بســم اللّـه الرّحمـن الرّحيــم

ދިވެހިރާއްޖޭގެ ނައިބު ރައީސް، ދައުލަތުގެ ވަޒީރުން، އ.ދ. އިން މި ސަރަޙައްދަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓެޓިވް، ޔުނިސެފްގެ ރެޕްރެޒެންޓެޓިވް، ޑަބްލިޔޫ.އެޗް.އޯ ރެޕްރެޒެންޓެޓިވް، އަދިވެސް ސަރުކާރުގެ އެހެން ބޭފުޅުންނާއި، އަމިއްލަ މުއައްސަސާތަކުގެ ބޭފުޅުންނާއި، ވަޑައިގެން ތިއްބެވި އެންމެ ބޭފުޅުން.

السّـلام عليـكم

I hope that the International Community members present here today, will excuse me as I will be speaking in Dhivehi.


އަޅުގަނޑު އަބަދުވެސް ހިތަށްއަރާ ގޮތެއް، ކަމެއް. އިއްޔެ ވޭތުވެ ހިނގައްޖެއޭ. ނިމިއްޖެއޭ. މިއަދު މިއޮއް މެދުޖެހެނީއޭ. އަޅުގަނޑުމެންނަކަށް މިއަދުވެސް ދެން ޙަޤީޤަތުގައި ލިބޭކަށް ނެތޭ. އިއްޔެވެސް ނިމިއްޖެއޭ. މިއަދުވެސް ދެން ކުރެވޭނެ ކަމެއްނެތޭ. އަޅުގަނޑުމެންނަށް ހޯދެން އޮތް އެއްޗަކީ، ހަމައެކަނި މާދަމާއޭ. މާދަމައަކީ އަޅުގަނޑުމެންގެ ދަރިން. މާދަމައަކީ އަޅުގަނޑުމެންގެ އަންނާން އޮތް ޖީލު. މާދަމައަކީ އަޅުގަނޑުމެންގެ މުސްތަޤްބަލް.

ކުޑަކުއްޖެއްގެ ޙައްޤު އަދި ކުޑަކުއްޖާ ސަލާމަތްތެރި ކުރުން، ޙިމާޔަތް ކުރަންޖެހޭ އިޖްތިމާޢީ، އިޤްތިޞާދީ އަދި އެނޫންވެސް ކިތަންމެ ސަބަބެއް، އަޅުގަނޑުމެންނަށް ފާހަގަކުރެވޭ. އަޅުގަނޑުމެންނަށް ދެކެވޭ، ތަރައްޤީއަށްޓަކައި ކުޑަކުދިން ޙިމާޔަތް ކުރަންޖެހޭތަން. އަޅުގަނޑުމެންނަށް ދެކެވޭ، އާޚިރަތަށްޓަކައި ކުޑަކުދިން ޙިމާޔަތް ކުރަންޖެހޭތަން. އަޅުގަނޑުމެންނަށް ދެކެވޭ، އިޤްތިޞާދީ، އިޖްތިމާޢީ، މިދެންނެވި ކިތަންމެ ސަބަބަކަށްޓަކައި ކުޑަކުދިން ޙިމާޔަތް ކުރަންޖެހޭނެކަން.

އަޅުގަނޑަށް ފެންނަ ފެނުމުގައި، މިދެންނެވި ހުރިހާ ކަމަކީވެސް ތިމަންނާއަށްޓަކައި އޭނާ ޙިމާޔަތް ކުރުމުގެ ވާހަކަ އަޅުގަނޑުމެންނަށް މިދެކެވެނީ. ތިމަންނާއަށް ރަނގަޅުވުމަށްޓަކައި. ތިމަންނާ ސުވަރުގެ ދިޔުމަށްޓަކައި. ތިމަންނާ ތަނަވަސްވުމަށްޓަކައި. އަޅުގަނޑަށް ފެންނަ ފެނުމުގައި، ކުޑަކުއްޖަކު ޙިމާޔަތް ކުރުމަށްޓަކައި އެކަނި، ހަމައެކަނި އެސަބަބަށްޓަކައި. ކުޑަކުއްޖާ ޙިމާޔަތްކޮށްދީ، އޭނާ ރައްކާތެރިކޮށްދިނުން ވަރަށް މުހިންމު. އަޅުގަނޑަށްޓަކައެއް ނޫން، ތިޔަބޭފުޅުންނަށްޓަކައެއްވެސް ނޫން، މާދަމައަށްޓަކައެއްވެސް ނޫން، އެހެން އެއްވެސް ކަމަކަށްޓަކައެއް ނޫން. ހަމައެކަނި ކުއްޖާއަށްޓަކައި.

