بســم اللّـه الرّحمـن الرّحيــم

 
މިނިސްޓަރ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓް، މަޑަވެލީ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަދިވެސް ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނާއި، ހުވަދުއަތޮޅުގެ ކުރިއަށް ތިއްބެވި އެންމެ ބޭފުޅުންނާއި އަދި ވަކިން ޚާއްޞަކޮށް ހޯނޑެއްދޫގެ އެންމެހާ ރައްޔިތުން.
 
السّـلام عليـكم
 
އަޅުގަނޑު ވާހަކަ ފެށުމުގެ ކުރީގައި ދަންނަވާލަން ބޭނުން، ކުރީފަހަރު ނާޒިމް ހޯނޑެއްދޫއަށް އަންނަން ދަތުރު ރާއްވަވާފައި އޮތީ މެންދުރަށް ކާގަނޑިއަށް ދިމާނުވާ ގޮތަށް. އެހެންވީމާ، އެދަތުރުގައި އަޅުގަނޑު އެހާ ބޮޑަށް އަންނަ ހިތް ނެތުނީ. މިޕާޓީން، މި ސަރުކާރުން އަދި އަޅުގަނޑުމެން އެންމެންވެސް މިދިޔަ ދިގު ދުވަސްތަކުގައި، ޚާއްޞަކޮށް 2005 ވަނަ އަހަރުއްސުރެ ފެށިގެން މިދަނީ މިހޯނޑެއްދޫއާއި މިއަތޮޅުގެ އެހެން ރަށްރަށާއި އަދި މުޅި ރާއްޖޭގެ ކިތަންމެ ރަށަކަށް އަޅުގަނޑުމެން މިދަނީ ޒިޔާރަތް ކުރަމުން. ކިތަންމެ ގެއަކަށް އަޅުގަނޑުމެން މިދަނީ ވަންނަމުން. އެތައް ބަޔަކާ ވާހަކަދައްކާ މަޝްވަރާކޮށް އެބަ ހަދަން. އަޅުގަނޑުމެން ސަރުކާރު ހިންގުމާ ހަވާލުވުމުގެ ކުރީގައިވެސް، ރާއްޖޭގެ ރައްޔިތުންގެ އަޑު އަޅުގަނޑުމެން އެހީމު. އެއަޑުތައް އެންމެފަހުން ފުރޭނިގޮސްފައި މިވަނީ މިޕާޓީގެ ވަޢުދުތަކަށް. އަދި އެހެންވީމާ، ޕާޓީގެ ސިޔާސަތުތަކަށް. އެވަޢުދުތައް އެނބުރިފައި މިއޮތީ ޤައުމީ ތަރައްޤީގެ އޮނިގަނޑަށް. މިއަދު އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ، މިދެންނެވި ޤައުމީ ތަރައްޤީގެ އޮނިގަނޑު ތަންފީޒު ކުރުމުގައި. އޭގައިވާ ލަނޑުދަނޑިތައް ހާސިލުކުރުމުގައި.
 
ދިވެހިރާއްޖޭގެ ރައްޔިތުންގެ އަޑު މިޕާޓީން އެހިއިރު، އަޅުގަނޑުމެންނަށް ފާހަގަވި ކިތަންމެ ކަންތައްތަކެއް ހުރި. ޚާއްޞަ ގޮތެއްގައި ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ވަރަށްގިނަ ރައްޔިތުންނަކީ ނިކަމެތިންނޭ. މިހޯނޑެއްދޫގެ ރައްޔިތުންގެ ތެރެއިންވެސް ނުހަނު ގިނަ ރައްޔިތުންނަކީ، އެމީހުންނަށް ރެޔާއި ދުވާލުގެ މައްޗަށް ހަމަޔަށް ދިހަ ފަނަރަރުފިޔާ ނުލިބޭ މީހުންނޭ. ހޯނޑެއްދޫގެ އާބާދީގެ ތިންބައިކުޅަ އެއްބަޔަށްވުރެ ގިނަމީހުންނަކީ، މިދެންނެވި ފުއްދުންތެރިކަމެއް ނެތް، އާމްދަނީ މަދު، ދިރިއުޅުމުގައި ހަދާނެ ގޮތް ވަރަށްބޮޑަށް ހުސްވެފައިތިބި ނިކަމެތިން. އަޅުގަނޑުމެންނަށް އެބަ އެނގޭ، ޤައުމެއް ތަރައްޤީ ކުރުމަށް، ތަރައްޤީވާން މިޖެހެނީ މީހާކަން. ހޯނޑެއްދޫ ކުރިއަރައި ދިޔުމަށް އަޅުގަނޑުމެން ކާމިޔާބު މިކުރަން ޖެހެނީ ހޯނޑެއްދޫ މީހާ ތަރައްޤީ ކުރުމުގެ މަސައްކަތް.
 
