بســم اللّـه الرّحمـن الرّحيــم

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރައީސް އޮނަރަބްލް އިބްރާހީމް ޙުސައިން ޒަކީ، ޕާޓީގެ ޗެއަރޕަރސަން އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ، ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ އޮނަރަބްލް މޫސާ މަނިކު، ޕާލިމެންޓްރީ ގްރޫޕްގެ އެހެން މެންބަރުންނާއި އަދި ވަކިން ޚާއްޞަކޮށް، ވަޑައިގެން ތިއްބެވި މި ފޭދޫގެ ވެރިންނާއި، ފޭދޫގެ ލޮބުވެތި ރައްޔިތުން.

السّـلام عليـكم

އަޅުގަނޑުމެން މީގެ ދެތިން ހަތަރު، ދެއަހަރެއް ކުރީގައި، މި ރާއްޖޭގެ ރައްޔިތުންގެ ކުރިމައްޗަށް އަޅުގަނޑުމެން ހުށަހެޅީމު ސުވާލެއް. އެދުވަހު ޕާޓީގެ ފަރާތުން ފާހަގަކުރީ، މި ރާއްޖެ މިއޮތީ ހަތަރު އަނގޮޅީގެ ކަންމަތީގައޭ. ރާއްޖޭގެ ރައްޔިތުންނަށް އެބައޮތޭ، އެހިސާބުން ޚަރާބުގެ މަގު ޚިޔާރު ކުރެވެންވެސް. ނޫންނަމަ އަޅުގަނޑުމެންނަށް އެބައޮތޭ އެހެން ގޮތެއް، މުޅިން އެހެން މަގެއް، އެހެން ދިވެހިރާއްޖެއެއް، އަނެއް ދިވެހިރާއްޖެ ޚިޔާރު ކުރެވެން. ރާއްޖޭގެ ރައްޔިތުންގެ އަޣްލަބިއްޔަތު މިވަނީ ޕާޓީގެ މެނިފެސްޓޯ، ޕާޓީގެ ޕްރޮގްރާމެއް ބަލައިގެންފައި. ރާއްޖޭގެ ރައްޔިތުން ވަރަށް ސާފު ބަހުން ފާހަގަކޮށްފައި އެވަނީ، އެ ރައްޔިތުން ބޭނުންވަނީ، މުޅިން އެހެން ގޮތެކޭ، އެހެން ދިވެހިރާއްޖެއެކޭ، ކުރިން އޮތް ގޮތެއް ނޫނޭ. އެ ރައްޔިތުން ބޭނުންވަނީ، ބަދަލެކޭ، ބޮޑު ބަދަލެއް. އެ ބަދަލަކީ، މުއްސަނދިކަން. އެ ބަދަލަކީ، ފޭދޫ ރައްޔިތުންނަށްވެސް މިއަދު ލިބެމުން އަންނަ އެއްޗަކަށްވުރެ ރަނގަޅު އެއްޗެއް މާދަމާއަށް ލިބޭނޭ އިންތިޒާމެއް، އުޞޫލެއް، މި ރަށްރަށުގައި ޤާއިމް ކުރެވޭނޭ ގޮތް ހޯދުން. އެބަދަލަކީ، އަޅުގަނޑުމެންގެ ޢާންމު ޙާލަތު، އެއް ޙާލަތުން އަނެއް ޙާލަތަށް ބަދަލުކުރުވާނެ ބަދަލެއް ރައްޔިތުން އެދުނީ.

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ހުށަހެޅީ، މި ބަދަލު ހޯދުމަށްޓަކައި އަޅުގަނޑުމެން ހިންގާންޖެހޭ މަސައްކަތްތަކަކީ، ވަކިގޮތަކަށް، ވަކިއިރެއްގައި، ވަކި ކަންތައްތަކެއް ކޮށްގެން ހިންގެން އޮތް ބަދަލެއްކަން. ޕާޓީގެ ފަރާތުން ވަޢުދުތަކެއް ރައްޔިތުންނަށްވި. އަދި އެހެންވީމާ، އެވަޢުދުތައް ފުއްދުމަށްޓަކައި ސަރުކާރުގެ ސިޔާސަތު، އެ މަގަށް ބައްޓަން ވެގެންދިޔަ. ޕާޓީއަށް ފާހަގަވި ކަންތައްތަކުގެ ތެރޭގައި، މި ފޭދޫގެ ރައްޔިތުންގެ ގިނަ ރައްޔިތުންނަކީ، ނިކަމެތި ފަޤީރުން. އެމީހުންނަކީ، އެމީހުންނަށް ރެޔާދުވާލަށް ދިހަ ފަނަރަ ރުފިޔާ، އެމީހުންގެ އާމްދަނީގެ ގޮތުގައި ނުލިބޭ މީހުން. އެމީހުންނަކީ، އ.ދ. އެބުނާ ހައިހޫނުކަމުގެ ރޮނގުން ތިރީގައި ތިބި މީހުން. ގިނަ ބައިވަރު ރައްޔިތުންނަކީ، ނިކަމެތިންގެ ގޮތުގައި، ފަޤީރުންގެ ގޮތުގައި ވަނިކޮށް، ފޭދުއެއް ތަރައްޤީއެއް ނުކުރެވޭނެ. އަދި ރާއްޖެއެއްވެސް ތަރައްޤީއެއް ނުކުރެވޭނެ. އަޅާ އުސް ޢިމާރާތަކުން، ކުރެވޭ ބޮޑު ބިނާއަކުން އަޅުގަނޑުމެންނަކަށް ތަރައްޤީއެއް ނުހޯދޭނެ. ތަރައްޤީއަކީ ފޭދޫ މީހާ ތަރައްޤީވުން. ތަރައްޤީއަކީ އަޅުގަނޑުމެންނަށް ތަންދޮރު އެނގުން. އަޅުގަނޑުމެން ބަދަލުވުން.