އަޅުގަނޑު ރާއްޖޭގެ ވަރަށްގިނަ ރަށްރަށަށް ދަތުރުކޮށް ހަދަން. ވަރަށްގިނަ ގޭގެއަށް ވަންނަން. ވަރަށްގިނަ ކުދިންނާ ބައްދަލުވެވޭ. މިބައްދަލުވުންތަކުންނާއި އަދި އެހެންމެ، ސަރުކާރުގެ އެކިއެކި މުއައްސަސާތަކާއި، އ.ދ.ގެ އެކިއެކި ޖަމާޢަތްތަކުގެ ދިރާސާތަކާއި ހޯދުންތައް، މިރާއްޖޭގެ ޙަޤީޤަތް ވަރަށް ސާފުކޮށް އަޅުގަނޑުމެންނަށް އެބަ އަންގައިދޭ. ދެންމެ އަޅުގަނޑުމެންނަށް އެނގިގެންދިޔަ، އ.ދ.ގެ، ޔުނިސެފްގެ ރެޕްރެޒެންޓެޓިވް، މި ރާއްޖޭގައި ކުޑަކުދިންނާ ގުޅޭ ކަންކަމުގެ ޙާލަތު ހުރި ނުތަނަވަސް އަދި އަޅުގަނޑުމެން ނޭދޭ މިންވަރު ފާހަގަވެގެން ގޮސްފި. ރޭޕްކުރާ ޢަދަދާއި، އެކުދިންނަށް ޖިންސީ ހާނިއްކަ ކުރާ ޢަދަދާއި، ޖިސްމާނީ ހާނިއްކަ ކުރާ ޢަދަދާއި، މިންވަރާއި، އަދި ނަފްސާނީ ހާނިއްކަ ކުރާ މިންވަރު. އަޅުގަނޑުމެންނަކަށް މިކަންކަން ވަރިހަމަކޮށްގެން ތިބެވޭކަށެއް ނެތް. އަޅުގަނޑަށްޓަކައިވެސް، އަޅުގަނޑުމެން އެންމެންނަށްޓަކައިވެސް، އެކުދިންނަށްޓަކައިވެސް، މިޤައުމަށްޓަކައިވެސް. އަދި ހަމަ އަޅުގަނޑު ތަކުރާރު ކުރާނަން، ޢާންމުންނަށްޓަކައިވެސް. ރަނގަޅަށް އުޅުމަށްޓަކައި، ރަނގަޅު ކަމެއް ކުރުމަށްޓަކައި ކުރާންހުރި ރަނގަޅު ކަންކަން ދޫކޮށް، ހެޔޮ ކަންކަމަކީ ކޮބައިކަން ދެން މުޅިން އެހެން ތަރާދަކުން ކިރައިގެން، ކަން ކުރަމުން ގެންދިޔައިމާ، އަޅުގަނޑުމެންނަށް، އަޅުގަނޑަށް ފެންނަ ފެނުމުގައި، އަދި ހެޔޮގޮތެއް މެދުވެރިއެއްނުވާނެ.

