بســم اللّـه الرّحمـن الرّحيــم

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރައީސް، އޮނަރަބްލް އިބްރާހީމް ޙުސައިން ޒަކީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޗެއަރޕަރސަން އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ، ކޮމަންޑޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޙުސައިން ވަޙީދު، ކޮމަންޑޫގެ ވެރިން، އަދި ވަކިން ޚާއްޞަކޮށް، ވަޑައިގެން ތިއްބެވި އެންމެހާ ކޮމަންޑޫ ރައްޔިތުން.

السّـلام عليـكم

މި ސަރުކާރު އުފެދިގެން އައީ ކޮމަންޑޫގެ ތަރައްޤީގެ ވިސްނުމެއް އަޅުގަނޑުމެން ގެންގުޅެމުން. މި ސަރުކާރު ފަށައިގަނެވުނީވެސް ކޮމަންޑޫގެ ތަރައްޤީ، މި ސަރުކާރުން ބައްޓަންކުރާނެ ގޮތަކީ، އެވެނި މިވެނި ގޮތެއް ކަމަށް އަޅުގަނޑުމެން ބަޔާންކުރަމުން. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން މި ކޮމަންޑުއަށް ކިތަންމެ ދަތުރެއް ކުރި. އަޅުގަނޑު ދެރަވޭ، އަޅުގަނޑަށް އެންމެ ތިންފަހަރު އާދެވިފައި އޮތީތީވެ. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތަނުގައި އެއަށްވުރެ މާ ރަނގަޅު ކުރާނަން.

ޕާޓީ ދިޔައީ ރައްޔިތުންގެ އަޑު، ވަރަށް ކުރިއްސުރެ ފަށައިގެން އަހަމުން. މިހާރުވެސް ޕާޓީ ދަނީ ރައްޔިތުންގެ އަޑު އަހަމުން. ކުރިއަށް އޮތް ތަނުގައިވެސް، އިރާދަކުރެއްވިއްޔާ، ރައްޔިތުންގެ އަޑު ސަރުކާރުންވެސް އަދި ޕާޓީންވެސް އަހާނެ. ސަރުކާރުން އިވިފައިވާ އަޑުތައް އަދި ޕާޓީއަށް އިވިފައިވާ އަޑުތައް ފަހުން އައިސް ވެގެންދިޔައީ، ޕާޓީގެ ފަރާތުން ރައްޔިތުންނަށްވީ ވަޢުދުތަކަށް. އެ ވަޢުދުތައް ވެގެންދިޔައީ، ޤައުމީ ތަރައްޤީގެ އޮނިގަނޑަށް. އެ ޤައުމީ ތަރައްޤީގެ އޮނިގަނޑު ވެގެންދިޔައީ، މިހާރުގެ ސަރުކާރުގެ ސިޔާސަތަށް. އަޅުގަނޑުމެން މިހާރު މިގެންދަނީ، އެ ސިޔާސަތުތައް ތަންފީޛު ކުރަމުން. އެސިޔާސަތުތައް ޙަޤީޤަތަކަށް ހަދަމުން.

މި ސަރުކާރަށް ވަރަށް ކުރިއްސުރެ ފަށައިގެން އެނގިފައި އޮތް ކިތަންމެ ޙަޤީޤަތެއް އެބަވޭ. މި ރާއްޖޭގައި ރައްޔިތުންނަށް ސަރުކާރުގެ ފަރާތުން ދެވޭ ކިތަންމެ ޚިދްމަތަކީ، އެންމެ އެކަށީގެންވާ ޚިދްމަތްތައް ނޫންކަން. ރައްޔިތުން އެންމެ އެދޭގޮތަށް، އެދޭ މިންވަރަށް ދެވޭ ޚިދްމަތް ނޫންކަން އަޅުގަނޑުގެ ހިތުގެ އަޑިން، އަޅުގަނޑުމެންވެސް ގަބޫލުކުރަން. މިކަން މިހެން އޮތްއިރުގައި، ޕާޓީއަށް ފާހަގަވި އަނެއް ޙަޤީޤަތަކީ، މިތަނުން، މި މަސްވެރި، މި މުއްސަނދި ކޮމަންޑޫގެވެސް ރައްޔިތުންގެ ތެރެއިން ތިންބައިކުޅަ އެއްބައި މީހުންނަކީ، ކޮންމެ ތިންމީހުންކުރެ އެކަކީ ނިކަމެއްޗެކޭ. އޭނާއަކީ ރެޔާދުވާލަށް އޭނާއަށް ދިހަ ބާރަ ރުފިޔާ އާމްދަނީގެ ގޮތުގައި ނުލިބޭ މީހެކޭ. އަޅުގަނޑު ދެންމެ މިދެންނެވި އެކަށީގެންނުވާ އަދި އަޅުގަނޑުމެން ހިތްހަމަނުޖެހޭ ޚިދްމަތްތަކަށްވެސް މިދެންނެވި ކޮމަންޑޫ މީހާއަށް އަތް ނުފޯރައޭ. ރާއްޖޭގެ ގިނަ ރައްޔިތުންނަށް، އެމް.ޑީ.ޕީ.ގެ ފަރާތުން އެހެންވީމާ ވަޢުދުވީ، ރާއްޖޭގެ ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން، އެމް.ޑީ.ޕީ.ގެ ސަރުކާރެއްގައި އިރާދަކުރެއްވިއްޔާ ފޯރުކޮށްދޭނަމޭ. ޕާޓީގެ ސާދާބަހުން ބުނަމުން އައީ، ބޭސް ސިޓީއަށް ސަލާންޖެހުން އިރާދަކުރެއްވިއްޔާ، ޕާޓީގެ ސަރުކާރެއްގައި ނިމުމަކަށް ގެންނާނަމޭ.

