بســم اللّـه الرّحمـن الرّحيــم

السّـلام عليـكم


ތިޔަބޭފުޅުންނާ ބައްދަލުވެ ވާހަކަދައްކާލައި އަދި ސައިތަށްޓެއް ބޯލާ ހަދާލުމުގެ ފުރުޞަތު އަޅުގަނޑަށް ލިބުނުކަމީ، އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. އަޅުގަނޑު އަބަދުވެސް ދަންނަވަން، ކިޔެވުމުގައި ހުރިހާ ކިޔެވެއްޔެއް އޮތީ ހަމައެކަނި ފޮތަކު ނޫނޭ. އަޅުގަނޑުމެންނަށް ރަނގަޅު ޢިލްމެއް ލިބި، ރަނގަޅު ތަޢުލީމެއް ހޯދެނީ ޔުނިވަރސިޓީ ނުވަތަ ކޮލެޖު ނުވަތަ މަދަރުސާގެ ބޭރުގައިވާ އެހެން ހުރިހާ ކަމެއްވެސް އެކަންކަމާ ގުޅޭގޮތުން އަޅުގަނޑުމެންނަށް ރަނގަޅަށް ހޭލުންތެރިވެ، ހޭ އެރުމުންނޭ. އަޅުގަނޑަށް ޔަޤީން، ތިޔަބޭފުޅުން ދިއްލީގައި ހޭދަކުރައްވާ އަހަރުތައް، ދުވަސްތައް، މަސްތައް، ހޭދަކުރައްވާއިރުގައި، ތިޔަބޭފުޅުން އެހެންއެހެން ކިތަންމެ ކަމަކަށްވެސް ހޭލުންތެރިވެ އަދި ކަންތައްތައް ހޯދައި ބަލައި، ކަންކަމާ ގުޅޭގޮތުން ވިސްނާ ހައްދަވާނެކަން.

ކިޔެވުމުގެ ދުވަސްވަރަކީ، ކިޔެވުމުގެ ދައުރަކީ، ވަރަށް އުފާވެރި ދުވަސްވަރަކަށްވުމަކީ، ހެދުމަކީ، އަޅުގަނޑަށް ފެންނަ ފެނުމުގައި ރަނގަޅު ނަތީޖާއެއް ނެރުމަށް ވަރަށް މުހިންމުކަމެއް. ވަރަށް ބޭނުންތެރިކަމެއް. ހާސްކަމުގައި ނުވަތަ ކަންބޮޑުވެ ތިބެ، ރަނގަޅަށް ކިޔެވުން އެއީ، އަބަދުވެސް މާ ފަސޭހަކަމަކަށް ނުވެފައި އޮންނަނީ. ތިޔަ ކުދިން، ހުރިހާ ކުދިންވެސް ދާދި އަވަހަށް އެނބުރި ރާއްޖެއަށްދާނެ. ރާއްޖެއަކީ ވަރަށް ބާރަށް ބަދަލުވަމުން އަންނަތަނެއް. އިއްޔެގައި އޮތް ގޮތަކަށްނޫން މިއަދު ރާއްޖެ އޮތީކީ. މީގެ ދެމަސްކުރީގައި ރާއްޖޭގެ ޙަޤީޤަތްތަކާއި، އަދި މީގެ އަހަރެއް ކުރީގެ ރާއްޖޭގެ ޙަޤީޤަތްތަކާ މިއަދާ ވަރަށް ތަފާތު. އެ ބާރު ސްޕީޑުގައި ރާއްޖެ ބަދަލުވަމުންދާއިރުގައި އެ ބަދަލުތަކުގައި ޙިއްޞާވުމަށް، ބައިވެރިވުމަށް ތިޔަބޭފުޅުން ޙަޤީޤަތުގައި ތައްޔާރުވެލައްވަމުން ތިޔަ ގެންދަވަނީ. އެހެންވީމާ، އެބަދަލުތަކަށްޓަކައި ހުނަރާއި ޢިލްމު، އަދި ހޭލުންތެރިވެ އަދި ދުނިޔޭގެ ކަންކަން ހިނގާގޮތް ސާފުވެ، ފުޅާ ވިސްނުމުން ވިސްނުން އެއީ، އަޅުގަނޑަށް ފެންނަ ފެނުމުގައި ކޮންމެހެންވެސް މިވަގުތު މި ރާއްޖެއަށް ބޭނުންތެރިކަމެއް. އަޅުގަނޑުމެންގެ ވިސްނުން ހަނިކޮށް، އެއްވެސް ކަމެއްގައި ބަހައްޓައިފިނަމަ، އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ އަމިއްލަ ހުށިޔާރުކަމާއި ނުވަތަ އަޅުގަނޑުމެންގެ އަމިއްލަ ނަފުސުގެ، ޖިސްމުގެ ކިބައިގައި ހުންނަ ކުޅެދުންތެރިކަން، ހުނަރުވެރިކަން ރަނގަޅަށް އޮންނަނީ ބޭނުންނުކުރެވިފައި. ކަންކަމާގުޅޭގޮތުން ފުޅާކޮށް ވިސްނުމަކީ ކޮންމެހެން ބޭނުންތެރިކަމެއް. ޢާންމުކޮށް ކަމެއްގައި އަޅުގަނޑުމެންނަށް ދެކެވިފައި އޮންނަ ދެކުން އެއީ، ކޮންމެހެނެއް އަބަދު ޙަޤީޤަތަކަށް ނުވަތަ އޮތްގޮތް ކަމަށް ވާކަށެއް ނުޖެހޭނެ. އަޅުގަނޑުމެން ސުވާލުކުރަން ޖެހޭނެ. އެހެން ގޮތްގޮތަށް ކަންކަން ހިނގާތޯ އަޅުގަނޑުމެންނަށް ބެލެންޖެހޭނެ. އެހެން ގޮތްގޮތަށް ކަންކަން ކުރީމާ ނުކުންނާނެ ނަތީޖާތަކަށްވެސް އަޅުގަނޑުމެންނަށް ބެލެން ޖެހޭނެ.

