بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބްލް ޙަސަން ޢަފީފު، ދައުލަތުގެ އިސްވެރިން، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ފަސީޙު، ފުލުހުންގެ އޮފިސަރުން، އަދި ޤައުމީ ޚިދުމަތުގައި ރެއެއް ދުވާލެއް ނެތި މަސައްކަތް ކުރައްވާ އެންމެހާ ފުލުހުން. އައްސަލާމް ޢަލައިކުމް.

ޤައުމުގެ ދުސްތޫރީ ނިޒާމުގެ ޚިދުމަތްތެރިންނަކީ، ކޮންމެ ޤައުމެއްގައިވެސް ވަރަށް މަތިވެރި ޝަރަފެއް ދޭން ޖެހޭ ބައެއް. މިރާއްޖޭގައި ފުނިޖެހުނު ބޮޑެތި މައްސަލަތަކުގެ ޙައްލު ހޯދުމާމެދު، ދިވެހި ފުލުހަކު ޤައުމީ ނަޒަރުން ވިސްނައިފި ކޮންމެ ހިނދެއްގައި، އެއިން ބޭފުޅެއްގެ ހިތުގައި ޖަހާނެ ކޮންމެ ވިންދަކީ، ހަމަ އަޅުގަނޑުގެ ހިތުގައިވެސް މިޖަހާ ވިންދު. އެއިން ބޭފުޅެއްގެ ޚިޔާލާއި ފިކުރު، ޤައުމާމެދު ހިންގާ ކޮންމެ ވަގުތަކީ، އެ ފިކުރާއި ޚިޔާލަށް ޢަމަލީ ސިފަ ގެންނަންޖެހޭ ކަމެއްގެ ގޮތުގައި އަޅުގަނޑުމެން ބަލައިގަންނަން ބޭނުންވާ ވަގުތު. ފުލުހުންނަކީ މިޤައުމުގެ ތާރީޚުގައި ދޮށީ ބައެއް. ފުލުހުންގެ ޢަޒުމާއި ހިތްވަރާއި އަތާއި އަތް ގުޅާލައިގެން ކޮށްދެއްވާ ޤައުމީ ޚިދުމަތަކީ، އަޅުގަނޑުމެން ފަޚުރުވެރިވުން ޙައްޤު ޚިދުމަތެއް. މި ޚިދުމަތް މިއަދު މިވަނީ އެތައް ގުނައަކުން މުހިންމު ވެފައި.

ޑިމޮކްރަސީގެ އާ ނިޒާމަށް ރާއްޖެ ފުރޮޅި، ހަމަ ބައްޓަމަށް ފެތެމުންދާ ޅަފަތުގެ ދުވަސްވަރަކީ މިއީ. ޑިމޮކްރަސީގައި ހޯދޭނެ ރީތި ނަމާއި ޤަދަރާއި ޝަރަފް، ވަކިން ޚާއްޞަކޮށް މިނޫން ނިޒާމެއްގައި ފުލުހުންނަކަށްވެސް އަދި ސިފައިންނަކަށްވެސް ނުލިބޭނެ. މުއައްސަސާތަކުގެ ނަމާއި އަބުރު ކިލަނބުވެ ދިޔަ ޒަމާން މިރާއްޖޭގައި މިހާރު މާޒީކޮށްފި. ދިވެހި ފުލުހުންނަކީވެސް، އަދި ރާއްޖޭގެ ސިފައިންނަކީވެސް ޤަދަރާއި، އިޙްތިރާމާއި، ރީތިނަން ލިބިފައިވާ ޤައުމުގެ ޝަރަފެއް ކަމުގައިވުމަށް ނޭދޭނެ އެއްވެސް ދިވެއްސަކު ނުހުންނާނެ. މި ނާޒުކު ބަދަލު އޭގެ ހަމަމަގުގައި ހިފަހައްޓަވައި ދެއްވުމަށް އަދުގެ ފުލުހުންނާ ހަވާލުވެފައިވާ މަސްއޫލިއްޔަތު ބުރަ. އަދި އެމަގުން ހިންގެވުމުގައި ތިޔަބޭފުޅުން ތިޔަ އިސްކުރައްވާ ވިސްނުމާއި، ޙިކުމަތާއި، ހިތްވަރު އަޅުގަނޑު ފާހަގަކުރަން. ދިވެހި ފުލުހުންގެ މި ދެންނެވި މަސައްކަތާމެދު ދިވެހިން މިދަނީ ހެކިވެ ސާބަސް ދެމުން.

