بسـم اللَّه الرّحـمٰـن الـرّحيـم

ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް.

السّلام عليكم

މިރާއްޖޭގެ ހާލަތު ބަޔާންކޮށްދީ އަދި މިޤައުމުގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރާންޖެހޭ ކަމަށް ފެންނަ ކަންތައްތައް ކޮންމެ އަހަރަކުމެ، މި ޢިއްޒަތްތެރި މަޖިލީހަށް ދަންނަވާލުމުގެ ފުރުޞަތު އޮންނަނީ ދައުލަތުގެ އެންމެ މަތީ ވެރިޔާއަށް. މި މުހިންމު ޤައުމީ ވާޖިބު އަދާކުރުމުގެ މަތިވެރިކަން އަޅުގަނޑަށް މިންވަރު ކުރެއްވި މިއީ، ތިންވަނަ އަހަރު. މި މަތިވެރި އިރާދަފުޅާމެދު ޙަމްދު ކުރުމުގައި، އަޅުގަނޑަށް ކުޅަދާނަ ކުރެއްވި އެންމެހާ އިޙްސާސެއް އެންމެ މަތިވެރި މިންވަރަށް އަޅުގަނޑު ޝާމިލްކުރަން.

ޢިއްޒަތްތެރި ރައީސް

2010 ވަނަ އަހަރަކީ، މި ރާއްޖޭގެ ހާލަތު އެތައް ގޮތަކުން ރަނގަޅުވި އަހަރެއް، ތަފާތު މުހިންމު އެކި ދާއިރާއިން ކުރިއެރުންތައް ހޯދިފައިވާ އަހަރެއް. މިކަންކަމުގެ ތެރެއިން އެންމެ މުހިންމު ފުރިހަމަވުމެއް ކަމުގައި އަޅުގަނޑު ދެކެނީ، ލޯކަލް ކައުންސިލްތައް ޤާއިމު ކުރެވުނުކަން. ބައެއް ކައުންސިލްތައް ހިނގައިގަތުމުގައި ހުރަސްތަކެއް އެބަހުރި. މިފަދަ ބޮޑުކަމެއްގެ ތެރޭގައި ހުރަސްތަކާ ދިމާނުވެނުދާނެކަން އެންމެ ބޭފުޅުން ގަބޫލުފުޅު ކުރައްވާނެ. ސަރުކާރުގެ އަމާޒަކީ، ދިމާވާ ހުރަސްތައް ކަޑައްތުކުރުން. ޤާނޫނުއަސާސީ ބަޔާންކުރާ ޔުނިޓަރީ ދައުލަތުގެ ސިފައަށް އުނިކަމެއް ލިބުނަނުދީ ލާމަރުކަޒު ކުރުން. އެއްވެސް ޒަމާނެއްގައި މިދިވެހި ދައުލަތުގެ އިސްތިޤްލާލަށް ބުރޫއެއް އަތުވެދާނެ އެއްވެސް ކަމަކަށް ޖާގަދިނުމަކީ އަޅުގަނޑުވެސް އަދި މިސަރުކާރުންވެސް ކުރާނެ ކަމެއްނޫން. އެބާވަތުގެ ކަމެއްގެ ތެރެއަށް އެނގިވަޑައިގެންތިއްބަވާ ނުވަތަ އެނގިވަޑައިނުގެން ނަމަވެސް، ވާދަވެރި ޕާޓީތަކުން ވެދެވަޑައިނުގަންނަވާނެ ކަމަށް އަޅުގަނޑު ނުހަނު އުންމީދުކުރަން.

ޢިއްޒަތްތެރި ރައީސް:

2009 ވަނަ އަހަރުގެ ޑިސެމްބަރުމަހު ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ބަޖެޓް ހުށަހެޅިއިރު، 2010 ވަނަ އަހަރު ޑެފިސިޓްވާނެކަމަށް ލަފާކޮށްފައި އޮތީ 3.8 ބިލިއަން ރުފިޔާ. މިއީ، ޖީ.ޑީ.ޕީ.ގެ އިންސައްތައިން 18.7. 2010 ވަނަ އަހަރު ލިބޭނެކަމަށް އަންދާޒާކުރެވުނު ބައެއް އާމްދަނީ ނުލިބިވީއިރުވެސް، ޚަރަދުތައް ކުޑަކުރުމަށް ވަރަށް ގިނަ އަދި ތަފާތު ފިޔަވަޅުތަކެއް އަޅާފައިވުމުގެ ސަބަބުން، 2010 ވަނަ އަހަރު ނިންމާލެވިފައިވަނީ އަންދާޒާ ކުރެވުނު އަދަދަށްވުރެ ޑެފިސިޓްގެ މިންވަރު 2.3 ޕަސެންޓު ކުޑަކޮށް އޮވެގެން، 3.1 ބިލިއަން ރުފިޔާގެ ނުވަތަ ޖީ.ޑީ.ޕީ.ގެ 16.4 ޕަސެންޓް ގެ ޑެފިސިޓަކާއެކު.

2010 ވަނަ އަހަރު ބޭރުގެ މާލީ އިދާރާތަކަށާއި، ބޭންކުތަކަށް ދަރާފައިވާ ސަރުކާރުގެ ޖުމްލަ ދަރަނި މިހުރީ، 607 މިލިއަން ޑޮލަރުގައި. އެއީ، އަޅުގަނޑުމެންގެ ޖީ.ޑީ.ޕީގެ އިންސައްތައިން 41 ޕަސެންޓް. އަދި، ސަރުކާރުގެ ދަރަނި އަދާކުރުމަށް ހަމަޖެހިފައިވާ ތާވަލާ އެއްގޮތަށް ސަރުކާރުން މިދަނީ ދަރަނި އަދާކުރަމުން.

2010 ވަނަ އަހަރު ސަރުކާރަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 6 ބިލިއަން ރުފިޔާ. 2010 ވަނަ އަހަރު ސަރުކާރުގެ ރިކަރެންޓް ޚަރަދުގެގޮތުގައި ލަފާކުރެވިފައި އޮތީ 9.1 ބިލިއަން ރުފިޔާ. އެހެންނަމަވެސް، 2010 ވަނަ އަހަރު ނިމުނުއިރު އެ އަދަދުވަނީ 7.8 ބިލިއަން ރުފިޔާގައި. މިހިނގާ 2011 ވަނަ އަހަރަށް ރިކަރެންޓް ޚަރަދުގެ ގޮތުގައި އަންދާޒާކޮށްފައިވަނީ 9.777 ބިލިއަން ރުފިޔާ. އަދި ރައްޔިތުންގެ މަޖިލީހުން ރިކަރެންޓް ޚަރަދުގެ ގޮތުގައި ފާސްކުރައްވާފައިވަނީ 9.713 ބިލިއަން ރުފިޔާ.

ޢިއްޒަތްތެރި ރައީސް:

މި ޢިއްޒަތްތެރި މަޖިލީހަށް މި ސަރުކާރުން ހުށަހެޅި ދެވަނަ ރިޔާސީ ބަޔާން އަޅުގަނޑު ހުށަހެޅިއިރު، މި ސަރުކާރުން 2010 ވަނަ އަހަރަށް ކުރަން ނިންމާފައިވާ ކަންތައްތައް ދެންނެވިން. އަޅުގަނޑު ވަރަށް އުފަލާއެކު މިއަދު ފާހަގަކުރަން، އޭގެތެރެއިން ވަރަށް ގިނަ ކަންތައްތަކެއްވަނީ އަޅުގަނޑުމެން ކަނޑައެޅި އަމާޒުތަކަށް ވާޞިލުކުރެވިފައި.

ޢިއްޒަތްތެރި ރައީސް:

ދިވެހި ފައިސާގެ އަގު މަތިކުރުމަށްޓަކައި ކުރުމުއްދަތެއްގައި ކުރަންޖެހޭ މުހިންމު ދެކަމެއް އޮތްކަން އަޅުގަނޑު ފާހަގަކުރަން. އެއީ، ހެދިފައިވާ ޤާނޫނީ އިމުގެ ތެރެއިން ގަވާއިދުތައް ހަރުދަނާ ކުރުމާއި، ލަސްނުކޮށް އެކަންކަން ތަންފީޒުކުރުން. މިކަންކަން ކުރުމުގައި ސަރުކާރުން ކުރަންޖެހުނު ކޮންމެ ކަމެއް ފަސްޖެހުމެއްނެތި މިހާރުން މިހާރަށް ކުރާނެ ކަމުގެ ފުރިހަމަ އިތުބާރާއި ޔަގީންކަން އަޅުގަނޑު މި ޢިއްޒަތްތެރި މަޖިލީހަށް އަރުވަން. މި ދެންނެވުނު ކަންކަމުގެ އިތުރުން، ދުރު އަދި މެދުރާސްތާގެ އަވަސް އިޞްލާޙީ ފިޔަވަޅުތަކެއް، އިޤްތިޞާދު ރޭވިފައިވާ ގޮތުގެ މައްޗަށް ގެންނަންޖެހޭ. ޚާއްޞަކޮށް ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައިވާ ގޮތުގެ މަތީން ދައުލަތުގެ ރިކަރެންޓް ޚަރަދުތައް، ލިބޭ އާމްދަނީއާ އެއްވަރެއްގައި ހިފަހައްޓަންޖެހޭ. ވޭތުވި އަހަރު، މިމަގަށް ސަރުކާރުންވަނީ ނުހަނު މަސައްކަތް ކޮށްފައި. މީގެތެރޭގައި، ސަރުކާރުން ކުރިން ދެމުންގެންދިޔަ ޚިދުމަތްތައް ކޯޕަރަޓައިޒް ކުރުމާއި ޕްރައިވަޓައިޒްކުރުން ހިމެނޭ.

މިދެންނެވި ކަންކަމުގެ އިތުރުން، ދިވެހި ފައިސާގެ އަގު އެއްވަރެއްގައި ކުރިއަށް އޮތްތަނުގައި ހިފަހައްޓައި ހަރުދަނާކުރުމަށްޓަކައި ދިވެހިރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓް ރަނގަޅު ކުރުމަށް މި ސަރުކާރުން ވޭތުވެދިޔަ އަހަރުވެސް ވިޔަފާރިއާއި ރައްޓެހި ސިޔާސީ ފަލްސަފާ ކަމުގައިވާ ސެންޓަރ ރައިޓް ސިޔާސަތުތައް ވަނީ ތަންފީޒުކޮށްފައި.

ޢިއްޒަތްތެރި ރައީސް:

އިޤްތިޞާދީ ތަރައްޤީ ހޯދުމަށްޓަކައި ފާއިތުވި އަހަރު ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވޭ.

ރަނގަޅު ޓެކްސްގެ ނިޒާމެއް ތަޢާރުފުކޮށްގެން މެނުވީ، ދައުލަތަށް އާމްދަނީ ލިބެވޭ އުސޫލުތައް، ތަރައްޤީވަމުން އަންނަ ޤައުމެއްގައި އޮންނަންވާނެ މިންގަނޑުތަކަކަށް ބަދަލެއް ނުކުރެވޭނެ. އެހެންވީމާ، މިދިޔަ އަހަރުގެ ތެރޭގައި ޓެކްސް ނިޒާމާގުޅޭ އިދާރީ ކަންކަން ހިންގުމަށްޓަކައި އެކުލަވާލެވުނު ބިލާއި، ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ބިލާއި، އަދި ފަތުރުވެރިކަމުން ނެގޭ ޓެކްސް އިޞްލާޙު ކުރުމަށްޓަކައި ހުށަހެޅުނު "ޓޫރިސްޓް ޚިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ބިލް" މި މަޖިލީހުން ނިންމަވައިދެއްވިކަމަށްޓަކައި، އަޅުގަނޑު މިއަދު، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނަށް ނުހަނު ޝުކުރު ދަންނަވަން.

ޢިއްޒަތްތެރި ރައީސް:

ސަރުކާރުގެ އަމާޒަކީ، ނުސީދާ ގޮތުގައި ރައްޔިތުމީހާ އަތުން ނެގޭ އިމްޕޯޓް ޑިއުޓީ ފަދަ ޓެކްސްގެ ބަދަލުގައި، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގޭނެ ނިސްބަތް އިތުރުކުރެވޭނެ ހަރުދަނާ އުސޫލުތަކެއް ޤާއިމުކުރުން. މިގެނެވުނު އިޞްލާޙުތަކުގެ ސަބަބުން މިއަމާޒަށް މިދަނީ ވާޞިލުވަމުންކަން އަޅުގަނޑު ފާހަގަކޮށްލަން.

ޢިއްޒަތްތެރި ރައީސް:

ދިވެހިރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހުޅުވާލެވުނު ފުރުޞަތުތަކުގެ ތެރެއިން ސަރުކާރުން އަމިއްލަ ފަރާތްތަކަށް ފޯރުވައިދޭ މާލީ އެހީތެރިކަން، މިއަހަރުގެ ތެރޭގައި އިތުރަށް ކުރިއަށް ގެންދެވޭނެ. ތަފާތު އިޤްތިޞާދީ ދާއިރާތަކަށް އަމާޒުކުރެވިގެން 78 މިލިއަން ރުފިޔާއަށްވުރެ ބޮޑު މާލީ އެހީތެރިކަން، ނުވަތަ ލުއިލޯނު ދިނުމުގެ ޕްރޮގްރާމެއް ރޭވިގެން މިހާރުވެސް ކުރިއަށް އެބަގެންދެވޭ. މި ޕްރޮގްރާމުގެ އިތުރުން، ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަރައްޤީ ކުރުމުގައި، ވިޔަފާރީގެ ފަންނީ އެހީތެރިކަން އިތުރުކުރުމަށްވެސް 12 މިލިއަން ރުފިޔާގެ ޕްރޮގްރާމެއް 2011 އިން 2012 އަށް ހިންގުމަށް ސަރުކާރުން މިހާރު މިވަނީ އިޢުލާނުކޮށްފައި. އަދި ހަމަ މީގެއިތުރުން، އަދި ހަމަ ވިޔަފާރި ކުރިއެރުވުމަށް އެހީތެރިވެދޭ މަރުކަޒެއް، ކުޅުދުއްފުށީގައާއި އައްޑޫ ސިޓީގައި ޤާއިމުކުރެވި، ވިޔަފާރީގައި ހަރަކާތްތެރިވާ 489 ފަރާތަކަށްވަނީ 2010 ވަނަ އަހަރުގެ ތެރޭގައި ތަމްރީނު ދެވިފައި. މި ޕްރޮގުރާމްތަކުގެ ތެރޭގައި މަސްވެރިކަން ފުޅާކުރުމަށާއި، މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓްހައުސްތައް ބިނާކުރުމަށާއި، އަތްތެރިމަސައްކަތާއި ޘަޤާފަތާ ގުޅުންހުރި އުފެއްދުންތައް ފަތުރުވެރީންނަށް ވިއްކުމާއި، އެ ޞިނާޢަތު ދިރުވުން އަދި ދަނޑުވެރިކަން ތަރައްޤީކުރުން ހިމެނޭ. މިކަންކަމަކީ، މިރާއްޖޭގެ ވިޔަފާރީގެ ކުރިއެރުމާ ގުޅުންހުރި މަސައްކަތްތައް ކަމުގައިވާތީ މިކަންކަން ހުއްޓުމެއްނެތި އިރާދަފުޅާއެކު ކުރިއަށް ގެންދިޔުމުގައި މި ސަރުކާރުން އެއްގޮތަކަށްވެސް ފަސްނުޖެހޭނެ ކަމުގައި މި ޢިއްޒަތްތެރި މަޖިލީހުގެ އަރިހުގައި އަޅުގަނޑު ދަންނަވަން.

ޢިއްޒަތްތެރި ރައީސް:

މިރާއްޖޭގައި ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް ހުރި ހުރަސްތައް ނައްތާލުމަށްޓަކައި އަޅާފައިވާ މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި، ސަރުކާރުން ނަގަންޖެހޭ ވިޔަފާރި ހުއްދަތަކާއި، ލައިސަންސްތައް، އިންޓަރނެޓް މެދުވެރިކޮށް ލިބޭނެގޮތް ހަމަޖެއްސުން ހިމެނޭ. އަދި އެކަންކަމަށް ބޭނުންވާ މަޢްލޫމާތުވެސް އިންޓަރނެޓް މެދުވެރިކޮށް ލިބޭނެ އިންތިޒާމެއް ޤާއިމު ކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ކުރެވޭނެ.

