ޖަޕާނަށް އައި ބާރުގަދަ ބިންހެލުމާއި ސުނާމީއާ ގުޅިގެން، ވަރަށްގިނަ ބަޔަކު މަރުވުމާއި އަދި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، އެކަމުގެ ހިތާމައިގައި، މާދަމާއިން ފެށިގެން ތިން ދުވަސް ވަންދެން، ދިވެހި ޤައުމީ ދިދަ، ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.  

މިކަން މިގޮތަށް މިހަމަޖެއްސެވީ، ޖަޕާނަކީ ރާއްޖެއާ ވަރަށް ގާތް ގުޅުމެއް އޮންނަ އަދި ރާއްޖޭގެ ތަރައްޤީގައި ވަރަށް މުހިންމު ދައުރެއް އަދާކޮށްފައިވާ ޤައުމަކަށްވާތީ، ޖަޕާނަށް މިކުރިމަތިވި ބޮޑު ހިތާމައިގައި، ދިވެހި ސަރުކާރާއި ރައްޔިތުން ބައިވެރިވުމުގެ ރަމްޒެއްގެ ގޮތުން، ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަކީ، ވަރަށް މުހިންމު ކަމެއް ކަމަށް ފެނިވަޑައިގެން، ވަޒީރުންގެ މަޖިލީހުން އެގޮތަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުއްވުމާ ގުޅިގެންނެވެ.