بســم اللّـه الرّحمـن الرّحيــم

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރައީސް އިބްރާހީމް ޙުސައިން ޒަކީ، ޕާޓީގެ ޗެއަރޕަރސަން އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ، ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ މޫސާ މަނިކު. ޕާލަމެންޓްރީ ގްރޫޕްގެ އެހެންވެސް މެންބަރުން. އަދި ވަކިން ޚާއްޞަކޮށް، ބިލެތްފަހީ ކަތީބާއި، ބިލެތްފަހީ ވެރިންނާއި، އަދި ބިލެތްފަހީގެ ލޮބުވެތި ރައްޔިތުން.

السّـلام عليـكم

މި ސަރުކާރު އެންމެ ފުރަތަމަ ދުވަހުއްސުރެ ފެށިގެން އުފެދިގެން އައީ، މި ރާއްޖޭގެ ތަރައްޤީގެ ތަޞައްވުރަކާއެކުގައި. ބިލެތްފަހީގެ ތަރައްޤީގެ ސިފައެއް، މަންޒަރެއް، ޚިޔާލާތެއް، އަޅުގަނޑުމެންގެ އޮވެގެން. މި ރާއްޖޭގައި އާބާދީ އެތުރިފައި އޮތް ގޮތަށް، އަޅުގަނޑުމެން ނަޒަރު ހިންގާއިރުގައި، އަޅުގަނޑުމެންނަށް އަބަދުވެސް އެބަ ފެނޭ، އާބާދީ ކުދި، ކުޑަ ރަށްރަށުގައި އަޅުގަނޑުމެން ބޭނުންވާ މިންވަރުގެ ތަރައްޤީ، އަޅުގަނޑުމެން ބޭނުންވާ މިންވަރަށް ކަންކަން ފުރިހަމަނުވެ ވަރަށް ބޮޑަށް އޮންނަތަން. ޙަޤީޤަތުގައި އަޅުގަނޑަށް ދަންނަވަންޖެހޭ ވާހަކައަކީ، ރާއްޖޭގެ ރަށްތަކުގެ ތެރެއިން، މި ބިލެތްފަހިފަދަ ރަށްރަށް، އެއްހާސް އަހަރުގެ ރަށްވެހިކަމަށްފަހުގައި، ފެންނާން އޮތް ގޮތަކީ މިއީ. މިއަދު އިރާދަކުރައްވައިގެން، މިތަނުގައި ވަލުން ނުކުމެ، ރަށުން ބޭރަށް ދެވޭނޭ ގޮތެއް، ލަފާފުރޭނޭ ބަނދަރެއް ހެދިފައި އެވަނީ. އަޅުގަނޑު ކޮންމެހެން ދަންނަވާކަށް ނެތިން. އަޅުގަނޑު ދަންނަވަން މިއުޅެނީކީއެއް، އެއީ ކާކު ހަދައިދިން ބަނދަރެއްތޯ، ކޮންއިރަކު އުފެދިގެން އައި ބަނދަރެއްތޯއެއް ނޫން. އަޅުގަނޑަށް އެނގޭ، އެ ބަނދަރަކީ، މި ސަރުކާރުން ޚަރަދުކޮށްގެން، މިސަރުކާރުން އެކަން ބާރަށް ހިންގައިގެން ހެދުނު ބަނދަރެއްކަން. އެކަމަކީ އަޅުގަނޑަކަށް ޝައްކު ހިނގާ ކަމެއް ނޫން. ބިލެތްފަހީ ރައްޔިތުންނަށް އޮޅިފައި އޮވެދާނެ. އެ އޮޅުން ކޮންމެހެން އޮޅުންފިލުވުމަކީވެސް އެހާ މުހިންމު ކަމެއް ނޫން. ބިލެތްފަހީގައި ކޮންމެ ބަޔަކު ހެދި ނަމަވެސް، ބަނދަރެއް ހެދިފައި. އިރާދަކުރައްވައިގެން، މިދިޔަ އަހަރުގެ ޖަނަވަރީގައި އެ ބަނދަރު ހުޅުވިއްޖެ.

