بســم اللّـه الرّحمـن الرّحيــم

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރައީސް އޮނަރަބްލް އިބްރާހީމް ޙުސައިން ޒަކީ، ޕާޓީގެ ޗެއަރޕަރސަން އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ، މި މާއުނގޫދޫގެ ވެރިން އަދި ވަކިން ޚާއްޞަކޮށް، މާއުނގޫދޫގެ އެންމެހާ ރައްޔިތުން.

السّـلام عليـكم

މި ސަރުކާރު އުފެދިގެން އައީ، މި ރާއްޖޭގެ ތަރައްޤީގެ ތަޞައްވުރެއް އަޅުގަނޑުމެން ގެންގުޅެމުން. އެ ތަޞައްވުރުގައި، މި މާއުނގޫދޫ ހިމެނިފައި އޮތް މިންވަރާއި އަދި މިރަށް ބަދަލުކުރުމަށް، ތަރައްޤީ ކުރުމަށް މި ސަރުކާރު ގެންގުޅޭ ވިސްނުމާއި ފިކުރު ވަރަށް ޞަރީޙަ ޢިބާރާތުން، ވަރަށް ސާފުކޮށް ފެންނަން އޮންނާނީ، މި ޕާޓީގެ، އެމް.ޑީ.ޕީ.ގެ މެނިފެސްޓޯގައި. ޕާޓީގެ ވަޢުދުތަކަކީ، ޕާޓީ، ރާއްޖޭގެ ރައްޔިތުންގެ އަޑު ކިތަންމެ ދުވަހެއް ވަންދެން، ކިތަންމެ ތަނަކު އެހުމަށްފަހުގައި، މިދެންނެވި އެހުނު އަޑު ފުރާނައި، އޭގެ މަދު ވެގެންދިޔައީ، މި ޕާޓީގެ ވަޢުދުތަކަށް. ޕާޓީގެ ވަޢުދުތައް އެއީ، އެ ވަޢުދުތައް ފުއްދުމުން، އަޅުގަނޑުމެންގެ ރާއްޖެ ތަރައްޤީވާނެ، ބަދަލުވާނެ ކަންކަން.

ޕާޓީން ވެފައިވާ ކޮންމެ ވަޢުދަކީ، އެ ވަޢުދެއް ފުރިހަމަ ގޮތުގައި ފުއްދުމުގެ ސިޔާސަތެއް، ސަރުކާރުން ތަންފީޛުކޮށްފިނަމަ، ތަންފީޛު ކުރުމުން، ރާއްޖޭގެ އެންމެހާ ކަންކަން އިޞްލާޙުގެ މަގަށްދާނެ ވަޢުދުތަކެއް. މި ޕާޓީ ނޫން ބަޔަކު، ރައްޔިތުންނަށް ވަޢުދެއް ނުވާނެ. އަޅުގަނޑުމެން ނޫން ބަޔަކު، ދެން ކަން ކުރާނޭގޮތް، ސާފުބަހުން ކިޔައެއްނުދޭނެ. ވާދަވެރި ޕާޓީތަކަކުން އެއްވެސްއިރެއްގައެއް، ބުނެއެއް ނުދެއްވާނެ، އެބޭފުޅުން ވެރިކަން ކުރައްވަން ނުވަތަ ކައުންސިލަރ އިންތިޚާބުވެވަޑައިގަންނަވަން އެއުޅުއްވަނީ ކީއްކުރަންތޯއޭ. ރައްޔިތުންގެ މަޖިލީހަށް އެބޭފުޅުން އިންތިޚާބުވެވަޑައިގެންނެވީ ކީއްކުރަންތޯއޭ. މިދެންނެވި ސުވާލުތަކުގެ ޖަވާބު، ވާދަވެރި ފަރާތްތަކުން ހޯދަން ވަރަށް އުނދަގޫވާނެ. މި ޕާޓީއަށް، ޕާޓީގެ މަޤްޞަދެއް ދުވަހަކުވެސް ނޯޅޭ. ޕާޓީގެ އަމާޒެއް، ޕާޓީއަކަށް ގެއްލިއެއްނުދޭ. ޕާޓީ ހިނގަންވީ މަގު އަބަދުވެސް ވަރަށް ސަރާސަރުކޮށް ޕާޓީއަށް ސާފުވޭ. މިޕާޓީގެ ވަޢުދެއް އެއީ، ރާއްޖޭގެ ރައްޔިތުން، ހެޔޮ ހާލުގައި ގެންގުޅުމަށްވާ ވަޢުދުތައް.

ޕާޓީއަށް ފާހަގަވީ، މި މާއުނގޫދޫގެވެސް ރައްޔިތުންގެ ތެރެއިން ކޮންމެ ތިން މީހުންކުރެ އެކަކީ ނިކަމެއްޗެކޭ. އޭނާއަކީ އޭނާއަށް ރެޔާދުވާލުގެ މަސައްކަތަށް ދިހަ ފަނަރަ ރުފިޔާ ނުލިބޭ މިންވަރުގެ ނިކަމެއްޗެކޭ. ރާއްޖޭގެ ގިނަ ރައްޔިތުންނަކީ، މާއުނގޫދޫގެވެސް ގިނަ ބައިވަރު މީހުންނަކީ، ނިކަމެތި ފަޤީރުން ކަމުގައި ވެފައި އޮތްހާ ހިނދަކު، އަޅުގަނޑުމެން މިއެދޭ ބަދަލު، އަޅުގަނޑުމެން މިއެދޭ ތަރައްޤީ އަޅުގަނޑުމެންނަކަށެއް ނުހޯދޭނެ. ތަރައްޤީއަކީ ވަކި ޚާއްޞަ ކަންތައްތަކެއް، ވަކިއިރެއްގައި، ވަކިގޮތަކަށް ކުރެވުނީމާ ޙާޞިލުވާ ކަމެއް. އޭގައި ކަން ކުރާންވީ ގޮތުގެ ތަރުތީބެއް އޮންނާނެ. ތަރައްޤީއަކީ ބޮޑު ހިލައިން މިނާ އެއްޗެއް ނޫން. އެއްގަމު ތޮށިން މިނާ އެއްޗެއްވެސް ނޫން. ތަރައްޤީއަކީ މާއުނގޫދޫ މީހާއަށް ސަލާމަތްކަން ލިބުން. އޭނާ ހެޔޮ ހާލުގައި ހުންނާނެ ގޮތެއް އަޅުގަނޑުމެން ހޯދުން. ޕާޓީން ވަޢުދުވީ، ޕާޓީގެ ސަރުކާރެއްގައި، ރައްޔިތުން ބޭސް ސިޓީއަށް ސަލާންޖަހާ ޖެހުން އިރާދަކުރެއްވިއްޔާ ހުއްޓުވާލަދޭނަމޭ. މަދަނައިގެ ވިއުގައިގެ ސިޔާސަތު، ސަރުކާރުން ތަންފީޛު ކުރާން ފެށުނީ، މިދެންނެވި ވަޢުދު ފުއްދުމަށްޓަކައި. މިއަދު އަޅުގަނޑަށް ހިތްހަމަޖެހުން ލިބެނީ، އަޅުގަނޑުމެންނަށް އުފާވެރިކަން ލިބެނީ، މި މާއުނގޫދޫގެ 150 ރައްޔިތަކު މަދަނައިގައި ރަޖިސްޓްރީވެފައި އޮތްކަމުން. އަދި ހަމަ މިދިޔަ 2010 ވަނަ އަހަރު މާއުނގޫދޫ ރައްޔިތުންގެ ބޭސް ސިޓީއަށް ތިންލައްކަ ސާޅީސް ހަތަރުހާސް ރުފިޔާ ޚަރަދު ކުރެވިފައި އޮތްކަމީ، މި ސަރުކާރަށް ހިތްވަރު ލިބޭ ކަމެއް. މިދެންނެވި ތިންލައްކަ ސާޅީސް ހަތަރުހާސް ރުފިޔާއަކީ، އެއްވެސް ހާލެއްގައި ހެލްތް ސެންޓަރުގެ މުސާރަ ދިނުމަށް، އެތަނުގެ ވޮޗަރަށް މުސާރަ ދިނުމަށް ނުވަތަ އެތަނުގެ ކަރަންޓް ބިލް ދެއްކުމަށް، ވަށާ ފާރުގައި ކުލަލުމަށް، މިބާވަތުގެ އެއްވެސް ކަމެއް ކުރާން ހޭދަކުރެވުނު ފައިސާއެއް ނޫން. މިފައިސާއަކީ ސީދާ މާއުނގޫދޫ މީހާގެ ބޭސް ސިޓީއަށް، ބޭސްފަރުވާ ހޯދައިދިނުމަށް ކުރެވުނު ޚަރަދެއް.

އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންގެ އަމާޒަކީ، މި ރާއްޖޭގެ ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަން ހިފެހެއްޓުން. އެ ރައްޔިތުންނަށް އެ އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުން. ރައްޔިތަކު ފަޤީރުކަންމަތީގައި، އެކެއް ކައިރިން، އަނެކެއް ކައިރިން، އޭނާގެ ބޭސްފަރުވާ ހޯދުމަށްޓަކައި ހިނގަންޖެހޭހާ ހިނދަކު، ޤަދަރުވެރި ރައްޔިތެއް، އަޅުގަނޑުމެންނަކަށެއް ނުހޯދޭނެ. މި ރައްޔިތު އަބަދުވެސް އޮންނާނީ ކޮންމެވެސް ބައެއްގެ ތައްޕާހުގައި. އަޅުގަނޑުމެން މި އެދެނީ، އަޅުގަނޑުމެން މިބޭނުންވަނީ، ތިމަންނާއަކީ ޙައްޤުތަކެއް ލިބިގެންވާ، މާއުނގޫދޫ މީހެކޭ. ތިމަންނާއަކީ، ތިމަންނާގެ ޙަލާލު ލާރިން ތިމަންނާގެ އަނބިދަރިން ބަލަހައްޓާ، ފަޚްރުވެރި މާއުނގޫދޫ މީހެކޭ ބުނެ، ހަމައިސްކޮޅަށް މިރަށު ރައްޔިތުން ތެދުވާތަން އަޅުގަނޑުމެން ދެކެން ބޭނުމީ.

ޕާޓީން އަބަދުވެސް ފާހަގަކުރަމުން ގެންދިޔަ، ރާއްޖޭގެ ދޮށީ ޢުމުރުގެ މީހުންނަށް ޕެންޝަނެއް ކޮންމެހެން ބޭނުންވާ ކަމަށް. އެމީހުން 2008 ވަނަ އަހަރާ ޖެހުނުއިރުވެސް އުޅެމުންދިޔަ ހާލު، ޕާޓީ ބަލައިގަތް. ބޭސް ސިޓީއަށް ސަލާންޖެހި މީހުންގެ ތެރޭގައި، ދޮށީ ޢުމުރުގެ މީހުންނަކީ ވަރަށްގިނަ ބައެއް. އަދި ހަމައެހެންމެ، ޅަކުދިންނާއި، މެދު ޢުމުރުގެ މީހުންވެސް ބައިވަރު. ޕާޓީން ވަޢުދުވީ، 65 އަހަރުން މަތީގެ ކޮންމެ މީހަކަށް، އަންހެނަކަސް، ފިރިހެނަކަސް، އާމްދަނީ މަދުނަމަ، ދެހާސް ރުފިޔާގެ ޕެންޝަނެއްދޭނެ ކަމަށް. މިއަދު އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބެނީ، އަޅުގަނޑުމެންނަށް އުފާވެރިކަން ލިބެނީ، މި މާއުނގޫދޫގެ 47 ރައްޔިތަކަށް، ގަވާއިދުން ދެހާސް ރުފިޔާ ދެމުން ގެންދެވޭތާ މިވީ ދެއަހަރު. އަޅުގަނޑުމެނަށް ހިތްހަމަޖެހުން ލިބެނީ، މި މާއުނގޫދުއަށް ކޮންމެ މަހަކު، ނުވަދިހަ ހަތަރުހާސް ރުފިޔާ، ޕެންޝަންގެ ގޮތުގައި ދިނުމުގެ ފުރްޞަތު، މި ސަރުކާރަށް ލިބިފައި އޮތީތީވެ. އެކަނިވެރި މައިންނާއި، ޔަތީމު ކުދިންނާއި އަދިވެސް ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތައް، މި އެންމެ ފަރާތްތަކާ އަޅުގަނޑުމެންނަށް އަޅާނުލެވޭހާ ހިނދަކު، އަޅުގަނޑުމެން މިއެދޭ ބަދަލު، އަޅުގަނޑުމެން މިއެދޭ އިޞްލާޙް އަޅުގަނޑުމެންގެ ތެރެއަށް ގެންނާން އުނދަގޫވާނެ. އަޅުގަނޑުމެން ހިތްހަމަޖެހެނީ، މިރަށުގެ 34 ފަރާތަކަށް، އެކަނިވެރިމައިންނަށް ދެވޭ ޢިނާޔަތް ދެވެމުން ގެންދެވޭތީވެ. އަޅުގަނޑުމެންނަށް ހިތްވަރު ލިބެނީ، މިދިޔަ 2010 ވަނަ އަހަރު، މި 34 ފަރާތަށް ފަންސާސް ދެހާސް ރުފިޔާ ފޯރުކޮށްދިނުމުގެ ފުރްޞަތު، ސަރުކާރަށް ލިބިފައި އޮތީތީވެ.

