بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އަޅުގަނޑަށް އެކަންޏެއް ނޫން ކެލާ މުހިންމީކީއެއް. އަދި މިރާއްޖޭގައި ހިނގި ހުރިހާ ވެރިކަމަކަށްވެސް ކެލައަކީ ވަރަށް މުހިންމު ރަށެއް. މާލޭގައި ރަސްރަސްކަލުން، ރަސްކަމަށް އިސްވާއިރު، ކެލާ ކަތީބު ހުރެގެން ނޫނިއްޔާ، ޒަމާނުއްސުރެ ފަށައިގެން، މާލޭގައި ރަދުންނަކަށް ރަސްކަލެއްގެ ގޮތުގައެއް ވެއެއްނުދޭ. ތާރީޚީ ގޮތުންވެސް އަދި މިރާއްޖޭގެ ރަށްވެހިކަމުގެ ގޮތުން، ރަށްވެރިކަމުގެ ތާރީޚުގައި، މިރަށުގެ މުހިންމުކަމަކީ އެއްވެސްއިރެއްގައި އަޅުގަނޑުމެންނަށް އޮޅިފައި އޮތް މުހިންމު ކަމެއް ނޫން. ވަކިން ޚާއްޞަކޮށް، ވޯޓްލުމުގައި ދާދިފަހަކުންވެސް މުޅި ރާއްޖޭގެ އެހެން ހުރިހާ ރައްޔިތުން ވަރަށްބޮޑު ނާމާންކަމެއްގެ ތެރޭގައި، ބިރުވެރި ކަމެއްގެ ތެރޭގައި ތިބި ދުވަސްވަރުވެސް، 1998 ވަނަ އަހަރު ކެލާ ރައްޔިތުން އެންމެން ދެއްކި ވާހަކައެއް ނޫން އޭރުގައިވެސް ދެއްކީކީއެއް. މާފަހުން، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ނަމުގައި ޕާޓީއެއް އައިސް ދައްކާން ފެށީ ކެލާ ރައްޔިތުން، 1998 ވަނަ އަހަރުއްސުރެ ފަށައިގެން ދެއްކި ނަމޫނާ. ދެއްކި ވާހަކަ.

އަޅުގަނޑު ކެލައަށް އަންނަތާ ކިތަންމެ ދުވަހެއްވެއްޖެ. އަޅުގަނޑު ހަނދާންވާ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި ތިންވަނަފަހަރު، އަދި އޭގެކުރީގައި ޕާޓީގެ މަސައްކަތުގައި އަޅުގަނޑަށް ގުނާ ޢަދަދުކުރާކަށް ނޭނގެ. އަދި އޭގެވެސް ކުރީގައި އަޅުގަނޑު އަބަދުވެސް ކެލައަށް އައިސް އުޅެން. ކެލާގެ ތަރައްޤީއާއި އަދި މިރަށުގެ ކުރިއެރުން، މުޅި ރާއްޖޭގެ ތަރައްޤީއާ ގުޅިފައި އޮތްކަމީ، އަޅުގަނޑުމެން އެންމެން ވަރަށް ފުރިހަމައަށް ޤަބޫލުކުރާ ޙަޤީޤަތެއް. ޚާއްޞަކޮށް، ތިލަދުންމަތި ތަރައްޤީވެދިޔުމަށް، ތިލަދުންމަތި އެނބުރުމަށް ކެލާ ރައްޔިތުންނާއި، ކެލާގެ ރަށްވެރިކަމާއި، ކެލާގެ މުއްސަނދިކަމާއި، ކެލާގެ ތަޖްރިބާ އެއީ ކޮންމެހެން ބޭނުންތެރި އެއްޗެއްކަން، މިއަތޮޅު، މި ތިލަދުންމަތީ ރައްޔިތުން، އަޅުގަނޑަށް ޔަޤީން، ހަމަ ފުރިހަމައަށް ޤަބޫލު ކުރާނެކަން.