މިދެންނެވި ބަނދަރު ފިޔަވައި، މިރަށަށް ތަރައްޤީއެއް ގެނައުމަށް، ކަމެއް ޙަޤީޤަތުގައި ކުރުން، ކުރެވިފައި އޮތް ތަނެއް އަޅުގަނޑުމެންނަކަށެއް ނުފެނޭ. އެހެންވީމާ، މިރަށް ބަދަލުކުރުމަށް ނުވަތަ މިރަށަށް އިތުރު ފުރްޞަތުތަކެއް ހުޅުވައިލުމަށްޓަކައި، ހަމަ މިރަށެކޭ އެއްފަދައިން، ރާއްޖޭގެ އެހެން ކިތަންމެ ރަށެއްގެވެސް ޙާލަތު ހުރީ ވަރަށް ދެރަކޮށް، ވަރަށް ނިކަމެތިކޮށް، ވަރަށް ފަޤީރުކޮށް. މި ޕާޓީއަށް ފެނުނު އެއް ޙަޤީޤަތަކީ، މި ބިލެތްފަހީގެ ރައްޔިތުންގެ ތެރެއިން ކޮންމެ ތިންމީހަކުންކުރެ އެކަކު، ތިންބައިކުޅަ އެއްބައި މީހުންނަކީ، ނިކަމެތި ފަޤީރުންކަން. އެމީހުންނަކީ، އެމީހުންގެ ރެޔާދުވާލުގެ މަސައްކަތަށް ވިހި ފަނަރަ ރުފިޔާ ނުލިބޭ، ނިކަމެތިން. އެމީހުންގެ އަމިއްލަ ކިތަންމެ ޟަރޫރީ ބޭނުންތަކެއް ފުއްދަންވެސް، އެމީހުންނަށް ލިބޭ އެއްޗަކުން ދެކޮޅުނުޖެހޭ މީހުން. މި ޕާޓީގެ ވަޢުދަކަށް އެހެންވީމާ ވެގެންދިޔައީ، އެމް.ޑީ.ޕީ ސަރުކާރެއްގައި، ރާއްޖޭގެ ރައްޔިތުން ބޭސްސިޓީއަށް ސަލާންޖަހަމުން އެދާދިޔުން އިރާދަކުރެއްވިއްޔާ ހުއްޓާލަދޭނަމޭ. އެހެންވެ، ސަރުކާރުގެ ސިޔާސަތަކަށްވެގެން އައީ، މަދަނައިގެ ނިޒާމް ވަރުގަދަކުރުން. މަދަނަ ކުރިއަށް ގެންދިޔުން. އަޅުގަނޑުމެންނަށް މިއަދު އުފާވެރިކަން ލިބެނީ، ހިތްހަމަޖެހުން މިލިބެނީ، މި ބިލެތްފަހީގެ ރައްޔިތުންގެ ތެރެއިން 109 މީހަކު، މަދަނައިގައި ރަޖިސްޓްރީ ކުރެވިފައިވާތީވެ. އަދި ހަމަ އެހެންމެ، މިދިޔަ 2010 ވަނަ އަހަރު، މި ބިލެތްފަހީ ރައްޔިތުންގެ ބޭސްސިޓީއަށް ފައިސާ ދެއްކުމަށްޓަކައި، މަދަނައިން އެއްލައްކަ ފަންސަވީސްހާސް ރުފިޔާ ޚަރަދު ކުރެވިފައި އޮތްކަމީ، މި ސަރުކާރަށް ހިތްވަރު ލިބޭ ކަމެއް. މިދެންނެވި އެއްލައްކަ ފަންސަވީސްހާސް ރުފިޔާއަކީ، އެއްވެސް ހާލެއްގައި މިތާ ހެލްތް ސެންޓަރުގައި ތިއްބަވާ ބޭފުޅުންނަށް މުސާރަ ދިނުމަށް ނުވަތަ އެތަނުގެ ކަރަންޓަށް ނުވަތަ އެތަނުގެ ފެނަށް ނުވަތަ އެތާ ވަށާފާރުގައި ކުލަލުމަށް، މިއިން އެއްވެސް ކަމެއް ކުރުމަށް ކުރެވުނު ޚަރަދެއް ނޫން. މިދެންނެވި ފައިސާއަކީ، ހަމަ ސީދާ މި ބިލެތްފަހީ މީހުންނަށް، ރައްޔިތުންނަށް ޑޮކްޓަރު ދީފައިވާ ބޭސްސިޓީއަށް، ބޭސްފަރުވާ ހޯދުމަށްޓަކައި ކުރެވުނު ޚަރަދު.

އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދީގެން މެނުވީ، އަޅުގަނޑުމެން މިއެދޭ ބަދަލު، އަޅުގަނޑުމެން މިއެދޭ ތަރައްޤީ އަޅުގަނޑުމެންނަކަށެއް ނުހޯދޭނެ. ރާއްޖޭގައި ދޮށީ ޢުމުރުގެ މީހުން އުޅެމުން އައި ގޮތާއި، އެމީހުންގެ ޙާލަތު ހުރިގޮތް، މި ސަރުކާރަށް، މި ޕާޓީއަށް 2008 ވަނަ އަހަރުވެސް އަދި މީގެކުރީގައިވެސް، އަބަދުވެސް ވަރަށް ބޮޑަށް ސާފުވެފައި އޮތް. އެމީހުންގެ އަތްފައިގައި ބާރު ގެއްލުނު ދުވަހު، ނެތުނު ދުވަހު، އެމީހުންނާ އަޅާލާނެ ބައެއްނެތި، ޔާރެއް، އާލެއްނެތި، އެތަން މިތަނުގައި ނިކަމެތިކަންމަތީގައި އުޅެމުންދިޔަގޮތް، އަޅުގަނޑުމެންގެ ޕާޓީ ވަރަށް ރަނގަޅަށް ދުށް. ޕާޓީގެ އެހެންވީމާ، ވަޢުދަކަށްވީ މި ރާއްޖެ މިގޮތަށް އަޅުގަނޑުމެންނަށް ރައްދުކޮށްދިން، އަޅުގަނޑުމެންގެ ދޮށީ ޢުމުރުގެ މީހުން، އެމީހުންގެ ބުރަ މަސައްކަތުން މި ރާއްޖެ މިގޮތަށް އަޅުގަނޑުމެންނަށް ލިބިފައި މިއޮތީ. އެހެންވީމާ، ޕާޓީން ވަޢުދުވީ، ޢުމުރުން 65 އަހަރުން މަތީގެ ކޮންމެ މީހަކަށް، އަންހެނަކަސް، ފިރިހެނަކަސް، ދެހާސް ރުފިޔާގެ ޕެންޝަނެއް ދިނުމަށް. މިއަދު އަޅުގަނޑަށް އުފާވެރިކަން ލިބެނީ، ހިތްހަމަޖެހުން ލިބެނީ، މި ބިލެތްފަހީގެ 31 މީހަކަށް، ކޮންމެ މަހަކު ދެހާސްރުފިޔާ ދެމުން ގެންދެވޭތާ މިހާރުމިވީ ދެއަހަރު. އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބެނީ، މި ބިލެތްފައްސަށް ކޮންމެ މަހަކު ފަސްދޮޅަސް ދެހާސް ރުފިޔާ ޚަރަދު ކުރުމުގެ ފުރްޞަތު، ސަރުކާރަށް ލިބިފައިވާތީވެ، މިދެންނެވި ޕެންޝަނަށް، ޕެންޝަންގެ ގޮތުގައި މިރަށު މީހުންނަށް ކުރާ ޚަރަދުގެ ތެރެއިން.

ސަރުކާރުގެ އަމާޒަކީ، އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދެމުން ގެންދެވޭއިރުގައިވެސް އަދި އިތުރުން މިރަށުގެ އިޤްތިޞާދަށް ކޮންމެވެސް މިންވަރަކަށް ފައިސާދެވި، އެ ފައިސާގެ ބޭނުން ކުރެވޭނެ ގޮތް އަޅުގަނޑުމެން ހޯދުން. އިރާދަކުރައްވައިގެން، މިނޫން މަގަކުން މިރަށަށް ގަވާއިދުން ކޮންމެ މަހަކު ފައިސާ ވަންނާނެ ގޮތެއް ނޯންނާނެ. މިރަށުގައި ތިބި ސަރުކާރު މުވައްޒަފުންނަށް ލިބޭ މިންވަރާއި، ގަވާއިދުން ސަރުކާރުގެ މުވައްޒަފުންނަށްދެވޭ މުސާރައިގެ ގޮތުގައި ރަށަށް ވަންނަ މިންވަރާއި، ދެހާސް ރުފިޔާގެ ޕެންޝަންގެ ގޮތުގައި އަދި އެހެންވެސް އެކަނިވެރި މައިންނާއި، ޔަތީމު ކުދިންނަށް ދެވޭ ޕެންޝަންގެ ގޮތުގައި ނުވަތަ އެހީގެ ގޮތުގައި މިރަށުގެ 6 ފަރާތަކަށް އެބަ އެހީތެރިކަން ފޯރުކޮށްދެވޭ. އެގޮތުން، 2010 ވަނަ އަހަރު ސާޅީސް އަށްހާސް ރުފިޔާ، އެފަރާތްތަކަށް އޮތީ ޚަރަދު ކުރެވިފައި. އެއީ މި ސަރުކާރަށް ލިބޭ ހިތްހަމަޖެހުމެއް. އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންގެ އަމާޒަކީ، މި ރަށްތަކުގެ ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުން.

