بســم اللّـه الرّحمـن الرّحيــم

ދިވެހިރާއްޖޭގެ ނައިބު ރައީސް އަދި މަތީ ތަޢުލީމާބެހޭ ޤައުމީ މަޖިލީހުގެ ރައީސް، ޑޮކްޓަރ މުޙައްމަދު ވަޙީދު، މިނިސްޓަރ އޮފް އެޑިއުކޭޝަން ޞިފާ މުޙައްމަދު، މަތީ ތަޢުލީމާބެހޭ ޤައުމީ މަޖިލީހުގެ މެންބަރުން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކައުންސިލްގެ މެންބަރުން، ދައުލަތުގެ ވަޒީރުން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެންމެހާ ދަރިވަރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، އަދި ވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން.

السّـلام عليـكم

މިޤައުމުގެ ދިގު ތާރީޚުގައި، ތަޢުލީމަށް ދިވެހިން ދީފައިވާ އަހަންމިއްޔަތު ކަމަކީ، އެބައިމީހުންގެ ދިރިއުޅުމުގެ އުންމީދުތަކުގައި އެންމެމަތީ ވަނަ ދެވޭ ކަމެއް. ތަޢުލީމު އުނގެނުމަށްޓަކައި، ދިވެހިން ކޮށްފައިވާ މަސައްކަތުގެ ވާހަކައަކީ، ސިއްރު ކުރެވެން އޮތް ވާހަކައެއް ނޫން. މިޤައުމަކީ އެއްހާސް އަހަރަށްވުރެ ދިގު ތާރީޚެއް ލިޔެވިފައި އޮތް ޤައުމެއް. ވޭތުވެދިޔަ ދިގު މާޒީގައި، ތަޢުލީމް އުނގެނެން ބޭނުންވާ މީހާ، އެއްރަށުން އަނެއް ރަށަށް، އެއް އަތޮޅުން އަނެއް އަތޮޅަށް، މިޤައުމުން އެހެން ޤައުމުތަކަށް ދަތުރުކޮށްފައިވޭ. އެދަތުރު ކޮށްފައިވާ މީހާގެ މިޞްރާބު ބަދަލުކުރަމުން ގޮސްފައިވަނީ، އެވަގުތަކަށް، އެޒަމާނަކަށް، އެހިނދުކޮޅަކަށް، ތަޢުލީމީ ގޮތުން އެންމެ އެކަށީގެންވާ ފަސްގަނޑަކާ ދިމާއަކަށް. އެފަސްގަނޑަކުން އޭނާ ހޯދަން ބޭނުންވާ ތަޢުލީމް ލިބިގަނެވެން އޮތް ފަސްގަނޑަކަށް.

ދިވެހިރާއްޖޭގައި ފުރޮޅިގެން ނިއުޅިގެންދިޔަ ތަޢުލީމީ ދިގު ތާރީޚަށް ބެލުމުން، ތަޢުލީމުގެ ފެންވަރު، ކުރިއަރަމުން ބަދަލުވެގެން ގޮސްފައިވާ މިންވަރު ވަޒަން ކުރެވެން އެބައޮތް. ދާދިފަހަކާ ޖެހެންދެންވެސް އެކަށީގެންވާ ތަޢުލީމެއް ހޯދެން އޮތީ، މާލޭގައި އުޅެގެން. އެންމެހާ ބާރުތައް، މާލެއަށް ޖަމާކުރި އުޞޫލުން ތަޢުލީމް ބޭނުންވާ މީހާވެސް ޖެހުނީ، އެދުވަހު މާލެއަށް ޖަމާވާން. ތަންދޮރު އޮޅުންފިލާން އެދޭ މީހާވެސް، މި މާލޭގައި ހުރެގެން މެނުވީ، އެކަން ކުރެވޭނެ އެއްވެސް މަގެއް، އޭރު ފެންނާކަށް ނެތް. އެ ޙާލަތުގައި، ދަރިންގެ މައިންބަފައިން، އެކުދިންނަށް ތަޢުލީމު ދިނުމަށްޓަކައި ވެފައިވާ ޤުރްބާނީއަކީ، މިއަދު އަޅުގަނޑުމެން ފާހަގަކުރަންޖެހޭ ކަމެއް. ތަޢުލީމީ ނިޒާމަށް މައިގަނޑު ބަދަލުތަކެއް އަޅުގަނޑުމެންނަށް ގެންނަން ޖެހުނީ އެކުދިންނަށްޓައި، އެ މައިންބަފައިން ވަމުންދިޔަ ޤުރްބާނީގެ އަގު ވަޒަން ކުރުމަށްޓަކައި.

