بســم اللّـه الرّحمـن الرّحيــم

The Vice President, Members of the Cabinet, the Chairman of the Board, the Managing Director of the bank, the Deputy Governor of MMA and all those who are so lively present here today. Good Morning.

First, please excuse me, I intend to speak today in Dhivehi, as also today is the day that we mark the Maldives converting itself to become a Muslim country. We have been marking this day for quite sometime and I am sure all foreign delegates and everyone who has come here will excuse me for having done that.

މިއަދަކީ، އަޅުގަނޑުމެން ދިވެހިންނަށް، އިސްލާމްދީނުގެ މަތިވެރި ނަޞީބު ލިބުނު ދުވަސް ގޮތުގައި ފާހަގަކުރާ ދުވަސް. މިއަދަކީ މީގެ އެތައް ސަތޭކަ އަހަރެއް ކުރީގައި ދިވެހިންނަށް، ދިވެހިން ދިރިއުޅެމުން އައި އުޞޫލުތަކާއި، ގޮތްތަކާއި، ހަމަތައް ބަދަލުކުރުމުގެ މަގަށް ރުޖޫޢަވުމަށް ފެނުނު ދުވަސް. މިއަދަކީ އަޅުގަނޑުމެންނަށް ތަރައްޤީއަށް އެންމެފަހި ފަލްސަފާ ލިބުނު ނަޞީބުވެރި ދުވަސް. މިދުވަހަށްޓަކައި އަޅުގަނޑުމެން އެންމެން މާތްރަސްކަލާނގެ ކިބަފުޅަށް ޙަމްދުކޮށް ޝުކުރު ދަންނަވަން.

މިއުފާވެރި ދުވަހު އަޅުގަނޑުމެންނަށް މިއަދު ކުރާން މިލިބުނު އިތުރު މަސައްކަތަކީ، އަނެއްކާވެސް އިސްލާމީ އުޞޫލުތަކާއި، އިސްލާމްދީނުގެ މަތިވެރި ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން، ރާއްޖޭގެ ތަރައްޤީގެ ކަންކަން ބައްޓަން ކުރުމުގެ ފުރްޞަތެއް. ވިޔަފާރީގެ ކަންތައް ފަހިވެގެން ދިޔުމުގެ ފުރްޞަތެއް. އަޅުގަނޑު ހިތަށްއަރަނީ، މި ރާއްޖެ އިސްލާމްދީނަށް އެނބުރުމުގައި، ދިމާވެފައި ހުރި ވިޔަފާރީގެ އެކިއެކި ކަންކަމާއި އަދި ވިޔަފާރީގެ ސަބަބުތަކާއި، އަޅުގަނޑުމެން މިރާއްޖެ އިސްލާމީ ޤައުމެއްގެ ގޮތުގައި ތަރައްޤީ ކުރަމުން، ކުރިއަށް ގެންދިޔުމުގައި ނުހަނު ގިނަގުނަ ފިލާވަޅުތަކެއް ދައްކައިދީފައި އެބަހުއްޓޭ. އަޅުގަނޑުމެންނެއް އަޅުގަނޑު ހިތުން އެއްވެސްއިރެއްގައެއް ޙަޤީޤަތުގައި ދެކިއެއް ނޫޅެން، އަޅުގަނޑުމެން ރާއްޖޭގެ އެންމެ ރައްޔިތުން، މީގެ ނުވަސަތޭކައެއްހާ އަހަރު ކުރީގައި، އެއްފަހަރާ ހަމަ އެއްދުވަހު އެއްވަގުތެއްގައި އިސްލާމްދީނަށް ބަދަލުވިކަމަކަށް. އަޅުގަނޑުމެންގެ ރާއްޖެ އިސްލާމްދީނުގެ މަތިވެރި ހިދާޔަތަށް، އިސްލާމްދީނުގެ ނަޞީބުގަދަ ފަލްސަފާގެ ތެރެއަށް އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުންނަށް ތަޢާރުފްވަމުން އައީ މަދުމަދުން. އެއްދުވަހަކު ނޫން. އޭގެތެރޭގައި، ސަބަބުތަކުގެ ތެރޭގައި ހަމަކަށަވަރުންވެސް އޭގެކުރީގައި އޮތް ބާޠިލް އެހެން ދީނީ ފަލްސަފާތައް އެއީ، އަޅުގަނޑުމެންގެ އެއްވެސް ޙަޔާތަކަށް، މިދުނިޔެއަކަށްވެސް އަދި ދެން އަންނަ ދުނިޔެއަކަށްވެސް ވަކި އިތުރު ފަހިކަމެއް ގެނެސްދޭނެ ގޮތްތަކެއް، ނުފޫޒުތަކެއް ނޫންކަން ދިވެހިންނަށް ވަރަށް ކުރިއްސުރެ ފަށައިގެން އައީ ފާހަގަވަމުން.

