ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ފާދިއްޕޮޅު ހިންނަވަރަށް ވަޑައިގެން، އެރަށު ރަށު ކައުންސިލާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި، ޕަބްލިކް ހެލްތްގެ މަސައްކަތްތައް ލާމަރުކަޒު ކުރައްވައި، ރަށްރަށުގައި ޕަބްލިކް ހެލްތްގެ ޚިދުމަތް ފޯރުކޮށްދެއްވުން ރަށު ކައުންސިލްތަކާ ޙަވާލުކުރެއްވުމާ ގުޅިގެން، މި މަސައްކަތް ހިންނަވަރުގައި މިހާރު ހިނގަމުންދާ ގޮތާއި، މި މަސައްކަތް އިތުރަށް ފުރިހަމަ ކުރެއްވުމަށް ކުރައްވަންޖެހޭ ކަންކަމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ، ރަށު ކައުންސިލާ މަޝްވަރާ ކުރެއްވިއެވެ.

މީގެއިތުރުން، ހިންނަވަރުގައި އަލަށް ހިއްކާފައިވާ ބިމުގެ ފައިދާ، އެންމެ ފުރިހަމަ ގޮތުގައި ހޯއްދެވޭނެ ގޮތަކަށް ކަންކަން އިންތިޒާމް ކުރައްވައިގެން، ކައުލްސިލްގެ އާމްދަނީ އިތުރުކުރެއްވިދާނެ ގޮތްތަކާ ބެހޭގޮތުންވެސް ހިންނަވަރު ރަށު ކައުންސިލާ ރައީސުލްޖުމްހޫރިއްޔާ މަޝްވަރާ ކުރެއްވިއެވެ. މިގޮތުން، ގެދޮރު އިމާރާތް ކުރުމަށާއި، އިޤްތިޞާދީ ތަފާތު މަސައްކަތް ކުރުމަށް ވިޔަފާރީގެ އުޞޫލުން ބިން ދޫކުރެއްވުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ، ކައުންސިލްގެ ބޭފުޅުންނާ ޚިޔާލު ބަދަލުކުރެއްވިއެވެ.

ސަރުކާރުންވަނީ ބޮސްކާލިސްއާ ޙަވާލުކުރައްވައިގެން، 2010ވަނަ އަހަރު ހިންނަވަރުގައި 28 ހެކްޓަރުގެ ބިމެއް ހިއްކަވާފައެވެ. އަލަށް ހިއްކި ބިމުގެ ވަށައިގެން ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް މި އަހަރުގެ މާޗް މަހުގެ 1 ވަނަ ދުވަހު ވަނީ ނިމިފައެވެ.

ހިންނަވަރުގައި ސަރުކާރުން ހައްދަވާފައިވާ ބަނދަރަކީ، ސަރުކާރުން ހިންގަވާ ބަނދަރުމަތީ ބާޒާރު ތަރައްޤީ ކުރެއްވުމުގެ ޕްރޮގްރާމްގެ ދަށުން ފުރިހަމަ ވިޔަފާރި ބަނދަރެއްގެ ގޮތުގައި ތަރައްޤީ ކުރެއްވުމަށް ހަމަޖައްސަވާފައިވާ ބަނދަރަކަށްވާތީ، މިކަމާ ބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ، ހިންނަވަރު ރަށު ކައުންސިލާ މަޝްވަރާކުރެއްވިއެވެ. އަދި، މި ޕްރޮގްރާމްގެ ދަށުން، ހިންނަވަރު ބަނދަރުގައި 2012 ވަނަ އަހަރު ބޭރުތޮށްޓެއް ލުމަށް ސަރުކާރުން ހަމަޖައްސަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ހިންނަވަރަށް ކުރެއްވި ދަތުރުފުޅުގައި، ހިންނަވަރު ޞިއްޙީ މަރުކަޒަށް ޒިޔާރަތް ކުރައްވައި، އެތަނުގެ މަސައްކަތްތައް ހިނގާ ނުހިނގާގޮތް ބައްލަވާލައްވައި، އެ މަރުކަޒުގެ ވެރިންނާއި މުވައްޒަފުންނާ ބައްދަލުކުރެއްވިއެވެ. އަދި ހިންނަވަރު ސްކޫލަށް ޒިޔާރަތް ކުރައްވައި، ސްކޫލް ބޯޑާ ބައްދަލުކުރެއްވިއެވެ. މީގެއިތުރުން، ހިންނަވަރު އިންޖީނުގެއަށާއި، ހިންނަވަރުގެ ޒުވާނުންގެ މަރުކަޒަށް ރައީސް ވަޑައިގެންނެވިއެވެ. އެ ރަށުގެ އަމިއްލަ ޖަމްޢިއްޔާ އަކުން ހިންގަވާ ނާރސަރީވެސް ރައީސް ބައްލަވާލެއްވިއެވެ.

ދިވެހި ސިފައިންގެ އަހަރީ ދުވަސް ފާހަގަ ކުރެއްވުމުގެ ގޮތުން އެމް.އެން.ޑީ.އެފް.އިން ހިންނަވަރުގައި ކުރިއަށް ގެންދަވާ ފޮޓޯ މަޢުރަޒުވެސް އެމަނިކުފާނު ބައްލަވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ހިންނަވަރުން ފުރާވަޑައިގެންނެވުމުގެ ކުރިން، ހިންނަވަރުގައި އަލަށް ހިއްކާފައިވާ ބިމުގައި އެމަނިކުފާނު ގަހެއް އިންދަވައިދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ފާދިއްޕޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިހާރު ވަނީ އެ އަތޮޅު ނައިފަރަށް ވަޑައިގެންފައެވެ.