މިޖަލްސާއަކީ، ފުލުހުންގެ ޚިދުމަތަށް 78 އަހަރު ފުރި އެކަން އުފަލާއެކު ފާހަގަކުރާ މުނާސަބު ޖަލްސާ. ފުލުހުންނަކީ، މައްސަލަތަކުގެ ތަޙުޤީގުގައި އެންމެ މުހިންމު ދައުރު އަދާކުރާ މުއައްސަސާ. އެހެންކަމުން، ފުލުހުންނަށް ހުށަހެޅުނު މައްސަލަތަކުގެ ތަފާސް ހިސާބަށް ކޮންމެވެސް ވަރަކަށް އަޅުގަނޑު މިރޭ ނަޒަރު ހިންގާލާނަން.

2009 ވަނަ އަހަރަށްވުރެ، ނިމިދިޔަ 2010 ވަނަ އަހަރު ހުށަހަޅުނު މައްސަލަތައް 11 އިންސައްތައަށްވުރެ ދަށްކުރެވިފައި. އަދި ވަކިން ޚާއްޞަކޮށް މަސްތުވާތަކެތީގެ މައްސަލަތައް އެމުއްދަތުގައި ހުށަހެޅުނު މިންވަރު 31 އިންސައްތަ މަދުކުރެވިފައިވާކަން ފާހަގަކުރެވޭ. މާރާމާރީގެ މައްސަލަތައް، 2009 ވަނަ އަހަރާ 2010 ވަނަ އަހަރު އަޅާބަލާއިރު 18 އިންސައްތަ މަދުކުރެވުނު. ގެވެށި އަނިޔާގެ މައްސަލަތައް ފުލުހުންނަށް ހުށަހެޅިފައިވާ އިންސައްތައަށް ބަލާއިރު 13 ޕަސެންޓްވަނީ މަދުކުރެވިފައި. ފޭރުމުގެ މައްސަލަތަކަށް ބަލާއިރު، 2009 ވަނަ އަހަރުން 2010 ވަނަ އަހަރަށް 7 ޕަސެންޓްވަނީ މަދުވެފައި. ހުށަހެޅުނު ވައްކަމުގެ މައްސަލަތައް، 2009 ވަނަ އަހަރަށްވުރެ، 2010 ގައިވަނީ އެ ހުރި މިންވަރުގައި ހިފެހެއްޓިފައި. ބަދު އަޚްލާގީ މައްސަލަތައް ހުށަހެޅިފައިވާ މިންވަރަށް ބަލާއިރު 2009 ވަނަ އަހަރަށްވުރެ 2010 ވަނަ އަހަރުވަނީ 7 އިންސައްތަ މަދުވެފައި.

ތަފާތު އެކިރޮނގުތަކުން ފުލުހުންގެ ކުރިމަތީގައިވާ ހުރަސްތަކާ ގޮންޖެހުންތަކަށް ވިސްނާއިރު، ތިޔަބޭފުޅުން ތިޔަ ހޯއްދަވާ ކާމިޔާބީގައި ވަރަށް ހައިބަތު އެބަހުރި. އެކަމަށްޓަކައި ފުލުހުންގެ މުޅި މުއައްސަސާގެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު މިރޭ ތަޢުރީފު ރައްދުކުރަން.

