بســماللّـهالرّحمـنالرّحيــم

 
السّـلام عليـكم
 
 
އަޅުގަނޑު މިއަދު ތިޔަބޭފުޅުންނާ މިބައްދަލުކޮށްލީ މިއަދަކީ، ލާމަރުކަޒީ އުޞޫލުން ޕަބްލިކް ހެލްތްގެ ޚާއްޞަކޮށް ޞިއްޙީ ޚިދްމަތްތައް، އަތޮޅުތަކުގައި، ރަށްރަށުގައި ދިނުމުގެ މަސައްކަތް ޢަމަލީގޮތުން ފެށުމަށްޓަކައި ޤައުމީ އިދާރާތަކާއި ކައުންސިލްތަކާ ދެމެދު މަޝްވަރާ ބައްދަލުވުންތަކާއި އަދި ކަންކުރާނެ ގޮތްތައް ސާފުކޮށް އޮޅުންފިލުވައި ދިނުމަށް ޢަމަލީގޮތުން މިއަދު މިއީ ފެށޭ ދުވަސް.
 
 މި ސަރުކާރަށް އަދި އަޅުގަނޑުމެން ދެކޭ ގޮތުގައި މިރާއްޖެއަށް މިއަދަކީ ވަރަށް މުހިންމު ދުވަހެއް. ރަށު ކައުންސިލްތަކެއް އިންތިޚާބު ކުރެވި، އެ ކައުންސިލްތަކާ މާނަވީ ތަރައްޤީގެ އަދި ރައްޔިތުންނަށް ފައިދާހުރި މަސައްކަތް ހަވާލު ކުރުމަށް މިއަދު އަޅުގަނޑުމެންނަށް މި ނިންމެނީ އަދި އެކަމުގައި އަޅުގަނޑުމެންނަށް މިއަދު މި އުޅެން ފެށެނީ. ޚާއްޞަކޮށް ހަވާލުކުރެވޭ މަސައްކަތަކީ ޕަބްލިކް ހެލްތްގެ މަސައްކަތް. އަދި ޕްރައިމަރީ ހެލްތް ކެއަރ، އަސާސީ ޞިއްޚީ ޚިދްމަތް ދިނުމުގެ މަސައްކަތް. ޕަބްލިކް ހެލްތްގެ މަސައްކަތަކީ، ސަރުކާރު ދެކޭގޮތުގައި ވަރަށް މުހިންމު މަސައްކަތެއް. އަޅުގަނޑުމެންނަށް އަބަދުވެސް ރަށްރަށުންވެސް، އަތޮޅުތަކުންވެސް އަދި މާލެއިންވެސް އެހެން ތަންތަނުންވެސް މިއިވެނީ ހައްތަހާވެސް ހޮސްޕިޓަލުގައި މެޝިން މަދުވާހަކައާއި، ހޮސްޕިޓަލުގައި ޑޮކްޓަރުން މަދުވާހަކައާއި ނުވަތަ އެކަށީގެންވާ ޞިއްޚީ ޚިދްމަތްތައް ހޮސްޕިޓާތަކުން އަޅުގަނޑުމެންނަށް ނުލިބޭ ވާހަކަ. އެކަމުގެ ޙަޤީޤަތް އަޅުގަނޑުވެސް ދަންނަވާނީ، އަޅުގަނޑުމެން އެދޭ މިންވަރަށް އަޅުގަނޑުމެންނަށް ހޮސްޕިޓާތަކުން އެންމެ ރަނގަޅު ޚިދްމަތްތައް މިވަގުތު އަދި މިއޮތީ ރައްޔިތުން އެދޭ މިންވަރަށް ނުލިބިފައޭ. އެކަންތައްތައް ތަރައްޤީ ކުރުމުގައި ސަރުކާރުން އަވަދިނެތި އުޅުމަކީ ކޮންމެހެން ބޭނުންތެރިކަމެއް. އަދި ހަމައެހެންމެ، އެއަށްވުރެ މުހިންމުކަން މާބޮޑުވެގެންވަނީ ބަލިވިޔަނުދީ ނުވަތަ ބަލިވުމުން ދުރުވާނެ ގޮތްތަކަކަށް އަޅުގަނޑުމެންގެ ދިރިއުޅުން އިންތިޒާމުކުރުމެއް ރޭވުމަކީ. އަޅުގަނޑުމެން މިބުނަނީ، ބަލީގެ ޝިފާއެއް ހޯދުމަށްވުރެ ބަލިން އަބަދުވެސް ރައްކާތެރިވެ ހުރުން އެއީ، މާބުއްދިވެރިކަމެއް. އަޅުގަނޑުމެންގެ ތެރޭގައި ޢާންމުކޮށް ބުނެ އުޅޭ ބަހެއް، ރައްކާތެރިވެ ތިބިއްޔާއޭ އަޅުގަނޑުމެންނަށް އަމާން ދަތުރެއް މިލިބެނީ.
 
