بســم اللّـه الرّحمـن الرّحيــم


ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީ.ގެ ރައީސް އޮނަރަބްލް އިބްރާހީމް ޙުސައިން ޒަކީ، ޕާޓީގެ ޗެއަރޕަރސަން އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ، ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ މޫސާ މަނިކު، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނާއި، އަދި ވަކިން ޚާއްޞަކޮށް، މި ފުނަދޫގެ ލޮބުވެތި ރައްޔިތުން.

السّـلام عليـكم

އަޅުގަނޑު މިރޭ އަނެއް ދެބޭފުޅުންގެ ވާހަކަ ދެއްކުމުގެ ވަގުތުކޮޅުވެސް ނެގުމަށްޓަކައި، އެދެބޭފުޅުންގެ އިޒުނައާ އެކީގައި، އެދެބޭފުޅުންނާ ވާހަކަ ދައްކާފައި، އަޅުގަނޑު މިއައީ. އެހެންވީމާ، އަޅުގަނޑު ތިޔަބޭފުޅުންގެ ކިބައިން މަޢާފަށް އެދެން. އަޅުގަނޑަށް ޔަޤީން، އަޅުގަނޑަށްވުރެ ބޮޑަށް ތިޔަބޭފުޅުން މާބޮޑަށް އަޑުއައްސަވަން ބޭނުންވެލައްވާނެ، މޫސައާއި މާރިގެ ވާހަކަތައް. އެހެން ނަމަވެސް، ރޭ ދަންވެފައި ހުރުމާއި، އަދި އަޅުގަނޑުގެ ހިތުގައިވެސް ބުނެލާންހުރި ބައެއް ވާހަކަ ހުރުމާއެކީގައި، އަޅުގަނޑު އަމިއްލައަށް މި ތަޢާރުފްވެ، އަދި އަމިއްލައަށް މިމަސައްކަތް ކުރާން މިފެށީ.

މީގެ ދެއަހަރު ކުރީގައި، މި ޕާޓީގެ ފަރާތުން މިރަށުގައިވެސް އަދި ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ފާހަގަކުރަމުން ގެންދިޔައީމު ނުކުތާއެއް. މި ޕާޓީގެ ފަރާތުން ރާއްޖޭގެ އެންމެ ރައްޔިތުންނަށް ހުށަހަޅަމުން ގެންދިޔައީމު ސުވާލެއް. އަޅުގަނޑުމެން ފާހަގަކުރިން، މި ރާއްޖެ އެހިނދު އޮތީ، ހަތަރު އަނގޮޅިއެއްގެ ކަންމަތީގައޭ. އެދުވަހު އަޅުގަނޑުމެންނަށް އޮތޭ ޚަރާބުގެ މަގު ޚިޔާރު ކުރެވެންވެސް. އަޅުގަނޑުމެންނަށް އޮތޭ، މުޅިން އެހެން ގޮތެއް، އެހެން ދިވެހިރާއްޖެއެއް، އަނެއް ދިވެހިރާއްޖެ ހޯދެން. އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުން ވަރަށް ތަނަވަސް އަޣްލަބިއްޔަތަކުން ނިންމެވީ، މި ރާއްޖޭގެ ރައްޔިތުން ބޭނުމީ އެހެން ގޮތެކޭ. އަނެއް ދިވެހިރާއްޖެއޭ. އެހެންވީމާ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ސަރުކާރެއް، މި ރާއްޖޭގައި އުފެދިގެން އައީ، މި ރާއްޖޭގައި ފުރަތަމައަށް ބޭއްވުނު ގިނަ ޕާޓީ އެކުލެވޭ ރިޔާސީ އިންތިޚާބަށްފަހުގައި. އެތައް ޒަމާނެއް ވަންދެން، ރާއްޖޭގެ ވެރިކަން ކުރައްވާން ތިއްބެވި ބޭފުޅުންނާއި، އެބޭފުޅުން ވެރިކަން ކުރެއްވި ގޮތް ބާޠިލްކޮށް، މި ޕާޓީގެ ރިޔާސަތެއް މި ރާއްޖޭގައި އުފެދުނީ. މި ޕާޓީ، ދިވެހި ސަރުކާރު ހިންގުމާ ޙަވާލުވީ، އަޅުގަނޑުމެންގެ ތަޞައްވުރެއް އޮވެގެން. އަޅުގަނޑުމެންގެ ފިކުރެއް އޮވެގެން. އަޅުގަނޑުމެންގެ ޚިޔާލާތެއް ހުރެގެން. މި ޕާޓީ، މި ރާއްޖޭގެ ވެރިކަމާ ޙަވާލުވީ، މި ރާއްޖެ ތަރައްޤީ ކުރުމަށް އަޅާންހުރި ފިޔަވަޅުތަކަކީ ކޮބައިތޯ ފިސާރި ރަނގަޅަށް އެނގިތިބެ. އަދި ފިސާރި އިތުބާރާ އެކީގައި، އެ ފިޔަވަޅުތައް އެޅުމަށް.

