ޤާނޫނު ނަންބަރު 2011/3 (ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޤާނޫނު)ގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، "ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ" 2011 ފެބްރުއަރީ 15 ވަނަ ދުވަހު އުފައްދަވައި، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންއަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ބައެއްގެ ގޮތުގައި ހަމަޖެއްސެވުމާ ގުޅިގެން، އެ ކޮލެޖްގެ ފެކަލްޓީއެއްގެ ގޮތުގައި ހިނގަމުންދިޔަ ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާ، އެ ތާރީޚުން ފެށިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދަށުން ހިނގަމުންދާ ކޮލެޖެއްގެ ގޮތުގައި ހަމަޖައްސަވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 މިގޮތަށް ހަމަޖެއްސެވުމާގުޅިގެން، ކުއްލިއްޔަތުލްދިރާސާތިލް އިސްލާމިއްޔާއަށް މިހާރު ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ މަސައްކަތްތަކުގެ ލިސްޓް މިދެންނެވުމާއެކު އެވަނީއެވެ.
ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާއަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުންގެންދަވާނީ، އެ ކުއްލިއްޔާގެ މަސައްކަތްތައް މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަނާ ހަވާލުކުރެއްވުމުގެ ކުރިން، އެ ކުއްލިއްޔާއަށް ހަމަޖައްސަވާފައިވާ ނަންބަރު، 170 ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާގެ މަސައްކަތްތައް
 
1.      ދީނީ އެއްބައިވަންތަކަމާއި، ޤައުމީ ވަޙްދަތުގެ ގިއުގަނޑުގެ ތެރޭގައި، ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ރައްކާތެރިކޮށް ދެމެހެއްޓުމަށާއި، ޤައުމުގެ ތަރައްޤީއަށާއި ހޭލުންތެރިކަމަށް ބޭނުންވާ ތަޢްލީމާއި ތަމްރީންލިބިފައިވާ ޒިންމާދާރު ދިވެހި ދަރިންތަކެއް އުފެއްދުން.
2.      ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތާއި ދީނީ އެއްބައިވަންތަކަމާއި ޤައުމީ ވަޙްދަތު ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ދޭންޖެހޭ އިސްލާމީ ތަޢްލީމުދިނުން.
3.      އިސްލާމީ ޢުލޫމާއި ޘަޤާފަތުގެ ތަޢްލީމުގެ ތެރެއިން، ޤައުމުގެ އިޖްތިމާޢީ، ޘަޤާފީ އަދި ތަޢްލީމީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުން.
4.      އިސްލާމީ ތަޢްލީމުގެ ރޮނގުތައް ކަމުގައިވާ ޤުރުއާންގެ ޢިލްމު، އިސްލާމީ ޝަރީޢަތާއި ޤާނޫނު، ތަފްސީރާއި ޙަދީޘާއި އޭގެ ޢިލްމުތައް، އިސްލާމީ ޢަޤީދާއާއި ފަލްސަފާ، އިސްލާމީ ތާރީޚާއި ޙަޟާރާ، އިސްލާމީ ތަރުބިއްޔަތާއި އިޤްތިޞާދު ފަދަ ދާއިރާތަކުން މަތީ ތަޢްލީމު ދިނުން.
5.      ކުއްލިއްޔާ ތަޙައްޞުޞުވާ ދާއިރާތަކުން ޢިލްމީ ދިރާސާތައް ކުރުމާއި، މި ދިރާސާތައް އާންމު މަންފާއަށްޓަކައި ޝާއިޢުކުރުން.
6.      ޤުރްއާން ކިޔެވުމުގެ ފަންނު އުގަންނައި ދިނުމަށްޓަކައި ބޭނުންވާ ތަޢްލީމާއި ތަމްރީނު ދިނުން.
7.      ކީރިތި ޤުރުއާން ހިތުދަސްކޮށްދިނުމާއި ދިވެހިން ކީރިތި ޤުރްއާނަށް ޝައުޤުވެރިކޮށް، ކީރިތި ޤުރުއާން ކިޔެވުމުގެ ހުނަރު ފެތުރުން.
8.      މަތީތަޢްލީމަށް ބޭނުންވާ އިސްލާމީ ސާނަވީ ތަޢްލީމު ދިނުން.
9.      ކުއްލިއްޔާގެ މަޤްޞަދުތައް ހާސިލުކުރުމަށްޓަކައި ރާއްޖެއާއި ރާއްޖެއިންބޭރުގެ ތައްލީމުދޭ މަރްކަޒްތަކާއެކު ގުޅުން އުފެއްދުމާއި، އެއްބާރުލުން ޤާއިމުކުރުން.
10.ޢަރަބި ބަހަށް ދިވެހިން ޝައުޤުވެރިކޮށް އެބަސް ދަސްކޮށްދީ ފެތުރުން.
އިސްވެ ބަޔާންކުރެވުނު މަޤްޞަދުތައް ހާސިލުކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް، ކުއްލިއްޔާގައި ޤާއިމުކުރެވޭ ތަފާތު ޢިލްމީ މަރްކަޒްތަކާއި ޑިޕާޓްމަންޓްތައް މެދުވެރިކޮށް ކުރުން.