ތިޔަބޭފުޅުންނަށް އެ އޮތީ ބޮޑިހިލަ ބަނދަރެއް. އަޅުގަނޑު އެއްބަސް، އެ ބަނދަރު ހަދާފައި އޮތްގޮތާ ގުޅޭގޮތުން ހިތްހަމަނުޖެހިދާނެ، ނެރާ ގުޅޭގޮތުން. ދެން އަޅުގަނޑު ގާތުގައި، މިތަނުން ކައުންސިލަރވެސް އަދި މިހާރު ކުރިމަތިލައްވާފައި ތިބި ކުދިންވެސް، ބޭފުޅުންވެސް އެބަ ނެރުގެ ވާހަކަ ވަރަށް ތަފްޞީލްކޮށް އެބަ ބުނޭ. އަޅުގަނޑު ޕަބްލިކް ވަރކްސްއާއި ނުވަތަ ހައުސިންގ އެންޑް އެންވަޔަރަންމަންޓާ ދެންމެ އަޅުގަނޑު ގުޅާލައިފިން. އަޅުގަނޑަށް އިރާދަކުރެއްވިއްޔާ، ތިޔަބޭފުޅުންގެ ނެރު ރަނގަޅު ކުރުމުގެ މަސައްކަތް މިއަހަރު ތެރޭގައި ކޮށްދެވޭނެ. މިނެރު ރަނގަޅު ކުރިޔަސް، ބަނދަރު ހެދިޔަސް، ޙަޤީޤަތުގައި ތަރައްޤީއެއް އަޅުގަނޑުމެންނަކަށެއް ނުހޯދޭނެ، މިރަށުގެ ގިނަ ރައްޔިތުންނަކީ، ނިކަމެތިންގެ ގޮތުގައި ތިބިހާ ހިނދަކު. ތަރައްޤީއަކީ ބޮޑުހިލައިން މިނާ އެއްޗެއް ނޫން. ތަރައްޤީއަކީ އެއްގަމު ތޮށްޓަކުން މިނާ އެއްޗެއްވެސް ނޫން. ތަރައްޤީއަކީ ސީދާ ބިލެތްފަހީ މީހާ ތަރައްޤީވުން. ބިލެތްފަހީ މީހާއަށް ތަންދޮރު އެނގޭގޮތްވުން. އޭނާ ތަހުޒީބުވުން. އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަން ޖެހޭނީ، ބިލެތްފަހީ މީހާ ތަހުޒީބު ކުރުމަށް.

މިދިޔަ އަހަރު ބިލެތްފަހީ މަދްރަސާއަށް ފޮތް، ފަންސުރު ގަތުމަށާއި އަދި ދަރިވަރުން އިމްތިޙާންގައި ބައިވެރިވުމަށް، ފޮތް ފަންސުރާއި ގަލަމާއި، މަދްރަސާއަށް ބޭނުންވާ ތަކެތި ގަތުމަށް ސަރުކާރުން ހަތްދިހަ ފަސްހާސް ރުފިޔާ ޚަރަދު ކުރެވިފައި އެބައޮތް. އެއީ، ސަރުކާރަށް ލިބޭ އުފަލެއް. އަދި ހަމަ އެހެންމެ، އިމްތިޙާންގައި ބައިވެރިވި 14 ކުދިންގެ އިމްތިޙާންގެ ފީގެ ގޮތުގައި އަށާވީސްހާސް ރުފިޔާއަށްވުރެ ގިނަ ފައިސާ ޚަރަދު ކުރެވުނުކަމީ، ސަރުކާރަށް ލިބުނު ހިތްވަރެއް. އެހެން ނަމަވެސް، ވަރަށް ހިތާމައާ އެކީގައި އަޅުގަނޑު ދަންނަވަން ބޭނުން ވާހަކައެއް. މުޅި މި 3 އަތޮޅު ނަތީޖާ އެންމެ ދެރައީ ބިލެތްފަހީގައި. މަދްރަސާގައި. އިމްތިޙާންގެ ނަތީޖާ. ސަރުކާރުގެ އަމާޒަކަށްވެފައި އޮތީ، މި ޕާޓީގެ ވަޢުދަކީ، އޯ ލެވެލް އިމްތިޙާންގައި ބައިވެރިވާ ކުދިންގެ ތެރެއިން 65 ޕަސެންޓް، ކޮންމެ 100 އަކުން 60 ކުދިންނަކީ، ދިހައަކުން ހަކުދިންނަކީ 5 މާއްދާއިން ފާސްވާ ކުދިންނަށް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ހަދައިދޭނަމޭ. އެ ޢަދަދު ކޮންމެ ދިހައަކުން ހަތްކުދިން ދިއްދޫގައި، ކޮންމެ ދިހައަކުން ހަކުދިންނަށްވުރެ ގިނަ ހޯރަފުށީގައި. އިހަވަންދޫގައިވެސް އެހާމެ ރަނގަޅު. ބާރަށް، ކެލާ ގޮސް، ހއ.