ޅަފަތުގައި ކުދިން، ޚާއްޞަކޮށް، އަންހެން ކުދިން ޤުރްބާން ކުރުމާއި އަދި ވިޔަފާރީގެ ތެރޭގައި، އިންތިހާއަށް ނާޖާއިޒު ފައިދާ ނެގުމާއި، ވެރިކަމުގެ އަނިޔާވެރިކަމާއި، އިންސާނާއަށް ކުޑަކޮށްވެސް ބަލައިލުމެއް ނެތުމާއި، މުދަލާއި އަދި އެހެންވެސް ޙައްޤުތަކަށް އެކިއެކި ފަރާތްތަކުން ބެލުމެއްނެތި އަރައިގަނެގެން ދިޔުމާއި، މިދެންނެވި އެންމެހާ ފަސާދަތަކުން މި ރާއްޖެ އޭރު އޮތީ ވަރަށް ބޮޑަށް ތަޣައްޔަރުވެފައި، ޚަރާބުވެފައި. އިސްލާމްދީނަކީ އިސްލާމްކަން، އަމާންކަން މި ރާއްޖެއަށް ގެނެސްދިނުމުގައި، ވަރަށް ގިނަގުނަ ދައުރުތަކެއް އަދާކޮށްދިން ދީނެއް. ޚާއްޞަގޮތެއްގައި މި ރާއްޖެއަށް އިސްލާމްދީން ތަޢާރުފު ވުމުގައި، ޢަރަބި ވިޔަފާރިވެރިން ރާއްޖެއަށް ކުރަމުން އައި ދަތުރު، އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް މަސްޢޫދީ އާއި ބުރުނީ އާއި އަދި އެހެންވެސް އޭގެކުރީގެ އިސްލާމީ ޢިލްމުވެރިން، ދަންނަ ބޭކަލުންގެ ލިޔުންތަކުން ފާހަގަވެފައި އެބަހުރި. މިރާއްޖެއަށް މެދުއިރުމަތިން އޮޑިފަހަރުގައި، ނައުފަހަރުގައި އަންނަ ވިޔަފާރިވެރިން އައިސް، މިރާއްޖޭގައި މަޑުކޮށްފައި ނޫނީ، މޫސުމް ހުންނަ ގޮތުން ދަތުރުފަތުރު ހުންނަ ގޮތުން، ދެން އިތުރަށް އިރުމައްޗަށް ދެވޭކަށެއްނޯވޭ. އެހެންވީމާ، ހުރިހާ ނައުފަހަރަށްވެސް، ވިޔަފާރިވެރިންނަށްވެސް، އެ ޒަމާނުގައި ޖެހެނީ މި ރާއްޖޭގައި ވައި އެނބުރެންދެން، ރަނގަޅު 8 މަސް ދުވަސް ވަންދެން މަޑުކުރަން. އެ 8 މަސް ދުވަހުގެ ތެރޭގައި، މަޑުމަޑުން ޢަރަބި އާބާދީ، އިސްލާމީ އާބާދީ މި ރާއްޖޭގައި އައީ އިތުރުވަމުން.