ރާއްޖޭގެ ވެރިކަން، ޒަމާނުއްސުރެ ފަށައިގެން ކުރެވެމުން އައި ގޮތްތަކަށް ބަދަލު އައިސް، އަޅުގަނޑުމެންނަށް ސިޔާސީ ޕާޓީތައް އުފެއްދި، ޤާނޫނުއަސާސީ އިޞްލާޙު ކުރެވި، އެ އިޞްލާޙުގެ މައްޗަށް ބިނާކޮށް ރިޔާސަތެއް އެކުލަވައިލި. އަދި ރައްޔިތުންގެ މަޖިލީހެއް އެކުލަވައިލެވި، އެއަށްފަހު، ރަށްވެރިކަން މުޅިން އެހެން ގޮތަކަށް ބައްޓަންކުރަން އަޅުގަނޑުމެން މިތިބީ ފަށާފައި. ނަޞީބު ދިމާކުރިގޮތުން ނުވަތަ ބަދުނަޞީބު ދިމާކުރިގޮތުން ކެލާގެ ރައްޔިތުންގެ ކައުންސިލް، ރަށު ކައުންސިލް މިއޮތީ އަދި އިންތިޚާބުނުވެ. އެހެންވީމާ، އެބަދަލުގެ ތެރެއަށް ކެލާ އަދި އެބަ ފުރިހަމައަށް ވަދެ ހިމުންވާންޖެހޭ. ކެލާގެ އިންތިޚާބު، އެއިރުގައި ހުއްޓި އަދި އެ ހުއްޓުނު ހުއްޓުމާއި، އަލުން އަނބުރާ ޝަރީޢަތުން އެ އިންތިޚާބު ބާއްވައިދިނުމަށް ކަނޑައެޅި ކަނޑައެޅުމަކީ، އަނެއްކާވެސް މި ރާއްޖޭގެ ތާރީޚީ އިތުރު ޞަފްޙާ.

މީގެކުރީގައި، އަޅުގަނޑު ކުރިން މިދެންނެވި 1998 ވަނަ އަހަރު އިންތިޚާބަށް ގޮތެއްވީމާ، އެންމެން ހައްޔަރުކުރީ. ދެން ވެރިންނަށް ތިބީ މީހުން އެއްކައިރިކުރީ. ޝަރީޢަތަކަށް ނޫން ދިޔައީކީ. އަދި ޝަރީޢަތުން އިންޞާފުވެރިކަމާއެކީގައި އިންތިޚާބު ބޭއްވުމަށް ކަނޑައެޅީކީއެއްވެސް ނޫން. ދިނަސް، ނުދިނަސް ހަމަ ކަނޑާ ކަނޑާ ބަންގަޅީހޭ ބުނާ އުޞޫލު ބާރަށް ކުރިއަށް ގެންދެވުނީ. އަޅުގަނޑު މިރޭ އުފާވަނީ، އަޅުގަނޑުމެން މިއަދު އައިސް މިތިބީ، މުޅިން އެހެން ޙަޤީޤަތެއްގައި ކަމަށްވާތީ. އިންޞާފް، މި ރާއްޖޭގައި ޤާއިމް ކުރެވޭ ކަމުގެ ވަރަށްބޮޑު ރަމްޒެއް މިރޭ ކެލައިން ފެންނާތީވެ. ކޮން ކަމެއްހޭ، މި ސަރުކާރުން ކުރީ އެހީމާ، އަޅުގަނޑު ހިތަށްއަރަނީ، ކެލާގައި އިންތިޚާބު ބޭއްވުމޭ. އަލުން އަނބުރާ އިންތިޚާބު ކެލާގައި ބޭއްވުމޭ. އިންޞާފް ހޯދައިދިނުމަށް މަސައްކަތް ކުރުމޭ. އަދި އެމަސައްކަތަށް މަގުފަހިވާނެ ނިޒާމެއް، މިރާއްޖޭގައި ޤާއިމް ކުރުމޭ. އެއީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ އެންމެބޮޑު މަޝްރޫޢަކީ. އެމަޝްރޫޢު ހިންގުނީމާ، އަޅުގަނޑުމެންނަށް ނަރުދަމާ އެޅެނީ. އެއްގަމު ތޮށި އެޅެނީ. ބޭރު ބޮޑުހިލަ ބަނދަރު ހެދެނީ. އެ މަޝްރޫޢު ހިންގީމާ، އަޅުގަނޑުމެންނަށް ހެލްތް ސެންޓަރު ރަނގަޅު ކުރެވެނީ. ސްކޫލް، އެއްދަންފަޅިއަށް ބަދަލުކުރެވެނީ. އޯ ލެވެލް އިމްތިޙާނުގައި ބައިވެރިވާ ގިނަ ކުދިން ފާސްކުރެވެނީ.