އަޅުގަނޑުމެންގެ އޮތީ ހަމަ އެންމެ ބޭނުމެއް. އެއީ، މިރަށްތަކުގެ ތަރައްޤީ. އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވެ މިތިބީ، އެއްވެސް ހާލެއްގައި، އެ ވެރިކަމުގެ އަރާމަށްޓަކައެއް ނޫން. ވެރިކަމުގެ ޢިއްޒަތަށްޓަކައެއްވެސް ނޫން. އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންގެ އަމާޒަކީ، ވަޢުދު ފުއްދުން. ރައްޔިތުންނަށް ޚިދްމަތް ކުރުން. އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ވަޢުދަކީ، ތަރައްޤީގެ ފުރަތަމަ ފިޔަވަޅު. ޤަބޫލު ކުރައްވާ، މިދިޔަ އެއްހާސް އަހަރު، މި ރާއްޖޭގައި ނިމުނުއިރު، އަދި އަޅުގަނޑުމެން މިތިބީ، ވަރަށް ފަހަތުގައި. ހަމައަށް ބޮޑުކަމުދެވި، ނަރުދަމާގެ ނިޒާމެއް ޤާއިމް ކުރެވިފައި އޮތް ރަށެއް މަދު. ލަފާފުރުން އެއީ އެހާމެ ދަތިކަމެއް. ތާހިރު ފެންފޮދެއް ނުއެއްލިބޭ. ބައްޔެއް ވެއްޖިއްޔާ، އަތުޖެހޭ ހިސާބުގައި ޑޮކްޓަރެއް ނުމެނެތް. މަދްރަސާތަކުގައި އިމްތިޙާނުގައި ބައިވެރިވާ ކުދިން ފާހެއްނުވޭ. އަޅުގަނޑުމެން މިތިބީ ވަރަށް ފަހަތުގައި. އަޅުގަނޑުމެން އަދި މިތިބީ، ގިނަ ޤައުމުތަކުގައި އަދި ގިނަ ޖަމާޢަތްތައް އެ ބުނާ ވަލުން ނުނުކުމެ. ވީދާ ކައިގެން. އަޅުގަނޑުމެން އެބަޖެހޭ ބަދަލުވާން. އަޅުގަނޑުމެންނަށް މިދިޔަ ދެއަހަރު ނިންމާލެވުނުއިރު، ކުރެވިފައި ހުރީ ކޮންކަމެއްތޯ އެންމެބޮޑަށް ސާފުވާނީ ހަމަ ރައްޔިތުންނަށް. އަޅުގަނޑު ބޭނުމެއް ނޫން، އަޅުގަނޑޭ އެވެނި ކަމެއް ކުރީ، އަޅުގަނޑޭ ސާކް ސަމިޓް އައްޑުއަތޮޅުގައި ބާއްވަން ނިންމީ. އަޅުގަނޑޭ ކުޅުދުއްފުށި ހިއްކީ، މި ސަރުކާރުންނޭ. ފުނަދޫގެ ނަރުދަމާ ހެދީ، ފުނަދޫ ބަނދަރު ހެދީ، މި ސަރުކާރުންނޭ ބުނާކަށް އަޅުގަނޑުމެން ބޭނުމެއް ނޫން. އަޅުގަނޑުމެންނަށް ހެޔޮ ކޮންމެ ބަޔަކު ހެދިޔަސް. އަޅުގަނޑުމެން ބޭނުމީ، އެ ނަމެއް ނޫން. އަޅުގަނޑުމެން ބޭނުމީ، މިކަންވާން. މިކަންވުމަކީ، ރައްޔިތުންނަށް އެނގޭނެ ކިހިނެއްކަންވީ. އަޅުގަނޑު ދެންމެ މިދެންނެވި ދޮށީ ޢުމުރުގެ 47 މީހުންނަށް އެނގޭނެ، އެމީހުންނަށް ކޮންއިރަކުތޯ މިފައިސާ ލިބެންފެށީ. މަދަނައިގައި ބައިވެރިވެ، އެ މަދަނައިގެ އެހީތެރިކަން ލިބޭ ފަރާތްތަކަށް އެނގޭނެ، ކޮންއިރަކުތޯ އެކަމެއްވާންފެށީ. އެކަނިވެރި މައިންނަށް އެނގޭނެ، އެމީހުންނަށް އެއްޗެއް ލިބެންފެށީ ކޮންއިރަކުތޯ. ޚާއްޞަ އެހީއަށް އެދޭ ފަރާތްތަކަށް އެނގޭނެ، އެމީހުންނަށް އެއްޗެއް ލިބެންފެށީ ކޮންއިރަކުތޯ. އަޅުގަނޑުމެންނަށް ހެޔޮ، އެއީ ކޮންމެ މީހަކު ދިން އެއްޗެއް ކަމަށް، ކޮންމެ ފަރާތަކުން ކޮންމެ ދަޅައެއް ދެއްކިޔަސްވެސް. އަޅުގަނޑުމެން ބޭނުމީ، އެކަންވާން. އެކަންވީމާ އަޅުގަނޑުމެންގެ މަޤްޞަދު، އަޅުގަނޑުމެންނަށް ޙާޞިލްވީ.