ޕަބްލިކް ހެލްތްގެ މަސައްކަތަކީ، ހެލްތް ވާރަކަރުން ރާއްޖޭގެ ހުރިހާ ރައްޔިތުންނެއް ފާހަގަކޮށް، އެރައްޔިތުންގެ ޞިއްޙީ ހާލު އަބަދުވެސް ބެލޭނެ އިންތިޒާމެއް، ރަށު ކައުންސިލްތަކުންނާއި، ސިޓީ ކައުންސިލްތައް މެދުވެރިކޮށްގެން ހަމަޖެއްސުން. މިމަސައްކަތް ކުރުމުގައި ތިބީ ހެލްތް ވާރކަރުން. ހެލްތް ވާރކަރުން ބަދަލުވެގެންދާނީ ކައުންސިލްތަކަށް. އެ ހެލްތް ވާރކަރުން މަސައްކަތް ކުރަމުން ގެންދާނީ ކައުންސިލްތަކުގައި. ކައުންސިލްތަކުން ހިންގާ މަސައްކަތުގެ ތެރޭގައި ގޭގޭގެ ސާފުތާހިރުކަން ބެލުން، މަދިރި އުފެދުމާއި، އެހެންވެސް ޖަރާސީމާއި، ބަލިމަޑުކަމާއި، ރޯގާއަށް ފަހިވާ ކަންކަން ބެލުން، ދެނެގަތުން. ބަލިވަމުން އަންނަ މީހުންނާއި، މީހުންގެ ޞިއްޙަތު ބެލޭނޭ، ޓެސްޓްތައް ކުރެވޭނެ ގޭގެއަށް ގޮސް ކައުންސިލަރުންނަށް. ހެލްތް ވާރކަރުން ގޭގެއަށް ގޮސް މީހުންގެ ޞިއްޙީ ހާލަތު ބެލޭނޭ އިންތިޒާމުތައް ހަމަޖައްސައި، ކައުންސިލްގެ ފަރާތުން އަބަދުވެސް މީހުން ބަލަމުން ގެންދިޔުން. ބަލިވެ އިންނަ މީހާއާއި، ބަލިވެ އިނުމުގެ ކުރީގައާއި އަދި ބަލިވެ އިނުމުގެ ފަހުގައި އަދި ޅަފަތުގައިވާ ކުއްޖާއާއި، ވިހާ ގަދަނުވާ އަންހެންމީހާއާއި، އަދި ބޮޑުވަމުން އަންނަ ކުއްޖާއާއި އަދި ހަމައެހެންމެ، އުމުރުން ދޮށީ މީހާއާއި މިނޫންވެސް އަދި އެހެންވެސް ޞިއްޙީގޮތުން ޚާއްޞަ ނަޒަރިއްޔާތަކުން ސަރުކާރުން، ދައުލަތުން ބަލަހައްޓަންޖެހޭ، ބަލަންޖެހޭ މުޖުތަމަޢުގެ ފަރާތްތަކަށް ޚާއްޞަ ނަޒަރަކުން ބެލުން އެއީ، އަޅުގަނޑުމެން ދެކޭގޮތުގައި ލާމަރުކަޒީ އުޞޫލެއް މިރާއްޖޭގައި ޤާއިމު ކުރުމުގެ އެންމެ ބޮޑު ބޭނުން. ރައްޔިތުންނާ ގާތުން ރައްޔިތުންގެ ކަންކަމާ އަޅާލެވި، ރައްޔިތުންގެ ކަންކަން މިހާރަށްވުރެ ފުރިހަމައަށް ކުރިއަށް ގެންދެވޭނެ ގޮތްތައް ހަމަޖެއްސުން.
 
މިއަދު އަޅުގަނޑު މިތާ ތިޔަބޭފުޅުންނާ ބައްދަލުވާއިރުގައި މިދެންނެވި މަޢްލޫމާތު އެރުވުމުގައި އަދި މިދެންނެވި މަސައްކަތުގައި ހަރަކާތްތެރިވަމުން އެބަދޭ ވަޒީރު ބޭފުޅުން ރާއްޖޭގެ އެކިއެކި ހިސާބުގައި.
 
މަތިއުތުރު ސަރަޙައްދުގައި ޢަބްދުލްމަޖީދު ޢަބްދުލްބާރީއާއި، އަލްފާޟިލް އިބްރާހީމް ވަޙީދު ސްޓޭޓް މިނިސްޓަރާއި، އަލްފާޟިލް އަޙްމަދު ޚަލީލު އެއީ މިނިސްޓްރީ އޮފް ހެލްތްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް، ޕަބްލިކް ހެލްތް ސަރވިސަސް އަދި ޑޮކްޓަރ ޢިޞާމް މުޙަންމަދު އެއީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީ. މިބޭފުޅުން ވަޑައިގަންނަވާނީ ހއ.ދިއްދޫ، ހދ.ކުޅުދުއްފުށި އަދި ށ.މިލަންދޫއަށް.
 
އުތުރު ސަރަޙައްދަށް މަޙްމޫދު ރާޒީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، އަލްފާޟިލް ޢަބްދުލްބާރީ ޢަބްދުﷲ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތް، އަލްފާޟިލް ޙުސައިން މާނިޢު ޕަބްލިކް ހެލްތްގެ ޕްރޮގްރާމް އޮފިސަރ މިނިސްޓްރީ އޮފް ހެލްތް. އަދި އަލްފާޟިލް އިބްރާހީމް މުޙަންމަދު ރަޝީދު އެއީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ. އެބޭފުޅުން ވަޑައިގަންނަވާނެ ރަށްރަށަކީ، ޅ. ފެލިވަރު، ބ.އޭދަފުށި، ރ. އުނގޫފާރު، އަދި ނ. މަނަދޫ.
 
 މެދު އުތުރު ސަރަޙައްދަށް އަލްފާޟިލް ޙަސަން ޢަފީފް ހޯމް މިނިސްޓަރ. އަލްފާޟިލާ ފާޠިމަތު ޢާފިޔާ އެއީ މިނިސްޓަރ އޮފް ހެލްތުގެ ނައިބު، އަލްފާޟިލް ޢަބްދުﷲ ތައުފީޤް އެއީ ޕަބްލިކް ހެލްތް ޕްރޮގްރާމް ކޯޑިނޭޓަރ އަދި އަލްފާޟިލާ ޢާއިޝަތު ޝާހީން އެއީ، ރައީސް އޮފީހުގެ ޑިރެކްޓަރ ޖެނެރަލް. އެބޭފުޅުން ވަޑައިގަންނަވާނީ ކ. މާފުށި، ވ. ކެޔޮދޫ، އއ.ރަސްދޫ އަދި އއ. މަހިބަދޫއަށް.
 
 މެދު ސަރަހައްދަށް ޝިފާ މުޙަންމަދު އެޑިޔުކޭޝަން މިނިސްޓަރާއި، އަލްފާޟިލާ މާރިޔާ ޢަލީ ހެލްތް މިނިސްޓަރުގެ ނައިބު އަދި އަލްފާޟިލް އަޙްމަދު ވަޖީޙު ޑިރެކްޓަރެއް އެއީ މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީން، އަދި ޝުޢައިބު ޢަލީ، ރައީސް އޮފީހުގެ ޑެޕިޔުޓީ އަންޑަރ ސެކްރެޓެރީ. އެބޭފުޅުން ވަޑައިގަންނަވާނީ މ.މުލައް، ދ. ކުޑަހުވަދޫ، ފ. ނިލަންދޫއަށް.
 
 މެދު ދެކުނު ސަރަހައްދަށް ބަލާއިރު އަލްފާޟިލާ ޤީލާ ޢަލީ، އެއީ، ހެލްތް މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓެރީ، އަލްފާޟިލާ ނާހިދާ އަޙްމަދު އެއީ، ޕަބްލިކް ހެލްތް ޕްރޮގްރާމް އޮފިސަރ އަދި ޢަބްދުލްޙަމީދު ޢަބްދުލްކަރީމް، ޑެޕިޔުޓީ އަންޑަރ ސެކްރެޓެރީ ރައީސް އޮފީހުގެ. އެބޭފުޅުން ވަޑައިގަންނަވާނީ ލ.ގަމަށާއި ތ. ވޭމަންޑުއަށް.
 
