްޔަތު، ޤާނޫނީ ގޮތުން އުފުއްލަވާ ބޭފުޅުންނަކީ، މި މަޖިލީހުގެ މެންބަރުން.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަކީ، ދުނިޔޭގެ ކުރިއަރާފައިވާ ޔުނިވަރސިޓީތަކުގެ ފެންވަރުގައި ފައިހަމަކުރާ ޔުނިވަރސިޓީއަކަށް ހެދުމަށްޓަކައި ކުރާންޖެހޭ ކަންތައް ކޮށްދެއްވުމަށް، މި މަޖިލީހުގެ ފަރާތުން އަޅުގަނޑު އެދެން. އަދި އަޅުގަނޑުމެން މިއެދޭ މުސްތަޤްބަލް ބައްޓަން ކުރުމަށްޓަކައި، އެންމެ ބޭނުންތެރި ރޮނގުރޮނގުން އިންސާނީ ވަސީލަތްތައް އުފެއްދުމަށްޓަކައި ކުރަންޖެހޭ ކަންތައް ކޮށްދެއްވުމަށް އެދެން. އެގޮތުން، މިޔުނިވަރސިޓީގެ ތަޢްލީމް ފުރިހަމަކުރާ ޒުވާނަކީ، ކޮންކަހަލަ ޢިލްމަކާއި ފިކުރެއްހުރި، ކޮންކަހަލަ އަޚްލާޤަކާއި ޤާބިލްކަމެއްހުރި ޒުވާނެއްތޯ ވިސްނަވައި ދެއްވުން އެދެން.

އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، ޔުނިވަރސިޓީގެ ގްރެޖުއޭޓުންވާންވާނީ، ދުނިޔޭގެ މުހިންމު ކަންކަމަށް ލޯ ހުޅުވިފައި ތިބި، މަސައްކަތުގެ މުރާލި އާދަކާދަތައް ދަސްވެފައިވާ، އެކަކު އަނެކަކާ މުޢާމަލާތު ކުރަން އެނގޭ، ވިސްނުންތެރިކަމާއެކު ކަންކަމަށް ފިކުރުކުރާ، ޤައުމުދެކެ ލޯބިވާ، ރިވެތި އަޚްލާޤެއްގެ ބަޔަކަށް. އަދި ހަމައެހެންމެ، އެމީހަކު ތަޢްލީމު ޙާޞިލްކުރި ދާއިރާއެއްގެ އެންމެފަހުގެ ޢިލްމް އެނގޭ އަދި އާ ޢިލްމު، އަމިއްލައަށް ހޯދަން އެނގޭ، ތޫނުފިލި ބަޔަކަށް. އަދި ކެރިގެން ކަންކަމުގައި އިސްނަގަންޖެހޭ ބަޔަކަށް. މިފަދަ ސިފަތައް އެކުލެވޭ ޒުވާނުންތަކެއްގެ ތަޞައްވުރުގައި، މިޔުނިވަރސިޓީ ބައްޓަން ކުރެއްވުމަށް ޔުނިވަރސިޓީ ކައުންސިލުން މަސައްކަތް ކޮށްދެއްވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

ޔުނިވަރސިޓީ ތަޢްލީމް ފުރިހަމަކުރާ ޒުވާނުންނަކީ، މިދެންނެވިހެން އަމިއްލަ ޢިލްމުވެރިކަމާއި ރިވެތި އަޚްލާޤު ލިބިފައިވާ ބަޔަކަށްވުމުގެ އިތުރުން، މިޤައުމުގެ ތަރައްޤީއަށްޓަކައި ހުރިހާ ރޮނގަކުން ވިސްނައި މަސައްކަތް ކޮށްދެވޭ ފެންވަރުގެ ބަޔަކަށްވާންޖެހޭ. ރާއްޖޭގެ ރައްޔިތުންގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމަށް ޚިދްމަތްކޮށްދެވޭފަދަ ބަޔަކަށްވާންޖެހޭ.