މި މާއުނގޫދޫގެ ތަރައްޤީގެ ޙަޤީޤީ ނާރެސްއަކީ މި މަދްރަސާ. ތަންދޮރު އެނގެން މިޖެހެނީ، ތަރައްޤީވާން މިޖެހެނީކީއެއް މާއުނގޫދުއެއް ނޫން. މި ފަސްގަނޑަށް ވެވޭނެ ހަމަ އެއްކަމެއްވެސް ނޯންނާނެ. ތަންދޮރު އެނގެން މިޖެހެނީ މާއުނގޫދޫ މީހާއަށް. ތަރައްޤީވާން މިޖެހެނީ މިރަށު ރައްޔިތުން. މިރަށު މީހާ. އޭނާއަށް ކަންކަން އޮޅުންފިލާންޖެހެނީ. އޭނާއަށް ތަންދޮރުފިލާންޖެހެނީ. އެހެންވީމާ، މި މަދްރަސާ މިރަށުގެ ތަރައްޤީގެ ނާރެސްއަށްވާންޖެހެނީ. މިދިޔަ އަހަރު މިރަށުގެ ދަރިވަރުންގެ ފޮތް، ފަންސުރު، ގަލަން ގަތުމަށް ސަރުކާރުން އެއްލައްކަ ތިރީސްހާސް ރުފިޔާއަށްވުރެ ގިނަ ފައިސާ ޚަރަދު ކުރެވުނު. އެއީ ސަރުކާރަށް ލިބޭ އުފަލެއް. އަދި ހަމަ އެހެންމެ، 25 ދަރިވަރުން، އިމްތިޙާންގައި ބައިވެރިވުމަށް، އިމްތިޙާންގެ ފީގެ ގޮތުގައި ފަންސާސް ހަތްހާސް ރުފިޔާއަށްވުރެ ގިނަ ފައިސާ ޚަރަދު ކުރެވުނު. އެވެސް އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. އަޅުގަނޑު އެހެން ނަމަވެސް، މިމަދްރަސާއާ ގުޅޭގޮތުން ވަރަށް ކަންބޮޑުވޭ. ވަރަށް ދެރަވެ، ވަރަށް ހިތާމަކުރަން. މިތަނުގެ ނަތީޖާ، 2009 ވަނަ އަހަރު ނުލާހިކުމެ ރަނގަޅަށް ހުރީތީވެ، ކޮންމެހެންވެސް، މިދިޔަ 2010 ވަނަ އަހަރު ވެއްޖެ، އެ ނަތީޖާ ރޫޅާލަން. ސަރުކާރުގެ ވަޢުދަކީ، ޕާޓީގެ ވަޢުދަކީ، އޯ ލެވެލް އިމްތިޙާންގައި ބައިވެރިވާ ކުދިންގެ 60 ޕަސެންޓް ކުދިންނަކީ، 5 މާއްދާއިން C ގްރޭޑުން މަތިން ފާސްވާ ކުދިންނަށް، ޕާޓީގެ ސަރުކާރެއްގައި އިރާދަކުރެއްވިއްޔާ ހަދައިދޭނަމޭ. ސަރުކާރުގެ ސިޔާސަތަކީ، މަދްރަސާ އެއްދަންފަޅިއަށް ބަދަލުކުރުމާއި، ވަށާޖެހޭ ތަޢްލީމެއް ދިނުމާއި، ދަރިވަރުންނާއި ޓީޗަރުންގެ ފެންވަރު ރަނގަޅު ކުރުމާއި، ސްކޫލް ބޯޑެއް އުފައްދައި، ބެލެނިވެރިންނާއި ޓީޗަރުންނާ ދެމެދު އޮންނަ ގުޅުން ރަނގަޅުކޮށް، ސްކޫލް ހަރުދަނާކޮށް ހިންގުން. މިރަށުގައި ފެނުނީ އެތަނެއް ނޫން.

މިރަށުގައި ފެނުނީ، މި ސްކޫލަށް އެކިއެކި ނުފޫޒު، އެކިބާވަތް ބާވަތުގެ. އަޅުގަނޑު ދަންނަވަންތޯ ވާހަކައެއް، އެއްވެސް ޕާޓީއެއް، ސްކޫލާ ގާތްވެގެން ނުވާނެ. މިއީ ކިޔަވައިދޭ ތަނެއް. މިތަން ރޫޅާލައިގެން ނުވާނެ އެއްވެސް ބަޔަކު. އަޅުގަނޑެއް ނުދެކެން، އެއީ، ހަމަ ހުރެފައިވީ ކަމެއް ކަމަކަށް. ނުލާހިކު ރަނގަޅު ނަތީޖާއެއް، މާއުނގޫދޫ ސްކޫލުން 2009 ވަނަ އަހަރު ހޯދި. ވަރަށް ރަނގަޅު ނަތީޖާއެއް. އެކަމަކު މިއަދު ކިހިނެއްތޯ ހެދީ އޭގެފަހުން، އަހަރެއްފަހުން. މިތާ ތިބި ދެޓީޗަރުން ފޮނުވާލައި، އެމީހުން ގާތުގައި އެކި ބާވަތްބާވަތުގެ ވާހަކަ ދައްކައި، އެކި ނޮހުރުއްޕާންކޮށް، ދެން އެންމެފަހުން އައިސް، އިމްތިޙާން ހަދައި ނިމުނުއިރުގައި، ކުރީގެ 68 ޕަސެންޓް މިތަނުގައި، މިދިޔަ 2009 ވަނަ އަހަރު 5 މާއްދާއިން ފާސްވި. މިއަދު މިއަހަރު އިމްތިޙާން ނިމުނުއިރުގައި 44 ޕަސެންޓް ކުދިން 5 މާއްދާއިން ފާހެއްނުވޭ. އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ ކަމެއް އެއީ. ވެރިކަން ކުރުމުގެ، ސަރުކާރު ހިންގުމުގެ އަޅުގަނޑުގެ އެއްވެސް ބޭނުމެއް ނެތް، ދަރިންނަށް ރަނގަޅު ތަޢްލީމެއް ނުދެވެންޏަކާއެއް. އަޅުގަނޑުމެން ނުކުމެ މިތިބީ، މި ރާއްޖެ ތަރައްޤީ ކުރަން. މި ރާއްޖޭގެ ތަރައްޤީ ގުޅިފައި އަބަދުވެސް އޮންނާނީ، ދަރިވަރުންގެ، ދަރިންގެ ތަޢްލީމާ. ރަނގަޅު ތަޢްލީމެއް އަޅުގަނޑުމެންނަށް ދަރީންނަށް ނުދެވެނީ ކަމަށް ވަންޏާ، އަޅުގަނޑުމެން މިއެދޭ ބަދަލު ގެންނާން ވަރަށް އުނދަގޫވާނެ.

އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު، މިރަށު ހުރިހާ ރައްޔިތުން ކިބައިން އެދެން. އެހެން ނުހައްދަވާށޭ، ސްކޫލްގެ ކަންތަކަށް ހުރިހާ ބޭފުޅުންވެސް ބައްލަވާށޭ. ކަތީބުވެސް ބައްލަވާށޭ. މެޖިސްޓްރޭޓްވެސް ބައްލަވާށޭ. ކައުންސިލަރުންވެސް ބައްލަވާށޭ. ބެލެނިވެރިންވެސް ބައްލަވާށޭ. އަޅުގަނޑު ކައިރިއަށް އާދޭ، ވަފްދު ހަދައިގެން، ރައީސް، ދަންނަވަންތޯއޭ، މިރަށު ބަނދަރެއް އެއީ، ވަރަށް މުހިންމު ކަމެކޭ، ވަރަށް ބޭނުންކަމެކޭ، އަޅުގަނޑުމެން ރަށުގައި އެންމެ ބޭނުމީ ބަނދަރެކޭ. އަދި ބަނދަރެއް އޮތީތިއްޔާ އޭގެ ފައިކަށްޓޭ. ފައްކަށްޓެއް ހުރެއްޖިއްޔާ، އޭގެ އެއްގަމު ތޮށްޓޭ. އެއްވެސް ބޭފުޅަކު ނާދެ، ތިމަންނަގެ ދަރިފުޅު ފާހެއްނުވިއޭ. އެ ހެޔޮ، ވަރިހަމަ. ކޮން ބަނދަރެއްތޯ ހަދާކަށް. އެ ނެރުން ވަންނަ މީހުންނަށް ތަންދޮރު ނޭނގެންޏާ. ބަނދަރެއްގެވެސް ބޭނުމަކީ، ދަރިންނަށް ކިޔަވައިދިނުން. މަހަށް ދަނީވެސް ދަރިންނަށް ކިޔަވައިދިނުމަށް. ވިޔަފާރި ކުރަނީވެސް ދަރިންނަށް ކިޔަވައިދޭން. އަޅުގަނޑުމެންނަށް މިއިން އެއްކަމެއްވެސްނުވޭ. އަޅުގަނޑުމެންގެ ނަތީޖާ މިރަށުގައި ވަރަށްދެރަ. އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު މިރަށު ރައްޔިތުންގެ ކިބައިން އެދެން. މިފަހަރު އޮތީ ސަރުކާރުގެ ބަޖެޓްގައި ޖަހާފައި، މިރަށުގެ ބަނދަރު ހަދަން. އިރާދަކުރެއްވިއްޔާ މިއަހަރު ހަދާނެ.

އަޅުގަނޑު އައީ އުފަލާއެކު އެވާހަކަ ދައްކަން. ކޮންކަމެއްތޯ ސާޅީސް މިލިއަން ރުފިޔާ ބަނދަރެއް ހަދަން ހޭދަކުރުމުގެ ބޭނުމަކީ. އަޅުގަނޑުމެންގެ ދަރިންނަށް އަޅުގަނޑުމެންނަށް ކިޔަވައިނުދެވެންޏާ. ތަރައްޤީއަކީ ކޮންކްރީޓުން މިނާ އެއްޗެއް ނޫން. އެއީ، ބޮޑުހިލައިގެ ސައިޒުން އަޅުގަނޑުމެން ގުނާ އެއްޗެއްވެސް ނޫން. ތަރައްޤީއަކީ އަޅުގަނޑުމެންނަށް ތަންދޮރު އެނގުން. އަޅުގަނޑު އާދޭހާއެކު، ތިޔަބޭފުޅުންގެ ކިބައިން އެދެން، ކޮބައިތޯ ރަށު ތަރައްޤީއަކީ އަލުން ވިސްނައިދެއްވާށޭ. އަލުން ބައްލަވައިދެއްވާށޭ. އަލުން އިށީންނަވާށޭ. ޢުމްރާނީ ތަރައްޤީއޭ މީގެކުރީގައި ކިޔައި، އެރަށު ބަނދަރަށްވުރެ ބޮޑު ބަނދަރެއް މިރަށުގައި އޮންނަން ޖެހިގެން، އެހިލައަށްވުރެ މިހިލަ ބޮޑުވާންވެގެން، މިއީ ބޭނުން ނެތް ކަމެކޭ އިނގޭތޯ. ބޭނުމީ ދަރިންނަށް ރަނގަޅު ތަޢްލީމެއްދޭން، ތިޔަބޭފުޅުން ބޭނުމީ، ތިޔަބޭފުޅުންގެ ރަށުގެ ތަރައްޤީ ކަމަށްވަންޏާ.

ރަށެއް، ޤައުމެއް، ރައްޔިތަކު ތަރައްޤީއެއް ނުކުރެވޭނެ، އަޅުގަނޑުމެން މިއެދޭ ބަދަލު އެރަށެއްގެ ދަރިވަރުންނަށް ނުލިބޭހާ ހިނދަކު. އިރާދަކުރެއްވިއްޔާ، އަޅުގަނޑު މިހުރިހާ ވާހަކައެއް ދައްކާފައިވެސް، މާއުނގޫދޫގެ ބަނދަރު މިއަންނަ އަހަރު ސަރުކާރުން ހަދައިދޭނަން. އެއީ، އަޅުގަނޑުމެން ކުރާން ނިންމާފައި އޮތް ކަމެއް. އެއްވެސް ހާލެއްގައި މި ސަރުކާރަކީ ބަނދަރު ހަދާ ސަރުކާރެއް ނޫން. އަޅުގަނޑުމެންނަކީ ބަނދަރު ހަދާ ބައެއް ނޫން. އަޅުގަނޑުމެންނަކީ ތަރައްޤީގެ ނާރެސްތަކެއް އުފައްދާ ބައެއް. މި ސަރުކާރުގެ ސިޔާސަތަކީ، މި މާއުނގޫދުއާއި ދެން މިއަތޮޅު އެހެން ރަށްރަށާއި އަދި މި ޕްރޮވިންސްގެ އެހެން ރަށްރަށާވެސް ލާމެހި ގުޅާލުން. އެ ގުޅުމަށްޓަކައި ބޭނުންވާނެ ޓަރމިނަލްތައް. ބަނދަރުތައް. އެހެންވީމާ، މިރަށަށް ބަނދަރެއްވެސް އެބަ އަންނާންޖެހޭ. އަދި ތެދުފުޅެއް، މިރަށުގައި ހުންނާނެ، ވަދާދާ ދެތިން ދޯންޏަކާއި، މަހަށްފުރާވެސް ހައެއްކަ ދޯންޏަކާއި އަދި ދެތިން ބޮއްކުރައަކާއި ބައްތެއްޔެއް. މި އެއްޗެހި އަމާން ބަނދަރެއްގައި އެއްގަންކޮށް ބަހައްޓަންޖެހޭ. އެހެންވީމާ، އެއްޗެހި އަޅާފައި އޮންނަ ތަނެއް އެބަ ބޭނުންވޭ. އެކަމަކާ އަޅުގަނޑު އިންކާރު ކުރަނީކީއެއް ނޫން. އެހެން ނަމަވެސް، އަޅުގަނޑު މިދަންނަވާ ވާހަކައަކީ، ތިޔަބޭފުޅުން، އެ ބަނދަރެއްގައި އަޅައިގެންފައި ތިހުރި މިންވަރަށް، އާދޭސްކޮށްފައި މިދަންނަވަނީ، މަދްރަސާގައި އަޅައިގެންބަލާށޭ. އޭރަށް އިސާހިތަކު ތިޔަބޭފުޅުން ބަދަލުވެދާނެއޭ. އިސާހިތަކު، ބޭނުމީ މުއްސަނދިކަން. ބޭނުމީ ޖީބަށް ވަންނަ ފައިސާ އިތުރުކުރުން. ބޭނުމީ އަޅުގަނޑުމެން ތަނަވަސްވާން. ބޭނުމީ މިއަދު އަޅުގަނޑުމެންނަށް ލިބޭ އެއްޗަށްވުރެ ރަނގަޅު އެއްޗެއް މާދަމާ ލިބެން. އެ ލިބުމަށްޓަކައި ހަމަ ކުރާން އޮތްހާވެސް ކަމަކީ، ދަރިންނާ އަޅާލުން.