އަޅުގަނޑުމެންނަށް ފަހުން އިބުނު ބަޠޫޠާ އައިސް ކުރެއްވި ކައިވެނިތަކާއި، އަދި ޢާއިލާ ބިނާކުރެއްވި ގޮތުން މިކަން ވަރަށް ބޮޑަށް ސާފުވެގެން އައިސްފައި އެބައޮތް. ވިޔަފާރީގެ ފުރްޞަތުތައް ފަހިކުރުމަށްޓަކައި ދިވެހި އެކިއެކި ރަސްރަސްކަލުން، ދިވެހި އެކިއެކި ބޮޑުންނަށް އިސްލާމީ ހިދާޔަތު ލިބިގަތުމަށް އަމުރުކޮށް ހަދާފައި ހުރިކަން، އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެނގެން އެބައޮތް. ފަހުން އައިސް ހަމަކަށަވަރުންވެސް ދިމާވި ޙަޤީޤަތަކީ، ކޮއިމަލާކަލޯ އެތައް ދުވަހަކު ބުދު ދީނުގައި އުޅެފައި، އިސްލާމްދީނަށް ބަދަލުވީ. އެއާއެކީގައި ފުރަތަމަފަހަރަށް މިރާއްޖޭގައި އިސްލާމީ ރަސްކަމެއް ކުރެވެން ފެށީ. ވިޔަފާރި، އަޅުގަނޑު މިދެންނެވިހެން ވަރަށްބޮޑު ދައުރެއް މިއޮތީ މިކަމަށް އަޅުގަނޑުމެންނަށް މިލިބުނު ބޮޑު ނަޞީބު އަޅުގަނޑުމެންނަށް ލިބުމަށްޓަކައި މަގުފަހިކޮށްދީފައި. ޤުދްރަތީ ރޭވުމަކީ އަޅުގަނޑުމެން އެކަކަށްވެސް ވަކި ސާފުވެފައި އޮންނަ ރޭވުމެއް ނޫން.