 މެދު ދެކުނު ސަރަހައްދަށް ޢާދިލް ސަލީމް މިނިސްޓަރ އޮފް ޓްރާންސްޕޯޓް ވަޑައިގަންނަވާނެ. އަދި ޑޮކްޓަރ އިބްރާހީމް ޔާސިރު އެއީ، މިނިސްޓްރީ އޮފް ހެލްތުގެ ޑިރެކްޓަރ ޖެނެރަލް، އަލްފާޟިލް މުޙަންމަދު ރަމީޒު މިނިސްޓްރީ އޮފް ހެލްތުގެ ޑިރެކްޓަރ އަދި އަލްފާޟިލް އިސްމާޢީލް ޢަލީމަނިކު އެއީ، ރައީސް އޮފީހުގެ އަންޑަރ ސެކްރެޓެރީ. އެބޭފުޅުން ވަޑައިގަންނަވާނީ ގދ. ތިނަދޫ، ގއ. ވިލިނގިއްޔަށް.
 
ދެކުނު ސަރަޙައްދަށް އަލްއުސްތާޛު ޙަސަން ލަޠީފް، ސްޕޯޓްސް މިނިސްޓަރ ވަޑައިގަންނަވާނީ އެޓީމުގެ ލީޑަރެއްގެ ގޮތުގައި. ދެން އަލްއުސްތާޛާ ލުބުނާ މުޙަންމަދު ޒާހިރު ޙުސައިން ހެލްތް މިނިސްޓަރުގެ ނައިބު، އަލްފާޟިލް ޢަބްދުލްޙަމީދު އެއީ، ސީނިއަރ ޕަބްލިކް ހެލްތް ޕްރޮގްރާމް އޮފިސަރ މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީގެ އަދި އަލްފާޟިލާ އާމިނަތު ޝައުނާ ރައީސް އޮފީހުގެ ޑެޕިޔުޓީ އަންޑަރ ސެކްރެޓެރީ. އެބޭފުޅުން ވަޑައިގަންނަވާނީ ސ. ހިތަދޫއާއި ޏ. ފުވައްމުލަކަށް.
 
މިއެންމެހާ ތަންތަނުގައި މިހާރު އިރާދަކުރެއްވިއްޔާ މި ވަރކްޝޮޕްތައް ބޭއްވި، ކައުންސިލަރުންނަށް މިކަމާގުޅޭ މަޢްލޫމާތު ދެވެމުންދާނެ. ސަރުކާރުން މިދެކެނީ، މި މަޢްލޫމާތުތަކާއެކީގައި ޕަބްލިކް ހެލްތުގެ މަސައްކަތް ވަރަށް ބާރަށް، ވަރަށް ފުރިހަމަކޮށް އިރާދަކުރެއްވިއްޔާ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި މިއަދު ހިނގައިގަންނާނެ ކަމަށް. ދެން އަޅުގަނޑު ތިޔަބޭފުޅުންގެ ސުވާލަށް އިރުކޮޅެއް އަރުވާނަން.
 
އަޙްމަދު މުޙުސިން – އެމް.އެން.ބީ.ސީ.ވަން
 
އަޅުގަނޑުގެ ސުވާލަކީ މަނިކުފާނުވެސް ވިދާޅުވެއްޖެ، ހޮސްޕިޓަލްތަކުގައި އެންމެ ފެންވަރު ރަނގަޅު ޚިދްމަތް އަދި ނުދެއްވޭ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް. އަތޮޅުތަކުގައި ލޯކަލް ކައުންސިލްތަކަށް މިބައި ހުޅުވާލައިގެން ހެލްތް ވަރކަރުން ލައްވާ ޞިއްޙީ ޚިދްމަތް ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވާއިރުގައި، އަތޮޅުތަކުގައި ހުރި ހޮސްޕިޓަލްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް މިއަހަރު ތެރޭގައި ކޮންކޮން މަސައްކަތްތަކެއްތޯ ކުރެވޭނީ. އަދި ހަމައެހެންމެ ހެލްތް ވަރކަރުންނަށް ފާހަގަކުރެވޭ އެކިއެކި ބަލިތަކުގެ މީހުންނަށް ހަމައެކަނި ރަށުގައި ބައިތިއްބައިގެންތޯ ފަރުވާދެވޭނީ. އެކަށީގެންވާ ފަރުވާއެއް ދިނުމަށްޓަކައި އެހެން ދިމަދިމާއަށް ފޮނުވައިގެން ރަނގަޅު އެކަށީގެންވާ ފަރުވާއެއް ދެވޭނެ އިންތިޒާމެއް ހަމަޖައްސަވާނަންތޯ؟
 
 
 
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
 
އަޅުގަނޑު ދެންނެވި އަމާޒު ގެއްލެނީ އިނގޭތޯ. ޕަބްލިކް ހެލްތްގެ އެންމެ ބޮޑު ބޭނުމަކީ ޕްރިވެންޝަން. ކިއޯއެއް ނޫން. ބަލިވިޔަނުދިނުން. މިއީ، ޕަބްލިކް ހެލްތްގެ މަސައްކަތްތައް އެންމެ ރަނގަޅަށް ގެންދެވުނީމާ، ހާލަކުން ފަހަރަކު މީހަކު ބަލިވާނީ. ތަރައްޤީވެފައިވާ ޤައުމެއްގައި އާބާދީގެ ނިސްބަތުން ބަލާއިރުގައި ހޮސްޕިޓަލަށްދާ އަދަދު ޢާންމުކޮށް ވަރަށް މަދުވާނެ، ތަރައްޤީވެފައިވާ ޤައުމެއްގައި. އެހިސާބުތައް ތިޔަބޭފުޅުން ބެއްލެވީމާ، ވަރަށްބޮޑަށް ފެންނާނެ.
 