ޕާޓީގެ ވިސްނުމުގައި އޮތީ، ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުން. ޕާޓީން ވަޢުދުވީ، އިރާދަކުރެއްވިއްޔާ، އެމް.ޑީ.ޕީ.ގެ ސަރުކާރެއްގައި، ރައްޔިތުން ބޭސް ސިޓީއަށް ސަލާންޖަހާ ޖެހުން ހުއްޓާވާލަނަމޭ. ޕާޓީގެ ވަޢުދު ފުއްދުމަށްޓަކައި، ސަރުކާރުގެ ސިޔާސަތު ތަންފީޛުވާން ފެށި ފެށުމާއެކު، މަދަނައިގެ ޚިދްމަތް ވަރުގަދަ ކުރެވޭނެ ފެށުނު. އަޅުގަނޑުމެންނަށް މިއަދު ހިތްހަމަޖެހުން ލިބެނީ، މި ޕާޓީއަށް މިއަދު އުފާވެރިކަން ލިބެނީ، މި ފޭދޫގެ 158 ރައްޔިތަކު މަދަނައިގައި ރަޖިސްޓްރީވެ، އެމީހުންނަށް އިޖްތިމާޢީ ރައްކާތެރި ކަމެއް ހޯދައިދެވިފައި އޮތްކަމުން. ސަރުކާރުވެސް ގަބޫލުކުރޭ، މިރަށުގައިވެސް އަދި އެހެން ބައެއް ރަށްރަށުގައިވެސް، ސަރުކާރަށް ދެވެމުން މިގެންދާ ޢާންމު ޚިދްމަތްތައް އެއީ، އަޅުގަނޑުމެން އެންމެ އެދޭ މިންވަރަށް ދެވޭ ޚިދްމަތެއް ނޫން ކަމަށް. އެހެން ނަމަވެސް، އެއަށްވުރެ ބޮޑު ޙަޤީޤަތެއް ސަރުކާރަށް ފާހަގަވި. މިދެންނެވި ކަމުނުދާ ޚިދްމަތަށްވެސް، މިރާއްޖޭގެ އާބާދީގެ ގިނަ ބައިވަރު މީހުންނަކަށް އަތެއް ނުފޯރައޭ. ޑޮކްޓަރެއް ގާތަށް ދެވިގެން، ބޭސް ސިޓީއެއް ލިޔެވުނު ކަމުގައިވިޔަސްވެސް، އެއަށް ބޭސް ހޯދުމަށް ބޭނުންވާ ފައިސާ، ރައްޔިތުންގެ އާމްދަނީ މަދުކަމުން މިއޮންނަނީ ހަމަނުޖެހިފައި، ނުލިބިފައި. މިދިޔަ 2010 ވަނަ އަހަރު ސަރުކާރުން މި ފޭދޫގެ މަދަނައިގައި ރަޖިސްޓްރީވެފައި ތިބި މީހުންނަށް ބޭސްކޮށްދިނުމަށްޓަކައ، އެމީހުންގެ ބޭސް ސިޓީއަށް ބޭސް ހޯދައިދިނުމަށްޓަކައި ދެލައްކަ ތިރީސްހާސް ރުފިޔާ ޚަރަދުވެފައި އޮތްކަމީ، މި ސަރުކާރަށް ހިތްވަރު ލިބޭ ކަމެއް. މިދެންނެވި ފައިސާ ޚަރަދު ކުރެވުނީކީއެއް، ހެލްތް ސެންޓަރުގެ މުވައްޒަފުންނަށް މުސާރަދޭކަށެއް ނޫން. އެތަނުގެ ބޭރު ފާރުގައި ކުލަލާކަށް ނުވަތަ ކަރަންޓް ބިލް ދައްކާކަށެއްވެސް ނޫން. އެފައިސާ ޚަރަދު ކުރެވުނީ، ހަމަ ސީދާ ފޭދޫ މީހުންގެ ތެރެއިން މަދަނައިގައި ރަޖިސްޓްރީވެ، ބަލިވި މީހުންނަށް ބޭސް ސިޓީއަށް ބޭސް ހޯދައިދިނުމަށްޓަކައި.

