ރާއްޖޭގެ ފުލުހުންގެ ޚިދުމަތުގެ ފުރިހަމަ އަގު، ހިތްތަކުގައި ވަޒަން ކުރެއްވުމަށް ރާއްޖޭގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އިލްތިމާސް ކުރައްވައި، ހުރިހާ ހާލަތެއްގައި އެބޭފުޅުންނަށް އެއްބާރުލުން ދެއްވުމަށް އެމަނިކުފާނު ގޮވާލައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އިލްތިމާސް ކުރައްވައި، ފުލުހުންނަށް އެއްބާރުލުން ދެއްވުމަށް ގޮވާލެއްވީ، ފުލުހުންގެ 78 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ ދަރުބާރުގޭގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ވަޒީފާގެ ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރެއްވުމުގައިވެސް، އޯގާތެރިކަމާއި އެހީތެރިކަމާއި، ގާތްކަން ރައްޔިތުންނާމެދު ބެހެއްޓެވުމަށް ރާއްޖޭގެ ފުލުހުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ފުލުހުންނަކީ މިޤައުމުގެ ތާރީޚުގައި ދޮށީ ބައެކެވެ. ފުލުހުންގެ ޢަޒުމާއި ހިތްވަރާއި އަތާއި އަތް ގުޅާލައިގެން ކޮށްދެއްވާ ޤައުމީ ޚިދުމަތަކީ، އަޅުގަނޑުމެން ފަޚުރުވެރިވުން ޙައްޤު ޚިދުމަތެކެވެ. މި ޚިދުމަތް މިއަދު މިވަނީ އެތައް ގުނައަކުން މުހިންމު ވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޑިމޮކްރަސީގެ އާ ނިޒާމަށް ރާއްޖެ ފުރޮޅި، ހަމަ ބައްޓަމަށް ފެތެމުންދާ ޅަފަތުގެ ދުވަސްވަރަކީ މިއީކަން ފާހަގަކުރެއްވިއެވެ. އަދި ޑިމޮކްރަސީގައި ހޯދޭނެ ރީތި ނަމާއި ޤަދަރާއި ޝަރަފް، ވަކިން ޚާއްޞަކޮށް މިނޫން ނިޒާމެއްގައި ފުލުހުންނަކަށްވެސް އަދި ސިފައިންނަކަށްވެސް ނުލިބޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. "މުއައްސަސާތަކުގެ ނަމާއި އަބުރު ކިލަނބުވެ ދިޔަ ޒަމާން މިހާރު މާޒީ ކޮށްފި. ދިވެހި ފުލުހުންނަކީވެސް، އަދި ރާއްޖޭގެ ސިފައިންނަކީވެސް ޤަދަރާއި، އިޙްތިރާމާއި، ރީތިނަން ލިބިފައިވާ ޤައުމުގެ ޝަރަފެއް ކަމުގައިވުމަށް ނޭދޭނެ އެއްވެސް ދިވެއްސަކު ނުހުންނާނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ނާޒުކު ބަދަލު އޭގެ ހަމަމަގުގައި ހިފަހައްޓަވައި ދެއްވުމަށް އަދުގެ ފުލުހުންނާ ހަވާލުވެފައިވާ މަސްއޫލިއްޔަތުގެ ބުރަކަމުގެ މައްޗަށް ބައްލަވާލައްވަމުން، އެމަގުން ހިންގެވުމުގައި ފުލުހުން އިސްކުރައްވާ ވިސްނެވުމާއި، ޙިކުމަތާއި، ހިތްވަރު ފާހަގަކުރެއްވިއެވެ. އަދި ދިވެހި ފުލުހުންގެ މި މަސައްކަތާމެދު ދިވެހިން މިދަނީ ހެކިވެ ސާބަސް ދެމުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމައެއާއެކު، ތަފާތު އެކިރޮނގުތަކުން ފުލުހުންގެ ކުރިމަތީގައިވާ ހުރަސްތަކާ ގޮންޖެހުންތަކުގައި، ހޯއްދަވާ ކާމިޔާބީގައި ވަރަށް ހައިބަތު އެބަހުރިކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެ، އެކަމަށްޓަކައި ފުލުހުންގެ މުޅި މުއައްސަސާގެ ހުރިހާ ބޭފުޅުންނަށް އެމަނިކުފާނު ތަޢުރީފު ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެއްވެސް ދިވެހި ރައްޔިތަކީ ކުށްކުރާ ނުވަތަ ކުށްކުރުމަށް ހިތްވަރުދޭ މީހަކަށް ވެގެން ނުވާނެ ކަމަށް ވިދާޅުވެ، ކުށްކުރާ މީހަކަށް ހިތްވަރު ލިބޭފަދަ އެއްވެސް ޢަމަލެއް ނުކުރެއްވުމަށް ދިވެހި ރައްޔިތުންނަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ. އަދި ކުށްކުރުން ހުއްޓުވުމަށް ޖިނާއީ ޢަދުލުގެ ނިޒާމުގައި ހިމެނޭ އެންމެހާ ބޭފުޅުން ގުޅިވަޑައިގެން މަސައްކަތްކުރެއްވުމަކީ ވަރަށް މުހިންމުކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމައެއާއެކު، އެބައެއްގެ ތެރޭގައި ހުރިނަމަހުރި މައްސަލަތައް ދެނެގަނެ، އެބައެއްގެ އަމިއްލަ އިސްނެގުމާއެކު، އެކަމެއް އިޞްލާޙުކުރުމަކީ ކަމެއް ކާމިޔާބުކުރުމަށް އޮތް އެންމެ ބޮޑު ވަސީލަތްކަމާއި، އެންމެ ކުރުމަގުކަންވެސް ރައީސުލްޖުމްހޫރިއްޔާ ހަނދާންކޮށްދެއްވިއެވެ.

