ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ޤާނޫނުއަސާސީގެ 210 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 2007/4 (އޮޑިޓް ޤާނޫނު)ގެ 2 ވަނަ މާއްދާގެ ދަށުން، އޮޑިޓަރ ޖެނެރަލް ކަމުގެ މަގާމަށް ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ބްރޫމް ނިޔާޒް އިބްރާހީމް މިއަދު ޢައްޔަންކުރައްވައިފިއެވެ.
ނިޔާޒް އިބްރާހީމް، އޮޑިޓަރ ޖެނެރަލްކަމުގެ މަގާމަށް ޢައްޔަން ކުރައްވައި، އެކަމުގެ ލިޔުން ހަވާލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ނިޔާޒް އިބްރާހީމަކީ އޮޑިޓަރ ޖެނެރަލް ކަމުގެ މަޤާމަށް ޤާބިލް އަދި އެކަށީގެންވާ ބޭފުޅެއް ކަމުގައި ވިދާޅުވިއެވެ. ޤާނޫނުއަސާސީއަށް ގެނެވުނު އިޞްލާޙްތަކާއެކު މުސްތަޤިއްލު މުއައްސަސާތަކެއް އުފެދިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވަމުން، އެ މުއައްސަސާތައް ރަނގަޅަށް މަސައްކަތް ކުރީމާ ނޫނީ، އަޅުގަނޑުމެން އެދޭ ތަރައްޤީ އަޅުގަނޑުމެންނަށް ނުލިބޭނެ ކަމުގައި ވިދާޅުވިއެވެ. ސަރުކާރުގެ ބޭނުންފުޅަކީ، އޮޑިޓަރ ޖެނެރަލް، ސަރުކާރުގެ ހުރިހާ ފައިސާއާއި، އެހެން މުއައްސަސާތަކުގެ ފައިސާއާއި، އަދި މި ދައުލަތުގެ އެންމެހާ މުއްސަނދިކަން ރިވެތި ގޮތުގައި އޮޑިޓް ކޮށްދެއްވަމުން ގެންދަވައި، އަދި ދައުލަތުގެ ފައިސާ ރަނގަޅަށް ބަލަހައްޓަވައި ދެއްވުން ކަމުގައި ވިދާޅުވިއެވެ.
ނިޔާޒް އިބްރާހީމަށް މަގާމުގެ ލިޔުން ހަވާލުކުރެއްވުމުގެ ކުރިން، އެމަނިކުފާނު އޮޑިޓަރ ޖެނެރަލް ކަމުގެ ހުވާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ޢަރީފުގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ. ހުވާ ކުރެއްވުމަށްފަހު، އޮޑިޓަރ ޖެނެރަލްކަމުގެ ހުވާގެ އިޤްރާރުގައި ސޮއިކުރެއްވިއެވެ.