އަޅުގަނޑަށް ވިސްނޭ ގޮތުގައި، މިއަދު ދިވެހިރާއްޖޭގެ ގިނަ ބަޔަކު އެދެނީ، ދިވެހިރާއްޖެއަކީ ރައްޔިތުންގެ މަދަނީ، އިޤްތިޞާދީ އަދި ސިޔާސީ ޙައްޤުތައް ރައްކާތެރި ކުރެވިފައިވާ ޑިމޮކްރެޓިކް އިސްލާމީ ޤައުމަކަށްވުން. އެފަދަ ނިޒާމެއް ޤާއިމް ކުރެވޭނީ، ޤައުމުގެ ގިނަ ޢަދަދެއްގެ ރައްޔިތުންނަކީ، މިދެންނެވި ޙައްޤުތަކާއި ނިޒާމްތަކަށް، ލޯތަކާއި ހިތްތައް ހުޅުވައިގެން ތިބި، މިނިވަންކަމާއި ވިސްނުންތެރިކަމާއެކު ފިކުރުކުރާ ބަޔަކަށްވެގެން. އަދި ހަމައެހެން އަނެކާގެ ކުރިއެރުމަކީ، ތިމާގެވެސް ކުރިއެރުން ކަމުގައި ދެކި، އަޅުގަނޑުމެންގެ މެދުގައި އެކުވެރިކަމާއި އުޚުއްވަތްތެރިކަން އުފައްދައިގެން. ވީމާ، މި ޔުނިވަރސިޓީގެ ގްރެޖުއޭޓުންނަކީ، މިދެންނެވި ކަންކަމުގެ އުޞޫލުތަކާއި ވެލިއުސް ޤަބޫލުކޮށް، އެކަންކަން ފެތުރުމަށް މަސައްކަތްކުރާ ބަޔަކަށްވާންޖެހޭ. އަދި ހަމައެހެން، ތިމާއާ ތަފާތު ފިކުރުގެ މީހުންވެސް ބަލައިގަންނަން އެނގޭ، އަމިއްލަ ނަފްސަށް އިތުބާރު ހުރި، ކެތްތެރި ބަޔަކަށްވާންޖެހޭ.

މިދެންނެވި ސަބަބުތަކަށްޓަކައި، ޔުނިވަރސިޓީ ތަޢްލީމު ޙާޞިލްކުރާ ކޮންމެ ދަރިވަރަކު ނަގަންޖެހޭ އަސާސީ ކޯސްތަކެއް ހުންނަންޖެހޭ ކަމަށް އަޅުގަނޑު ދެކެން. ކޮންމެ ރޮނގަކުން ތަޢްލީމް ޙާޞިލްކުރި ނަމަވެސް، މިދަންނަވާ ކޯސްތައް ނަގަން ލާޒިމްކުރެއްވުމާމެދު ވިސްނާވަޑައިގަތުން އެދެން. އެގޮތުން، އަޅުގަނޑު 3 ދާއިރާއެއް ފާހަގަކުރަން. ފުރަތަމަ ދާއިރާއަކީ، އިސްލާމާއި ޑިމޮކްރަސީ. ދެވަނަ ދާއިރާއަކީ، ފިލޯސޮފީ. ތިންވަނަ ދާއިރާއަކީ، ބަހާއި އަދަބު.

ދިވެހިރާއްޖޭގައި ޑިމޮކްރެޓިކް އިސްލާމީ މުޖްތަމަޢެއް ބިނާކުރުމުގެ ބުރަ މަސައްކަތުގައި، ޢިލްމީ ގޮތުންނާއި ޢަމަލީ ގޮތުން ބައިވެރިވެވޭ ޒުވާނުންތަކަކަށް ޤައުމުވަނީ ބޭނުންވެފައި. ވީމާ، ޔުނިވަރސިޓީ ނިންމާ ޢިލްމީ ޒުވާނުންނަކީ، އިސްލާމްދީން ރަނގަޅަށް ދަސްކުރާ އަދި ދިރާސާކުރާ ބަޔަކަށްވުމަކީ މުހިންމުކަމެއް. ވީމާ، ޔުނިވަރސިޓީ ޑިގްރީ ޙާޞިލްކުރާ ކޮންމެ ޒުވާނަކީ، އިސްލާމީ ޢިލްމުގެ ކޯސްތަކެއް ނަގާ ބަޔަކަށްވާންޖެހޭ. އަދި މި ކޯސްތަކަކީ، ދިވެހި މުޖްތަމަޢާއި ޑިމޮކްރެޓިކް މުސްތަޤްބަލާ ގުޅިގެން ދެވޭ ކޯސްތަކަށްވާންޖެހޭ.

