بســم اللّـه الرّحمـن الرّحيــم

ޗީފް އޮފް ޑިފެންސް ފޯސް، ޑެޕިއުޓީ ޗީފް އޮފް ޑިފެންސް ފޯސް، ޖެނެރަލުން، އޮފިސަރުން، އަދި އެމް.އެން.ޑީ.އެފް.ގެ އެންމެހާ ބޭފުޅުން.

السّـلام عليـكم

ރާއްޖޭގެ ރައްޔިތުންނަށް ކަނޑުދަތުރު ކުރުމާއި، ކަނޑުގައި ދިމާވާ ކަންކަމުގެ އެކިއެކި ހުނަރުތައް ލިބުމުގެ މުހިންމު ކަމަކީ، އެއްވެސް މީހަކު، އެއްވެސް ދިވެއްސަކު، އެހެން މީހަކަށް އިތުރަށް އޮޅުންފިލުވައިދޭން ޖެހޭނެ ކަމެއް ނޫން. މި ރާއްޖެ ފިޔަވައި، ދުނިޔޭގައި މަދުވާނެ، އެޤައުމެއްގެ އާބާދީގެ ވިހި، ފަނަރަ ޕަސެންޓް، ކޮންމެ ދުވަހަކު ކަނޑުމައްޗަށްއަރާ. ރާއްޖޭގެ ކޮންމެ ދުވަހަކު ހެނދުނު ސާޅީސްހާހަށްވުރެ ގިނަ މަސްވެރިން ދަތުރަށްއަރާނެ. ރާއްޖޭގައި މި ރާއްޖެ ފިޔަވައި ދުނިޔޭގައި ޤައުމެއް މަދުވާނެ، ކޮންމެ ދުވަހަކު، އެޤައުމުގެ ރައްޔިތުންގެ ތެރެއިން ވަރަށްގިނަ ބައިވަރު ރައްޔިތުން ދަތުރަށްއަރާ. ކޮންމެ ދުވަހެއްގެ ފަތިސްވެގެން އަންނައިރު، އަޅުގަނޑުމެން ރާއްޖޭގެ ސާޅީސްހާސް މަސްވެރިން މަހަށް ފުރާނެ. އަދި ހަމަ އެހާމެ ގިނަ ރައްޔިތުން، އެއްތަނުން އަނެއް ތަނަށް ދަތުރުކުރުމުގައި ކަނޑުމައްޗަށް އަރާނެ.

ހަމައެކަނި އަޅުގަނޑުމެންގެ ރާއްޖޭގެ ސިފައަކީ، މި ރާއްޖޭގެ ސަރަޙައްދުގެ ތެރެއިން އެންމެ ޕަސެންޓަކީ ބިމަށްވެފައި، ފަހަށްވެފައި އޮންނަ އޮތުމެއް ނޫން. އަޅުގަނޑުމެންގެ ރާއްޖޭގެ މުއްސަނދިކަން. އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުންގެ ޢާންމު ޙާލަތު މިއަދާ ހަމައަށްވެސް ތަނަވަސްކަމާއެކީގައި ގެނެސްދިނުމުގައި، އެންމެބޮޑު އެއް ޙިއްޞާއެއް ކުރާ ތަނަކީ، ކުރާ ކަމަކީ ކަނޑުގެ ރޯދި. އަޅުގަނޑުމެންގެ މުޅި އިޤްތިޞާދު، ޓުއަރިޒަމާއި އަދި މަސްވެރިކަން އެއީ، ކަނޑުގެ ރޯދީގެ މައްޗަށް ބިނާވެފައިވާ ދެ ޞިނާޢަތް. އަޅުގަނޑުމެންގެ ރާއްޖެ ތަރައްޤީ ކުރުމަށާއި އަދި ރާއްޖޭގެ ދިފާޢީ އެންމެހާ ކަންކަން ހެޔޮމަގުގައި، ކަށަވަރު ގޮތުގައި ދެމެހެއްޓުމަށްޓަކައި ކަނޑުގެ ހުނަރުތައް، ކަނޑުގެ ތަޖުރިބާ، އަޅުގަނޑުމެން ދިވެހިންނަށް ލިބެންޖެހޭކަމީ، އެއްވެސް ހާލެއްގައި އަޅުގަނޑުމެންނަށް އޮޅިފައި އޮތް ޙަޤީޤަތެއް ނޫން. އަދި ވަކިން ޚާއްޞަކޮށް، ދިވެހި ސިފައިންނަށް އެކަމާ ގުޅޭ ހުރިހާ ހުނަރެއް، އެންމެ ފުރިހަމައަށް ލިބިދީފައި ބޭތިއްބުމަކީ، އަބަދުވެސް އަޅުގަނޑުމެން ރާއްޖޭގެ ވެރިންގެ ވާޖިބަކަށްވާންޖެހޭނެ.