ދެން އަޅުގަނޑުމެންނަށް ވަރަށް ރަނގަޅު ޕަބްލިކް ހެލްތް ނިޒާމެއް ހިންގަމުން ގެންދެވުނު ވަރަށް ކުރީއްސުރެ ފަށައިގެން. ޙަޤީޤަތުގައި 1950ން ސުރެން ފެށިގެން އައިސް 1990 އިގެ ކުރިއާ ހަމައަށް އަޅުގަނޑުމެންނަށް ވަރަށް ރަނގަޅު ޕަބްލިކް ހެލްތް ނިޒާމެއް ގެންދެވުނު. 90 އިގެ ތެރޭގައި ފެށީ ހެލްތް ޕޯސްޓްތައް، ހެލްތް ސެންޓަރުތަކުން ހޮސްޕިޓާތަކަށް ބަދަލުކޮށް، އެތަންތަނުގެ ޞިއްޙީ ޚިދްމަތް ހޮސްޕިޓާތަކަކަށް އެ ތަންތަން ބަދަލުކުރަން. އެކަން ވެގެންދިޔައީ ވަރަށް އުނދަގޫ ވިސްނުމަކަށް. ފުރަތަމަ ކަމަކަށް 7 މީހުން ވިއްސަން އަހަރަކަށް، ޑޮކްޓަރެއް ދުނިޔެއަށް ހޯދަން އެއީ ވަރަށް ދަތިކަމެއް. މުޅި އަހަރު އެއީ، އާދައިގެ ގައިނޮކޮލޮޖިސްޓެއް އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮންނަ ގޮތުގައި ދުވާލެއްގެ ނުވަތަ ހަފްތާއެއްގެ މައްޗަށް އެބަ ވިއްސަންޖެހޭ އޭނާ އެޕްރޮފެޝަންގައި މީހެއްގެ ގޮތުގައި ދެމިހުރުމަށް ވަކި އަދަދަކަށް ކަން ކުރަން އެބަޖެހޭ. ރާއްޖޭގެ ކުޑަ ރަށެއްގައި ޑޮކްޓަރަކަށް ހުންނަވައިގެން އެއީކީއެއް ވާނެ ކަމެއް ނޫން. އަދަދު ކުޑަކަމުން. އެހެންވީމާ، ދަތުރުފަތުރު ކުރުމުގެ ނިޒާމުވެސް މުހިންމުވަނީ. އެހެންވީމާ، ޕަބްލިކް ހެލްތްގެ މަސައްކަތްތައްވެސް މުހިންމުވަނީ.
 
އަޅުގަނޑުމެން މިދަންނަވާ ވާހަކައަކީ، މިސާލަކަށް ހަމަ ރަށެއްގެ ނަން ނަންގަވާ. ކުޑަރަށެއް އެރަށެއްގައި މީހަކު އަލަތު ކައިވެންޏަކަށްފަހު، ދެމަފިރިން އިނދެ އަންހެނަކު ބަލިވެއިނީ. އަޅުގަނޑުމެން މިދެކެނީ އެ އަލަތު ކައިވެނިވެސް ހެލްތް ވަރކަރަށް ރެކޯޑު ކުރެވެން ޖެހޭނެޔޭ. އަދި ބަލިވެއިން ދުވަސްވެސް ރެކޯޑު ކުރެވެންޖެހޭނެޔޭ. ބަލިވެ އިނުމަށްފަހު، އެ އަންހެންމީހާއަށްވަމުން އަންނަ ހުރިހާ ގޮތެއް، މަހުން މަހަށް ރެކޯޑު ކުރެވެން ޖެހޭނެޔޭ. އެ އަންހެންމީހާ އަނގަމަތި މަސްދޯންޏެއްގައި މާކަނޑަށް ވިހާކަށް ނުޖެހޭނެޔޭ. އެއީ، އެކަން ވާންޖެހޭ ގޮތެއް ނޫނޭ، އިންތިޒާމެއްގެ ތެރެއިން އަޅުގަނޑުމެންނަށް ކަންކަން ގެންދެވުނީމާ.
 
ހޮސްޕިޓާތައް އަޅުގަނޑުމެން ވަރުގަދަ ކުރުމަށްޓަކައި ހެލްތް ކޯޕަރޭޝަންތައް މިވަނީ އުފައްދާފައި. އެނގިވަޑައިގަންނަވާނެ، ހެލްތް ކޯޕަރޭޝަންތައް އުފެއްދިފަހުން ހޮސްޕިޓާތަކަށް އަދި ހެލްތް ސެންޓަރުތަކަށް އަޅާލެވޭނެ މިންވަރު ބޮޑުވާނެ. އަދި ލިބޭ ޚިދްމަތްވެސް އިރާދަކުރެއްވިއްޔާ ރަނގަޅު ވަމުން އަންނަނީ. އެހެންނަމަވެސް، މިއަދުގެ އަމާޒަކީ މިދެންނެވި މަސައްކަތް ކުރުން. ހާލެއްނެތި، އޮތް ހާލަށް ހަދާނެގޮތް ނެތި އެހުންނަ ހާލަށް، އަޅުގަނޑުމެންނަށް އަންނަން ނުޖެހުން. އެކަމަށްޓަކައި ކުރާ ޚަރަދު ކުރުމަށް ސަރުކާރުން މިގަސްދުކުރަނީ. ފެންނަން ހުރި ހިސާބުތަކުން މިއެނގެނީ، ބަލިވިޔަނުދިނުމަށް ޚަރަދުކުރާ ކޮންމެ ރުފިޔާއެއް އެއީ، ބަލީގެ ފަރުވާއަށް ކުރަންޖެހޭ ޚަރަދުން ދެރުފިޔާ ކެނޑޭ ކަމެކޭ. އެހެންވީމާ، މިއަމާޒަށް އަޅުގަނޑުމެން މަސައްކަތްކުރުން. މިސަރުކާރުގެ އަބަދުވެސް ސިޔާސަތަކީ އެއީ. އެނގިވަޑައިގަންނަވާނެ، ޤައުމީ ތަރައްޤީގެ އޮނިގަނޑުގައި، އެކްޝަން ޕްލޭންގައި ވަރަށް ސާފުކޮށް އެވާހަކަތައް ލިޔެފައި އޮންނާނެ. އަދި އެމް.ޑީ.ޕީ. މެނިފެސްޓޯ އަބަދުވެސް ވަކާލާތު ކޮށްފައިވަނީ މިމަގަށް. އަޅުގަނޑުމެންނަށް ކުރަން ހަވާލުވެފައިވާ މަސައްކަތަކީވެސް މިދެންނެވީ.
 
އަޅުގަނޑު މިވަގުތު  ފާހަގަކޮށްލަން ބޭނުން، އަޅުގަނޑު ވަރަށް އުފާވޭ، ޕަބްލިކް ހެލްތްގެ ގިނަ މުވައްޒަފުންނާއެކީގައި ވަރަށް ގިނަ ދުވަސްތަކެއް އަޅުގަނޑުމެންނަށް މި މަސައްކަތް ހިންގިއްޖެ. ދެން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިހާރު މިމަސައްކަތުގެ ޢަމަލީ ކަންކަން ފެށިގެން ކުރިއަށް        މި ގެންދެވެނީ.
 

JJ Robinson – Minivan News

 

JJ from Minivan News. I hope this is not too off topic, but the IMF [International Monetary Fund], at the conclusion of its Article IV for consultation, questioned the country’s ability to actually afford this layer of decentralized local governance and the local councils. Are the councilors now being paid and if so where all the money to pay them come from?

 

President Mohamed Nasheed:

 

The money, of course, will come from the public, from the tax payers’ pockets. There is no where else that any money can come to any government revenue streams.

 

The public has the appetite to decentralize. It is very obvious. This was a cornerstone pledge by all political parties, in fact, and we have been talking about decentralization for quite sometime.