ކުރިން މިދެންނެވި ނޭދެވޭ ހުރިހާ ކަންކަމަކީ، ޒަމާނުއްސުރެ ރާއްޖޭގައި ހިނގަމުން އަންނަ ކަންކަން. އެކަންކަން މަދުކޮށް ހުއްޓުވުމުގައި ފުލުހުން މިއަންނަނީ އެއް ދުވަހުން އަނެއް ދުވަހަށް ކުރިއެރުން ހޯދަމުން. މަސްތުވާތަކެތީގެ މައްސަލަތައް ހުށަހެޅުނު އަދަދު 2009 ވަނަ އަހަރަށްވުރެ 2010 ވަނަ އަހަރު 31 އިންސައްތަ މަދު ކުރެވިފައިވިޔަސް، އެތަކެތި ބޭނުންކުރާ ޒުވާނުންނަށް ފަރުވާދީގެން މުޖުތަމަޢުގައި ބޭނުން ހިފޭ ގޮތުގައި އެ ޒުވާނުން ނެރުމުގެ ނިޒާމު، މިހާރަށްވުރެ ހަލުވިކުރުމަކީ ސަރުކާރުން ކުރަމުންގެންދާނެ މަސައްކަތެއް. ގްރޫޕް މާރާމާރީ ހުއްޓުވުމުގައި ފުލުހުންނަށް އެންމެ ބޮޑު އެއްބާރުލުމެއް ދެއްވާ ބަޔަކީ ޢާންމުންކަމާމެދު ޝައްކެއްނެތް. އަޅުގަނޑު އެދެނީ، އެގޮތުގައި ސާބިތުކަމާއެކު ފުލުހުންނާ ގުޅިގެން ހުރިހާ ރައްޔިތުން މިކަމުގައި މަސައްކަތްކޮށްދެއްވުން.

ދުނިޔެ މިދަނީ ބަދަލުވަމުން. ދުނިޔެ އާރާސްތު ކުރުމުގައި މަސައްކަތް ކުރަމުންދާ އިންސާނުންވެސް މިދަނީ އެއްދުވަހުން އަނެއް ދުވަހަށް ބަދަލުވެ ކުރިއަރަމުން. ދުނިޔޭގެ އެކޮޅާއި މިކޮޅުގައި ހިނގަމުންދާ ކަންކަންވެސް ދަނީ ބަދަލުވަމުން. 21 ވަނަ ޤަރުނުގެ މައި ދޮރާށީގައި އަޅުގަނޑުމެންނަށް ޓަކި ދެވުނުއިރު، ޓެކްނޮލޮޖީއާއި މުވާޞަލާތީ ރޮނގުން އިންތިހާ ދަރަޖައިގެ ކުރި ހޯދި، މިވަނީ ޢާންމުވެ، ފެތުރިފައި.

އެންމެން މިވަނީ ގުޅިލާމެހިފައި. ނޭއްގާނި ކަމަކަށް ވިޔަސް، އެއްގާނީ ކަމަކަށް ވިޔަސް ޤައުމުތަކުގެ ސަރަޙައްދީ އިން، ފަހަނަޅައިދާ ކަމެއް މެނުވީ އަދުގެ ދުނިޔެއަކު ނުހިނގާ. އަޅުގަނޑުމެންގެ ފުލުހުން މިއަދު ތިބެން ޖެހޭނީ މިއުސޫލުން މިޤައުމަށްވެސް އެކަންކަމުގެ އަސަރު ކޮށްފާނެކަމަށް ހުށިޔާރުވެގެން. މިއަދުގެ ޙަޤީޤަތަކީ، އެތައް މިލިއަން ޑޮލަރެއްގެ އިންވެސްޓްމަންޓުން ތައްޔާރުކުރާ ރިޒޯޓުގެ ސެކިއުރިޓީއާމެދު ވިސްނަންޖެހުން. ކުރިއަރާފައިވާ ޤައުމުތަކުގައި ބޮޑެތި ޕްރޮޖެކްޓްތައް ޕްލޭންކޮށް ނިންމާއިރު، ސެކިއުރިޓީއަށް ވަރަށް މުހިންމު ސަމާލުކަމެއްދޭ. އެހެންކަމުން، އަޅުގަނޑުމެންވެސް ފުލުހުންގެ އެހީތެރިކަމާއެކު މި ވިސްނުން ކުރިއަށް ނެރުމަކީ ކޮންމެހެން ބޭނުންތެރިކަމެއް.