ޤައުމެއް، ރަށެއް ތަރައްޤީއެއް ނުކުރެވޭނެ، އެރަށުގެ ރައްޔިތުންގެ ގިނަ ބައިވަރު މީހުންނަކީ، ނިކަމެތިންގެ ގޮތުގައި އުޅޭހާ ހިނދަކު. ތަރައްޤީވާން މިޖެހެނީ، ކޮމަންޑުއެއް ނޫން. ތަރައްޤީވާން ޖެހެނީ ކޮމަންޑޫ މީހާ. ޙާލަތު ބަދަލުވާން ޖެހެނީ އެމީހާގެ. އެމީހާގެ އާމްދަނީ އިތުރުވާންޖެހެނީ. އެމީހާގެ އުފާ ފާގަތިކަން ރަނގަޅުވާންޖެހެނީ. އެމީހާއަށް އިޖްތިމާޢީ ރައްކާތެރިކަން ލިބެން މިޖެހެނީ. އެމީހާ، ކޮމަންޑޫ މީހާ ބަދަލުވީމާ، ކޮމަންޑޫ މީހާ ތަނަވަސްވީމާ، ކޮމަންޑޫ މީހާ މުއްސަނދިވީމާ، ދެން ކޮމަންޑޫ ތަރައްޤީވަނީ. އަޅާ ބޮޑު ޢިމާރާތަކުން، ކުރާ ބޮޑު ޚަރަދަކުން އަޅުގަނޑުމެން ބޭނުންވާ ބަދަލެއް އަޅުގަނޑުމެންނަކަށެއް ނުގެނެވޭނެ. ބަދަލު ގެނައުމަށްޓަކައި ޕާޓީގެ ސާދާ ބަހުންނަމަ، ވަޢުދުވީ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ބޭސް ސިޓީއަށް ސަލާންޖެހުން ނައްތާލާނަމޭ. އެހިސާބުން އުފެދިގެން އައީ މަދަނައިގެ ވިއުގަ. އަޅުގަނޑު މިރޭ އުފާވަނީ، އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބެނީ، މި ކޮމަންޑޫގެ ރައްޔިތުންގެ ތެރެއިން 279 މީހަކު މަދަނައިގައި ރަޖިސްޓްރީ ކުރެވިފައިވާތީވެ. އަދި ހަމައެހެންމެ، މިދެންނެވި 279 މީހުންނަށް މިދިޔަ 2010 ވަނަ އަހަރު ހަތަރުލައްކަ ތެއްތިރީސްހާސް ރުފިޔާ ޚަރަދު ކުރެވިފައި އޮތީތީވެ. އަޅުގަނޑު މިދެންނެވި ތެއްތިރީސްހާސް ރުފިޔާއަކީ، އެއްވެސް ހާލެއްގައި މިތާނގެ ހެލްތް ސެންޓަރުގައި ތިއްބަވާ ބޭފުޅުންގެ މުސާރަ ދިނުމަށް ނުވަތަ އެތަނުގެ ކަރަންޓްފީއަށް ނުވަތަ އެތަނުގެ ކުލަލުމަށް ކުރެވުނު ޚަރަދެއް ނޫން. މިދެންނެވި ޚަރަދު ކުރެވުނީ، ހަމަ ސީދާ ކޮމަންޑޫ މީހާއަށް. އޭނާގެ ބޭސް ސިޓީއަށް ބޭސް ހޯދައިދިނުމަށްޓަކައި. ޕާޓީގެ ވަޢުދު ފުއްދުމަށްޓަކައި. އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑުމެންގެ ބޭނުމަކީ، މި ކޮމަންޑޫ އެންމެންވެސް މަދަނައިގެ ވިއުގައިގައި ހިމެނުން. ކޮމަންޑޫ އެންމެނަށްވެސް ބޭސްފަރުވާއަށް ލުއިގޮތްތައް ހޯދައިދިނުން. އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބެނީ، މިދެންނެވި 279 މީހުންނަށް، މި 2011 ވަނަ އަހަރުވެސް، ކޮންމެ ބޭފުޅަކަށްވެސް، އެއްލައްކަ ރުފިޔާ ބޭސްފަރުވާއަށްޓަކައި މާލިއްޔަތުގައި ރައްކާކުރެވިފައިވާތީ.

އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުމަށްޓަކައި ޕާޓީން ވެފައިވާ އިތުރު ވަޢުދު އެބަހުރި. ޕާޓީ ދެނެގަތް، ރާއްޖޭގެ ދޮށީ ޢުމުރުގެ މީހުން އުޅެމުން އައި ހާލު. ޕާޓީއަށް ފެންނަމުންދިޔަ ރާއްޖޭގައި އަތްފައިގައި ބާރުނެތި، ޢުމުރުން ދުވަސްވީމާ، އަޅުގަނޑުމެންގެ ދޮށީ ޢުމުރުގެ މީހުންތައް އުޅެމުން ގެންދިޔަގޮތް. ރަށްރަށުގައިވެސް ހޮޅުއަށިތަކާއި، ގޮނޑުދޮށްތަކާއި، ރުއްރުއްދަށުގައި، މާލޭގައިވެސް އެންމެފަހުން ގޯތިތައް ބަހަމުން ބަހަމުން އައިސް، ކުރީގެ ބަދިގެ ހުރި ތަނުގައި ހުންނަ ކޮޅުފިލާގޮނޑިއެއްގައި ހުއްޓިފައި، ވެއްޓިފައި އޮންނަނީ ކާފަ، އެހެންނޫނީ މާމަ. އަޅުގަނޑުމެންގެ ރާއްޖެ، އަޅުގަނޑުމެންނަށް މިގޮތަށް ލިބިފައި މިވަނީ، ދޮށީ ޢުމުރުގެ މީހުން ވަރަށްގިނަ މަސައްކަތް ކުރީތީ. އެމީހުން މަހަށް، ފަރަށް ދިޔައީތީވެ. އެމީހުން ރުކަށް، ވަލަށް ދިޔައީތީވެ. އެމީހުން ވަޑާން ކުރީތީވެ. އެމީހުން އޮޑިދޯނިފަހަރު ބަނީތީވެ. އެމީހުން ރިޒޯޓްފަހަރު ހެދީތީވެ. އެމީހުން ކިތަންމެ ކިތަންމެ މަސައްކަތެއް ކުރީތީވެ. އެމް.ޑީ.ޕީ ގަބޫލުކުރާ ފަލްސަފާއެއް ނޫން އެއީ، މި ރާއްޖޭގައި ޕެންޝަނެއް ޙައްޤުވަނީ ހަމައެކަނި ސަރުކާރުގެ މުވައްޒަފުންނަށް ކަމަށް ދެކެވޭ ދެކުން. އެހެންވީމާ، ޕާޓީގެ ވަޢުދަކަށްވެގެންދިޔައީ، ޢުމުރުން 65 އަހަރުން މަތީގެ ކޮންމެ މީހަކަށް، އަންހެނަކަސް، ފިރިހެނަކަސް، އާމްދަނީ މަދު ކޮންމެ މީހަކަށް ދެހާސް ރުފިޔާގެ ޕެންޝަން ދިނުން. އަޅުގަނޑުމެންނަށް މިއަދު، މިރޭ ހިތްވަރު ލިބެނީ، މި ކޮމަންޑޫގެ 68 ރައްޔިތަކަށް، ޢުމުރުން 65 އަހަރުން މަތީގެ މީހުނަށް ދެވޭ އަސާސީ ޕެންޝަން ގަވާއިދުން ދެމުންދާތާ މިވީ ދެއަހަރު. އަޅުގަނޑުމެނަށް ހިތްހަމަޖެހުން ލިބެނީ، ކޮންމެ މަހަކު މިރަށަށް އެއްލައްކަ ތިރީސްހާސް ރުފިޔާ، ޕެންޝަންގެ ގޮތުގައި ދެވޭކަމުން. އިޖްތިމާޢީ ރައްކާތެރިކަން ނުލިބޭހާ ހިނދަކު، އަޅުގަނޑުމެނަކަށް ކުރިއަރައެއް ނުދެވޭނެ. ރައްޔިތުންގެ ޤަދަރާއި ޢިއްޒަތެއް ނުހިފެހެއްޓޭނެ، ބޭސްފަރުވާއަށް ބޭނުންވާ ކޮންމެފަހަރަކު، އެއްސާދާގަރެއް ކައިރިން، އަނެއް މަހްޖަނެއް ކައިރިން، އަނެއް ވިޔަފާރިއެއް ކައިރިން ރައްޔިތުން ސަލާން ޖަހަމުންދާންޖެހޭ ކަމަށްވަނީނަމަ، ޤަދަރުވެރި ޢިއްޒަތްތެރި ރައްޔިތަކު އަޅުގަނޑުމެންނަކަށެއް ނުއުފެއްދޭނެ.

އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑުމެންގެ ބޭނުމަކީ، ކޮންމެ ކޮމަންޑޫ މީހަކީވެސް، ތިމަންނާއަކީ ޙައްޤުތަކެއް ލިބިގެންވާ ކޮމަންޑޫ މީހެކޭ. ތިމަންނާއަކީ ތިމަންނާގެ އަމިއްލަ ޙަލާލު މަސައްކަތުން ތިމަންނާގެ އަނބިދަރިންނަށް ކާންދޭ ކޮމަންޑޫ މީހެކޭ ބުނެ، އޭނާ ހަމައިސްކޮޅަށް ހިންދަމާލާތަން ދެކުން. މިރާއްޖެ އަޅުގަނޑުމެން ބަދަލުކުރުމަށްޓަކައި ރާއްޖޭގެ ނިކަމެތިންނާ އަޅާލުމަކީ، ކޮންމެހެން ބޭނުންތެރި ކަމެއް. އެކަނިވެރި މައިންނާއި ޔަތީމު ކުދިންނާއި އަދި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޕެންޝަނެއްދޭނެ ކަމަށް، އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ޕާޓީން ވަޢުދުވިން. މިދިޔަ އަހަރުގެ ފަހު 6 މަސް ދުވަހު އެކަނިވެރި މައިންނަށާއި ޔަތީމު ކުދިންނަށް ދެވޭ ޢިނާޔަތް ދެމުން ގެންދެވޭ. އަޅުގަނޑަށް މިރޭ ހިތްހަމަޖެހުން ލިބެނީ، މި ކޮމަންޑޫގެ 34 ފަރާތަކަށް، މިދެންނެވި ޢިނާޔަތް ގަވާއިދުން ފޯރުކޮށްދެވެމުން ގެންދެވޭތީވެ. މިދިޔަ 2010 ވަނަ އަހަރު އެއްލައްކަ ސާޅީސް ތިންހާސް ރުފިޔާ، މިރަށުގެ ރައްޔިތުންގެ ޕެންޝަނަށްޓަކައި، ޢިނާޔަތަށްޓަކައި ޚަރަދު ކުރެވިފައި އޮތްކަމީ، މި ޕާޓީއަށް، މި ސަރުކާރަށް އަދި އަޅުގަނޑަށްވެސް ނުހަނު އުފާވެރިކަން ލިބޭ ކަމެއް. ކޮމަންޑޫ ރައްޔިތުންގެ ތެރެއިން ވީހާވެސް ގިނަ ބަޔަކަށް، އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދެވެމުން އެއްއަތުން ގެންދެވޭއިރު، ދެން ކުރާން އޮތް އަނެއް ކަމަކީ، މިތަނުގައި ދެވެންހުރި ޞިއްޙީ ޚިދްމަތްވެސް އަދި އެހެން ޚިދްމަތްތައްވެސް ފުރިހަމަކުރުން. އަޅުގަނޑަށް ހިތްހަމަޖެހުން ލިބެނީ، މިއަހަރު ކޮމަންޑޫ އެއީ ޓެލެމެޑިސިންގެ ޚިދްމަތް ލިބޭ ރަށަކަށް ވެގެންދާނެތީވެ. ކޮމަންޑޫ ކޮންމެ ބަލިމީހަކަށް، ރާއްޖޭގެ ހުރިހާ ޑޮކްޓަރުންނަށް ދެއްކޭނެ ފުރްޞަތު، މިދެންނެވި ނިޒާމުގެ ތެރޭގައި ފަހިވެގެންދާނެ. އެއީ ޓެލެވިޜަންގެ ޒަރީޢާއިން ނުވަތަ އިންޓަރނެޓްގެ ޒަރީޢާއިން. ޚިދްމަތް، ބޭސްފަރުވާ އަދި ޑޮކްޓަރުންނަށް ދެއްކޭނެ، ވަރަށްފަހުގެ، ވަރަށް ޒަމާންވީ ނިޒާމެއް.

