بســم اللّـه الرّحمـن الرّحيــم

ޗީފް އޮފް ޑިފެންސް ފޯސް، ޑެޕިއުޓީ ޗީފް އޮފް ޑިފެންސް ފޯސް، ޖެނެރަލުން، ސެންޓަރ ފޮރ ޑިޒީޒް ކޮންޓްރޯލްގެ އިސްބޭފުޅުންނާއި، މުވައްޒަފުންނާއި އަދި އެމް.އެން.ޑީ.އެފް.އިން މި ޙަފްލާގަޔާއި، މިމަސައްކަތްތަކުގައި ބައިވެރިވެވަޑައިގެންނެވި އެންމެ ބޭފުޅުން.

السّـلام عليـكم

އަޅުގަނޑު މިއަދު ތިޔަބޭފުޅުންނާ ބައްދަލު މިކޮށްލީ، މިހިނގާދިޔަ ދެމަސައްކަތާއި އަދި އޭގެ އިތުރުންވެސް، މިދިޔަ މަހުގެ ތެރޭގައި، އައްޑުއަތޮޅު ހިތަދޫގައިވެސް ސިފައިން ހިންގާފައިވާ މަސައްކަތާއި، މި އެންމެ މަސައްކަތްތައް، ތިޔަބޭފުޅުން ފަރުވާތެރިކަމާއި، ބެލުންތެރިކަމާއި، އަމާނާތްތެރިކަމާއެކީގައި ކޮށްދެއްވާ ކަމަށްޓަކައި، ތިޔަބޭފުޅުންނަށް ޝުކުރު ދެންނެވުމަށްޓަކައި.

ރާއްޖޭގައި ހިނގާ ވަރަށްގިނަ ކަންކަން އޮމާންކަމާއެކީގައި ހިންގުމުގައި، ތިޔަބޭފުޅުންގެ ބައިވެރިވުމާއި، ތިޔަބޭފުޅުންގެ މަސައްކަތް، އެކަންކަމުގައި ހިމެނޭކަމީ، އަޅުގަނޑުމެންނަށް، ސަރުކާރަށްވެސް މަސައްކަތްތައް ބާރަށް ކުރިއަށް ގެންދިޔުމަށް އަދި ރައްޔިތުންނަށްވެސް އޭގެ ފައިދާތައް ރަނގަޅަށްވުމަށް ލިބޭ ވަރަށްބޮޑު ހިތްވަރެއް، އެޅޭ ވަރަށްބޮޑު ބާރެއް.