ކުށްކުރުމާއި ކުށުގެ ހާލަތުގެ އަޞްލު ގުޅިފައިވަނީ، ޤައުމުގައި ހުރި އިޖުތިމާޢީ މައްސަލަތަކާކަން ފާހަގަކުރައްވަމުން، އިޖުތިމާޢީ ވެށީގައި ހުރި މައްސަލަތައް ދެނެގަނެ އެކަން ޙައްލުކުރުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުން ގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ޒަމާނުންސުރެ މުޖުތަމަޢުން ފެނުނު ބިރުވެރިކަން އިރާދަކުރެއްވިއްޔާ ނިމުމަކަށް ގެންނަވާނެ ކަމަށާއި، އަމާންކަމާއެކު އަނެއް މަންޒިލަށް އިރާދަކުރެއްވިއްޔާ ވާޞިލުވެވަޑައިގަންނަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު މި މޭރުމުން ކުރިއަށް ގެންދަވަމުން، މިފަދަ މުހިންމު މަސައްކަތެއް ކުރުމަށް މިޞްރާބު ހިފާފައިވާއިރު މުޖުތަމަޢުގެ މައްސަލަތައް ޙައްލުކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގައި އަމިއްލަ ވިޔަފާރިވެރިންގެ ދައުރަކީ، ވަރަށް މުހިންމު ދައުރެއްކަން ފާހަގަކުރެއްވިއެވެ. އަދި، ކުށުގެ ވެށިން ޒުވާނުން ސަލާމަތްވުމަށްޓަކައި ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން، ރާއްޖޭގެ މަސައްކަތްތެރިންނާއި ވިޔަފާރިވެރިންގެ ފަރާތުން މިދަނޑިވަޅުގައި ލިބިދެއްވުން ވަރަށް މުހިންމު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންކަމުން، ނޫކަށިފުރައިގެ ޒުވާނެއްގެ ޕޮލިސް ރިޕޯޓްގައި ކުށުގެ ރެކޯޑެއް އޮތް ނަމަވެސް، އެ ރެކޯޑާމެދު ހިނދުކޮޅަކަށް ހިތް މޮޅި ކޮށްލެއްވުމަށްފަހު، ޤައުމުގެ ޙައްޤުގައި އޭނާ ބަލައިގަނެ ވަޒީފާއެއް ދެއްވުމަށް ވަރަށް އާދޭހާއެކު މުޅި ރާއްޖެއަށް އިލްތިމާސް ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެންމެ ޒުވާނެއްވެސް އާވާރާވެ ގެއްލިދާކަށް އެމަނިކުފާނު އެދިވަޑައިނުގަންނަވާ ކަމަށެވެ. އެއްވެސް ދިވެއްސެއްގެ ހަޔާތުން އެންމެ ސިކުންތެއްވެސް ހުރަގޭގެ އަނދިރި ކަމުގައި ވާކަށްވެސް އެމަނިކުފާނު އެދިވަޑައިނުގަންނަވާ ކަމަށެވެ.

ފުލުހުންގެ 78 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި މިރޭ ބޭއްވެވި ޖަލްސާގައި، ޢާންމުންގެ ތެރެއިން ފުލުހުންގެ މަސައްކަތަށް ވޭތުވެދިޔަ އަހަރު އެހީތެރިވެދެއްވާފައިވާ ފަރާތްތަކަށް ހަނދާނީ ފިލާ ދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.