މި ސަރުކާރުގެ އަމާޒަކީ، އިޖްތިމާޢީ ރައްކާތެރިކަން ރައްޔިތުންނަށް ހޯދައިދިނުން. ޕާޓީގެ ވަޢުދުތަކުގެ ތެރޭގައި، ޕާޓީން ވެފައިވާ ހުރިހާ ވަޢުދަކީވެސް، އެ ވަޢުދުތައް ފުއްދުމުން، މި ރާއްޖެ ބަދަލުވާނެ ވަޢުދުތައް. އެއީ، ރާއްޖޭގެ ރައްޔިތުން ދެއްކި އެތައް ވާހަކައެއް ޕާޓީން އަޑުއަހައި، މިދެންނެވި ވާހަކަތަކުގެ ޢަރަޤު، އޭގެ މަދުގެ ގޮތުގައި ޕާޓީގެ މެނިފެސްޓޯގައި ހިމެނިފައިވާ ކަންކަން. އެއީ، މިހާރު ރާއްޖޭގެ ޤައުމީ ތަރައްޤީގެ އޮނިގަނޑު. އެއީ މިހާރު މި ރާއްޖޭގެ، މި ދައުލަތުގެ ސިޔާސަތު. ޢުމުރުން 65 އަހަރުން މަތީގެ ކޮންމެ މީހަކަށް ދެހާސް ރުފިޔާގެ ޕެންޝަނެއް ދިނުމަށް ޕާޓީން ވަޢުދުވި. ޕާޓީއަށް ވަރަށް ބޮޑަށް، ވަރަށް ސާފުކޮށް ފެނިގެންދިޔަ ކިތަންމެ ޙަޤީޤަތެއް އެބަހުރި. މި ރާއްޖޭގެ ދޮށީ ޢުމުރުގެ މީހުން، އެމީހުންގެ ޙަޔާތުގެ ފަހު ދުވަސްކޮޅު، އަތްފައިގައި ބާރު ދެރަވެ، އަތުންފައިން މަސައްކަތް ކޮށްގެން އާމްދަނީއެއް ނުހޯދޭ މިންވަރަށް ބިކަ ހާލުގައި ޖެހުނީމާ، އެދުވަހު އެމީހުންނަށް އަޅާލެވޭނެ ބައެއް ނެތުނީމާ، ގެއްލުން ލިބެނީ ހަމައެކަނި އެމީހުންނަކަށެއް ނޫން. މުޅި ރާއްޖޭގެ ޤައުމިއްޔަތަށް. މި ޤައުމު މިގޮތަށް އަޅުގަނޑުމެންނަށް ރައްދުވެފައި މިއޮތީ، މިއަދުގެ ދޮށީ ޢުމުރުގެ މީހުން އިއްޔެ ނުހަނު ގިނަ މަސައްކަތް ކުރީތީ. އެމީހުން މަހަށް ފަރަށް ދިޔައީތީވެ. ރުކަށް، ވަލަށް ވަނީތީވެ. އޮޑިދޯނިފަހަރު ބަނީތީވެ. ވަޑާން ކުރީތީވެ. ގެދޮރު ޢިމާރާތް ކުރީތީވެ. ކިތަންމެ ކިތަންމެ ކަމެއް، އެމީހުން ކުރީތީވެ. ހަމަގައިމުވެސް އަޅުގަނޑު ނިސްބަތްވާ ޕާޓީގެ ސިޔާސަތެއް ނޫން އެއީ، ޕާޓީ އެއްގޮތަކަށްވެސް ޤަބޫލުކުރާ އުޞޫލެއް ނޫން އެއީ، މި ރާއްޖޭގައި ޕެންޝަނެއް ޙައްޤުވަނީ ހަމައެކަނި ސަރުކާރުގައި މަސައްކަތްކުރި މުވައްޒަފުންނަށް ކަމަށް ދެކެވޭ ދެކުން. އެހެންވީމާ، ޕާޓީން ދެހާސް ރުފިޔާ ދިނުމަށް ވަޢުދުވީ. މިއަދު މި ސަރުކާރަށް ހިތްހަމަޖެހުން ލިބެނީ، އަޅުގަނޑުމެންނަށް އުފާވެރިކަން ލިބެނީ، މިރަށުގެ 46 މީހަކަށް، މިދެންނެވި އަސާސީ ޕެންޝަން ދެމުން ގެންދާތާ މިވީ ދެއަހަރު. ކޮންމެ މަހަކު ގަވާއިދުން އެފަރާތްތަކަށް ދެހާސް ރުފިޔާ ދެމުން ގެންދެވޭ. އަދި ކޮންމެ މަހަކު މިރަށަށް ނުވަދިހަ ދެހާސް ރުފިޔާ، ޕެންޝަންގެ ގޮތުގައި ޚަރަދު ކުރުމުގެ ފުރްޞަތު، ސަރުކާރަށް މިވަނީ ފަހިވެފައި.

އެނޫނަސްވެސް އިޖްތިމާޢީ ރައްކާތެރިކަން ބޭނުންވާ ފަރާތްތައް ހުރިކަން އެއީ، ޕާޓީ ދަންނަ ޙަޤީޤަތެއް. އެކަނިވެރި މައިންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އަދި ޔަތީމު ކުދިންނަށް ދެވޭ ޢިނާޔަތްތައްވެސް ސަރުކާރުން މިދަނީ ދެމުން. މިދިޔަ އަހަރު، އެ ފަހު 6 މަސް ދުވަހު، އެކަނިވެރި މައިންނާއި ޔަތީމު ކުދިންނަށް ދެވޭ ފައިސާ ދޫކުރެވެން ފެށުނު. އަޅުގަނޑުމެން ހިތްހަމަޖެހެނީ، މި ފޭދޫގެ 4 ރައްޔިތަކަށް، މިދެންނެވި ޢިނާޔަތާއި އެހީތެރިކަން ފޯރުކޮށްދެވޭކަމުން. މިދިޔަ އަހަރުގެ ތެރޭގައި، ސާޅީސް ދެހާސް ރުފިޔާ، އެމަސައްކަތަށްޓަކައި، އެ ރައްކާތެރިކަމަށްޓަކައި މިރަށަށް ޚަރަދު ކުރެވިފައި އޮތްކަމުން.