ހދ. އަތޮޅު ނޮޅިވަރަންފަރަށް، އެއަތޮޅުގެ މާވައިދޫ ރައްޔިތުންނާއި، ކުނބުރުދޫ ރައްޔިތުންނާއި، ފަރިދޫ ރައްޔިތުން ބަދަލުކުރުމުގެ މަސައްކަތަކީ ވަރަށްބޮޑު މަސައްކަތެއް. 11 ދުވަހުގެ ތެރޭގައި، އެމް.އެން.ޑީ.އެފް. އިން އެމަސައްކަތް ނިންމަވައި ދެއްވާފައިވަނީ، ވަރަށް ފަރުވާތެރިކަމާއި އަދި ޕްރޮފެޝަނަލްކަމާއެކީގައި. ވަރަށްގިނަ ރައްޔިތުންގެ ހިތްހަމަޖެހުން، އެމަސައްކަތަށް ލިބި، އެކަން އެގޮތަށްދިޔަކަމުން، އެހެން އެކަން ނުކުރެވުނުނަމަ، ދިމާވެދާނެ ކިތަންމެ ކަމަކުން އަޅުގަނޑުމެންނަށް މިއަދު މިވަނީ އެއްކިބާވެވިފައި. އެކަންތައްތައް އެހެން ކޮށްދެއްވި ކަމަށްޓަކައި، ހދ. އަތޮޅުގެ އެތައް ރައްޔިތުންގެ ނަމުގަޔާއި އަދި ރާއްޖޭގެ ކިތަންމެ ރައްޔިތުންގެ ނަމުގައި، އެމް.އެން.ޑީ.އެފް.ގެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އަދި ހަމައެއާއެކީގައި، މަދިރި ގިނަވެ، އެއާ ގުޅިގެން އުފެދޭ ބަލިތައް، އަޅުގަނޑުމެންގެ ތެރޭގައި ޢާންމުވެގެންދާ ދިޔުމަށް ހުއްޓުމެއް ގެނައުމަކީ، ކޮންމެހެންވެސް ބޭނުންތެރި ކަމެއް. ވަކިން ޚާއްޞަކޮށް، މާލޭ ސަރަޙައްދަކީ، އެހާމެ މީހުން ގިނަ ސަރަޙައްދަކަށްވެފައި، މިތަނުގައި އެބާވަތުގެ ރޯގާއާއި، އެބާވަތުގެ ބަލިތައް ފެތުރިގެންދާ ދިޔުމަށް، އަވަސް، ކުއްލި ޙައްލެއް ނުގެނެވިއްޖެނަމަ، ދެން އަނެއްކާވެސް ފަހުން ކަންތައްތައް ދިމާވެގެންދާ ގޮތްތައް، މާ ދެރަ. އެހެންވީމާ، މިމަސައްކަތުގައިވެސް ތިޔަބޭފުޅުން ބައިވެރިވެލައްވައި، އެމަސައްކަތް ކާމިޔާބުކަމާއެކީގައި ނިންމަވައި ދެއްވި ކަމަށްޓަކައި އަޅުގަނޑު، އެމް.އެން.ޑީ.އެފް.ގެ ހުރިހާ ބޭފުޅުންނަށް ފަށްފަށުން ޝުކުރު ދަންނަވަން.

މަދިރި ނައްތާލުމުގައި، އެއްދުވަހަކު ނުކުމެ ކުރާ މަސައްކަތަކުން، އެކަމެއް މުޅި ޖުމްލަކޮނެއް ކާމިޔާބުވެގެނެއް ނުދާނެ. މިއަދު އަޅުގަނޑުމެންނަށް ބައެއް ކަންކަން، ބައެއް ދިމަދިމާލުގައި ހުރި މަދިރި އާލާވާ ތަންތަން ނައްތާލެވިދާނެ. އެހެން ނަމަވެސް، އުޞޫލެއްގެ ގޮތުން، ޢާންމު ގޮތެއްގައި މިކަން ކުރެވޭނެ އިންތިޒާމްތަކެއް ހަމަޖެހިގެން ނުދަނީނަމަ، އަޅުގަނޑުމެންނަށް އަބަދުވެސް މަދިރީގެ ނުރައްކާތެރިކަން ދިމާވާނެ. މެލޭރިޔާއަކީ އަދިވެސް ދުނިޔޭގައި އެންމެގިނަ މީހުން މަރުވާ ބަލި. އެހެން އެއްވެސް ބައްޔެއް ނޫން. މި ބައްޔާއި މިރޯގާ، މެލޭރިޔާގެ ރޯގާއާއި އަދި ޚާއްޞަކޮށް، ޑެންގޫއާއި، މަދިރީގެ ސަބަބުންޖެހޭ ކިތަންމެ ބައްޔެއް އެބަހުރި. އެބަލިތަކުން ސަލާމަތް ވުމަށްޓަކައި، މަދިރި ރަނގަޅު ގޮތުގައި ކޮންޓްރޯލް ކުރުމަކީ، ކޮންމެހެން ބޭނުންތެރި ކަމެއް.

