ވޯޓް ގުނުމުގައި ޤަޞްދުގައި އޮޅުވާލައިގެން، ވަކި ނަތީޖާއެއް ނެރުމުގެ ކަންތައް ހިންގާފައިވާ ފަރާތްތަކަށް، ޤާނޫނުތަންދޭ އެންމެބޮޑު އަދަބު ލިބެންޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި، ނިމިގެންދިޔަ ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކުގެ އިންތިޚާބުގެ ތެރޭގައި، ނުހަމަ އެތައް ކަމެއް ހިނގާފައިވާ ކަމަށް ވިދާޅުވެ، އެކަމުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި އިންތިޚާބާ ގުޅިގެން، ސާޅީސް އެތައް މައްސަލައެއް ކޯޓަށް ހުށަހެޅި އަދި އޭގެތެރެއިން ތެއްތިރީހަކަށް މައްސަލައެއް ކޯޓުން ބަލައިގެންފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވަމުން، ވޯޓްގެ ކަންކަމުގައި އޮޅުވާލުން އިތުރުވަމުންދާނަމަ، މުޅި ނިޒާމު އެކީގައި ތަޣައްޔަރުވެ، ނިޒާމު އެކީގައި މަސައްކަތް ނުކުރާގޮތްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެހެންކަމުން، މިކަންތައްތަކަކީ މުހިންމު ކަންތައްތައް ކަމަށް ބައްލަވައި، ވޯޓް ގުނުމުގައި އޮޅުވާލުމުގެ ޢަމަލުތައް ހިންގާފައިވާ ފަރާތްތަކަށް އެންމެ ހަރުކަށި އަދަބެއް ލިބޭނެ ގޮތަކަށް ޕްރޮސެކިއުޓަރ ޖެނެރަލްވެސް އަދި އިލެކްޝަންސް ކޮމިޝަންވެސް ކަންކަން ފަހިކުރައްވައިގެން، ކުރިއަށް ގެންދަވާނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، މިދިޔަ ބުދަ ދުވަހުން ފެށިގެން ޕަބްލިކް ހެލްތްގެ މަސައްކަތްތައް، ލާމަރްކަޒީ އުޞޫލުން ހިންގަވަން ފަށްޓަވާފައިވުމާއެކު، އެކަމުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ސަރުކާރުގެ ބޭނުންފުޅަކީ، ރާއްޖޭގެ ޤައުމީ 7 އިދާރާގައި ޕަބްލިކް ހެލްތް ސްޕެޝަލިސްޓުން ބައިތިއްބަވައިގެން ޚިދްމަތް ދެއްވުމެވެ. އަދި ރަށްރަށުގައި ޞިއްޙީ ރޮނގުން ޢާންމުކޮށް ވަކި އާދައެއްގެ މަތިން ކުރެވެންހުރި ކަންކަން ކުރެއްވުމެވެ. މިރޮނގުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ސަރުކާރުން މިގެންގުޅުއްވަނީ، ބަލިން ދިފާޢުކޮށްދިނުން، ފަރުވާއަށްވުރެ މުހިންމު ކަމުގެ ސިޔާސަތެއް ކަމަށާއި، މިފަދަ ސިޔާސަތެއްގައި ދުރާލާ މަޢްލޫމާތު އެނގި، ކުއްލި ޙާލަތަކަށް ދިޔުމުގެ ކުރިން އަޅަންޖެހޭ ފިޔަވަޅުތައް އެޅި، އަދި ދިމާވާ މައްސަލަތައް ބެލޭނެ އިންޞާފުވެރި މިންގަނޑުތަކެއް ތަރުތީބުވެފައި އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ރޭޑިޔޯ ޚިޠާބުގައި، އެމަނިކުފާނު މޮރިޝަސްއަށް ރޭ ފެށްޓެވި ރަސްމީ ދަތުރުފުޅުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ. މިދަތުރުފުޅަކީ، މޮރިޝަސްގެ މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމިއްޔާތުތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށާއި، މިދަތުރުފުޅުގައި މޮރިޝަސްގެ ރައީސާއި، ބޮޑުވަޒީރާއި އަދި ސަރުކާރުގެ އިސްބޭފުޅުންނާ ބައްދަލުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިބޭފުޅުންނާއި މޮރިޝަސްގެ އަމިއްލަ ފަރާތްތަކާ ވާހަކަ ދައްކަވައި، ޚިޔާލު ބަދަލުކުރައްވައިގެން، މޮރިޝަސްއާ ގާތް ގުޅުމެއް ބާއްވަވައި، ދެޤައުމަށްވެސް ފައިދާހުރި ވިޔަފާރީގެ މުޢާމަލާތްތަކާއި، އެހެންވެސް މުޢާމަލާތްތައް ކުރެއްވުމުގެ ފުރްޞަތު، މިދަތުރުފުޅުގެ ސަބަބުން ޙާޞިލް ކުރެއްވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.