މި ޕާޓީގައި އޮތް މި ފުނަދޫ ތަރައްޤީ ކުރުމަށް އަޅުގަނޑުމެން އުންމީދުކުރާ ގޮތެއްވެސް. މި ޕާޓީ ރާއްޖޭގެ ރައްޔިތުންގެ އަޑު އެހިން. އަޅުގަނޑުމެން ކިތަންމެ ރަށަކަށް ޒިޔާރަތް ކުރިން. އެތައް ގެއަކަށް ވަނިން. އެތައް ބަޔަކާ ވާހަކަ ދެއްކިން. ކިތަންމެ ބަޔަކާ މަޝްވަރާކޮށް، ޚިޔާލު ބަދަލުކޮށް، އެތައް ތަނެއްގައި އަޑު އުފުލައި، ކިތަންމެ ގޮތަކަށް އެއްވިން. އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުންގެ އަޑު އެހިން. ޕާޓީގެ ފަރާތުން އެހި އަޑުތައް ފުރޭނިގެން އައިސް، އެންމެފަހުން އޭގެ ޢަރަޤު، އޭގެ މަދު ވެގެންދިޔައީ، މި ޕާޓީގެ ވަޢުދުތަކަށް. އަޅުގަނޑުމެން ނޫން ބައެއް ވަޢުދެއްނުވާނެ. އަދި މިހާތަނަކަށްވެސް ނުވެސްވޭ. ކުރިއަށް މިއޮތް ރަށު ކައުންސިލް އިންތިޚާބުގައިވެސް މި ޕާޓީ ނޫނިއްޔާ، ރައްޔިތުންނަށް ވަޢުދުވާ ބައެއް ނޫޅޭނެ. އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުންނަށްވީ ވަޢުދުތަކަކީ، ފަހުން އައިސް މި ރާއްޖޭގެ ޤައުމީ ތަރައްޤީގެ އޮނިގަނޑު. އަދި މި ސަރުކާރުގެ ސިޔާސަތު. އެ ވަޢުދުތަކަކީ، އެވަޢުދުތައް ފުއްދުމުން، މި ރާއްޖެ ބަދަލުވާނެ ކަންކަން. އަޅުގަނޑުމެންގެ ޙަޔާތް ބަދަލުވާނެ ކަންކަން. އަޅުގަނޑުމެންގެ ދިރިއުޅުން ތަނަވަސްވެދާނެ ކަންކަން. އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑުމެންގެ ބޭނުމަކީ، ފުނަދޫގެ ތަރައްޤީ. އަޅުގަނޑުމެންގެ ބޭނުމަކީ، ރާއްޖޭގެ ކުރިއެރުން. އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނީ، ތިޔަބޭފުޅުން މުއްސަނދި ކުރަން. ޢާންމު ޙާލަތު ރަނގަޅު ކުރަން. ތަރައްޤީއަކީ އެއްވެސް ހާލެއްގައި، އެޅޭ ބޮޑު ބިނާއެއް ނޫން. އަޅާ ބޮޑު ޢިމާރާތެއް ނޫން. ތަރައްޤީއެއް ނުމިނާނެ ބޮޑި ހިލައަކުންނެއް. ތަރައްޤީއެއް ނުމިނާނެ އެއްގަމު ތޮށްޓަކުންނެއް. ސަހަރާ ވަށާ ފާރަކުންނެއް. ތަރައްޤީ މިނާނީ އަޅުގަނޑުމެންނަށް ފުނަދުއަށްވާ މީހާއަށް، ފުނަދޫ މީހާއަށްވާ ގޮތުގެ މައްޗަށް ބިނާކޮށް. އޭނާ ތަރައްޤީވާނީ. ފުނަދުއެއް ނޫން ތަރައްޤީވާނީ. ތަރައްޤީ ކުރާން މިޖެހެނީ މިރަށު މީހާ. ބަދަލުވާން މިޖެހެނީ، މިރަށުގެ މީހާ. އޭނާ ބަދަލުވީމާ، އޭނާ ނުކުމެ ކުރާ ކަމެއް ތަރައްޤީއަކީ. އޭނާއަށްވާ ގޮތެއް ތަރައްޤީއަކީ.

މި ޕާޓީއަށް އަބަދުވެސް އެނގިހުރި ކިތަންމެ ޙަޤީޤަތެއް އެބަވޭ. 2008 ވަނަ އަހަރާ އަޅުގަނޑުމެން ޖެހުނުއިރު، މިރަށުގެ، މި ފުނަދޫގެ އާބާދީގެ ކޮންމެ ތިންމީހުންކުރެ އެކަކީ، އޭނާއަށް ރެޔާދުވާލަށް ދިހަ ބާރަ ރުފިޔާ، އާމްދަނީގެ ގޮތުގައި ނުލިބޭ މީހެއް. ނިކަމެއްޗެއް، ފަޤީރެއް. ޤައުމެއް ތަރައްޤީވެއެއް ނުދާނެ، އެ ޤައުމެއްގެ ރައްޔިތުންގެ ގިނަ މީހުންނަކީ ނިކަމެތިންގެ ގޮތުގައި ތިބޭހާ ހިނދަކު. ތަރައްޤީއަށްޓަކައި ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަން ކޮންމެހެންވެސް ބޭނުން. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީ ދުށް، ރާއްޖޭގެ އެތައް ރައްޔިތުންނެއް، އެމީހުންގެ ބޭސްފަރުވާއަށް، ބޭސް ސިޓީ ހިފައިގެން، އެއް މަހުޖަނެއްގެ ގާތުން، އަނެއް ސާދާގަރެއް ގާތުން، އަނެއް މަހުޖަނެއް ގާތުން ސަލާން ޖަހަމުން ހިނގި ދުވަސް. އޭނާއަށް ޑޮކްޓަރަކަށް ދެއްކުނު ނަމަވެސް، އެ ޑޮކްޓަރު ދިން ސިޓީގައި ލިޔެފައި އޮތް ބޭސް، އޭނާއަށް ހޯދެން އަންނަނީ، ނުހަނު ބުރަ މަސައްކަތުން. ކިތަންމެ އާދޭހެއް ކޮށްގެން، ކިތަންމެ ސަލާމެއް ޖަހައިގެން. ބައެއްފަހަރަށް ތީމުގޭގެ ވެލްފެއަރ ފަންޑުން ދެކޮޅު ޓިކެޓާއި އަދި 200 ޑޮލަރު ދެއްވާ. އެގޮތަށްވެސް އަޅުގަނޑުމެން ބޭނުންވާ ކަންކަން އެއިން ފުއްދިފައި ނޯންނަކަން އެއީ، އަޅުގަނޑުމެންނަށް އެނގިހުރި ޙަޤީޤަތެއް.

