ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 71 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ޤައުމީ އިދާރާތަކުން ދޭ ޚިދްމަތްތައް އިދާރީ ދާއިރާތަކުގައި ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަށްޓަކައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، "ފުވައްމުލަކުގެ ޤައުމީ އިދާރާ" ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް 2011 މާޗް 31 ވަނަ ދުވަހު އުފައްދަވައި، މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން ހިނގަމުން އައި "ދެކުނު ސަރަޙައްދުގެ ޤައުމީ އިދާރާ" އާއި، އެ އިދާރާގެ ދަށުން ހިނގަމުން އައި "ދެކުނު ސަރަޙައްދުގެ ޤައުމީ އިދާރާގެ ފުވައްމުލަކު ޔުނިޓް"  އެ ތާރީޚުން ފެށިގެން އުވާލައްވައިފިކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިގޮތަށް މި ހަމަޖެއްސެވީ އައްޑޫ އަކީ ސިޓީއެއްގެ ދަރަޖަ ލިބިފައިވާ އިދާރީ ދާއިރާއަކަށްވާތީ، އެ އިދާރީ ދާއިރާއަށް ސަރުކާރުންދޭ ޚިދްމަތްތައް ޤައުމީ އިދާރާއެއް މެދުވެރި ކުރެއްވުމެއްނެތި، ސީދާ އައްޑޫ ސިޓީ ކައުންސިލް މެދުވެރިކުރައްވައިގެން ދެއްވުމަށް ސަރުކާރުން ނިންމަވާފައިވާތީއާއި، މި ނިންމެވުމާ ގުޅިގެން، ޤައުމީ އިދާރާތަކުން ދޭ ޚިދްމަތްތައް ފުވައްމުލަކަށް ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަށްޓަކައި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ފުވައްމުލަކުގެ ޤައުމީ އިދާރާ ހިނގަމުންދާނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ސަރުކާރުގެ އޮފީސްތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، ފުވައްމުލަކުގެ ޤައުމީ އިދާރާއަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނީ، ކުރިން ދެކުނު ސަރަޙައްދުގެ ޤައުމީ އިދާރާއަށް ހަމަޖައްސަވާފައިވާ ނަންބަރު، 211 ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.