بســماللّـهالرّحمـنالرّحيــم

 
މިނިސްޓަރ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓް މުޙަންމަދު އަސްލަމް، ނިލަންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު، ދާންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު، އަދި އެހެންވެސް މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނާއި، މިއަތޮޅުގެ ކުރިއަށް ތިއްބެވި ކިތަންމެ ބޭފުޅުންނާއި އަދި ވަކިން ޚާއްޞަކޮށް މާމެންދޫ އެންމެ ރައްޔިތުން.
 
السّـلام عليـكم
 
އާދެ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިއަހަރު ބަނދަރު ހަދައިދޭނަން. މި ސަރުކާރު އުފެދުމުގެ ކުރީގައިވެސް އަޅުގަނޑުމެންގެ އޮތް މާމެންދޫއަށް އޮތް ތަޞައްވުރެއް. މިރަށް ތަރައްޤީކުރުމުގައި އަޅުގަނޑުމެންގެ ޚިޔާލެއް، ފިކުރެއް، އަޅުގަނޑުމެން ކުރަހާފައި އޮތް މަންޒަރެއް. އެމަންޒަރު އަޅުގަނޑުމެން ކުރެހީ 2005، 2006، 2007، 2008 ވަނަ އަހަރުވެސް މިރަށަށް ކިތަންމެ ފަހަރަކު އަޅުގަނޑުވެސް، އަދި އެމް.ޑީ.ޕީ ގެ އެކި ބޭފުޅުންވެސް ޒިޔާރަތްކޮށް، ދޮރުން ދޮރަށް ހިނގާ، އެތައް ބަޔަކާ މަޝްވަރާކޮށް، ނުހަނު ގިނަ ވާހަކަތައް، ނުހަނު ގިނަ ޚިޔާލުތައް، އެކިއެކި ބޭފުޅުންނާއި އެކީގައި ބަދަލުކުރުވުމަށްފަހުގައި، އެމް.ޑީ.ޕީ ގެ އަޑުއެހުން ވެގެންދިޔައީ އެޕާޓީގެ، އަޅުގަނޑުމެންގެ ޕާޓީގެ، އަޅުގަނޑުގެ ޕާޓީގެ ވަޢުދުތަކަށް. އެވަޢުދުތައް ވެގެން މިދިޔައީ ޤައުމީ ތަރައްޤީގެ އޮނިގަނޑަށް. ސަރުކާރުގެ ދައުލަތުގެ ސިޔާސަތަށް.
 
މިޕާޓީގެ މާމެންދޫއާ ގުޅޭގޮތުންވެސް އަދި އެހެން ރަށްރަށާ ގުޅޭގޮތުންވެސް ފާހަގަވެފައިހުރި ކަންތައްތަކެއް ހުރި. މާމެންދޫގައިވެސް ނިކަމެތިން އުޅޭ މިންވަރު މަދެއްނޫން. އެހެން ރަށްރަށަށްވުރެ މިރަށުގައި މަދު. އެހެންނަމަވެސް ނިކަމެތީން އުޅޭ މިންވަރު މަދުނުވާތީއެއް، އުޅެމުންގެންދާތީވެ، ނިކަމެތީންނޭ އަޅުގަނޑު މިދަންނަވަނީ އެމީހެއްގެ ބޮލަކަށް ދުވާލަކަށް، ރެއާ ދުވާލަށް ވިހި ފަނަރަ ރުފިޔާ ނުލިބޭ މީހުން މިރަށުގައިވެސް ބައިވަރު. މިރަށުގައި ހުރި ޚިދުމަތްތައް އެއީ، އެންމެ އެކަށީގެންވާ ޚިދުމަތްތައް ނޫންކަމަށް އަޅުގަނޑުމެންވެސް ގަބޫލުކުރަމު. އަޅުގަނޑުމެންނަށް އެނގޭ އަނެއް ޙަޤީޤަތަކީ، މިދެންނެވި އެކަށީގެންނުވާ ޚިދުމަތްތަކަށްވެސް މިރަށުގެ ރައްޔިތުންގެ ތެރެއިން ކިތަންމެ ބައިވަރު ބަޔަކަށް އަތެއް ނުފޯރާ. އެމީހުންނަކަށް އެޚިދުމަތްތަކެއް ހޯދައެއް ނުގަނެވޭނެ، އަތަކު ފައިސާއެއް ނެތޭ. ބޭސް ސިޓީއަށް ސަލާންޖެހުން ހުއްޓާލުމަށް އެމް.ޑީ.ޕީ ވަޢުދުވީ، މިދެންނެވި ޙަޤީޤަތް ވަރަށް ބޮޑަށް ޕާޓީއަށް ފާހަގަވަމުން އައީތީ. ޕާޓީން ވަޢުދުވީ، ޕާޓީގެ ސަރުކާރެއްގައި، ޕާޓީ ހިންގަމުގެންދާ ވެރިކަމެއްގައި އިރާދަކުރެއްވިއްޔާ ރާއްޖޭގެ ރައްޔިތުން އެއްސައުދާގަރެއް ކައިރިން، އަނެއް ސައުދާގަރެއް ކައިރިން، އެއް މަހުޖަނެއް ކައިރިން އަނެއް ވިޔަފާރިވެރިއެއް ކައިރިން، ބޭސް ސިޓީ ހިފައިގެން ރައްޔިތުން ހިނގަމުންއެދާ ދިއުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރެއްގައި ހުއްޓާނަމޭ.
 