އަޅުގަނޑުމެން މިގެނައި ބަދަލަކީ، ހެޔޮ މަގުގައި ކަމެއް ކުރާން ބޭނުންވާ ފަރާތަށް، ހިފެހެއްޓުމެއްނެތި އެކަމެއް ކުރާން ދޫކޮށްލުން. މިދެންނެވި ބަދަލުގެ ސަބަބުން، ޤައުމުގެ ތަޢުލީމީ ނިޒާމް ބައްޓަންވެގެން ދިޔައީ، ވަށާޖެހޭ ތަޢުލީމްގެ ނިޒާމަކަށް. އެއްދަންފަޅިއަށް ކިޔަވައިދެވޭ ނިޒާމަކަށް. ނިޒާމެއްގެ ކާމިޔާބާއި ނާކާމިޔާބު ގުޅިފައި އޮންނާނީ، ދަރިވަރުން އެކިފަންނުގައި ހޯދާ ނަތީޖާތަކުގެ މައްޗަށް. މިއަދު އަޅުގަނޑުމެންގެ ދަރިވަރުން، ޖީ.ސީ.އޯ ލެވެލެ އިމްތިހާނުގައި ހޯދާފައިވާ ނަތިޖާއަކީ، ސަރުކާރުން މުޅިތަޢުލީމީ ނިޒާމަށް ގެނައި ބަދަލުގެ ސަބަބުން، ލިބިފައިވާ ކުރިއެރުމެއް. މި ސަރުކާރުގެ ބޭނުމަކީ، ތަޢުލީމު އުނގެނެން ބޭނުންވާ ދަރިވަރުންނަށް ބޭނުންވާނެ ހުރިހާ ފުރްޞަތެއް ފަހިކޮށްދިނުން. އަޅުގަނޑުމެންނަކީ ޖިންސުގެ ތަފާތަކަށް، ނަސަބަކަށް ބެލުމެއް ނެތި، ކުއްޖާއަށް އޭނާ ބޭނުންވާ ރޮނގަކުން ތަޢުލީމް އުނގެނޭނެ ފުރުޞަތު ހޯދައިދިނުމަށްޓަކައި ތިބޭ ބައެއް. އެކަން އެއުޞޫލުން ކުރުމަށްޓަކައި، ކުރާންޖެހޭ ކޮންމެ ކަމެއްވެސް ސަރުކާރުން އިރާދަކުރެއްވިއްޔާ ގެންދާނީ ކުރަމުން.

މިއަދުގެ ތަހުޒީބީ ދުނިޔެއަށް ބަލާއިރު، ތަޢުލީމުގެ ކުޑަ ނުވަތަ އާދައިގެ މިންވަރެއް އުނގެނިގެން ފުއްދާލެވޭކަށް ނެތް. ޖީ.ސީ.އީ އޯ ލެވެލްގައި، ކުއްޖާ ގެންނަ ރަނގަޅު ނަތީޖާއަކުންވެސް އަޅުގަނޑުމެންނަށް ހިތްހަމަޖައްސާލައިގެން ތިބެވޭކަށެއް ނެތް. އަޅުގަނޑުމެން މިޞްރާބު ހިފަން މިޖެހެނީ، މަތީ ތަޢުލީމް ޙާޞިލުކުރަން. އެ ޙާޞިލުކުރާ ތަޢުލީމުގައި ރަނގަޅު ނަތީޖާވެސް ހޯދަން. އެ ނަތީޖާ ހޯދައިގެން މެނުވީ، ތަހުޒީބީ ޒަމާނުގައި އަޅުގަނޑުމެންގެ ދަރިންގެ މުސްތަޤުބަލް ބިނާކުރެވޭކަށެއް ނެތް. އުޖާލާ ކުރިމަގެއް އަޅުގަނޑުމެންގެ ދަރިންނަށް ހޯދާދެވޭކަށެއްވެސް ނެތް. ޤައުމުގެ ނޯޖަވާނުންގެ ލިސްޓުގައި، އެދަރިންގެ ނަންތައް ލިޔެވޭކަށެއްވެސް ނެތް.