މި ސަރުކާރަކީ އަބަދުވެސް ޒަމާނީ ނިޒާމް، ޒަމާނީ ޓެކްނޯލޮޖީ ހޯދާނެ ސަރުކާރެއް. މި ސަރުކާރަކުން ބިން ހިއްކާކަށެއް ނޫޅޭނެ، 10 އަހަރަކުންނެއް. ހަފްތާއެއް ތެރޭގައި އެކަން ކުރެވެން، މިދުނިޔޭގައި އޮއްވައި، އަޅުގަނޑުމެން ހަތްހަތާއިން ގާ ނަގާހެން އެކަން ކުރާން އުޅުމުގެ މާނައެއް ނެތް. މި ކޮމަންޑޫގައިވެސް އަޅުގަނޑުމެން މި ސަރުކާރުން ކުރާ ކޮންމެ ކަމެއް އިރާދަކުރެއްވިއްޔާ ކުރާނީ މި ދުނިޔޭގައި، މިޒަމާނުގައި މިހާރު ލިބެންހުރި އެންމެ ރަނގަޅު ޓެކްނޯލޮޖީގައި. އެންމެ ރަނގަޅު ފެންވަރުގައި. އެއީކީއެއް ސަރުކާރުން އަގަކަށް ބަލައިގެން ކުރާނެ ކަމެއް ނޫން. ބޭނުމީ ރަނގަޅު ކަމެއް ރަނގަޅަށް ކުރުން. ސަރުކާރުން ކުރާ އެތައް ކަމަކާ އަޅުގަނޑުމެނަށް ކިތަންމެ އަޑެއް ބޭފުޅުންލާނެ. ކިތަންމެ އެއްޗެއް، ވާދަވެރި ފަރާތްތަކުން ބުނާނެ. އެވެސް އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. މި ސަރުކާރު އަދި އަޅުގަނޑުމެން ހިތުގެ އަޑީން ގަބޫލުކުރަނީ އަދި އިންސާނީ ތަޖްރިބާވެސް ދައްކާފައި އޮތީ، ޤައުމެއް ތަރައްޤީއެއް ނުކުރެވޭނޭ، އެޤައުމެއްގެ ރައްޔިތުން ހިފާ ހައްޔަރުކޮށް އޮބަހައްޓާފައި ބައިތިއްބާހާ ހިނދަކު. ރައްޔިތުން ބިރު ދައްކައިގެން، ރައްޔިތުންނަށް އަނިޔާކޮށްގެން ޤައުމު ތަރައްޤީ ކުރެވޭނޭ ގޮތެއް ނޯންނާނެ. ތަރައްޤީ ކުރަން ތިބި ބަޔަކީ ރައްޔިތުން. އެހެންވީމާ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި، ޞުލްޙަވެރި ސިޔާސީ ޙަރަކާތް އެއީ، މި ސަރުކާރުގެ އެންމެބޮޑު އެއްމަޝްރޫޢު. އެއީ، މި ސަރުކާރުގެ ޑިމޮކްރަސީއަކީ. އަޅުގަނޑުމެންގެ އެންމެބޮޑު މަޝްރޫޢު. އެއީ، އަބަދުވެސް މި ސަރުކާރުން ޙިމާޔަތްކުރަން މަސައްކަތް ކުރާނެ ނިޒާމެއް. ރައްޔިތުން އެދޭގޮތަށް، ރައްޔިތުންގެ ކަންކަން ކުރުމަށް ޑމޮކްރަސީގައި މަޖްބޫރުކުރޭ، ލާޒިމްކުރޭ. އެހެންވީމާ، ވެރިއަކަށް އަބަދުވެސް ޖެހޭނެ ރައްޔިތުން ގާތަށް އަންނަން. ވެރިންނަށް އަބަދުވެސް ޖެހޭނެ، ރައްޔިތުންނާ މަޝްވަރާ ކުރަން.