ދިވެހި ވިޔަފާރިވެރިންނަށް، ވިޔަފާރި ތަރައްޤީ ކުރުމުގައި ދިމާވެފައިވާ އެންމެ ބޮޑު އެއް ހުރަހަކީ، މާލީ އެހީ ލިބުމުގެ ދަތިކަން. މި ހުރަހަށް އިތުރު ލުއިކަމެއް ގެނެސްދިނުމަށްޓަކައި، 300 މިލިއަން ރުފިޔާގެ ކޮލޯޓަރަލް ގެރެންޓީ ސްކީމެއް ތަޢާރުފުކޮށް، ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް ފޯރުވައިދިނުމަށްވަނީ ނިންމާފައި. މި މަޝްރޫޢުގެ އެއް ބޭނުމަކަށްވާނީ، މާކެޓް މެކޭނިޒަމްގެ ތެރެއިން ތަރައްޤީކުރެވިގެންދާނެ ވިޔަފާރީގެ ފުރުޞަތުތައް ސަރުކާރުގެ އެހީތެރިކަމާއެކު އަވަސްކޮށްދިނުން. ވިޔަފާރި އިތުރަށް ތަރައްޤީކުރުމަށް ލޯނެއް ނަގަން ބޭނުންވާ ފަރާތްތަކަށް ކޮލޯޓަރަލްގެ ސަބަބުން ހުރަހެއްވާނަމަ، އެހުރަސް ކަޑައްތުކޮށް ލޯނު ލިބުމަށް ޖުމްލަ ގޮތެއްގައި ފަސޭހަވެގެންދާނެ. މި ކްރެޑިޓް ސްކީމަކީ، ސަރުކާރުގެ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ޚާއްޞަކުރެވޭ ސްކީމެއް.

ހަމަ މިއަހަރުގެ ތެރޭގައި އެކިރަށުގެ ބަނދަރުމަތީ ބާޒާރު ތަރައްޤީކުރުމުގެ ޕްރޮގްރާމް ފެށިގެންދާނެ. އަދި މިކަމަށް ކުރިމަތިލުމުގެ ފުރުޞަތު ވަރަށް އަވަހަށް ހުޅުވިގެންދާނެ. މި މަޝްރޫޢުގެ ދަށުން އަމިއްލަ ފަރާތްތަކަށް ވިޔަފާރިކުރުމުގެ އިތުރު އަދި ތަފާތު ފުރުޞަތުތައް ހުޅުވިގެންދާނެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަރައްޤީ ކުރުމަށް ސަރުކާރުން މިހާބޮޑު އަހަންމިއްޔަތުކަމެއް މި ދެނީ، އަތޮޅުތަކުގައި ވަޒީފާގެ ފުރުޞަތު އިތުރު ކުރުމަށާއި، ރައްޔިތުންގެ ފުދުންތެރިކަން ފުޅާކުރުމަށް. އެކްސްޕޯޓް އިތުރުކޮށްގެން ގިނަބައެއްގެ އަތަށް ބޭރު ފައިސާ ވަންނާނެ ގޮތްތައް ތަނަވަސް ކުރުމަށް. މިކަންކަމަކީ، ރާއްޖޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ޢަދާލަތު ބިނާކުރުމަށްޓަކައި ނުހަނު މުހިންމުކަންކަން.

ޢިއްޒަތްތެރި ރައީސް:

ސަރަޙައްދީ ބަނދަރުތަކަށް ބާލާ މުދަލަށް، 2010 ގެ ޖުލައި 25 އިން ފެށިގެން އިމްޕޯޓް ޑިއުޓީގެ 30 އިންސައްތަ މާފު ކޮށްދޭން ފަށާފައިވާކަން އަޅުގަނޑު އުފަލާއެކު ފާހަގަކޮށްލަން. މި ޢިނާޔަތުގެ ދަށުން މިދިޔަ އަހަރުގެ ޖުލައިމަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް 3,765,000(ތިން މިލިއަން ހަތްސަތޭކަ ފަސްދޮޅަސް ފަސްހާސް) ރުފިޔާގެ މުދާ، ކުޅުދުއްފުށީ ބަނދަރަށް ބާލާފައިވޭ. އަދި އައްޑޫ ހިތަދޫ ބަނދަރަށް 2010 ގެ ޖަނަވަރީން ޖޫންގެ ނިޔަލަށް ބާލާފައިވާ މުދަލުގެ އަގަކީ، 5.1 މިލިއަން ރުފިޔާ. ނަމަވެސް ޑިއުޓީ މާފުކޮށްދެވެން ފެށުމުން، ޖުލައިން ޑިސެމްބަރަށް 44 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މުދާ، ހިތަދޫ ބަނދަރަށް ބާލައިފައިވޭ. މިއީ، 2010 ވަނަ އަހަރުގެ ކުރީ 6 މަސްދުވަހާ އަޅާ ބަލާއިރު 857 ފަރސެންޓަށްވުރެ އިތުރު އަދަދެއްކަމަށް މިކަމުގައި ލިބެމުންމިދާ ކުރިއެރުމުން އަޅުގަނޑުމެންނަށް ސާފުވޭ.

ޢިއްޒަތްތެރި ރައީސް:

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނު އިޞްލާޙުކޮށް މި ޢިއްޒަތްތެރި މަޖިލީހަށް މިދައުރުގައި ހުށަހެޅޭނެ. އެކްސްޕޯޓްކުރާ ފަރާތްތަކަށް ވިއްކުމަށް މަސްވެރިކަން ކުރުމަށާއި، އެކްސްޕޯޓު ކުރުމަށް، މަހާއި މަހުގެ އުފެއްދުންތައް ތައްޔާރުކުރުމަށާއި، އެކުއަކަލްޗަރ ކުރުމަށް ލައިސަންސްދިނުމާބެހޭ ގަވާއިދު އެކުލަވާލައި މިދިޔަ އަހަރުގެ ތެރޭގައި ވަނީ އެއަށް ޢަމަލުކުރަން ފަށާފައި. އަދި ބޮޑުކަންނެލީގެ ގަވާއިދު އިޞްލާޙު ކުރުމުގެ މަސައްކަތްވެސްވަނީ ކުރެވިފައި. މަސްވެރިކަމުގެ ވިޔަފާރިވަނީ ކުރިއަށްވުރެ މާބޮޑަށް ހުޅުވާލެވިފައި. ނަތީޖާއެއްގެ ގޮތުން އެވްރެޖް ގޮތެއްގައި ދިވެހި މަސްވެރިޔާ، މިއަދު ބާނާ 5 ޓަނު މަހަށް ލިބޭ މިންވަރު، މީގެކުރިން ބޭނި 15 ޓަނު މަހަށް ލިބުނު މިންވަރަށްވުރެ އިތުރުވެއްޖެ. މަސްވެރި ޢާއިލާތަކުގެ އާމްދަނީ އެތައްގުނައަކުން އުފުލިއްޖެ.

ޢިއްޒަތްތެރި ރައީސް:

ވިޔަފާރި ކުރިއެރުވުމަށް ސަރުކާރުން އިތުރަށް ކޮށްދެވުނު ކަންތައްތަކުގެ ތެރޭގައި، 10 ޑިސެމްބަރ 2010 އިން ފެށިގެން ކަނޑުމަހުގެ ބާވަތްތައް ރޮލާ އެކްސްޕޯޓް ކުރުމަށް އެދޭ ކޮންމެ ފަރާތަކަށް އެކްސްޕޯޓް ލައިސަންސް ދޫކުރުމަށް ހަމަޖެއްސުނު. ޕެކިންގ މެޓީރިއަލްސްގެ ޑިއުޓީ މާފުކޮށްދެވުނު. އިމްޕޯޓް ލައިސަންސް ދިނުން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާ ހަވާލުކުރެވުނު. އަދި މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ލުއި ފަސޭހައަށްޓަކައި، އިޤްތިޞާދީ ސަރަޙައްދުން މަސްވެރިކަން ކުރުމަށް ލައިސަންސް ދޫކުރުން، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރާ ހަވާލު ކުރެވުނު. ހަމައެއާއެކު ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުތަކުގައި މަސްވެރިކަންކުރާ ފަރާތްތަކުން ނަގަމުންއައި ރޯޔަލްޓީ ނުނަގާގޮތަށް ނިންމާފައިވަނީވެސް މިދިޔަ އަހަރު.

ދޯނިފަހަރުގައި ރެފްރިޖަރޭޓެޑް ސީވޯޓަރ ސިސްޓަމް ބެހެއްޓުމަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން މިދިޔައަހަރުގެ ތެރޭގައި މަސްވެރިންނަށް ފޯރުވައިދެވިފައިވޭ. މަސްވެރިންނަށް ލުއިފަސޭހަތައް ހޯދައިދިނުމުގެ ގޮތުން މަސްދޯނިފަހަރު ބަނުމަށާއި އިންޖީނު އެޅުމަށް ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމުގެ މުއްދަތުވަނީ އިތުރުކޮށްދީފައި. މަސްވެރި މުޖުތަމަޢުތަކުން ޤާއިމުކޮށްފައިވާ މަހާއި މަހުން ތަކެތި އުފައްދާ ތަންތަނުގެ ފެންވަރު މަތިކުރުމަށްޓަކައި ވަކި މަޝްރޫޢެއްގެ ދަށުން ލުއި ލޯނުތައް މަސްވެރިންނަށް ދޫކުރެވިފައިވޭ.

ޢިއްޒަތްތެރި ރައީސް:

ފާނަ އަދި މިޔަރުގެ މަސްވެރިކަމުގެ މެނެޖްމަންޓް ޕްލޭން އެކުލަވާލުމުގެ މަސައްކަތް ފެށި، މިޔަރުގެ މަސްވެރިކަން ކުރުން މަނާކުރުމާ ގުޅިގެން، މިޔަރުގެ މަސްވެރިކަންކުރަމުން ދިޔަ ފަރާތްތަކަށް ބަދަލުދިނުމުގެ މަސައްކަތްވެސްވަނީ ކުރިއަށް ގެންދެވިފައި.

މަސްވެރިކަން އިތުރަށް ފުޅާކޮށް މުއްސަނދި ކުރުމުގެ ގޮތުން ކަޅުބިލަމަހުގެ ޞިނާޢަތު ތަރައްޤީކުރުމަށް މަޝްރޫޢެއްވަނީ ހިންގަން ފަށާފައި. މަސްވެރިން އަތުން ކުންފުނިތަކަށް މަސްގަނެވޭނެ އެންމެދަށް އަގު މިދިޔަ އަހަރުގެ ތެރޭގައިވަނީ ކަނޑައަޅައި ނިންމާފައި. އަދި ކަޅުބިލަމަސް ގަނެވިއްކުމާބެހޭގޮތުން ހެދިފައިހުރި އެއްބަސްވުންތައް އަލުން ބަލައި ކަޅުބިލަމަހުގެ ޞިނާޢަތުގައި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުންވަނީ އިތުރުކުރެވިފައި. މީގެ އިތުރުން، މަސްވެރިކަމުގެ ޒަމާނީ އިންފްރާސްޓްރަކްޗަރ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޤާއިމުކުރުމަށާއި، މަސްވެރިކަމުގެ ޞިނާޢަތުގެ ދިރާސާތައް ކުރިއެރުވުމަށާއި، މިރާއްޖޭގައި މަސް ވިއްސާ، ދިރުވާ، އާލާކޮށް މަހުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް މިދިޔަ އަހަރުގެ ތެރޭގައި ތަފާތު މަސައްކަތްތަކެއް ކުރެވިފައިވޭ.

ފަޅު ފަރުތަކާއި، ކަނޑުތަކުގެ ދިރާސާތަކުގައި، ދުނިޔޭގެ އެންމެމަތީ ފެންވަރުގެ ހޯދުންތައް ހޯދޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން އިޓަލީވިލާތުގެ ޔުނިވަރސިޓީ އޮފް ބިކޯކާ މިލާނޯ އާ ގުޅިގެން ފ. އަތޮޅު މަގޫދޫގައި އެ ޔުނިވަރސިޓީގެ އައުޓް ޕޯސްޓެއް ޤާއިމުކުރެވުނީވެސް މިދިޔަ އަހަރު. އަދި މަނިޔަފުށީގައި ފިޝަރީޒް ރިސަރޗް ފެސިލިޓީއެއް ޤާއިމުކޮށް ތަރައްޤީކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށް.

ޢިއްޒަތްތެރި ރައީސް:

ރާއްޖޭގައި ދަނޑުވެރިކަން އިތުރަށް ތަރައްޤީކުރުމަށް މިދިޔަ އަހަރުގެ ތެރޭގައިވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައި. މިގޮތުން 3 ރަށެއްގެ ދަނޑުވެރިން އުފައްދާ ތަކެތި މާރުކޭޓަށް ނެރެދިނުމުގެ ގޮތުން، ޓޫރިސްޓް ރިޒޯޓްތަކާއި ކާބޯތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ ކޮންޓްރެކްޓްކޮށް، ކާބޯތަކެތި އުފެއްދުމާއި ދަނޑުވެރިކަމުގެ ބާވަތްތަކުގެ އަގުމަތިކުރުމުގެ ގޮތުން މިރާއްޖޭގެ ބައެއް އުފެއްދުން މާކެޓްކުރުމުގެ މަސައްކަތްވެސްވަނީ މިދިޔައަހަރު ކޮށްފައި. މީގެ އިތުރުން، 1.7 މިލިއަން ރުފިޔާގެ ތަކެތި ދަނޑުވެރިންނަށް ހެޔޮއަގުގައި ފޯރުވައިދީ، 1,932 ފަރާތަކަށް ދަނޑުވެރިކަމުގެ މަޢުލޫމާތުވަނީ ދެވިފައި. އަދި ރާއްޖޭގައި ފުރަތަމަ ފަހަރަށް ވެޓެރިނަރީ ކްލިނިކެއްގެ މަސައްކަތްވެސްވަނީ ވޭތުވެދިޔަ އަހަރުގެ ތެރޭގައި ފަށާފައި. މީގެއިތުރުން، ވިޔަފާރި އުސޫލުން ދަނޑުވެރިކަން ކުރުމަށްޓަކައި 4 ފަޅުރަށެއް ކުއްޔަށް ދޫކޮށް 18 މިލިއަން ރުފިޔާގެ ލުއިލޯނު 332 ދަނޑުވެރިންނަށް ސަރުކާރުން ދޫކޮށްފައިވަނީވެސް މިދިޔައަހަރު.

ޢިއްޒަތްތެރި ރައީސް:

މިއަހަރުގެ ތެރޭގައި ކުރުމަށް ރޭވިފައިވާ ބޮޑެތި ކަންތައްތަކުގެ ތެރޭގައި، ދަނޑުވެރިންނަށް 50 މިލިއަން ރުފިޔާގެ ސަބްސިޑީ ދިނުމާއި، 25 ރަށެއްގެ ދަނޑުވެރިން ބާޒާރަށް ނެރެ ގަވާއިދުން ތަކެތި މާކެޓް ކުރެވޭނޭ މަގު ފަހިކޮށްދިނުމާއި، އަދި ދަނޑުވެރިކަމުގެ ތަމްރީނު ހަރުދަނާ އުސޫލަކުން ދިނުމަށްޓަކައި ލ. ގަމުގައި އަޅާ އެގްރިކަލްޗަރ ސްކޫލްގެ މަސައްކަތްވެސް ކުރިއަށް ގެންދެވޭނެ.

ޢިއްޒަތްތެރި ރައީސް:

މިދިޔަ އަހަރު ނިމުނުއިރު ރާއްޖެއަށް 9 ލައްކައަށްވުރެ ގިނަ ފަތުރުވެރިންވަނީ ޒިޔާރަތް ކޮށްފައި. މިއީ، އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 21 އިންސައްތައިގެ ކުރިއެރުމެއް. މިކަމުން ދޭހަވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ތަންފީޒު ކުރެވެމުންދާ ސިޔާސަތުތަކަކީ އަޅުގަނޑުމެނަށް ކުރިއެރުންތަކެއް ހޯދައިދޭނެ ސިޔާސަތުތަކެއްކަން.

ރާއްޖޭގެ އެކިކަންކޮޅުތަކަށް ޒިޔާރަތްކުރަން ބޭނުންވެފައިވާ ވީހާވެސް ގިނަ ފަތުރުވެރިންނަށް އެ ފުރުޞަތު ތަނަވަސްކޮށްދިނުމަށްޓަކައި، މެދުފަންތީގެ 3 ތަރި ނުވަތަ 4 ތަރީގެ އެނދު އެކުލެވޭ، ޒޯން ތަޢާރުފުކުރުމަށް ލ.ގަން ވަނީ ކަނޑައެޅިފައި. އެ އަތޮޅު ގަމުގައި ތަރައްޤީ ކުރެވޭ އިންޓަރގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ޒޯންގައި މެދުފަންތީގެ ވިޔަފާރިތަކުގެ ސަބަބުން ޓޫރިޒަމް ވިޔަފާރީގައި އިތުރު ފުރުޞަތުތައް ލިބިގެންދާނެ. މި ސަރަޙައްދުގައި 3 ނުވަތަ 4 ތަރީގެ މެދުފަންތީގެ 2 ހޮޓާ ތަރައްޤީކުރުމާއެކު، ދިވެހިންނަށް ޓޫރިސްޓް ގެސްޓްހައުސް ތަރައްޤީކުރުމަށް ބިން ދޫކުރެވޭނެ. މިކަމަށްޓަކައި މިހާރުވެސް ޓޫރިޒަމް މިނިސްޓްރީއާއި އެ ސަރަޙައްދާ ދެމެދުގައި މަޝްވަރާތައް ކުރެވި، ފަރުމާތައް އެކުލަވާލެވި މަޝްރޫޢު ފެށުމުގެ އިންތިޒާމުތައްދަނީ ކުރެވެމުން. މެދުފަންތީގެ ޒޯން ރާއްޖޭގެ އެހެން އަތޮޅުތަކުގައިވެސް ޤާއިމުކުރެވޭނެ.