މިއަދަކީ ވަރަށްވެސް ތާރީޚީ ދުވަހެއް. އަޅުގަނޑުމެން އައިސް މިތިބީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤައުމީ ޔުނިވަރސިޓީއެއް ޤާއިމް ކުރެވޭ ތާރީޚީ މުނާސަބަތަށް. މިދުވަސް، އެތައް ގޮތަކުން މާތްވަނީ، ކީރިތި ރަސޫލާގެ ޢީދު މީލާދު ފާހަގަކުރާ ދުވަހަށްވެސްވީތީ. އިތުރު އެކަލޭގެފާނަކީ، ނަފްސުގެ ކުރިއެރުމަށްޓަކައި އަދި އިޖްތިމާއީ ދުޅަހެޔޮކަމާއި ތަރައްޤީއަށްޓަކައި ޢިލްމުގެ މުހިންމު ކަމުގެ އިރުޝާދު، މިމަތިވެރި މާތް އަމުރުފުޅާއެކު ދެއްވި، އެކަމުގައި ކުރިއަށް ދިޔުމަށް ބާރުއެޅުއްވި ޙިކްމަތްތެރި ސާހިބާ. މިފަދަ ދުވަހެއްގައި، ދިވެހި ޤައުމީ ޔުނިވަރސިޓީ ހުޅުވިގެންދާކަމީ، އަޅުގަނޑުމެންގެ ތަޢުލީމީ ސިޔާސަތު، ހެޔޮގޮތުގައި ކުރިއަށް ގެންދާން ހިތްވަރު އިތުރުވެ، އަޅުގަނޑުމެންގެ މަސައްކަތުގައި، މަތިވެރި މާތް ބަރަކާތް ލައްވަވާނެ ކަމެއް. މިދުވަހުގެ ޚާއްޞަކަން އަދި އިތުރުވެގެންދަނީ، މީގެ 60 އަހަރު ކުރިން، ދާރުލްޢުލޫމު އުފެދުނު ދުވަސްވެސް، ތާރީޚީ ގޮތުން މިދުވަހާ ދިމާވެގެންދާތީ. ދާރުލް ޢުލޫމަކީ، މިޤައުމުގެ ތަޢުލީމާއި ތަރައްޤީގެ ޙަޔާތުގައި އެޅުނު އެންމެ މުހިންމު އެއް ބިންގާ.

މިޤައުމުގައި ޔުނިވަރސިޓީއެއް އުފެދުނުއިރު، އަޅުގަނޑުމެން މިވަނީ މުހިންމު މަރުހަލާތަކެއް ކަޑައްތު ކޮށްފައި. ރާއްޖޭގެ މަތީ ތަޢުލީމުގެ ފެށުމަކަށްވީ، މުދައްރިސުންނާއި، ޞިއްޙީ ދާއިރާއަށް ބޭނުންވާ ފަންނުވެރިން އުފެއްދުމުގެ ތަމްރީންތަކާއެކު. އިމާރާތް ކުރުމާއި، އިންޖިނިއަރިންގ އަދި އެހެނިހެން ދާއިރާތަކުން މީހުން ތައްޔާރު ކުރުމަށް، މިތަމްރީނުތައް ފުޅާކުރެވިގެންދިޔަ. މިފަދަ ކުޑަގޮތަކަށް ފެށިގެން އައިނަމަވެސް، މިއަދު މިވަނީ ދިވެހިރާއްޖޭގެ މަތީ ތަޢުލީމް ހޯދުމުގެ ފުރްޞަތުތައް، އަޅުގަނޑުމެންގެ އުންމީދުތަކަށް އާރޯކަން ލިބޭ މިންވަރަށް ކުރިއަރައިގެން ތަރައްޤީވެގެން ގޮސްފައި.