އެއްވެސް ދިވެހި ރައްޔިތަކީ ކުށްކުރާ ނުވަތަ ކުށްކުރުމަށް ހިތްވަރުދޭ މީހަކަށް ވެގެން ނުވާނެ. ކުށްކުރާ މީހަކަށް ހިތްވަރު ލިބޭފަދަ އެއްވެސް ޢަމަލެއް ދިވެހި ރައްޔިތަކު ނުކުރުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އިލްތިމާސެއް. ކުށްކުރުން ހުއްޓުވުމަށް ޖިނާއީ ޢަދުލުގެ ނިޒާމުގައި ހިމެނޭ އެންމެހާ ބޭފުޅުން ގުޅިވަޑައިގެން މަސައްކަތްކުރެއްވުމަކީ ވަރަށް މުހިންމުކަމެއް. އެބައެއްގެ ތެރޭގައި ހުރިނަމަހުރި މައްސަލަތައް ދެނެގަނެ އެބަޔަކު އަމިއްލައަށް އިސްނެގުމާއެކު، އެކަމެއް އިޞްލާޙު ކުރުމަކީ ކަމެއް ކާމިޔާބުކުރުމަށް އޮތް އެންމެ ބޮޑު ވަސީލަތް. އެންމެ ކުރުމަގު.

ކުށްކުރުމާއި ކުށުގެ ހާލަތުގެ އަސްލު ގުޅިފައިވަނީ، ޤައުމުގައި ހުރި އިޖުތިމާޢީ މައްސަލަތަކާ. އަޅުގަނޑުމެން މި ސަރުކާރާ ހަވާލުވުމަށްފަހު މިގެންދަނީ އިޖުތިމާޢީ ވެށީގައި ހުރި މައްސަލަތައް ދެނެގަނެ އެކަންކަން ޙައްލުކުރުމުގެ މަސައްކަތް ކުރަމުން. ޚާއްޞަކޮށް މާލެ ތޮއްޖެހިފައިވުމުގެ ސަބަބުން ދިމާވަމުންދާ މައްސަލަތައް ޙައްލުކުރުމަށް އަޅުގަނޑުމެންވަނީ ވެށިފަހި މާލެ ޕްރޮގްރާމް ފަށްޓާފައި. ޒުވާނުންނަށް ތަޢުލީމާއި ވަޒީފާއާއި ކުޅިވަރާ އެހެނިހެން ފައިދާހުރި ކަންކަމަށް މަގު ހުޅުވުމަށް މިސަރުކާރުން ދަނީ މަސައްކަތްކުރަމުން. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކަން އަރުވަން ބޭނުންވަނީ، ޒަމާނުންސުރެ މުޖުތަމަޢުން ފެނުނު ބިރުވެރިކަން ނިމުމަކަށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ގެންނާނަމޭ. އަމާންކަމާއެކު އަނެއް މަންޒިލަށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ވާސިލުވާނަމޭ.