ޢިއްޒަތްތެރި ރައީސް:

ދިވެހިރާއްޖޭގެ ވައިގެ ބަނދަރުތަކުގެ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކޮށް ހިންގުން، މެލޭޝިޔާގެ އެއަރޕޯޓްސް ހޯލްޑިންގއާއި އިންޑިޔާގެ ޖީ.އެމް.އާރ. ގްރޫޕާ މިދިޔަ އަހަރުގެ ތެރޭގައިވަނީ ހަވާލުކުރެވިފައި. އެނގިވަޑައިގަންނަވާނެ، މިރާއްޖެއަށް ދަތުރުކުރާ ފަސިންޖަރުންގެ ޖުމްލަ އަދަދު އިތުރުކުރެވެން އޮތީ، މާލޭ ވައިގެ ބަނދަރު ތަރައްޤީކޮށްގެން. މިކަން މުހިންމުވެފައިވަނީ، މިރާއްޖޭގެ އިޤްތިޞާދަށް ވަންނަ ބޭރުފައިސާ އެތައް ގުނައިން އިތުރުވެގެން ދާންއޮތީ، އެއަރޕޯޓަށް އައިސް ފުރާ ފަސިންޖަރުންގެ އަދަދު މަތިކުރެވިގެން.

ޢިއްޒަތްތެރި ރައީސް:

ކޮޅުމަޑުލު ތިމަރަފުށީ ބިން ހިއްކުމާއި، އެރަށުގައި އެއަރޕޯޓް ހެދުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތްވެސްވަނީ މިދިޔަ އަހަރުގެ ތެރޭގައި ފަށާފައި. މި މަޝްރޫޢުގެ ސަބަބުން، އެ ސަރަޙައްދުގެ ހުރިހާ ރަށްރަށަށް ތަރައްޤީގެ އިތުރު ފުރުޞަތުތަކެއް ހުޅުވި، އެ ސަރަޙައްދުގައި އިޤްތިޞާދީ ހަރަކާތްތައް އެތައް ގުނައަކުން އިތުރުވެގެންދާނެ. އަދި ފުވައްމުލަކުގައި ޤާއިމުކުރާ ވައިގެ ބަނދަރުގެ މަސައްކަތް ދަނީ ހިނގަމުން. ބ.ދަރަވަންދޫ އެއަރޕޯޓްގެ މަސައްކަތް ކުރިއަށް ގެންގޮސް އެއްކޮށް ނިންމާލެވޭނެކަމަށް ލަފާކުރެވެނީ 2012 ވަނަ އަހަރުގެ ތެރޭގައި.

އައްޑޫ ގަމުގައި ޤާއިމު ކުރެވިފައިވާ ގަން އިންޓަރނޭޝަނަލް އެއަރޕޯޓް، ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ޖޮއިންޓް ވެންޗަރ އުސޫލުން ތަރައްޤީކޮށް، ހިންގުމުގެ އެއްބަސްވުމުގައި، ގަން އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި، އެސް.ޓީ.އޯ.އިން ވަނީ މިދިޔަ އަހަރުގެ ތެރޭގައި ސޮއިކޮށްފައި. މި އެއަރޕޯޓް ފުރިހަމަ ބައިނަލްއަޤްވާމީ އެއަރޕޯޓެއްގެ ގޮތުގައި ތަރައްޤީވުމަކީ، ރާއްޖޭގެ ދެކުނު ސަރަޙައްދު ދުނިޔެއަށް ހުޅުވާލެވިފައިވާ މިންވަރު އިތުރުވެ، ރާއްޖޭގެ ދެކުނުގައި ޓޫރިޒަމް އިތުރަށް ފުޅާކުރުމަށް އެޅޭ މުހިންމު ފިޔަވަޅަކަށް ވެގެންދާނެ.

ޢިއްޒަތްތެރި ރައީސް:

ރާއްޖޭގެ ރަށްތައް ދަތުރުފަތުރުކުރުމުގެ ނިޒާމަކުން ގުޅުވުމުގެ ވަޢުދު ހާސިލުކުރުމަށް ކަނޑައެޅިފައިވާ ސިޔާސަތުގެ ދަށުން މުޅި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޚިދުމަތް ދިނުމަށް ހަވާލުވެފައިވާ ފަރާތްތަކުން އެމަސައްކަތް މިހާރުދަނީ ކުރަމުން. އަދި ރާއްޖޭގެ އާބާދީގެ ބޮޑުބައެއް ދަނީ ދަތުރުފަތުރުގެ ނިޒާމު ބޭނުންކުރަމުން. ރައްޔިތުން ރަށު ބަންދުން ފިލުވައި، މުދަލާއި ފަސިންޖަރުން އެއްރަށުން އަނެއް ރަށަށް ފަސޭހަކަމާއެކު އުފުލުމަށް އެކަށައެޅިފައިވާ ދަތުރުފަތުރުގެ ވިއުގަ ވެފައިވަނީ، ވިޔަފާރިއާއި ރަށްވެހިކަމުގެ ތަރައްޤީއަށް ކޮންމެހެން ބޭނުންތެރި ވަސީލަތަކަށް. މިކަންކަމުގެ އިތުރުން، ދޭދޭ ޢާއިލާތަކުގެ މެދުގައި އިޖުތިމާޢީ ގުޅުންތައް އާލާވެ ބަދަހިވެގެންދާ ދިޔުމަކީ، އެނިޒާމުގެ ކާމިޔާބުކަން ދޭހަކޮށްދޭ ކަންކަން ކަމުގައިވާތީ، ދަތުރުފަތުރުގެ ވިއުގަ ޒަމާނީ ކުރުމަށް ކުރެވެންއޮތް ހުރިހާ މަސައްކަތެއް މި ސަރުކާރުން ގެންދާނީ ކުރަމުން.

ޢިއްޒަތްތެރި ރައީސް:

ރާއްޖޭގެ ރައްޔިތުންނަށް، ފެނާއި، ނަރުދަމާއާއި، ބަނދަރާއި، ފުރިހަމަ ކަރަންޓާއި އަދި މަގުތައް ހެދުންފަދަ އަސާސީ ޚިދުމަތްތައް ބޭނުންވެފައިވާ ކަމަށާއި، މި ޚިދުމަތްތައް ދެމެހެއްޓެނިވި ލުއިގޮތުގައި ވިޔަފާރި އުސޫލުން ފޯރުވައިދޭނެކަމަށް އަޅުގަނޑު ވާނީ މިދިޔަ އަހަރު ދަންނަވާފައި.

ރައްކާތެރި ބޯފެނާއި ނަރުދަމާގެ ޚިދުމަތްތަކަކީ އަސާސީ އިންސާނީ ޙައްޤުތައް. އެހެންކަމުން، މި ޚިދުމަތްތައް ރައްޔިތުންނަން ފޯރުވައިދިނުމުގެ ގޮތުން ރާއްޖޭގެ ހަތް ސަރަހައްދުގައި ޔޫޓިލިޓީ ކުންފުނިތައް ޤާއިމުކުރެވި، އެ ކުންފުނިތަކުން މިހާރުދަނީ އެމަސައްކަތްތައް ކުރަމުން. އަދި އޭގެއިތުރުން، މި ޚިދުމަތްތައް އެކަށީގެންވާ ވަރަށް ޤާއިމުކޮށް އަދި ޚިދުމަތް ލިބިދެވޭގޮތް ހެދުމަށް 8 ރަށެއްގައި ނަރުދަމާގެ މަސައްކަތް ކުރުމަށް ވޭތުވިއަހަރު ސަރުކާރުން 295 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައި.

ރަށްރަށުގެ ނަރުދަމާގެ ނިޒާމުގެ ޚިދުމަތް އެކަށީގެންވާ ގޮތެއްގައި ރައްޔިތުންނަށް ފޯރުވައިދިނުމުގެ ގޮތުން ނަރުދަމާ ނިޒާމުގެ ޑިޒައިން މަސައްކަތް ނިންމާފައިވާ 27 ރަށެއްގައި ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން، ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް ކުރުމަށްޓަކައި މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް މިދިޔަ އަހަރުގެ ތެރޭގައި ޓެންޑަރ ކުރެވިފައިވޭ. މީގެއިތުރުން، ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން 11 ރަށެއްގައި ނަރުދަމާގެ ނިޒާމް ޑިޒައިންކޮށް ޢަމަލީ މަސައްކަތްކުރުމަށް މިދިޔަ އަހަރުގެ ތެރޭގައި ވަނީ އިޢުލާނުކުރެވިފައި. މީގެތެރެއިން 9 ރަށެއްގެ މަސައްކަތުގެ އެއްބަސްވުމުގައި މިދިޔަ އަހަރުވަނީ ސޮއިކުރެވިފައި. އޭ.އެފް.ޑީ ލޯނު އެއްބަސްވުމުގެ ދަށުން، ނަރުދަމާ ނިޒާމު ޤާއިމުކުރުމަށް ހަމަޖެހިފައިވާ ގދ.ތިނަދޫއާއި ލ. ގަމުގެ ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް، މިއަހަރުގެ ތެރޭގައި ފެށުމަށްވަނީ ހަމަޖެހިފައި. އޭ.ޑީ.ބީ ލޯން އެއްބަސްވުމުގެ ދަށުން އދ. މަހިބަދޫގެ ނަރުދަމާ ނިޒާމާއި، ލ.ފޮނަދޫގެ ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް މިދިޔަ އަހަރުގެ ތެރޭގައި ފެށި މިއަހަރުގެ ތެރޭގައި ނިމުމަކަށް ގެނެވޭނެ.

ރާއްޖޭގެ ރަށްރަށުގައި ބޯންބޭނުން ކުރެވޭ ފެނުގެ ހާލަތު ރަނގަޅު ކުރުމުގެ ގޮތުން ފިޔަވަހިތަކަކަށް ބަހާލައިގެން 10 ރަށެއްގައި ކޮންޓްރެކްޓް ފައިނޭންސް އުސޫލުން، ފެނުގެ ނިޒާމު ޤާއިމުކުރުމަށް މިދިޔަ އަހަރުގެ ތެރޭގައި އިޢުލާންކުރެވިފައިވޭ. މީގެތެރެއިން 9 ރަށެއްގެ މަސައްކަތުގެ އެއްބަސްވުމުގައި މިދިޔަ އަހަރުވަނީ ސޮއިކޮށްފައި. ގދ. ތިނަދޫގައި ފެނުގެ ނެޓްވަރކެއް ޤާއިމުކުރުމަށްޓަކައި ހައުސިންގ މިނިސްޓްރީއާއި، މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީއާއެކު، މިދިޔަ އަހަރު މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެވި، މަސައްކަތް ދަނީ ކުރެވެމުން. އަދި އިމަރޖެންސީގޮތެއްގައި މިދިޔަ އަހަރުގެ ތެރޭގައި 48 ރަށަކަށް ސަރުކާރުން ވާނީ ބޯފެން ފޯރުވައިދީފައި.

2010 ވަނަ އަހަރުގެ ތެރޭގައި ބަނދަރު ހެދުމުގެ 27 މަޝްރޫޢެއްގެ މަސައްކަތްވަނީ ނިމިފައި. މިއީ 687 މިލިއަން ރުފިޔާގެ މަޝްރޫޢު. މީގެއިތުރުން 4 ރަށެއްގައި ބަނދަރު ހެދުމުގެ ޢަމަލީ މަސައްކަތް މިހާރުވެސް ދަނީ ކުރެވެމުން. މިއަހަރުގެ ތެރޭގައި 39 ރަށެއްގެ ބަނދަރުހެދުމާއި، 3 ރަށެއްގެ ލަފާފުރުން ޙައްލުކުރުމަށް ޖެޓީ ހެދުމާއި، 3 ރަށެއްގެ ބަނދަރުގެ މެއިންޓަނަންސް ޑްރެޖިންގ މަސައްކަތް ކުރުމަށްވަނީ ހަމަޖެހިފައި. މީގެއިތުރުން، މަޑަވެލި-ހޯޑެއްދޫ ގުޅުވުމަށް ކޯޒްވޭއެއް ހެދުމާއި، ބިންހިއްކިފައިވާ ރަށްރަށުގެ ރިވެޓްމަންޓް މަސައްކަތުގެ އިތުރުން، 7 ރަށެއްގެ ގިރާ ސަރަހައްދު ޙިމާޔަތް ކުރުމުގެ މަޝްރޫޢުވެސް މިއަހަރުގެ ތެރޭގައި ކުރިއަށް ގެންދެވޭނެ.

ޢިއްޒަތްތެރި ރައީސް:

އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ފޯރުވައިދިނުމާއި، ޢާއިލީ ގުޅުންތައް ހަރުދަނާ ކުރުމަށް މި ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރުމުގައި ދެމިތިބޭނެ ކަމުގައި މި ޢިއްޒަތްތެރި މަޖިލީހާ މުޚާޠަބުކޮށް މިދިޔަ އަހަރު އަޅުގަނޑު ދަންނަވާލިން.

ރައްޔިތުންނަށް އެކަށީގެންވާ ބޯހިޔާވަހިކަމެއް ފޯރުވައިދިނުމަކީ ސަރުކާރުގެ ފަސް ވަޢުދުގެ ތެރެއިން އެންމެ މުހިންމު އެއް ވަޢުދު. މިގޮތުން މާލެއާއި އަތޮޅުތަކުގައި ޖުމްލަ 10,000 ހައުސިންގ ޔުނިޓް ޢިމާރާތްކުރުމުގެ މަޝްރޫޢެއްވަނީ ފަށާފައި. މިވަގުތު މުޅި ޖުމްލަ 4,150 ހައުސިންގ ޔުނިޓުގެ މަސައްކަތް ކޮންޓްރެކްޓް ކުރެވި، މީގެތެރެއިން 1,750 ހައުސިންގ ޔުނިޓްގެ ޢަމަލީ މަސައްކަތްދަނީ ހިނގަމުން.

މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމާއި ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ވެށިފަހި މާލޭ ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ތަނަވަސް ބޯހިޔާވަހިކަމަށް އެދުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައި. ގުޅީފަޅު މަޝްރޫޢުގެ ދެވަނަ ފިޔަވަހި މިހާރު މިވަނީ ފަށާފައި. މި މަޝްރޫޢުގެ ދަށުން 50 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މިއަހަރުގެ އޭޕްރީލުމަހުގެ ތެރޭގައި ފެށޭނެ. މި ހިއްކޭ ބިމުން 10 ހެކްޓަރުގެ ބިމުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކެމްޕަސްއެއް ޤާއިމުކުރެވޭނެ. ގުޅީފަޅުގައި 2,500 ހައުސިންގ ޔުނިޓް ތަރައްޤީ ކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށުމާއެކު، އެބިމުގައި 2012 ގެ ނިޔަލަށް މީހުން ވަޒަންވެރި ކުރެވޭނެ. އަދި 2013 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ވިލިނގިއްޔާއި ގުޅީފަޅު ބްރިޖަކުން ގުޅާލެވޭނެ. މާލެ އާއި ވިލިނގިއްޔާ ދެމެދު ބްރިޖަކުން ގުޅާލުމުގެ މަސައްކަތް ހިންގޭނެ ގޮތްތައް މިއަހަރުގެ ތެރޭގައި ދެނެގަނެވި، މާތްރަސްކަލާނގެ އިރާދަފުޅާއެކު، އެމަސައްކަތް ފަށައިގަނެވޭނެ. ސަރުކާރުގެ އަމާޒަކީ، މާލޭ ލޮނު ޒިޔާރަތްކޮޅުން ގިރާވަރު ކަނޑުއޮޅިއާ ހަމައަށް ގުޅާލެވޭ މަގެއް ބިނާކުރުން. އެއީ، 12 ކިލޯމީޓަރުގެ މަގެއް. ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއްބައި ހިމެނޭ މާލޭ ސަރަޙައްދުގެ ރައްޔިތުންނަށް ލުއިކަން ހޯދުމާއި، މުޅި ރާއްޖޭގެ ތަރައްޤީއަށް މަގުފަހި ކުރުމަކީ ސަރުކާރުގެ އަމާޒު.