ރައްޔިތުންގެ ފަރާތުން ރައްޔިތުންނަށްޓަކައި، ރައްޔިތުންގެ އިޙްސާސްތަކާ އެއްގޮތްވާ ގޮތުގެ މަތިން، ވެރިކަން ކުރިއަށް ގެންދެވުނީމާ، އަޅުގަނޑުމެން މިއެދޭ ތަރައްޤީ، އަޅުގަނޑުމެންނަށް ހޯދެނީ. އެ ތަރައްޤީއަށްޓަކައި އަޅުގަނޑުމެން އެންމެންވެސް މަސައްކަތް ކުރަނީ. ސަރުކާރުގެ ހުރިހާވެސް ބޭނުމަކީ، ކެލާ ކުރިއަށް ދިޔުން. މި ސަރުކާރުން ކަނޑައަޅާފައި، ކުރާން ކަނޑައަޅާފައި ހުރި ބައެއް ކަންކަން، އެ ކަނޑައަޅާފައި ހުރި ދުވަސްތަކުގައި ނުކުރެވޭކަން އަޅުގަނޑު ހަމަ ހިތުގެ އަޑިން ގަބޫލު ކުރަން. ޙަޤީޤަތްތަކެއްވެސް އޭގެތެރޭގައި ހުރި ކަމަށް އަޅުގަނޑަށް ޔަޤީން. އެހެން ނަމަވެސް، އެއީ މަސް ނުބޭނުނީމާ ކަނޑު ނުބައިކުރުން ބާވަތުގެ ކަމަކަށްވާކަންވެސް އަޅުގަނޑަށް އެނގޭ. އެހެން ނަމަވެސް، ތަރައްޤީއަކީ ބޮޑުހިލަ ބަނދަރަކުން މިނާ އެއްޗެއް ނޫންކަން، ތަރައްޤީއަކީ ކޮންކްރީޓުން ކިރާ އެއްޗެއް ނޫންކަން އެއީ، އިންސާނީ ޙަޤީޤަތް. އިންސާނީ ތަޖްރިބާ ދައްކާފައި އޮތް ޙަޤީޤަތެއް. ތަރައްޤީވާން މިޖެހެނީ ކެލާ މީހާ. ރައްޔިތު މީހާ. ތަންދޮރު އޮޅުންފިލާން މިޖެހެނީ ރައްޔިތު މީހާއަށް. ކެލައެއް ނޫން. ރިވެތި ދިރިއުޅުމެއް މި ލިބެން މިޖެހެނީ ކެލާ މީހާއަށް. އޭނާ ތަރައްޤީވެދާން މިޖެހެނީ. އޭނާއަށް ތަންދޮރު މި އެނގެންޖެހެނީ. އެކަންވީމާ ދެންވާން ހުރި އެހެން ކަންކަން ފަހިވަނީ، ފުރިހަމަވަނީ، ފައްކާވަނީ. އޭރުން އަޅުގަނޑުމެން މި އެދޭ ދެމެހެއްޓެނިވި ތަރައްޤީ، އަޅުގަނޑުމެންނަށް ހޯދެނީ. ކެލާ ރައްޔިތުންގެ މުސްތަޤްބަލް، ރައްޔިތުންގެ ކުރިއެރުން އެއީ، ކެލާގެ ތަރައްޤީއަށް އެންމެ މުހިންމު ކަމަށްވާތީވެ، އަޅުގަނޑު އަބަދުވެސް ދަންނަވަނީ، މިއަދު މިއޮތީ ނިމިފައޭ. ގެއްލިފައޭ. އިއްޔެ ވޭތުވެ ހިނގައްޖެއޭ. ދެން އަޅުގަނޑުމެންނަށް ޙަޤީޤަތުގައި ލިބެންއޮތީ މާދަމައޭ. ގޮތެއް ހޯދައިދޭންވީ އަޅުގަނޑުމެންގެ ދަރިންނަށޭ، ކުޑަކުދިންނަށޭ. މި މަދްރަސާއޭ ކެލާގެ ތަރައްޤީގެ ނާރެސްއަކީ.