އަޅުގަނޑުމެން ޤަބޫލުކުރަން، މިދިޔަ ދިގު 30 އަހަރުވެސް އަދި މިދިޔަ ދެއަހަރުވެސް އަޅުގަނޑުމެންގެ ރާއްޖޭގައި ދެވެންހުރި ކިތަންމެ ޚިދްމަތެއް އަދި ސަރުކާރުން ދެމުންގެންދާ ކިތަންމެ ޚިދްމަތެއް ދެމުން މިގެންދެވެނީ އަޅުގަނޑުމެން ރައްޔިތުން އެންމެ އެދޭ މިންވަރަށް ނޫންކަން. މިދެންނެވި ޙަޤީޤަތް މިހެން އޮތްއިރު އަދި އަޅުގަނޑުމެން އެޚިދްމަތްތައް ދިނުން ފުރިހަމަ ކުރުމަށް މަސައްކަތް ކުރަމުންދާއިރު، ފާހަގަމިވަނީ ވަރަށްގިނަ ބަޔަކަށް މި އެކަށީގެންނުވާ ޚިދްމަތަށްވެސް އަތެއްނުފޯރައޭ. އެމީހުންނަކަށް އެޚިދްމަތްތަކެއް ލިބިގަންނާކަށް ބޭނުންވާ މާލީ ތަނަވަސްކަމެއް ނެތޭ. ހޯނޑެއްދޫގެވެސް އަދި ރާއްޖޭގެ ކިތަންމެ ރައްޔިތުންނެއްވެސް ބޭސްފަރުވާއަށްޓަކައި، ޑޮކްޓަރު ލިޔެދޭ އެ ބޭސް ސިޓީ ހިފައިގެން އެކެއް ކައިރިން އަނެކެއް ކައިރިން ހިނގަމުންދާ ދިޔުން ހުއްޓުވައިދޭނެ ކަމަށް މިޕާޓީން ވަޢުދުވިން. އަދި އެހެންވީމާ، މިސަރުކާރުން އެސިޔާސަތު ކަނޑައެޅިން. އަޅުގަނޑަށް މިއަދު ހިތްހަމަޖެހުން ލިބެނީ، އަޅުގަނޑުމެންނަށް އުފާވެރިކަން ލިބެނީ، މި ހޯނޑެއްދޫގެ 227 ރައްޔިތަކު މަދަނައިގައި ރަޖިސްޓަރީ ކުރެވިފައިވާކަމުން. އަދި މިދިޔަ 2010 ވަނަ އަހަރު ހޯނޑެއްދޫގެ ރައްޔިތުންގެ ބޭސްފަރުވާއަށްޓަކައި މަދަނައިން ހަލައްކަ ތިރީސްހާސްރުފިޔާ ޚަރަދުކުރެވިފައިވާތީވެ. އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބެނީ، ހޯނޑެއްދޫގެ މަދަނައިގައި ރަޖިސްޓަރީވެފައިވާ ކޮންމެ ރައްޔިތަކަށް އެއްލައްކަރުފިޔާ މާލިއްޔަތުގައި ރައްކާކުރެވިފައި އޮތިތީވެ.
 
އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑުމެންގެ ބޭނުމަކީ، ރައްޔިތުން ބޭސްފަރުވާއަށް އެދިގެން، އެއްމަހުޖަނެއް ކައިރިން އަނެއް ސައުދާގަރެއް ކައިރިން އެ ހިނގަންޖެހޭ ހިނގުން ހުއްޓުވާލުން. އަޅުގަނޑުމެންގެ ބޭނުމަކީ، ކޮންމެ ހޯނޑެއްދޫ ރައްޔިތަކީވެސް، ޤަދަރާއި ޢިއްޒަތް ލިބިގެންވާ، ޙައްޤުތަކެއް ލިބިގެންވާ ރައްޔިތަކަށް ހެދުން. އަޅުގަނޑު މިއަދު، މާލޭގައި އުޅޭ ވިޔަފާރިވެރިންގެ ގާތުގައި، ބައެއްފަހަރު އަޅުގަނޑު ޒާހިރު އަރިހުވެސް އަދި ޖާބިރު އަރިހުވެސް އަހަން، މިހާރު ކުރީގައި މީހުން ބޭސްސިޓީ ހިފައިގެން އަންނަ މިންވަރަށް މިހާރު އާދޭތޯ.  ދެން އެބޭފުޅުން ބައްލަވާފައި އެބަވިދާޅުވޭ، ކުރީގައި އެކަން ހިނގާވަރަށް މިހާރު ނުހިނގައޭ. އަޅުގަނޑަށް ކަށަވަރުވަނީ ކުރިއަކު ހޯނޑެއްދޫ މީހުންނަކަށް ހަލައްކަ ތިރީސްހާސް ރުފިޔާ ބޭސްފަރުވާއަށް ދެވިފައެއް ނެތް. އަދި ތީމުގޭ ވެލްފެއަރ ފަންޑުންވެސް ހޯނޑެއްދޫ މީހަކަށް ބޮޑު ޚަރަދުތަކެއް ކުރެވިފައި އޮތްތަނެއް، ޢާންމުކޮށް ރައްޔިތުންނަށް ބޭސްފަރުވާއަށް ޚަރަދުކޮށްފައި އޮތް ތަނެއް، ލިޔެވިފައި އޮތް އެއްޗަކުން އަޅުގަނޑަކަށެއް ނުފެނުނު. ކުރީގައި 2008 ވަނަ އަހަރު މުޅި ޖުމްލަ ވެލްފެއަރ ފަންޑުން ޚަރަދު ކުރެވިފައި އޮތީ 1200 މީހުންނަށް. އެވެސް މާލޭގައި ތިއްބެވި އޭރުގެ ސަރުކާރުގެ މަތީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ކުރެވުނު ޚަރަދެއް. ބައެއް ފަހަރަށް ދެކޮޅު ޓިކެޓާއި 200 ޑޮލަރު ދީފައި ދެން އަދި އިތުރަށް ސަލާން ޖަހަން ނުފޮނުވައެކޭ ނޫން. އަޅުގަނޑުމެންގެ އަމާޒަކަށްވީ ރަނގަޅު ފުރިހަމަ ވިއުގައަކުން ރާއްޖޭގެ ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުން. އަޅުގަނޑުމެން ހިތްހަމަޖެހެނީ، މިއަދު މިރަށުގެ ވަރަށްގިނަ މީހުން މިނިޒާމުގައި ރަޖިސްޓަރީ ކުރެވިފައި އޮތީތީވެ. އަޅުގަނޑުމެންގެ އަމާޒަކީ، މުޅި މިރަށުގެ ހުރިހާ ރައްޔިތުން މަދަނައިގައި ޝާމިލުވުން. އަޅުގަނޑުމެން، ތިޔަބޭފުޅުންގެ ކިބައިން އެމް.ޑީ.ޕީ.ގެ ކައުންސިލަކަށް އަޣްލަބިއްޔަތު ދެއްވުމަށް މިއެދެނީ، މިރަށުގެ ހުރިހާ ރައްޔިތުން މަދަނައިގައި ރަޖިސްޓަރީކޮށް، ހުރިހާ ރައްޔިތުންނަށް ފުރިހަމައަށް އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުމުގެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް.
 
އަޅުގަނޑުމެންގެ ވަޢުދު، ބޭސްސިޓީއަށް ސަލާންޖެހުމުގެ ވަޢުދު، ފުއްދިފައި އޮތް މިންވަރު ޙަޤީޤަތުގައި ދެނެގަންނާނީ ހޯނޑެއްދޫ ރައްޔިތުން. ހޯނޑެއްދޫގެ ބޭސްފިހާރައެއް ނެތުނީމާ ނުވަތަ ހުންނަ ބޭސްފިހާރަ، ފަހަރެއްގައި މަދަނައިގައި ރަޖިސްޓަރީވެފައި ނެތުނީމާ ސީދާ މިތަނުން     އެ ބޭސް ލިބުން ދަތިވެދާނެ. އެހެންނަމަވެސް، އަޅުގަނޑަށް ހަމަ ޔަޤީން ކަށަވަރު، މަދަނައިގައި ރަޖިސްޓަރީވެފައިވާ މީހަކަށް ތިނަދޫއިން ފަސޭހަކަމާއެކީގައި ބޭސްފަރުވާ ލިބޭނެ. އަޅުގަނޑަށް ޔަޤީންވާ އެއްޗަކީ ހަލައްކަ ތިރީސްހާސްރުފިޔާ ޚަރަދުވެފައި އެއޮތީ މެޓާ ގަންނަން ނޫންކަން. އަޅުގަނޑުމެންގެ އަމާޒަކީ، ބޭސްސިޓީއަށް ސަލާން ޖެހުން ނައްތާލުން. އަޅުގަނޑުމެން ކުރަމުން މިގެންދަނީ އެކަންތައް. އަދި މިއަދާ ހަމައަށް އެކަން ކުރެވިފައި އޮތް މިންވަރާ ގުޅޭގޮތުން އަޅުގަނޑު ހިތްހަމަޖެހޭ. ހޯނޑެއްދޫ ރައްޔިތުން އަޅުގަނޑަށް ރިޕޯޓު ކާޑު ދެއްވާނެ.
 