ކުޑަކުއްޖާ ސަލާމަތް ކުރުމަށްޓަކައި ހިންގާން ޖެހެނީ، އެވެނި މިވެނި ކަމެކޭ ދަންނަވައި ފާޅުކޮށް، އަދި އިޝާރާތް ކުރަން އަޅުގަނޑަށް ހަމަގައިމުވެސް ދަތި. ކުއްޖަކަށް މީހަކު އަނިޔާކުރަނީ، އޭނާ ނުލަފާކަމުން އެކަންޏަކުނޫން. އަދި އޭނާގެ ނުލަފާކަން ގުޅިފައި ހުރީ އޭނާގެ ނަފްސާނީ ބައްޔަކާތޯ، އެހެންވީމާ، އޭނާގެ ނުލަފާކަން އެއީ، އަދި ހަމައެކަނި ސަބަބު ކަމުގައި ދެކިގެން، އަޅުގަނޑުމެންނަކަށް ނިންމާލެވޭކަށް ނެތް. ކުޑަކުއްޖަކަށް އަނިޔާ ކުރަނީ، އޭނާއަށް ތަންދޮރު ނޭނގޭ މިންވަރަކަށް، އޭނާގެ ހޭލުންތެރިކަން ހަމަ އެއްގޮތަކަށްވެސް ނެތީމާއޭ، ތަޢްލީމެއް ކުޑަކޮށްވެސް ލިބިފައި ނުވާތީއޭ، ވާއެއްނުވާއެއް، ދުނިޔެ ހިނގާ ގޮތެއް، ދެންވާނެ ގޮތެއްވެސް އޭނާއަށް އެނގިފައި ނުވާތީވެ. ކުޑަކުއްޖަކަށް އަނިޔާ ކުރަނީ، އެކުއްޖާ ދިރިއުޅޭ ގެ ތޮއްޖެހިފައި އޮތް މިންވަރުންނޭ. އެތަނުގައި އުޅެވޭނެ އެހެން އެއްވެސް ގޮތެއް ނެތީމާއޭ. އޭނާއަށް ދިމާވެފައި ހުރި ކިތަންމެ ދައްޗެއްގެ ސަބަބުންނޭ، ކުޑަކުދިންނަށް އަނިޔާ ލިބެނީ. ކުޑަކުދިންނަށް އަނިޔާ ލިބެނީ ރަށްރަށުގައި. އިޖްތިމާޢީ ކަންކަންވެސް، ޢާއިލީ ކަންކަންވެސް، ދިރިއުޅުމުގެ ކަންކަންވެސް ރޭވިފައި ހުރި ކިތަންމެ ގޮތެއްގެ، ކިތަންމެ ކަމެއްގެ ސަބަބުންކަން ގައިމުވެސް އަޅުގަނޑުމެން ކިރިޔާވެސް ބަލައިލައިފިނަމަ، އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންނަށް ސާފުވެގެންދާނެ ކަމަށް.

ކުޑަކުދިންގެ ސަލާމަތާއި، ކުޑަކުދިންގެ ޙިމާޔަތަށް މަސައްކަތް ކުރުމަކީ މި ސަރުކާރުގެ ވަރަށްބޮޑު އަމާޒެއް. އަޅުގަނޑުމެން، ސަރުކާރު އުފެދުމުގެ ކުރީގައިވެސް، ރައްޔިތުންނަށް ވެފައިވާ ވަޢުދެއް. އެކުދިންގެ ޙިމާޔަތް، އެކުދިންގެ ރައްކާތެރިކަން، އިރާދަކުރެއްވިއްޔާ ހޯދައިދިނުމުގައި، އަޅުގަނޑުމެންނަށްވީ މިންވަރަކުން އަޅުގަނޑުމެން މަސައްކަތް ކުރާނަން. އެމަސައްކަތުގައި މި ސަރުކާރުގެ ސިޔާސަތުގެ އެންމެ ފުރަތަމަ މަރްޙަލާގައި ތިއްބަވާނެ ކަމަށް އަޅުގަނޑުމެން ދެކި މިތިބީ، މުޅި މުޖްތަމަޢު، މުޅި ރައްޔިތު. އެ ރައްޔިތުން ކުޑަކުދިންގެ ޙިމާޔަތް ހޯދައިދިނުމަށްޓަކައި އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްގެ ތެރެއިން ޔަތީމު ކުދިންނަށާއި، އެކަނިވެރި މައިންނަށް ޚަރަދު ކުރުމުގެ މުހިންމުކަން. ތަރައްޤީއަށްކުރާ ޚަރަދަކީ، އަޅުގަނޑު އަބަދުވެސް ދަންނަވަން، ހަމައެކަނި ބޮޑުހިލަ ބަނދަރަކާއި އެއްގަމު ތޮށްޓަކާއި، ނެރު ފައިކަށްޓާއި، ސަހަރާ ވަށާފާރަށް ކުރާ ޚަރަދެއް ނޫނޭ. މުޅި ރާއްޖޭގެ އެންމެ ރައްޔިތުންނަށް އެބަ ސާފުވާންޖެހޭ، ދަރިފުޅު ނުވަތަ އަންނާން އޮތް ޖީލު ސަލާމަތް ނުކުރެވިއެއް، ރަށުގެ ތަރައްޤީއެއް، ޤައުމުގެ ތަރައްޤީއެއް އަޅުގަނޑުމެންނަކަށެއް ނުހޯދޭނެ. ކުޑަކުއްޖާއަށް ސަލާމަތްތެރިކަން ހޯދުމަށްޓަކައި ޚަރަދު ކުރާން ސަރުކާރަށް މަޖުބޫރު. އަދި އެ ޚަރަދު އިންޞާފުވެރި ގޮތުގައި ކުރުމަކީ މި ސަރުކާރު ދެކޭގޮތުގައި ކޮންމެހެން ބޭނުންތެރި ކަމެއް.