އަޅުގަނޑު މިރޭ މިސަރުކާރުން ކޮމަންޑުއަށް ކުރާ ކިތަންމެ ކިތަންމެ ކަމެއްގެ ވާހަކައެއް ދެންނެވިދާނެ. އަޅުގަނޑު ދަންނަވާއިރުގައި، ބައެއްކަންކަން އަޅުގަނޑުގެ ހަނދާނުން ކައްސާވެސްލާނެ. އެހެން ނަމަވެސް، އަޅުގަނޑު ހަމަގައިމުވެސް ހަނދާން ނުނެތޭނެ، އަޅުގަނޑަށް ޔަޤީންވާ އެއްކަމެއް އޮވޭ. އަޅުގަނޑުމެނަށް މިހުރިހާ ކަމެއް ކުރުމުގައި، އަޅުގަނޑަށް ހަމަގައިމުވެސް އެންމެ ބޮޑަށް ބާރުއަޅާ އެއްފަރާތަކީ ތިޔަބޭފުޅުންގެ އިއްޒަތްތެރި މެންބަރު ޙުސައިން ވަޙީދު. އެބޭފުޅާއަކީ އަޅުގަނޑު އަބަދުވެސް ދަންނަވަން، ކުރިއްސުރެ ފަށައިގެން އަޅުގަނޑު ދަންނަ ބޭފުޅެކޭ. ދުވަހަކުވެސް އަޅުގަނޑު ގާތުގައި މީގެކުރީގައި ކޮމަންޑޫގެ ވާހަކައެއް ދައްކަން އައި ބޭފުޅެއް ނޫން. އެހެން ނަމަވެސް، މިހާރު ތިޔަބޭފުޅުންގެ މެންބަރުގެ ގޮތުގައި، ގާތްގަނޑަކަށް ބައެއްފަހަރު ރަޙްމަތްތެރިކަން ކެނޑޭވަރުވެސްވޭ. އަޅުގަނޑު ތިޔަބޭފުޅުންނަށް، އަޅުގަނޑު ކޮމަންޑޫ ރައްޔިތެއްގެ ގޮތުގައި، ޙުސައިން ވަޙީދަށް ޝުކުރު ދަންނަވަން.

އަޅުގަނޑު އަބަދުވެސް އެބަ ފާހަގަކުރަން، ތަރައްޤީވާން މިޖެހެނީ ކޮމަންޑޫ މީހާއޭ. އެހެންވީމާ، ކޮމަންޑޫގެ ތަރައްޤީގެ ނާރެސްއަކީ މި މަދްރަސާ. މިތަނުގައި ރަނގަޅު ތަޢްލީމެއް ދަރިންނަށް ދެވިގެން ނޫނިއްޔާ، އަޅުގަނޑުމެން މި އެދޭ، އަޅުގަނޑުމެން މިބޭނުންވާ ކޮމަންޑުއެއް ނުހޯދޭނެ. ދެމެހެއްޓެނިވި ގޮތުގައި މިރަށް ތަރައްޤީ ކުރުމަށް މިރަށުގެ މަދްރަސާގެ ފެންވަރު ކިތަންމެ ތަނަކުން ރަނގަޅުވާން އެބަޖެހޭ. މިދިޔަ އަހަރު، 2010 ވަނަ އަހަރު ކޮމަންޑޫ ދަރިވަރުންގެ ފޮތް، ފަންސުރު، ގަލަން އަދި މަދްރަސާއަށް ބޭނުންވާ ސާމާނު ގަނެދިނުމަށްޓަކައި، ދެލައްކަ އޮނަތިރީސްހާހަށްވުރެ ގިނަ ރުފިޔާ ޚަރަދު ކުރެވިފައި އޮތްކަމީ، ސަރުކާރަށް ލިބޭ އުފަލެއް. އަދި ހަމައެހެންމެ، ކޮމަންޑޫގެ ދަރިވަރުން، އޯ ލެވެލް އިމްތިޙާނުގައި ބައިވެރިވުމަށް، އެއްލައްކަ ރުފިޔާއާ ގާތްކުރާ ޢަދަދެއް ޚަރަދު ކުރެވިފައި އޮތްކަމީ، މި ސަރުކާރަށް ލިބޭ ހިތްހަމަޖެހުމެއް. އޯ ލެވެލް އިމްތިޙާނުގައި ބައިވެރިވުމަށް ދައްކަންޖެހޭ ފީގެ ގޮތުގައި، ތިރީސް ނުވަހާސް ރުފިޔާއަށްވުރެ ގިނަ ޢަދަދެއް ހޭދަކުރެވިފައި އޮތްކަމީ، މި ސަރުކާރަށް ލިބޭ ހިތްހަމަޖެހުމެއް. މިދެންނެވި އެންމެ ކަންކަމުގެ ނަތީޖާ އަދި މާ ފޮނި، މާ އުޖާލާ. ސަރުކާރުގެ ވަޢުދަކީ، ޕާޓީގެ ވަޢުދަކީ، އޯ ލެވެލް އިމްތިޙާން ހަދާ ކުދިންގެ ތެރެއިން 60 ޕަސެންޓް ކުދިންނަކީ، 5 މާއްދާއިން ފާސްވާ ކުދިންނަށް އަޅުގަނޑުމެންގެ ސަރުކާރެއްގައި އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ހަދާނަމޭ. ކޮމަންޑޫން އިހަކަށްދުވަހަކު އޯ ލެވެލް އިމްތިޙާނުގައި ބައިވެރިވި ކުދިންގެ 58 ޕަސެންޓް ކުދިން 5 މާއްދާއިން C ފާހަށްވުރެ މަތި ހޯދައިފި. އަޅުގަނޑު ތިޔަބޭފުޅުންނަށް މަރްޙަބާއާއި މުބާރަކްބާދީ ދަންނަވަން. އެއީ 2009 ވަނަ އަހަރާ އަޅާބަލާއިރު، 19 ޕަސެންޓްގެ ކުރިއެރުމެއް.