ފޭދޫ ތަރައްޤީވުމަށްޓަކައި، ފޭދޫ ބަދަލުވުމަށްޓަކައި ތަރައްޤީވާންޖެހެނީ، ކުރާންޖެހެނީ ފޭދުއެއް ނޫން. ތަރައްޤީވާން ޖެހެނީ ފޭދޫ މީހާ. ތަންދޮރު އެނގެން މިޖެހެނީ، ފޭދޫ ރައްޔިތުންނަށް. ހެޔޮހާލުގައި، ދުޅަހެޔޮ ޞިއްޙަތެއްގައި، ރަނގަޅު ބޯހިޔާވަހިކަމެއްގައި، ސަލާމަތްތެރި އާމްދަނީއެއް ލިބި، ރަނގަޅަށް ކައިބޮއި އުޅެވި، ދަރިންނަށް މަދްރަސާއަށް ފޮނުވި، ރިވެތި ގޮތުގައި ރައްޔިތުންނަށް ދިރިނޫޅެވޭހާ ހިނދަކު، އަޅުގަނޑުމެން މި އެދޭ ތަރައްޤީ، އަޅުގަނޑުމެންނަކަށެއް ނުހޯދޭނެ. ތަރައްޤީއަށްޓަކައި ކުރަންޖެހެނީ ވަކި ޚާއްޞަ ކަންތައްތަކެއް، ވަކިއިރެއްގައި، ވަކިގޮތަކަށް. އަބަދުވެސް މި ސަރުކާރު ދެކެނީ، މިރަށުގެ ތަރައްޤީގެ ނާރެސްއަކީ މި މަދްރަސާއޭ. އެހެންވީމާ، މިއަދު އަޅުގަނޑު ވަރަށް ދެރަވޭ. އަދި ހަމައެހެންމެ، އެހެން ބަސްތަކަކުން ދަންނަވަނީނަމަ، އަޅުގަނޑަށް އުންމީދުގެ އަލިކަމެއްވެސް އެބައޮތް. އަޅުގަނޑު ދެރަވަނީ، މިދިޔަ އަހަރު މި ސްކޫލުން އިމްތިޙާންގައި ބައިވެރިވި ކުދިންތަކުގެ ތެރެއިން އެއްވެސް ކުއްޖެއް، 5 މާއްދާއަކުން ފާހެއްނުވޭ. 14 ކުދިން ބައިވެރިވިއިރުގައި، 14 ކުދިންވެސްވީ ފެއިލް.