އެކަނިވެރި މައިންނަށް އަދި ޔަތީމު ކުދިންނަށް މިދިޔަ އަހަރުގެ މެދެއްހާ ތަނުގައި ޚަރަދު ކުރެވޭން ފެށުނު. އެކުދިން ބެލެހެއްޓުމަށްޓަކައި ފައިސާގެ އެހީތެރިކަން، އެކަނިވެރި މައިންނަށް ދެވި އަދި ޔަތީމު ކުދިން ބަލަހައްޓާ ފަރާތްތަކަށް ދެވޭނެ އިންތިޒާމެއް ހަމަޖެހި، އެ އިންތިޒާމްގެ ދަށުން ކަންކަން އެބަ ކުރިއަށްދޭ. ކުރިއަށްދާ ކަންކަމުގެ ނަތީޖާއަކީ ކޮބައިތޯ މިނާނީ، އަޅުގަނޑު ހިތުން ރައްޔިތުން، އަޅުގަނޑެއް ނޫން. ސަރުކާރަކުންވެސް ނޫން. އެހެން ނަމަވެސް، ސަރުކާރަށް ކުރެވޭ ކަންކަމުން ނުކުންނަ ނަތީޖާ، ސަރުކާރަށް އެނގުމަށްޓަކައި، ދެނެގަތުމަށްޓަކައި ސަރުކާރުން ތަރައްޤީގެ ކަންކަން އަޅުގަނޑަށް ފެންނަ ފެނުމުގައި ބަލަންޖެހޭނެ. އަޅުގަނޑު އުންމީދު ކުރަން، މި ވަރކްޝޮޕްގައި ސަރުކާރުން މިހާރު މި ހިންގާ އިޖްތިމާޢީ ރައްކާތެރިކަމުގެ ސިޔާސަތު ހިނގަމުންދާގޮތާއި، އެ ހިންގާތީވެ، އޭގެ ސަބަބުން ނުކުންނަ ނަތީޖާ ދެނެގަނެވޭނެ ކޮންމެވެސް މިންގަނޑެއް، ކޮންމެވެސް ފަރާތެއް، މި ވަރކްޝޮޕުން އަޅުގަނޑުމެންނަށް ލިބިގެންދާނެ ކަމަށް.

ކުޑަކުދިންނަށް ލިބޭ އަނިޔާގެ ސަބަބުގެ ގޮތުގައި މިދަންނަވާހެން ހަމަ ނުލަފާކަން ހިމެނޭއިރުގައި، ހަމަ އޭގެއިތުރުން، އެހެން ބޭފުޅުންވެސް ފާހަގަކުރައްވައިފި، ޑްރަގުގެ ބާރުގަދަ މަސްތުވާތަކެއްޗަށް އަޅުގަނޑުމެންގެ ތެރޭގައި ދެވިހިފާފައިވާ މިންވަރާއި، އެ އާދަ އަޅުގަނޑުމެންގެ ތެރޭގައި ފެތުރެމުންދާ ދަރަޖަ އެއީ، ކުޑަކުދިންނަށް ހުރި ނުރައްކަލެއްކަން. އެނުރައްކާ އަޅުގަނޑުމެންނަށް ވަރަށް ސާފުވޭ. ގޭގެއަށް ދިޔައީމާ ފެންނާނެ. ދޮރުން ދޮރަށް ހިނގާ މީހުންނަށް ވަރަށް ބޮޑަށް ސާފުވާނެ. ކުދިން އުޅެމުން އަންނަ ގޮތާއި، ޚާއްޞަކޮށް، ތޮއްޖެހި އަދި މައިންބަފައިންވެސް ހެރޮއިންގެ އަވާގައިޖެހި ތިބޭއިރުގައި، އަދި ބަލިވެއިންއިރުގައިވެސް އެ އަވާގައި މައިންބަފައިން ނުވަތަ އަންހެން މީހާވެސް، ފިރިހެން މީހާވެސް އުޅެ ލިބުނު ކުއްޖާގެ ޙާލަތު ވަރަށް ދެރަވާނެ. އެ މަންޒަރު އަޅުގަނޑުމެންނަކަށް ބަލާކަށް ފަސޭހައެއް ނޫން. އެކަމަށް ޙައްލެއް އަޅުގަނޑުމެންނަށް ނުހޯދެންޏާ، އަޅުގަނޑުމެން ސަރުކާރެއް ހިންގަން އުޅުމުގެ ބޭނުމެއް ނެތް. ވެރިކަމެއްގައި އަޅުގަނޑުމެން ޙަޤީޤަތުގައި، މިކުދިން ނުބެލެހެއްޓެންޏާ އަދި ބެލެހެއްޓޭނެ ރަނގަޅު ހަރުދަނާ ނިޒާމެއް ނުހޯދެންޏާ އަޅުގަނޑަށް ފެންނަ ފެނުމުގައި ސަރުކާރުގެވެސް އަދި ވެރިކަމުގެވެސް ބޭނުމެއް ނެތް. ވެރިކަމުގައި އަޅުގަނޑުމެން މިތިބެނީ، ރައްޔިތުންގެ މައްޗަށް ވެރިވެ. ރައްޔިތުން އެދިގެން. އެ އެދުނު މިންވަރަކުން. ރައްޔިތުންގެ ކަންކަން ބެލެހެއްޓުމުގައި، ކަމެއް ބަލަހައްޓާނެ އެހެން އެއްވެސް ފަރާތެއް ނެތް ނިކަމެތި ޟަޢީފު ކުއްޖާ ބެލޭނެ އިންތިޒާމެއް ސަރުކާރަށް ރޭވެންޖެހޭނެ. އޭގައި އިތުރު ޙުއްޖަތެއް، ސަބަބެއް އޮވެގެނެއްވެސް، އަޅުގަނޑަށް ފެންނަ ފެނުމުގައި ނުވާނެ.