ތަޢުލީމެއް އުނގެނުމުގެ ބޭނުމަކީ، މީހާގެ ހިޔަނި ފޯރާ ހިސާބުގައި ހުރި ކަންކަން ދެނެގަތުމެއް ނޫން. ޢިލްމެއް އުނގެނުމުގެ އެންމެ މުހިންމު އެއްބޭނުމަކީ، ވަށައިގެންވާ މާޙައުލުގައި ހިނގާ އެންމެހާ ކަންކަން ދިރާސާ ކުރުމާއެކު، މުޖުތަމަޢަށް ބޭނުންހިފޭ ގޮތަކަށް، އޭނާގެ ފިކުރާއި މަސައްކަތް ބައްޓަން ކުރަން އެނގުން. މިކަން ކުރުމަށް، އަޅުގަނޑުމެންގެ ދަރީންނަށް ފުރްޞަތުތައް ހުޅުވާލުމަކީ، ތިޔަ އެންމެ ބޭފުޅުންނަށާއި އަޅުގަނޑަށް ވަރަށް މަތިވެރި އުފަލެއް ލިބޭ ކަމެއް.

އަޅުގަނޑުމެން ވެރިކަމާ ހަވާލުވުމުގެ ކުރިން، ތިޔަބޭފުޅުން ވިދާޅުވަމުން ގެންދެވި އެއްވާހަކައަކީ، ތަންތަނުން ދެވޭ ޚިދްމަތުގެ ފެންވަރު ރަނގަޅު ކުރުމެއްނެތި، ތަންތަނުގެ ނަންބޯޑު ބަދަލުވަމުންދިޔަ ވާހަކަ. އަޅުގަނޑުމެން ފެށުނީއްސުރު ދަންނަވަމުން މިދަނީ، ތަރައްޤީއަކީ ބޮޑުހިލަ ބަނދަރެއް ނޫނޭ. ދިހަބުރި އިމާރާތަކުން، އެޅޭ ބޮޑު ބިނާއަކުން ލިބޭ އެއްޗެއް ނޫނޭ. ތަރައްޤީއަކީ އިންސާނާ - ރައްޔިތު މީހާ – ތަރައްޤީ ކުރުމުން މެނުވީ، ޤައުމަށް ލިބޭނެ އެއްޗެއް ނޫނޭ. މިގޮތުން، މިއަދު މިއުފެދުނު ޔުނިވަރސިޓީގެ އެންމެ މުހިންމު އެއް މަޤްޞަދަކީ، އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުން. ސްކޫލް ދައުރު ނިންމައި، ވަޒީފާގެ ބާޒާރަށް ނުކުންނަ ދިވެހިންނަށް އެކަށީގެންވާ ތަމްރީނު ދިނުން. ސައިންސާއި އިންޖިނިއަރިންގގެ އަދި އިޤްތިޞާދާއި ޤާނޫނީ، އަދި އެހެންވެސް ފަންނީ ރޮނގު ރޮނގުން މަތީ ތަޢުލީމް ހާޞިލްކޮށްފައިވާ އުފެއްދުންތެރި ރައްޔިތަކު ބިނާކުރުން. އަދި ޚާއްޞަކޮށް، ޢިލްމީ ދިރާސާތައް ކުރުމަށް ބޭނުންވާ މީހުން ތަމްރީން ކުރުން. މިއިން ކޮންމެ ކަމެއް ކުރަން އަޅުގަނޑުމެން ނުކުންނައިރުވެސް، މިޔުނިވަރސިޓީގެ ޤާބިލުކަން، އެއްދުވަހުން އަނެއް ދުވަހަށް އިތުރުކުރުމަކީ، އަޅުގަނޑުމެން ކުރަން ޖެހޭނެ ކަމެއް. މިދެންނެވި ޤާބިލުކަން އިތުރުކޮށް، ޔުނިވަރސިޓީ އަޅުގަނޑުމެން ބޭނުންވާ ގޮތުގައި ކުރިއެރުވުމަށް، ހަރުދަނާ ޝަޚުސިއްޔަތެއް، މިޔުނިވަރސިޓީގެ ހުންގާނުގައި ހުންނެވުމަކީ، ކޮންމެހެން ބޭނުންތެރި ކަމެއް. އެބޭފުޅަކީ ޤައުމަށާއި، މުޖުތަމަޢުއަށް އަންނަމުންދާ ބަދަލުތަކަށް ހޭނިވަޑައިގެން، އަހުލުވެރިވެ ވަޑައިގެންފައިވާ ފަރާތަކަށްވާންޖެހޭ. އަޅުގަނޑު ދެކޭގޮތުގައި، ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރގެ މަގާމަށް އެންމެ އެކަށީގެންވާ ބޭފުޅަކީ، ޑޮކްޓަރ މުސްޠަފާ ލުތުފީ. މިފުރުޞަތުގައި، އަޅުގަނޑު އެބޭފުޅާއަށް ވަރަށް ބޮޑަށް ތަހުނިޔާއާއި މުބާރިކްބާދީ ދަންނަވައި، ޝުކުރު ދަންނަވަން.