އަޅުގަނޑު އަބަދުވެސް ދަންނަވަން، އިއްޔެ ނިމިއްޖެއޭ. މިއަދު މިއޮތީ މިހާރު ނިމޭށޭ. ހޯދެން އަޅުގަނޑުމެންނަށް އޮތީ މާދަމާ. މުސްތަޤްބަލެއް ނޫން އެއްޗެއް އަޅުގަނޑުމެންގެއެއް ނެތް. އެނޫން ހުރިހާ އެއްޗެއް ގެއްލިއްޖެ. މާޒީވެ ނިމިއްޖެ. ވަގުތަކީ މިދެންނެވި ބާވަތުގެ އެއްޗެއް. ހޭދަވާ އެއްޗެއް. އަޅުގަނޑުމެންނަށް ހޭދަނުވެ އޮންނާނީ ނުފެށޭ ވަގުތު. ނުފެށޭ ވަގުތު ހޯދާން އަޅުގަނޑުމެން އެދެނީނަމަ، އަޅުގަނޑުމެންގެ މުސްތަޤްބަލް ހޯދާން އަޅުގަނޑުމެން އުޅެން ޖެހޭނީ. އަޅުގަނޑު ދަންނަވާނީ، މާއުނގޫދުއަށް އިރާދަކުރެއްވިއްޔާ، ބަނދަރުވެސް ހެދި، އަދި އަޅުގަނޑު އުންމީދު ކުރަނީ، މާއުނގޫދޫ މަދްރަސާވެސް ފުރިހަމަވެގެންދާނެ ކަމަށް. އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތް ގޮތުގައި، އިރާދަކުރެއްވިއްޔާ، މި ފެބްރުއަރީ މަސް ނިމުމުގެ ކުރީގައި، މިރަށުން ކޮންމެ ދުވަހަކު އެއްފަހަރު ފެރީ ފުރާނެ. އަދި ކޮންމެ ދުވަހަކު އެއްފަހަރު މިރަށަށް ފެރީ އަންނާނެ.

ޕާޓީގެ ވަޢުދަކަށްވެފައި އޮތީ، ދަތުރުފަތުރުކުރުމުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ލާމެހި ގުޅާލުން. އަޅުގަނޑުމެން ވަޢުދުވެފައިވާނީ، 7 އަހަރު ދުވަހުގެ ތެރޭގައި، މިދެންނެވި ނިޒާމް ޤާއިމް ކުރުން. ފުރަތަމަ ދެއަހަރު، އޭގެ އަސާސީ ޚިދްމަތްތައް ފޯރުކޮށްދިނުމަށް. މިހާރު އެދެއަހަރު ނިމުނީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ، ދާދި އަވަހަށް މިރަށަށް ދުވާލަކު އެއްފަހަރު ފެރީ އަންނަން ފަށާނެ.

އަޅުގަނޑުމެންނަށް ފެބްރުއަރީ 5 ވަނަ ދުވަހު ބިންގާ މި އެޅެނީ، މިރަށުގެ ތަރައްޤީގެ އެންމެ ވަރުގަދަ މުއައްސަސާ. އެންމެ މުހިންމު މުއައްސަސާ. ރައްޔިތުންނާ ގާތުން، ރައްޔިތުންނަށްޓަކައި، ރައްޔިތުންގެ ކަންކަން ކޮށްދިނުމަށްޓަކައި، ރައްޔިތުންގެ ތެރެއިން ބަޔަކު އިންތިޚާބުކޮށް ނެރުމަކީ، އަޅުގަނޑުމެން އަބަދުވެސް ކުރި އުންމީދެއް. މިޕާޓީން އަބަދުވެސް ވަކާލާތު ކުރަމުން ގެންދިޔަ، ޕާޓީގެ ސަރުކާރެއްގައި، ކަތީބުންނަކީ އިންތިޚާބުކުރާ ބަޔަކަށް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ހަދާނަމޭ. އަޅުގަނޑުމެންގެ ބަސްތައް ހުރީ މިދެންނެވި ގޮތަށް. ހަމަގައިމުވެސް 2004، 2005، 2006، 2007، 2008، މިއިން ކޮންމެ އަހަރެއްގައި އަޅުގަނޑު ވާހަކަ ދެއްކި އެއްވެސް ތަނެއްގައި، އިރާދަކުރެއްވިއްޔާ މި ޕާޓީގެ ސަރުކާރެއްގައި، ކަތީބުންނަކީ އިންތިޚާބުކުރާ ބަޔަކަށް އަޅުގަނޑުމެން ހަދާނަން. އެ ޖުމްލަ ނުލައި އަޅުގަނޑު ވާހަކަ ދައްކާފައެއް ނުހުންނާނެ.