 

Although the short term costs are high, I think it is obvious to the Fund [IMF], the Bank and other donor agencies that in the long term decentralization is going to reduce costs. It is already becoming very obvious to the government that there are many measures when done locally that become so much cheaper than when it is done centrally and then superimposed to a local condition.

 

Decentralization, anywhere in the world, when it starts is expensive, but when it starts running it is highly efficient and it does assist fiscal and monetary policies as well it does fuel growth. There is really no doubt about that.

 
 
ޢަބްދުލްލަޠީފް އާދަމް – މިއަދު ނޫސް
 
މަނިކުފާނު ދެންމެ ތިޔަދެއްކެވި ވާހަކަފުޅާ ގުޅިގެން، އަޅުގަނޑުގެ ސުވާލު އަމާޒުކޮށްލަން މިޖެހެނީ، ހަމަ މިދާއިރާއަށް. އެހެންނަމަވެސް ސީދާ ތިޔަވާހަކައަށް ނުވެދާނެ. އެހެންނަމަވެސް އަޅުގަނޑު ދަންނަވާލަން ބޭނުން އިނގޭތޯ. މިހާރު ލޯކަލް ގަވަރންމަންޓްތަކެއް އުފެދުނަސް، އޮތޯރިޓީތަކެއް އުފެދުނަސް، ކޮންމެގޮތެއްވިޔަސް ސަރުކާރުގެ ބެލެނިވެރިކަމަކުން ދިވެހި ރައްޔިތުންނެއް ނުނެއްޓޭނެ. އެހެންކަމަށްވަންޏާ ރައްޔިތުންގެ ޞިއްޙީ ހާލަތުގެ ފުރިހަމަ ބެލެނިވެރިޔަކީ ދިވެހި ސަރުކާރު. މަނިކުފާނު މަގާމުގައި ހުންނެވިހާ ދުވަހަކު މަނިކުފާނު. އަޅުގަނޑުމެންގެ ތެރެއިން ފޫޅުމައިން ތަމްރީނުކުރުން ހުއްޓުނު. ނަރުހުންނަށް ވިސްނުމުގެ ބައި ތަމްރީނުކުރުން އުނިކުރެވުނު. ނަތީޖާއަކަށްވެގެން މިދިޔައީ ފުރަ މާލޭގެ އައި.ޖީ.އެމް.އެޗް.ގެ ފާޚާނާއަކަށް ވިހަންޖެހުން. ބިރުން ކައިރިވާނެ ނަރުހަކުވެސް ނެތް ހިސާބަށް ގޮސްގެން ހެލްތް ކޯޕަރޭޝަނުން އެކަމާ ކަންބޮޑުވެގެން ހެލްތް ކޯޕަރޭޝަންގައި މިހާރު 13 ވަރަކަށް ނަރުހުން ތަމްރީނު ކުރުމަށް ކަމާބެހޭ ފަރާތާއެއްކޮށް ސޮއި ކުރެވުނު ޚަބަރު އަޅުގަނޑުމެންނަށް މީގެ ހަފްތާއެއްވަރު ކުރިން ހެދިން. ދެން ޤައުމުގެ މިހާލަތު، އެންމެ އާންމު ހާލަތު، ވިހެއުމުގެ ހާލަތު ވިއްސުމުގެ ހާލަތު، މިހާލުގައި އޮތްއިރުގައި މި 13 ވަރަކަށް ނަރުހުން ހަމައެކަނި ތަމްރީނުވެގެން އައި.ޖީ.އެމް.އެޗް އަށް ނުކުމެގެން އަޅުގަނޑުމެން މިދެކެން އުޅޭ މަންޒަރު ފެނިދާނެބާއޭ، އަޅުގަނޑުމެންގެ މިފާޚާނާތަކުން މިކަންކަން ސަލާމަތްވެ، އަޅުގަނޑުމެން މިއަށްވުރެ ރަނގަޅު، ސަލާމަތް ގޮތަކަށް މިކަންކަން ކުރިއަށްދާނެ ގޮތަކާ ދޭތެރޭ މަނިކުފާނުވެސް ވިސްނާވަޑައިގެންފައި އެބައޮތްތޯއޭ؟ މަނިކުފާނުގެ ސަމާލުކަމަށް މިކަން އައިސްފައި އެބައޮތްތޯއޭ މިހާތަނަށް؟
 