އަޅުގަނޑު ހަނދުމަ ނެތުނީކީ ނޫން. ދިވެހި ޤައުމީ ޔުނިވަރސިޓީ ހުޅުވުމާ ހަމައަށް ގެންނެވުމުގައި، އެކި މަރުޙަލާގައި ގިނަގުނަ މަސައްކަތްޕުޅުތަކެއް ކޮށްދެއްވާފައިވާ ވަރަށް ޢިލްމީ، ޤާބިލު، ބޭބޭފުޅުން ހިމެނިވަޑައިގަންނަވާ. މަތީ ތަޢްލީމާބެހޭ މަޖިލީހުގެ ރައީސް އަދި މިރާއްޖޭގެ ނައިބު ރައީސް ޑޮކްޓަރ މުޙައްމަދު ވަޙީދާއި، ކުރީގެ ކޮލެޖުގެ ރެކްޓަރ އަދި މި ޔުނިވަރސިޓީގެ ވަގުތީ ވައިސް ޗާންސެލަރ ޑޮކްޓަރ ޙަސަން ޙަމީދާއި، މަތީ ތަޢްލީމާބެހޭ ސަރުކާރުގެ އިދާރާތަކުގެ އިސްވެރިންނާއި މުވައްޒަފުން، އަދި ކުރީގެ ކޮލެޖުގެ ވެރިންނާއި މުވައްޒަފުން، މި ބޭފުޅުންނަކީ އެބޭފުޅުންގެ އަގުހުރި ހިންގެވުމާއި އެދުރުވެރިކަމުން، މި ޔުނިވަރސިޓީއަށް އަގުނުކުރެވޭފަދަ ޙިއްޞާތަކެއް ވެދެއްވާ އަދި ކޮށްދެއްވާނެ ބޭފުޅުން ކަމުގައި އަޅުގަނޑު ފާހަގަކޮށް، އެބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ތަހުނިޔާއާއި ޝުކުރު ދަންނަވަން.

