ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ފާދިއްޕޮޅު ނައިފަރަށް ވަޑައިގެން، އެރަށު ރަށު ކައުންސިލާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި، ނައިފަރުގެ ތަރައްޤީއަށް ސަރުކާރުން ހިންގަވަމުން ގެންދަވާ ޕްރޮގްރާމްތަކާއި، ހިންގެވުމަށް ހަމަޖައްސަވާފައިވާ ޕްރޮގްރާމްތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ މަޝްވަރާ ކުރެއްވިއެވެ. މިގޮތުން، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ނައިފަރުގެ ބަނދަރު ހެއްދެވުމުގެ މަސައްކަތް މިއަހަރު ފަށްޓަވާނެ ކަމުގައި ވިދާޅުވިއެވެ. ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން، ނައިފަރު ބަނދަރު ހެއްދެވުމަށް ސަރުކާރުން ވަނީ މިދިޔަ އަހަރު ނޮވެމްބަރު މަހު ވާރކްސް ކޯޕަރޭޝަނާ ހަވާލުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ނައިފަރަށް ކުރެއްވި ދަތުރުފުޅުގައި، ރާއްޖޭގެ އަމިއްލަ ޖަމާޢަތެއް ކަމުގައިވާ ޓައިނީ އައިލެންޑް ވޮލަންޓިއަޒްގެ ފަރާތުން، ނައިފަރުގައި ހިންގާ ޓައިނީ އައިލެންޑް މެރީން ޕްރޮޓެކްޝަން ސެންޓަރަށް ޒިޔާރަތް ކުރެއްވިއެވެ. މި ޒިޔާރަތުގައި ޓައިނީ އައިލެންޑް ވޮލަންޓިއަރޒާއި، ނައިފަރުގެ އަމިއްލަ ޖަމާޢަތެއް ކަމުގައިވާ ނައިފަރު ޖުވެނައިލާ ގުޅިގެން، މި ސެންޓަރުގައި ހިންގާ ޓައިނީ އައިލެންޑް ކޮންޒަރވޭޝަން ޕްރޮގްރާމްގެ ދަށުން، ވެލާ ކަހަނބު ހިމާޔަތް ކުރުމަށް ކުރަމުންދާ މަސައްކަތް ބައްލަވާލެއްވިއެވެ. އަދި މި ޕްރޮގްރާމްގެ ދަށުން، އެ ސެންޓަރުގައި ވިއްސާފައިވާ ކުދި ވެލާ، ނައިފަރު ފަޅު ތެރޭގައި އެ ސެންޓަރުން ޤާއިމް ކޮށްފައިވާ ކޮށްޓަށް ދޫކުރުން ފަށްޓަވައިދެއްވުމުގެ ގޮތުން އެމަނިކުފާނު، އެއްވެލާ އެ ކޮށްޓަށް ދޫކޮށްދެއްވިއެވެ. މި ވެލާތައް އެ ކޮށްޓަށް މި ދޫކޮށްލީ، އެ އެއްޗެހީގެ އުމުރުން 6 މަސް ވުމަށްފަހުގައެވެ. އަދި މީގެ އެއް އަހަރު ފަހުން، ކަނޑަށް ދޫކޮށްލެވޭ ވަރަށް މި ވެލާތައް ބޮޑު ވާނެކަމަށް އެ ސެންޓަރުން މަޢުލޫމާތު ދެއްވައެވެ. އެ ސެންޓަރުން ހިންގާ ވެލާ ކަހަނބު ޙިމާޔަތް ކުރުމުގެ ޕްރޮގްރާމާބެހޭ ވީޑިއޯ ޕްރެޒެންޓޭޝަނެއްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ.

ޓައިނީ އައިލެންޑް ވޮލަންޓިއަރޒް އަކީ، ރާއްޖޭގައި ވޮލަންޓަރީ ޕްރޮގްރާމްތައް ހިންގުމުގައި ހަރަކާތްތެރިވާ ރާއްޖޭގެ އަމިއްލަ ޖަމާޢަތެކެވެ. ޓައިނީ އައިލެންޑް ވޮލަންޓިއަރޒުން ނައިފަރުގައި ހިންގާ ކޮންޒަރވޭޝަން ޕްރޮގްރާމްގެ ތެރޭގައި، ނައިފަރު ސްކޫލްތަކުގެ ދަރިވަރުންނަށް ތިމާވެށީ ހިމާޔަތް ކުރުމާބެހޭ މަޢުލޫމާތު ދިނުމާއި، އަދި ތިމާވެށްޓާއި ފަރުތައް ހިމާޔަތް ކުރުމުގެ ވަރަށް ގިނަ ހަރަކާތްތަކާއި، ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ނައިފަރަށް ކުރެއްވި ދަތުރުފުޅުގައި، އެރަށު ޞިއްޙީ މަރުކަޒަށާއި، މަދަރުސަތުލް އިފްތިތާޙަށް ޒިޔާރަތް ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިއަދު ވަރަށް ހަވީރުގެ ވަގުތެއްގައި ވަނީ މާލެ ވަޑައިގެންފައެވެ.