މަދަނައިގެ ވިއުގަ ބޭނުން ކުރަން ފެށުނީ އެހިސާބުން. މިއަދު އަޅުގަނޑު އުފާވަނީ    މި މާމެންދޫގެ 219 މީހަކު، މަދަނައިގައި ރަޖިސްޓްރީވެފައިވާތީ. އަޅުގަނޑުމެނަށް، މިސަރުކާރަށްވެސް، އަޅުގަނޑަށްވެސް، އަޅުގަނޑުމެން ޕާޓީއަށްވެސް ހިތްވަރު ލިބެނީ، މިދިޔަ 2010 ވަނަ އަހަރު ހަތަރުލައްކަ އެއްތިރީސްހާސް ރުފިޔާ، މާމެންދޫ ރައްޔިތުންގެ ބޭސްފަރުވާއަށް، ސީދާ ބޭސްފަރުވާއަށްޓަކައި ސަރުކާރުން ޚަރަދުކުރުމުގެ ފުރުޞަތު ލިބިފައިވާތީ. މިދެންނެވި ހަތަރުލައްކަ އެއްތިރީސްހާސް ރުފިޔާއަކީ އެއްވެސް ހާލެއްގައި މިތަނުގެ ހެލްތް ސެންޓަރަށް ކުރި ޚަރަދެއްނޫން ނުވަތަ އެހެންވެސް އެބާވަތުގެ ޚަރަރެއްނޫން. އެއީ ހަމަ ބޭހަށް ބޭނުންވެފައި ހުރި މީހަކަށް އެމީހާގެ ބޭހަށް ކުރެވުނު ޚަރަދު. އަޅުގަނޑުމެންގެ އަމާޒަކީ، ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުން. އަޅުގަނޑުމެންގެ ބޭނުމަކީ، ރައްޔިތުންނަށް އުޅެވޭނެ ރިވެތި ގޮތެއް ހޯދައިދިނުން. މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނީ މިދެންނެވި މަގަށް، މިދެންނެވި ބޭނުމަށް. އަޅުގަނޑުމެންގެ އަމާޒަކީ، މާމެންދޫ ރައްޔިތުންގެ ސަލާމަތްތެރިކަން. އަޅުގަނޑުމެންގެ ބޭނުމަކީ، މާމެންދޫ އެންމެ ރައްޔިތުންނަކީވެސް، މިދެންނެވި އިޖްތިމާޢީ ރައްކާތެރިކަމުގެ ވިއުގައިގައި އަދި އެ ވިއުގައިގެ ދަށުން ސަލާމަތްތެރިކަން ފޯރުކޮށްދެވިފައިވާ މީހަކަށްވުން. އަޅުގަނޑުމެނަށް ހިތްވަރު ލިބެނީ، އަޅުގަނޑު ދެންމެ ދެންނެވި 219 މީހުންގެ ތެރެއިން ކޮންމެ މީހަކަށްވެސް މާލިއްޔަތުގައި އެއްލައްކަރުފިޔާ، 2011 ވަނަ އަހަރުވެސް ރައްކާކުރެވިފައިވާތީވެ. އެފައިސާއަކީ ބޭހަށް ބޭނުންކުރެވޭން ހުރި ފައިސާކަމުން.
 
މި ސަރުކާރުން ހިންގާ އަނެއް މައިގަނޑު މަސައްކަތަކީ، އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްގެ ތެރެއިން ހިންގޭ މައިގަނޑު މަސައްކަތަކީ، އުމުރުން ދޮށީ މީހުންނަށް ޕެންޝަނެއް ފޯރުކޮށްދިނުމުގެ މަސައްކަތް. މި ސަރުކާރުން ސަރުކާރު ހިންގުމާ ހަވާލުވުމުގެ ކުރީގައި، މިރަށަށްވެސް އަދި އެހެން ރަށްރަށަށްވެސް އަޅުގަނޑުމެން ކުރި ދަތުރުގައި، ދަތުރުތަކުގައި އަދި މިރާއްޖޭގެ ރައްޔިތުންގެ ޙާލަތު އަބަދުވެސް އަޅުގަނޑުމެންނަށް އެނގިފައި އޮންނަ ގޮތުން، ދޮށީ އުމުރުގެ ވަރަށް ގިނަ ބަޔަކު އަތްފަތްގައި ބާރުދެރަވީމާ، ދެން އާމްދަނީ ހޯދޭނެގޮތެއް ނެތުނީމާ އެމީހުންނަށް ދިރިއުޅުން މިއޮންނަނީ ވަރަށް ބޮޑަށް ދަތިވެފައި. ފުރަތަމަ ޕާޓީއިން ވަޢުދުވީ ޕާޓީގެ ސަރުކާރެއްގައި ވެރިކަމެއްގައި، 65 އަހަރުން މަތީގެ ކޮންމެ މީހަކަށް، އަންހެނަކަސް ފިރިހެނަކަސް އާމްދަނީ މަދުނަމަ ދެހާސް ރުފިޔާގެ ޕެންޝަނެއް ދޭނޭ. އަޅުގަނޑުމެނަށް މިއަދު ހިތްވަރު ލިބެނީ މިމާމެންދޫގެ 67 މީހަކަށް މިދެންނެވި ޕެންޝަން ގަވާއިދުން ދެމުންދާތާ މިހާރުމިވީ ދެއަހަރު. އަޅުގަނޑުމެނަށް އުފާވެރިކަން ލިބެނީ އެއްލައްކަ ތިރީސް ހަތަރުހާސް ރުފިޔާ ކޮންމެ މަހަކު މިދެންނެވި ޕެންޝަންގެ ގޮތުގައި މިމާމެންދޫއަށް ދެވޭތީވެ. އެކަނިވެރި މައިންނާއި ޔަތީމު ކުދިންނަށް މިދިޔަ އަހަރުގެ ހަމަސްދުވަހުގެ ތެރޭގައި މާމެންދޫގެ 14 ފަރާތަކަށް، އަށްޑިހަ ފަސްހާސް ރުފިޔާ ފޯރުކޮށްދެވިފައި އޮތްކަމީ، އެފުރުޞަތު މިސަރުކާރަށް ލިބިފައި އޮތްކަމީ، މިސަރުކާރަށްލިބޭ ވަރަށް ބޮޑު އުފަލެއް. ވަރަށް ބޮޑު ހިތްހަމަޖެހުމެއް.
 