ލާމަރްކަޒީ އުޞޫލުން ކަންކަން ހިންގުމަކީ، އެމް.ޑީ.ޕީ.ގެ ފިކުރެއް. ޤާނޫނުއަސާސީ އިޞްލާޙްވެގެން އައިއިރުގައި، އެއަކު ނެތް ލާމަރްކަޒީ އުޞޫލުގެ ވާހަކައެއް. އޭގެ އަސާސީ ސިފަތަކާއި އުޞޫލުތައް ނިންމުނުއިރު. އޭގައި އޮތީ ދިވެހި ދައުލަތަކީ ޔުނިޓަރީ ދައުލަތެކޭ. 8 ވަނަ ބާބަކީ ވަރަށްފަހުން އަޅުގަނޑުމެންގެ އައްޑުއަތޮޅު ޢިއްޒަތްތެރި މެންބަރު މުޙަންމަދު އަސްލަމާއި، އަޅުގަނޑުމެންގެ ކޮޅުމަޑުލު ޢިއްޒަތްތެރި މެންބަރު ޙުސައިން ރަޝީދު ޙަސަން ހުށަހެޅުއްވި ބާބެއް. މިއަދު އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ، މިދެންނެވި 8 ވަނަ ބާބަށް ދިރުން ދިނުމަށް. 8 ވަނަ ބާބު، ލާމަރްކަޒީ އުޞޫލު، މި ރަށްރަށުގައި އަށަގެންނެވުން. މިތަނުގައިވެސް ވަރަށްގިނަ އަޑުއަޑު ހުންނާނެ. އެއީ ތިމަންނާ ކުރި ކަމެކޭ. މިލްކިއްޔާތުގެ މައްސަލަ. އަޅުގަނޑު މިކަމުގައިވެސް ދަންނަވާނީ، އާދޭހޭ، އަޅުގަނޑު ދެނަހުރިވެސް ކަމެއް ނޫނޭ. އަޅުގަނޑުމެންގެ އެއްވެސް މައްސަލައެއް ނެތޭ، ކޮންމެ މީހަކު އެކަން ކުރިޔަސްވެސް. އެހެން ނަމަވެސް، އެއީ ކޮން ކަމެއްކަން ނޭނގޭން ފެށީމާ ދެން އަޅުގަނޑުވެސް ކަންބޮޑުވޭ. ތިމަންނާކުރި ކަމެކޭ، ލާމަރްކަޒީ އުޞޫލަކީ. ޑީ.އާރު.ޕީ.ގެ ނުވަތަ އެހެން ޕާޓީއެއްގެ ފިކުރެކޭ، ވިސްނުމެކޭ، އެހެން ވިދާޅުވާއިރުގައި، އަދި އިތުރު ދެޖުމްލަ ވިދާޅުވެދެއްވިއްޔާ ރަނގަޅު. އެއީ މިހެން ކުރާ ކަމެކޭ. މިތަނުން ވާދަވެރި ޕާޓީއެއްގެ ކެންޑިޑޭޓް ގާތުގައި ތިޔަބޭފުޅުން ގޮސް އައްސަވަބައްލަވަ، ކައުންސިލަކީ ކިހިނެއް އޮންނަ ތަނެއްތޯ. ކޮންތާކު، ކޮންތާކުތޯ އެތަނުގެ ގޮނޑިތައް ބަހައްޓާފައި ހުންނަނީ. ކިހިނެއްތޯ. އެތަނުން ކުރާނީ ކޮންކަމެއްތޯ އައްސަވަބައްލަވާ. އެއީ ކިހިނެއް އޮންނަ ތަނެއްތޯ. އަޅުގަނޑު ދުށިން، ބައެއް ރަށްރަށުގައި ފޮޓޯއެއްގައި، ގޮނޑިއެއްގެ ފޮޓޯ ޖަހާފައި ހުންނާނީ. އަޅުގަނޑު ދުށިން، ބައެއް ރަށްރަށުގައި، ރަށުގެ ތަރައްޤީއަށް އަޅުގަނޑޭ. ފެން ނަރުދަމައަށް އަޅުގަނޑޭ. ރަށު ބަނދަރަށް، ފައިކަށްޓަށް އަޅުގަނޑޭ. އެއްގޮތަކަށްވެސް ފައިކަށި ހަދާކަށް، އެހެން ކުރަން އުޅޭ ކަމެއް ނޫން. ބައެއް ބޭފުޅުންނަށް ހީފުޅުވެލައްވަނީކަންނޭނގެ، މިއުޅެނީ ރ.ކ. ކޮމިޓީ އަލުން އިންތިޚާބު ކުރާށޭ. ނުވަތަ ޖިންސުއްލަޠީފުންގެ ރޫޙު މިރަށުގައި އުފައްދާށޭ. އެއިން އެއްވެސް ކަމެއް ކުރާކަށް ނޫން އަޅުގަނޑުމެން މިއުޅެނީކީ. މިއުޅެނީ މިރަށުގެ ތަރައްޤީއަށްޓަކައި މުހިންމު މުއައްސަސާއެއްގެ ބިންގާ އަޅަން. އެއީ ވަކިގޮތަކަށް ކުރާ ކަމެއް. އަޅުގަނޑުމެންނަށް އެނގޭ އެކަން ކުރަންވާގޮތް. އަޅުގަނޑުމެންނަށް އެނގޭ، ވާދަވެރި ފަރާތްތަކަށް ޖާގަދީގެން، ޞުލްޙަވެރި ސިޔާސީ ޙަރަކާތް ހިންގުވަން. އެއީ، އަޅުގަނޑުމެން ވަރަށް ފަރިތަކަމެއް.

އަޅުގަނޑު ކަންބޮޑުވަނީ، މިސާލަކަށް، 1979 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލިސް ހުޅުވި ތަޤްރީރުގައި، ކުރީގެ ރައީސް ވިދާޅުވި އިބްރާހީމް ނާޞިރު ވައްކަން ކުރެއްވި ވާހަކަ. އިބްރާހީމް ނާޞިރު މީހުންނަށް އަނިޔާ ކުރެއްވި ވާހަކަ. އިބްރާހީމް ނާޞިރަށް އެވެނި މިވެނި ގޮތެއް ހަދަންވީ ވާހަކަ. މުޅި ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ތަޤްރީރު އެކީގައި 1979ގައި. 1980 ވަނަ އަހަރު އަނެއްކާ ނާޞިރުގެ އިތުރުން، އޭނާގެ، އެބޭފުޅާގެ ޅިޔަނުންގެ ވާހަކަ. ކެރަފާ ނަސީމްގެ ވާހަކަ. އަދި ފަހުން އައިސް، ވެލާނާ މަރުކާގެ ހުރިހާ އެންމެންގެ ވާހަކަ. ދެން މުޅި ރަށް، މުޅި ޤައުމު އޮތީ ރުޅިވެރި ކަމުގައި. މުޅި މާލޭގައި އެކެއް އަނެކަކަށް ހުތުރު އެއްޗެހި ކިޔަމުން، ލަވަ ހަދަމުން، ބަދު ބަސް ބުނަމުން، ޣީބަ ބުނަމުން، ނެތިމޮށެމުން ހަމަ ހިނގަނީ. މިއީ ހައްތަހާވެސް ރަނގަޅު ކަންތައް. ވާދަވެރި ސިޔާސީ ނިޒާމް އޭރުގައިވެސް ޤާއިމް ކުރެވެން އޮތް. އަބަދުވެސް މި ރާއްޖޭގައި ޤާއިމް ކުރަން އޮވޭ. މިއަދުވެސް ހަމަ އޭރު ޤާނޫނުލްޢުޤޫބާތް އޮތްގޮތަށް އެބައޮތް. މިބައްދަލުވުމަށް ނުވަތަ ވާދަވެރި ޕާޓީއެއްގެ ޖަގަހައެއް ބަންދުކޮށްލާކަށް އެއްވެސް ކަމެއް ނޫން. ހުރިހާ ޤާނޫނެއް އެބައޮތް. މުޅިން ޣައިރު ޤާނޫނީ ކަންތައް ކަމަށް ބުނެ، ހުރިހާ ތަނެއް ބަންދުކުރެވިދާނެ. އަދި ހަމަ މިރަށުންވެސް ދިހަވަރަކަށް މީހުން ގެންގޮސް ހައްޔަރުކޮށްލީމާ، މާލޭންވެސް ފަންސާހަކަށް މީހުން ގެންގޮސް ހައްޔަރުކޮށްލީމާ، ދެތިން މީހަކު އަނދަގޮނޑި ޖަހާފައި، ހައެއްކަ މީހުން ބިޑިއަޅުވާފައި މަގުމަތީގައި ހިންގާލީމާ، ހަމަ މި ރާއްޖެ ވާނީ މި ރާއްޖެއަށް. އަޅުގަނޑު ދަންނަ ތަނެއް މިއީ. މިތަނުގެ ތާރީޚުވެސް އަޅުގަނޑު ދަންނަން. މިތަން މިއަދު އޮތްގޮތްވެސް އަޅުގަނޑު ދަންނަން. މިތަން މާދަމާ ވާންއުޅޭގޮތްވެސް، އަޅުގަނޑުމެންނަށް އޭގެ ތަޞައްވުރެއް އެބައޮތް.