ޕާޓީއަށް ވަރަށް ބޮޑަށް ސާފުވޭ، އަދި ސަރުކާރު ހިތުގެ އަޑިން ގަބޫލުކުރޭ، މިއަދުވެސް މި ރާއްޖޭގައި ދެވޭ ކިތަންމެ ޚިދްމަތަކީ، އަޅުގަނޑުމެން އެންމެ އެދޭ މިންވަރަށް ދެވޭ ޚިދްމަތް ނޫންކަން. އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުން އެދެނީ، މިއަށްވުރެ މާ ފުރިހަމައަށް އެ ރައްޔިތުންނަށް ޚިދްމަތް ދިނުމަށް. ޞިއްޙީ ޚިދްމަތްވެސް، މަދްރަސާގެ ކިޔެވުންވެސް، ނަރުދަމާގެ ނިޒާމުވެސް، ބޯފެން ފޯރުކޮށްދިނުންވެސް، އެންމެ ކަންތައްވެސް. މިއަދު މިއޮތް މިންވަރަކީ އެއްވެސް ހާލެއްގައި އަޅުގަނޑުމެން ހިތް ޙަލާލުވާ މިންވަރެއް ނޫން. ޕާޓީއަށް އެނގި އޮތް އަނެއް ޙަޤީޤަތަކީ، މިދެންނެވި އަޅުގަނޑުމެންނަށް ކަމުނުދާ، އަޅުގަނޑުމެން ހިތް ޙަލާލުނުވާ ޚިދްމަތްތަކަށްވެސް، މި ރަށުގެވެސް ކޮންމެ ތިންމީހުންކުރެ އެކަކަށް، ތިންބައިކުޅަ ރައްޔިތުންނަށް އަތެއް ނުފޯރައޭ. އެމީހުންނަކަށް އޭގެނެއް ފަރުވާއެއް ލިބޭކަށެއް، ޝިފާއެއް ހޯދޭކަށެއް ނެތޭ. އެހެންވީމާ، ޕާޓީން، ޕާޓީގެ ސާދާބަހުން ވަޢުދުވީ، އިރާދަކުރެއްވިއްޔާ، މިޕާޓީގެ ސަރުކާރެއްގައި، ރާއްޖޭގެ ރައްޔިތުން ބޭސް ސިޓީއަށް ސަލާންޖަހާ ޖެހުން އަޅުގަނޑުމެން ނައްތާލަދޭނަމޭ.

މަދަނައިގެ ވިއުގަ އުފެދިގެން އައީ މިދެންނެވި ހިސާބުން. އަޅުގަނޑަށް މިރޭ ހިތްހަމަޖެހުން ލިބެނީ، މި ފުނަދޫގެ ރައްޔިތުންގެ ތެރެއިން 327 މީހަކު މިއަދު މަދަނައިގައި ރަޖިސްޓްރީ ވެފައިވާތީވެ. އަޅުގަނޑަށް ހިތްހަމަޖެހުން ލިބެނީ، މި ސަރުކާރަށް އުފާވެރިކަން ލިބެނީ، މި ޕާޓީއަށް ހިތްވަރު ލިބެނީ، މި ފުނަދުއަށް ރައްޔިތުންގެ ބޭސް ސިޓީއަށް ބޭސް ހޯދުމަށްޓަކައި މިދިޔަ އަހަރު ފަސްލައްކަ ނުވަދިހަ ތިންހާސް ރުފިޔާ ޚަރަދު ކުރެވިފައި އޮތީތީވެ. މިދެންނެވި ފަސްލައްކަ ރުފިޔާއަކީ، އެއްވެސް ހާލެއްގައި މިތާ ހޮސްޕިޓަލްގެ ނުވަތަ ހެލްތް ސެންޓަރުގެ މުވައްޒަފުންނަށް މުސާރަ ދިނުމަށް ކުރެވެނު ޚަރަދެއް ނޫން. އެތަނުގެ ފެންބިލް، ކަރަންޓް ބިލް، ފޯނުބިލް ދައްކަން ކުރެވުނު ޚަރަދެއްވެސް ނޫން. ފޮތް، ފަންސުރު، ގަލަން ގަންނަން ކުރެވުނު ޚަރަދެއްވެސް ނޫން. އެތަނުގެ ވަށާފާރުގައި ކުލަލާން ކުރެވުނު ޚަރަދެއްވެސް ނޫން. އެއީ ހަމަ ސީދާ ބޭސް ސިޓީއަށް، ފުނަދޫ ރައްޔިތުންގެ ތެރެއިން ބޭސް ފަރުވާ ބޭނުންވާ ރައްޔިތުންގެ ބޭސް ސިޓީއަށް ބޭސް ހޯދައިދިނުމަށް ކުރެވުނު ޚަރަދު. މެޓާ ގަންނަން ކުރެވުނު ޚަރަދެއްވެސް ނޫން. ސީދާ ބޭސް ސިޓީއަށް ކުރެވުނު ޚަރަދު. ތިޔަބޭފުޅުން ބައްލަވާ، އަމިއްލައަށް ނިންމަވާ، މީގެކުރީގައި އަޅުގަނޑުވެސް ގަބޫލުކުރަން، ވެލްފެއަރ ފަންޑު އޮންނަ ކަމަށް. އެކަމަކު މިއަދު އަޅުގަނޑަށް އެނގެނީ، އެ ފަންޑުން 2007 ވަނަ އަހަރުވެސް 1200 މީހުންނަށްވެސް އެހީތެރިކަން ފޯރުކޮށްދެވިފައި ނެތޭ. މިއަދު މަދަނައިގައި ފަސްދޮޅަސްހާސް މީހުން ރަޖިސްޓްރީވެފައި އެބައޮތް. މިދިޔަ އަހަރު އެއިން ތޭވީސްހާސް މީހުންނަށް ހަތްދިހަ މިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާގެ ބޭސްފަރުވާ ކޮށްދެވުނު.

އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބެނީ، މި ޕާޓީއަށް އުފާވެރިކަން ލިބެނީ، މި ސަރުކާރަށް ޖޯޝް އަންނަނީ، މިދެންނެވި ފުނަދޫ 327 މީހުންނަށް މަދަނައިގައި ރަޖިސްޓްރީވެފައިވާ، ކޮންމެ މީހަކަށް، މާލިއްޔަތުގައި 2011 ވަނަ އަހަރު އެއްލައްކަ ރުފިޔާ ބޭސްފަރުވާއަށްޓަކައި ރައްކާ ކުރެވިފައި އޮތީތީވެ. އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑުމެންގެ ބޭނުމަކީ، މިރަށު ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުން. ފުނަދޫ ރައްޔިތުންނަށް ގޮތެއް ހޯދައިދިނުން. ފަޤީރުކަމުން އެމީހުން ސަލާމަތްވެވޭނޭ ހަމަތަކެއް ފޯރުކޮށްދިނުން. މި ޕާޓީއަށް އަބަދުވެސް އެނގޭ، މިރަށުގެވެސް ޢުމުރުން ދޮށީ މީހުން އުޅެމުންދިޔަ ހާލު. އަތްފައިގައި ބާރުނެތުނީމާ، ރުއްރުއްދޮށުގައި، ހޮޅުއަށިތަކުގައި، ގޮނޑުދޮށްތަކުގައި، މާލޭގައިވެސް ގޯތިގެދޮރު ފޮތި ކުރަމުން އައިސް، ކުރީގައި ބަދިގެ ހުރި ތަނުގައި ހުންނަ ކޮޅުފިލާގޮނޑިއެއްގައި ހުއްޓިފައި އޮންނަނީ މަންމަ، މާމަ ނުވަތަ ކާފަ. ޕާޓީން ވަޢުދުވީ، މި ރާއްޖެ އަޅުގަނޑުމެންނަށް މިގޮތަށް ރައްދުކޮށްދީފައި މިވަނީ، މިއަދުގެ ދޮށީ ޢުމުރުގެ މީހުންގެ މަސައްކަތުން. އެމީހުން މަހަށް، ފަރަށް ދިޔައީތީވެ. ރުކަށް، ވަލަށް ވަނީތީވެ. އެމީހުން އޮޑިދޯނިފަހަރު ބަނީތީވެ. އެމީހުން ވަޑާން ކުރީތީވެ. ގެދޮރު އެޅީތީވެ. ރިޒޯޓްފަހަރު ހެދީތީވެ. ކިތަންމެ މަސައްކަތެއް އެމީހުން ކުރީތީވެ. މި ޕާޓީ އެއްގޮތަކަށްވެސް އެއްވެސްއިރެއްގައި ދުށް ގަބޫލުކުރި ފަލްސަފާއެއް ނޫން އެއީ، މި ރާއްޖޭގައި ޕެންޝަނެއް ޙައްޤުވަނީ ހަމައެކަނި ސަރުކާރުގެ މުވައްޒަފުންނަށް ކަމަށް ދެކެވޭ ދެކުން. ޕާޓީން ވަޢުދުވީ، 65 އަހަރުން މަތީގެ އާމްދަނީ މަދު ކޮންމެ މީހަކަށް ދެހާސް ރުފިޔާގެ ޕެންޝަނެއް ދިނުމަށް. މިއަދު، މިރޭ އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބެނީ، އުފާވެރިކަން އަންނަނީ، މި ފުނަދޫގެ 101 މީހަކަށް، މިދަންނަވާ ޕެންޝަން ގަވާއިދުން ދެމުންދޭތާ މިވީ ދެއަހަރު. އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބެނީ، މި ފުނަދުއަށް ކޮންމެ މަހަކު މިދެންނެވި ޕެންޝަނަށްޓަކައި ދެލައްކަ ދެހާސް ރުފިޔާ ޚަރަދު ކުރުމުގެ ފުރްޞަތު، މި ސަރުކާރަށް ލިބިފައި އޮތީތީވެ.

ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދީގެން މެނުވީ، އަޅުގަނޑުމެން މިއެދޭ ތަރައްޤީ އަޅުގަނޑުމެންނަކަށެއް ނުހޯދޭނެ. އެކަނިވެރި މައިންނާއި، ޔަތީމު ކުދިންނަށް އެހީވެދޭނެ ކަމަށް މި ޕާޓީން ވަޢުދުވީ. އަޅުގަނޑު މިރޭ ހިތްހަމަޖެހެނީ، މި ފުނަދޫގެ 32 މީހަކަށް، 2010 ވަނަ އަހަރު، އެކަނިވެރި މައިންގެ ގޮތުގައި އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދެވޭތީވެ. އަޅުގަނޑުމެނަށް އުފާވެރިކަން ލިބެނީ، މިދެންނެވި 32 ފަރާތަށް އެއްލައްކައަށްވުރެ ގިނަ ރުފިޔާ، މިދިޔަ އަހަރު ޚަރަދު ކުރެވިފައި އޮތީތީވެ. އިޖްތިމާޢީ ރައްކާތެރި ކަމަށްޓަކައި ފުނަދުއަށް ކުރި ޚަރަދު، މި ރަށުގެ ބޮޑުހިލަ ބަނދަރަށްވުރެ ގިނަވާނެ.

އަޅުގަނޑު ގާތުގައި މީހުން އަހާ، ކީއްވެތޯ މިތަނުގައި މިއަދު ޢުމްރާނީ ތަރައްޤީ ނުގެނެސް، ރައްޔިތުންނަށް މިދެންނެވި ކަންކަން އަޅުގަނޑުމެން ހިންގީ. ތިއިން އެއްވެސް ބޭފުޅެއް ދެނެއެއްނެތް، މިކަން ހިނގި ކަމެއްވެސް. އެއީ، ހަމައެކަނި އެނގޭނީ އެކަނިވެރި މައެއްނަމަ. ހަމައެކަނި އެނގޭނީ، 65 އަހަރުން މަތީ މީހެއްނަމަ. ހަމައެކަނި އެނގޭނީ، ބޭސް ސިޓީއަށް ބޭސް ނުލިބި އުޅޭ ނިކަމެއްޗެއްނަމަ. ތިމާ ފުދިފައި ހުރީމާ، ތިމާއަކަށެއް ނޭނގޭނެ. މިއީ އަޅުގަނޑުމެން އެންމެންގެ ޤައުމު. ހަމައެކަނި ތިމަންނާވެގެން މިތަނަކު ނޫޅެވޭނެ. އަޅުގަނޑުމެން، ޖެހިގެން ހުރި ގޭ މީހާ ނުކައި ހުއްޓައި، ދެން ޖެހިގެން ހުރި ގޭގައި އުޅޭ މީހާއަށް ބޯހިޔާވަހިކަމެއް ނެތުނީމާ، ތިމަންނާ، އަހަރެން ކިޔާފައި ޙަޤީޤަތުގައި ނުކުމެއެއް ނޫޅެވޭނެ. އަޅުގަނޑުމެންގެ ރާއްޖެ އަޅުގަނޑުމެން ބަދަލުކުރަން އެދެން. އެ އެދެނީނަމަ، ތަރައްޤީއަށް ކުރާ ކަންކަން، އޭގެ ތަރުތީބުން، ވަކި ޚާއްޞަ އިރުއިރެއްގައި ކުރަންޖެހޭ ޚާއްޞަ ކަންކަން ކުރަންޖެހޭނީ. ފަޤީރު ކަމުގައި ތިބެގެނެއް، އަޅުގަނޑުމެން މިއެދޭ ތަރައްޤީ، އަޅުގަނޑުމެނަކަށެއް ނުހޯދޭނެ.