އަޅުގަނޑު ފާހަގަކުރި ދެވަނަ ދާއިރާއަކީ، ފިލޯސޮފީ. އެނގިވަޑައިގަންނަވާނޭ ފަދައިން، ޑިމޮކްރެޓިކް ވެށްޓެއް އުފެއްދޭނީ، ޑިމޮކްރެޓިކް ފިކުރާއި ވިސްނުން އެނގިގެން. މިދެންނެވި ފިކުރުތަކަކީ، ޒަމާނުއްސުރެ ތަރައްޤީވަމުން، ކުރިއަރަމުން އައިސްފައިވާ ފިކުރުތަކެއް. އޭގެ މަސްދަރާއި، އެއިން އުފެދިފައިވާ ތަފާތު ގޮފިތައް ދަސްކޮށް، ދިރާސާ ކުރުމަކީ، މުހިންމު ކަމެއް. އިންޞާފުވެރި، ޢަދުލުވެރި މުޖްތަމަޢެއްގެ ސިފަތަކާއި ޝަރުޠުތައް، ދުނިޔޭގެ ފަލްސަފީ ޘަޤާފަތުގައި ވަނީ ހިމެނިފައި. މިދެންނެވި ޘަޤާފަތް ނޭނގި، ޑިމޮކްރަސީއެއް ޤާއިމް ކުރެވިދާނެ ކަމަކަށް އަޅުގަނޑު ޤަބޫލެއް ނުކުރަން.

ތިންވަނަ ކަމަކަށް އަޅުގަނޑު ފާހަގަކުރީ، ޢިލްމީ ބަހެއްގެ މައްސަލަ. ޔުނިވަރސިޓީ ތަޢްލީމް ފުރިހަމަ ކުރުމަށްޓަކައިވެސް އަދި ކުރިމަގުގައި އެމީހަކު އެކިއެކި ރޮނގުރޮނގުން އިތުރަށް ދިރާސާ ކުރުމަށްޓަކައިވެސް ޢިލްމީ ބަހެއްގެ ބޭނުންކުރަންޖެހޭ. ޔުނިވަރސިޓީ ޑިގްރީ ނެގުމަކީ، މިއަދު އެމީހަކު ކިޔަވާ ރޮނގުން ހޯދިފައިވާ އެންމެފަހުގެ ހޯދުންތައް ދިރާސާ ކުރަންޖެހޭ ކަމެއް. އެފަދަ ދިރާސާތައް ޝާއިޢު ކުރެވިފައި ހުންނަނީ ޢިލްމީ މަޖައްލާތަކުގައި، ޢިލްމީ ފޮތްފޮތުގައި. ވީމާ، އެ މަޢްލޫމާތު ލިބިގަތުމަށްޓަކައި ދުނިޔޭގެ ގިނަ ބަޔަކު، އެކަމަށް ބޭނުންކުރާ ބަހެއް އެބައެނގެންޖެހޭ.

މިހާތަނަށް ރާއްޖޭގައި ޢިލްމީ ބަހެއްގެ ގޮތުގައި ގިނަބަޔަކު ބޭނުންކުރާ ބަހަކީ އަދި ވިޔަފާރި މުޢާމަލާތްތަކުގަޔާއި ޞިނާޢަތްތަކުގައި ބޭނުންކުރާ ބަހަކީ އިނގިރޭސިބަސް. އަދި ހަމައެހެން، އިންޓަރނެޓްގެ މައިގަނޑު ބަހަކީވެސް އިނގިރޭސިބަސް. ވީމާ، މިދެންނެވި ސަބަބުތަކަށްޓަކައި ދިވެހިރާއްޖޭގެ މަތީ ތަޢްލީމްދޭ މުއައްސަސާތަކުން ސެޓްފިކެޓް ހޯދާ ޒުވާނުންނަކީ، އިނގިރޭސިބަސް ރަނގަޅަށް ދަންނަ ބަޔަކަށްވާންޖެހޭ ކަމަށް އަޅުގަނޑު ޤަބޫލުކުރަން.

މިއަދު ރާއްޖޭގެ ޔުނިވަރސިޓީއަކުން ޑިގްރީ ޙާޞިލްކުރާ ޒުވާނަކީ، އިނގިރޭސިބަސް ބޭނުންކުރަން ނޭނގޭ މީހަކަށްވުމަކީ، ޤަބޫލު ކުރަން ދަތިކަމެއް. ވީމާ، އަޅުގަނޑު މިހުށަހަޅަނީ، ކޮންމެ ރޮނގަކުން ކިޔެވިނަމަވެސް، ޔުނިވަރސިޓީ ދަރިވަރުންގެ އިނގިރޭސިބަހުގެ ކަނޑައެޅިފައިވާ ފެންވަރެއް ހުންނަންޖެހޭ ކަމަށް. އަދި ޑިގްރީ ފުރިހަމަ ކުރުމަށް ނަގާ މަތީ ފެންވަރުގެ ކޯސްތައް ނެގުމުގެ ކުރިން، އިނގިރޭސި ފެންވަރު ޤާއިމްކުރެވޭނެ އިމްތިޙާނެއް ނުވަތަ ކޯސްތަކެއް އޮންނަން ޖެހޭނެ ކަމަށް.