މި ސަރުކާރު ހިނގަނީ އެންމެ ބޭނުމަކަށްޓަކައި. އެއީ ރައްޔިތުންނަށް ޚިދްމަތް ކުރުމަށް. އަޅުގަނޑުމެންގެ ދަރިންނަށް ތަޢްލީމެއް ނުދެވޭ ކަމަށް ވަނީވިއްޔާ، ދެން އަޅުގަނޑުމެން މިކުރާ އެއްވެސް މަސައްކަތެއްގެ އެއްވެސް ބޭނުމެއް ނެތް. އަޅުގަނޑުމެން ރަށްރަށަށް ދިޔުމުން، ނުވަތަ ވަފުދު ހަދާފައި އައިސް އަޅުގަނޑާ ބައްދަލުކޮށް، ރަށުގެ ކުރިއަށް ތިއްބަވާ ބޭފުޅުން، ރައީސޭ، މިރަށުގެ ބަނދަރޭ، ފައިކަށްޓޭ، ސަހަރާ ވަށާފާރޭ ވިދާޅުވާއިރުގައި، އެނގިވަޑައިގަންނަވާތޯ، ތަރައްޤީއަކީ ބޮޑުތިލައިން މިނާ އެއްޗެއް ނޫން. އެއީ، އަޅުގަނޑުމެންގެ ދަރިންނަށް ތަންދޮރު އޮޅުންފިލުވައި ދެވުނީމާ ވާކަމެއް. އަޅުގަނޑުމެން އަތުން މި ފޭދޫގެ އެއްޖީލު މި ގެއްލެނީ. މިއަހަރު މިރަށުގައި ގްރޭޑް 10އާ ހަމައަށް އާދެވުނު 14 ކުދިން އިމްތިޙާނުން މިދިޔައީ ފެއިލްވެގެން. އަޅުގަނޑު ކަންބޮޑުވަނީ، އަޅުގަނޑު ހިތާމަކުރަނީ، އެނގިވަޑައިގަންނަވާނެ، މިދިޔަ އަހަރު ކުރީކޮޅު، 2009 ވަނަ އަހަރު މިރަށު ބެލެނިވެރިން ނުކުމެ، މިރަށު މަދްރަސާ ބަންދުކޮށްފި. މިރަށު ވެރިންނަށް ކިޔަވައިނުދެވޭގޮތް ހަދައިފި. އެއިން އަޅުގަނޑަށް ލިބޭ ގެއްލުމެއް ނޫން ބޮޑީ. އަޅުގަނޑު ދެރަވޭ، އަޅުގަނޑު ނުކުމެ މިހުރީ އެންމެ ކަމެއް ކުރަން. އެއީ ފޭދޫ ދަރިންނަށް ކިޔަވައިދޭން. އެކަން އަޅުގަނޑުމެންނަށް ނުވަންޏާ، އަޅުގަނޑުމެން މިކަން ކުރަން ތިބުމުގެ ބޭނުމެއް ނެތް. ވެރިކަމުގެ އަރާމާއި، އޭގެ ލައްޒަތާއި، އޭގެ ޖާހަތެއް ނޫން އަޅުގަނޑުމެން އެދި މިއުޅެނީކީއެއް. އަޅުގަނޑުމެން އެދި މިއުޅެނީ، އަޅުގަނޑުމެންގެ ދަރިންނަށް ތަންދޮރު އޮޅުންފިލާނޭ ގޮތެއް ހޯދައިދިނުން. އަޅުގަނޑުމެންގެ ރާއްޖެ، އަޅުގަނޑުމެންގެ ރަށްތައް ތަރައްޤީވާނެ މަގެއް ހޯދުމަށް. އެ މަގަށް ނުހަނު ބޮޑު ހުރަސް މި އެޅެނީ، ސިޔާސީ ބޭނުމަށްޓަކައި. މިމަދްރަސާތަކުގެ ތެރޭގައި، މިދެންނެވި ބާވަތުގެ ސިޔާސީ ޙަރަކާތް ހިންގާކަމުން. ބެލެނިވެރިންނެއް ނުކުމެ މަދްރަސާއެއް ބަންދެއް ނުކުރާނެ. އެއީ، ބެލެނިވެރިން ކުރާ ބާވަތުގެ ކަމެއް ނޫން. ބެލެނިވެރިން ކުރައްވަންވީ ކަމަކީ، މަދްރަސާތައް ހުޅުވައިގެން، ރަނގަޅު ތަޢްލީމެއް ކުދިންނަށް ދެވޭތޯ ކެނޑިނޭޅި އަބަދު ބެލުން. އަޅުގަނޑުމެންނަށްވެސް ފާހަގަވި، ތިޔަބޭފުޅުން ހިތްހަމަނުޖެހުން، މިތަނުގައި ހުރި ބޭރު ޓީޗަރެއް ހުރެގެން ނުވަތަ އެވެނި މީހަކު ހުރެގެން. އެވެނި މީހަކު، މިވެނި މީހަކު ހުރެގެން. އަޅުގަނޑު ދެކެނީ އެއަށްވުރެވެސް ގޯސްކޮށް. އިއްޔެ ނޫން އިހަށްދުވަހު އަޅުގަނޑުމެންނަށް އޯ ލެވެލް އިމްތިޙާނުގެ ނަތީޖާ ލިބުނުއިރުގައި، މި ށ. އަތޮޅުން އެންމެ ދެރަށުން އޮތީ، ވާދަވެރި ޕާޓީތަކުގެ އަޣްލަބިއްޔަތު ހުރި ކުދިކުދި ރަށްރަށް. އެހެންވީމާ، އަޅުގަނޑަށް ފެންނަނީ، ވަރަށް އެހެން މަންޒަރެއް. މި ސަރުކާރާ އިދިކޮޅު ހެދުމަށްޓަކައި ތިޔަބޭފުޅުންގެ ދަރިން ޝިކާޔަތަކަށް ނުހައްދަވާށޭ. ތިޔަބޭފުޅުންގެ އަންނާން އޮތް ޖީލު ނަގައިނުލައްވާށޭ.

އަޅުގަނޑު އަބަދުވެސް ދަންނަވަން، މިއަދު މިހާރު މިއޮތީ މެންދުރުވެ، ހަވީރުވެފައި. އިއްޔެ މިއޮތީ ގެއްލިފައި. އަޅުގަނޑުމެންނަށް ލިބެން އޮތީ ހަމައެކަނި މާދަމާ. އެއީ، އަޅުގަނޑުމެންގެ ދަރިން. އަޅުގަނޑުމެންގެ މުސްތަޤްބަލް. ވާދަވެރި ވެރިން، ސިޔާސީ ލީޑަރުން ވިދާޅުވެގެން، ސަރުކާރަށް ގެއްލުން ދިނުމަށްޓަކައި، ސަރުކާރުން ހުއްޓުވާލުމަށްޓަކައި މަދްރަސާ ބަންދު ކުރީމާ، ގެއްލުންވާނީ ހަމަ އަޅުގަނޑުމެންގެ އަމިއްލަ ގުނަންތަކަށް. ސީދާ އަމިއްލަ ޖިސްމަށް. އަޅުގަނޑުމެން މިކުރަނީ ކުފުރުވެރިކަމެއް. އަމިއްލަ ހައްޓަށް އަނިޔާ ކުރުން، އެއްވެސް ހާލެއްގައި އެއީ، ރަނގަޅު ކަމެއް ނޫން. ދިންނަވާނޭ ކަމެއް ނޫން. އަޅުގަނޑުމެންގެ އަމާޒަކަށް އަބަދުވެސް ވާންވާނީ، އަޅުގަނޑުމެންގެ ދަރިންނަށް ރަނގަޅު ތަޢްލީމެއް ހޯދޭނެގޮތް މެދުވެރިވުން. އަޅުގަނޑު މިދިޔަ އަހަރު އަޅުގަނޑުމެން ބެލިން އެހެންވީމާ، ތިޔަބޭފުޅުން ބޭނުންވެލެއްވި ގިނަ ކަންތައް، މި މަދްރަސާގައި ހުންނާނީ މިހާރު ފުރިހަމަވެފައި. މަދްރަސާގެ ދޮރުފަތްތައް ބަދަލުކޮށް، ފުރާޅު ޓިނު ބަދަލުކޮށް، ތިޔަބޭފުޅުން އެވިދާޅުވި ބޭރު ޓީޗަރު ބަދަލުކޮށް، މިހުރިހާ މަސައްކަތެއް ކުރެވި އަދި މިރަށު ކުއްޖެއް، ތަންކޮޅެއް ދުރުގައި ހުއްޓާ މިތަނުން ސްކޫލަށް ގެނެވި، މިމަސައްކަތްތައް އެހެރީ ކުރެވިފައި. އަޅުގަނޑު ދެކެނީ، މިއަހަރުގެ ނަތީޖާ ރަނގަޅުވާނެ ކަމަށް. އަޅުގަނޑަކަށެއް ނެތް، މިރަށު ދަރިވަރުން ދޫކޮށްލެވޭކަށް. ތިޔަބޭފުޅުން އަޅުގަނޑުދެކެ ކިތަންމެ ހިތްހަމަނުޖެހުނަސް. އަދި ވާދަވެރިން އަޅުގަނޑާ ގުޅޭގޮތުން ކޮންމެ ވާހަކައެއް ދެއްކިޔަސްވެސް، އަޅުގަނޑަކީ މި ދައުލަތުގެ ވެރިޔާ. އެއީ، އަޅުގަނޑުގެ ދަރިން. އަޅުގަނޑު އެކުދިން ބަލަންޖެހޭ. އަޅުގަނޑު އެކުދިން ބަލަންޖެހޭ. އަދި އަޅުގަނޑު އެކުދިން ބެލުމުގެ އިންތިޒާމްތައް ހަމަޖައްސައިދޭންޖެހޭ.