އަޅުގަނޑު މިދަންނަވާ ވާހަކައަކީ، 5 ފެބްރުއަރީގައި ތިޔަބޭފުޅުން ތިޔަ އިންތިޚާބު ކުރައްވާ ކައުންސިލަކީ، މިރަށުގެ ތަރައްޤީއަށްޓަކައި ޞުލްޙަވެރި ސިޔާސީ ޙަރަކާތް ހިންގާ ކައުންސިލެކޭ. ޑީ.އާރު.ޕީ އަށްވެސް، އެމް.ޑީ.ޕީ.ވެސް އެއްބަޔަކު އަނެއް ބަޔަކަށް، ތާކުންތާކު ނުޖެހޭ ޒުވާބު ނުކުރައްވާށޭ. ސިޔާސީ ވާހަކަ ދައްކަވާށޭ. ރަށުގެ ތަރައްޤީގެ ވާހަކަ ދައްކަވާށޭ. އަޅުގަނޑުމެން ވަޢުދުވަން. އެބޭފުޅުންވެސް ވަޢުދުވާންވީ. އަޅުގަނޑުމެން ވަޢުދު ފުއްދުމަށް ސިޔާސަތު ކަނޑައަޅަން. އެސިޔާސަތު ބަދަލުކޮށް، އެ ސިޔާސަތު ހިންގުމަށްޓަކައި ދައުލަތުގެ ބަޖެޓް އަޅުގަނޑުމެން ފާސްކުރަން. ދެން އަޅުގަނޑުމެން ބަޖެޓާ އެއްގޮތަށް ކަންކަން ތަންފީޛު ކުރަމުން ގެންދަނީ. އެކަންކަން ތަންފީޛު ކުރުމަށްޓަކައި، މިބޭނުންވަނީ ލޯކަލް ކައުންސިލެއް. ބަޖެޓް ތަންފީޛު ކުރުމަށްޓަކައި. ބަޖެޓް އެކުލަވައިލުމުގައި، ސަރުކާރާ އެކުގައި ލަފާ، ސަރުކާރަށް ލަފާދިނުމަށް ބޭނުންވަނީ ކައުންސިލެއް. ސިޔާސަތު ކަނޑައެޅުމަކު ނޫން. ސިޔާސަތަކީ ޕާޓީތަކުގެ މެނިފެސްޓޯ. އެއީ ރިޔާސީ އިންތޚާބުގައި ނިންމާ މައްސަލައެއް. ރިޔާސީ އިންތިޚާބަށް މި ނުކުންނަނީ، އެ 5 އަހަރުގެ ސިޔާސަތާ އެކުގައި. އަޅުގަނޑުމެން، މި ރާއްޖޭގެ އިޤްތިޞާދީ ހިންގުން ބަދަލުކުރުމަށް މިގެންގުޅޭ ސިޔާސަތުތަކާއި، އަޅުގަނޑުމެން މި ރާއްޖޭގެ އިޖްތިމާޢީ ތަރައްޤީއަށްޓަކައި މިގެންގުޅޭ ސިޔާސަތުތަކާއި، އަޅުގަނޑުމެން މި މާއުނގޫދޫގެ ތަރައްޤީއަށް މިގެންގުޅޭ ވިސްނުމަށް އަޅުގަނޑު މިއެދެނީ ތިޔަބޭފުޅުން ތާއީދު ދެއްވާށޭ. ތިޔަބޭފުޅުން އަޅުގަނޑުމެންނާއެކުގައި މަސައްކަތް ކޮށްދެއްވާށޭ. އަޅުގަނޑުމެންނަކަށް، މި ސަރުކާރަކަށް ތިޔަބޭފުޅުންގެ ވަކީލެއް ނުލިބުނު. އެބޭފުޅާގެ ބޭނުމަކަށެއްނުވޭ، މިރަށުގެ ތަރައްޤީއަށްޓަކައި އަޅުގަނޑުމެންނާއެކުގައި މަސައްކަތް ކުރާކަށް. އެބޭފުޅާގެ ބޭނުމަކީ، ޑީ.އާރު.ޕީ.ގެ ޒަޢީމް އަލުން އަނބުރާ ވެރިކަމަށް ގެނައުން. މިރަށުގެ ތަރައްޤީއެއް ނޫން.

އަޅުގަނޑު މިއެދެނީ، ވަރަށް އިޚްލާޞްތެރިކަމާއެކުގައި، މިރަށުގެ ތަރައްޤީއަށް. އަޅުގަނޑު ވެރިކަމުގައި ބަހައްޓާނެ އެމް.ޑީ.ޕީ މީހުންނެއް ނޫން، އަޅުގަނޑު ބޭނުންވަނީ. އަޅުގަނޑު ހުންނާނެ. އަޅުގަނޑުމެން ބޭނުންވެގެން މިއުޅެނީ، މިރަށުގެ ތަރައްޤީއާއި ކައުންސިލަރ ހޯދުމަށް. އަޅުގަނޑަށް އެނގޭ، އެކަން ތިޔަބޭފުޅުން ކުރައްވާނެކަން.

އަޅުގަނޑުގެ ދުޢާއަކީ، މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް، މި މާއުނގޫދުއަށް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحَمْـدُ لِلّـهِ. والســّلام عليــكم.
_______________________