މި ޕާޓީގެ އަބަދުވެސް އަމާޒަކީ، އަބަދުވެސް ބޭނުމަކީ، ރައްޔިތުންނަށް ޚިދްމަތް ކުރުން. މި ސަރުކާރު ދެމިއެއްނޯވޭ އެހެން އެއްވެސް ސަބަބަށްޓަކައެއް. ވެރިކަމުގެ އަރާމަކީ، ވެރިކަމުގެ ލައްޒަތަކީ، އަޅުގަނޑުމެން ބޭނުން އެއްޗެއް ނޫން. އަޅުގަނޑުމެން ބޭނުމީ އެންމެ ކަމެއް. މި ޕާޓީން ވެފައިވާ ވަޢުދު ފުއްދުމަށް ނެރެފައި ހުރި މީހެއް އަޅުގަނޑަކީ. އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރާނީ، ރައްޔިތުންގެ ޚިދްމަތުގައި. ގަބޫލުފުޅު ކުރައްވާ، ތިޔަބޭފުޅުންގެ ލޯ ލާރިއަކުވެސް އަޅުގަނޑެއް ނުޖެހޭނެ. ތިޔަބޭފުޅުންނަށްޓަކައި ކޮންމެ ދުވަހަކު މަދުވެގެން 10 ގަޑިއިރު އިރާދަކުރެއްވިއްޔާ، އަޅުގަނޑު މަސައްކަތް ކުރާނަން. އަޅުގަނޑުމެން ބޭނުމެއްނުވޭ ނަމެއްވެސް. ދެހާސް ރުފިޔާ ދޭންފެށީ ކުރީ ސަރުކާރުންނޭ. ސާކް ސަމިޓް ހެދީ ކުރީ ސަރުކާރުންނޭ. ކުޅުދުއްފުށި ހިއްކީ ކުރީ ސަރުކާރުންނޭ. ފުނަދޫ ބަނދަރު ހެދީ ކުރީ ސަރުކާރުންނޭ. ފުނަދޫ ނަރުދަމާ ހެދީ ކުރީ ސަރުކާރުންނޭ. އަޅުގަނޑުމެންގެ މައްސަލައެއް ނެތް. އަޅުގަނޑުމެން ބޭނުމެއް ނޫން ތިހުރިހާ ނަމެއް. އަޅުގަނޑުމެން ބޭނުންވަނީ އެންމެ ކަމެއް، ތިޔަބޭފުޅުންނަށް ކަންވެފައި އޮންނަން. އަޅުގަނޑެކޭ ކިޔައި، ރީތި ނަންނަމުން ފޮތްފޮތުގައި ލިޔުއްވާނެ ކަމެއް ނެތް. އަޅުގަނޑެކޭ ކިޔާ ޚުޝާމަދުކޮށްވެސް އުޅުއްވާނެ ކަމެއް ނެތް. އަޅުގަނޑުމެން ނުކުމެ މިތިބީ، އެންމެ ކަމަކަށް. އެއީ މިފުނަދޫގެ ތަރައްޤީއަށް.

އަޅުގަނޑަށް އެނގޭ، ތިޔަބޭފުޅުންގެ ތެރެއިން ވަރަށްގިނަ ބަޔަކު އަޅުގަނޑުމެންނާ ނުރުހޭކަން. އަޅުގަނޑަށް ސާފު އެކަން. އެއީކީވެސް އަޅުގަނޑުމެން އަޅާލާ ކަމެއް ނޫން. އަޅުގަނޑުމެން މިމަސައްކަތް މިކުރަނީ، އަޅުގަނޑު އަބަދުވެސް ދަންނަވަން، އިއްޔެ ނިމިއްޖެއޭ. މިރޭ މިއޮއް މެންދަންވަނީ. އަޅުގަނޑުމެންނަށް ދެން ލިބެން އޮތީ ހަމައެކަނި މާދަމާ. އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަން ޖެހޭނީ، މި ފުނަދޫގެ މާދަމާއަށްޓަކައި. އަޅުގަނޑުމެންގެ ދަރީންނަށްޓަކައި. އިރާދަކުރެއްވިއްޔާ، އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، ތިޔަބޭފުޅުންގެ މާދަމާ ހޯދައިދެވޭނީ އަޅުގަނޑުމެނަށް. އަޅުގަނޑުމެން އެ މާދަމާ ތިޔަބޭފުޅުންނަށް ހޯދައިދޭނަން.

ތަރައްޤީވާން މިޖެހެނީ ފުނަދޫ މީހާ. އެހެންވީމާ، އަބަދުވެސް ތަރައްޤީގެ ނާރެސްއަކީ މަދްރަސާ. މިވާންމިޖެހޭ ގޮތަކީ، އަޅުގަނޑުމެންގެ ދަރިންނަށް ތަންދޮރު އޮޅުންފިލާން މިޖެހެނީ. އަޅުގަނޑުމެން މިތިބި ބޯދާ ކަމަކު އަޅުގަނޑުމެންގެ ދަރިންނެއް ނުބޭތިއްބޭނެ. ޖާހިލުކަމުގެ ތެރެއަކު އަޅުގަނޑުމެންގެ ދަރިންނެއް ނުބޭތިއްބޭނެ. އަޅުގަނޑުމެންނަށް އެ ޖާހިލުކަންމަތީގައި ތިބެ ނިމިދާނެ. އަދި އަބަދަށްވެސް އުޅެވިދާނެ. ތަނެއްދޮރެއް އޮޅުންނުފިލާ، ކަނޑެއް ފަޅެއް ނޭނގި އަޅުގަނޑުމެންނަށް އުޅެވިދާނެ. އެހެން ނަމަވެސް، އަޅުގަނޑުމެން މިބޭނުންވާ ބަދަލު އަޅުގަނޑުމެން އެދެނީނަމަ، އަޅުގަނޑުމެންގެ ދަރީންނަށް ތަންދޮރު އޮޅުންނުފިލުވައިދީއެއް އަޅުގަނޑުމެންނަކަށެއް ނުތިބެވޭނެ.