މިއަދު އަޅުގަނޑުމެން ފަށައިގަންނަ މިމަސައްކަތަކީ، މި ރާއްޖޭގައި އިސްލާމީ އުޞޫލުތަކުން މި ބޭންކް ތަޢާރުފް ކުރަމުން، ތަޢާރުފް ކުރެއްވި ބޭފުޅާ ވަރަށް ސާފުކޮށް ވިދާޅުވި ފަދައިން، ސާފު ސާދާ ވިޔަފާރި ކުރުމުގެ މަސައްކަތެއް އަޅުގަނޑުމެންނަށް މި ފަށައިގަނެވެނީ. އޭގެ ނާޖާއިޒު ފައިދާއާއި، އާދަޔާ ޚިލާފު އިންޓްރެސްޓާއި އަދި މިހެންވެސް ގޮސް ވިޔަފާރީގެ ކިތަންމެ މުހުލަތުތަކަކުން އެއްކިބާވެގެން، ޠާހިރު ގޮތުގައި ކަންކަން ކުރުމުގެ މަގަކަށް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް އެނބުރެވެނީއޭ. އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވީއިރުގައި، ދެންމެ އެމް.އެމް.އޭ.ގެ ގަވަރނަރ އަލިއަޅުވާލި ފަދައިން، މިކަން ކުރަން ފެށި. އެހެން ނަމަވެސް، އެއްގޮތަކަށްވެސް ކުރިއަށް ނުގެންދެވިފައި އޮތީ. އޭރު ރާއްޖޭގެ ބޭންކިންގގެ ނިޒާމާއި އަދި ބޭރު ބައެއްގެ އަތްމައްޗަށް އެއްވެސް ކަމެއް، ކިތަންމެ ކުޑަ މިންވަރަކަށްވެސް ދިޔައީމާ، އެއިން ދިވެހިންނަށް އެ ލިބިދާނެ ބޮޑު ގެއްލުމަކާއި ނުވަތަ ބިރުވެރިކަމެއްގެ ތަޞައްވުރުގައި، އަޅުގަނޑުމެން ތަޅުލެވިފައި ތިބި ތިބުމުގެ ސަބަބުން، އެއްގޮތަކަށްވެސް އަޅުގަނޑުމެންނަށް އޮތީ ތަހުޒީބީ ދުނިޔެއަށް ނުނުކުމެވިފައި. މާތްރަސްކަލާނގެ އިރާދަފުޅާއެކީގައި، ދިވެހި ވެރިކަން ހިންގުމުގެ ނިޒާމަށް އެގެނެވުނު ފުރިހަމަ ބަދަލު، ދިވެހިންގެ ހިތްތައް، ދިވެހިންގެ ސިކުނޑި، ދިވެހިންގެ ވިސްނުން ކިތަންމެ ތަނަކަށް ހުޅުވިގެން ހަމައެކަނި ދިޔައީކީ ނޫން. އޭގެކުރީގައިވެސް، ހުޅުވިފައި ހުރި ވިސްނުން، ސިކުނޑިތަކަށް، ދިވެހި ވެރިކަމުގެ، މިއަދު ދިވެހި ވިޔަފާރީގެ ކަންކަމުގެ ތެރޭގައި ބައިވެރިވުމުގެ ފުރްޞަތު ޙަޤީޤަތުގައި ލިބިގެން އައީ. އެހެންވީމާ، ވެރިކަމުގެ ފަރާތަށް ކިތަންމެ ތަނަކުން ފަސޭހަވެގެންދިޔައީ ނުހަނު ބާރުއެޅުމަށް. އެކިއެކި މުއައްސަސާތަކުން ކިތަންމެ އަދި ބަނަ މަންޒަރުތަކެއް މިކަމުގެ ސަބަބުން ދިމާވެދާނެ ކަމަށް ދެކެމުން އައި ކަމުގައިވިޔަސްވެސް، ހަމަ ބާރަށް، އަޅުގަނޑުމެންގެ މިނިސްޓްރީ އޮފް ފިނޭންސުންނާއި އަދި އެހެން އެންމެވެސް ފަރާތްތަކުން މިކަމަށް އަޅަމުން ގެންދިޔަ ބާރުގެ ސަބަބުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ވަރަށް ކާމިޔާބީއާ އެކީގައި މިއަދު މި ބޭންކުގެ މަސައްކަތް ފަށައިގަނެވެނީ. އަޅުގަނޑު މިކަމުގައި އެމް.އެމް.އޭ.ގެ ޑެޕިއުޓީ ގަވަރނަރ އަދި އެމް.އެމް.އޭ. އިން ކޮށްދެއްވި މަސައްކަތާއި، އަދި ދެންމެ ގަވަރނަރ އެ ފާހަގަކުރެއްވިހެން އިސްލާމީ ޑިވެލޮޕްމަންޓް ބޭންކްގެ އިސްވެރިންނަށް ނުހަނު ޝުކުރު ދަންނަވަން. ޚާއްޞަކޮށް، އައި.ސީ.ޑީ.ގެ ފަރާތުން މިމަސައްކަތުގައި މެދުނުކެނޑި މަސައްކަތް ކުރައްވަމުން ގެންދެވި ޚާލިދު އަލް އަބޫޖީ، އަޅުގަނޑުމެންގެ ބޯޑުގެ ޗެއަރމަންގެ ގޮތުގައި މަސައްކަތް ކުރައްވާ، އެބޭފުޅާ އެކޮށްދެއްވި ނުހަނު ބުރަ މަސައްކަތަށް އަޅުގަނޑުމެން ފަށްފަށުން ޝުކުރު ދަންނަވަން.

މެނެޖިންގ ޑިރެކްޓަރ ފާހަގަކޮށްދެއްވައިފި، އަދިވެސް ނުހަނު ގިނަ ޤާނޫނުތަކާއި ގަވާއިދުތައް އެބަ ބޭނުންވެއޭ. އަޅުގަނޑުމެންގެ މި ސަރުކާރުގެ ލެޖިސްލޭޓިވް ޕްރޮގްރާމް، ރައްޔިތުންގެ މަޖިލިސް ހުޅުވި ދުވަހުވެސް ފާހަގަކޮށްފައިވާނެ. އަދި އޭގެކުރީގައިވެސް ސަރުކާރުން މިއަންނަނީ އެ ޕްރޮގްރާމް ފާހަގަކުރަމުން. އޭގެތެރޭގައި، މިދެންނެވި އެންމެހާ ޤާނޫނުތައް ވީހާވެސް އަވަހަކަށް ފާސްވެގެން ނުކުތުމަކީ، އަޅުގަނޑުމެންނަށް މިބާވަތުގެ ކަންކަމަށް،، ތަރައްޤީގެ ޙަޤީޤީ މަސައްކަތަށް ނުހަނު ފަހިކަން ލިބިގެންދާނެ ކަމެއް.