ސިޔާސީ ފުރްޞަތަށްޓަކައިވެސް ކުރައްވާންޖެހޭނީ ބައެއް ބާވަތުގެ ކަންކަން. ދަރިންނާއި، ޅަކުދިންނާއި، އަޅުގަނޑުމެންގެ މުސްތަޤްބަލް ހަލާކުކޮށްލައިގެނެއް ނުވާނެ. އަޅުގަނޑު ވަރަށް ބޮޑަށް އުންމީދު ކުރަން، އަޅުގަނޑު ވަރަށް ބޮޑަށް ޔަޤީން ކުރަން، ތިޔަބޭފުޅުން، ތިޔަބޭފުޅުންގެ މަދްރަސާއަށް، ދަރިންނަށް ހެޔޮކޮށްހިއްތަވާނެ ކަމަށް. އަޅުގަނޑު އުންމީދު ކުރަން، ހުރިހާ މައިންބަފައިންވެސް، ގަވާއިދުން ޓީޗަރުންނާ ބައްދަލުކޮށް ހައްދަވާނެ ކަމަށް. ޕޭރަންޓް ޓީޗަރސް މީޓިންގތަކަށް މައިންބަފައިން ނުދާ ކަމަށް ވަނީވިއްޔާ، މަދްރަސާ ބޭއްވުމުގެ މާނައެއް ނެތް. މި މަދްރަސާގައި އެކަކު ނެތަސްވެސް، އިމްތިޙާންގައި ބައިވެރިވި 14 ކުދިންނަށް، އިމްތިޙާން ފީ ދެއްކީމާ، އިމްތިޙާންގައި ބައިވެރިވެވޭނެ. އެކަމަކަށް މަދްރަސާއެއް ހުންނާކަށްވެސް ނުޖެހޭ. އިމްތިޙާންގައި ބައިވެރިވުން އެއީކީއެއް ފީ ދެއްކީމާ ވާކަމެއް. ނަތީޖާ އޭރުން ނުކުންނާނީ ހަމަ މިހާރު އެނުކުންނަ ނަތީޖާ. ހުރިހާ ކުދިން ވާނީ ފެއިލް. އެއީކީއެއް އަޅުގަނޑަކަށް ހަޖަމް ކުރެވޭނޭ ކަމެއް ނޫން. އަޅުގަނޑާ ގުޅޭގޮތުން ކިތަންމެ ވާހަކައެއްވެސް ދައްކާފާނެ. އެހުރިހާ ވާހަކައެއް އަޅުގަނޑަށް ހަޖަމް ކުރެވޭނެ. އަޅުގަނޑާ ގުޅޭގޮތުން ކިތަންމެ ކިތަންމެ ފޮތިގަނޑެއްވެސް ލިޔެވިދާނެ. ލަވަވެސް ހެއްދެވިދާނެ. އެއީކީވެސް އަޅުގަނޑު ކަންބޮޑުވާ ކަމެއް ނޫން. އެހެން ނަމަވެސް، މިއީ އަޅުގަނޑު ކަންބޮޑުވާ ކަމެއް. މިރަށު ދަރިން، މަދްރަސާގައި ފާސްނުވަންޏާ އެއީ އަޅުގަނޑު ކަންބޮޑުވާ ކަމެއް. އަޅުގަނޑުމެން މި އެންމެ ކަންބޮޑުވަނީ، މި ހުރިހާ ކުދިން ފެއިލްވެފައި އޮއްވައި، އަޅުގަނޑު ކައިރިއަށް، އަޅުގަނޑު ގާތަށް ވަފްދު ހަދާފައި ވަޑައިގެން، ނުވަތަ ރަށުގެ ބޮޑުކޮށް ތިއްބަވާ ބޭފުޅުން ކޮންކަމެއްތޯ ހަމަ ދަންނަވާއިރަށް، ފައިކަށްޓޭ، އެއްގަމުތޮށްޓޭ، ސަހަރާ ވަށާފާރޭ، މިހެންގޮސް ބޭކާރު އެތައް ވާހަކައެއް ދައްކަވާފާނެ.