ސެންޓަރ ފޮރ ޑިޒީޒް ކޮންޓްރޯލް އާއި އަދި މިނިސްޓްރީ އޮފް ހެލްތަށް ފާހަގަވެފައި މިއަދާ ހަމައަށްވެސް އޮތީ، މިހާރު އޮތް ޤާނޫނީ އޮނިގަނޑުގެ ތެރެއިން އެކަންކަން ކުރުމަށް ދަތިވީ ނަމަވެސް، ގަވާއިދުތަކެއްގެ ތެރެއިން މިމައްސަލަތަކަށް ޙައްލެއް ހޯދުމަކީ، މިވަގުތު ކުރެވެން އޮތް ކަމެއްތޯ، އަޅުގަނޑު ބަންޑާރަ ނައިބާ މަޝްވަރާ ކުރާނަން. އެންމެ ގިނައިން މަދިރި އުފެދޭ ކަމަށް ފާހަގަ މިވަނީ، ކޮންސްޓްރަކްޝަން ސައިޓްތަކުގައި. މިތަންތަނަކީ ދާއިމީ ތަންތަނެއްވެސް ނޫން. އެހެން ނަމަވެސް، އެތަންތަނަކީ، އެ ސައިޓްތައް އެހެން ހުންނައިރުގައި، ވަގުތީ ގޮތުން ވަކިބަޔަކާ ޙަވާލުވެފައި އޮންނަ ސަރަޙައްދެއް، ތަނެއް. އެތަނުގައި އެ ކޮންޓްރެކްޓެއްގެ އުޞޫލުން ޙަވާލުވެފައި އޮންނަނީ ޢިމާރާތެއް ކުރުމަށް. އެހެން ނަމަވެސް، އެ ޢިމާރާތް ކުރަމުން އަންނައިރުގައި، އަޅުގަނޑަށް ޔަޤީން، ޖެހިގެން ހުންނަ ގެއަށް ދަގަނޑެއް ވެއްޓުމަކީވެސް ހުއްދަކުރެވޭ، އަދި ގަބޫލުކުރެވޭ ކަމެއް ނޫން. އެހެންވީމާ، ޢިމާރާތް ކުރެވެމުން އަންނައިރުގައި، ޖެހިގެން ހުރި ގެއަށް ޑެންގޫ މަދިރި ދިޔުމަކީވެސް، ކޮންމެހެން ގަބޫލު ކުރެވޭނެ، އަޅުގަނޑަށް ފެންނަ ފެނުމުގައި، އެއް އުޞޫލަކުން މިނޭނެ، ވިސްނޭނެ ކަމެއް.

އަޅުގަނޑު ބަންޑާރަ ނައިބާ، މިދެންނެވިހެން މަޝްވަރާ ކުރުމަށްފަހު، އިރާދަކުރެއްވިއްޔާ، ޤާނޫނީ ގޮތުން ސެންޓަރ ފޮރ ޑިޒީޒް ކޮންޓްރޯލް، މިހާރަށްވުރެ ބާރުވެރި ކުރެވޭނެ މަގެއް، އަވަސް މަގެއް ހޯދުމަކީ، އަޅުގަނޑަށް ފެންނަ ގޮތުގައި، ކޮންމެހެން ބޭނުންތެރި ކަމެއް. މިބާވަތުގެ މަސައްކަތްތައް އަޅުގަނޑުމެންނަށް، ދޭތެރެ ދޭތެރެއިން ހިންގޭކަމީ، އަޅުގަނޑުމެން އެމް.އެން.ޑީ.އެފް.އަށް އަބަދުވެސް ޝުކުރުވެރިވާ ކަމެއް. އަދި ޚާއްޞަކޮށް، ސަރުކާރުގެ އެހެން މުއައްސަސާތަކަށް އެހީތެރިވެދިނުމުގައި މަސައްކަތްތައް ކޮށްދެއްވާކަމީވެސް، އަޅުގަނޑުމެންނަށް ލިބޭ ވަރަށްބޮޑު އުފަލެއް.

އަޅުގަނޑުގެ އަބަދުވެސް ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ރަނގަޅަށް މާދަމާ، ކަންކަންވާނެ ގޮތްތައް މެދުވެރިވުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.


والحمد للّـه. والسّـلام عليـكم
_________________________