އަޅުގަނޑު އަވަހަށް ކޮމަންޑުއަށް ޙަޤީޤަތުގައި މިރޭ މިއައީ، މިކަމާ އުފަލުން، ތިޔަބޭފުޅުންގެ އަރިހުގައި މިވާހަކަ ދަންނަވަން. އަޅުގަނޑުމެން ކުރާކަށް އެހެން ކަމެއް ނެތް. އަޅުގަނޑު އަބަދުވެސް ދަންނަވަން، މިއޮތީ މިރޭ ވެފައޭ. އިއްޔެ ނިމި ހިނިގައްޖެއޭ. މިއަދުވެސް މިގެއްލުނީއޭ. އަޅުގަނޑުމެންނަށް ޙަޤީޤަތުގައި ހޯދެން އޮތީ މާދަމައޭ. އަޅުގަނޑުމެންނަށް އަޅާލެވެން އޮތީ އަޅުގަނޑުމެންގެ ދަރީންނާ. އަޅުގަނޑުމެންނަށް މުސްތަޤްބަލެއް ހޯދޭނީ، އަޅުގަނޑުމެންގެ ދަރީންނަށް ގޮތެއް ހޯދައިދިނީމާ. އެމީހުންނަށް ރަނގަޅު ތަޢްލީމެއް ދެވިގެން. އަޅުގަނޑުމެންގެ ބޯދާކަމުގައި، އަޅުގަނޑުމެންގެ މައިންބަފައިންގެ ބޯދާކަމުގައި އެކުދިންނެއް ނުބޭތިއްބޭނެ. އެކުދިން ޖެހޭނީ މިދުނިޔެއަށް ނެރެން. އެކުދިން ޖެހޭނީ މިދުނިޔެއަށް ހާނަން. އެކުދިން އަޅުގަނޑުމެންގެ ޙަޔާތް ބިނާކުރާނީ. އެކުދިން އަނެއް ކޮމަންޑޫގައި ދިރިއުޅޭނީ. އަޅުގަނޑު ހަމަ އުފަލާއެކީގައި ދަންނަވަން، އިރާދަކުރެއްވިއްޔާ، މިއަންނަ އަހަރު ކޮމަންޑޫ މަދްރަސާ ހުޅުވާނީ އެއްދަންފަޅިއަށް ކިޔަވައިދޭ މަދްރަސާގެ ގޮތުގައި. ޙަޤީޤަތުގައި މިއަހަރު މިޑްޓާރމްގައިވެސް އެކަން ނުކުރާންވީ ހަމަ އެއްވެސް ސަބަބެއް ނެތް. 58 ޕަސެންޓް، އަޅުގަނޑުމެން ބުނީ 60 ޕަސެންޓޭ. ސަރުކާރުގެ ވަޢުދަކީ 60 ޕަސެންޓޭ. ކޮމަންޑޫ ބެލެނިވެރިންނާއި، މައިންބަފައިންނާއި، ދަރިވަރުންނާއި އަދި މަދްރަސާގެ ޓީޗަރުންނާއި، މަދްރަސާގެ އެންމެ ބޭފުޅުން ވަރަށް ފުރިހަމަ ކާމިޔާބެއް ހޯދައިފި. އެއިން އަޅުގަނޑުމެންނަށް ހިތްވަރު ލިބެން ޖެހޭނެ. ހަމަގައިމުވެސް މި ސަރުކާރަށް ހިތްވަރު ލިބޭ. ހަމަގައިމުވެސް އަޅުގަނޑަށް ހިތްވަރު ލިބޭ.

އަޅުގަނޑަށް އެނގޭ، މި ރާއްޖޭގެ ތަރައްޤީ އަޅުގަނޑުމެނަށް ހޯދޭނީ، 5 މާއްދާއިން ފާސްވާ ކުދިންގެ ޢަދަދު އިތުރުވެގެންކަން. ތަރައްޤީއަކީ ބޮޑުހިލައިން މިނާ އެއްޗެއް ނޫން. ތަރައްޤީއަކީ އެއްގަމު ތޮށްޓަކުން މިނާ އެއްޗެއްވެސް ނޫން. ތަރައްޤީއަކީ ސަހަރާ ވަށާ ފާރުން މިނާ އެއްޗެއްވެސް ނޫން. ތަރައްޤީއަކީ އޯ ލެވެލް އިމްތިޙާނުގެ ނަތީޖާއިން މިނާ އެއްޗެއް. އެ ލައިގެން އަޅުގަނޑުމެން މިކީ މިދެންނެވި މިނުމުގެ. 60 ޕަސެންޓަށް އަޅުގަނޑުމެންނަށް އެކަން ގެންދެވުނީމާ، ދެން އިރާދަކުރެއްވިއްޔާ، މި ކޮމަންޑުއަށް ފެންނާނީ އުޖާލާ މަންޒަރުތަކެއް.

މިއަހަރު ކޮމަންޑޫގެ ތިވިދާޅުވާ ހުރިހާ ކަމެއް އިރާދަކުރެއްވިއްޔާ، ސަރުކާރުން ފަށާނެ. ކޮމަންޑޫގެ ވަށާ ތޮށްޓެއްލެވި، އެ ތޮށިލެވޭނީވެސް މިޒަމާނުގައި ލިބެންހުރި އެންމެ ރަނގަޅު ޓެކްނޯލޮޖީގައި. ކޮމަންޑޫގައި ހިއްކެން އޮތް ވަރަކަށް ކޮމަންޑޫން ބިން ހިއްކޭނެ. އަދި ހަމަ އޭގެއިތުރުން އިރާދަކުރެއްވިއްޔާ، އަޅުގަނޑު މިހާރު މިހުންނަނީ، ކޮމަންޑުއާއި އަދި މަތިކޮމަންޑޫ ގުޅާލެވޭނޭ ބްރިޖެއްގެ ޑިޒައިނަކަށް އެދި. އިރާދަކުރެއްވިއްޔާ، ދާދި އަވަހަށް އެ ޑިޒައިން ލިބޭނެ. ހަމަ ލިބުމާ އެކުގައި، އޭގެ މަސައްކަތް ބަޔަކާ ޙަވާލުކުރުމުގެ ފެންވަރު އިރާދަކުރެއްވިއްޔާ ހުޅުވާލާނަން. ހަމައެހެންމެ، އަޅުގަނޑުގެ އަމާޒަކީ، އަޅުގަނޑުމެން ފާހަގަޖަހައިގެން މިތިބީ، މިއަހަރު މަތިކޮމަންޑޫގައި 50 ފްލެޓް އެޅުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ ފެށުމަށް. މިހާރު އެބަ ރާއްޖޭގެ 6 ރަށެއްގަޔާއި އަދި މާލެއާއި ހުޅުމާލޭގައި މުޅި ޖުމްލަ ތިންހާސް ހަސަތޭކަ ހައުސިންގ ޔުނިޓަށްވުރެ ގިނަ ފްލެޓް އެޅުމުގެ މަސައްކަތް ކުރިއަށް އެބަދޭ. ދާނެތާ، އަޅުގަނޑަކީ ފްލެޓް ދޮންބެ. ހަމަ އެކަން ނުވެއެއް އިރާދަކުރެއްވިއްޔާ ނުދާނެ.