އަޅުގަނޑުމެން ބޭނުންވެގެން މިއުޅެނީ، މިރަށްރަށް ބަދަލުކުރުން. އަޅުގަނޑުމެންގެ އަމާޒެއް، މި ސަރުކާރު އުފެދިގެން އައީ، ފޭދޫގެ ތަރައްޤީގެ ތަޞައްވުރަކާ އެކުގައި. އަޅުގަނޑުމެން ބޭނުން، ފޭދޫ ބަދަލުކުރަން. އަޅުގަނޑުމެންނަށް އެނގޭނެ ފޭދޫ ބަދަލުކުރަންވެސް. އަޅުގަނޑުމެންގެ ކިބައިގައި އެހިތްވަރުވެސް ހުންނާނެ. އެ ވިސްނުމާއި، އެ ޙިކްމަތްވެސް ހުންނާނެ. އަޅުގަނޑުމެން މިއެދެނީ، ތިޔަހެން ނުހައްދަވާށޭ، އަޅުގަނޑުމެންނަށް ފުރްޞަތެއް ދެއްވާށޭ. އަޅުގަނޑު މިދަންނަވަނީ، ތިނޯހެއްގެ ފަގަފަދަ މިންވަރު އަޅުގަނޑުމެންނަށް ދެއްވި ނަމަވެސް، އަނބުރާ މޭލެއް އަޅުގަނޑުމެން ދޭނަމޭ.

ފެބްރުއަރީ 5 ވަނަ ދުވަހު މިރަށުގައި މިބޭއްވޭ އިންތިޚާބަކީ، މިރަށުގެ ތަރައްޤީއަށްޓަކައި ހެދޭ އެންމެ މުހިންމު މުއައްސަސާގެ ފެށުމުގެ ބިންގާ އެޅޭ ދުވަސް. އެދުވަހު ތިޔަބޭފުޅުން އެކުރައްވާ ކަމަކީ، ތިޔަބޭފުޅުންގެ ކުރިއެރުމަށްޓަކައި، ސަރުކާރުގެ ސިޔާސަތުތައް ތަންފީޛު ކުރާނެ ބަޔަކު އިންތިޚާބު ކުރަނީ. ހަނދުމައިގައި ބަހައްޓަވައްޗޭ އިނގޭތޯ، އެބަޔަކު ބޭނުން ކަމެއް ކުރުމަށް، އެބައެއްގެ ފަލްސަފާއެއް ހިންގުމަށް، އެހެން ސިޔާސަތެއް ޤާއިމް ކުރުމަށް އިންތިޚާބުކުރާ ބައެއް ނޫން. ސަރުކާރުގެ ސިޔާސަތު ތަންފީޛު ކުރުމަށް އިންތިޚާބުކުރާ ބަޔެއް. އެހެންވީމާ، މިރަށަށް އައިސް، ބޯޑް ބޯޑްގައި، ފޮތިގަނޑުގަނޑުގައި، ރަށު ތަރައްޤީއޭ، ތިމަންނާއޭ، އެހެން ވިދާޅުވާ ކަމަށްވަނީވިއްޔާ، އެއްގޮތަކަށްވެސް މިކުރާން މިއުޅޭ ކަމެއް، އެ ވާދަވެރި ބޭފުޅުންނަށް އެނގިވަޑައިނުގަންނަވަނީ.

މި ލޯކަލް އިންތިޚާބުގެ މަސައްކަތަކީ، އެމް.ޑީ.ޕީ.ގެ ފިކުރެއް. ޤާނޫނުއަސާސީގައި 8 ވަނަ ބާބެއް ނެތް، އޭގެ އަސާސީ ސިފަތަކާއި އުޞޫލުތައް ފާހަގަކުރެވުނުއިރު. މާފަހުން، އައްޑުއަތޮޅުގެ ޢިއްޒަތްތެރި މެންބަރު މުޙަންމަދު އަސްލަމާއި، ކޮޅުމަޑުލުގެ ޢިއްޒަތްތެރި މެންބަރު ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަން ހުށަހެޅުއްވި މާއްދާއަކާ ގުޅިގެން، އަޅުގަނޑުމެންނަށް މި 8 ވަނަ ބާބު ލިބުނީ. އަޅުގަނޑުމެން މިހާރު ކުރާ މިމަސައްކަތަކީ، 8 ވަނަ ބާބުގައި އެވާ އަކުރުތައް ޙަޤީޤަތަކަށް ހެދުމަށް، އެއަށް ސިފަ ގެންނަނީ. 8 ވަނަ ބާބަށް ދިރުންދެނީ. ދޭދިނުމަކީ، އަޅުގަނޑުގެ ރަށުގައި ހުރި ބާރެއް، އެއިން ބައެއް، މި ފޭދުއަށް ދޭންވެގެން މިއުޅެނީ. ވިސްނަވައްޗޭ، ގަބޫލުފުޅު ކުރައްވައްޗޭ. އަޅުގަނޑުގެ ރަށުގައި އެހުރި ބާރަކީ، އެތައް ސަތޭކަ އަހަރު ވަންދެން، އެރަށުގެ ވެރިކަމުގެ ޚާންދާންތަކުން އެރަށަށް އެއްކޮށްފައި ހުރި ބާރެއް. ބައެއްފަހަރަށް ތޮޅެގެން. އަނެއްބައިފަހަރަށް ލޯބިން، މާލެއަށް އެއްކޮށްފައި ހުރި ބާރު.

