ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 71 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ޤައުމީ އިދާރާތަކުން ދޭ ޚިދްމަތްތައް އިދާރީ ދާއިރާތަކުގައި ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަށްޓަކައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން އުފައްދަވާފައިވާ ޤައުމީ އިދާރާތަކާއި، ޤައުމީ އިދާރާތަކުގެ ޔުނިޓްތަކަށް ހަމަޖެއްސެވި މަސައްކަތްތަކުގެ ލިސްޓް މިދެންނެވުމާއެކު އެވަނީއެވެ.


ޤައުމީ އިދާރާތަކުގެ މަސައްކަތްތައް
1.      ޤައުމީ އިދާރާ ނިސްބަތްވާ ސަރަޙައްދުގައި ހިމެނޭ އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކަށް ސަރުކާރުގެ މިނިސްޓްރީތަކުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް، އެ މިނިސްޓްރީތަކުން ކަނޑައަޅާގޮތެއްގެ މަތިން ފޯރުކޮށްދިނުން.
2.      ޤައުމީ އިދާރާ ނިސްބަތްވާ ސަރަޙައްދުގައި ހިމެނޭ ރަށްރަށަށް، ސަރުކާރުގެ އޮފީސްތަކުން ލާމަރުކަޒީ އުޞޫލުން ދޭން ބޭނުންވާ ޚިދްމަތްތައް، އެ އޮފީސްތަކުން ކަނޑައަޅާގޮތެއްގެ މަތިން ދިނުން.
3.      ސަރުކާރުގެ މިނިސްޓްރީތަކުން އިދާރީ ދާއިރާތަކުގައި ހިންގާ މަޝްރޫޢުތަކާއި، މަސައްކަތްތައް ހިންގުމުގައި، ޤައުމީ އިދާރާގެ ފަރާތުން މިނިސްޓްރީތަކަށް ބޭނުންވާ އެހީތެރިކަން ދިނުން.
4.      ޤައުމީ އިދާރާ ނިސްބަތްވާ ސަރަޙައްދުގައި ހިމެނޭ ރަށްރަށުގައި ސަރުކާރުން ހިންގަން ބޭނުންވާ، ސަރުކާރުގެ ވަކި އޮފީހަކާ ހަވާލުކޮށްފައިނުވާ ކަންތައްތައް ހިންގާ ބެލެހެއްޓުން.
5.      ސަރުކާރުން އިދާރީ ދާއިރާތަކުގައި ފޯރުކޮށްދޭ ޚިދްމަތްތަކާއި، ހިންގާ ހަރަކާތްތަކާ ގުޅޭގޮތުން ޤައުމީ އިދާރާ ހިމެނޭ ސަރަޙައްދުގެ ރައްޔިތުންނާއި، އަމިއްލަ ޖަމްޢިއްޔާ، ޖަމާޢަތްފަދަ ފަރާތްތަކުން ހުށަހަޅާ ކަންތައްތައް، ކަމާބެހޭ މިނިސްޓްރީތަކަށް ހުށަހެޅުން.
6.      ޤައުމީ އިދާރާ ނިސްބަތްވާ ސަރަޙައްދުގެ އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކުން ސަރުކާރުގެ މިނިސްޓްރީތަކާއެކު ކުރަންޖެހޭ މުޢާމަލާތްތަކުގައި މިނިސްޓްރީތައް ތަމްސީލުކުރުމާއި، އެ މުޢާމަލާތްތަކާގުޅޭގޮތުން، މިނިސްޓްރީތަކުން ކުރަންޖެހޭ ކަންތައްތައް މިނިސްޓްރީތަކުން ކަނޑައަޅާގޮތެއްގެ މަތިން ކުރުން.
 
 ޤައުމީ އިދާރާގެ ޔުނިޓްތަކުގެ މަސައްކަތްތައް
1.     އިދާރީ ދާއިރާގައި ސަރުކާރުގެ މިނިސްޓްރީތަކުން ކުރަންޖެހޭ ކަންތައްތައް، ޤައުމީ އިދާރާގެ ޔުނިޓް ނިސްބަތްވާ ސަރަޙައްދުގެ ޤައުމީ އިދާރާއިން އަންގާގޮތެއްގެމަތިން ކުރުން.
2.     ސަރުކާރުން ފޯރުކޮށްދޭ ޚިދްމަތްތަކާއި ހިންގާ ހަރަކާތްތަކާ ގުޅޭގޮތުން ޤައުމީ އިދާރާގެ ޔުނިޓް ނިސްބަތްވާ ރަށްރަށުގެ ރައްޔިތުންނާއި، އަމިއްލަ ޖަމްޢިއްޔާ، ޖަމާޢަތްފަދަ ފަރާތްތަކުން ހުށަހަޅާ ކަންތައްތައް، ޤައުމީ އިދާރާގެ ޔުނިޓް ނިސްބަތްވާ ސަރަޙައްދުގެ ޤައުމީ އިދާރާއަށް ހުށަހެޅުން.