މިދަނޑިވަޅަކީ، މިދުވަސްވަރަކީ، މިފަދަ ބޭންކެއް މިރާއްޖެއަށް ލިބުން ވަރަށް މުހިންމު ދުވަސްވަރެއް. ރާއްޖޭގެ ތަރައްޤީގެ ދުވެލީގައި، ރާއްޖެ އެއްހަރުފަތަކުން އަނެއް ހަރުފަތަކުން ގިރާކުރަމުން ގޮސް، އަޅުގަނޑުމެން މިއަދު މިތިބީ، މެދު އާމްދަނީގެ ޤައުމެއްގެ ގޮތުގައި. މިގޮތަށް އަޅުގަނޑުމެން ތިބޭއިރު، މީގެކުރީގައި އަޅުގަނޑުމެންނަށް ލިބެމުން އައި ބައެއް ބާވަތުގެ ހިލޭ އެހީ، މިހާރު ކުރީގައި އެ ލިބެމުން އައި މިންވަރަކަށް ނުލިބޭނެ. އެހެންވީމާ، ތަރައްޤީއަށް ފަހިވާ ޑިވެލޮޕްމަންޓް ބޭންކްތަކުން ފައިސާ ލިބޭނޭގޮތް މެދުވެރިވެފައި އޮތުމަކީ، މިވަގުތު ރާއްޖޭގެ ތަރައްޤީއަށް ވަރަށް ބޭނުންތެރިކަމެއް.

އަދި ހަމަ އެހެންމެ، އޭގެއިތުރުން، އަޅުގަނޑަށް ފެންނަ ފެނުމުގައި، މި ރާއްޖޭގައި ޙަޤީޤަތުގައި ޑޮލަރުގެ މަދުކަމެއް ނެތް. ދަތިކަން އެބަހުރި. ވަރަށް ހިތާމަވެރި ގޮތެއް، ދާދި އިހަކަށްދުވަހާ ޖެހެންދެންވެސް އަޅުގަނޑުމެންގެ ޢިލްމީ ބޭފުޅުންވެސް، ޓެކްނިކަލް ބޭފުޅުންވެސް ދެކެވަޑައިގެން ތިއްބެވީ، މި ރާއްޖެއަށް އަހަރެއްގެ މައްޗަށް ލިބެނީ، ޓުއަރިޒަމްގެ ވިޔަފާރީގެ ތެރެއިން ހަތްސަތޭކަ އެތައް މިލިއަން ޑޮލަރެކޭ. އެހެންވީމާ، އިންވިޒިބްލް ބެލެންސް ނުވަތަ އެހެންވީމާ، ބެލެންސް އޮފް ޕޭމަންޓް، ދެން ހިސާބުޖަހާ ނިމުނީމާ، އަޅުގަނޑުމެންނަށް އޮންނަނީ ވަރަށް ބޮޑަށް ރަތުގައި. އެ ޑޮލަރު ނެތް ކަމަށް ފެނިފައި. އެ މަޢްލޫމާތުގެ މައްޗަށް ބިނާވެ ތިބެ، އަޅުގަނޑުމެން ދެން މި ނިންމުންތައް ނިންމަނީ. އަޅުގަނޑުމެންގެ ޑޮލަރު މަދޭ، އެހެންވީމާ، ދެން އަޅުގަނޑުމެން ކުރަން މިޖެހޭ ކަމަކީ މިއީއޭ. އެހެން ނަމަވެސް، މިދިޔަ ޖަނަވަރީ މަހުގައި ފުރަތަމަފަހަރަށް ޖީ.އެސް.ޓީ ނަގާން ފެށުމުން، އަޅުގަނޑުމެން އެންމެންނަށް މިލިބުނު އެންމެ ފުރިހަމަ މަޢްލޫމާތަކީ، މި ރާއްޖެއަށް މަދުވެގެން އަހަރެއްގެ މައްޗަށް ދެ ބިލިއަން ޑޮލަރު، އެންމެ މަދުވެގެން ޓުއަރިޒަމުން އެކަނި އެބަ ވަދެޔޭ. އެއީ، އަޅުގަނޑުމެން އިމްޕޯޓް ކުރަން ބޭނުން ކުރާން 1.5 ބިލިއަން ޑޮލަރާއި، އަދި ބޭރު މީހުންނަށްދޭ ޑޮލަރުކޮޅަކާއި އަދި ބޭސްކުރަން މިޚަރަދުކުރާ ޑޮލަރުކޮޅަކާއި، ޗުއްޓީއަށްދާ ޑޮލަރުކޮޅަކާއި އަދި ކިޔަވަންދާ ޑޮލަރުކޮޅަކާއި، އެހެންވެސް މިހެންވެސް މި ހުރި ކަންކަން ނިންމާފައިވެސް، އަޅުގަނޑުމެންގެ އަތުގައި ރަނގަޅު ހަތްސޭތަކަ، އަށްސަތޭކަ މިލިއަން ޑޮލަރު ބާކީ އޮތް ޢަދަދެކޭ.