އަޅުގަނޑު ދިޔަ ބައެއް ރަށްރަށުގައި ހުރި، ވާދަވެރި ބޯޑުތަކުގައި ބުނޭ އަޅުގަނޑުމެން ވަޢުދުވިޔޭ، ކަންމަތީ ސްޓޯރަށް ދަރާފައިވާ ދަރަނި އަޅުގަނޑުމެން ކަނޑާލަދޭނެކަމަށް. އަޅުގަނޑު މިހާރު ދަންނަވަން ބޭނުމީ، ސަރުކާރުން ހިންގަމުން މިގެންދާ މަސައްކަތަކީ މިރަށްރަށުގެ އިޤްތިޞާދުގެ ތެރެއަށް ވީމިންވަރަކަށް ފައިސާ އިތުރުކުރުމޭ. މިއަދު ދެންމީ ވަރަށް އެހެން ބާވަތެއްގެ ވާހަކައަކަށްވޭ. އެއީ، ވަރަށް ރަނގަޅަށް މަސްބާނަމުން މިހާރު މިދަނީ. އެހެންވީމާ، މިދުވަސްކޮޅު އެންމެގެވެސް އަތްމަތި ތަންކޮޅެއް ތިއާގި. ހަމަގައިމުވެސް 2008 ވަނަ އަހަރާއި 2009 ވަނަ އަހަރު އަޅުގަނޑު އައިއިރުގައި ތިބޭފުޅުން ތިއްބެވީ ތިހިނަކުންނެއް ނޫން. ސަރުކާރުގެ އަމާޒަކަށްވީ، މިތަނުގެ އިޤްތިޞާދުގެ ތެރެއަށް ކޮންމެވެސް މިންވަރަކަށް ނަމަވެސް ފައިސާ ދައުރުވާގޮތް ހޯދުން. އަޅުގަނޑުމެނަށް އެބަ ޔަޤީންވޭ، އަޅުގަނޑުމެނަށް އެބަ އެނގޭ، އެކަން އަޅުގަނޑުމެނަށް އިރާދަކުރެއްވިއްޔާ ކުރެވެމުން ގެންދެވޭކަން. އަޅުގަނޑުމެންގެ އެދުމަކީ، އަޅުގަނޑުމެން މިއެދެނީ އެމަސައްކަތް ކުރިޔަށް ގެންދެވޭނޭ ރަށު ކައުންސިލެއް އަޅުގަނޑުމެނަށް ހޯދައިދެއްވުމަށް. އަޅުގަނޑުމެން ބޭނުމެއްނޫން، އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމް ހުއްޓާލާކަށް. އަދި އަޅުގަނޑުމެންނެއް ނޭދެން، މިތަނުގެ ރަށު ކައުންސިލުން އެމަސައްކަތް އަޅުގަނޑުމެން ކޮށްދޭން އެދުނީމާ، ތީ ވާންނެތް ކަމެކޭ ނުވަތަ އެކަމަށް ހުރަސް އަޅުއްވައި، އެކަން ނުކުރެވޭނެ މަގަކަށް ރަށު ކައުންސިލް ބާއްވާކަށް. އަޅުގަނޑަށް އެނގޭ، މާމެންދޫގައި މިއީ، އަޅުގަނޑު ކޮންމެހެން ދައްކަން ބޭނުންނެތް ވާހަކައެއްކަން. ތިބޭފުޅުން ވިސްނުންތެރިކަމާއެކީގައި މިމަސައްކަތް ކުރާނެކަން.
 