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
 
އަޅުގަނޑުމެން ލާމަރުކަޒީ އުޞޫލުން ހިންގުމާއި އަދި ޕަބްލިކް ހެލްތަށް ބާރުއެޅުމުގެ އެންމެ ބޮޑު ބޭނުމަކީ ހަމަ ތިޔަ ފާހަގަކުރެއްވީ. ނަރުހުންގެ ތަމްރީނުތަކުގެ ތެރޭގައި ހިމެނޭ މޮޑިއުލްތައް މީގެ އަހަރުތަކެއް ކުރީގައި ތަފާތުވެގެންދިޔަ. އަދި ފޫޅުމައިން ތަމްރީނު ކުރުންވެސް، މީގެ ދުވަސްކޮޅެއް ކުރީގައި އެކަމަށްވެސް ތަފާތުތަކެއް އައިސްގެންދިޔަ. ޕަބްލިކް ހެލްތްގެ މަސައްކަތް އަޅުގަނޑުމެންނަށް މިއައީ ދޫކޮށްލެވެމުން. އައިސް އަޅުގަނޑުމެންނަށް ހެލްތް ޑެލިވަރީގެ މަސައްކަތް ނުވަތަ ހޮސްޕިޓަލުންނާއި އަދި މެޝިނަރީ ހޯދުމާއި، އެކި ފާޑުފާޑުގެ ސްކޭނަރާ، އެނގިވަޑައިގަންނަވާނެ، ނޫހެއް ބަލައިލިޔަސްވެސް އަބަދުވެސް އެންމެބޮޑުކޮށް އަޅުގަނޑުމެންނަށް ފެންނާނީ މިވެނި ހޮސްޕިޓަލެއްގެ މިވެނި އެކްސްރޭ މެޝިނެއް ނެތޭ. ދެން ތަނެއް ބިންދައިގެން ގޮސްފައި އޮތީމާ، ގިނަ ޑޮކްޓަރުން ބުނަނީ އަތްލީމާ އެނގެޔޭ. އެހެންނަމަވެސް، އެކްސްރޭ މެޝިނަކީ ވަރަށް ބޭނުންތެރި އެއްޗެއް ނުވަތަ އެހެން ބާވަތެއްގެ ސްކޭނަރަކީވެސް ހަމަ ބޭނުންތެރި އެއްޗެއް. އަޅުގަނޑުމެންނަށް އަމާޒެއް ނުކުރެވޭ، ޕަބްލިކް ހެލްތްގެ މަސައްކަތްތަކަށް. އެންމެ އަސާސީ އާދައިގެ ޞިއްޚީ މައްސަލަތަކަށް އަޅުގަނޑުމެން ޙައްލު ހޯދުމަށް އެވާހަކަތަކެއް އަޅުގަނޑުމެންނަކަށެއް ނުދެއްކޭ. އަޅުގަނޑުމެން ފާހަގަކުރަން ބޭނުންވަނީ، ރަނގަޅު، ދުޅަހެޔޮ ޞިއްޙަތެއްގައި މުޖުތަމަޢު އޮތުމަށްޓަކައި އަދި ފާޚާނާއަށްވެސް ނުވިހެއުމަށްޓަކައި ކޮންމެހެން ބޭނުންތެރިވަނީ ހަމަ މީހާ ބަލިވެ އިންނައިރުވެސް އެނގުމޭ. ކޮންމެ މީހަކު އެއީ، ކާކުކަން ހެލްތް ވަރކަރުންނަށް، ލޯކަލް ކައުންސިލްތައް، ރަށު ކައުންސިލާއި ސިޓީ ކައުންސިލްތައް މެދުވެރިކޮށްގެން ރީތިކޮށް، ސާފުކޮށް، ކޮންމެ މީހަކީ ކޮބައިކަން، އޭނާއަށްވަނީ ކިހިނެއްކަން އެނގި، އޭނާ ވިހެއުމުގެ މަގުމައްޗަށް ނުވަތަ ވިހެއުމުގެ ދަތުރުގައި އުޅޭ އަންހެންމީހާއާ އަޅާލެވޭނެ ގޮތެއް އަޅުގަނޑުމެން ހޯދުން. އެމީހުންގެ ކަންތައްތައް ވަރަށް ގާތުން އަބަދުވެސް ދައުލަތުން ބަލަމުން ގެންދިއުން. އިރާދަކުރެއްވިއްޔާ ލާމަރުކަޒީ އުޞޫލުން މިކަންކަން ވާނެކަމަށް އަޅުގަނޑުމެން މިތިބެނީ ފުރިހަމައަށް ގަބޫލުކޮށް އަދި އަޅުގަނޑުމެންނަށް ފެންނަން ހުރި އެހެން ތަޖުރިބާތައްވެސް ދައްކާފައި އޮތީ، މިކަމަކީ ވަރަށް ރަނގަޅަށް ކާމިޔާބު ކުރެވޭނެ ކަމެއް ކަމަށް.
 
ޢަބްދުލްލަޠީފް އާދަމް – މިއަދު ނޫސް
 
އާދެ! އަޅުގަނޑުގެ ސުވާލުގެ އެއްބަޔަށް ކޮންމެވެސް ވަރަކަށް އަލިއަޅުއްވާލަދެއްވިއްޔާ ރަނގަޅު. އެއީ، އަޅުގަނޑުމެން މިހާރު މިއޮތް ހާލަތުން، މި ދެންނެވީ ފާޚާނާއަށް ވިހެއުމުން ސަލާމަތްވާނެ ހާލަތަ ކަށް މި ނިޒާމު ގެންދިއުމަށް ސަރުކާރުން ވިސްނަވާފައި އޮތީ ކިހިނެއްތޯ.
 
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
 
ފުރަތަމަ ކަމަކަށް ރަނގަޅު ނަރުހުންނާއި، ރަނގަޅު ޑޮކްޓަރުން ތަމްރީނު ކުރުން، އުފެއްދުން. އެނގިވަޑައިގަންނަވާނެ، ދާދި އިހަކަށްދުވަހުވެސް ސަރުކާރުން މަސައްކަތް ކުރިން 120 ނަރުހުން އެއްފަހަރާ ގެންގޮސް، އިތުރަށް ތަންކޮޅެއް ރަނގަޅަށް ތަމްރީނެއް ދީފައި ގެނައުން. ދެން އެކަމުގައިވެސް އޭރު ކުޑަ މައްސަލަތަކެއް އުޅުނެއް ކަމަކު މިހާރު އެމަސައްކަތްވެސް އެބަހިނގާ. އަދި ހަމައެހެންމެ، ޓެލެމެޑިސިންގެ މަސައްކަތާ ގުޅިގެންވެސް އެބަ ތަމްރީނު ކުރެވޭ 100 އެތައް ނަރުހުންނެއް. އެހެންނަމަވެސް، އެންމެ މުހިންމު ކަމެއް އަޅުގަނޑުމެން ދޭންވީ ޔުނިވަރސީޓިގެ ހެލްތް ސައެންސަސް ފެކަލްޓީ ވަރުގަދަކޮށް، އެތަނުން އުޞޫލެއްގެ ގޮތުން ދާއިމީކޮށް ރަނގަޅު ޑޮކްޓަރުންނާއި ރަނގަޅު ނަރުހުން ތަމްރީނުވެގެން ރަނގަޅު ފާސްތައް ލިބިގެން ނުކުންނާނެ އިންތިޒާމުތަކެއް ހަމަޖެއްސުމަށް. އެހެންވެސް، ޤައުމުތަކުގައި މިބާވަތުގެ ކަންކަމަށް ޢަމަލުކުރާ ގޮތަށް، އަޅުގަނޑުމެންވެސް ޢަމަލު ކުރަން ފެށުން. ދެން އަޅުގަނޑަށް ފެންނަނީ، މިހާރު އަޅުގަނޑުމެންނަށް އެމަގުތައް އެޅެމުންނޭ މިދަނީ. އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ފެންނަ ފެނުމުގައި މިކަންކަން މިދަނީ ހަމަ މަގަށް އެޅެމުން. އަދި އަޅުގަނޑުމެން މިއެދޭ ބަދަލު، އަޅުގަނޑުމެން މިއެދޭ ރަނގަޅު ހެޔޮ އުފާވެރި ދިރިއުޅުން އަޅގަނޑުމެންނަށް ލިބޭނެ.
 