އަޅުގަނޑުމެންގެ ދަރިންނަށް ރަނގަޅު ތަޢްލީމެއް ނުދެވޭނަމަ، އަޅުގަނޑުމެން ދެން ކުރާންވީ އެހެން އެއްވެސް ކަމެއް ނެތް. ބަނދަރެއްވެސް މިހަދަނީ، ނަރުދަމައެއްވެސް އަޅަނީ، މިސްކިތެއްވެސް އަޅަނީ، ކައުންސިލެއް އިންތިޚާބު ކުރަނީވެސް ދަރިންނަށް ކިޔަވައިދޭން. ދަރިންނަށް ރަނގަޅު ގޮތެއް ހޯދައިދޭން. ދަރިންނަށް އެ ރަނގަޅު ތަޢްލީމު ދިނުމަށްޓަކައި، ރަނގަޅު ތަޢްލީމުގެ ނިޒާމެއް ކަނޑައެޅުން. ރައްޔިތުންނާ ގާތުން ރައްޔިތުންގެ ވެރިކަންކުރުން. މި މަދްރަސާ، ރައްޔިތުން އެދޭގޮތަށް ރަނގަޅަށް ބެލެހެއްޓޭނެ ގޮތެއް ހޯދުން. ރަނގަޅު ތަޢްލީމެއް މިތަނުގައި ދިނުން. އަޅުގަނޑު މިރޭ އުފާވޭ، މިތަން މިއޮތީ މިހާރު އެއްދަންފަޅިއަށް ކިޔަވައިދޭ މަދްރަސާއެއްގެ ގޮތުގައި. އެހެންވީމާ، އެނގިވަޑައިގަންނަވާނެ، ނުކުންނަ ނަތީޖާ މިއަންނަނީ، އަހަރުން އަހަރަށް ބަދަލުވަމުން.

ތަރައްޤީވާން ޖެހެނީ މީހާކަމުން، އޭނާގެ އިޖްތިމާޢީ ރައްކާތެރިކަން ހިފެހެއްޓުމަކީ، އަދި ވަކިން މުހިންމު ކަމެއް. ތިމަންނާއަށް ކިތަންމެ ރަނގަޅެއްވިޔަސް، ކިތަންމެ މޮޅެއްވިޔަސް، ތިމަންނާގެ ޖެހިގެންހުރި ގޭމީހާއަށް ތިންއިރު ހަމައަށް ކާން ނުލިބެންޏާ، އޭނާގެ ދަރިންނަށް މަދްރަސާއަށް ދަނީ ރަނގަޅު ޔުނީފޯމެއް ނާޅާ ކަމަށްވެފައި، އަދި ހެނދުނު ސައިވެސް ނުބޮއި ކަމަށްވަންޏާ އަދި އޭނާގެ މައިންބަފައިން ބަލިވީމާ އަޅާލާނެ މީހަކު ނެތިފައި، އޭނާވެސް ބަލިވީމާ ދެން ހަމަ ހަދާނެ އެއްވެސް ގޮތެއް ނެތޭ ހާލުގައި ރައްޔިތުން ތިބޭއިރު، އަޅާ ބޮޑު ޢިމާރާތަކުން ލިބޭނެ ތަރައްޤީއެއް ޙަޤީޤަތުގައި އަޅުގަނޑަކަށެއް ނުފެނޭ. އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުމަކީ، އެހެންވީމާ، މި ސަރުކާރުގެ އަނެއް އެންމެ މުހިންމު ބޮޑު އަމާޒު. އަޅުގަނޑުމެން އިންތިޚާބަށް ނުކުތްއިރު، އެވާހަކަ ދެއްކީ އެހެން ބަސްތަކަކުން. ބޭސް ސިޓީއަށް ސަލާންޖެހުން، އަޅުގަނޑުމެން ބުނީ ހުއްޓުވާލާނަމޭ. މަދަނައިގެ ވިއުގަ އުފައްދާނަމޭ. އަދި އިޖްތިމާޢީ ރައްކާތެރިކަމުގެ ދަލަކުން އިރާދަކުރެއްވިއްޔާ، ނިކަމެތިން އެއަށްވުރެ ބޮޑަށް ނިކަމެތިވިޔަނުދީ، ނުވަތަ ބިކަހާލަށް ވެއްޓުނަނުދީ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހިފަހައްޓައިދޭނަމޭ. 65 އަހަރުން މަތީގެ ކޮންމެ މީހަކަށް. އަޅުގަނޑުމެން ދުށިން، ރާއްޖޭގެ ރަށްތަކުގައި، ގޮނޑުދޮށްތަކުގައިވެސް، ހޮޅުއަށިތަކުގައިވެސް، ޢުމުރުން ދުވަސް އަހަރުވީ މީސްމީހުން ބިކަވެފައި، ލައްވެފައި، އަޅާލާނެ މީހަކު ނެތިފައި، އެތަން މިތަނުގައި ތިބި ހާލު. މާލޭގައިވެސް ގޯތިގެދޮރު ބަހަމުން ބަހަމުން އައިސް، އެންމެފަހުން ކުރީގައި ބަދިގެ ހުރި ތަނުގައި ހުންނަ ކޮޅުފިލާގޮނޑިއެއްގައި ހުއްޓިފައި ހުންނަނީ ކާފަ ނުވަތަ މާމަ. ސަރުކާރުން ވަޢުދުވީ، 65 އަހަރުން މަތީގެ ކޮންމެ މީހަކަށް އިރާދަކުރެއްވިއްޔާ، ދެހާސް ރުފިޔާގެ ޕެންޝަނެއްދޭނަމޭ. އަޅުގަނޑުމެން، އަޅުގަނޑު މިރޭ އުފާވޭ، މި ކެލާގެ ސަތޭކަ ބާވީހަކަށްވުރެ ގިނަ މީހުންނަށް މިދެންނެވި ޕެންޝަން ގަވާއިދުން ދެވެމުންދާތާ މިވީ ދެއަހަރު.