އެހެންވީމާ، ޑޮލަރު މަދުވެގެންނެއް އަޅުގަނޑުމެންނަށް އުޅޭ ތަނެއް އެއްވެސް ޢިލްމުވެރިއެއްވެސް، އަދި މިކަމުގެ މާހިރަކުވެސް ދެކިއްޖިއްޔާ، ނުދަންނަ މީހެއްގެ ޙައިޘިއްޔަތުން އަޅުގަނޑު ވަރަށް ބޮޑަށް ޢަޖައިބުވާނެ. އަޅުގަނޑުމެންނަށް މި ރާއްޖެއަށް އެ ޑޮލަރު ނުވަންނަނީ ކީއްވެތޯ ދެން ފިކުރުކުރާއިރުގައި ވަރަށް ސާފު އަޅުގަނޑަށް ފެންނަ ފެނުމުގައި، ނުދަންނަ މީހެއްގެ ޙައިޘިއްޔަތުން. އެ ގެނައިމާ އެއަށް ބޭނުންވާ ރަނގަޅު ފައިދާ ނުލިބެނީ. ޑޮލަރު ގެނެސް، ރާއްޖޭގެ ބޭންކެއްގައި ބެހެއްޓީމާ ނުވަތަ ޑޮލަރު ގެނެސް ރާއްޖޭގައި ގެންގުޅުނީމާ، އެ ޑޮލަރުން އެމީހަކަށް، އެވިޔަފާރިވެރިއަކަށް ލިބޭ ފައިދާ ކުޑައީ އިނގޭތޯ، އެހެން ތަނެއްގައި އެ ޑޮލަރު ބެހެއްޓީމާ ލިބޭ ފައިދާއަށްވުރެ. ޤާނޫނާއި ގަވާއިދުން ހިފާ ހައްޔަރުކޮށްގެން ޑޮލަރުގެ ކަންތައް ރަނގަޅު ކުރަން އުޅުން، އަޅުގަނޑަކަށް ބުއްދިވެރިކަމެއްގެ ގޮތަކު ނުފެނޭ. ޑޮލަރަކީ ނުވަތަ ފައިސާގެ މުޢާމަލާތްތަކަކީ މާރުކޭޓްގައި ހިނގާ ކަމެއް. އެއީ، ޤާނޫނާއި ގަވާއިދުން ނުވަތަ ޢުޤޫބާތުން ކުރާން ވަރަށް ދަތި ކަމަކަށްވާނީ.