މިއަދު އަޅުގަނޑުމެން ކުރާން މިއުޅޭ ކަމަކީ، އެ ބާރުތައް ތިޔަބޭފުޅުންނަށް ބަހާލުން. ބަހާއިރުގައި، އަޅުގަނޑު އަދި އިތުރަށް ފާހަގަކުރަން ބޭނުން. ދާދި ފަހަކާ ޖެހެންދެންވެސް، ހަމަގައިމުވެސް އަޅުގަނޑުގެ މައިންބަފައިން ގަބޫލުކޮށް އުޅުނީ، މާލޭގެ ވެރިކަމަކީ، މުލީގޭ ދޮން ޙަސަން މަނިކުގެ ތަރިކައެކޭ. ދޮން ބަންޑާރައިންގެ ތަރިކައެކޭ. މިއަދު ދޮން ބަންޑާރައިންގެ އައުލާދުގެ ބޭފުޅުން، މާލޭގެ ވެރިކަމުގެ ޚާންދާންތަކުގެ ބޭފުޅުން އެތިއްބެވީ، އެމް.ޑީ.ޕީ.ގެ އިސް ސަފުގައި. ތިޔަބޭފުޅުންނަށް މާލޭ އައުލާދުތައް ދަންނަ ބޭފުޅުންނަށް ވަރަށް ސާފުވާނެ، މާލޭގެ ވެރިކަމުގެ ޚާންދާންތަކަކީކީ ކޮބައިކަން. މިއަދު އެބޭފުޅުން ނުކުންނަވައި، މި ފޭދުއަށް ވަޑައިގެން، ތިޔަބޭފުޅުންނަށް، އެބޭފުޅުންގެ ކާބަފައިން އެއްކޮށްފައި ހުރި ބާރުން ބައެއް ދޭން އެބުނަނީ. އަޅުގަނޑުމެން މިއުޅެނީ އެމަސައްކަތް ކުރަން. އަޅުގަނޑުމެން ކުރަން މިއުޅެނީކީއެއް ފަސޭހަ މަސައްކަތެއް ނޫން. އެއްވެސް ބައެއް، މި ފޭދޫ މީހުން މިތަނުގައި އޮތް ފަންގަނޑެއްވެސް، ޖެހިގެން އޮތް ޅައިމަގަށްވެސް އަދި އެހެން ރަށަކަށްވެސް ދޭކަށް ހިތްހަމައެއްނުޖެހޭނެ. އަޅުގަނޑުމެން ރަށުގައި އެތައް ސަތޭކަ އަހަރެއް ވަންދެން، އެއްހާސް އަހަރު ވަންދެން އެއްކޮށްފައި ހުރި އެއްޗެއް، އެހެން ރަށަކަށްދޭކަށް، އަޅުގަނޑުމެން ރަށު މީހުންވެސް އެހާ އަރުވާޖަހައެއް އަބަދަކު ނުތިއްބަވާނެ. އެކަމަކީ ޙިކްމަތްތެރިކަމާއެކީގައި އަޅުގަނޑުމެން ކުރަމުން އައި ކަމެއް. އަޅުގަނޑުމެން ރަށު މީހުންނަށްވެސް އެކަން އަންގައިދެމުން، މިކަމުގައި އަޅުގަނޑުމެންގެ ރަށަށްވެސް ހުރި ފައިދާ ބުނެދެމުން، އަޅުގަނޑުމެން ކުރަމުން އައި ކަމެއް.

އަޅުގަނޑުމެންގެ ހައްތަހާވެސް ބޭނުމަކީ، ރަށްރަށުގެ ތަރައްޤީ. އެ ތަރައްޤީއަށްޓަކައި ރައްޔިތުންގެ ފަރާތުން، ރައްޔިތުންގެ ކިބައިން، ރައްޔިތުންނަށްޓަކައި ކުރާ ވެރިކަން އަޅުގަނޑުމެން އެބަ ކުރާންޖެހޭ. އަޅުގަނޑަށް ޔަޤީން، މި ފޭދޫ ރައްޔިތުންނަކީ، ހަމަވިސްނުމާއެކީގައި ތިބި ބައެއް. އަޅުގަނޑުމެންގެ އަމާޒަކީ، ފޭދޫ ކޮންމެ މީހަކީވެސް، ތިމަންނާއަކީ ޙައްޤުތަކެއް ލިބިގެންވާ ފޭދޫ މީހެކޭ. ތިމަންނާއަކީ ތިމަންނާގެ އަމިއްލަ ޙަލާލު މަސައްކަތުން، ތިމަންނާގެ އަނބިދަރިން ބަލަހައްޓާ ފޭދޫ މީހެކޭ ބުނެ، ފޭދޫ ރައްޔިތު ހަމައިސްކޮޅަށް ދެމިލާތަން އަޅުގަނޑުމެން ދެކެން ބޭނުމީ.

އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންގެ ކުރިމަތީގައި މިއޮތީ އުފާވާ ޒަމާނެކޭ. އުފާވާ ޒަމާނޭ، ހިތާއޭ އަހާށޭ. އުފާވެރިވި މި ރާގޭ.

والحَمْـدُ لِلّـهِ. والســّلام عليــكم.

_______________________