މި ސަރުކާރުގެ ވަޢުދެއް، ފުނަދޫގައި ފުއްދައިދޭންޖެހޭ. އަޅުގަނޑުމެން ވަޢުދުވީ، އޯ ލެވެލް އިމްތިޙާންގައި ބައިވެރިވާ ކުދިންގެ ތެރެއިން، 60 ޕަސެންޓް ކުދިންނަކީ، 5 މާއްދާއިން ފާސްވާ ކުދިންނަށް އިރާދަކުރެއްވިއްޔާ، އެމް.ޑީ.ޕީ.ގެ ސަރުކާރެއްގައި ހަދާނަމޭ. ދާދި މިދާކަށްދުވަހު ނަތީޖާ ނުކުމެއްޖެ. ތިޔަބޭފުޅުންގެ ނަތީޖާއަކީ، 67 ޕަސެންޓް ކުދިން، 5 މާއްދާއިން ފާސްވުން. މަރްޙަބާ. އަޅުގަނޑުމެންނަށް އެނގޭ، ދަރިންނަށް ތަޢްލީމްދޭން. އަޅުގަނޑުމެންނަށް އެނގޭ، ތަޢްލީމީ ނިޒާމެއް ހިންގާން. އާދެ! އެ ވަޒީރު ބޭރުކުރެވިދާނެ، ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣްލަބިއްޔަތާ އެކުގައި. ތިޔަބޭފުޅުންގެ ޢިއްޒަތްތެރި މެންބަރާ އެކުގައި. އެހެން ނަމަވެސް، ހަމަ އަނެއް ވަޒީރު ވަޑައިގަންނަވާނެ. ކަން މިކުރަނީ އަޅުގަނޑުމެން އެންމެނޭ. ވަޒީރަކު ދުރުކުރެވިދާނެ. ނަތީޖާ އަޅުގަނޑުމެން އަބަދުވެސް އިރާދަކުރެއްވިއްޔާ ނެރޭނަން.

ތިޔަބޭފުޅުން މި 67 ޕަސެންޓަށް އެރީ ކޮން ހިސާބަކުން އެނގިވަޑައިގަންނަވާތޯ. 2009 ވަނަ އަހަރާ އަޅާބަލާއިރު ކުރިއެރުމަކީ 32 ޕަސެންޓް ފުނަދޫ މަދްރަސާއަށް. އެންމެމޮޅު 10 ކުދިންގެ ތެރޭގައި، މިރަށުގެ 5 ކުދިން. އަޅުގަނޑުމެނަށް މި ރަށް ބަދަލުކުރެވޭނެ. އެކަން ކުރާނީ، އަޅުގަނޑުމެން މިދަންނަވާ ތަރުތީބުގައި. އިންސާނީ ތަޖްރިބާ އެބައޮތް، ޤައުމު ތަރައްޤީކުރާގޮތް ދައްކައިދީފައި. އެއީ ބޮޑުހިލަ އަޅައިގެން ކުރާ ކަމެއް ނޫންކަން އަޅުގަނޑަށް ކަށަވަރު. އަޅުގަނޑުމެންގެ އަބަދުވެސް ބޭނުމަކީ، އަޅުގަނޑުމެންގެ އަބަދުވެސް އަމާޒަކީ، މިރަށުގެ ތަރައްޤީ. އަޅުގަނޑަށް ވަރަށް ހިތްހަމަޖެހުން ލިބޭ، މިދިޔަ 2010 ވަނަ އަހަރު މިރަށުގެ ދަރިވަރުންނަށް ފޮތް، ފަންސުރު، ގަލަން، މަދްރަސާއަށް ބޭނުންވާ ތަކެތި ގަތުމަށްޓަކައި ދެލައްކަ އަށްޑިހަ ހާހަށްވުރެ ގިނަ ރުފިޔާ ޚަރަދު ކުރެވުނީތީވެ. މި ސަރުކާރަށް އުފާވެރިކަން ލިބޭ، ތިޔަބޭފުޅުންގެ ދަރިވަރުންގެ އޯ ލެވެލް އިމްތިޙާންގެ ފީ ދެއްކުމަށްޓަކައި ހަތްދިހަ ނުވަހާހަށްވުރެ ގިނަ ރުފިޔާ، މިދިޔަ އަހަރު ޚަރަދު ކުރެވުނީތީވެ.

މިރަށުގެ ބަނދަރު ހަދަން ސާޅީސް މިލިއަން ހަތްލައްކަ ރުފިޔާ ޚަރަދުވި. އެއީ ރަނގަޅު ޚަރަދެއް. މި ސަރުކާރަކީ އެހެން ނަމަވެސް ބަނދަރު ހަދާ ސަރުކާރެއް ނޫން. އަޅުގަނޑުމެން ހަދާ ބަނދަރުގެ ޢަދަދު ގިނަ. މިދިޔަ އަހަރު 43 ބަނދަރު ހަދައިފި. މި ސަރުކާރު، ސަރުކާރު ހިންގުމާ ޙަވާލުވިއިރު އޮތީ 4 ރަށް، ނަރުދަމައާއެކު. އޭގެތެރެއަކު ފުނަދުއެއް ނުހިމެނޭ. މިއަދު ނަރުދަމައެއް އޮންނާނެ. އަދި މި ރާއްޖޭގެ އިތުރު 17 ރަށުގައި މިއަދު ނަރުދަމާ އޮންނާނެ. އަޅުގަނޑުމެންގެ ދައުރު ނިމޭއިރު، ހުރިހާ ރަށެއްގައި ނަރުދަމާ އޮންނާނެ. އަޅުގަނޑުމެން މިތަނުގައި ފްލެޓްވެސް އަޅާނެ. އަޅާނެތާ، އަޅުގަނޑަކީ ފްލެޓް ދޮންބެ. ނާޅައެއް އަޅުގަނޑުމެން ނުތިބޭނެ. އުފާ އުފަލުގައި، ފަސޭހަކަމާ އެކީގައި، އިތުބާރާ އެކީގައި އަޅުގަނޑުމެން މިކަން ކުރާނީ. ކުޑަކޮށްވެސް އަޅުގަނޑުމެން ޖެހިލުމެއް ނުވާނެ. އަޅުގަނޑާ ދިމާއަށް، އަޅުގަނޑަށް ނިސްބަތްކޮށް ކިތަންމެ އެއްޗެއް ކިޔާފާނެ. ކިތަންމެ އެއްޗެއް ލިޔެފާނެ. ކިތަންމެ ޓީ.ވީ އަކުން ގޮވައިދާނެ. އެހެން ނަމަވެސް، އަޅުގަނޑަށް ހަޖަމް ކުރެވޭނެ.

