ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ ދަށުން އިންތިޚާބުވެފައިވާ، ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުން އަދާ ކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި، ކުރާ މަސައްކަތްތަކާއި ދޭ ޚިދްމަތްތަކާގުޅޭ ގޮތުން ސަރުކާރުގެ މުއައްސަސާތަކުގެ އެހީތެރިކަމާއި ލަފާ ބޭނުންވާ ހާލަތްތަކުގައި، އެކަމަށް އެދި ލޯކަލް ކައުންސިލްތަކުން ހުށަހަޅުއްވާނީ އެ ކައުންސިލެއް ނިސްބަތްވާ އިދާރީ ދާއިރާއެއް ހިމެނޭ ސަރަޙައްދުގައި ޤާއިމުކުރެވިފައިވާ ޤައުމީ އިދާރާއަށް ނުވަތަ އެ ކައުންސިލެއް ނިސްބަތްވާ އިދާރީ ދާއިރާގައި ޤާއިމުކުރެވިފައިވާ ޤައުމީ އިދާރާގެ ޔުނިޓަށް ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސަރުކާރުގެ އިދާރާތަކުން ރަށު ކައުންސިލްތައް ނުވަތަ އަތޮޅު ކައުންސިލްތައް މެދުވެރިކޮށްގެން ރާއްޖޭގެ އިދާރީ ދާއިރާތަކުގައި މަސައްކަތެއް ހިންގަން ބޭނުންނަމަ، ނުވަތަ ޚިދްމަތެއްދޭން ބޭނުންނަމަ، ނުވަތަ އެކައުންސިލްތަކުން މަޢުލޫމާތެއް ހޯދުމަށް ބޭނުންވެއްޖެނަމަ، އެ ކައުންސިލެއް ނިސްބަތްވާ އިދާރީ ދާއިރާއެއް ހިމެނޭ ސަރަޙައްދުގައި ޤާއިމުކުރެވިފައިވާ ޤައުމީ އިދާރާ ނުވަތަ އެ ކައުންސިލެއް ނިސްބަތްވާ އިދާރީ ދާއިރާގައި ޤާއިމުކުރެވިފައިވާ ޤައުމީ އިދާރާގެ ޔުނިޓު މެދުވެރިކުރައްވައިގެން މިކަންކަމާބެހޭ މުޢާމަލާތް ހިންގެވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިގޮތަށް ހަމަޖެއްސެވީ، އިދާރީ ދާއިރާތައް ހިމެނޭ ސަރަޙައްދުތަކުގައި ގާއިމުކުރައްވާފައިވާ ޤައުމީ އިދާރާތަކުގެ ދައުރު ފުޅާކޮށް ހަރުދަނާކުރައްވައި، ލާމަރުކަޒީ ނިޒާމުގެ ދަށުން އިދާރީ ދާއިރާތައް ހިންގަމުންދާއިރު ސަރުކާރުގެ ސިޔާސަތުތައް ކޯޑިނޭޓްކޮށް އެއް މިސްރާބަކަށް ހިންގެވުމަށްޓަކައި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.