އެކީގައި ރަނގަޅު. ހދ.ވެސް ގޯހެއް ނޫން. އަދި ށ. އަތޮޅުގެ އެހެން ރަށްރަށެއްވެސް ގޯހެއް ނޫން. އެހެން ނަމަވެސް، މިތާ މަދްރަސާ ވަރަށްބޮޑުތަނުން އޮތީ ދަށްވެފައި. ހިތްހަމައެއްނުޖެހޭ އެކަމަކާއެއް. ސަރުކާރުން މިމަދްރަސާއަށް ޚަރަދުކުރާ މިންވަރު މަދެއް ނުވާނެ. މިތަނުގައި ތިބޭ ކޮންމެ 7 ކުއްޖަކަށް، 8 ކުއްޖަކަށް މިތަނުގައި ޓީޗަރެއް އެބަހުރި. މިތަނުގައި މަދްރަސާއެއް އެބަ ރަނގަޅަށް ހިންގާ. މަދްރަސާއެއް ނުހިންގިޔަސް، ޓީޗަރެއް ނެތަސްވެސް މި ނަތީޖާ ލިބޭނެ. އެއްކަމެއް ނުކުރިޔަސް، ހަމައެކަނި އަށާވީސްހާސް ހަތްސަތޭކަ ފަނަރަ ރުފިޔާ، ދަރިވަރުންގެ އިމްތިޙާންގެ ފީގެ ގޮތުގައި ދެއްކިނަމަވެސް، މިހާރު މިއޮތް ނަތީޖާ ލިބޭނެ. އެއްކަމެއްވެސް ކުރާކަށް ނުޖެހޭނެ. އެހެންވީމާ، މިއީކީ އެއްގޮތަކަށްވެސް މިރަށުގެ ތަރައްޤީ އަޅުގަނޑުމެންނަށް ހޯދޭނެ ގޮތެއް ނޫން. ސަރުކާރުން ބޭނުން، ސަރުކާރަކުންނެއް ނެތް ބިލެތްފަހި، އަޅުގަނޑަކަށެއް ނެތް ބިލެތްފަހި ދޫކޮށްލެވޭކަށް. ކިތަންމެ ވަރަކަށް އެކަމާ ބަޔަކު އުޅުނެއްކަމަކު އަޅުގަނޑަކަށެއް ނެތް އެކަން ކުރެވޭކަށް. އަޅުގަނޑަކީ މި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، ދައުލަތުގެ ވެރިޔާ. އަޅުގަނޑު އެބަޖެހޭ ބިލެތްފައްސާ އަޅާލަން. އަޅުގަނޑު ބޭނުން، ބިލެތްފައްސާ އަޅާލަން. އަޅުގަނޑަށް އެނގޭ، އަޅުގަނޑުމެންނަކަށް ތިޔަބޭފުޅުންގެ ވަކީލެއް ނެތް. އަޅުގަނޑާ ވާހަކަ ދައްކައިގެން މިކަން ކުރާނެ، ރައްޔިތުންގެ މަޖިލީހަކު.

ދެން މި ކުރިމަތިލަނީ، ލޯކަލް އިންތިޚާބް ނުވަތަ ރަށްވެރިކަމުގެ އިންތިޚާބް. އެ އިންތިޚާބްގައިވެސް ތިޔަބޭފުޅުން އަނެއްކާވެސް ސަރުކާރަށް ގެއްލުން ދިނުމުގެ ނިޔަތުގައި، އަމިއްލަ ގަޔަށް، އަމިއްލަ ގުނަވަންތަކަށް ގެއްލުންދޭކަށް ނުވާނެ. މަދްރަސާއެއް އެ ދަރަޖައަކަށް ދަށްވެގެނެއް ނުވާނެ، ޤަޞްދުގައި ނޫނިއްޔަކާއެއް. ކަނޑައެޅިގެން ޓީޗަރުން އަޅާނުލީމާ ނުވަތަ ކަނޑައެޅިގެން ބައްލަވަން ތިއްބެވި ބޭފުޅުން ނުބެއްލެވީމާ ނޫނިއްޔާ، މަދްރަސާގެ ނަތީޖާ އެދަރަޖައަކަށް ދަށްވެގެނެއް ނުދާނެ. އަޅުގަނޑު ބިލެތްފަހީ ރައްޔިތުންނަށް ޔަޤީންކޮށް އަރުވަން. އަޅުގަނޑެއް ދުލެއް ނުކޮށްލާނަން. މިއަދުއްސުރެ ފެށިގެން އަޅުގަނޑު މި މަދްރަސާގެ ކަންތައް ބަލަމުން ގެންދާނަން. ސީދާ އަޅުގަނޑު ބަލާނީ. އަޅުގަނޑު ގުޅަންވެސް ގުޅާނަން. އަޅުގަނޑު ބަލަންވެސް ބަލާނަން. ކުދިން ސްކޫލަށްދޭތޯވެސް ބަލާނަން. ކިޔަވައިދޭތޯވެސް ބަލާނަން. އަދި އެއްވެސް ބޭފުޅަކު އަޅުގަނޑަކާ އެކަމަކާ ބެހެން އުޅޭނެ ކަމެއްވެސް ނެތް. ރެކެން އުޅުއްވާނެ ކަމެއްވެސް ނެތް. އަޅުގަނޑު މިކަންކޮށް އެބަ އަޅުގަނޑު ނިންމަންޖެހޭ މިކަން. މިއީ އަޅުގަނޑުމެންގެ ދަރިން. މިދަރިންނަށް އަޅުގަނޑުމެންނަށް ގޮތެއް ހޯދައި ނުދެވުނިއްޔާ، ދެން އަޅުގަނޑުމެން ކޮންބަޔަކާ އެކީގައިތޯ އުޅޭނީ. ކޮބައިތޯ އަޅުގަނޑުމެންގެ މުސްތަޤްބަލް. މިއަދު މިއޮތީ މެންދުރުވެފައި. އިއްޔެ ނިމިއްޖެ. އަޅުގަނޑުމެންނަށް ކިރިޔާވެސް ހޯދެން އޮތީ މާދަމާ. މާދަމައަކީ މި މަދްރަސާގައި ތިބި ކުދިން. އަޅުގަނޑުމެންނަށް އެކުދިންނާ އަޅާނުލެވެންޏާ، އެކުދިންނަށް ރަނގަޅު ތަޢްލީމެއް ނުދެވެންޏާ، ކިތަންމެ ބޮޑުހިލަ ބަނދަރެއް މިތާ ހެދިޔަސްވެސް، އަދި ނެރުބައްތިއާއި ފައިކަށްޓާ ގެންގޮސް، އަޅުގަނޑުމެން ބޭނުން ހިސާބެއްގައި ބޭންދިޔަސް، މިތަނަކަށްވާނެ ކަމެއް ނޯންނާނެ.

އަޅުގަނޑު ގާތުގައި ހަމަ ކޮންމެ ބޭފުޅަކުވެސް އައިސް އެބަ ވިދާޅުވޭ، ރައީސް ދަންނަވަންތޯ، މިތަނުގައި ވަރަށްބޮޑު ކަމެކޭ އެއީ ފައިކަށި. މިތަނުގައި ވަރަށްބޮޑު ކަމެކޭ އެއީ މިތާ މަދްރަސާ. އެއަށްވުރެ މިތަނުގައި ބޮޑު ކަމެއް ނޯންނާނެ. މިކަން، މި މަދްރަސާ މިތަނުގައި ރަނގަޅު ނުކުރެވޭ ކަމަށްވަނީވިއްޔާ، މިރަށް އޮތުމުގެވެސް ބޭނުމެއް ނެތް. އަޅުގަނޑުމެންގެ ދަރިންނަށް ރަނގަޅު ތަޢްލީމެއް ދެވޭނެ ގޮތެއް އަޅުގަނޑުމެންނަށް ހޯދައި ނުދެވެންޏާ، އަޅުގަނޑަކަށް ނުވިސްނޭ، ކޮބައިކަމެއް ވެރިންގެ ބޭނުމަކީ، ކޮބައިކަމެއް އޮފީހެއްގެ ބޭނުމަކީ، ކޮބައިކަމެއް މަދްރަސާއެއްގެ ބޭނުމަކީ. މިއިން ކޮންމެ ރަށަކަށް ހަމަ ސަރުކާރުން ކޮންމެ ރަށަކަށް ބަޖެޓް ކޮށްގެން، ހަތްމިލިއަން، އަށްމިލިއަން ރުފިޔާ ޚަރަދު ނުކުރާ އެއްވެސް މަދްރަސާއެއްވެސް ނުހުންނާނެ. އެހެން ނަމަވެސް، މީގެ ނަތީޖާއެއް ނުއެއް ނުކުމޭ. އަދި ޚާއްޞަކޮށް، އަޅުގަނޑަށްވެސް ފެނުނީ ނަތީޖާ ދެރަވީ މި ސަރުކާރާ އިދިކޮޅު ރަށްރަށޭ. އެހެންވީމާ، އަޅުގަނޑާ އިދިކޮޅުވެގެން، ތިޔަބޭފުޅުންގެ ދަރިންނަށް ގެއްލުންދީގެން ނުވާނެ. އެއީކީއެއް އަޅުގަނޑަކަށް އެއްގޮތަކަށްވެސް ބަލަހައްޓައިގެން