މި ރާއްޖެއަކީ މިކަން ޙައްލު ނުކުރެވޭވަރުގެ ފަޤީރު ޤައުމެއް ނޫން. އަޅުގަނޑުމެންގެ ޚަރަދުތައް، އަޅުގަނޑުމެން ރަނގަޅު ގޮތަށް ކުރަނީނަމަ، އެއިން ރަނގަޅު ނަތީޖާ ނުކުންނާނެ. އަޅުގަނޑު ސަރުކާރުގެ ހުރިހާ މިނިސްޓްރީތަކަށްވެސް އަދި އ.ދ.ގެ އޭޖެންސީތަކާއި އެހެންވެސް އެހީދޭ ފަރާތްތަކުގައި އެދެން، ދަންނަވަން، އާދޭސް ދަންނަވަން، ޚަރަދު ކުރައްވާއިރުގައި، ނަތީޖާ ނުކުންނަ ޚަރަދު ނޫނިއްޔާ ނުކުރައްވާށޭ. އެޅޭ ބޮޑު ޢިމާރާތަކުން ކުޑަކުދިން ރައްކާތެރިވާނޭ ވަކި އިތުރު ގޮތެއް ނެތް. އަޅުގަނޑުމެން ރާއްޖޭގައި މުޅި އަތޮޅުތަކުގައިވެސް ކުޑަކުދިން ރައްކާތެރި ކުރުމުގެ ބޭނުމުގައި އެބަހުރި އައުޓްރީޗް ސެންޓަރުތަކެއް ހެދިފައި. އޭގެ ސަބަބުން ލިބުނު ގެއްލުމަކީ، ކުރީގައި ކުޑަކުދިން ރައްކާތެރި ކުރުމަށް ދެވެން އޮތް ފައިސާކޮޅުވެސް ޚަރަދުވެގެން މިދަނީ ދެން މި ޢިމާރާތުގެ ކަރަންޓަށާއި، އެ ޢިމާރާތުގެ ކުލައަށާއި، އެ ޢިމާރާތް ފިނިކުރާށާއި، އެ ޢިމާރާތަށް ވަށާ ފެންޖަހަން. އާދައިގެ ރަށެއްގައި މިއިން ޢިމާރާތެއް ހަދައި، އެ ޢިމާރާތް ބަލަހައްޓަން ޖެހުނީމާ، ދެން އަޅުގަނޑުމެންގެ ބަޖެޓުގައެއް ނުމެހުރޭ، އަޞްލު ޙަޤީޤީ ކަންކުރާނެ ފައިސާއެއް. ސަރުކާރުގެ ސިޔާސަތަކަށް މިހާރު ވެފައި މިވަނީ، ސީދާ ކުއްޖާއަށް ޚަރަދު ކުރަމުންދާނީ. ޢިމާރާތަށް ޚަރަދު ނުކުރަނީ. ސަރުކާރުން ބޭނުންވަނީ އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްގެ ތެރެއިން ނިކަމެތި ކުއްޖާ ހޯދަން. ހޯދާފައި އެކުއްޖާއަށް އެފައިސާ ރަނގަޅު ގޮތުގައި ލިބޭނެ ބެލެނިވެރިން ނުވަތަ އެހެންވެސް ފަރާތެއް ހޯދައި، އެފަރާތަށް ޚަރަދުކޮށްގެން، އެކުއްޖާ ބެލެހެއްޓޭނެ އިންތިޒާމެއް، ނިޒާމެއް ހޯދުން.