އަޅުގަނޑު އަބަދުވެސް ފާހަގަކުރަން، ރަށުގެ ތަރައްޤީ ހޯދަންޏާ، ހޯދަން މިޖެހެނީ މާމެންދޫ މީހާގެ ތަރައްޤީއޭ. ވާންމިޖެހޭ ގޮތަކީ މިރަށުގެ ރައްޔިތު، މާމެންދޫ މީހާ، އޭނާ މިތަންދޮރު އޮޅުންފިލަންޖެހެނީ. އޭނާޔަށް މިވާނުވާ އެނގެން މިޖެހެނީ. އޭނާ މި ޖާހިލުކަމުން އަރައިގަންނަން ޖެހެނީ. މިތަނުގައި އަޅާ ބޮޑު އިމާރާތަކުން ބޮޑު ބިނާއަކުންނެއް މިރަށެއް ކޮންމެހެނެއް ތަރައްޤީވެއެއް ނުދާނެ. ފުރަތަމަ ކަމަކަށް ބުނަމުން ދިޔަ އެއްޗަކީ އޭނާ ރައްޔިތުންގެ ގިނަ ބައިވަރު މީހުން ފަޤީރުކަމުގައި، ހާލުގައި ތިއްބާވެސް މިރާއްޖެއެއް މިރަށެއް ތަރައްޤީއެއްނުވާނެ. ތަރައްޤީވާނީ ހުރިހާ އެންމެންނަށްވެސް ކައިބޮއި އުޅެވެން ފެށީމާ. އަޅުގަނޑަށްވެސް އެނގޭ ބަނދަރެއްގެ މުހިންމުކަން. އޮޅިފަކާއެއްނެތް. ކިތަންމެހާވެސް ބޭނުން. އެހެންނަމަވެސް، މިއަދުވެސް މާމެންދޫގެ ކޮންމެ ގެއަކަށް ވަންނަވާފައި ކޯއްޗެއްތޯ ބޭނުމީ އައްސަވައިފިއްޔާ ބަނދަރެކޭ ބުނާނީ އަޅުގަނޑަށް ހީވަނީ ބާގައެއްހެން. ހަމަ އެހެން ހުރިހާ އެންމެންވެސް ބޭނުންވާނީ މެންދުރުކާން. ވަރަށް ގިނަ މީހުން ބޭނުންވާނެ ތިންއިރުކާން. އެހެންވީމާ، އަޅުގަނޑު ގާތުގައި މީހުން އެބައަހާ، ރައީސް، ކީއްވެހެއްޔޭ ކޮންމެ މަހަކަށް މިހާލާރި މާމެންދޫއަށް ޚަރަދުކުރީ މިދިޔަ ދެއަހަރު، ބަނދަރު ނުހަދާ. ބަނދަރު އަހަރެމެން ނުލާހިކު ބޭނުމޭ. އަޅުގަނޑުވެސް ބަނދަރު މާމެންދޫގައި ބޭނުން. އެކަމު އަޅުގަނޑު މިދަންނަވަނީ އަޅުގަނޑު އެހީމުއޭ، މާމެންދޫ ހުރިހާ އެންމެ ކައިރީ ކޯއްޗެއްހޭ ބޭނުމީ. ގިނަމީހުން ބޭނުމީ ތިންއިރުކާން. ބަނދަރު ބޭނުމީ ވިހި ތިރީހަކަށް މީހުން. އެކަމު އަޅުގަނޑުމެނަށް މިއަދު އެބަވިސްނޭ، އެ ތިންއިރު ކެއުމާ ބަނދަރާހުރި ގުޅުންވެސް. ބަނދަރެއް އޮވެގެން އެމީހާއަށް ތިންއިރުކާން ފަސޭހައިން ލިބޭނީ ކިހިނެއްތޯ. ބަނދަރަކަށް ކުރާ ޚަރަދަކީ ސާޅީސް މިލިޔަން ރުފިޔާ.
 
މިދިޔަ ދެއަހަރު ދުވަހުގެ ތެރޭގައި ކާންދޭންވެގެންނާއި، އަޅުގަނޑު މިދަންނަވަނީ އިޖްތިމާޢީ ރައްކާތެރިކަމަށް މާމެންދޫއަށް، ސަރުކާރަށް އިރާދަކުރެއްވިއްޔާ އެހާ ފައިސާ ޚަރަދު ކުރެވިއްޖެ. އަދި ކުރިއަށް އޮތްތަނުގައިވެސް އިރާދަކުރެއްވިއްޔާ އެފައިސާ ޚަރަދުކުރަމުން ސަރުކާރުން ގެންދާނެ. ރަނގަޅު ޕެންޝަންގެ އުޞޫލަކުން މީހާ ދޮށީ އުމުރަށް ދިޔައީމާ އޭނާއަށްވެސް ރީތިކޮށް އުޅެވޭނެ ގޮތެއް ހަމަޖެހެންދެން އަޅުގަނޑުމެން މި އިންތިޒާމުތައް ފުރިހަމައަށް އިރާދަކުރެއްވިއްޔާ ގެންދާނަން. އަޅުގަނޑުމެންގެ ބޭނުމަކީ، މިރަށު ރައްޔިތުންގެ ތަރައްޤީ. އަޅުގަނޑުމެން މަސައްކަތްކުރަމުން މިދަނީ މާމެންދޫ މީހުން މުއްސަނދިކުރަން، ތަނަވަސްކުރަން. އަޅުގަނޑުމެންގެ އަމާޒަކީ، ރައްޔިތުންގެ މުއްސަނދިކަން. އަޅުގަނޑު ތިބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، އަޅުގަނޑުމެނެއް މިވެރިކަމުގައި މިތިބެެނީއަކީއެއް މިވެރިކަމުގެ އަރާމަށްޓަކައެއްނޫން. އަރާމެއްވާނަމަ އަދި އަޅުގަނޑަށް އޮތީ އެކަން އެނގެން. އަދިއެއް ނުއެއް އެނގޭ. އަޅުގަނޑެއް މިކަމުގައި ދެމި މިހުންނަނީކީއެއް މީގެ ޖާހަތަށްޓަކައެއްނޫން. އަދި އަޅުގަނޑުގެ އަމިއްލަ ދިރިއުޅުމަށްވުރެ، އަޅުގަނޑުގެ ކުރީގެ އަމިއްލަ ދިރިއުޅުމަށްވުރެ ވަކި އަރާމެއް ނުވެސްވާނެ.
 