ހުރެވޭނެ ކަމެއް ނޫން. އަޅުގަނޑުގެ މައްސަލައެއް ނެތް، އަޅުގަނޑާ ދިމާއަށް ތިޔަބޭފުޅުން ގޮވާ އެއްޗެއް، ކިޔުއްވާ އެއްޗެއް ކިޔުއްވާ. ބޭނުން ގޮތަކަށް ފޮތިގަނޑުވެސް ލިޔުއްވާ. އެއީކީއެއް އަޅުގަނޑު ކަންބޮޑުވާ ކަމެއްވެސް ނޫން. އެކަމަކު މިއީ އަޅުގަނޑު ކަންބޮޑުވާ ކަމެއް. އަޅުގަނޑު ދެކޭނީ، ހަމަ މިކަން ތިޔަބޭފުޅުން ކޮންމެހެންވެސް ރަނގަޅު ކުރައްވަން ޖެހޭނެ. އަދި އަޅުގަނޑު ހިތްހަމަނުޖެހިގެން ދެންމެދިޔައިރެއްގައި، އަޅުގަނޑަށް ހަރުކަށިކޮށް ވާހަކަވެސް ދެކެވިއްޖެ. އަޅުގަނޑު ނުދެކެން އެއީ، އަޅުގަނޑު ނުދައްކާންވީ ގޮތެއް ކަމަކަށް. އަޅުގަނޑު ކަންބޮޑުވާ ކަމެއް މިކަމަކީ. މިކަން ކުރަން އަޅުގަނޑުމެން ނުކުމެ މިތިބީ. މި ރާއްޖެ ތަރައްޤީ ކުރަން. ބިލެތްފަހި ބާއްވާފައެއް މި ރާއްޖެއެއް ތަރައްޤީއެއް ނުކުރެވޭނެ. އަދި ބިލެތްފައްސާ ނުލައެއް މި ރާއްޖެއެއް ނުވެސް ގުނޭނެ. މި ބިލެތްފައްސަކީ މި ރާއްޖޭގެ ރަށެއް. މި ރާއްޖޭގެ ރީތި ރަނގަޅު ރަށެއް. ބައިވަރު ރައްޔިތުން އުޅޭ. އަދި ހަމަ ބޮޑެތި އުންމީދުތަކަކާ އެކީގައި ރައްޔިތުންތަކެއް އުޅެމުން އަންނަ.

އެހެންވީމާ، އަޅުގަނޑު ވަރަށް ބޮޑަށް ވަރަށް އިޚްލާޞްތެރިކަމާ އެކުގައި، ބިލެތްފަހީ ރައްޔިތުންގެ ކިބައިން އެދެން. އެހެން ނުހައްދަވާށޭ، ތިޔަބޭފުޅުންގެ ސިޔާސީ އަރައިރުމުގައި، ކޯޅުމުގައި، އަޅުގަނޑުމެންގެ ދަރިންނަށް، އެއީ އަޅުގަނޑުގެ ކުދިން. އެކުދިންނަށް ތިޔަބޭފުޅުން ގެއްލުންވާ ގޮތްގޮތް ނުހައްދަވާށޭ. އެކުދިންނާ އަޅުގަނޑުމެން އަޅާލަންޖެހޭނެ. އެކުދިންނާ އަޅުގަނޑުމެން ރަނގަޅު ތަޢްލީމެއްވެސް ދޭންޖެހޭނެ. އަޅުގަނޑު އިރާދަކުރެއްވިއްޔާ މިދަންނަވާހެން، މިތަނުގެ ބަނދަރުގެ ފައިކަށީގެ މަސައްކަތް މިއަހަރުގެ ތެރޭގައި ކޮށްދޭނަން. އަދި ދެންވެސް ތިޔަބޭފުޅުން ބޭނުންވާ ކަމެއް ވެއްޖިއްޔާ ކޮށްދެވޭތޯ އަޅުގަނޑު ބަލާނަން. އަޅުގަނޑު މިތާ ހުރެގެން، އެވެނި ކަމެކޭ، މިވެނި ކަމެކޭ ކިޔާކަށް ޙަޤީޤަތުގައި ނެތިން. އެހެން ނަމަވެސް، ދެންވެސް ހުރި ކަމެއް ވެއްޖިއްޔާވެސް އަޅުގަނޑު ބަލާނަން. އެކަންކަންވޭތޯ އަޅުގަނޑުމެން އުޅޭނަން. އަދި އަޅުގަނޑުމެންނާއެކީގައި މަސައްކަތް ކުރާނެ ބަޔަކު ތިބެއްޖިއްޔާ، އެމީހުންނާ އެކީގައި އަޅުގަނޑު މިކަން ކުރާނަން. ނުލިބިއްޖިއްޔާ އަޅުގަނޑު އެކަނި އައިސް ކުރާނަން. އަޅުގަނޑެއް ބިލެތްފައްސެއް ދުލެއް ނުކުރާނަން.