އަޅުގަނޑު ދާދިފަހުން ދިޔައިން، ފ. އަތޮޅު ދަރަނބޫދުއަށް. ދަރަނބޫދޫގައި އަމިއްލަ މީހަކު ސާޅީހަކަށް ޔަތީމު ކުދިން ރާއްޖޭގެ އެކިއެކި ރަށްރަށުން ގެނެސްގެން، އޭނާ އެބަ ބަލަހައްޓާ. އަޅުގަނޑުމެންގެ އެބައޮތް، މާފުށްޓެއް. އަދި އަޅުގަނޑުމެންގެ އެބަހުރޭ ވިލިނގިލީގައި ހިންގާ ތަނެއްވެސް. އަޅުގަނޑު މިދެންނެވި ދަރަނބޫދޫގައި ހިނގާ ތަނަކާ، ދެން އެއިން ނުކުންނަ ނަތީޖާއާއި އަދި އަޅުގަނޑުމެން މި މާފުށްޓަށާއި އަދި ވިލިނގިއްޔަށް ސަރުކާރުން މިކުރާ ޚަރަދާއި، ދެން އެއިން ނުކުންނަ ނަތީޖާއާ، އަޅުގަނޑު އުންމީދު ކުރަން، މި ވަރކްޝޮޕްގައި ތިޔަބޭފުޅުން މިކަންކަމަށް ބައްލަވާނެކަމަށް. މި މިންތައް ތިޔަބޭފުޅުން އަޅުއްވާނެ ކަމަށް. އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި، ސީދާ ދަރި، ސީދާ ކުޑަކުއްޖާއަށް ސަލާމަތްކަން ހޯދައިދިނުމަށް ކުރެވޭ މަސައްކަތުގެ ފައިދާ، އޭގެ ވަށައިގެން އިންތިޒާމްތައް ހަމަޖެއްސުމަށް، ނިޒާމްތައް އެކުލަވައިލުމަށް ކުރެވޭ ޚަރަދުގެ ފައިދާއަށްވުރެ، ނަތީޖާއަށްވުރެ މާބޮޑުތަނުން ރަނގަޅުވެދާނެ. ބައެއް ބޭފުޅުން ވިދާޅުވެދާނެ، އަޅުގަނޑަކީ މިބާވަތުގެ ވިސްނުމުގެ މީހެކޭ. އެހެން ނަމަވެސް، އަޅުގަނޑަށް ފެންނަ ފެނުމުގައި، ތަދުވާ ތަނުގައި އަތް އެޅެންޖެހޭނެ.