ޢިއްޒަތްތެރި ރައީސް:

ސުނާމީގައި ގެއްލުންވެފައިވާ ޢާއިލާތަކަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ހިންގޭ ޕްރޮގްރާމުގެ ދަށުން ގއ. އަތޮޅުގައި ޢިމާރާތްކުރަމުން ގެންދާ 298 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ހަލުވިކަމާއެކު ކުރިއަށްދާނެ. ތ.މަޑިފުށީގައި އެޅުމަށް ހަމަޖެހިފައިވާ 42 ގެ ޓެންޑަރ ކުރުމުގެ މަސައްކަތް ނިމި، ކޮންޓްރެކްޓްގައި މިހާރުވަނީ ސޮއިކޮށްފައި. އަދި ހަމަ އެރަށުގައި އެޅުމަށް ހަމަޖެހިފައިވާ 78 ގޭގެ މަޝްރޫޢުގެ މަސައްކަތްފެށި، މިއަހަރުގެ ތެރޭގައި ނިންމާލެވޭނެ. ހަމަ މިއާއެކު ލ.މާބައިދޫގެ 45 ގޭގެ މަޝްރޫޢުގެ މަސައްކަތްފެށި މިހާރު އެމަސައްކަތް ދަނީ ކުރިއަށް. ސުނާމީގައި ގެދޮރު ގެއްލިފައިވާ މ.ކޮޅުފުށީ ރައްޔިތުންނަށް ދާއިމީ ބޯހިޔާވަހިކަން ހޯދައިދިނުމުގެ ގޮތުން، އެރަށު 168 ގެ ޢިމާރާތް ކުރުމުގެ މަސައްކަތް މިހާރުވަނީ ފަށާފައި.

ޢިއްޒަތްތެރި ރައީސް:

ހދ.މާވައިދޫ، ފަރިދޫ އަދި ކުނބުރުދޫގެ ރައްޔިތުންވަނީ ހދ.ނޮޅިވަރަންފަރަށް ބަދަލުކުރެވިފައި. އެރަށުގައި ސަރުކާރުން ޢިމާރާތްކޮށްފައިވާ 181 ގޭގައި މިތިންރަށުގެ މީހުން ދިރިއުޅެން މިހާރުވަނީ ފަށާފައި.

ޢިއްޒަތްތެރި ރައީސް:

ކާބަން ނިއުޓްރަލް ޤައުމަކަށް ދިވެހިރާއްޖެ ހެދުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކުގެ ތެރެއިން މުހިންމު އެތައް މަސައްކަތެއް ފާއިތުވި އަހަރުގެ ތެރޭގައިވަނީ ސަރުކާރުން ކޮށްފައި. މިގޮތުން ދިވެހިރާއްޖޭގެ ކާބަން އޮޑިޓް ކުރުމާއި، ޖައްވަށް ވިހަގޭސް ބޭރުކުރެވޭ މިންވަރު މިވަނީ ދެނެގަނެވިފައި. އިރާދަކުރެއްވިއްޔާ އިޢާދަކުރެވޭ ހަކަތަ ބޭނުންކުރުމާއި، އެފަދަ ހަކަތަ އުފެއްދުމަށްޓަކައި ހަކަތަ އުފެއްދުމުގެ ވަސީލަތްތައް ތަފާތުކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ސަރުކާރުން ކުރިއަށް ގެންދާނެ.

ޖައްވަށް ބޭރުކުރެވޭ ވިހަ ގޭސްތަކުގެ ސަބަބުން ތިމާވެށްޓަށް އަންނަ ބަދަލުތަކާ ގުޅިފައިވަނީ ސީދާ ދިވެހި ރައްޔިތުމީހާގެ ދިރިއުޅުމާ. ހަކަތައިގެ މައްސަލައަކީ ހަމައެކަނި ތިމާވެށީގެ މައްސަލައެއްނޫން. އެއީ، އިޤްތިޞާދީ މައްސަލައެއް. ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަކީ ސަރުކާރަށް ވަރަށް މުހިންމުކަމެއް. އަމިއްލަ ވިޔަފާރިތަކުންވެސް މިކަމަށް ބާރުއެޅުމަށް މަގުފަހިކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއް. މިފަދަ ވިޔަފާރިތަކަށް ހިތްވަރު ދިނުމުގެ ގޮތުން، ކާރބަން ނިއުޓްރަލް ޤައުމަކަށް ރާއްޖެ ހެދުމަށް ސަރުކާރުން ކުރަމުން މިގެންދާ މަސައްކަތުގެ ދަށުން، ބައޯޑިގްރޭޑްބްލް ތަކެތީގެ އިމްޕޯޓް ޑިއުޓީއާއި، ބެޓެރީ ނުވަތަ ސޯލާ ފަދަ އިޢާދަކުރެވޭ ހަކަތަ ބޭނުންކޮށްގެން ދުއްވާ އުޅަނދުފަހަރުގެ އިމްޕޯޓް ޑިއުޓީ ދަށްކުރުމަށް 2011 ވަނަ އަހަރުގެ ތެރޭގައި މަސައްކަތް ކުރެވޭނެ. އިޢާދަކުރެވޭ ހަކަތައިގެ ބާވަތްތައް ރާއްޖެއަށް ތަޢާރުފުކޮށް، އަދި ހަކަތަ އިޤްތިޞާދުކޮށް، ރާއްޖެ، ކާބަން ނިއުޓްރަލް ކުރުމަށް ބޭނުންވާނޭ ގަވާއިދުތަކާއި މިންގަނޑުތައް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން މިގެންދަނީ ކުރަމުން.

ޢިއްޒަތްތެރި ރައީސް:

ވަރލްޑް ބޭންކުން ދޭ 30 މިލިއަން ޑޮލަރުގެ ފަންޑު، އަމިއްލަ ވިޔަފާރިވެރިންނަށާއި ޔޫޓިލިޓީ ކުންފުނިތަކަށް ޚާއްޞަކުރެވިގެން ހުޅުވާލެވޭނެ. އަޅުގަނޑުމެންގެ އަމާޒަކީ، ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ލިބިދޭ މިފަދަ ކުރިއެރުންތައް ސަރުކާރުގެ މަސައްކަތްތަކުގައި ހިމެނިގެން ރައްޔިތުންނަށް ފޯރުވައިދޭ ކަރަންޓުގެ ޚިދުމަތުގެ އަގު ހެޔޮކުރުން.

ޢިއްޒަތްތެރި ރައީސް:

އެނގިވަޑައިގަންނަވާނެ ފަދައިން، މި ރާއްޖޭގެ ނާޒުކު ތިމާވެށި ސަލާމަތް ކުރުމަށް ސަރުކާރުން މި ގެންދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުން. ލާމަރުކަޒީ އުސޫލުން ތިމާވެށީގެ ދާއިރާގެ ކަންތައް ރެގިއުލޭޓް ކުރުމަށްޓަކައި އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީގެ އޮފީސްތައް މަތިއުތުރު ސަރަޙައްދާއި ދެކުނު ސަރަޙައްދުގައި މިއަހަރުގެ ތެރޭގައި ޤާއިމުކުރުމަށްވަނީ ހަމަޖެހިފައި. އަދި ތިމާވެށީގެ ގޮތުން ނާޒުކު ސަރަޙައްދުތައް ފާހަގަކޮށްފައިވާ ޗާޓެއް އެކުލަވާލައި، ކަމާބެހޭ ފަރާތްތަކަށް ފޯރުވައިދެވޭނެ. މީގެ އިތުރުން، ތިމާވެށްޓާ ގުޅުންހުރި މަސައްކަތްތައް ކުރުމުގެ މިންގަނޑުތަކެއް އެކުލަވާލައި، ކުނިނައްތާލުމާބެހޭ ގަވާއިދު ތަންފީޒުކުރުމުގެ މަސައްކަތްތައް މިއަހަރުގެ ތެރޭގައި ކުރެވޭނެ.

ޢިއްޒަތްތެރި ރައީސް:

ދެމެހެއްޓެނިވި ގޮތެއްގައި ކުނީގެ މައްސަލަ ޙައްލުކުރުމަށް ކުރަމުންދާ މަސައްކަތް މިއަހަރުގެ ތެރޭގައި ކިތަންމެ ތަނަކުން ހަރުދަނާވެގެންދާނެ. މާލޭ ސަރަޙައްދުގަޔާއި އަދި މިސަރަޙައްދުގެ ރިޒޯޓްތަކުގައި އުފެދޭ ކުނި ނައްތާލުމުގެ މަސައްކަތް އިންޓަރނޭޝަނަލް ފައިނޭންސް ކޯޕަރޭޝަންގެ ލަފާގެ ދަށުން، ކޮންޓްރެކްޓް ކުރާނެ ފަރާތެއް މިއަހަރުގެ ތެރޭގައި ހޯދޭނެ. މި މަސައްކަތާ ހަވާލުވާ ފަރާތުން، ކުނި ނައްތާލުމުގެ މަސައްކަތް ހިންގުމަށްޓަކައި ގާތްގަނޑަކަށް 50 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއްކުރާނެ. މީގެ އިތުރުން، ޔޫޓިލިޓީ ކުންފުނިތަކުންވެސް މިކަމާގުޅޭ މަސައްކަތްތައް ރާއްޖޭގެ އެކި ސަރަޙައްދުގައި ކުރަން ފެށުމަށްވަނީ ކަނޑައެޅިފައި.

ޢިއްޒަތްތެރި ރައީސް:

އިޖުތިމާޢީ ދުޅަހެޔޮ މުޖުތަމަޢެއް ޤާއިމުކުރުމަށްޓަކައި ވޭތުވެދިޔަ އަހަރުވެސް ސަރުކާރުން ވަނީ ފާހަގަކުރެވޭ މުހިންމު މަސައްކަތްތަކެއް ކޮށްފައި.

2010 ވަނަ އަހަރުގެ ތެރޭގައި މަދަނައިގެ ޚިދުމަތް ވަނީ ރާއްޖޭގެ އާބާދީގެ ވަރަށްގިނަމީހުންނަށް ފޯރުވައިދެވިފައި. މިވަގުތު މަދަނައިގެ ޚިދުމަތް ލިބެމުންދާ މީހުންގެ އަދަދު ހަތްދިހަ ފަސްހާހަށްވުރެ ގިނަ. ރާއްޖޭގެ ރައްޔިތުން ބޭސްފަރުވާއަށް ސަލާންޖެހުން ނައްތާލުމަށްޓަކައި މިދިޔަ އަހަރު 144 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރެވިފައިވޭ. މިއަހަރުގެ ތެރޭގައި މަދަނައިގެ ދަށުން ޚިދުމަތްދެވޭ ރައްޔިތުންގެ އަދަދު ގިނަ ކުރުމަށްޓަކައި އިތުރު މަސައްކަތް ކުރެވޭނެ. ސަރުކާރުގެ އަމާޒަކީ، 2011 ވަނަ އަހަރުގެ ނިޔަލަށް މަދަނައިގެ ޚިދުމަތް ލިބޭ މީހުންގެ އަދަދު އެއްލައްކައަށް އިތުރުކުރުން. ސްރީލަންކާއާއި އިންޑިޔާގެ އިތުރުން، މަދަނަ ޕްލަސްގެ ޚިދުމަތް ލިބޭނެ ޤައުމުތައް އިތުރު ކުރުމުގެ މަސައްކަތްވެސް ހަމަ މިއަހަރުގެ ތެރޭގައި ކުރެވޭނެ.

ޢިއްޒަތްތެރި ރައީސް:

މިދިޔަ އަހަރުގެ ތެރޭގައި ރާއްޖޭގެ ޞިއްޙީ ޚިދުމަތް ފުޅާކުރުމަށް ކުރެވުނު ގިނަގުނަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މިހާރުވަނީ ރާއްޖޭގެ 5 ރަށެއްގައި ޓެލެމެޑިސިންގެ ޚިދުމަތް ތަޢާރުފް ކުރެވިފައި. މި ޚިދުމަތުގެ ތެރެއިން، ރާއްޖޭގެ ރަށްރަށުގައި ބޭސްފަރުވާގެ ޚިދުމަތް ފޯރުވައިދިނުމަށް، ކުރިމަތިވެފައި އޮތް ދަތިކަމުން އިރާދަކުރެއްވިއްޔާ އަރައިގަނެވޭނެ. ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރިހާ ބަލިތަކަކަށް ފަރުވާދެވޭ ޑޮކްޓަރުން ބޭތިއްބުމުގެ ބަދަލުގައި، މި ނިޒާމު މެދުވެރިކޮށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި ހޮސްޕިޓަލްތަކާއި، އެތަންތާނގެ ޑޮކްޓަރުންގެ އެހީ، ރާއްޖޭގެ ބަލިމީހުންނަށް ލިބިގެންދާނެ މަގު ފަހިވެގެންދާނެ. ރާއްޖޭގެ އިތުރު 34 ރަށެއްގައި މިދެންނެވި ނިޒާމު ކުރިއަށް މިއޮތްތާނގައި ޤާއިމު ކުރެވިގެންދާނެ.

ޢިއްޒަތްތެރި ރައީސް:

ރާއްޖޭގެ ޞިއްޙީ ޚިދުމަތްތައް ޤާއިމުކޮށް، އެ ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތަކަށް، ލާމަރުކަޒީ އުސޫލުން ރައްޔިތުންނަށް ފޯރުވައިދިނުމަށްޓަކައި މިދިޔައަހަރު ވާނީ ހެލްތް ސަރވިސް 5 ކޯޕަރޭޝަން އުފައްދާފައި. އިތުރު 3 ސަރަޙައްދެއްގައި ހެލްތް ކޯޕަރޭޝަން މިއަހަރުގެ ތެރޭގައި ޤާއިމުކުރެވޭނެ. އަދި ކޯޕަރޭޝަން އުފެދުމާ ގުޅިގެން ރިޒޯޓުތަކުގަޔާއި ސަރުކާރުގެ ޞިއްޙީ ޚިދުމަތްތައް ފޯރުވައިދޭ 108 ކްލިނިކަކަށްވަނީ ލައިސަންސް ދޫކުރެވިފައި.

އިންސާނީ ވަސީލަތްތައް ކުރިއެރުވުމަށް ކަނޑައެޅިފައިވާ އިންޓަރގްރޭޓެޑް ހިއުމަން ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން މިއަހަރުގެ ތެރޭގައި 21 ރަށެއްގައި ކޮމިއުނިޓީ ފާމަސީ ޤާއިމުކުރުމަށްވަނީ ހަމަޖެހިފައި. ޞިއްޙީ ޚިދުމަތް ފޯރުވައިދޭ ވަސީލަތްތަކާއި ޞިއްޙީ ޚިދުމަތްތެރިންގެ ރަޖިސްޓްރީ މިއަހަރު ނިމެންވާއިރަށް އިރާދަކުރެއްވިއްޔާ ފުރިހަމަކުރެވޭނެ.

ޢިއްޒަތްތެރި ރައީސް:

މިއަހަރުގެ ތެރޭގައި ޞިއްޙީ ދާއިރާއާ ގުޅުންހުރި 2 ބިލެއްގެ މަސައްކަތް ކުރުމަށްވަނީ ސަރުކާރުން ކަނޑައަޅާފައި. އެއީ، ހެލްތް ސަރވިސަސްގެ ބިލާއި، މެޑިކަލް ނެގްލިޖަންސްގެ ބިލުގެ މަސައްކަތް. މިދެބިލު މަޖިލީހަށް ފޮނުވުމާއެކު، ވެވަޑައިގެންނެވި އެންމެ އަވަސް ފުރުޞަތެއްގެ ތެރޭގައި މި ޢިއްޒަތްތެރި މަޖިލީހުން މި ދެބިލު ނިންމަވައި ދެއްވުމަށް އަޅުގަނޑު އެދެން، އިލްތިމާސްކުރަން. އަދި އަޅުގަނޑު ޔަޤީންކުރަން، މި މަޖިލީހުން އެ މަސައްކަތް ފުރިހަމަ ގޮތުގައި، އަވަސް ގޮތުގައި ނިންމަވައިދެއްވާނެކަމަށް.