އަޅުގަނޑުމެންގެ ހުރިހާވެސް ބޭނުމަކީ، އަޅުގަނޑުމެންގެ ހުރިހާވެސް އުންމީދަކީ އަންނަން އޮތް ޖީލު. އަޅުގަނޑުމެންނަށް އެނގޭ މިއަދުވެސް މިއޮތީ ނިމިފައިކަން. އަޅުގަނޑުމެންނަށްވެސް އެނގޭ، އިއްޔެ ގެއްލި ގޮއްސިކަން. ހޯދެންއޮތީ ހަމައެކަނި މާދަމާކަން. އަޅުގަނޑުމެން، މާމެންދޫގެ މާދަމާގެ ޖީލަށްޓަކައި ޙަޤީޤަތުގައި ވޯޓު ދެއްވަންވީ. މިއަދުގެ ސަރުކާރަކަށްވެސް ނޫން. މިޕާޓީއަކަށްވެސް ނޫން. އަދި އަޅުގަނޑަކަށްވެސް ނޫން. ތިބޭފުޅުން ވޯޓު ދެއްވާންވީ އުފަންވާން އޮތް މާމެންދޫގެ ޖީލަށް. އަޅުގަނޑުމެންގެ ބޭނުމަކީ، ރައްޔިތުންނާ ގާތުން، ރައްޔިތުންނަށްޓަކައި، ރައްޔިތުންގެ އިޙްސާސްތަކާއެކީގައި ކުރެވޭ ވެރިކަމެއް ކުރަން.
 
ތަރައްޤީއަށްޓަކައި މީހާ ތަރައްޤީކުރުމަށް މާމެންދޫ މަދަރުސާ، މާމެންދޫ ސްކޫލް ތަރައްޤީކުރުމަކީ ވަރަށް ބޭނުންތެރިކަމެއް. އަޅުގަނޑުމެނަށް، މިދިޔަ 2010 ވަނަ އަހަރުގެ ތެރޭގައި މާމެންދޫ ސްކޫލް ދަރިވަރުންނަށް ފޮތް ފަންސޫރު ގަލަމާއި، ސްކޫލަށް ބޭނުންވާ ތަކެތި ގަތުމަށް ދެލައްކަ ސާޅީސް ދެހާސް ހަތްސަތޭކަ ފަސްދޮޅަސް ހަތަރުރުފިޔާ ޚަރަދުކުރެވިފައި އޮތްކަމީ، އަޅުގަނޑުމެނަށް ލިބޭ އުފަލެއް. އަދި ހަމަ މާމެންދޫ ދަރިވަރުންގެ އޯލެވެލް އިމްތިހާނު ފީގެ ގޮތުގައި، 24 ދަރިވަރަކަށް ފަންސާސް ހަހާސް ނުވަސަތޭކަ ފަންސާސްފަސްރުފިޔާ ޚަރަދުކުރެވިފައި އޮތްކަމީ، އެފުރުޞަތު ސަރުކާރަށް ލިބުނުކަމީ ސަރުކާރަށް ހިތްވަރު ލިބޭކަމެއް. އަޅުގަނޑުމެންގެ ބޭނުމަކީ، ރަނގަޅު މަދަރުސާއެއް ބިނާކުރުން. ރަނގަޅު މާމެންދޫ ދަރިވަރުން، ރަނގަޅު މާމެންދޫ ރައްޔިތަކު އުފެއްދުން. މިމަދަރުސާ އެއްދަންފަޅިއަށް ހެދުމާއި، ވަށާޖެހޭ ތަޢުލީމެއް މަދަރުސާގައި ދިނުން އެއީ، ސަރުކާރުގެ އަމާޒު. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެމަގަށް އެކަން ކުރާނަން.
 
މާމެންދޫ މަދަރުސާއަށް ކަންކަން ނުކުރާންވީ ހަމަ އެއްވެސް ސަބަބެއް ނެތް. މިދިޔަ އަހަރު 2009 ވަނަ އަހަރާ އަޅާ ބަލާއިރުގައި އެންމެ ބޮޑަށް ކުރިއަރައިދިޔަ އެއް މަދަރުސާ. ނަތީޖާ އެންމެ ބޮޑަށް ކުރިއަރައިދިޔަ އެއް މަދަރުސާ. ނަތީޖާ އެންމެ ބޮޑަށް ބަދަލުކުރި ފަސް މާއްދާއިން ފާސްވީ ދަރިވަރުންގެ އަދަދު ފަނަރަ ޕަސަންޓުން މާމެންދޫގައި އިތުރުވެފައި އެބައޮތް. އަޅުގަނޑުމެނަށް ގެނެވުނު ބަދަލާއި، އަޅުގަނޑުމެނަށް އަޅާލެވުނު މިންވަރު، އެހެން ބަޔަކު ގަބޫލު ނުކުރިނަމަވެސް، ސާފު ތާޒާކޮށް ފެންނާން ހުންނަ ހިސާބު އަކުރުން އެކަން އެބަ އެނގޭ. އެހެންވީމާ، އަދި މީހަކު ކިޔާ އެއްޗެއް، ގައްދޫ ލަވައިގައި އަޅުގަނޑު އަޑުއަހަން، އިދިކޮޅު ފަރާތުން ލާ އަޑުތައް އަޅުގަނޑުމެން އަޑުނާހާށޭ، އަޅުގަނޑުމެންގެ އަމާޒުގައި، އަޅުގަނޑުމެންގެ ވިސްނުމުގައި އަޅުގަނޑުމެން ކުރިޔަށްދާން ހިނގާށޭ. އަޅުގަނޑުމެންނަށް ހެދޭ ގޮތް ގޯހެއް ނޫން. ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުވަމުންދާއިރުގައި އަޅުގަނޑަށް އެބަ ފެނޭ، ކަންކަން ބަދަލުވަމުންދާތަން. ބައެއް ފަހަރަށް އަޅުގަނޑަށް ސީދާ ޓިނުގަނޑެއް ނުލިބި އޮވެދާނެ. ބައެއްފަހަރަށް އަޅުގަނޑުގެ ކޮއްކޮ ޖަލުގައި ހައްޔަރުވެފައި ހުރެދާނެ ނުވަތަ ފިރިމީހާއަށް މިހެންވެފައި ހުރެދާނެ. އެހެންނަމަވެސް، އެއީކީއެއް އެއްވެސްހާލެއްގައި އަދި އަބަދުވެސް ގަބޫލުކުރައްވާތި ކަންނުވާ މީހާގެ އަޑު އެންމެ ބާރުވާނީ، ވީ މީހާގެ އަޑެއް ނީވޭނެ. އެމީހާ ހުންނާނީ ހިތްހަމަޖެހުމާއެކީގައި އަޑުނުލާ. އަޑުލާނީ ނުވާމީހުން އެކަނި. އެހެންވީމާ، ނުލާ މީހުންގެ ކަންކަން އަޅުގަނޑުމެނަށް އަޑު އިވޭނެ. އަދި އަޅުގަނޑުމެން ބޭނުމީވެސް އެއަޑު އަހަން. އަޅުގަނޑުމެން ބޭނުމީ އެއަޑު އަހައި، އެއަޑު ހަޖަމުކޮށް އަދި އެއާ އެއްގޮތަށް ޢަަމަލުކޮށް މިކަންތައް ބަދަލުކުރަން.
 