އަޅުގަނޑުމެންގެ ބޭނުމަކީ، ރައްޔިތުންގެ ރައްކާތެރިކަން ހޯދައިދިނުން. މަދަނައިގައި ބައިވެރިވެފައިވާ ކެލާގެ ކޮންމެ ރައްޔިތަކަށް، އެއްލައްކަ ރުފިޔާގެ ބޭސްފަރުވާ، ދައުލަތުގެ މާލިއްޔަތުގައި މިއަހަރަށްވެސްވަނީ ރައްކާ ކުރެވިފައި. އެއީ މަދަނައިގެ އުޞޫލު. އަޅުގަނޑު ހިތްހަމަޖެހެނީ، އަޅުގަނޑުމެންނަށް އުފާވެރިކަން ލިބެނީ، މިދިޔަ އަހަރުވެސް މިރަށުގެ ތިރީސް އެތައް ރައްޔިތުންނަކަށް ހަތަރުލައްކަ އެތައް ރުފިޔާއެއް، މަދަނައިގެ ދަށުން ބޭސްފަރުވާގެ ގޮތުގައި ޚަރަދު ކުރެވިފައި އޮތްކަމުން. އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބެނީ، އިޖްތިމާޢީ ރައްކާތެރިކަމުގެ މަސައްކަތް ސަރުކާރުން ހިންގާއިރުގައި، އޭގެތެރޭގައި އިރާދަކުރައްވައިގެން، ކެލާ ހިމެނިފައި އޮތް މިންވަރު ފުރިހަމަކަމުން. އަޅުގަނޑުމެންގެ އަމާޒަކީ، މުޅި ކެލާ މި ނިޒާމުގައި ހިމެނުން. މަދަނައިގައި މުޅި މިރަށުގެ ހުރިހާ ރައްޔިތުން އިރާދަކުރެއްވިއްޔާ ރަޖިސްޓްރީ ކުރުން. މިރަށުގެ އެކަނިވެރި މައިންނާއި، ޔަތީމު ކުދިންނަށް ފޯރުކޮށްދެވޭ އެހީ، މަދަނައިންނާއި އެންސްޕާރއިން ދެވެމުންދާކަމީ، އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބި، އާ ހިތްވަރަކާއެކު އިތުރު މަސައްކަތް ކުރުމަށް، އަނެއްކާވެސް ޖޯޝާ އެކުގައި ނުކުމެވޭ އަނެއް ސަބަބު.