ޢިއްޒަތްތެރި ރައީސް:

ފުދުންތެރިކަން ނެތް ރައްޔިތު މީހާއަށް ދައުލަތުގެ އެހީ، ސީދާ ލިބޭނެ އިންތިޒާމު ހަމަޖެހި، އެ އެހީވަނީ މިދިޔަ އަހަރުވެސް ފޯރުވައިދެވިފައި. މިގޮތުން އުމުރުން ދުވަސްވީ މީހުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުކުރުމުގެ ގޮތުން، 65 އަހަރުން މަތީގެ ހުރިހާ ރައްޔިތުންނަށް ދިނުމަށް ހަމަޖެހިގެން ދިޔަ 2,000 ރުފިޔާގެ ޢިނާޔަތަށް މިދިޔަ އަހަރުގެ ތެރޭގައި 399 މިލިއަން ރުފިޔާވަނީ ޚަރަދުކުރެވިފައި. މީގެ އިތުރުން، އިޖުތިމާޢީ ރައްކާތެރިކަމުގެ ދާގަނޑުގެ ތެރޭގައި ހިމެނޭ އެކަނިވެރި މައިންނާއި ބަފައިން، އަދި ޔަތީމު ކުދިން ބަލަހައްޓާ ބަލަދުވެރިންނަށް ދޭ ޒަރޫރީ އެހީގެ ގޮތުގަޔާއި ހަމަ އެފަރާތްތަކަށްދޭ ބޭސްފަރުވާގެ އެހީގެ ގޮތުގައި 29 މިލިއަން ރުފިޔާވަނީ ދެވިފައި. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި، މާލީ އެހީތެރިކަން ފޯރުވައިދިނުމުގެ ޤާނޫނު ފާސްކޮށްދެއްވިކަމަށްޓަކައި މިފުރުސަތުގައި މި ޢިއްޒަތްތެރި މަޖިލީހުގެ މެންބަރުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

ޢިއްޒަތްތެރި ރައީސް:

އިޖުތިމާޢީ ރައްކާތެރިކަމުގެ ޚަރަދުތައް ދެމެހެއްޓެނިވި ގޮތެއްގައި ހިފެހެއްޓުމުގެ ގޮތުން، އެކިފަރުދުންނަށް މެދުވެރިވާ އިޤްތިޞާދީ ލޮޅުންތަކުން ރައްކާތެރި ކުރުމަށްޓަކައި މިހާރު މިވަނީ ސޯޝަލް ސެކިއުރިޓީ ފަންޑެއް ޤާއިމުކޮށް، އެފަންޑު އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތް ފެށިފައި. އަދި މިއަހަރު މިކަމަށް ޚާއްޞަ ބަޖެޓެއްވެސްވަނީ ކަނޑައެޅިފައި.

މި ސަރުކާރުގެ މައިގަނޑު ފަލްސަފާއަކީ ހެޔޮވެރިކަމާއި އޯގާތެރިކަން ފޯރުވައިދިނުން. ދިވެހި އެންމެހާ ރައްޔިތުންނަށްވެސް އުފާވެރިކަން ގެނެސްދިނުމަށްޓަކައި އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ކުޑަތަންކޮޅެއްވެސް އިރާދަކުރެއްވިއްޔާ ފަހަތަކަށް ނުޖެހޭނަން. ދިވެހިރާއްޖޭގެ ރައްޔިތުންނަށް އިޖުތިމާޢީ ރައްކާތެރިކަމެއް ހޯދައިދިނުމަށް މިސަރުކާރުން ކުރަމުންދާ މަސައްކަތަށް ކުޑަވެސް ލޮޅުމެއް އެރިޔަކަނުދޭނަން. މިގޮތުން، ތިޔަ ޢިއްޒަތްތެރި މަޖިލީހަށް ހުށަހަޅާފައިވާ އިޖުތިމާޢީ ރައްކާތެރިކަމުގެ ބިލްވެސް، ވީއެންމެ އަވަސް ފުރުޞަތެއްގެ ތެރޭގައި ނިންމަވައި ދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑަށް އެބައޮތް.

ޢިއްޒަތްތެރި ރައީސް:

މިދިޔަ އަހަރުގެ ތެރޭގައިވެސް ރާއްޖޭގެ ތަޢުލީމީ ނިޒާމު ތަރައްޤީ ކުރުމުގެ މުހިންމު ފިޔަވަޅުތަކެއްވަނީ އަޅާފައި. މިގޮތުން ތަޢުލީމާބެހޭ ޤާނޫނީ އޮނިގަނޑެއް އެކަށައަޅައި، ތަންފީޒު ކުރުމަށްޓަކައި ތަޢުލީމާބެހޭ ބިލް މި މަޖިލީހަށްވަނީ ހުށަހަޅާފައި. މިއަހަރުގެ ތެރޭގައި އިތުރު 25 ސްކޫލެއްގެ ކިޔެވުން އެއްދަންފަޅިއަށް ބަދަލުކުރެވޭނެ. ވީމާ، މިއަހަރުގެ ނިޔަލަށް ޖުމްލަ 126 ސްކޫލެއްގައި އެއްދަންފަޅިއަށް ކިޔަވައިދޭން ފެށޭނެ. އަދި، މިދިޔައަހަރު ތެރޭގައި 2084 ޓީޗަރުންނަށްވަނީ ފަންނީ ތަމްރީނު ދެވި ތަރައްޤީ ކުރެވިފައި. މިއީ 2009 ވަނަ އަހަރާ އަޅާބަލާއިރު 267 ޓީޗަރުން އިތުރު އަދަދެއް.

ސްކޫލްތައް ހިންގުމުގައި ބޭނުންވާ ލަފަޔާ މަޝްވަރާ ސްކޫލްގެ ވެރިންނަށް ދިނުމަށާއި ސްކޫލްގެ ހިންގުން ހަރުދަނާ ކުރުމަށް ހުރިހާ ސްކޫލެއްގައި މިހާރުވަނީ ބޯޑުތައް އުފައްދާފައި. ސަރަޙައްދީ ފެންވަރުގައިވެސްވަނީ ތަފާތު ޕްރޮގްރާމްތައް ހިންގާފައި. ޒަމާނާގުޅޭ އަދި ކުދިންނާ ރައްޓެހި ސްކޫލްތައް އުފައްދައި، ގަވާއިދުން ބެލެހެއްޓުމަށްޓަކައި އެކިދަރަޖައިގެ މިންގަނޑުތަކާއި ވަޒަންތައްވަނީ ކަނޑައަޅާފައި. ރާއްޖޭގެ ހުރިހާ ރަށެއްގައި ޕްރީ ސްކޫލް ޤާއިމުކުރެވިފައިވަނީ ސަރުކާރުން އެކަމަށް ހިތްވަރުދީ، ސަރުކާރުގެ އެއްބާރުލުން ފޯރުވައިދީގެން.

ޢިއްޒަތްތެރި ރައީސް:

މިދިޔަ އަހަރު އަޅުގަނޑު ދަންނަވާފައިވާނެ، 2010 ވަނަ އަހަރުގެ އެންމެ ބޮޑު އަމާޒަކީ، ސްކޫލް ނިންމާފައި ނުކުންނަ ކުދިން 5 މާއްދާއިން ފާސްވާ މިންވަރު 32 އިންސައްތައިން 41 އިންސައްތައަށް މަތިކުރުންކަމަށް. މިދިޔަ އަހަރުގެ ނަތީޖާއަށް ބަލާއިރު މި ނިސްބަތް 41 އިންސައްތައަށް މަތިނުކުރެވުނުކަމުގައިވިނަމަވެސް، މި ނިސްބަތް މިއަދުވަނީ 35 އިންސައްތައަށް މަތިކުރެވިފައި. އެހެންނަމަވެސް، ވަކިވަކި ސްކޫލްތަކުން މިދިޔަ އަހަރު ހޯދި ނަތީޖާއަށް ބަލާއިރު، 100 ސްކޫލަކުން 2009 ވަނަ އަހަރަށްވުރެ ނަތީޖާ ރަނގަޅުކޮށްފައިވޭ. މިދެންނެވި 5 މާއްދާއިން ފާސްވި ކުދިންގެ ނިސްބަތް، އެ ސްކޫލްތަކުން އިތުރުކޮށްފައިވަނީ ވަރަށް މަތީ ދަރަޖައަކަށް.

ހަމައެއާއެކު ފާހަގަކޮށްލެވޭ އަނެއްކަމަކީ، ވަރަށްގިނަ ކުދިން ދުނިޔޭގެ ފެންވަރުގައި އާދަޔާ ޚިލާފު ކާމިޔާބީތަކެއް މިފަހަރު ހޯދާފައިވާކަން. އެމާއްދާއަކުން ހޯދަންޖެހޭ ފުރިހަމަ މާކްސް، ސަތޭކައިންސަތޭކަ ހޯދާފައިވާ ކުދިންގެ ޖުމްލަ އަދަދު ގިނަކަން އެއީވެސް، ވަރަށް ޚާއްޞަ ގޮތެއްގައި އަޅުގަނޑު ފާހަގަކުރާ ކަމެއް.

ޢިއްޒަތްތެރި ރައީސް:

މަސައްކަތުގެ ހުނަރު ބިނާކުރާ ކޯސްތަކާއި މަތީ ތަޢުލީމުގެ ކޯސްތަކުގައި ބައިވެރިވާ ފަރާތްތަކުގެ ކޯސް ފީ، އެކީގައި ނޫނީ އެއްބައި ދައްކައިދިނުމުގެ ގޮތުން "ލޯން ސްކީމް ފޮރ އެޑިޔުކޭޝަނަލް އެސިސްޓަންސް" ގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި މިދާއިރާގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ލޯން ސްކީމެއް މިދިޔަ އަހަރުވަނީ އުފައްދާފައި. މި ސްކީމްގެދަށުން ލޯނު ދޫކުރުމާއި އަދި މަތީތަޢުލީމު ހާސިލު ކުރުމަށްޓަކައި، ސްކޫލުތައް ހިންގާ 50 އިސްވެރިން ވަނީ މެލޭޝިޔާއަށާއި، ސްރީލަންކާއަށް ފޮނުވައި ތަމްރީނު ކުރެވިފައި.

މަތީ ތަޢުލީމު ހާސިލުކުރުމަށްޓަކައި މިދިޔަ އަހަރު ސްޓޫޑަންޓް ލޯން ސްކީމްގެ ދަށުން 50 މިލިއަން ރުފިޔާ ވަނީ 1000 އަށްވުރެ ގިނަ ދަރިވަރުންނަށް ފޯރުވައިދެވިފައި. ދިވެހި ދަރިވަރުންނަށް މަތީ ތަޢުލީމު ހާސިލުކުރުމަށްޓަކައި ފުރުޞަތު ހޯދައިދިނުމަށް ކުރެވުނު މަސައްކަތުން އޮސްޓްރޭލިއަން ޑިވެލޮޕްމަންޓް ސްކޮލަރޝިޕްގެ ދަށުން ރާއްޖެއަށް ދެވޭ ސްކޮލަރޝިޕްތަކުގެ އަދަދު މިދިޔަ އަހަރުވަނީ ދެގުނައިން އިތުރުކުރެވިފައި.

ދިވެހިރާއްޖޭގެ ތަޢުލީމީ ޙަޔާތަށް ލިބުނު އެންމެ ބޮޑު ކުރިއެރުން މިހާރު މިއޮތީ އަޅުގަނޑުމެންނަށް ލިބިފައިކަމަށް އަޅުގަނޑު ގަބޫލު ކުރަން. އެއީ، ރާއްޖޭގައި މިހާރު މިވަނީ ޤައުމީ ޔުނިވަރސިޓީއެއް ޤާއިމު ކުރެވިފައި. ޔުނިވަރސިޓީގެ މަޤްޞަދަކީ، ދިވެހިރާއްޖެ، ފުރިހަމަ މިނިވަން ޤައުމެއްގެ ގޮތުގައި އަބަދަށް ދަމަހައްޓަން ބޭނުންވާ، އަދި ޤައުމުގެ ޘަޤާފީ، އިޖުތިމާޢީ، އިޤްތިޞާދީ ތަރައްޤީއަށާއި، ފަރުދުންގެ ކުރިއެރުމަށް ބޭނުންވާ ޢިލްމާއި ހުނަރު އުފައްދައި، ހޯދައި، ރައްކާތެރިކޮށް ފެތުރުން. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޤާނޫނު، ވަރަށް ފުރިހަމައަށް ފާސްކޮށްދެއްވިކަމަށްޓަކައި އަޅުގަނޑު، މިދަނޑިވަޅުގައި މި ޢިއްޒަތްތެރި މަޖިލީހުގެ ހުރިހާ މެންބަރުންނަށް، އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ޢިއްޒަތްތެރި ރައީސް:

ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް، ރައްޔިތުންގެ މެދުގައި ދީނީ ޢަޤީދާ ވަރުގަދަ ކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގައި މިދިޔަ އަހަރަކީވެސް ފާހަގަކުރެވޭފަދަ ކުރިއެރުންތަކެއް ހާސިލު ކުރެވުނު އަހަރެއް. ރާއްޖޭގައި ތިއްބެވި ދީނީ ޢިލްމުވެރިންގެ ފުރިހަމަ ބޭނުންހިފައި އެބޭފުޅުންގެ އެހީތެރިކަމާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދީނީ ނަސޭހަތް ދިނުމުގެ ތަފާތު ޕްރޮގްރާމްތައްވަނީ ހިންގާފައި. 2010 ވަނަ އަހަރުގެ ތެރޭގައި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން 12 ރަށެއްގައި މިސްކިތް އިމާރާތްކޮށް، ގިނަ މިސްކިތްތަކެއް މަރާމާތު ކުރެވިފައިވޭ. މީގެ އިތުރުން، ކުރީ އަހަރާ އަޅާބަލާއިރު ޒަކާތުގެ ފައިސާ އިތުރުކުރެވި، އެފައިސާއިން ބޮޑެތި ކަންތައްތަކެއް ކުރެވުނު. އަލަށް މިސްކިތް އިމާރާތްކުރަންޖެހޭ ރަށްރަށުގެ ތެރެއިން މިއަހަރު މިސްކިތް އިމާރާތްކުރަން ފެށުމަށް 39 ރަށެއް ފާހަގަކުރެވި، އޭގެތެރެއިން 21 ރަށުގެ މިސްކިތް ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން އިމާރާތްކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެ. އަނެއް 18 ރަށުގެ މިސްކިތް، ބޭރުގެ އެހީގައި އިމާރާތްކުރަން ފެށޭތޯ މިގެންދަނީ މަސައްކަތް ކުރަމުން. މިކަންކަމުގެ އިތުރަށް، އަޅުގަނޑު ފާހަގަކޮށްލަން، ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤާއިމުކުރެވޭ އިސްލާމިކް ބޭންކް މިއަހަރުގެ ތެރޭގައި އުފެދިގެންދާނެކަން.

ޢިއްޒަތްތެރި ރައީސް:

2009 ވަނަ އަހަރާ އަޅާބަލާއިރު، 2010 ވަނަ އަހަރު، ކުށްކޮށްގެން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދު 11 އިންސައްތައަށް ވަނީ މަދުވެފައި.

މުޖުތަމަޢުގެ ތެރޭގައި މިހާރު ހިނގަމުންދާ ނުރައްކާތެރި އަދި އަނިޔާވެރި ކުށްތަކުން ރައްޔިތުންގެ ހިތުގައި އުފެދިފައިވާ ބިރުވެރިކަން ދަށްކުރުމަށާއި، އުފެދެމުންއަންނަ އާ ބާވަތްތަކުގެ ކުށްތައްކަމަށްވާ އިންޓަރނެޓް މެދުވެރިކޮށް ހިންގާ ޖަރީމާތަކާއި، ހިއުމަން ޓްރެފިކިންގ އަދި ނާޖާއިޒު ގޮތުގައި ހޯދާ ނުޙައްޤު ފައިސާއަކީ ސާފު ފައިސާކަމަށް ދެއްކުންފަދަ ކުށްތަކަށް އަމާޒުކޮށްގެން، ފުލުހުންގެ "ސްޓްރެޓީޖިކް ޕްލޭން 2011 ން 2013 އަށް" އެކުލަވާލައި، އެއާ އެއްގޮތަށް މަސައްކަތްތައް ކުރަން ވަނީ ފަށާފައި.

ޢިއްޒަތްތެރި ރައީސް:

މަސްތުވާތަކެއްޗަށް ހުޅުވުނު ދޮރުތައް ބަންދުކުރުމަށް ސަރުކާރުން ކުރި މަސައްކަތްތަކުންވަނީ ވަރަށް އެދެވޭ ނަތީޖާތަކެއް ހާސިލު ކުރެވިފައި. ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު މީހުންގެ ތެރެއިން މަސްތުވާތަކެތި ބޭނުންކުރިކަމަށް ފުލުހުންގެ ރެކޯޑްތަކުން ދައްކާ އަދަދަށް ބަލާއިރު، 2009 ވަނަ އަހަރަށްވުރެ 2010 ވަނަ އަހަރު މަސްތުވާތަކެތި ބޭނުންކުރި މީހުންގެ އަދަދު، 46 އިންސައްތައަށްވަނީ ދަށް ކުރެވިފައި. އަދި ކުޑަކުދިން މިވަބާގައި ޖެހޭ ނިސްބަތް މިދިޔަ އަހަރު 40 އިންސައްތަ ދަށް ކުރެވިފައިވާކަމަށް ފުލުހުންގެ ރެކޯޑްތަކުން ދައްކާ. މަސްތުވާތަކެތީގެ މައްސަލާގައި މީގެ 2 އަހަރު ކުރިން ޕޮޒިޓިވްވި މީހުންގެ އަދަދު މިއަދު މިވަނީ 55 އިންސައްތައިން ދަށްކުރެވިފައި.