އަޅުގަނޑުމެން ދެކޭ އެންމެ މުހިންމު ޙަޤީޤަތަކީ، އެޤައުމުގެ ރައްޔިތުން ހިފަހައްޓައި، އޮބަހައްޓައި، އެ ރައްޔިތުންނަށް އަނިޔާ ކުރަމުންދާހާ ހިނދަކު، ޤައުމެއް ތަރައްޤީއެއް ނުވާނެ. ތަރައްޤީ ކުރާން ނުކުންނާން މިޖެހެނީ މީހާ. އޭނާއަށް އަނިޔާކޮށްކޮށް އޮއްވައި، އޭނާ ހިފަހައްޓާފައި ހުއްޓައި، ދެން ތަރައްޤީ ހޯދާނެ ގޮތެއް އަޅުގަނޑުމެންނަކަށެއް ނުވިސްނޭ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި، ޞުލްޙަވެރި ސިޔާސީ ޙަރަކާތް ހިންގުމުގެ މިނިވަންކަމަކީ، ކޮންމެހެން ބޭނުންތެރިކަމެއް. އެއީ، އަބަދުވެސް މި ސަރުކާރުގެ އެންމެ ބޮޑު މަޝްރޫޢު. އަޅުގަނޑުމެނެއް އެކަން ހުއްޓައެއް ނުލާނަން. މި ސަރުކާރަކުން ތިޔަބޭފުޅުންގެ މުދަލެއް ނުނަގާނެ. މި ސަރުކާރަކުން ތިޔަބޭފުޅުން އަނދަގޮނޑިއެއް ނުޖައްސާނެ. އޭންގަލަކަށް ނުނަގާނެ. އެއްހުޅު ބިޑިއެއް ނާޅާނެ. މި ސަރުކާރަކުން ތިޔަބޭފުޅުން ނެސްޕްރޭ ދަޅެއްގެ ބާރުގައި މަރައެއްނުލާނެ. ތިޔަބޭފުޅުންގެ ...............އަޅުގަނޑުމެން ހަމައެކަނި މަސައްކަތް ކުރާނީ ތިޔަބޭފުޅުންގެ ތަރައްޤީއަށްޓަކައި. އަޅުގަނޑުމެންގެ ހަމައެކަނި ބޭނުމަކީ ވަޢުދު ފުއްދުން. ތިޔަބޭފުޅުންނަށް ޚިދްމަތް ކުރުން.

އަޅުގަނޑަށް އެނގޭ މިރޭ ވަރަށް ދަންވެއްޖެކަން. އަޅުގަނޑުމެން ފުނަދޫ މީހުން މިކުރިމަތިލަނީ، ފެބްރުއަރީ 5 އަކާ. އެއީ، މި ރާއްޖެ ދުށް، މިރަށް ދެކޭނެ އެންމެ މުހިންމު މުއައްސަސާގެ ބިންގާ އެޅޭނެ ދުވަސް. މިރަށުގެ ޙަޤީޤީ ތަރައްޤީގެ ވަސީލަތްތައް ޤާއިމްކުރެވޭ ދުވަސް. ލާމަރްކަޒީ އުޞޫލަކީ، އެބޭފުޅުންގެ ފިކުރެކޭ ވިދާޅުވަނީ. އަޅުގަނޑު ޢަޖައިބުވޭ. އަޅުގަނޑަށް ލާމަރްކަޒީ އުޞޫލުގެ ވާހަކަ ދައްކައިގެން ތިންފަހަރު ޙުކުމް އިއްވާފައިވޭ. ޤާނޫނުއަސާސީގެ އަސާސީ ސިފަތަކާއި އުޞޫލުތައް ނިމުނުއިރުގައި، އެއަކު ނެތް ލާމަރްކަޒީ އުޞޫލުގެ ވާހަކައެއް. އޭގައި އޮތީ މި ދައުލަތަކީ ޔުނިޓަރީ ދައުލަތެކޭ. މާފަހުން އައްޑުއަތޮޅުގެ ޢިއްޒަތްތެރި މެންބަރު މުޙަންމަދު އަސްލަމާއި، ކޮޅުމަޑުލުގެ ޢިއްޒަތްތެރި މެންބަރު ޑޮކްޓަރ ހުސައިން ރަޝީދު ޙަސަން. ދެބޭފުޅުންވެސް އެމް.ޑީ.ޕީ. ދެބޭފުޅުން. ހުށަހެޅުއްވި އިޞްލާޙަކާ އެކީގައި 8 ވަނަ ބާބު އުފެދުނީ. ލާމަރްކަޒީ އުޞޫލެއްގެ ވާހަކަ ޤާނޫނުއަސާސީގައި ކަނޑައެޅުނީ. އަޅުގަނޑުމެން މިއަދު މިއުޅެނީ އެ ބާބަށް ދިރުން ގެންނަން. އަޅުގަނޑުމެން މިއަދު މިއުޅެނީ އެމަސައްކަތް ފަށައިގަންނަން.