ޤައުމެއް ބިނާކުރެވޭއިރު، އެޤައުމެއްގައި ބިނާކުރެވޭ ޤައުމިއްޔަތެއްގެ މައްޗަށް އަޅުގަނޑުމެން ޚާއްޞަ އަހަންމިއްޔަތު ކަމެއް ދޭންޖެހޭނެ. ޤައުމެއްގައި ފުރިހަމަ ޤައުމިއްޔަތެއް ބިނާ ނުކުރެވިއްޖެނަމަ، ގެނެވޭ އެއްވެސް ބަދަލަކީ، ރައްޔިތުންނަށް އޭގެ މަންފާއާއި ލާބަ އެއްގޮތަކަށްވެސް ލިބޭނެ ކަމެއް ނޫން. އަޅުގަނޑުމެންގެ ޤައުމިއްޔަތު ބިނާވެގެން މިދަނީ، އިސްލާމްދީނާއި، އިންސާނީ ޙައްޤުތަކާއި، ދިވެހި ޘަގާފަތުގެ މައްޗަށް. މިޤައުމިއްޔަތު ބިނާކުރުމުގައި ތަޢުލީމަކީ ކޮންމެހެން ބޭނުންތެރި ވަސީލަތެއް. ދުނިޔޭގެ ތާރީޚު ދައްކާފައިވާ ޙަޤީޤަތަކީ، ތަހުޒީބުވެ ކުރިހޯދުމަށްޓަކައި ވެވުނު މިންވަރަކުން އަމިއްލައަށް ޢިލްމު އުނގެނުމަކީ، އިންސާނާ ކުރަންޖެހޭ ކަމެއް ކަމުގައި. އެމަޤްޞަދު ދިވެހިން ޙާޞިލު ކުރުމަށް، މިރާއްޖޭގައި ހުޅުވިގެންދާ އެންމެ މުހިންމު ދޮރާއްޓަކީ، މިޤައުމީ ޔުނިވަރސިޓީ.

އަޅުގަނޑުމެން މިގެންދަނީ، މިޤައުމުގައި ޑިމޮކްރަސީ ހަރުލައްވައި، އެކަމުގެ ޘަގާފަތް އަށަގެންނެވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުން. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އުނގެނުމާއި، އުނގަންނައިދިނުމުގެ މިނިވަންކަމަކީވެސް، ޑިމޮކްރަސީގެ ހަމައާއި އުޞޫލުތަކުގެ ތެރެއިން ހިމެނޭ ކަންތައްތައް. ޑިމޮކްރަސީ، މިޤައުމުގައި ކުރިއެރުވުމަށް، އަޅުގަނޑުމެން މިދެންނެވި މިނިވަންކަމާއި، މާޙައުލު ޤާއިމުކޮށްދޭން އެބަޖެހޭ. ތަފާތު ޚިޔާލުތަކަށާއި، ޚިޔާލު ތަފާތުވުމަށް ޖާގަދީ، އެޚިޔާލުތައް، ފަޚުރުވެރިކަމާއެކު ބަލައިގަތުމުގެ ޘަގާފަތް، އަށަގަންނުވަން އަޅުގަނޑުމެން އެބަޖެހޭ. ރާއްޖެ، ޑިމޮކްރަސީއަކަށް އެނބުރިގެންދިޔަ މިދަނޑިވަޅުގައި، އަޅުގަނޑުމެންގެ ދަރިންނާއި، ދަރިންގެ ދަރިންނަށްޓަކައި، މިޑިމޮކްރަސީގެ ކުރިމަގު ބައްޓަންކޮށް، ވާޞިލުކޮށްދިނުމަށް، މިޔުނިވަރސިޓީގެ ދައުރު ވަރަށްވެސް ބޮޑު. ހަމައެހެނެންމެ، ފަޤީރުކަމާއި ނިކަމެތިކަމުން ރައްޔިތުމީހާ މިންޖުކުރެވި، ތަރައްޤީ ޙާޞިލުލުކޮށްދިނުމަށް، މިޔުނިވަރސިޓީއިން އަދާކުރަންޖެހޭ ދައުރަކީވެސް، ހަމަ އެހާމެ މުހިންމު ދައުރެއް.