މިފަދަ މުހިންމު މަސައްކަތެއް ކުރުމަށް މިޞްރާބު ހިފާފައިވާއިރު މުޖުތަމަޢުގެ މައްސަލަތައް ޙައްލުކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގައި އަމިއްލަ ވިޔަފާރިވެރިންގެ ދައުރަކީ ވަރަށް މުހިންމު ދައުރެއް. ކުށުގެ ވެށިން ޒުވާނުން ސަލާމަތްވުމަށްޓަކައި ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ރާއްޖޭގެ މަސައްކަތްތެރިންނާއި ވިޔަފާރިވެރިންގެ ފަރާތުން މިދަނޑިވަޅުގައި ލިބިދެއްވުމީ ވަރަށް މުހިންމުކަމެއް. ވަޒީފާއެއް ހޯދާނަމަ ޕޮލިސް ރިޕޯޓް ބޭނުންވާނެ. ނޫކަށިފުރައިގެ ޒުވާނެއްގެ ޕޮލިސް ރިޕޯޓްގައި ކުށުގެ ރެކޯޑެއް އޮތުމަކީ މިހާތަނަށް ކަން ވެފައި އޮތް ގޮތަށް ބަލާއިރު ވަރަށް ގާތް ކަމެއް. އެއީ، އެކުދިންގެ ބަދުނަސީބު މާޒީ އޮތް ގޮތް. ވީމާ، އެއީ އޭނާގެ މާޒީ ކަމާ، އެއީ ކޮންމެވެސް ދިވެހި މައެއް ނުވަތަ ބަފައެއްގެ ދަރިއެއް ކަމަށްވާ ހިނދު، އެ ޒުވާނާއަށް ފުރުސަތެއް ދިނުމުގައި މިދެންނެވި ކުށުގެ ރެކޯޑުގައި އޮތް ތަންކޮޅާމެދު ހިނދުކޮޅަކަށް ހިތް މޮޅި ކޮށްލެއްވުމަށްފަހު، ޤައުމުގެ ޙައްޤުގައި އޭނާ ބަލައިގަނެ ވަޒީފާއެއް ދެއްވުން އެއީ، މިއަދު އަޅުގަނޑު ވަރަށް އާދޭހާއެކު މުޅި މި ރާއްޖެ އަށް ކުރާ އިލްތިމާސެއް. އަޅުގަނޑު ނޭދެން، އެންމެ ޒުވާނެއްވެސް އާވާރާވެ ގެއްލިދާކަށް. އެއްވެސް ދިވެއްސެއްގެ ހަޔާތުން އެންމެ ސިކުންތެއްވެސް ހުރަގޭގެ އަނދިރި ކަމުގައި ވާކަށް އަޅުގަނޑު ނޭދެން. ރައްޔިތެއްގެ ހަޔާތަށް އަންނަ ކޮންމެ ބަދަލެއްގެ ހެވާއި ނުބައިގެ އަސަރު އެ ޤައުމުގެ ޤައުމީ ޙަޔާތުގައި ޙިއްޞާވާނެ.

އެނގިވަޑައިގަންނަވާނެ، ފުލުހުންގެ ތަމްރީނާއި ތަރުބިއްޔަތު މުޅިން އާޒަމާނަކަށް ގެންދިޔުމަށް ކުރެވޭ މަސައްކަތްތައް މިވަނީ ވަރަށް ބޮޑަށް ހަލުވި ކުރެވިފައި. އެނިޒާމާ އޮނިގަނޑުގެ ތެރެއިން ލިބޭ ތަމްރީނަށް ޙައްޤުވާ ކުރިއެރުމާއި، ދަރަޖަ ކަނޑައެޅުމަކީ ވަރަށް މުހިންމު ކަމެއް. އެއީ، މޫނަށް ބެލުމެއް ނެތި ހަމަހަމަކަމާއެކު ކުރިއަށްދާނެ ނިޒާމަކަށްވުން ވަރަށް މުހިންމު. ފުލުހަކަށް މަގާމުގެ ކުރިއެރުމާއި ދަރަޖަ ދިނުމުގައި ޢަމަލުކުރެވޭ މިންގަނޑުގެ އެއް އަސާސަކީ، އޭނާގެ ތަޢުލީމީ ފެންވަރު. މިސާލަކަށް ބެޗެލަރސް ޑިގްރީއެއް ފުރިހަމަ ކޮށްފިނަމަ އެއީ ސަރޖެންޓެއް. އަދި ހަމައެއާއެކު އިޚުލާޞްތެރިކަމާއެކު ޚިދުމަތުގައި ހޭދަކުރާ މުއްދަތާއި، އޭނައަށް އެންމެ ފަހުން މަގާމުގެ ކުރިއެރުން ލިބިފައިވާ މުއްދަތަށްވެސް މިހާރު ރިޢާޔަތް ކުރާނެ. ލާންސް ކޯޕްރަލެއްގެ ގޮތުގައި ދެ އަހަރު ހޭދަކުރުމުން މެނުވީ އޭނާ ކޯފްރަލަކަށް ވުމަކީ އޮވެގެންވާނެ އުޞޫލެއް ނޫން. މަގާމުގެ ކުރިއެރުން ދިނުމުގައި ފުލުހަކު ފުރިހަމަ ކުރާ ޕްރޮފެޝަލް ތަމްރީނަކީ ވަރަށް މުހިންމު އެއްޗެއް. މަގާމުގެ ކުރިއެރުން ދިނުމުގައި ހާޒިރީއާއި އަޚުލާޤާއި ސުލޫކަށް ބެލޭނެ. މިސާލަކަށް ބަލާނަމަ، ކޮމިޝަން ކުރެވޭ ރޭންކަކަށް ޕްރޮމޯޓް ވުމަށްޓަކައި އަތޮޅު ކޮމާންޑަރެއްގެ މަގާމުގައި މަދުވެގެން އެއް އަހަރުހޭދަ ކުރުމަކީވެސް ޝަރުޠެއް. މިކަންކަން މިހަމައިގެ މަތިން ކުރިއަށް ގެންދިޔުމުގައި ދުނިޔޭގެ އެހެން ޤައުމުތަކާ އެއްފަދަ ފުރިހަމަ އޮނިގަނޑެއް ފުލުހުންގެ ތެރޭގައި މި އަންނަނީ އެކަށައެޅެމުން. އެހެންނަމަވެސް، މިފަހަރު މަގާމުގެ ކުރިއެރުން ލިބުނު ހުރިހާ ނޮން ކޮމިޝަންޑް ފުލުހުންނަށް ކުރިއެރުން ދެވިފައި އެވަނީ ކުރީގެ އުސޫލުގައި.