އަޅުގަނޑުމެން ކުރާން ޙަޤީޤަތުގައި މިއުޅޭ ކަމަކީ، އަޅުގަނޑުގެ ރަށް، މާލޭގައި ހުރި އެއްޗަކުން ބައެއް މި ފުނަދުއަށް ދޭން. އެތައް ޒަމާނެއް ވަންދެން، މާލޭގެ ވެރިކަމުގެ ޚާންދާންތަކުން މާލެއަށް އެއްކޮށް ޖަމާކޮށްފައިވާ ބާރު، އަޅުގަނޑުމެން މިއުޅެނީ، އެއިން ބައެއް މިރަށަށް އަޅަން. ހަމަގައިމުވެސް އަޅުގަނޑު މައިންބަފައިން، ދާދިފަހާ ޖެހެންދެންވެސް ދެކިއުޅުނީ، މާލެއަކީ، މާލޭގެ ވެރިކަމަކީ، މުލީގޭ ދޮން ޙަސަން މަނިކުގެ، ދޮން ބަންޑާރައިންގެ ތަރިކައެކޭ. ދޮން ބަންޑާރައިންގެ އައުލާދުގެ ބޭފުޅުން، މިއަދު ނުކުންނަވައި އެތިއްބެވީ، މިރަށަށް ވަޑައިގެން އެތިއްބެވީ ތިޔަބޭފުޅުންނަށް ބާރުދޭންވެގެން. އެތައް ޒަމާނެއް ވަންދެން، މާލޭގެ ވެރިކަމުގެ ޚާންދާންތައް މާލެއަށް އެއްކުރި ބާރު ސާފު. ތިޔަބޭފުޅުންނަށް ބައެއް އަޅަންދެން. ދެން އެއީ ތިމަންނާގޭ އެއްޗެކޭ، ތިމަންނާގެ ފިކުރެކޭ، ތިމަންނާގެ ޚިޔާލެކޭ އުޅުއްވިޔަސް ހެޔޮ. މިކަންވެސް ވަނިކޮށް އަޅުގަނޑުމެނަށް ވަރިހަމަ. އަޅުގަނޑުމެނެއް ބޭނުމެއް ނޫން، އެ ނަމެއްވެސް. އެއްވެސް ނަމެއް ބޭނުމެއް ނޫން. އަޅުގަނޑުމެން ބޭނުންވަނީ މިކަންކަންވާން. އަޅުގަނޑަށް ފެންނަނީ، އަޅުގަނޑުމެނަށް ނުހަނު ކާމިޔާބު ހޯދޭތަން. އަޅުގަނޑަށް މިރަށުގެ ތަރައްޤީ އެބަ ފެނޭ. އަޅުގަނޑުމެން މިރަށުގެ އެއަރ ސައިޑްއަޅާނެ. އެކަމަކާ ޝައްކެއްނެތް. އެއީކީ ޝައްކު ހިނގާ ކަމެއް ނޫން. އަޅުގަނޑުމެން ކައިރީ ކިޔުއްވާނެ ކަމެއްނެތް، ރައީސް ކޮންދުވަހަކުންތޯއޭ، ތާރީޚެއް ދެއްވާށޭ. ނޫން ނޭނގެ.

އަޅުގަނޑުމެން ނުކުމެ މިތިބީ، އަޅުގަނޑުމެންގެ މަސައްކަތެއް ކުރާން. މިފުނަދުއަކީ އަޅުގަނޑުމެންގެވެސް ރަށެއް. ތިޔަބޭފުޅުންގެ ތެރެއިން ތަންކޮޅެއް ހަރު މީހުންގެ ކައިރީގައި އަހާލީމާ އަދި ބޮޑަށް ސާފުވާނެ. މި ރާއްޖޭގެ ކޮންމެ ރަށަކީވެސް އަޅުގަނޑުމެން އެންމެންގެ ރަށެއް. އަޅުގަނޑުމެން އެބަޖެހޭ، އަޅުގަނޑުމެންގެ ވިސްނުން މިރަށު ގޮނޑުދޮށުން ބޭރަށް ގެންދަން. މިރަށުން ދުނިން ބޭރަށްވެސް ގެންދަން. އަދި މި ރާއްޖޭގެ އަސްދަނޑިން ބޭރަށްވެސް ގެންދަން. އަޅުގަނޑުމެން އެބަޖެހޭ ހުޅުވެން. އަޅުގަނޑުމެން އެބަޖެހޭ، އަޅުގަނޑުމެންގެ ޖާހިލުކަމުން ސަލާމަތްވާން. އަޅުގަނޑުމެން އެބަޖެހޭ، ޚުދު މުޚްތާރު ސިފަތަކުން އެއްކިބާވާން. އަޅުގަނޑު ތިޔަބޭފުޅުންގެ އަރިހުގައި މިރޭ ވަރަށް އިޚްލާޞްތެރިކަމާއެކު މިދަންނަވަނީ، އަޅުގަނޑުމެންނަށް ދެއްވާށޭ، ތިނޯހެއްގެ ފަގައިގެ މިންވަރު، މޭލެއް އަނބުރާ ދޭނަމޭ. އަޅުގަނޑުމެނާއެކީގައި މިމަސައްކަތް ކުރައްވަން ނުކުންނަވާށޭ. އަޅުގަނޑުމެން ނޫން ބައެއް ތިބިއްޔާ ދެން ވިދާޅުވެބައްލަވާ. ވެރިކަމުގައި މިތިބީ އަޅުގަނޑުމެން. މާދަންވެސް ތިބޭނީ އަޅުގަނޑުމެން. މި އިންތިޚާބުކުރާ ލޯކަލް ކައުންސިލްގެ މުޅި ފުރިހަމަ ދައުރަށްވެސް ތިބޭނީ އަޅުގަނޑުމެން. އަދި ދަންނަވަންތޯ، ރައްޔިތުން ވޯޓްލައިދީގެން، މި ރާއްޖޭގެ ވެރިކަން ދެންވެސް ހޮވަނީ ކަމަށްވަންޏާ އިރާދަކުރެއްވިއްޔާ ހޮވާނީ އެހެން. ދެންވެސް ތިބޭނީ އެމް.ޑީ.ޕީ. ދަންނަވަންތޯ، އަޅުގަނޑުމެންނެއް އިރާދަކުރެއްވިއްޔާ ބައްޔެއް ނުކުރެވޭނެ. މިއީ، އަޅުގަނޑުމެންގެ ކުޅިއެއް. އަޅުގަނޑުމެންނަށް މީގެ ހަތަރު ކުޅިއަށް އެނގޭނެ. ސައިވާ ގެއަކަށް އަޅުގަނޑުމެން ނާރާނެ. އަޅުގަނޑުމެންގެ ބޮނދަކާ ގާތެއް ނުވެވޭނެ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މޮޅުވާނެ.

އަޅުގަނޑު ދަންނަވާނީ، އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންގެ ކުރިމަތީގައި މިއޮތީ އުފާވާ ޒަމާނޭ. އުފާވާ ޒަމާނޭ، ހިތާއޭ އަހާށޭ، އުފާވެރިވި މި ރާގޭ.

والحَمْـدُ لِلّـهِ. والســّلام عليــكم.
_______________________