ކުޑަކުދިންގެ ސަލާމަތްތެރިކަން ހޯދައިދިނުމަށްޓަކައި މިހާރުވެސް ސަރުކާރުގެ މުއައްސަސާތަކުގެ ތެރޭގައި، ވަރަށް ރަނގަޅު ނިޒާމުތަކެއް އެބަހުރި. ހެލްތް ސެންޓަރުތަކަކީ، ހެލްތް ޕޯސްޓްތަކަކީ، ހޮސްޕިޓަލްތަކަކީ، ރާއްޖޭގެ ހުރިހާ ތަނެއްގައިވެސް މިހާރު ވަރަށް ރަނގަޅަށް ޤާއިމުކުރެވި އަދި ހިނގަމުންދާ ތަންތަން. މިއިން ކޮންމެ ތަނަކަށް، ރާއްޖޭގެ ކޮންމެ ރަށެއްގެ ދެހާސް މީހުންނަށްވުރެ އާބާދީ މަދު ނުވަތަ ތިންހާސް މީހުންނަށްވުރެ އާބާދީ މަދު ކޮންމެ ރަށެއްގެ ހެލްތް ސެންޓަރަށް މިއަދު ތިޔަބޭފުޅުން ވަޑައިގެންނެވި ނަމަވެސް، އެތަނުގައި ހުރި އެނދުގެ ނުވަތަ ކެޕޭސިޓީގެ 10 ޕަސެންޓްވެސް މަސައްކަތެއް ނުކުރާނެ، ބޭނުމެއް ނުހިފޭނެ. އެތަންތަން ހަމަޖައްސާފައި ހުންނަނީ، ވަރަށްގިނަ ފަހަރަށް ބޮޑު ރޯގާއެއް އައިސް އުޅޭއިރުގައި، ދިމާވި މައްސަލައެއްގައި، ދެން ވޯޑް އިތުރުކުރަން ޖެހިއްޖެ، އަންހެނަކު އެތަނަށްލާން ޖެހިއްޖެ، އެއީ، އެ ބޮޑު ރޯގާގައި، ބައިވަރު ބަލިމީހުން ހޯލްތެރޭގަޔާއި، އެތަން މިތަނުގައި ގެންގުޅެންޖެހި، ވަރަށް ގޯސްވެގެން ދިޔައީތީވެ. އަޅުގަނޑަށް ފެންނަ ފެނުމުގައި އެއީ ރަނގަޅު ކަމެއް. އެއީ ހަމަ މި ކެޕޭސިޓީއަށް އަޅުގަނޑުމެން އެބަޖެހޭ، ގޮތްގޮތް ހޯދައިދޭން. އެހެން ނަމަވެސް، ދެން މިއަދު ޢާންމު ދިރިއުޅުމުގައި އަޅުގަނޑުމެން މިއުޅޭއިރުގައި، ހަމަ ހެލްތް ވަރކަރުންވެސް، ނަރުހުންވެސް ވަރަށްގިނަ ވަގުތު ހަމަ ތިއްބަވާނީ.

އަޅުގަނޑު މިދިޔަ ތިންމަސް ދުވަހުގެ ތެރޭގައި، 122 ހެލްތް ސެންޓަރަށް ދިޔައިން. އަޅުގަނޑަށް ފެންނަ ފެނުމުގައި، މަސައްކަތް ރާވާލައިގެން ރަށްރަށުގެ ހުރިހާ ގެއަކަށް މި ހެލްތް ވަރކަރުންނަށް، ހެލްތް ނަރުހުންނަށް ނުވަދެވޭނެ ހަމަ އެއްވެސް ސަބަބެއް ނެތް. އަޅުގަނޑު ދެކެން، ރާއްޖޭގެ ކޮންމެ ރަށެއްގައި ތިން ހަތަރު މިސްކިތް، ދެތިން މިސްކިތް ނުހުންނަ ރަށެއް ނެތް. ކޮންމެ މިސްކިތެއްގައި މުދިމަކާއި އަދި އެހެން ބަޔަކުވެސް، ޒިންމާދާރު ބަޔަކު އެބަތިއްބަވާ. އެބޭފުޅުންގެވެސް މަސައްކަތުގެ ވަގުތަކީ ގާތްގަނޑަކަށް 5 ފަހަރު 15 މިނިޓް، 20 މިނިޓް. އަޅުގަނޑުމެންނަށް އެބޭފުޅުންގެ ޚިދްމަތް، މި ނިޒާމުގެ ތެރޭގައި ބޭނުންކުރެވެންޖެހޭނެ. މުދިމުންނަކީ އަދި އެބޭފުޅުންނަކީ ރަށްރަށުގައި ޤަދަރުވެރި ބޭފުޅުން. ގިނަ ބޭފުޅުންނަކީ، އަގު ހިފެހެއްޓޭ ބޭފުޅުން.

އަޅުގަނޑު ދަންނަވާ ވާހަކައަކީ، އަޅުގަނޑުމެން އެކުލަވައިލުމަށް މަސައްކަތް ކުރަމުން މިދަނީ، މިހާރު އަޅުގަނޑުމެންނަށް ލިބެންހުރި ވަސީލަތްތައް ބޭނުންކޮށްގެން، ރަނގަޅު ޗައިލްޑް ޕްރޮޓެކްޝަން ޕްރޮގްރާމެއް، ޔުނިޓެއް، ދަލެއް އަޅުގަނޑުމެންނަށް އެޅިދާނެ. އެ ވަސީލަތްތައް އަޅުގަނޑުމެންގެ އެބަހުރި. އަޅުގަނޑު ދަންނަވާނީ، ކެޕޭސިޓީވެސް އަޅުގަނޑުމެންގެ އެބަހުއްޓޭ. މިހާރު އަޅުގަނޑުމެންނަށް އަދި ވަރަށްބޮޑު ނަޞީބެއް، ވަރަށްބޮޑު ރޯއްޖެއް، ލާމަރްކަޒީ އުޞޫލުން ރަށު ދަރަޖައިގައި މިކަން ކުރެވެން އެބައޮތް.