މަގާމުގެ ކުރިއެރުން ލިބުނު ހުރިހާ ފުލުހުންނަށާއި، އެބޭފުޅުންގެ ޢާއިލާތަކަށް އަޅުގަނޑު މިރޭ ތަހުނިޔާ ދަންނަވަން. މީގެއިތުރުން، ކުރިއަށް އޮތް ކުރު މުއްދަތެއްގެ ތެރޭގައި، އޮފިސަރުންނަށް މަގާމުގެ ކުރިއެރުން ދިނުމަށް ހަމަޖެހިފައިވަނީ، އަލަށް އެކުލަވާލެވޭ އުސޫލުގެ ދަށުން. ހަމަމިއާއެކު ފުލުހުންގެ ޚިދުމަތުގައި އުޅެ، މުސްތަޤްބަލުގައި ކުރިއަރައި ދިޔުމަށް ގަދައަޅައި ތިބި ޒުވާން ފުލުހުންނަށް ފާގަތި މުސްތަޤުބަލެއް ލިބޭނެ ކަމުގެ ޔަޤީންކަން އަޅުގަނޑަށް އެބައޮތް.

ނިންމާލުމުގެ ކުރިން އަހަރީ ދުވަހުގެ ތަހުނިޔާ، ރާއްޖޭގެ ހުރިހާ ފުލުހުންނަށާއި އެބޭފުޅުންގެ ޢާއިލާތަކަށް އަޅުގަނޑު ދަންނަވަން. ރާއްޖޭގެ ފުލުހުންގެ ޚިދުމަތުގެ ފުރިހަމަ އަގު، ހިތްތަކުގައި ވަޒަން ކުރެއްވުމަށް ރާއްޖޭގެ ރައްޔިތުންނަށް އަޅުގަނޑު މިރޭ އިލްތިމާސްކުރަން. ހުރިހާ ހާލަތެއްގައި އެބޭފުޅުންނާ އެއްބާރުލައި ދެއްވުމަށް އަޅުގަނޑު ގޮވާލަން. އަދި ހަމަ އެފަދައިން ވަޒީފާގެ ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރެއްވުމުގައިވެސް، އޯގާތެރިކަމާއި އެހީތެރިކަމާއި، ގާތްކަން ރައްޔިތުންނާމެދު ބެހެއްޓެވުމަށް ތިޔަ ހުރިހާ ފުލުހުންގެ ކިބައިން އަޅުގަނޑު އެދެން.

އަޅުގަނޑުގެ ދުޢާއަކީ، މިއަދަށްވުރެ މާ އުފާވެރި މާދަމާއެއް އަޅުގަނޑުމެންނަށް ލިބުން. އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم.

______________________