އިރާދަކުރެއްވިއްޔާ މިއަދު އަޅުގަނޑުމެންނަށް މިފެށޭ އަނެއް ކަމަކީ، ރަނގަޅު ފައިދާ، މީހުންގެ ޑޮލަރަށް ލިބޭނޭ ވިޔަފާރި ގެއެއް ޤާއިމް ކުރެވެނީ. މިތަނުގައި ބަހައްޓަވާ ޑޮލަރަށް މިރާއްޖޭގެ ވިޔަފާރިން ލިބެންހުރި ވަރެއް އިރާދަކުރެއްވިއްޔާ ލިބޭނެ. އެމް.އެމް.އޭ އާއި ބޭންކް ހިތަށްއަރާ ވަރެއް ނޫން. އެއީ، ތިން ހަތަރު ޕަސެންޓެއް، ފަސް ޕަސެންޓެއް ނޫން. މިރާއްޖޭގެ ވިޔަފާރިއަށް ލިބެންވާވަރެއް، ލިބޭ މިންވަރެއް މި ބޭންކުން ލިބޭނެ.

އެހެންވީމާ، އަޅުގަނޑު ދެކެނީ، އިންވެސްޓްމަންޓް ހައުސްއެއް، ރަނގަޅު ފައިދާދޭ، އޮތުމުން، ޑޮލަރުގެ ތާށިކަމަށް ނުވަތަ ޑޮލަރު ނުލިބޭ ނުލިބުމަށް ޙައްލެއް އަންނަން ފަށާނެކަމަށް. އަދި މިފިޔަވަޅުގެ އިތުރުން އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް ދެތިން ހަފްތާއެއްގެ ތެރޭގައި، ސަރުކާރުން އިތުރު ދެތިން ފިޔަވަޅެއް ޑޮލަރާ ގުޅޭގޮތުން އަޅާނެ. އޭގެތެރޭގައި، އޭގެ އެއްވެސް ފިޔަވަޅަކީ ކަންބޮޑުވެނުލައްވާތި ޢުޤޫބާތެއް ނޫން. އެއިން ކޮންމެ ކަމަކީވެސް އެއްޗެއް ދިނުން. އެއްޗެއް އަތުލުމެއް ނޫން، އަދަބެއް ދިނުމެއް ނޫން. ސަރުކާރުން ޤަޞްދު ކުރަނީ، މިހާރަށްވުރެ ރަނގަޅު ވިޔަފާރީގެ ފައިދާ ޑޮލަރަށް ލިބޭނެ މަގުތައް، ވިޔަފާރިވެރިންނަށް ފަހިކޮށްދިނުން. އަދި ހަމައެހެންމެ، ޑޮލަރު ގިނަ ޢަދަދަށް އިމްޕޯޓްކުރާ ފަރާތްތަކަށް، އެފަރާތްތަކުން ރާއްޖޭގައި ޑޮލަރު މާރުކުރާ މިންވަރަށް އަޅާބަލާފައި، ޑިއުޓީގެ ކުޑަ ލުޔެއް ދިނުން އެއީ، އެހިސާބުތައް ޖެހުމަށްފަހުގައި އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ސަރުކާރުން ހާމަކުރާނެ އުޞޫލެއް. ޑޮލަރުގެ ތާށިކަމަށް އަޅުގަނޑަށް ފެންނަ ފެނުމުގައި، މިފެންނާންހުރި ހިސާބުތައް ދައްކާ ގޮތުގައި، ޑޮލަރުގެ ތާށިކަމަކަށް އަޅުގަނޑުމެންނަކަށް ޙައްލެއް ނުހޯދި، އަތުން ދޫވެއެއް އިރާދަކުރެއްވިއްޔާ ނުދާނެ.