އަޅުގަނޑު މިފަހަރު ތިޔަބޭފުޅުންނާ ބައްދަލުކޮށްލަން ޚާއްޞަކޮށް އެދުނީ، ދާދި މިދާކަށް ދުވަހު، މިސުރުގައި ކިޔަވަން ތިބި ވަރަށް ގިނަ އަދަދެއްގެ ކުދިން، އެއްފަހަރާ ސަރުކާރުން އެކުދިން މާލެ ގެންނަ ޖެހުނު މިސުރުގެ ހަމަނުޖެހުންތަކާ ގުޅިގެން. އަބަދުވެސް އަޅުގަނޑު ހިތަށްއަރާ، ބޭރުގައި ކިޔަވަން ތިބޭއިރުގައި އެއްދިވެއްސަކާއި އަނެއް ދިވެއްސަކާ އޮންނަނީ ވަރަށް ގާތްގުޅުމެކޭ. ވަރަށް ބޮޑަށް އެގުޅުން ފާހަގަވެގެން އަދި ދޭ. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަން، އަދި އަޅުގަނޑު ދެކެން، ތިޔަބޭފުޅުންގެ ދުވަސްތައް ހޭދަކުރަމުންދާއިރުގައި އެއްކުއްޖަކު އަނެއް ކުއްޖަކާ އަޅާލައި، ކަންކަން ހިނގާގޮތް ބަލައި، އެހީތެރިވެދީ އަދި އެންމެންވެސް ސަލާމަތްވެ، ހުރިހާ އެންމެންގެ ކާމިޔާބަކީ އަޞްލުގައި ތިމަންނާގެވެސް ކާމިޔާބުކަމަށް ދެކި ކަންކަމުގައި ކުރިއަށްދާނެކަމަށް.

އަޅުގަނޑު މާގިނަ ވާހަކަތަކެއް ދައްކާކަށްނޫން، އަޅުގަނޑުމެންގެ ބޭނުމަކަށް މިރޭ ވެފައި އޮތީ، މިތަނުގައި ކޮންމެވެސް ވަރަކަށް އަޅުގަނޑުމެން އެއްބަޔަކާ އަނެއް ބަޔަކާ ބައްދަލުވެލެވި، އަދި އަޅުގަނޑުމެންނަށް ކަންކަމާ ގުޅޭގޮތުން ވާހަކަދައްކާލައި ހެދުން. ވަޑައިގެންދެއްވީތީވެ ވަރަށް ބޮޑަށް ޝުކުރިއްޔާ. و اَلحَمْـدُ لِلّـهِ.


__________________