އަޅުގަނޑުމެންގެ ބޭނުމަކީ، މިރަށުގެ ތަރައްޤީ. އަޅުގަނޑުމެންގެ އަމާޒަކީ ބިލެތްފަހި ބަދަލުވުން. އަޅުގަނޑު އުންމީދު ކުރާނީ، ބިލެތްފަހީ ރައްޔިތުންނާ އެކީގައި، އަޅުގަނޑުމެންނަށް މިރަށުގެ ޙަޤީޤީ ތަރައްޤީ ހޯދޭނެ މަސައްކަތް ހިންގޭނޭ. ފެބްރުއަރީ 5 ވަނަ ދުވަހު އެ އެޅެނީ، މިރަށުގެ ތަރައްޤީއަށްޓަކައި އެޅޭ އެންމެ މުހިންމު ބިންގާ. އެއީ ރަށްވެރިކަމުގެ ބިންގަލެއް. އެ ކައުންސިލް މެދުވެރިކޮށްގެން ނޫނިއްޔާ، އަޅުގަނޑުމެންނަކަށް، އަޅުގަނޑުމެން މިއެދޭ ބަދަލު މިރަށަކަށެއް ނުގެނެވޭނެ. ދެން މިކުރާން މިއުޅޭ ކަމަކީ، ކޮން ބާވަތެއްގެ ކަމެއްތޯ، އަޅުގަނޑުމެން އަމިއްލައަށް އެބަ ދެނެގަންނާންޖެހޭ. ލާމަރްކަޒީ އުޞޫލުން ރާއްޖޭގެ ރަށްތައް ހިންގުމަކީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފިކުރެއް. މިޕާޓީގެ ފަރާތުން ކޮންމެހެން ބޭނުން މަސައްކަތެއް. ރާއްޖޭގެ ރަށްތައް ތަރައްޤީކޮށް، އެ ރަށްތަކުގެ ރައްޔިތުންގެ އެދުމާއި، ރައްޔިތުންގެ ރޫޙާ އެއްގޮތަށް މިކަންކަން ހިންގުމަކީ، ކޮންމެހެން ބޭނުންތެރިކަމެއް. އަޅުގަނޑު އުންމީދު ކުރަން، ތިޔަބޭފުޅުން މިކަންކަން ބައްލަވާނެ ކަމަށް. އަޅުގަނޑު އުންމީދު ކުރަން، ތިޔަބޭފުޅުން މިކަންކަމާ ވިސްނަވާނެ ކަމަށް. މިވީގޮތުން އަޅުގަނޑު މިރަށުން މިދަނީ ވެކްސިންދީފައި ތިބި ކުދިންވެސް އަލުން އަނބުރާ އަޅުގަނޑު އެބަޖެހޭ ހޯދަން. ކޮންބަޔަކަށްތޯ މިދިޔަ އަހަރު ނުދީ ތިބީ. ދެއަހަރު، ތިންއަހަރުވެގެންދާއިރުގައި، ކިތައް ކުދިންނަށްތޯ ވެކްސިން ނުދެވި ތިބޭނީ. މިހާރު ކުދިން ސްކޫލަށް ފޮނުވާތޯވެސް އަޅުގަނޑު އެބަ ބަލަންޖެހޭ. މިރަށުގައި މިކަންކަން ހިނގައި މިދިޔައީކީއެއް މިދިޔަ އަހަރު ރަނގަޅަށް ކަމަކަށް އަޅުގަނޑަކަށް ހިތާމައާ އެކުގައި ދެންނެވޭކަށެއް ނެތް. އެހެން ނަމަވެސް، އަޅުގަނޑު އުންމީދު ކުރަނީ، ތިޔަބޭފުޅުން ކުރިއަށް މިއޮތް އަހަރުގައި، އިތުރު ހިތްވަރާއެކުގައި މަސައްކަތް ކުރަން ފަށްޓަވާނެ ކަމަށް. އަޅުގަނޑުމެންނަށް، މި ސަރުކާރަށްވެސް އަދި މި ޕާޓީއަށްވެސް ވެދެވެން އޮތް ހުރިހާ އެހީއެއް، ބިލެތްފަހީގެ ތަރައްޤީއަށްޓަކައި، މިތަނުގެ މަދްރަސާ ކުރިއެރުމަށް، މިތަނުގެ ރައްޔިތުންގެ ޞިއްޙަތު ސަލާމަތުން ބަހައްޓައި، އެމީހުންނަށް ދުޅަހެޔޮ ދިރިއުޅުމެއް އުޅެވޭނޭ އެންމެހާ ގޮތްގޮތް ހޯދުމަށްޓަކައި، އަޅުގަނޑުމެންނަށް މި އިންތިޚާބް ކުރެވޭ ރަށު ކައުންސިލް މެދުވެރިކޮށް، ތިޔަބޭފުޅުން އެމަސައްކަތް ކުރައްވާނެ ކަމަށް އަޅުގަނޑު ނިހާޔަތށް އުންމީދު ކުރަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحَمْـدُ لِلّـهِ. والســّلام عليــكم.

_______________________