ޖަޕާނުގެ އިރު އުތުރު ސަރަޙައްދަށް މިއަދު އައި ބާރުގަދަ ބިންހެލުމާއި، އެ ބިންހެލުމާ ގުޅިގެން އުފެދުނު ސުނާމީގައި، ގިނަ އަދަދެއްގެ ބަޔަކު މަރުވެ، އެތައް ބަޔަކު ޒަޚަމްވެ، އަދި އިމާރާތްތަކަށާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ޖަޕާނުގެ ބޮޑުވަޒީރު ނައޯޓޯ ކާން އަށް ހަމްދަރުދީ ފޮނުއްވައިފިއެވެ.

ބޮޑުވަޒީރު ނައޯޓޯ ކާން އަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ހަމްދަރުދީގެ މެސެޖުގައި، ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ޖަޕާނު ސަރުކާރަށާއި، ރައްޔިތުންނަށާއި، ބޮޑުވަޒީރަށާއި އަދި މި ހާދިސާގައި ގެއްލުން ލިބުނު ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ. އަދި މި ހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވެއެވެ.

މި ހާދިސާއާ ގުޅިގެން، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދުވެސް ވަނީ ޖަޕާނުގެ ބޮޑުވަޒީރަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވާފައެވެ. ނައިބު ރައީސްގެ މެސެޖުގައިވެސް، މި ބިންހެލުމާ ގުޅިގެން އުފެދުނު ސުނާމީގައި ބޮޑެތި ގެއްލުންތަކެއް ލިބި، އެތައް ބަޔަކު މަރުވުމާ ގުޅިގެން ޖަޕާނުގެ ބޮޑުވަޒީރަށާއި، ސަރުކާރަށާއި، ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ.