ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 71 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ޤައުމީ އިދާރާތަކުން ދޭ ޚިދްމަތްތައް އިދާރީ ދާއިރާތަކުގައި ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަށްޓަކައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ     116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، ރާއްޖޭގެ 7 ސަރަޙައްދުގައި      7 ޤައުމީ އިދާރާއާއި، އެ އިދާރާތަކުގެ ދަށުން، ބައެއް އިދާރީ ދާއިރާތަކުގައި ޤައުމީ އިދާރާގެ ޔުނިޓް މިއަދު އުފައްދަވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން އުފެއްދެވި ޤައުމީ އިދާރާތަކާއި، ޤައުމީ އިދާރާތަކުގެ ޔުނިޓުތައް ތިރީގައި މިވަނީއެވެ.

 
1.      މަތި އުތުރު ސަރަޙައްދުގެ ޤައުމީ އިދާރާ
(ހ) މަތި އުތުރު ސަރަޙައްދުގެ ޤައުމީ އިދާރާގެ ތިލަދުންމަތީ އުތުރުބުރީ ޔުނިޓް
(ށ) މަތި އުތުރު ސަރަޙައްދުގެ ޤައުމީ އިދާރާގެ މިލަދުންމަޑުލުއުތުރުބުރީ ޔުނިޓް
2.      އުތުރު ސަރަޙައްދުގެ ޤައުމީ އިދާރާ
(ހ) އުތުރު ސަރަޙައްދުގެ ޤައުމީ އިދާރާގެ މިލަދުންމަޑުލުދެކުނުބުރީ ޔުނިޓް
(ށ) އުތުރު ސަރަޙައްދުގެ ޤައުމީ އިދާރާގެ މާޅޮސްމަޑުލުއުތުރުބުރީ ޔުނިޓް
(ނ) އުތުރު ސަރަޙައްދުގެ ޤައުމީ އިދާރާގެ މާޅޮސްމަޑުލުދެކުނުބުރީ ޔުނިޓް
(ރ) އުތުރު ސަރަޙައްދުގެ ޤައުމީ އިދާރާގެ ފާދިއްޕޮޅު ޔުނިޓް
3.      މެދު އުތުރު ސަރަޙައްދުގެ ޤައުމީ އިދާރާ
(ހ) މެދު އުތުރު ސަރަޙައްދުގެ ޤައުމީ އިދާރާގެ އަރިއަތޮޅުއުތުރުބުރީ ޔުނިޓް
(ށ) މެދު އުތުރު ސަރަޙައްދުގެ ޤައުމީ އިދާރާގެ އަރިއަތޮޅުދެކުނުބުރީ ޔުނިޓް
(ނ) މެދު އުތުރު ސަރަޙައްދުގެ ޤައުމީ އިދާރާގެ ފެލިދެއަތޮޅު ޔުނިޓް
 
4.      މެދު ސަރަޙައްދުގެ ޤައުމީ އިދާރާ
(ހ) މެދު ސަރަޙައްދުގެ ޤައުމީ އިދާރާގެ މުލަކަތޮޅު ޔުނިޓް
(ށ) މެދު ސަރަޙައްދުގެ ޤައުމީ އިދާރާގެ ނިލަންދެއަތޮޅުއުތުރުބުރީ ޔުނިޓް
5.      މެދު ދެކުނު ސަރަޙައްދުގެ ޤައުމީ އިދާރާ
(ހ) މެދު ދެކުނު ސަރަޙައްދުގެ ޤައުމީ އިދާރާގެ ކޮޅުމަޑުލު ޔުނިޓް
(ށ) މެދު ދެކުނު ސަރަޙައްދުގެ ޤައުމީ އިދާރާގެ ހައްދުންމަތީ ޔުނިޓް
6.      މަތި ދެކުނު ސަރަޙައްދުގެ ޤައުމީ އިދާރާ
މަތި ދެކުނު ސަރަޙައްދުގެ ޤައުމީ އިދާރާގެ ހުވަދުއަތޮޅުއުތުރުބުރީ ޔުނިޓް
7.      ދެކުނު ސަރަޙައްދުގެ ޤައުމީ އިދާރާ
ދެކުނު ސަރަޙައްދުގެ ޤައުމީ އިދާރާގެ ފުވައްމުލަކު ޔުނިޓް
 
ޤައުމީ އިދާރާތައް އުފެއްދެވުމާގުޅިގެން، މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން ހިނގަމުންދާތިރީގައި މިދަންނަވާ ޕްރޮވިންސް އޮފީސްތައް މިއަދު އުވާލައްވައިފި ކަމުގައި ދަންނަވަންވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
1. މަތި އުތުރު ޕްރޮވިންސް އޮފީސް
2. އުތުރު ޕްރޮވިންސް އޮފީސް
3. މެދު އުތުރު ޕްރޮވިންސް އޮފީސް
4. މެދު ޕްރޮވިންސް އޮފީސް
5. މެދު ދެކުނު ޕްރޮވިންސް އޮފީސް
6. މަތި ދެކުނު ޕްރޮވިންސް އޮފީސް
7. ދެކުނު ޕްރޮވިންސް އޮފީސް
 
ޤައުމީ އިދާރާތައް ހިނގަމުންދާނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، އެ އިދާރާތައް ހިނގަމުންދާނީ ޕްރޮވިންސް އޮފީސްތައް މިހާތަނަށް ހިނގަމުންދިޔަ އިމާރާތްތަކުގައި ކަމަށާއި، ޤައުމީ އިދާރާތަކުގެ ޔުނިޓްތައް ހިނގަމުންދާނީ އެ ޔުނިޓެއް ނިސްބަތްވާ ޤައުމީ އިދާރާއިން ކަނޑައަޅާ ތަނެއްގައި ކަމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.