މިސްބާޙް ޢައްބާސް – ދިޓީވީ
 
ޕަބްލިކް ހެލްތް ސަރވިސް ރަނގަޅު ކުރުމުގެ ވާހަކަ އަޅުގަނޑުމެން މިދައްކަނީ. ދައްކަމުންދާއިރު ވޭތުވެދިޔަ ދެތިން ދުވަހެއްގެ ތެރޭގައި، އެންމެ ކުލަގަދަކޮށް އަޅުގަނޑުމެންނަށް ފާހަގަކުރެވޭ އެއް ޚަބަރަކީ، އައި.ޖީ.އެމް.އެޗް.އަށް ވިހަންދިޔަ މާބަނޑު އަންހެނަކު 18 ދުވަސް ވަންދެން ހޮސްޕިޓަލްގައި އޮތުމަށްފަހު، ދަރިފުޅު ބޮޑުވެގެން ނުވިހިގެން، އެންމެފަހުން މަރުވެގެން ދަރިފުޅުގެ ބޯބުރިކޮށްލާފައި ނަގަން މިޖެހުނީ. ދެން އިންޓަރނޭޝަނަލީ، ރާއްޖެއިން ބޭރުގައި މިކަންތައްތައް އޮންނަ ގޮތުން މިއީ، ބޮޑެތި ބަދަލުތަކެއް ދައްކަންޖެހޭ ކަމެއް. އަޅުގަނޑުމެންނަށް މަޖަލެއްގެ ގޮތުގައި ހުރިހާ މީޑިއާއެއްގައިވެސް އެކަންތައްތައް ސިފަކޮށް އެވާހަކަ ދެކެވެމުން އައީ. ޢާއިލާއަށް ލިބުނު ގެއްލުމެއް އަޅުގަނޑުމެން އެއްވެސް ބަޔަކު ތަޞައްވުރު ކޮށްފައެއް ނެތް. މިކަހަލަ ކަންތައްތަކަކީ މިއީ، ޤާނޫނެއްގެ ދަށުން ބަދަލު ލިބިދިނުން އޮންނަ ކަންކަމެއް ބޭރު ދުނިޔޭގައި. ރާއްޖޭގައި އެފަދަ އިންތިޒާމެއް ނެތް. ދެން އެފަދަ އިންތިޒާމުތައް ހަމަޖެއްސުމުގައިވެސް އެންމެބޮޑު އެއް މަޤްޞަދަކީ، އެފަރާތްތައް ޒިންމާދާރު ކުރުވުން. ކޮބައިތޯ މިކަމަށް ސަރުކާރުން އޮތް ގޮތަކީ؟
 
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
 
ޝުކުރިއްޔާ އިނގޭތޯ. އަޅުގަނޑު އެންމެ ފުރަތަމައިނުން މަންމައަށާއި ބައްޕައަށް ތަޢުޒިޔާ ދަންނަވަން. އަދި އެބޭފުޅުންގެ ހިތާމައިގައި އަޅުގަނޑު ނުހަނު ބައިވެރިވަން. އަޅުގަނޑުމެން އެކަކަށްވެސް ނުބުނެވޭނެ، އެ ހިނގި ހާދިސާއަކީ، ރަނގަޅު ހާދިސާއެކޭ. އަދި ހިނގަން ވާނެ ހާދިސާއެއްކަމަކަށްވެސް. އަދި އެއީ މަޖާ ވާހަކައެއްކަމަކަށްވެސް. ހަމަކަށަވަރުންވެސް ސަރުކާރަކުންނެއް އަދި އަޅުގަނޑު އަމިއްލައަށްވެސް އެގޮތަކަށެއް ނުދެކޭނެ. މެޑިކަލް ނެގްލިޖަންސްގެ ބިލް އެނގިވަޑައިގަންނަވާނެ، މިހާރުވަނީ ރައްޔިތުންގެ މަޖިލީހުގައި. ތިޔަބޭފުޅާވެސް ދެންމެ ފާހަގަކުރައްވައިފި، ޤާނޫނުތަކުގެ ދަށުން އެހެން ޤައުމުތަކުގައި މިބަދަލު ދިނުމުގެ އުޞޫލުތަކާއި ކަންކަން ހިނގަމުން އަންނަނީ. ދެން އަޅުގަނޑުމެންނަށްވެސް އެމަގަށް ދިޔުމަށް މިމަސައްކަތް ކުރަމުން މިދަނީ. ދެން ހަމައެހެންމެ، އަޅުގަނޑު ދަންނަވަން ބޭނުންވަނީ، އެއަންހެންމީހާ އޭނާ ބަލިވެއިންކަންވެސް އަޅުގަނޑުމެންނަށް އެނގެން ޖެހޭނެޔޭ. އަދި އޭނާގެ ބަނޑުގައި އޮތް ކުއްޖާ ބޮޑުވަމުން އައި މިންވަރު، އެހެންކުދިންނަށްވުރެ ބޮޑުކަމަށްވަނީނަމަ، އަދި އޭނާއަށް ވިހަން ދަތިވެ، އެހެން ގޮތްގޮތް ވާން ޖެހޭކަމަށްވަނީނަމަ، އަޅުގަނޑު ހިތުން ހުރިހާ މަރުޙަލާއެއްގައި، މާކުރީއްސުރެ ފަށައިގެން އަޅުގަނޑުމެންނަށް އެކަންކަން އޮންނަން ޖެހޭނީ އެނގިފައޭ. ކަން އެންމެ ގޯސްވީމާ ދެން އަޅުގަނޑުމެންނަށް އޭގެ ސަބަބުން ކުރެވޭނެ ކަންކަން ހަމަ ވަރަށް މަދުވެގެންދަނީ. ދެން އެންމެފަހު ގަޑީގައި ޑޮކްޓަރަކަށް ކުރަންޖެހޭ ކަމެއް، ފުރާނައެއް ސަލާމަތް ކުރުމަށްޓަކައި އެއީ، އެމަސައްކަތުގައި އުޅޭ ބޭފުޅުންނަށް އެކަހަލަ ދަނޑިވަޅުތަކުގައި ނިންމަންޖެހޭ ނިންމުންތަކެއް. އެއީ، ހިތާމަވެރި ކަމެއް. އަދި އަޅުގަނޑުނުހަނު އެކަމާ ހިތާމަކުރަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އަމާޒަކީ، ލާމަރުކަޒީ އުޞޫލުން މިކަންކަންކޮށް، ރައްޔިތުންނާ ގާތުން ކަންކަން ކުރެވޭތޯ އަޅުގަނޑުމެން މިބަލަނީ. މާދުރުގައި ހުންނަ، މާލޭގައި ހުންނަ ތަނެއްގައި އެކަނި ހުރިހާ ނިންމުމެއް ނިންމުމުގެ އުޞޫލުތައް އޮތީމާ، ދެން ރަށްރަށުން ވަރަށް އުނދަގޫ އިނގޭތޯ، ރައްޔިތުންނަށް އެމީހުންނަށް ކަންތައްތައް ބޮޑުވީމާ އެކަމާ އަޅާލެވޭނެ ގޮތް ހޯދުން. ތިޔަ ސުވާލު ކުރެއްވި ކަމަށްޓަކައި ޝުކުރިއްޔާ.
 