މިއަދު އަޅުގަނޑުމެންނަށް މާފިލާފުށީގައި، މި ސެންޓަރު އެއީ، މެރިޓައިމް ޓްރެއިނިންގ ސެންޓަރެއްގެ ގޮތުގައި އަދި ކޯސްޓްގާޑް، މެރިން ކޯރ ޓްރެއިނިންގ ސެންޓަރެއްގެ ގޮތުގައި އަދި ކޯސްޓްގާޑްގެ ޓްރެއިނިންގ ސެންޓަރެއްގެ ގޮތުގައި މިރަށުގައި، މާފިލާފުށީގައި މި މަސައްކަތް ފެށޭކަމީ، އަޅުގަނޑު ހިތުން އަޅުގަނޑުމެން އެންމެންނަށްވެސް، މި ރާއްޖޭގެ އެންމެ ރައްޔިތުންނަށް މިއަދު ލިބޭ ވަރަށްބޮޑު ޝަރަފެއް، ވަރަށްބޮޑު އުފަލެއް. ހަމައެކަނި މި ފުށްޓަކީ، މި މާފިލާފުށްޓަކީ، މި ރާއްޖޭގައި ރަސްކަންކުރި ރަށަކަށްވާތީއެއް ނޫން. ހަމައެއާއެކީގައި، އަޅުގަނޑުމެންނަށް މިމަސައްކަތުގެ ބޭނުންތެރިކަން، ކަނޑުގެ ދިރިއުޅުމާއި އަދި ދަތުރުފަތުރު ކުރުމުގެ އެންމެހާ ޢިލްމާއި، އެކަމާ ގުޅޭ ހުނަރުތައް އަޅުގަނޑުމެންގެ ސިފައިންނަށް ލިބިދިނުމަކީ ކޮންމެހެން ބޭނުންތެރިކަމެއް. ކޯސްޓްގާޑްގެ އެންމެހާ މަސައްކަތްތައް ފުރިހަމައަށް ހިންގިގެން ނޫނިއްޔާ، އަޅުގަނޑުމެންނަކަށް އަޅުގަނޑުމެންގެ ރާއްޖޭގެ އިޤްތިޞާދު ބިނާވެފައިވާ އެންމެހާ ޞިނާޢަތްތައް ދަމަހައްޓައި، ނަގަހައްޓައި ލެހެއްޓޭކަށެއް ނޯންނާނެ.

ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަކީ، މަސްވެރިންނަށްވެސް އެހާމެ މުހިންމު ކަމެއް. ރާއްޖޭގެ މަސްވެރިން ބާނާ މަސް އެއީ، އަޅުގަނޑުމެންގެ ހަމައެކަނި ކެއުމަށް ބޭނުންވާ މަހެއް ނޫން. އަދި އޭގެއިތުރުން، ރާއްޖޭގެ ވަރަށްބޮޑު ވިޔަފާރިއެއްވެސް ބިނާވެފައި އޮންނަނީ، އެ މަސްވެރިކަމުގެ މައްޗަށް. ކޯސްޓްގާޑުން މި ޓްރެއިނިންގ ސެންޓަރުން ތަމްރީނުވެގެން ނުކުންނަ ހުނަރުވެރި ސިފައިންނަކީ، އަޅުގަނޑުމެން މީގެކުރީގައި ދުށް މިންވަރަށްވުރެ އަދި އާ އަދި ކިތަންމެ ތަނަކުން، ކިތަންމެ ހުނަރެއް ލިބި ތިބި ބަޔަކަށްވާނެކަމީ، އަޅުގަނޑުމެން ޝައްކުކުރާ ކަމެއް ނޫން.

