بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އަޅުގަނޑު މިއަދު ތިޔަބޭފުޅުންނާ މިބައްދަލުކުރަނީ، އައްޑުއަތޮޅު ސިޓީ ކައުންސިލް ހިންގުމަށްޓަކައި ޤާނޫނު އެބަ ލާޒިމްކުރޭ، އަދި އަތޮޅު ކައުންސިލްތައް ހިންގުމަށްޓަކައިވެސް. ޤާނޫނު އެބަ ލާޒިމްކުރޭ، ޤައުމީ އިދާރާއެއް އުފެއްދުމަށް. އަދި އެ އިދާރާއަކީ ސިޓީ ކައުންސިލާއި ސަރުކާރާ ދެމެދު މެދުވެރިއެއްގެ ގޮތުގައި، ސިޓީ ކައުންސިލްތަކަށް، އަތޮޅު ކައުންސިލްތަކަށް އެހީތެރިވެދިނުމަށް މަގުފަހިކޮށްދިނުމަށް މަސައްކަތްކުރާ އިދާރާއެއް.

ސަރުކާރުން ހަމަޖައްސާފައި މިހާރު މިވަނީ، ދެކުނުގެ މި ދެއަތޮޅުގެ އިދާރާގެ ގޮތުގައި މަސައްކަތް ކުރަމުންދާނީ، އެއީ ދެކުނުގެ ޕްރޮވިންސް އޮފީސް، މި އޮފީސް، ސަދަން ޕްރޮވިންސްގެ ޕްރޮވިންސް އޮފީސް. އެހެންވީމާ، ސަރުކާރުން ކަނޑައަޅާފައި މިވަނީ، ދެކުނުގެ އައްޑޫ ސިޓީއާއި އަދި ފުވައްމުލަކުގެ އަތޮޅު ދާއިރާއަށް ބޭނުންވާ ޤައުމީ އިދާރާގެ ގޮތުގައި ހިންގާ މަސައްކަތްތައް ހިނގަމުންދާނީ މިއޮފީހުންނޭ.

އަޅުގަނޑުމެންގެ ވަރަށްބޮޑު އުންމީދެއް އެއީ، ދެ ސިޓީވެސް، ޚާއްޞަކޮށް، އައްޑުއަތޮޅު އަލަށް ސިޓީއަކަށް ބަދަލުވެގެންދާއިރުގައި، ރަނގަޅު ސިޓީއަކަށް އައްޑުއަތޮޅު ބަދަލުވުމާއި އަދި އެސިޓީން ބޭނުންވާ ހުރިހާ ޚިދުމަތެއް، އެ ސިޓީގައި ލިބޭނެ އިންތިޒާމްތައް ހަމަޖެހިގެންދިޔުން. އޭގެތެރޭގައި، މިވަގުތު އަޅުގަނޑުމެންނަށް ޤާއިމް ކުރެވިފައިނުވާ ބައެއް ކަންކަން އެބަހުރޭ. ފެނާއި، ނަރުދަމައާއި، ބައެއް މަގުތައް ހެދުމާއި، މިބާވަތުގެ ކަންކަން. އެކަންކަންވެސް އެނގިވަޑައިގަންނަވާނެ، އެ މަޝްރޫޢުތައް މިހާރުދަނީ ކުރިއަށް. އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑުމެންގެ މި 3 އަހަރު ނިމޭއިރުގައި، މިވަގުތު އައްޑޫ ސިޓީގެ ޖީ.ޑީ.ޕީ އަކީ ދެބިލިއަން ރުފިޔާ. އެއީ، އުފެއްދުންތެރިކަމަކީ ދެބިލިއަން ރުފިޔާ. ރާއްޖޭގެ އުފެއްދުންތެރިކަމުގެ 10 ޕަސެންޓް އެއީ. އަޅުގަނޑުމެން އަމާޒުކޮށްގެން މިތިބީ، އަޅުގަނޑުމެންގެ މި ފުރަތަމަ ދައުރު ނިމުމުގެ ކުރީގައި، އައްޑޫ ސިޓީގެ އުފެއްދުންތެރިކަން 4 ބިލިއަން ރުފިޔާއަށް ނެގޭތޯ މަސައްކަތް ކުރުން.

ކިތަންމެ ކިތަންމެ އެހެން ކަންކަމަކީ އަތްނުލެވޭ ކަންކަން. ތަރައްޤީގެ ގޮތުގައި އަޅުގަނޑުމެން ކުރާންޖެހޭ ކަންކަން. އެހެން ނަމަވެސް، އެކަންކަން ކުރީމާ، އަޅުގަނޑުމެންނަށް އެ ކުރެވިފައި މިއޮތީ ކޮންކަމެއްކަން މާބޮޑަށް އަދި އެންމެންނަށް އިޙްސާސްނުވާ ކަންކަން. އުފެއްދުންތެރިކަމަކީ މިދަންނަވާހެން ގޮސް އަޅުގަނޑުމެންނަށް ފެންނާން އެކަތިގަނޑެއްހެން އޮންނާނެ ކަމެއް ނޫން. އެކަމަށް އަސަރު ކުރަނީ، އެހެން ހުރިހާ ކަމެއް ރަނގަޅުވެދިޔައިމާ. އެހެންވީމާ، އަޅުގަނޑުމެން އެކަން އަމާޒަކަށް ހަދައިގެން، ރަނގަޅު ކުރުމަށް މަސައްކަތް ކުރީމާ، ކުރާން ޙަޤީޤަތުގައި ކުރާން މިޖެހެނީ، ތަޢްލީމު ރަނގަޅު ކުރުން، ޞިއްޙަތު ރަނގަޅު ކުރުން، ދަތުރުފަތުރު ރަނގަޅު ކުރުން، ވިޔަފާރި ރަނގަޅު ކުރުން. އަދި އެހެންވެސް ޚިދްމަތްތައް ރަނގަޅު ކުރުން.

އަޅުގަނޑުމެންގެ ދުޢާއަކީ، އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ މި އަމާޒުތައް އިރާދަކުރެއްވިއްޔާ، އަމާޒުތަކަށް ވާސިލުވެވުން. އަދި އަޅުގަނޑުމެން މިއެދޭ ބަދަލުތަކާއި، އަޅުގަނޑުމެން މިއެދޭ އަނެއްގޮތް، ތަނަވަސް ދިރިއުޅުން، ހާސްކަމެއް ނެތް ދިރިއުޅުން، އަޅުގަނޑުމެންނަށް ލިބުން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحَمْـدُ لِلّـهِ. والســّلام عليــكم.
_____________________