ދެކުނު ކޮރެއާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ޗޮއި ޖޮންގ މޫން، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް މިއަދު އަރުއްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ދެކުނު ކޮރެއާގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދެކުނު ކޮރެއާއާއި ރާއްޖެއާ ދެ ޤައުމުގެ ދެމެދުގައި އޮންނަނީ ވަރަށް ގާތް ރަޙްމަތްތެރި ގުޅުމެއް ކަމުގައި ވިދާޅުވެ، މިގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި ސަރުކާރުން ހިންގަވާ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ ދަށުން، ދެކުނު ކޮރެޔާގެ ކުންފުންޏެއް ކަމުގައި ނެކްސްޖެން އިން ރާއްޖޭގައި ގެދޮރު ޢިމާރާތް ކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުމާ ބެހޭގޮތުން، ރައީސުލްޖުމްހޫރިއްޔާ މަޝްވަރާ ކުރެއްވިއެވެ. މީގެއިތުރުން، ރާއްޖޭގެ ތަރައްޤީގައި ދެކުނު ކޮރެޔާގެ ކުންފުނިތަކުގެ ބައިވެރިވުން އިތުރުކުރެއްވުމާ ބެހޭގޮތުންވެސް ވާހަކަފުޅު ދެއްކެވިއެވެ.

ދެކުނު ކޮރެއާގެ އާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ތަރައްޤީއަށް، ދެކުނު ކޮރެއާއިން އެހީތެރިކަން ދެއްވާނެ ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާއަށް އެރުއްވިއެވެ. އަދި ދެކުނު ކޮރެއާއަކީ، އަމިއްލަ ކުންފުނިތަކާއި، އެ ޤައުމުގެ އިޤްތިޞާދުގައި ޕްރައިވެޓް ސެކްޓަރގެ ހަރަކާތްތެރިވުން އިތުރު ޤައުމަކަށްވާތީ، ދެކުނު ކޮރެއާގެ ކުންފުނިތަކުން ރާއްޖޭގައި ހުރި ވިޔަފާރީގެ ފުރުޞަތުތަކުގައި ބައިވެރިވުމާއި، ރާއްޖޭގެ އިޤްތިޞާދުގައި ހަރަކާތްތެރިވުން އިތުރުކުރުމުގެ މުހިންމުކަން ސަފީރު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، އެޑްވައިޒަރ އޮން ޕޮލިޓިކަލް އެފެއާޒް މުޙަންމަދު ޝިހާބާއި، ފޮރިން ޕޮލިސީ އެޑްވައިޒަރ ޑޮކްޓަރ އަޙްމަދު ޝަހީދާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ ނައިބު ޙައުލާ އަޙްމަދު ދީދީ ބައިވެރިވެވަޑައިގެންނެވިއެވެ.