އަޅުގަނޑު ވަރަށް ބޮޑަށް އެންމެ ބޭފުޅުންނަށް، އެންމެ އިޤްތިޞާދީ މާހިރުންނަށް އެދެން، މި ރާއްޖެއަށް ޙަޤީޤަތުގައި މިވާގޮތް ބައްލަވާލެއްވުމަށް. މިދުވަސްތަކުއްސުރެ ފެށިގެން، ޒަމާނުއްސުރެ ފެށިގެން، އެންމެ ބޭފުޅުން އަދި އަޅުގަނޑުވެސް ޔުނިވަރސިޓީން ނުކުތްސުރެ ފެށިގެން އަޅުގަނޑުމެންނަށް ފެންނަމުން އައި ހިސާބުތައް އެއްފަހަރު ނަމަވެސް ދޫކޮށްލައްވައި، އަޞްލީ ޙަޤީޤަތަކީ ކޮބައިތޯ އަޅުގަނޑުމެން ވިސްނާލަންޖެހޭ. އަޅުގަނޑު އުންމީދު ކުރަނީ، އަޅުގަނޑުމެންނަށް މިމަސައްކަތުގައި މިއަދަށްވުރެ އަދި މާ ބާރަށް، މާދަމާ ކުރިއަށް ދެވޭނެ ކަމަށް. އަޅުގަނޑު ޔަޤީން ކުރަނީ، އަޅުގަނޑުމެންގެ މި އިސްލާމިކް ބޭންކް އުފައްދާފައި މިވަނީ، ބޭންކްގެ ޝަރީޢާ ބޯޑަކީވެސް ސަރަޙައްދީ އެކިއެކި ދީނީ ޢިލްމުވެރިން، ދަންނަ ބޭކަލުން، އޭގެތެރޭގައި ސިލޯނުގެ މުފްތީ ހިމެނޭ ގޮތަށް ހިމެނިފައި އޮތް ބޯޑެއް. އެންމެބޮޑު ބޭނުމަކީ، މިއީއޭ މި ސަރަޙައްދުގައި އެންމެ ސާފު ސާދާ، ޞައްޙަ، އިތުބާރުހުރި، އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ވިޔަފާރިކޮށްދޭ ހަމައެކަނި ބޭންކެއްކަން، މުޅި މި ސަރަޙައްދަށް އަންގައިދިނުން. ސިލޯނު އިސްލާމުންނަށްވެސް، މެލޭޝިޔާ އިސްލާމުންނަށްވެސް އަދި އިންޑިޔާ އިސްލާމުންނަށްވެސް. އެހެން އެންމެން، ދެކުނު އޭޝިޔާއާއި މި ސަރަޙައްދުގައިވާ. މިއީ މި ސަރަޙައްދުގައި އެންމެ ގިނަދުވަހު އިސްލާމީ ހިދާޔަތު ލިބިތިބި އަދި އިސްލާމީ އުޞޫލުތަކުގައި ތަރައްޤީވެފައި އޮތް ޤައުމަކީ. މި ޤައުމަށް އިރާދަކުރެއްވިއްޔާ މި ރާއްޖެއަށް އިރާދަކުރެއްވިއްޔާ މިސަރަޙައްދުގެ އިސްލާމުންގެ ފައިސާވެސް އަދި އެއްބާރުލުންވެސް އަޅުގަނޑުމެންނަށް ހޯދޭނެ.

އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ، އިސްލާމީ ދުނިޔެ، މި ރާއްޖެ ހިނގި މަގުން ދާދި ބާރަށް ހިނގަމުން އަންނަ ތަން. އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ، މި ރާއްޖޭގައި ހިނގާދިޔަ ކިތަންމެ ކަމެއް ހަމަ އެގޮތަށް، އެމަގަށް، އެއުޞޫލަށް މާބޮޑެތި، މާ ތަހުޒީބީ އަދި މާގިނަ ތަޖްރިބާތައް ލިބިފައިވާ ޤައުމުތައް، އެމަގުން ހިނގަމުން އަންނަތަން. އަޅުގަނޑުމެން އުފަލާއެކު ހަމައިސްކޮޅަށް މިއަދު ތެދުވާންވެއްޖެ. އަޅުގަނޑުމެންނަކީ ޢަދަދުން މަދު ބަޔަކު ކަމުގައިވިޔަސްވެސް، ފިކުރުންނާއި ހިތްވަރުން އަޅުގަނޑަށް ފެންނަ ގޮތުގައި، ދިވެހިންނަށް ގޮންޖެހޭނެ ދެވަނަ ވަކި އެހެން އިސްލާމީ މުޖްތަމަޢެއް، މި އުންމަތުގައެއްނުވޭ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم
_________________________