އަޅުގަނޑުމެންނަށް އަބަދުވެސް އެނގޭ، ރައްޔިތަކު އޮބަހައްޓައި، ރައްޔިތަކު ހިފަހައްޓައި، ރައްޔިތަކު ހައްޔަރުކޮށްގެން ޤައުމެއް ތަރައްޤީއެއް ނުވާނެ. ރަށް ތަރައްޤީވާނީ ރައްޔިތުން ދޫކޮށްލައިގެން. ރައްޔިތުންނަށް ފުރުޞަތު ދީގެން. ރައްޔިތުންނަށް ހުޅުވާލެވިގެން. އެތަރައްޤީގެ މަގު ހޯދުމަށްޓަކައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި އަދި ޞުލްޙަވެރި ސިޔާސީ ހަރަކާތް ހިންގުމުގެ މިނިވަންކަމަކީވެސް ކޮންމެހެން ބޭނުންކަމެއް. އެހެންވީމާ ތަރައްޤީއަށްޓަކައި މިސަރުކާރު، މިޕާޓީ އަބަދުވެސް އެންމެ ބޮޑު މަޝްރޫޢަކީ ޑިމޮކްރަސީ، އަބަދުވެސް.
 
އަޅުގަނޑު ހަމަ މިއަދު މިތާހުރެ މިވާހަކަ ދައްކާއިރު ދަންނަވާލަން ބޭނުން، މިދުނިޔޭގައި މިއޮތް އިސްލާމީ އުންމަތުގައިވާ އިސްލާމީ ޤައުމުތަކުގެ ތެރެއިން، އިސްލާމީ ދަންނަ ބޭކަލުންނަށް ހެޔޮގޮތުގައި ދީނީ ނަސޭހަތް އެމީހުން ބޭނުންގޮތަކަށް ދެވެން އޮންނަ ހަމައެކަނި އިސްލާމީ ޤައުމަކީ ދިވެހިރާއްޖެއޭ. އެހެން އެއްވެސް އިސްލާމީ ޤައުމެއްގައި ދަންނަ ބޭކަލަކު ބޭނުން ވާހަކައެއް ނުދެއްކޭނެ. ދެއްކީމާ ގެންގޮސް ހިފައި ހައްޔަރު ކުރާނެ، ބަންދުކުރާނެ، އަނިޔާ ކުރާނެ. ގިނަފަހަރަށް ބައެއް ޚުދުމުޚުތާރުކަމުގައި ހައްދުފަހަނަޅައިވާ އިސްލާމީ ވެރިކަންތަކުގައި، ޤައުމުތަކުގައި ރައްޔިތުންނަށް އަދި ދަންނަ ބޭކަލުންނަށް، މިބާވަތުގެ ވާހަކައެއްދައްކައިފިއްޔާ ހަމަ މަރާލާނެ.
 