އަޅުގަނޑު އުންމީދު ކުރަން، މި ވަރކްޝޮޕްގައި ތިޔަބޭފުޅުން މިދެންނެވި ކަންކަމަށް ވިސްނަވާނެ ކަމަށް. އަޅުގަނޑަށް ފާހަގަވާ އެހެން ކަމެއް އެބަވޭ، ކުއްޖާއަށް އަނިޔާ ލިބެނީ ކިހިނެއްވެގެންތޯ ވިސްނާއިރުގައި. ވަރަށް މަދުން ނަމަވެސް، މިހާރު އަޅުގަނޑުދާ ބައެއް ރަށްރަށުގައި އަޅުގަނޑު އަހަން، މީނާއަށް ވެކްސިން ދީފިންހެއްޔޭ. އެބަދިމާވޭ، ވެކްސިން ނުދީ ހުއްޓާ. ގިނަފަހަރަށް ދީނީ ވިސްނުމެއް ކަމަށް، ފިކުރެއް ކަމަށް ހީފުޅުވެލައްވައިގެން، ދަރިންނަށް ވެކްސިން ނުދީ ތިއްބަވަނީ. އަޅުގަނޑު އުންމީދު ކުރަން، އޭގެ ދީނީ ހެޔޮލަފާ ނަޞޭޙަތް، ދީނީ ދަންނަ ބޭކަލުން ރާއްޖޭގެ ރައްޔިތުންނަށް އަދި ހުރިހާ ބޭފުޅުންނަށްވެސް، އެ ނަޞޭޙަތް ލިބި، ދީނުގައި މިކަން އޮންނަ ސާފުގޮތް، އަޅުގަނޑަކަށް ނުވިސްނޭ، އިސްލާމްދީނުގައި ވެކްސިން ދިނުން މަނާވެފައި އޮންނާނޭ އެއްވެސް ސަބަބެއް. އަދި މަނާވެފައި އޮންނާނެ ކަމަކަށްވެސް. ދަންނަ ބޭކަލުން އެކަން އޮތްގޮތް، އެކަން އޮތް މަގު ވަރަށް ރަނގަޅަށް ސާފުކޮށް ދެއްވަން އެބަޖެހޭ.

ކުޑަކުދިންނާ ބެހުމަކީ ހުތުރު ކަމެއް ކަމާއި، އަދި އެހެން ބެހޭ މީހުން ފަޅާއަރާނެ ކަމާއި، އެމީހުންނަކީ ކޮބައިކަން އެހެން މީހުންނަށް އެނގި، އެމީހުން މުޖްތަމަޢުން އެބަ އެއްކައިރިކުރަންޖެހޭ. އެއީ، ކަނޑައެޅިގެން ނުލަފާ މީހުން. އެމީހުން އެއްކައިރީގައި ބައިތިއްބައި، އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ރާއްޖެ ސަލާމަތްކޮށް، މިރާއްޖެ ތަރައްޤީކޮށް، އަޅުގަނޑުމެންނަށް މިއަދަށްވުރެ އުފާވެރި މާދަމައެއް ހޯދެންޖެހޭނެ. އެ ހޯދުމުގެ މަސައްކަތް ކުރުމުގައި، އަޅުގަނޑު ތިޔަ އެންމެ ބޭފުޅުންނަށް އަދި ރާއްޖޭގެ އެންމެ ރައްޔިތުންނަށް ޔަޤީންކަން އަރުވަން، އަޅުގަނޑެއް އަދި މި ސަރުކާރެއް އެންމެ ފިޔަވަޅެއްވެސް ފަހަތަށް ނުޖެހޭނެކަމާއި އަދި އެންމެ ސިކުންތެއްވެސް އިރާދަކުރެއްވިއްޔާ ބޭކާރު ގޮތުގައި އަޅުގަނޑުމެން ހޭދަނުކުރާނެކަން. އެންމެ ފައިސާ ފޮއްޗެއްވެސް އިސްރާފު ނުކުރާނެކަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم
_________________________