މަތީ ތަޢުލީމް ހޯދައި ފުރިހަމަ ކުރުމުގެ އެންމެ މުހިއްމު ވަސީލަތަކީ، އެކި ރޮނގުން ދިރާސާކޮށް، އެދާއިރާއަކާ އެންމެ ގުޅުންހުރި މަޢުލޫމާތު އަޅައިކިޔާ ދޭހަކޮށްދިނުން. މިރާއްޖޭގެ ކުޑަކަމާއެކުގައިވެސް، މިދެންނެވި މަސައްކަތުގައި، މުޅި ދުނިޔެއަށް މަގު ދައްކާދެވިދާނެ މުހިންމު ދެތިން ދާއިރާއެއް އެބަ ފާހަގަވޭ. ފަޅު ފަރުތަކާއި، ކަނޑުތަކުގެ ދިރާސާތަކުގައި، ދުނިޔޭގެ އެންމެމަތީ ފެންވަރުގެ ހޯދުންތައް، މިރާއްޖެއިން ލިބިދެވޭނެކަމީ، މިދާއިރާގެ މާއްދާތަކަށް ޝައުޤުވެރިވާނެ ބިދޭސީ ދަރިވަރުންނާއި އެދުރުންވެސް ގަބޫލުކުރާ ޙަޤީޤަތެއް. ބިދޭސީ ދަރިވަރުންނާއި، އެދުރުން، މިރާއްޖޭގައި ފަޅު ފަރުތަކާއި ކަނޑުތަކުގެ މުހިންމު ދިރާސާތައް ކުރައްވައި، އެމަސައްކަތްތަކުގެ ބައެއް ހޯއްދެވުންތައް މިހާރުވެސް ވަނީ ޝާއިޢު ކުރައްވައި އަދި އިތުރު ހޯއްދެވުންތައް ޝާއިޢު ކުރެއްވުން ކުރިއަށް ގެންދަވާނެކަން އެއީ، މިރާއްޖެއިން މުޅި ދުނިޔެއަށް ހުޅުވާލެވޭ މަޢުލޫމާތުގެ ޚަޒާނާއެއް. އަޅުގަނޑު ޝައްކެއް ނުކުރަން، އަޅުގަނޑުމެންގެ މިޤައުމީ ޔުނިވަރސިޓީއިންވެސް، މިދެންނެވި ރޮނގުތަކުގައި ފާހަގަކުރެވޭ ކާމިޔާބީތައް، ކުރިއަށް އޮތްތަނުގައިވެސް ގެންދަވާނެ އަދި ޙާޞިލު ކުރައްވަމުންކަން.

ދިރާސާކޮށް ތަޙުލީލުތައް ކުރުމުގެ އެންމެ ކުރީ ސަފުގެ މަޢުލޫމާތު، މުޅި ދުނިޔެއަށް މިރާއްޖެއިން ދެވިދާނެ އަނެއް ދާއިރާއަކީ، ތިމާވެއްޓަށާއި މޫސުމަށް އަންނަމުންމިދާ އާދަޔާ ޚިލާފް ބަދަލުތަކާ ގުޅޭ ހޯދުންތައް. ޖައްވު ހޫނުވުން، ލޮނުގަނޑު އުސްވުން، އޮއިވަރު ބަދަލުވުން، ގޮނޑުދޮށްތައް ގިރާލުންފަދަ ކަންކަމީ، އެކަމަށް ބޭނުންވާ ސައިންސާއި، ތައްޔާރީތަކަށް ބޭނުންވާ މަޢުލޫމާތު، ދުނިޔޭގެ އެހެން އެއްވެސް ތަނަކަށްވުރެ ފުރިހަމަކޮށް، ކަމުގެ މާހިރުންނަށް ލިބެވެން އޮތީ މިރާއްޖެއިން. މިކަމާ ގުޅޭ މާއްދާތަކަށް ބޭނުންވާ ތަހުލީލުތަކާއި ދިރާސާތައް ކުރުމަށް، މިރާއްޖެއަކީ ދުނިޔޭގައި ނެތްފަދަ ލެބޯރެޓަރީއެއް. މިކަންކަމުގެ އުންމީދުތައް ގުޅިފައިހުރީ، މިފަދަ ހޯދުންތަކުން އެނގިގެންދާ ރަނގަޅު އެތައް ކަމެއްގެ ބޭނުން، ފައިދާހުރި ގޮތުގައި އަޅުގަނޑުމެންނަން ކުރަން ފެށެން އޮތީތީވެ. އިޢާދަކުރެވޭ ހަކަތައިގެ ދާއިރާގައި، ދުނިޔެއަށް މަގު ދެއްކޭނެކަމީ، އަޅުގަނޑުމެންގެ މިކުޑަ ރާއްޖެއަށް ލިބިގެންދާނެ ކުޑަ ފަޚުރެއް ނޫން.

ދުނިޔެއަށް މިރާއްޖެއިން މަގު ދެއްކިދާނެ ދެތިން ކަމެކޭ އަޅުގަނޑު ދަންނަވާލިން. ދެންމެ އަޅުގަނޑު މިދަންނަވާލި ކަންކަމުގެ އިތުރަށް، މިރާއްޖެއިން ދުނިޔެއަށް ފެންނާން އޮތް، އަދި ހޯދުންތައް ހޯދައި، ބެލެވިދާނެ އެންމެ މުހިންމު އެއް ކަމެއް ކަމުގައި އަޅުގަނޑު ދެކެނީ، ސައްތައިންސައްތަ މުސްލިމް ޤައުމެއްގެ ރައްޔިތުން، އެބައިމީހުންގެ ވެރިކަމުގެ ނިޒާމް ބަދަލުކޮށްލުމުގައި، އެކި ދާއިރާއާއި އެކި ރޮނގުން ކޮށްފައިވާ ޞުލްޙަވެރި މަސައްކަތް. އިސްލާމީ ޤައުމަކުން އުފެދުނު ހުދުމުޚުތާރު ވެރިޔަކު، ރައްޔިތުން މައިދާނަކަށް ނިކުމެ ފުރަތަމަ ބަދަލުކޮށްލީ މިރާއްޖޭގައި. ޤާހިރާގެ ތަޙްރީރު މައިދާނުގައި ފެނިގެން އެދިޔައީ، އިއްޔެ ފުރަމާލޭގެ ޖުމްހޫރީ މައިދާނުގައި ފެނިގެންދިޔަ މަންޒަރު. އިސްލާމީ ދުނިޔޭގެ އެންމެ ނަންހުރި އެފަދަ ޤައުމެއް، ދެން ހިންގަވާން އޮތީ، މިރާއްޖޭގެ ރައްޔިތުން، މި އިސްލާމީ ޤައުމަށް އެކަށައެޅި މަގުތަކުން. އަޅުގަނޑުމެން މިކުޑަކުޑަ އިސްލާމީ ޤައުމަށް، މަގުދައްކަން ލިބުނު ޑިމޮކްރަސީ އަށަގެންނުވުމުގައި، މިރާއްޖޭގެ އެކިއެކި މުއައްސަސާތަކުންނާއި، މިޤައުމީ ޔުނިވަރސިޓީއިން ކުރިމަތިލައްވާ ޖަދަލުތަކާއި، ހޯއްދަވާ ކުރިއެރުންތައް، އިރާދަފުޅާއެކު، ދެން ވެގެންދާނީ، އެހެން އިސްލާމީ ޤައުމުތަކަށް ހުރި ޗާލޫ އަދި ރިވެތި މިސާލުތަކަކަށް.

އަޅުގަނޑުގެ ދުޢާއަކީ، މިއަދަށްވުރެ އަދި މާ ފާގަތި ރޯޝަނީ މުސްތަޤްބަލެއް އަޅުގަނޑުމެންނަށް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން. އާމީން.

والحمد للّـه. والسّـلام عليـكم
_________________________