 އަޅުގަނޑު މިއަދު ޓިއުނީޝިއާގެ ޑިމޮކްރަސީއަށް ލޯބިކުރާ ހުރިހާ ރައްޔިތުންނަށް އެބައެދެން، އެބޭފުޅުންނަށް ކާމިޔާބު ލިބުމަށް. އަޅުގަނޑު އަދި އެއްޗެއް ނުދަންނަވަން، ދިވެހި ސަރުކާރަކުންވެސް އަދި އެއްޗެއް ނުބުނަން. އަޅުގަނޑު ޓިއުނީޝީއާގެ މިހާރު ވެރިކަމުގައި އެތިބި ކުރީގެ ވަޒީރުންނަށް ދަންނަވަން ފައިބާވަޑައިގަންނަވާށޭ. މިތަނުން ދާށޭ. އެރަށުގައި އެބަތިއްބެވިއޭ، ޓިއުނީޝީއާގެ ވާދަވެރި ފަރާތްތަކުން އެވެރިކަމާ ހަވާލުވެގެން ސުލްޙަވެރި ރަނގަޅު އިންތިޚާބެއް ބޭއްވެން. އަޅުގަނޑު، ޢެރެބް ލީޑަރުންނަށްވެސް، އިސްލާމީ ކޮންފަރެންސްގެ އެންމެ ބޭފުޅުންނަށްވެސް ދަންނަވާނީ ދެންވެސް ޓިއުނީޝިއާގެ ޚުދުމުޚުތާރުގެ ވެރިކަން ސަލާމަތްކުރައްވަން ނޫޅުއްވާށޭ. އަޅުގަނޑުމެން މިހާރު ދާންވީ ޑިމޮކްރަސީއާ ދިމާއަށޭ. އަޅުގަނޑަށް ޓިއުނީޝިއާއިންވެސް، އަޅުގަނޑަށް އިސްލާމީ އުންމަތުންވެސް  ޙަޤީޤަތުގައި ފެންނަނީ ހަމަ އުޖާލާ މަންޒަރެއް. ދިވެހިރާއްޖެ މިއޮތީ ބަދަލުވެފައި. ދެން އަންނަ ވާރލްޑްކަޕް ފުޓްބޯޅަ މުބާރަތް ބާއްވަންއޮތީ ޤަތަރުގައި. އިސްލާމީ އުންމަތުގެ އެތައް ޤައުމެއްގައި، ރައްޔިތުން އެދެނީ އެމީހުންގެ އަތްމައްޗަށް ބާރުތައް ނަގަން. ސީދާ ރައްޔިތުންގެ ވެރިކަން ހިންގުމަށް މަގުފަހިވުމަށް. އަޅުގަނޑުގެ ދުޢާއަކީ، މުޅި އިސްލާމީ އުންމަތުގައި، ރައްޔިތުންނަށް އިޙްތިރާމްކުރާ، ރައްޔިތުންގެ ޙައްޤުތައް ދަމަހައްޓައި، ރަނގަޅު ހެޔޮވެރިކަމެއް ހިންގާނެ ނިޒާމެއް ލިބުން. ބައެއް ބޭފުޅުން ހިތަށް އަރާފާނެ، މާމެންދޫއާ އެކަމާ ހުރީ ކޮންގުޅުމެއްތޯއޭ. އަޅުގަނޑަށް ވަރަށް ބޮޑަށް އެގުޅުން ފެންނާތީ ދަންނަވާލީ.
 
އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންގެ އަމާޒަކީ، މި މާމެންދޫގެ ތަރައްޤީ. އަޅުގަނޑު ތަކުރާރު ކުރަން، އަޅުގަނޑުމެން ބިނާކުރަމުން މިދަނީ މިތަރައްޤީއަށްޓަކައި ބޭނުންވާ ކަންތައް. އަޅުގަނޑު ކޮލަމާފުށީގައި ހުރެ އަޅުގަނޑުމެންގެ ސިޔާސަތެއް ފާހަގަކުރަމުން ހާމަކުރަމުން، މަސްވެރިކަމާ ގުޅޭގޮތުން އަޅުގަނޑު ދެންނެވިން، އަޅުގަނޑުމެންގެ ސަރުކާރެއްގައި އިރާދަކުރެއްވިއްޔާ މަސްވެރިން ބާނާ މަހަށް ބައިނަލްއަޤްވާމީ މާރުކޭޓުގެ ހަމަ އަގު ހޯދައިދޭނަމޭ. އަޅުގަނޑަށް ގދ، ހުވަދުއަތޮޅު ދެކުނުބުރީ ކޮންމެވެސް ރަށަކުން އެއަދަދުކަމަށް އަޅުގަނޑު ބުނެފައި އޮތްކަމަށް ބުނެފައިއޮތީ ސާދަ ރުފިޔާ. އެހެންވެ، އަޅުގަނޑު ހަނދާންވަނީ ދިހަ ބާރައޭ އަޅުގަނޑު ބުނިކަން. އެކަމު ސާދައާ ދިމާއަށް މިހާރު މިދަނީ. ތިބޭފުޅުންނަށް މާ ސާފުކޮށް އެނގިލައްވާނެ އަޅުގަނޑަށްވުރެ، މީގެ ކުރީގައި މަސްކިލޯއެއް ވިއްކަމުން ގެންދިޔައީ ކިހާވަރަކަށްކަން. ކިލޯ ހަމަނުވާ މަހަކަށް ފަސްރުފިޔާވެސް ނުލިބޭނެ. މިއަދު އައިސް ނާޅައި ދިޔަޔަސް ނުވަ ރުފިޔާ އަދި އައިސް އަޅައިގެން ދިޔައިމާ ބާރަ ރުފިޔާ، ބާރަ ރުފިޔާ ބައި ލިބޭ. އަދި މަސްވެރިކަމުގެ ސިޔާސަތު ބަދަލުކުރުމާ ގުޅިގެން އިރާދަކުރެއްވިއްޔާ ދާދި އަވަހަށް މުޅި ދުނިޔޭގައިވެސް މާލޭގައިވެސް އެކިއެކި ވިޔަފާރިވެރިން އަންނާނެ، މިހުވަދުއަތޮޅުގެ މަސް ގަތުމަށްޓަކައި. އިރާދަކުރެއްވިއްޔާ ތިބޭފުޅުންނަށް މަހުގެ އަގު، ބައިނަލްއަޤްވާމީ މާރުކޭޓުގައި އެއިރެއްގައި ހުންނަ އެންމެ ރަނގަޅު އަގަށް އަރާނެކަމާމެދު އަޅުގަނޑު ޝައްކެއް ނުކުރަން. އަޅުގަނޑު ހިތްހަމަޖެހުން ލިބެނީ، އަޅުގަނޑުމެނަށް މިހާރުވެސް މަސްވެރިންގެ އާމްދަނީ އެތައްގުނައަކުން އަޅުގަނޑުމެނަށް ބޮޑުކޮށްދެވިފައިވާތީ.
 