އަޅުގަނޑުމެންގެ އެބައޮތް އަމާޒެއް. އަޅުގަނޑުމެންނަކީ އަބަދުވެސް އަމާޒެއް ހިފާ ބައެއް. އަޅުގަނޑުމެން ބުނަމުން ދިޔައީ، މި ރާއްޖެއަށް އެބަ ބޭނުންވޭ، ދިހަހާސް ގެ. އަޅުގަނޑަށް މިހާރު މި އެނގެނީ، މި ރާއްޖެއަށް ބޭނުންވަނީ ފަންސަވީސް ހާސް ގެކަން. ދިހަހާސް، މާ މަދުކަން. އަޅުގަނޑަށް މިހާރު ޔަޤީން، ކޮމަންޑުއަށް ބޭނުންވަނީ ފަންސާސް ގެއެއް ނޫންކަން. ކޮމަންޑުއަށް އެންމެ މަދުވެގެން ތިންސަތޭކަ ފަންސާސް ގެ، އެބަ ހޯދަންޖެހޭ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، އެމަސައްކަތް ކުރާނަން. އަޅުގަނޑު ކޮމަންޑޫ ހުރިހާ ރައްޔިތުންނަށް ހަމަ އަނެއްކާވެސް ތަކުރާރުކޮށް ވަޢުދުވަން. އަޅުގަނޑުމެންގެ 5 އަހަރުގެ ތެރޭގައި، ތިޔަބޭފުޅުންނަށް ބޯހިޔާވަހިކަން އަޅުގަނޑުމެން ހޯދައިދޭނަން. އެނޫން ކަމެއް ކުރާކަށެއް ނޫން އަޅުގަނޑުމެން ނުކުމެ މިތިބީކީއެއް. އަޅުގަނޑު މިވެރިކަމުގައި މިހުންނަނީ، މީގެ އަރާމާއި، މީގެ ލައްޒަތަށްޓަކައެއް ނޫން. އަޅުގަނޑުމެން މިވެރިކަމުގައި މިތިބެނީ، އެންމެ ބޭނުމަކަށްޓަކައި. މިޕާޓީން ތިޔަބޭފުޅުންނަށް ވެފައިވާ ވަޢުދު ފުއްދައިދިނުމަށްޓަކައި. ރައްޔިތުންނަށް ޚިދްމަތް ކުރުމަށްޓަކައި. އިރާދަކުރެއްވިއްޔާ، އަޅުގަނޑެއް ތިޔަބޭފުޅުންގެ ލޯ ލާރިއެއްގައެއްވެސް ނުޖެހޭނަން. އަޅުގަނޑު ތިޔަބޭފުޅުންނަށް މަސައްކަތް ކުރާނަން، ކޮންމެ ދުވަހަކު މަދުވެގެން 10 ގަޑިއިރު. އަޅުގަނޑުމެންނެއް ހުއްޓުވައެއް ނުލެވޭނެ އިރާދަކުރެއްވިއްޔާ. އަޅުގަނޑުމެންނެއް ފަހަތަކަށް ނުޖެއްސޭނެ. އަޅުގަނޑުމެންނާ ގުޅޭގޮތުން ކިތަންމެ ވާހަކައެއްވެސް ދައްކާފާނެ. އެހެން ނަމަވެސް، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ޢަޒުމަކަށް ގުޑުމެއް ނާންނާނެ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ދާނީ ކުރިއަށް.

ފެބްރުއަރީ 5 ވަނަ ދުވަހަކީ، މި ކޮމަންޑޫގެ ތަރައްޤީއާ ގުޅޭ އެންމެ މުހިންމު މުއައްސަސާގެ ބިންގާ އަޅާ ދުވަސް. އެއީ، ކޮންކްރީޓުން އަޅާ ބިންގަލެއް ނޫން. އެއީކީއެއް ކޮންކްރީޓުން އަޅާ ބިންގަލެއް ނޫން. އެއީ، ރަށްވެރިކަމުގެ ތަރައްޤީއަށް މިރަށް ފަށާ ދުވަސް. ރަށްވެރިކަމަކީ އިތުރު ބައެއް ދެއްކި ވާހަކައެއް ނޫން. އެއީ، އެމް.ޑީ.ޕީ.ގެ ފިކުރެއް. ޤާނޫނުއަސާސީ އިޞްލާޙްވެގެން އައިއިރުގައި، އޭގެ އަސާސީ ސިފަތަކާއި އުޞޫލުތައް ނިންމުނުއިރު، އެއަކު ނެތް، ލާމަރްކަޒީ އުޞޫލުން ކަންކަން ކުރާ ވާހަކައެއް. އޭގައި އޮތީ ދިވެހި ދައުލަތަކީ ޔުނިޓްރީ ދައުލަތެކޭ. ދެން އެހިސާބުން ފެށިގެން ލާމަރްކަޒު ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ. ލާމަރްކަޒީ އުޞޫލުގެ ވާހަކަ، ޤާނޫނުއަސާސީގައި ހިމެނުނީ، 8 ވަނަ ބާބު. މާފަހުން އައްޑުއަތޮޅުގެ ޢިއްޒަތްތެރި މެންބަރު މުޙަންމަދު އަސްލަމާއި، ކޮޅުމަޑުލުގެ ޢިއްޒަތްތެރި މެންބަރު ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަން، ދެބޭފުޅުންނަކީވެސް އެމް.ޑީ.ޕީ. ޕާލަމެންޓްރީ ގްރޫޕްގެ ދެބޭފުޅުން. އެދެބޭފުޅުން ހުށަހެޅި އިޞްލާޙެއް ޙަޤީޤަތަކަށްވެގެން. އަޅުގަނޑުމެން މިހާރު ކުރަމުންމިދާ ކަމަކީ، އެ 8 ވަނަ ބާބަށް ސިފަ ގެންނަން. ދިރުން ގެންނަން.