މިސްބާޙް ޢައްބާސް– ދި ޓީވީ
 
އަޅުގަނޑު އަދި އިތުރު ސުވާލެއް ކޮށްލާނަން. މިހާރު މި އެމް.ޑީ.ޕީ. މެނިފެސްޓޯގައި ހިމެނޭ ބައެއް އެއީ، ބޭސް ސިޓީއަށް ސަލާންޖެހުމާއި، ބޭސްކުރުން އަގުހެޔޮކޮށް ރައްޔިތުންނަށް ލިބޭނެގޮތް މަގުފަހިކޮށްދިނުން. ޞިއްޙީ ދާއިރާ އިތުރަށް ވަރުގަދަ ކުރުމަށް ވާހަކަދެކެވެމުންދާއިރު އަޅުގަނޑުމެންނަށް ފާހަގަކުރެވޭ އެންމެ ކައިރިން ޖެހިގެން އަތޮޅުތެރެ ދޫކޮށްލާފައި، ހުޅުމާލެ ހޮސްޕިޓަލުގައި އެކްސްރޭ ނަގާނެ ގޮތް ނެތިގެން، އެތާނގައި ޓެސްޓްތައް ހެދޭނެގޮތެއް ނެތިގެން، އައި.ޖީ.އެމް.އެޗް.އަށް އަންނަން އެބަޖެހޭ އެނގޭތޯ. އަޅުގަނޑުގެ ސުވާލަކީ ކޮންއިރަކުންތޯއޭ މިކަންކަމަށް ޙައްލެއް އަންނާނީ.
 
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
 
މިހާރު ކުޑަކޮށް ތަރައްޤީވެފައި އޮތް ޤައުމަކުން މެދު އާމްދަނީގެ ޤައުމަކަށް މިޤައުމުތައް ބަދަލުވެގެން ދަނީ އިނގޭތޯ. މިސާލަކަށް ދިވެހިރާއްޖެ މިބަދަލުވަނީ. ހަމަ އަޅުގަނޑު ފާހަގަކުރަން މިއުޅެނީ ތިކަން. ޕްރައިމަރީ ހެލްތް ކެއަރ ނުވަތަ ޕަބްލިކް ހެލްތް، ޕްރިވެންޓިވް މެޝަރސް، މިކަންކަމަށް އަޅުގަނޑުމެން އަހަންމިއްޔަތުކަން އެބަދޭންޖެހެއޭ، ހެލްތް ޑެލިވަރީގެ މައްސަލަތަކާ ގުޅިގެން. އަޅުގަނޑުމެން ރާއްޖޭގެ އާމްދަނީ ހުރި މިންވަރާއި އަޅުގަނޑުމެން ރާއްޖެއަށް ފައިސާ ލިބޭ މިންވަރާއި އަދި ބަޖެޓުގެކަންތައްތައް ހަމަޖެހިފައި އޮތް މިންވަރުން އަދި އެހެންވެސް ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްތައް ބޭނުންކޮށްގެން، އެހެން އިންވެސްޓްމަންޓްތައްވެސް ހޯދައިގެން، އަޅުގަނޑުމެންނަށް ތިކަންކުރެވެން ހުރި އެންމެ ރަނގަޅު ދަރަޖައަކަށް އިރާދަކުރެއްވިއްޔާ ކުރަމުން މިގެންދަނީ. މީގެ ކުރިއާ ތިޔަބޭފުޅާ މިހާރާ އަޅުއްވައިފިއްޔާ ތިބޭފުޅާއަށް ސާފުވެގެންދާނެ އެތައްއެތައް ބައެއް ގުނައެއް ރަނގަޅަށް، މިހާރު ތިޔަ ވިދާޅުވާ ހޮސްޕިޓާތަކުގައި ހަމަ ޚިދްމަތްތައް މާފުރިހަމައަށް ލިބެމުން އަންނަތަން. ދެން އަޅުގަނޑުމެންނަށް ވަރަށް ދެރަ، އަޅުގަނޑުމެންނަށް މިކަން ރަނގަޅު ކުރެވެނީވެސް ތިޔަބޭފުޅުންގެ އެހީއާއެކީގައި. ތިޔަބޭފުޅުން ތިސުވާލު ކުރައްވާތީވެ. އެ ޕްރެޝަރަށް ނުވަތަ އެކަން ސަރުކާރުން ބަލައިގަތުން މަޖުބޫރުވުމުގެ ފުރިހަމަ ޑިމޮކްރެޓިކް ނިޒާމު އަޅުގަނޑުމެން އެންމެންވެގެން މިރާއްޖޭގައި މިއަދު ހޯދާފައިވާތީ، އެއީ އަޅުގަނޑުމެން އެންމެންވެސް އުފާކުރަންޖެހޭނެ ކަމެއް. މާތްރަސްކަލާނގެ ކިބައަށް ޝުކުރު ދަންނަވަންޖެހޭނެ ކަމެއް.
 
އަޅުގަނޑު ހަމަ އެހަނދާން ހުރޭ. އަޅުގަނޑަށް ތިޔަ ސުވާލު ނުކުރެވި އެހެންވީމާ، އެދުވަހު އެހާލަތު އޮތް ގޮތް ނޭނގި އަދި އެހެންވީމާ، އެތައް ބައެއް މަރުވެގެން ދިޔައިރުވެސް އަޅުގަނޑުމެންނަށް އަޅާނުލެވި، އެތައްއެތައް އަހަރެއް ދިޔައީ. އަޅުގަނޑުމެން މިއަދު ބަދަލުވާންވެގެން މިއުޅެނީ ވާދަވެރި ސިޔާސީ ނިޒާމެއްގެ ތެރެއިން ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުން ތަރައްޤީއަށް އިތުރު ފަހިކަން ލިބޭނެ ނިޒާމެއްގެ ތެރެއަށް. އެހެންވީމާ ޝުކުރިއްޔާ.
 
އާދެ! ވަރަށްބޮޑަށް ޝުކުރިއްޔާ. އަޅުގަނޑު މިދެންނެވިހެން އަޅުގަނޑުމެންގެ އެންމެ މަސައްކަތްތައް އަމާޒުކުރަމުން މިގެންދަނީ ލާމަރުކަޒީ އުޞޫލުން ގޮސް އަޅުގަނޑުމެންނަށް ޕަބްލިކް ހެލްތުގެ ޚިދްމަތްތައް މިރާއްޖޭގެ އެންމެ ރައްޔިތުންނަށް ވީހާވެސް ފުރިހަމައަށް ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި. ތިޔަބޭފުޅުންނާ ބައްދަލުވީތީވެ، އަޅުގަނޑު ވަރަށްބޮޑަށް ޝުކުރު ދަންނަވަން.
 
والحمد للّـه. والسّـلام عليـكم
 
                __________________