އަޅުގަނޑުމެން މިއެދޭ ބަދަލު، އަޅުގަނޑުމެން މިއެދޭ އުޖާލާ ޒަމާން، އުފާވާ ޒަމާން، އެބަ އާދޭ، އެބަލިބޭ. އަޅުގަނޑުމެން ފެބްރުއަރީ 5 ގައި ކުރިމަތި މިލަނީ މިމާމެންދޫގެވެސް ތަރައްޤީއަށް އެންމެ މުހިންމު އެއް މުއައްސަސާގެ ބިންގާ އަޅަން. އެއީ، ރަށު ކައުންސިލްގެ ބިންގާ. ރަށު ކައުންސިލަކީ ރައްޔިތުންގެ ފަރާތުން ރައްޔިތުންނަށްޓަކައި ރައްޔިތުންގެ ވެރިކަމެއް ކުރުމަށް ކޮންމެހެން ބޭނުންތެރި ކައުންސިލެއް. އުފައްދާން އަޅުގަނޑުމެން މިއުޅެނީ އެއްވެސް ހާލެއްގައި ކުރީގައިއޮތް ރަށްކުރިއަރުވާ ކޮމިޓީއެއްނޫން. އަދި ޖިންސުންލަޠީފުންގެ ރޫހެއްވެސް ނޫން. އަދި ރަށު ކޮންމެވެސް ޖަމްޢިއްޔާއެއްވެސް ނޫން. މިކުރާން މިއުޅޭ ކަމަކީ އެތައްސަތޭކަ އަހަރެއްވަންދެން މާލެއަށް އެއްކޮށްފައި ހުރި ވެރިކަމުގެ ބާރުން ބައެއް މި މާމެންދޫއަށް ދޭން، މާލޭގައި ހުރި އެއްޗެއް. ތިބޭފުޅުންނަށް       މާ ރަނގަޅަށް އެނގިލައްވާނެ، މާމެންދޫގައި ހުރި އެއްޗެއް ޖެހިގެން މިއޮތް ރަށަށް ގެންދަންވެސް، އެއީ ލަކުޑި ގަނޑަކަށްވިޔަސް، ފަންގަނޑަކަށްވިޔަސް، ތިބޭފުޅުން އިންކާރު ކުރައްވާވަރު.  މިއީ، އެތައް ސަތޭކަ އަހަރެއްވަންދެން މާލޭގެ ވެރިކަމުގެ ޚާންދާންތަކުން، ބައެއްފަހަރު ތޮޅެގެން، އަނެއްބައި ފަހަރަށް ލޯބިން، އަނެއްބައި ފަހަރަށް ހުވަދޫ މީހުން އަތުން އަތުލައިގެން މާލެއަށް އެއްކޮށްފައިހުރި ބާރު. އެބާރު މިހާރު މިއުޅެނީ ބަހާލަން. އަޅުގަނޑު ތިބޭފުޅުންނަށް ދަންނަވާލަން ބޭނުން، އެ ބާރު ބަހާއިރުގައި އެމް.ޑީ.ޕީ ގެ މިވަގުތުގެ ލީޑަރޝިޕްގައި އެތިއްބެވި ބޭފުޅުންނާ ދިމާއަށް ތިބޭފުޅުން ބައްލަވާލައްވާށޭ. އެއީ، މާލޭގެ ވެރިކަމުގެ ޚާންދާންތަކުގެ މިވަގުތުގެ ޖީލު. އެބޭފުޅުން އެބޭނުންވެލައްވަނީ މިބާރު ބަހާލަން. އެބޭފުޅުން އެތިއްބެވީ ތިބޭފުޅުންނާއެކުގައި އެމަސައްކަތްކުރަން. އެކަމުގެ ބެލެނިވެރިންނަކީ، އަދި މިފިކުރާއި މިޚިޔާލާތުގެ ވެރިންނަކީ ހަމަ އެމް.ޑީ.ޕީ. ރާއްޖޭގެ ވެރިންނެއް އެއްވެސް އިރެއްގައި ކުރާން އުޅުނު ކަމެއްނޫން އެއީ، ލިބިފައިހުރި އެއްވެސް އެއްޗެއް ދޫކޮށްލުން. އެއްވެސް ބާރެއްވެސް ދޫކޮށްލުން. އަޅުގަނޑުމެން ވެރިކަންކުރަން އައީ ހުރިހާ ބާރު ދޫކޮށްލާނެކަމަށް ވަޢުދުވަމުން. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކުރަމުން މިގެންދަނީ އެމަސައްކަތް. އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑުމެންގެ ބޭނުމަކީ، ރާއްޖޭގެ ތަރައްޤީ.
 
އަޅުގަނޑު ދަންނަވާނީ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެނަށް ހުރިހާ ރޯއްޖެއް އެކީގައި އަންނާނެ. އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެނަށް ކުރިމަތީގައި މިއޮތީ އުފާވާ ޒަމާނޭ، ހިތާއޭ އަހާށޭ، އުފާވެރިވި މިރޫހޭ.
 
واَلحَمْـدُ لِلّـهِ. والســّلام عليــكم.
 
_______________________