މިރަށުގެ ތަރައްޤީ ހޯދުމަށް އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރާނަން. މިސަރުކާރުން ކެލައަށް ކުރާ އުންމީދު އަދިވެސް ހަމަ ކުރަނީ އުންމީދުގެ ގޮތުގައި. އަޅުގަނޑުމެންގެ އެންމެ ރަނގަޅު، އެންމެ ވަރުގަދަ، އެންމެ ޤާބިލް އެއްދަރި، މިއަދުވެސް މި ސަރުކާރުގެ ހެލްތް ކޯޕަރޭޝަނެއްގެ މެނޭޖިންގ ޑިރެކްޓަރުކަން ކުރައްވަމުން ގެންދަވާ. އެބޭފުޅާ އަޅުގަނޑުމެން ނެރުނީ، ތިޔަބޭފުޅުންގެ ކުރިމައްޗަށް. އަޅުގަނޑުމެން އަނެއްކާވެސް މި އެދެނީ، އަޅުގަނޑުމެންނާއެކުގައި ކެލާ ރައްޔިތުން މިމަސައްކަތް ކޮށްދެއްވާށޭ. އެކަނި އަޅުގަނޑުމެންނަށްވާންއޮތް ކަމެއް ނޫން މިއީކީ. އެކަނި ކުރެވޭނީ ޚުދުމުޚްތާރު ކަމެއް. ވަކިން ކުރެވޭ ކަމެއް ނޫން. އަޅުގަނޑުމެން މިކަން ކުރާން ބޭނުމީ ތިޔަބޭފުޅުންނާއެކީގައި، ކެލާ ރައްޔިތުންނާއެކީގައި. އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކީގައި ކެލާ ރައްޔިތުންގެ ކިބައިން އެދެން، ވިސްނަވާށޭ. މި ރާއްޖެއަށް މި އައި ބަދަލާއި، އަންނަމުންމިދާ ބަދަލާއި، ދެން އަދި ވާން މިއުޅޭ ގޮތްވެސް. ޙިކްމަތްތެރިކަމާއި، ވިސްނުންތެރިކަމާއި، ކެތްތެރިކަމާ އެކީގައި ދިރިއުޅުން ކުރިއަށް ގެންދަވާށޭ.

ދާދިފަހުން އ.ދ. އިން ހެދި ސަރވޭއެއްގައި ފާހަގަވެފައި އޮތީ، ރާއްޖޭގެ އާބާދީގެ 65 ޕަސެންޓް ރައްޔިތުން މިހާރު ދެކެނީ ދެންވާނީ ރަނގަޅޭ. ވާންއޮތީ ރަނގަޅު ކަމަށޭ. ކެލާ ރައްޔިތުން، އެ ރަނގަޅުން މަޙްރޫމްވުމަކީ، އަޅުގަނޑު ހިތުން އަޅުގަނޑުމެން އެކަކުވެސް އެދޭނޭ އެދުމެއް ނޫން. އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންގެ އަމާޒަކީ، ރާއްޖޭގެ ތަރައްޤީގައި، ރާއްޖޭގެ ބަސްކިޔޭ، ރާއްޖޭގެ ނަންކިޔޭ، ރާއްޖޭގެ ފާހަގަވާ މާ ރަށްރަށް ހިމެނުން. އެގޮތުގައި ނޫނިއްޔާ، އަޅުގަނޑުމެން މި އެދޭ ބަދަލު، ދަތުރުފަތުރުކުރުމުގެ ނިޒާމުވެސް އަދި ބޯހިޔާވަހިކަންވެސް، އަދި އަޅުގަނޑުމެން ހިންގާ އެއްވެސް މަޝްރޫޢެއް ހިންގުން ދަތިވެގެންދާނެ، އޭގައި ކެލާ ނުހިމެނޭހާ ހިނދަކު.

އަޅުގަނޑު ޔަޤީން ކުރަނީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް އިރާދަކުރެއްވިއްޔާ ލިބޭނެ ކަމަށް. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحَمْـدُ لِلّـهِ. والســّلام عليــكم.

_______________________