ހަމައެހެންމެ، ރާއްޖޭގެ އިޤްތިޞާދުގައި ހިމެނޭ ދެން އަނެއް ބޮޑު އެއް ޞިނާޢަތަކީ ބޯޓް ދަތުރުކުރުން. އަޅުގަނޑު މިއަދު ޖެހިލުމެއްނުވޭ، އަދި އަޅުގަނޑަށް ސާފުކޮށް އެނގޭ، 50 މީހުން ބޯޓަށް އެރީމާ އެއީ، ރެޒޯޓެއްގެ އާމްދަނީކަން ޤައުމަށް ވަންނަ. އެ އާމްދަނީ އަޅުގަނޑުމެންނަށް ހޯދުމަށްޓަކައި މި ސެންޓަރުތަކުން ނުކުންނަ ދަރިވަރުން ބައިވެރިވާނެކަމީ، އަޅުގަނޑު ޝައްކުކުރާ ކަމެއް ނޫން. ދިވެހި ސަރުކާރުން މިހާރު މިވަނީ ބައިނަލްއަޤްވާމީ ލަޝްކަރުތަކުގައި އެމް.އެން.ޑީ.އެފް.އަށް ބައިވެރިވެވޭނޭ ފުރްޞަތުތަކެއް ފަހިކޮށްދެވިފައި. އެހެންވީމާ، މި ސެންޓަރުގެ ބޭނުންތެރިކަން އަދި ޢަމްދުން އިތުރުވެގެން އެބަދޭ. އަޅުގަނޑު ފުރިހަމައަށް ގަބޫލުކުރަން، މި މަދްރަސާ، މި ސެންޓަރުގެ އަދި ކިތަންމެ ކިތަންމެ ކަންކަމެއް ފުރިހަމަވާންޖެހޭކަން.

އަޅުގަނޑުމެން ކުރިއަށް އޮތް ތަނުގައި ކުރަމުން ގެންދާނެ މަސައްކަތަކީ، މިދަންނަވާ ކަންކަން ފުރިހަމަ ކުރަމުން ގެންދިޔުން. މި ސަރުކާރު، ސަރުކާރު ހިންގުމާ ޙަވާލުވީ ފަހުން، އަޅުގަނޑަށް މިލިބުނީ ސެންޓަރެއް، ޓްރެއިނިންގ ސެންޓަރެއް، ދެވަނަ ސެންޓަރު ހުޅުވުމުގެ އުފާ. ގިރިފުށީގައި ވަނީ އޮފިސަރ ޓްރެއިނިންގ ސެންޓަރެއް ޤާއިމް ކުރެވިފައި. މާފިލާފުށީގައި މިއަދު އަޅުގަނޑުމެންނަށް މި ޤާއިމް ކުރެވޭ ސެންޓަރު އެއީ، އަޅުގަނޑު ދެކޭނީ، އެމް.އެން.ޑީ.އެފް.ގެ ތަރައްޤީގެ ޗޭނުތަކުން އަދި އިތުރަށް އަޅުގަނޑުމެންނަށް އެއްކޮށްލެވުނު ބޮޅެއް ގޮތުގައި. އަޅުގަނޑު އެމް.އެން.ޑީ.އެފް.ގެ އެންމެހާ ޖެނެރަލުންނަށް، އޮފިސަރުންނަށް އަދި އެންމެ ބޭފުޅުންނަށް ނުހަނު މަރްޙަބާ ދަންނަވަން. އެބޭފުޅުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ މުހިންމު ކަމަކީ، ރާއްޖޭގެ އެއްވެސް ރައްޔިތަކަށް ކުޑަކޮށްވެސް އޮޅިފައި އޮންނާނޭ ކަމެއް ނޫން.

އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، މި ސަރުކާރު އަދި އަޅުގަނޑު، ތިޔަބޭފުޅުންގެ މަސައްކަތުގައި ބައިވެރިނުވާނޭ އެންމެ ހިނދުކޮޅެއްވެސް ނުބާއްވާނަން. ހަމައެއާއެކުގައި އަޅުގަނޑު ޔަޤީން ކުރަން، ތިޔަބޭފުޅުންގެ ކިބައިން، ސީދާ ސާދާކޮށް ޤާނޫނު ފާހަގަކުރާ، ހުއްދަކުރާ، ބަޔާންކުރާ ކަމެއް ނޫން ކަމެއް މި ސަރުކާރަކުންނެއް ނޭދޭނެ. އަޅުގަނޑުމެންގެ އަމިއްލަ މަސައްކަތެއް ކުރުމަކަށެއް ދުވަހަކުވެސް އަޅުގަނޑުމެންނެއް ތިޔަބޭފުޅުންގެ ކިބައަކުން ނޭދޭނެ. އެއީ، ތިޔަބޭފުޅުން ތިޔަކުރައްވަނީ އަޅުގަނޑުމެންގެ އަމިއްލަ މަސައްކަތް ކަމަށްވާތީ. އަޅުގަނޑުމެން ރާއްޖޭގެ އެންމެ ރައްޔިތުންގެ ސީދާ، އެމީހުންގެ އަމިއްލަ މަސައްކަތް. ސަލާމަތްތެރިކަމާއެކީގައި، ރިވެތި ގޮތުގައި އަޅުގަނޑުމެންނަށް ކޮންމެ ރެޔަކުމެ މި ނިދެނީ ތިޔަބޭފުޅުން ހޭލާ ތިއްބަވާތީ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحَمْـدُ لِلّـهِ. والســّلام عليــكم.
_______________________