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދިނުމުގެ ގޮތުން، ޑްރަގް ރީހެބިލިޓޭޝަން ސެންޓަރުން 114 މީހުން، ވިލިމާލެ އާއި ހުޅުމީދޫ ޑިޓޮކްސް ސެންޓަރުތަކުން 135 މީހުން، އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ކޮމިއުނިޓީ ސެންޓަރުތަކުން 91 މީހުންނަށް ފަރުވާ ދީފައިވޭ. މިއަހަރުގެ ތެރޭގައި ދެކުނު ސަރަޙައްދުގައި ރީހެބިލިޓޭޝަން ސެންޓަރެއް ޤާއިމުކުރުމަށާއި، އުތުރު ސަރަޙައްދުގައި ޑިޓޮކްސިފިކޭޝަން ސެންޓަރެއް ޤާއިމުކުރުމަށާއި، 25 މީހުންގެ ޖާގައިގެ ހާފްވޭހައުސްއެއް ހިންގުމާއި އަދި މެދުއުތުރު ސަރަޙައްދުގެ އިތުރު ޑްރޮޕް-އިން ސެންޓަރެއް ޤާއިމުކުރުމުގެ މަސައްކަތް ކުރުމަށްވަނީ ނިންމާފައި. މަސްތުވާތަކެތީގެ ފަރުވާގެ ގިނަ މަސައްކަތްތައް ކުރެވެމުންދަނީ، މަދަނީ ޖަމުޢިއްޔާތަކުގެ އެހީތެރިކަމާއެކު ކަމަށްވާތީ، އެފަރާތްތަކުންދޭ ޚިދުމަތްތައް އިތުރަށް ވަރުގަދަކޮށް ފުޅާކުރުމަށްވެސް މިއަހަރުގެ ތެރޭގައި މަސައްކަތްތައް ކުރެވިގެންދާނެ. އަދި މަސްތުވާތަކެތި ބޭނުން ކުރުމުގެ ހާލަތު އެންމެ ރަނގަޅަށް ދެނެގަތުމަށްޓަކައި، ޔޫރަޕިއަން ޔޫނިއަންގެ އެހީގައި ޔޫ.އެން.އޯ.ޑީ.ސީ މެދުވެރިކޮށް މުޅި ރާއްޖޭގައި މިއަހަރު ސާވޭއެއް ކުރެވޭނެ. އަޅުގަނޑުމެން ކުރަމުންދާ މަސައްކަތް އެންމެ ފުރިހަމައަށް ކުރެވެންއޮތީ، މި ޢިއްޒަތްތެރި މަޖިލީހަށް މިހާރު ހުށަހަޅާފައި އޮތް މަސްތުވާތަކެއްޗާބެހޭ އާ ބިލް ފާސްވެގެން. މިބިލްވެސް އޭގެ އެންމެ ފުރިހަމަ ގޮތުގައި މި ޢިއްޒަތްތެރި މަޖިލީހުން ފާސްކޮށްދެއްވާނެ ކަމާމެދު އަޅުގަނޑު ކުޑަކޮށްވެސް ޝައްކެއް ނުކުރަން.

ސަރުކާރުން އަދި އަމިއްލަ ފަރާތްތަކާއި ޖަމުޢިއްޔާތަކާ ގުޅިގެން ހިންގަމުން ގެންދާ ޕްރޮގްރާމެއްގެ ދަށުން، ބާރުގަދަ މަސްތުވާތަކެއްޗަށް ދެވިހިފައި، އޭގެ ސަބަބުން ޙުކުމް ތަންފީޛު ކުރަމުން ގެންދާ ކުދިންނަށް ފަރުވާދެވި، އަލުން އަނބުރާ އެކުދިން މުޖުތަމަޢަށް ނެރުމަށް ސަރުކާރުން އެކިއެކި މަސައްކަތްތައް ކުރަމުން އެބަގެންދޭ. މިކުދިންގެ އަޚްލާޤަށާއި އަދި މިކުދިން އިތުރަށް މުޖްތަމަޢަށް އަހުލުވެރިކޮށް ނެރުމަށް ކުރެވެންހުރި މަސައްކަތްތަކަކީ ކޮބައިތޯ ދެނެގަނެ، އަދި މިކުދިންނަށް އެހީތެރިކަމެއްދީ، އަލުން އަނބުރާ މުޖުތަމަޢަށް ނެރުމަށް 2010 ގައި ކާމިޔާބުކަމާއެކު ޕްރޮގްރާމްތަކެއް ހިންގިފައިވޭ. ކުންފުނިތަކާއެކު މި ޕްރޮގްރާމް ފުޅާކުރުމުގެ މަސައްކަތްތައް މިހާރުދަނީ ކުރެވެމުން. މިކަމުގައިވެސް ސަރުކާރުން ކުޑަކޮށްވެސް ފަސްނުޖެހޭނެކަމުގައި އަޅުގަނޑު، މި ޢިއްޒަތްތެރި މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންގެ އަރިހުގައި ދަންނަވަން.

ޢިއްޒަތްތެރި ރައީސް:

ޒުވާނުން މަސައްކަތުގެ މާހައުލަށް އަހުލުވެރި ކުރުމަށްޓަކައި ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ (ޓިވެޓް) ޕްރޮގްރާމްގެ ދަށުން 12,094 ޒުވާނުން ވަނީ ތަމްރީނުކުރެވިފައި. އަދި ފަންނީ ހުނަރުވެރިކަން އިތުރުކޮށް ތަމްރީނުދޭ މަރުކަޒު، "މޯލްޑިވްސް ޕޮލިޓެކްނިކް" އުފައްދާފައިވަނީ މިދިޔައަހަރު. މީގެ އިތުރުން މިދިޔަ އަހަރުގެ ތެރޭގައި 3 ރަށެއްގައި ޖޮބް ސެންޓަރު ޤާއިމުކުރެވި، ރާއްޖޭގައި ލިބެންހުރި ވަޒީފާގެ ފުރުޞަތުތަކާބެހޭ މަޢުލޫމާތު ވަނީ ފޯރުކޮށްދެވިފައި.

ރާއްޖޭގައި ހިލޭ މަސައްކަތްތައް ކޮށްދިނުމުގެ ނުވަތަ ވޮލަންޓިއަރިޒަމްގެ ރޫޙު ދިރުވައި އަށަގެންނެވުމަކީ، މިސަރުކާރުން ނުހަނު އިސްކަންދޭ ކަމެއް. އެގޮތުން މިދިޔަ އަހަރު އޭ ލެވެލް ނިންމި 120 ޒުވާނަކު ވަނީ މޯލްޑިވްސް ވޮލަންޓިއަރ ކޯރގައި ބައިވެރިވެ، އިޖުތިމާޢީ ގިނަ ޢަމަލީ މަސައްކަތްތަކެއް ހިލޭ ކޮށްދީފައި. އަދި މީގެއިތުރުން، މިދިޔަ އަހަރު ބައިނަލްއަޤްވާމީ ހިލޭސާބަހަށް މަސައްކަތްކުރާ ދުވަސް ފާހަގަކުރުމުގެ ގޮތުން ހިންގުނު އެކި ހަރަކާތްތަކުގައި 600 އަށްވުރެ ގިނަ ޒުވާނުން ވަނީ އަމިއްލައަށް އިސްނަގައި ބައިވެރިވެފައި.

ޢިއްޒަތްތެރި ރައީސް:

އައި.އެލް.އޯ ގެ މުޢާހަދާ ތަންފީޒުކުރުމަށް ކުރަންހުރި މަސައްކަތްތައް މިދަނީ ކުރަމުން. ވަޒީފާއާބެހޭ ގަވާއިދާއި، ގަވާއިދު ތަންފީޒުކުރާ އިދާރާތައް އަދި ވަޒީފާ ދޭފަރާތާއި ވަޒީފާ އަދާކުރާ ފަރާތާ ދެމެދު ޖެހޭ މައްސަލަތައް ޙައްލުކުރާގޮތް ހަރުދަނާކުރުމަށް އައި.އެލް.އޯ އާ ގުޅިގެންވަނީ ގިނަގުނަ ހަރަކާތްތަކެއް މިދިޔަ އަހަރުގެ ތެރޭގައި ހިންގިފައި. އަދި ވަޒީފާއާބެހޭ ޤާނޫނު އިޞްލާޙުކުރުމުގެ މަސައްކަތްވެސް އައި.އެލް.އޯ.ގެ އެހީގައި ސަރުކާރުން މިގެންދަނީ ކުރަމުން.
ޢިއްޒަތްތެރި ރައީސް:

މިރާއްޖޭގައި ޘަޤާފީ އަދި އަދަބީ ފަންނުވެރިކަން ކުރިއެރުވުމަށް އިސްކަންދިނުމަކީ މީގެކުރީގައިވެސް އަޅުގަނޑުމެން ފާހަގަކޮށް ދަންނަވާފައިވާ ވާހަކައެއް. މިކަންކަމަށް ހުޅުވާލެވުނު މުހިންމު އެއް ފުރުޞަތަކީ މިދިޔަ އަހަރު މިރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވުނު "ހޭ-ފެސްޓިވަލް". މި ފެސްޓިވަލަކީ އިނގިރޭސިވިލާތުގެ ވޭލްސްގައި ކޮންމެ އަހަރަކު ބޭއްވޭ އަދަބީ އަދި ޘަޤާފީ ޙަރަކާތުގެ ފެސްޓިވަލެއް. މިރާއްޖެއަށް މިކަން މުހިންމުވަނީ، ހޭ ފެސްޓިވަލަކީ ޘަޤާފީ، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމާ ބެހޭގޮތުން އަދީބުންނާއި، ޝާޢިރުންނާއި، ފަންނާނުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާއާއި ޚިޔާލު ބަދަލުކުރާ ތަނަކަށްވެފައި، ރާއްޖެއަކީ އަލަށް ޑިމޮކްރަސީއެއްގެ ގޮތުގައި ދުނިޔެއަށް ތަޢާރުފުވަމުން އަންނަ ޤައުމެއްކަމުން.

ޢިއްޒަތްތެރި ރައީސް:

މިރާއްޖެއަށް ލިބިފައިވާ ދުނިޔޭގެ އެންމެ ރީތި ގޮނޑުދޮށްތަކަކާއި، ޤުދުރަތީ މުއްސަނދިކަމުގެ އިތުރުން، މިރާއްޖޭގައިވެސް ތާރީޚީ އަދި ޘަޤާފީގޮތުން ވާރުތަވެފައިވާ އަދަބީ އަދި ފަންނީ މުއްސަނދިކަން ނިސްބަތުން ވަރަށް ބޮޑުކަމާއި، ހުނަރުވެރި ކުޅަދާނަ ދިވެހި އަދީބުންނާއި، ޝާޢިރުންނާއި، ފަންނާނުން މިކަންކަން ގެންދަނީ ދޭހަކޮށްދެމުންކަން މިފެސްޓިވަލުން އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް ސާފުވެގެންދިޔަ.

ސިޔާސީ ނުފޫޒުގެ ބޭރުން ދިވެހި ފަންނުވެރިންނަށް ތަރައްޤީއާއި ކުރިއެރުން ހޯދުމަށްޓަކައި އަދި ދިވެހިންގެ މާއްދީ އަދި މަޢުނަވީ ތަރިކަ ދެމެހެއްޓުމަށްޓަކައި އާޓްސް ކައުންސިލަކާއި ހެރިޓޭޖް ކައުންސިލެއް މިއަހަރު ސަރުކާރުން އުފައްދާނެ. އަދި މިނިޒާމަށް ޤާނޫނީ ހައިސިއްޔަތު ދިނުމަށްޓަކައި 2 ބިލެއް މި ޢިއްޒަތްތެރި މަޖިލީހަށް ހުށަހެޅޭނެ.

ޢިއްޒަތްތެރި ރައީސް:

ހެޔޮވެރިކަމުގެ މައްޗަށް ބިނާވެފައިވާ ހިންގުންތެރި އަދި ލާމަރުކަޒީ އުސޫލުން ތަރައްޤީކުރެވިފައިވާ ހަރުދަނާ ކުޅިވަރުގެ ނިޒާމެއް ތަރައްޤީކޮށް ދެމެހެއްޓުމުގެ ގޮތުން، ޤައުމީ ކުޅިވަރު ކައުންސިލުގެ ޤާބިލުކަން އިތުރުކޮށް ހަރުދަނާ ކުރުމަށް މިދިޔަ އަހަރުގެ ތެރޭގައި ވަނީ މަސައްކަތްތަކެއް ކުރެވިފައި. އަދި މިމަސައްކަތްތަކަކީ، މިއަހަރުގެ ތެރޭގައިވެސް ހިނގަމުންދާނެ ކަމެއް. ކުޅިވަރުގެ ރޮނގުން ތަމްރީނާއި ހިންގުންތެރިކަމާބެހޭ ޤައުމީ މުއައްސަސާއެއް އުފެއްދެވުމުގެ ގޮތުން ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އުފެއްދުމަށް އޮނިގަނޑެއް އެކުލަވާލެވި، އެކަމާގުޅޭ ލިޔެކިޔުން މިހާރުވަނީ ތައްޔާރުކުރެވިފައި. ރާއްޖޭގެ މޫދުކުޅިވަރަށް ބޭނުންވާ ޢުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ރާއްޖެއާއި ބޭރުގެ އިންވެސްޓަރުންގެ ސަމާލުކަން ހޯދުމަށްވެސް ދަނީ މަސައްކަތް ކުރެވެމުން. އެސޯސިއޭޝަންތަކާއި ޖަމުޢިއްޔާތަކުން ރާވައިގެން ކުރިއަށް ގެންދާ "ސްޕޯޓްސް ފޮރ އޯލް" ގެ ހަރަކާތުގެ ތެރެއިން ތަފާތު 6 ޕްރޮގްރާމަކަށްވަނީ އެހީތެރިކަން ފޯރުވައިދީފައި. އަދި މިއަހަރު މާލެއާއި ހުރިހާ ޕްރޮވިންސެއް ހިމެނޭ ގޮތަށް މިޕްރޮގްރާމް ކުރިއަށް ގެންދިޔުމަށްވަނީ ރޭވިފައި. ރާއްޖެއަކީ ކުޅިވަރާބެހޭ ފަތުރުވެރިކަމުގެ ސަރަޙައްދީ މަރުކަޒަކަށް ހަދައި، ކުރިއަރަމުން އަންނަ ކުޅިވަރު، ފަތުރުވެރިކަމުގެ މަންޒިލަކަށް ހެދުމަށާއި، ރާއްޖޭގައި ބައިނަލްއަޤްވާމީ މޫދުކުޅިވަރުގެ ޙަރަކާތްތައް ކުރިއެރުވުމުގެ ގޮތުން މޯލްޑިވްސް އިންވިޓޭޝަނަލް ބީޗްގޭމްސް މިއަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ މި ރާއްޖޭގައި ބޭއްވޭނެ.

ޢިއްޒަތްތެރި ރައީސް:

މިފުރުޞަތުގައި އަޅުގަނޑު ވަރަށް އުފަލާއެކު ފާހަގަކުރަން، މިދިޔަ އަހަރު ކުޅިވަރުގެ ދާއިރާއިން ރާއްޖެ ހޯދާފައިވާ ފަޚުރުވެރި ކާމިޔާބު. ތައިލެންޑުގައި ބޭއްވުނު އޭ.ސީ.ސީ ޓްރޮފީ ޗެލެންޖުން އަޅުގަނޑުމެންގެ ކްރިކެޓް ޓީމްވަނީ ކާމިޔާބު ކޮށްފައި، ވަރަށް ފުރިހަމަ މަތިވެރި ދަރަޖައަކަށް. މިއީ، މިކަމުގައި ޝާމިލުވާ ހުރިހާ ދިވެހިންމެ އުފާކުރާނެ މުޅި މިޤައުމަށް ލިބިގެންދިޔަ ވަރަށްވެސް ބޮޑު ފަޚުރެއް.

ޢިއްޒަތްތެރި ރައީސް:

ރާއްޖޭގައި އެއްޖިންސް އަނެއް ޖިންސާ ދެމެދު ޙައްޤުތައް ތަފާތުކުރާ ކުރުން ވީހާވެސް ކުޑަކުރުމުގެ ގޮތުން މިދިޔަ އަހަރުގެ ތެރޭގައިވެސް ވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައި. މީގެ ތެރެއިން އަންހެނުން ބާރުވެރިކުރުވުމުގެ ގޮތުން މުޖްތަމަޢުގައި ހުޅުވިފައިވާ ފުރުޞަތުތައް ހަމަހަމަގޮތެއްގައި އަންހެނުންނަށް ހޯދައިދިނުމަށް މަސައްކަތް ކުރުމާއި، އިޤްތިޞާދީ ކަންކަމުގައި އަންހެނުންގެ ދައުރު ފުޅާކުރުމުގެ ގޮތުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ޖަމްޢިއްޔާތަކަށް ފައިސާގެ އެހީ ދެވި، އަންހެނުން އުފައްދާ އުފެއްދުންތަކަށް ރިޒޯޓުތަކުން ބާޒާރު ހޯދައި ދިނުމުގައި ފުރުޞަތުތައް ތަނަވަސް ކުރެވޭނެގޮތްގޮތް ހޯދުމަށް މިދިޔަ އަހަރުގެ ތެރޭގައި ރިޒޯޓް ފޯރަމެއްވެސް ވަނީ ބޭއްވިފައި.

ޢިއްޒަތްތެރި ރައީސް:

މިރާއްޖޭގެ ޚާރިޖީ ގުޅުންތައް އިތުރުކޮށް، ބޭރުގެ އެހީ ލިބޭ މިންވަރު ބޮޑުކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ވަރަށް އެދެވޭ ނަތީޖާތަކެއް ދަނީ ފެންނަމުން. ފާއިތުވި އަހަރުގެ މާޗްމަހުގެ ތެރޭގައި، ބޭރުގެ އެހީދޭ ޤައުމުތަކާއި ޖަމާޢަތްތަކާއި، އަދިވެސް އެހެނިހެން އެހީދޭ ފަރާތްތަކާއެކު ޑޯނަރ ކޮންފަރެންސެއް ބޭއްވިފައިވޭ. މިކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވި ފަރާތްތަކުން އިންސާނީ ވަސީލަތްތައް ކުރިއެރުވުމާއި، ޞިއްޙީ، ޢުމްރާނީ، ތަޢުލީމީ، ވިޔަފާރި އަދި ގަވަރނަންސް ދާއިރާއިން ރާއްޖެއަށް ފައިސާގެ އެހީއާއި ފަންނީ ގޮތުން އެހީތެރިކަން ފޯރުވައިދެއްވުމަށް ޝައުޤުވެރިކަން ވަނީ ފާޅުކޮށްފައި. އަދި މި އެހީތައް ސަރުކާރަށް މިހާރުދަނީ ލިބެމުން.

ޢިއްޒަތްތެރި ރައީސް:

ފާއިތުވި އަހަރުގެ ތެރޭގައި 1.3 ބިލިއަން ޖަޕަނީޒް ޔެން އާއި 50 މިލިއަން ޗައިނީޒް ޔުއާންގެ ސީދާ ހިލޭ އެހީ މިރާއްޖެއަށް ވަނީ ލިބިފައި. ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ޢިމާރާތްކޮށް ނިންމާފައިވާ ޤައުމީ ދާރުލްއާސާރު ރަސްމީގޮތުން ދިވެހިސަރުކާރާ ވަނީ މިދިޔަ އަހަރުގެ ތެރޭގައި ހަވާލުކުރައްވާފައި. އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް ދެއްވާފައިވާ އެއްސަތޭކަ މިލިއަން އެމެރިކާ ޑޮލަރުގެ ސްޓޭންޑްބައި ކްރެޑިޓް ފެސިލިޓީގެ މުއްދަތު 10 އަހަރަށް އިތުރުކުރެވިފައިވަނީވެސް މިދިޔަ އަހަރުގެ ތެރޭގައި. ދިވެހި ސަރުކާރުން ކުރިޔަށް ގެންދާ ހައުސިންގ ޕްރޮގްރާމަށް އިންޑިއާއިން ކުރައްވާ ހިއްސާއެއްގެ ގޮތުން 500 ހައުސިންގ ޔުނިޓް އެޅުމުގެ އިންތިޒާމު ހަމަޖައްސަވައިދެއްވުމާއި، މި މަޝްރޫޢަށް 40 މިލިއަން އެމެރިކާ ޑޮލަރުގެ ލައިން އޮފް ކްރެޑިޓެއް ދިނުމަށް ހަމަޖެހިގެން ދިޔައީވެސް މިދިޔަ އަހަރު. އަދި ދިވެހިރާއްޖެ، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން 1 ޖެނުއަރީ 2011 ގައި ގްރެޖުއޭޓްވުމާ ގުޅިގެން އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކަށް ލިބޭ ޢިނާޔަތްތައް ގެއްލިގެންދާތީ، އަދި މި ޢިނާޔަތްތައް ލިބުން ހުއްޓުމުން ކުރިމަތިވެދާނެ ދަތިތައް އޮމާންކަމާއެކުގައި ފިލުވުމަށް ބައިނަލްއަޤްވާމީ އަދި ދޭދޭ ޤައުމުތަކާއެކު މިދަނީ މަޝްވަރާތައް ކުރަމުން.

ޚާރިޖީ ގުޅުންތައް އިތުރަށް ބަދަހިކުރުމުގެ ގޮތުން ފާއިތުވި އަހަރުގެ ތެރޭގައި އިތުރު ޤައުމުތަކާއެކު ދިވެހިރާއްޖެއިން ސިޔާސީ ގުޅުން ޤާއިމު ކުރި. ރާއްޖޭގެ އެކުވެރި ޤައުމުތަކާއެކު ގުޅުން ބަދަހިކުރުމަށް ފާއިތުވި އަހަރުގެ ތެރޭގައި އަޅުގަނޑުވާނީ ބައެއް ޤައުމުތަކަށް ދަތުރުތަކެއް ކޮށްފައި. ދިވެހިރާއްޖެއިން އިސްނަގައިގެން އ.ދ.ގެ ޢާންމު ބަޙުޘްގެ ދުވަސްވަރު ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ޖަލްސާއެއް މިދިޔަ އަހަރު ނިއުޔޯކްގައި ބޭއްވުނު. މެކްސިކޯގެ ކަންކޫންގައި މިދިޔަ އަހަރުގެ ނޮވެމްބަރުމަހު ބޭއްވުނު އ.ދ.ގެ ކްލައިމެޓް ޗޭންޖް ބައްދަލުވުމުގައި ރާއްޖެއިން ކުރި މަޝްވަރާތަކުގެ އެއް ނަތީޖާއަކީ، ކަންކޫން ސަމިޓަށް ލިބުނު ކާމިޔާބީ.

ޢިއްޒަތްތެރި ރައީސް:

އ.ދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލްގެ ގޮނޑި ރާއްޖެއިން ވަނީ ކާމިޔާބުކޮށްފައި. ލީބިޔާގެ ރައްޔިތުންނަށް އެތަނުގެ ވެރިން ކުރަމުން ގެންދާ ލާއިންސާނީ ޢަމަލުތައް ބަލާ އެކަމަށް ހުއްޓުމެއް ގެނައުމަށް ހިއުމަން ރައިޓްސް ކައުންސިލުން ހިންގާ ވަރަށް ގިނަ މަސައްކަތްތަކުގެ އެންމެ އިސް އެއް ބައިވެރިއަކީ ދިވެހިރާއްޖެ. އަދި އ.ދ. ގެ ދަ އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އަގެއިންސްޓް ޓޯޗަރގެ ދަށުން އުފައްދާފައިވާ ސަބްކޮމިޓީ އޮން ޕްރިވެންޝަން އޮފް ޓޯޗަރގެ އިންތިޚާބުވެސް ރާއްޖެއިންވަނީ ކާމިޔާބު ކޮށްފައި. ހާނިއްކައާއި އަނިޔާ ހުއްޓުވަން މަސައްކަތްކުރާ ބައިނަލްއަޤްވާމީ މުއައްސަސާއެއްގެ މެންބަރަކު ކަމުގައި ދިވެހި ފަނޑިޔާރަކު، ޚާއްޞަކޮށް ދިވެހި އަންހެން ފަނޑިޔާރަކު ހިމެނުނު މިއީ، ފުރަތަމަ ފަހަރުކަން އަޅުގަނޑު ވަރަށް ފަޚުރުވެރިކަމާއެކު ފާހަގަކުރަން.

ޢިއްޒަތްތެރި ރައީސް:

ޤައުމީ ތަރައްޤީގެ އޮނިގަނޑުގައި ފާހަގަކޮށްފައިވާ، ދިވެހިރާއްޖެއަށް ސަލާމަތީ ގޮތުން ކުރިމަތިވެފައިވާ އަދި ކުރިމަތިވެދާނެ ގޮންޖެހުންތައް ދެނެގަނެ، ޤައުމީ ފެންވަރުގައި ޤައުމީ ސަލާމަތުގެ ސިޔާސަތުތައް ކަނޑައެޅުމަށްޓަކައި [ޤައުމީ ސަލާމަތީ އޮނިގަނޑެއް] އެކުލަވައިލުމަށް ތަފާތު މަސައްކަތްތަކެއްދަނީ ކުރެވެމުން. މިއޮނިގަނޑުގެ ބޭނުމަކީ، ސަލާމަތްތެރި އަދި ރައްކާތެރި އަމާން މާޙައުލެއް ދިވެހިރާއްޖޭގައި ޤާއިމުކޮށް ދެމެހެއްޓުން. ޤައުމުގެ ސަލާމަތީ މަޞްލަޙަތު އޮތް ހުރިހާ މުއައްސަސާތައް، އެއް ވިސްނުމެއްގައި، ގުޅިގެން ޤައުމީ ފެންވަރުގައި މަސައްކަތް ކުރާނެ ސިޔާސަތުތަކާއި ލަނޑުދަނޑިތައް ކަނޑައެޅުން. މިއޮނިގަނޑުގެ ތެރެއިން ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ މަސައްކަތް މިހާރަށްވުރެ ފުޅާކޮށް، ޤައުމީ ސަލާމަތުގެ އިދާރީ އޮނިގަނޑެއް ޤާއިމުވެގެންދާނެ. އަދި ޤައުމީ ސަލާމަތާބެހޭ ޤާނޫނެއް ބައްޓަން ކުރުމުގެ މަސައްކަތް ކުރެވޭނެ. މިހާރުވެސް މިދެންނެވި މަސައްކަތުގެ ތެރެއިން ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ އޮފީހެއްވަނީ ޤާއިމުކުރެވިފައި.

ޤައުމީ ސަލާމަތީ އޮނިގަނޑުގެ މުހިންމު ބައެއްގެ ގޮތުގައި މެރިޓައިމް ސެކިއުރިޓީއާބެހޭ ޤައުމީ ސިޔާސަތުތަކާއި، އެ ސިޔާސަތުތަކުން ސްޓްރެޓިޖީތައް ކަނޑައެޅިގެންދާނެ. އޭގެތެރޭގައި [މެރިޓައިމް ޑޮމެއިން އެވެއަރނެސް] ޕްރޮގްރާމެއް މިއަހަރު ތެރޭގައި ފެށުމަށް ހަމަޖެހިފައިވޭ. މެރިޓައިމް ސެކިއުރިޓީގެ ދަށުން 8 އެކްޝަން ޕްލޭން އެކުލަވައިލެވޭނެ. މައިގަނޑު ގޮތެއްގައި މެރިޓައިމް ޑޮމެއިން އެވެއަރނެސް، ކަނޑުމަތީގެ ސަލާމަތާބެހޭ މަޢްލޫމާތުގެ އޮނިގަނޑު، ދިވެހިރާއްޖޭގެ އެތެރޭގެ ނުރައްކާތައް ދެނެގަތުން، ބައިނަލްއަޤްވާމީ ގުޅުން ބަދަހިކުރުން، ކަނޑުމަތީގެ ނުރައްކާތައް، ކަނޑުމައްޗާބެހޭ ދާއިރާގެ ވިއުގަ ސަލާމަތް ކުރުން، ދަތުރުފަތުރުގެ ނިޒާމް، އަދި ކަނޑުމަތީގައި ކުރެވޭ ވިޔަފާރިތައް ބެލުން ހިމެނޭނެ. މި އެކްޝަން ޕްލޭން އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް 90 ދުވަހުގެ ތެރޭގައި ޤާއިމު ކުރެވޭނެ. އަދި ދިވެހިރާއްޖޭގެ ތާރީޚުގައި އ.ދ.ގެ ޞުލްޙަ ބަލަހައްޓާ ލަޝްކަރުގައި ފުރަތަމަ ފަހަރަށް ދިވެހި ސިފައިން ބައިވެރިކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންތައްކޮށް މިއަހަރުގެ ތެރޭގައި އެކަމުގެ އެގްރީމެންޓްގައި އ.ދ.އާއެކު ސޮއިކުރެވޭނެ.

ދިވެހިރާއްޖޭގެ އިޤްތިޞާދީ އަދި ސިޔާދަތީ ބާރު އިތުރަށް ހަރުދަނާ ކުރުމަށްޓަކައި މިދިޔަ އަހަރުގެ ޖުލައިމަހުގެ 26 ވަނަ ދުވަހު ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު އ.ދ އަށްވަނީ ހުށަހަޅާފައި. މިކަމުގެ ސަބަބުން ދިވެހި މަސްވެރިންގެ ޙައްޤުތައް ޙިމާޔަތްކުރެވި، މަސްވެރިކަމުގެ ސަރަޙައްދު ބެލެހެއްޓުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެން ގޮސްފައިވޭ.

ދިވެހިރާއްޖެއަކީ ޒަމާނުއްސުރެ ކަނޑާއި ކަނޑުރޯދީގެ މައްޗަށް ބިނާވެފައިވާ ޤައުމެއްކަން ގަބޫލުކޮށް، މިދިޔަ އަހަރުގެ މިނިވަންދުވަހު ދިވެހިރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފްގެ ސަރަޙައްދު ކަނޑައަޅައި، އެކަންވަނީ އ.ދގައި ރަޖިސްޓްރީ ކުރެވިފައި. އަދި މިމަހު 31 ވަނަ ދުވަހު ދިވެހި ސަރުކާރުގެ ފަރާތުން މިކަމަށް އ.ދ ގައި ވަކާލާތުކުރާނެ. މިއީ 169,000 އަކަ ކިލޯމީޓަރުގެ ސަރަޙައްދެއް.

ޢިއްޒަތްތެރި ރައީސް:

މިއަހަރަކީ ފުރަތަމަ ފަހަރަށް ދުނިޔޭގެ ދެބައި ހަމައިން ދެކުނުގައި، ސާކް ސަމިޓް ބޭއްވޭ ފަހަރު. މި ސަމިޓް ރާއްޖޭގެ ދެކުނު ސަރަޙައްދުގައި ބޭއްވުމުގެ އެންމެބޮޑު މަޤްޞަދަކީ، ދުނިޔޭގެ ޗާޓުގައި އެސަރަޙައްދު ވަރަށް ރަނގަޅަށް ފާހަގަވާނެ ގޮތެއް ހެދުން. އަދި ހަމަ އެހެންމެ، އިންޑިޔާ ކަނޑު، އިރުން ހުޅަނގަށް، ހުޅަނގުން އިރަށްވެސް ހުރަސްކުރާ ހުރިހާ ފަރާތްތަކަކަށް، މިސަރަޙައްދުގެ ފަހިކަން ލިބޭނޭ ގޮތްތަކެއް ފާހަގަކުރުން އަދި އިފްތިތާޙުކުރުން. ސަރުކާރުގެ އަމާޒަކީ، ސާކް ސަމިޓަށް ބިނާ މިކުރެވޭ ކޮންވެންޝަން ސެންޓަރ އެއީ، ސާކް ސަމިޓް ނިމުމަށްފަހުގައިވެސް، ކޮންވެންޝަނާއި އަދި ކޮންފަރެންސް، މިބާވަތުގެ ކަންކަން ބާއްވާ ސެންޓަރެއްގެ ގޮތުގައި ތަރައްޤީކޮށް، އަބަދުވެސް ހިންގަމުން ގެންދިޔުން. މިފަދަ ބައިނަލްއަޤްވާމީ ސަމިޓްތަކާއި، ތަފާތު ބޮޑެތި ބައްދަލުވުންތައް ރާއްޖޭގެ ކަންކޮޅުތަކުގައި އިންތިޒާމު ކުރެވި، އޭގެ ފައިދާއާއި ރީތިނަމާއި ޝަރަފު ދިވެހިންނަށް ލިބިދިނުމަށް ކުރެވެންހުރި ހުރިހާ ކަމެއް އަޅުގަނޑުމެން އަބަދުވެސް ދާނީ ކުރަމުން.

ޢިއްޒަތްތެރި ރައީސް:

ޤައުމާއި މުޖުތަމަޢަށް ފައިދާހުރި ގޮތެއްގައި، ދިގު މުއްދަތަކަށް ޚިދުމަތް ކޮށްފައިވާ ފަރާތްތަކުން އެކުރާ ޚިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން، ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު، ވަރަށް ޚިދުމަތްތެރި ބޭފުޅުންނަށް މިދިޔަ އަހަރުވެސް ވަނީ އެރުވިފައި. ޤައުމީ އިނާމު ކޮމިޓީން މި މަސައްކަތް ކުރައްވަމުން ގެންދަވަނީ ވަރަށް މިނިވަންކަމާއެކު، ޒިންމާދާރު ގޮތެއްގައި ކަމަށް އަޅުގަނޑު ދެކެން. އަދި އެ ކޮމިޓީގެ މަސައްކަތަށް މި ސަރުކާރުގެ އެއްވެސް ނުފޫޒެއް ނުފޯރާނެ. ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންގެ ޚިދުމަތުގެ އަގު ޚާއްޞަ ގޮތެއްގައި ސަރުކާރުން ވަޒަންކުރާ ގޮތަށް ހަމަޖައްސައި، ސަރުކާރުގެ ފަރާތުން ބާއްވާ ބައެއް ޖަލްސާތަކާއި، ބައެއް ބައްދަލުވުންތަކާއި އެކިއެކި މުބާރާތްތަކުގެ ޝަރަފުވެރި މެހްމާނަކަށް ވެވަޑައިގަތުމުގެ ފުރުޞަތު، އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށްވަނީ ހޯދައިދެވިފައި.