މިދެންނެވި 3 ދާއިރާ އެކުލެވޭ ގޮތަށް، މަޢްލޫމާތާއި ހުނަރުތައް އުނގަންނަވައިދެއްވުމަކީ، ޔުނިވަރސިޓީގެ ވާޖިބެއް ކަމުގައި ތިޔަބޭފުޅުން ޤަބޫލު ކުރައްވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

އަޅުގަނޑުމެންގެ އަމާޒަކީ، ހަމައެކަނި ހަނި ދާއިރާއެއްގެ މަޢްލޫމާތުތަކެއް ނުވަތަ ހުނަރުތަކެއް އުނގަންނައިދިނުމެއް ނޫން. އަޅުގަނޑުމެން އެންމެންގެ މަސައްކަތްވާންވާނީ، މިހާރުގެ ބަހުރުވައިން ދަންނަވާނަމަ، [ވަށާޖެހިފައިވާ] ތަޢްލީމަކާއި ތަރުބިއްޔަތެއް ދެވިފައިވާ ޤާބިލް، ހުނަރުވެރި، ވިސްނުންތެރި ޒުވާނުންތަކެއް އުފެއްދުން. މިޤައުމުގެ އާ ޖީލުގެ ކުރީ ސަފުތަކުގައި ތިބޭނެ ލީޑަރުންތަކެއް އުފެއްދުން.

އަޅުގަނޑު ނިންމާލުމުގެ ކުރިން އަބަދުވެސް އަޅުގަނޑު ދަންނަވަމުން ގެންދާ ވާހަކައެއް، ދިވެހި ޤައުމީ ޔުނިވަރސިޓީއެއް އުފެދިގެންދާއިރުގައި، ދުނިޔޭގެ އެހެން ޤައުމުތަކާ އަޅާބަލާއިރުގައި، އެ ޔުނިވަރސިޓީ ކުރިއަށް ގެންދެވޭނެ ރޮނގުތަކެއް ފާހަގަކުރެއްވުމަކީ، މުހިންމު ކަމެކޭ. އެގޮތުން މި ޔުނިވަރސިޓީގައި އެޑްވާންސްޑް ސްޓަޑީޒް ޤާއިމު ކުރައްވާ ދާއިރާތަކަކީ، ރާއްޖޭގެ މާޙައުލާއި ރާއްޖޭގެ ތަޖުރިބާގެ މައްޗަށް ބިނާކޮށް، ކޮމްޕެރެޓިވް އެޑްވާންޓޭޖްތަކެއް ހުރި ދާއިރާތަކަކަށް ހެއްދެވުން ވަރަށް މުހިންމު. އެގޮތުން އަޅުގަނޑަށް ފާހަގަކުރެވޭ ދެތިން ދާއިރާއަކީ، ހޮސްޕިޓޭލިޓީއާއި ޓޫރިޒަމް، ކްލައިމެޓް ޗޭންޖް އަދި ފިޝަރީޒާއި މެރިޓައިމް ސައެންސަސް. އެހެންވީމާ، އަޅުގަނޑުގެ އެދުމަކީ، އަޅުގަނޑުމެން ހުރިހާ ކަމެއް ކުރަން އުޅުމުގެ ބަދަލުގައި، އެޑްވާންސްޑް ސްޓަޑީޒް ޤާއިމު ކުރައްވާއިރުގައި، ރާއްޖެއަށް ކޮމްޕެރެޓިވް އެޑްވާންޓޭޖެއް އޮވެގެން، ދުނިޔޭގެ އެހެން ޤައުމުތަކަކާއި އެހެން ޔުނިވަރސޓީތަކަށްވެސް އަޅުގަނޑުމެންނަށް ޙިއްޞާއެއް ކުރެވޭވަރުގެ ދާއިރާތަކެއްގައި މި އެޑްވާންސް ސްޓަޑީޒް ޤާއިމުކޮށްދެއްވުން.

އާދެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޤާނޫނުގެ ދަށުން އުފެދޭ ފުރަތަމަ ޔުނިވަރސިޓީގެ މަސައްކަތްޕުޅަށް އަޅުގަނޑު ހުރިހާވެސް ކާމިޔާބީއެއް އެދެން. اللّـه سبحـانـه وتعـالى، އަޅުގަނޑުމެންގެ މަސައްކަތުގައި ބަރަކާތް ލައްވާށި.

والســّلام عليــكم

________________