ދިރުން ގެންނަ ގޮތަކީ، އަޅުގަނޑުގެ ރަށް، މާލޭގައި ހުރި އެއްޗެއްގެ ބައެއް ކޮމަންޑުއަށް ދެނީ. އެތައް ޒަމާނެއް ވަންދެން، އެތައް ސަތޭކަ އަހަރެއް ވަންދެން، މާލެއަށް އެއްކޮށްފައި އޮތް ބާރު، އަޅުގަނޑުމެން މިއުޅެނީ ކޮމަންޑުއަށް އެއިން ބައެއް ދޭން. މާލެއަށް އެ ބާރު އެއްކުރީ، މާލޭގެ ވެރިކަމުގެ ޚާންދާންތަކުން. ހަމަގައިމުވެސް އަޅުގަނޑުގެ މައިންބަފައިން، ވަރަށްފަހާ ޖެހެންދެންވެސް ދެކިއުޅެނީ، މާލޭގެ ވެރިކަމަކީ މުލީގޭ ދޮން ޙަސަންމަނިކު، ދޮން ބަންޑާރައިންގެ ތަރިކައެކޭ، މިލްކެކޭ. މިއަދު އެމް.ޑީ.ޕީ.ގެ އިސް ސަފުގައި، ލީޑަރޝިޕްގައި އެތިއްބެވީ، އަޅުގަނޑު މިދެންނެވި މާލޭގެ ވެރިކަމުގެ ޚާންދާންތަކުގެ ބޭފުޅުން. ދޮން ބަންޑާރައިންގެ އައުލާދުގެ ބޭފުޅުން. އެބޭފުޅުން މިއަދު ތައްޔާރުވެ އެތިއްބެވީ، ތިޔަބޭފުޅުންނަށް، އެބޭފުޅުންގެ މައިންބަފައިން، ކާބަފައިން އެއްކުރި ބާރުން ބައެއްދޭން. އަޅުގަނޑުމެން މިއުޅެނީ، އެމަސައްކަތް ކުރަން. މިއީކީ ފަސޭހަ ކަމެއް ނޫން. އެއްދުވަހުންވާނެ ކަމެއްވެސް ނޫން. އަދި އިންތިޚާބަކުން އެކަނި ނިންމާލެވޭނެ ކަމެއްވެސް ނޫން. ތިޔަބޭފުޅުން ގޮސް ވާދަވެރި ބޭފުޅުން ކައިރީގައި އައްސަވާ، އެ ކައުންސިލަކީ ކިހިނެއް އޮންނަ ތަނެއްތޯ؟ ކޮންތާކުތޯ ގޮނޑި ޖަހާފައި ހުންނަނީ؟ ކޮންތާކުތޯ އިށީންނަނީ؟ ކިހިނެއްތޯ އެކަން ކުރާން ތިއުޅެނީ؟ ނޭނގެ، އެނގިވަޑައެއްނުގަންނަވާނެ. އެއީ، އެބޭފުޅުންގެ ފިކުރެއް ނޫންވިއްޔަ. އެބޭފުޅުން ފަހަރުގައި ހީފުޅުކުރައްވާ އުޅުއްވައިދާނެ، މިއުޅެނީ ރ.ކ. ކޮމިޓީ އިންތިޚާބު ކުރާށޭ ނުވަތަ ޖިންސުއްލަޠީފުންގެ ރޫޙު އުފައްދާށޭ ނުވަތަ އެހެންވެސް ކޮންމެވެސް ޖަމްޢިއްޔާއެއް ޤާއިމް ކުރާށޭ. ކުރާން މިއުޅެނީ އެބާވަތުގެ އެއްވެސް ކަމެއް ނޫން. ކުރާން މިއުޅޭ ކަމަކީ ކޮމަންޑޫ ތަރައްޤީ ކުރަން. އެކަމަށްޓަކައި ބޭނުންވާ، ކޮންމެހެން ބޭނުންވާ މުއައްސަސާއެއް އެއީ. ރައްޔިތުންގެ ފަރާތުން ރައްޔިތުންނަށްޓަކައި ރައްޔިތުންގެ މަސައްކަތް ކޮށްދޭނެ ބައެއް. އަދި އެއީ، ރައްޔިތުން އިންތިޚާބު ކޮށްފައި ތިބި ބަޔަކަށްވާ ބައެއް.

އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެނަށް މި، އަޅުގަނޑުމެން މިއެދޭ އަނެއް ދިވެހިރާއްޖެ ހޯދޭނެ. އަދި އެ ރާއްޖެ، ކޮމަންޑުއަށް، މިރަށަށް އަންނާނެ. އަޅުގަނޑުމެނަށް މިދެވެނީ، މިދެންނެވި މިޞްރާބަށް. އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެނަށް މިއޮތީ އުފާވާ ޒަމާނޭ. އުފާވާ ޒަމާނޭ، ހިތާއޭ އަހާށޭ، އުފާވެރިވި މި ރާގޭ.

والحَمْـدُ لِلّـهِ. والســّلام عليــكم.
_______________________