ޢިއްޒަތްތެރި ރައީސް:

މިދިޔަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި އަޅުގަނޑު ދެންނެވިން، ދިވެހި ރައްޔިތުންނަށާއި ސަރުކާރަށް ވަރަށް އިޚްލާޞްތެރިކަމާއެކު، ދިގު މުއްދަތެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން، އެބޭފުޅުންނަށް ކޮއްޔެއްލުމަށް ނުވަތަ ޚާއްޞަ ޝަރަފެއް ނުވަތަ ލަޤަބެއް އެރުވުމަށްޓަކައި އެކަމުގެ މިންގަނޑުތަކެއް އެކަށައެޅުއްވުމުގެ މަސައްކަތް ޤައުމީ އިނާމު ކޮމިޓީއާ ހަވާލުކުރި ވާހަކަ. އެކޮމިޓީގެ މަސައްކަތް މިހާރުވަނީ ނިމުމަކާ ހިސާބުގައި. އިރާދަކުރެއްވިއްޔާ މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމިއްޔާތުތަކުގެ ތެރެއިން ރަސްމިއްޔާތެއްގައި، އެފަދަ ޝަރަފެއް ނުވަތަ ލަޤަބެއް ސަރުކާރުން ކަނޑައަޅާ ބޭފުޅުންނަށް އެރުވޭނެ.

ޢިއްޒަތްތެރި ރައީސް:

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުގެ ބިލް އަލުން ވިސްނެވުމަށް މި މަޖިލީހަށް އަޅުގަނޑު އަނބުރާ ފޮނުވީ، އަޅުގަނޑަށް ފެންނަ ފެނުމުގައި އެބިލަށް ކިތަންމެ ފުރިހަމަކަމެއް ގެނެވެން އޮތްކަމުން. އަޅުގަނޑަށް ފެންނަ އިޞްލާޙުތައް އަޅުގަނޑުވާނީ މި މަޖިލީހުގެ ޢިއްޒަތްތެރި ރައީސް އަރިހުގައި ދަންނަވާފައި. މި ޢިއްޒަތްތެރި މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒާ ގުޅޭ އެންމެހާ އަސްލުތައް ސަލާމަތް ކުރެއްވޭނެ ގޮތްތައް ވީހާވެސް އަވަހަކަށް ހޯއްދަވައިދެއްވުމަށް އަޅުގަނޑު އިލްތިމާސްކުރަން.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އިމްތިޔާޒާއި ސަލާމަތްތެރިކަން ލިބިވަޑައިގެން އޮތުމަކީ، ނުހަނު ބޭނުންތެރި ކަންކަން ކަމަށް އަޅުގަނޑު ދެކެން. މި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ 77 އަހަރުވީ ދިގު ތާރީޚުގައި، މި މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުކަން ކުރައްވަމުން ގެންދެވި އަދި މެންބަރުކަމުން ދުރުވެވަޑައިގަންނަވާ ބައެއް ބޭފުޅުންނާމެދު އެކިފަހަރުތަކުގައި ވަރަށް ނޭދެވޭ، ސިޔާސީ، ޝަރުޢީ އަދި އެހެނިހެން އެކިބާވަތުގެ ދަތިތަކާއި ހުރަސްތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައި އެބަހުރިކަންވެސް އަޅުގަނޑު ހިތުގެ އަޑިން ގަބޫލުކުރަން.

އެހެންކަމުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އިމްތިޔާޒާއި ސަލާމަތްތެރިކަން، ޤާނޫނެއްގައި ބަޔާންވެފައި އޮތުމާމެދު ނުހަނު ބޮޑު އަހަންމިއްޔަތުކަމެއް ދެއްވަން ޖެހިވަޑައިގަންނަވާ ކަމަށް އަޅުގަނޑު ދެކެން.

ޢިއްޒަތްތެރި ރައީސް:

ތަފާތު އެކި މުނާސަބަތުތަކުގައި މިރާއްޖޭގެ ލޮބުވެތި ރައްޔިތުންނާ މުޚާޠަބުކޮށް އަޅުގަނޑު ދަންނަވާފައިވާނެ، މިސަރުކާރުގެ އެންމެ ބޮޑު މަޝްރޫޢަކީ ޑިމޮކްރަސީ. ދައުލަތުގެ ބާރުތައް ވަކިކުރުމާއެކު މިނިވަން މުހިންމު މުއައްސަސާތައް ދައްޗެއްނެތި ހިންގާން ފެށުމުގެ މަޝްރޫޢު. އަޅުގަނޑުމެންގެ ގިނަ މަސައްކަތްތަކަށް ޢަމަލީ ސިފައާއި ކާމިޔާބީ ގެނެސްދެއްވުމުގައި މި ޢިއްޒަތްތެރި މަޖިލީހުގެ ދައުރު ވަރަށްވެސް މުހިންމު. މިކަންކަމުގެ ފާޅުކަން ބޮޑު އެއް މިސާލަކީ ފާއިތުވި އަހަރުގެ ތެރޭގައި ޢަދުލުއިންސާފުގެ ނިޒާމުގައި ހިމެނޭ މުހިންމު އިދާރާތައް މިރާއްޖޭގައި ޤާއިމުކުރެވުނުކަން.

ފަނޑިޔާރުންގެ ޤާނޫނު ފާސްކޮށް، ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ދާއިމީ ސުޕްރީމް ކޯޓު ޤާއިމުކުރެވުނުކަމީ، ޑިމޮކްރަސީ ހަރުލެއްވުމަށް އެންމެ މުހިންމު އެއް ބިންގާ.

ޢިއްޒަތްތެރި ރައީސް:

މި މަސައްކަތް ފުރިހަމަގޮތުގައި ކުރެވިފައި މިއޮތީ، މި މަޖިލީހުގެ ނުހަނު ބޮޑު ބައިވެރިވުމާއެކުގައި. އަޅުގަނޑު އެކަމަށްޓަކައި، ޚާއްޞަކޮށް، ވާދަވެރި ސިޔާސީ ޕާޓީ، އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ނުހަނު ޝުކުރު ދަންނަވަން. އަޅުގަނޑު ހިތުގެ އަޑިން ގަބޫލުކުރަން، ސަރުކާރާއި އަދި ވާދަވެރި ބޮޑު ސިޔާސީ ޕާޓީއާ ގުޅިގެން އެމަސައްކަތް އަޅުގަނޑުމެން ކުރީ، އަޅުގަނޑުމެންނަށްޓަކައެއްނޫން. އަދި އަޅުގަނޑުމެންނަށް މިއަދު ދިމާވެދާނެ އެއްވެސްކަމަކަށް ޓަކައެއްވެސް ނޫން. އަންނާން އޮތް ޖީލުތަކަށްޓަކައި. އަޅުގަނޑުމެންގެ ދަރިންނާއި ދަރިންގެ ދަރިންނަށްޓަކައި. މި ދިވެހިރާއްޖެއަށްޓަކައި. އެކަމަށްޓަކައި އަޅުގަނޑު މި ޢިއްޒަތްތެރި މަޖިލީހަށް ނުހަނު ޝުކުރު ދަންނަވަން.

ޢިއްޒަތްތެރި ރައީސް:

އިޤްތިޞާދީ، އިޖުތިމާޢީ، އަދި ހެޔޮވެރިކަމުގެ ދާއިރާއިން މިދިޔަ ދެއަހަރު ސަރުކާރުން ވަނީ، ކާމިޔާބު ގިނަ މަޝްރޫޢުތަކެއް ހިންގާފައި. ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުވަމުންދާ ދުވެލީގެ ސަބަބުން ރައްޔިތުންނަށް އެއިން ކުރާ ލާބައާއި މަންފާ ދަނީ އިތުރުވަމުން. އެކަންކަމުގެ ހެޔޮ ނަތީޖާތައް މިދަނީ ހުރިހާ ދިމާއަކުންވެސް ފެންނަމުން. ޒަމާނުއްސުރެ މާލޭގައި ޤާއިމުވެފައިހުރި ވުޒާރާތަކުން ދެމުންދިޔަ ޚިދުމަތްތަކާއި ހިންގަމުން ގެންދިޔަ ގިނަ މަޝްރޫޢުތައް ދެން ތަންފީޒުކޮށް ހިންގާނީ ރައްޔިތުންނާ ގާތުން، ރައްޔިތުން އިންތިޚާބުކޮށްފައިވާ ކައުންސިލްތަކުން. ޙަޤީޤަތުގައި ސަރުކާރުން މިކުރާ މަސައްކަތަކީ މަރުކަޒީ ގޮތެއްގައި ސަރުކާރަށް އަދި ފުރަމާލެއަށް އެއްމެދު ކުރެވިފައިހުރި ބާރުތައް، ރަށު ކައުންސިލުތަކާއި، އަތޮޅު ކައުންސިލުތަކާއި، ސިޓީ ކައުންސިލްތަކަށް ފުރޮޅާލުން. މިގެނެވުނު ބަދަލުތަކަކީ، ދިވެހި އެންމެހާ ރައްޔިތުން ހެޔޮހިތުން އިތުބާރާއެކު ގަބޫލުކުރި ބަދަލުތަކެއް.

މިއަދު، އަޅުގަނޑުގެ މައިގަނޑު އިލްތިމާސަކީ، ރައްޔިތުންގެ އެފަދަ ފުރިހަމަ އިތުބާރު، މި ރާއްޖޭގެ ޢަދުލު އިންސާފުގެ ނިޒާމުގެ ތެރެއަށާއި، އަދި ތިޔަ އެންމެ ބޭފުޅުންގެ މަސައްކަތްޕުޅުތަކަށް ވާޞިލުކޮށްދެއްވުން. ކުއްލި ގޮތަކަށް ސަރުކާރަށް ހުއްޓުންތައް ގެންނެވުމަށް މަސައްކަތްޕުޅުތައް ކުރައްވަމުން ގެންދަވާ އެއްވެސް ފަރާތެއްގެ ނުފޫޒުގައި ނުތިއްބަވައި، ޤައުމީ މަޞްލަޙަތަށާއި ކުރިއެރުމަށްޓަކައި އެކުވެރިވެ ވަޑައިގެން، ވިސްނުންތެރި ޙިކުމަތްތައް ކުރިއަށް ނެރެދެއްވުން. ތިޔަބޭފުޅުން މިހާތަނަށްވެސް ސަރުކާރަށް ފޯރުއްވައިދެއްވާފައިވާ އެއްބާރުލެއްވުމަށް އަޅުގަނޑު ޝުކުރު ދަންނަވަން. ރައްޔިތުންގެ ލާބައާއި މަންފާ ހިމެނޭ ހުރިހާކަމެއްގައި ސަރުކާރަށް އެއްބާރުލުން ދެއްވުމުގެ މުޅިން އާ ޒަމާނެއް މި ޢިއްޒަތްތެރި މަޖިލީހުން ފަށްޓަވައިދެއްވުމަށް މިއަދު އަޅުގަނޑު އިލްތިމާސްކުރަން.

ރައްޔިތުން މިއަދު އެތިބީ މި ސަރުކާރު ބަލައިގަނެ، ޝަރުޢީ ނިޒާމާއި ޤާނޫނު ހެދުމުގެ ބާރުގެ ތެރެއިން ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތްތައް ކުރިއަށްނެރެ، އެ ޙައްޤުތަކާއި ޚިދުމަތްތަކުގެ އިންތިޒާރުގައި. އެއްވެސް ރައްޔިތަކީ އެރައްޔިތެއްގެ ނަމުގައިވާ މަޖިލީހެއްގެ ފަރާތުން ލިބެންޖެހޭ އަޅާލުމެއް ނުވަތަ ޚިދުމަތެއް ނުލިބި، ހަމައެކަނި ސަރުކާރެއް ބަދަލުކުރުމުގެ ޖަޒުބާތުގައިޖެހި، ރައްޔިތުންގެ މަންދޫބުންނަށް މިންޖުނުވެވި އުޅުއްވާތަން ބަލަން ތިބެން ބޭނުންވާނެ ބައެއްނޫން.

މި ސަރުކާރަކީ، މުޅިން އާ ޤައުމިއްޔަތެއް އުފެއްދުމަށް ނުކުމެ އޮތް ސަރުކާރެއް. މިރާއްޖޭގެ ރައްޔިތުން މިއަދު ބޭނުންވާ ޤައުމިއްޔަތަކީ ކޮބައިކަން މި ސަރުކާރަށް ވަރަށް ސާފު. މި ސަރުކާރުގެ ޤައުމިއްޔަތުގެ މިއަދުގެ މަންޒަރަކީ، އިސްލާމީ ރިވެތި އުސޫލުތަކާއި، ދިވެހި ޘަޤާފަތާއި، އިންސާނީ ޙައްޤުތަކާއި، މަދަނީ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މަންޒަރު. މިއަދުގެ ޤައުމިއްޔަތުގެ މަންޒަރަކީ، ލާމެހިފައިވާ ދަތުރުފަތުރުކުރުމުގެ ނިޒާމަކުން ގުޅިފައި އޮތް ޤައުމެއްގެ މަންޒަރު. މިއަދުގެ ޤައުމިއްޔަތުގެ ސިފައަކީ، ބޯހިޔާވަހިކަމަކީ ފަސޭހަކަމާއެކީގައި މި ރާއްޖޭގެ ރައްޔިތުންނަށް ހޯދޭނެ ކަމެއްގެ ގޮތުގައި ވެފައި އޮންނަ ޤައުމިއްޔަތެއްގެ ސިފަ.

އަޅުގަނޑު ކުރިން ދަންނަވާލި ކުރިއެރުންތަކާއި އަދަދުތަކާއި ޙަޤީޤަތްތަކަށް ވިސްނަވާލެއްވުމުން، މި ރާއްޖޭގެ އާންމު ދިރިއުޅުމުގެ ފެންވަރު އަންނަނީ އިރާދަފުޅާއެކު މަތިވަމުން ކަމުގައި ދެކެވޭނެކަމީ އަޅުގަނޑު ވަރަށް އުފާކުރާ ކަމެއް. ސަރުކާރުގެ މަޝްރޫޢުތަކާ މިންނެތް މަސައްކަތްތަކުގެ މަންފާ ފޯރުވައިދެވެނީ، މި ރާއްޖޭގެ ވަކި ބަޔަކަށް ޚާއްޞަ ކުރެވިގެނެންނޫން. މިއީ އެންމެހާ ލޮބުވެތި ދިވެހި ރައްޔިތުންގެ ސަރުކާރު. މި ރާއްޖޭގެ ޙަޔާތުގައި މިދުވަސްވެސް ގުނިގެންދާނީ، އިރުގެ ރަންރީނދޫ އަދި އުޖާލާވި ދޯދިތަކުން އަލިކޮށް ދިއްލާލަދޭ ކުލަނޫފަޒާޔާ މާކަނޑުތަކުގެ ޗާލޫވި ޤުދުރަތީ މުއްސަނދިކަމުން ފުރިގެންވާ ދުވަހެއްގެ ގޮތުގައި. ރީނދުލާއި ނުލުން ފަވާލެވޭ ދުވަހެއްގެ ގޮތުގައި. މަތިވެރި ނިޢުމަތްތަކާއި ނަޞްރާއި ނަޞީބުގެ ފެހިކަން ލިބެވި، ކުރިއަރަމުންދާ އުފާވެރިކަމާއި ހިތްހަމަޖެހުމާއި ހާސްކަމެއްނެތް ތާހިރު ދިރިއުޅުމެއްގެ އަމާޒަށް ރަމްޒުކޮށްދޭ އާ ދުވަހެއްގެ ގޮތުގައި.

ޢިއްޒަތްތެރި ރައީސް:

އަޅުގަނޑު އެދެނީ، މި ރާއްޖެއަށާއި މި ރާއްޖޭގެ ރައްޔިތުންނަށް އަބަދަށްޓަކައި ހެޔޮގޮތްތައް މިންވަރުކުރެއްވުން.

ޢިއްޒަތްތެރި ރައީސް:

މި ޢިއްޒަތްތެރި މަޖިލީހުގެ މަސައްކަތްޕުޅުތަކަށާއި މި ލޮބުވެތި ދިވެހިރާއްޖެއަށް ކުރިއެރުމާއި ކާމިޔާބީއާ ފާގަތިކަން ދެއްވުން.

ޢިއްޒަތްތެރި ރައީސް:

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން އެންމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ދެއްވުން. والحمد للّـه .

ވަރަށް ބޮޑަށް ޝުކުރިއްޔާ! والسّلام عليكم
______________________