އަޅުގަނޑުމެންގެ އަމާޒަކީ ރައްޔިތުންގެ ސަލާމަތްތެރިކަން ހޯދައިދިނުން. އެކަން އަޅުގަނޑުމެން މިހޯދަނީ މިރާއްޖޭގެ ތަރައްޤީއަށްޓަކައި، ހޯނޑެއްދޫގެ ކުރިއެރުމަށްޓަކައި. ރައްޔިތުން ނިކަމެތި ކަމުގައި އުޅެނިކޮށް ތަރައްޤީ ހޯދަން މި އޮންނަނީ ވަރަށް ބޮޑަށް ދަތިވެފައި. ސަރުކާރުގެ އެހެން ވަޢުދެއް އެއީ، ޢުމުރުން 65 އަހަރުން މަތީގެ ކޮންމެ މީހަކަށް، އާމްދަނީ މަދު ކޮންމެ މީހަކަށް ދެހާސްރުފިޔާގެ ޕެންޝަނެއް ދޭނެ ކަމަށް ވާވަޢުދު. އަޅުގަނޑު މިއަދު އުފާވަނީ، އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބެނީ، މި ހޯނޑެއްދޫގެ 49 މީހަކަށް ކޮންމެ މަހަކު ދެހާސްރުފިޔާ ގަވާއިދުން ދެވެމުން އަންނަތާ މިހާރު މިވީ ދެއަހަރު. އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބެނީ، ކޮންމެ މަހަކު ހޯނޑެއްދޫގެ ޕެންޝަނަށްޓަކައި ނުވަދިހަ އަށްހާސްރުފިޔާ ޚަރަދުކުރެވޭތީވެ.
 
އަޅުގަނޑުމެން ވަޢުދުވިން، ކަންމަތީ ސްޓޯރަށް ރައްޔިތުން ދަރާފައިވާ ދަރަނި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރެއްގައި ކުޑަކޮށްދޭނަމޭ، ކަނޑާދޭނަމޭ. އަޅުގަނޑުމެން އެއްވެސް އިރެއްގައި އެކަން ކުރަން އުޅުނީ ފިހާރަފިހާރައަށް ވަދެ، ވިކުރާ ފޮތް ހިފައިގެން ގޮސް، އަޅުގަނޑުމެން ކަންކުރާ އުޞޫލަކުން ނޫން. ސަރުކާރުގެ އަމާޒަކަށްވީ، ރާއްޖޭގެ ރައްޔިތުންގެ ތެރެއަށް އަދި ހޯނޑެއްދޫ ފަދަ ކުދިކުދި އާބާދީއަށް، އެއާބާދީތަކުގެ އިޤްތިޞާދު ހިނގާނެ މިންވަރަށް         އެ އާބާދީތަކަށް ފައިސާ ޖަމާކޮށްދިނުން. އެ އިޤްތިޞާދުގައި ފައިސާ ދައުރުވާނެ ގޮތް ހެދުން. މަހެއްގެ މައްޗަށް މިރަށަށް މުޅިއަކު ނުވަދިހަ އަށްހާސްރުފިޔާއެއް ލިބިފައެއް ނޯންނާނެ. މިހާރު ގަވާއިދުން ނުވަދިހަ އަށްހާސްރުފިޔާ އިތުރަށް މިރަށުގެ އިޤްތިޞާދުގައި ދައުރުވަމުންދާނެ. އަޅުގަނޑު އަންދާޒާކޮށް ހުރީ މިރަށުގެ ކަންމަތީ ސްޓޯރުގެ ޖުމްލަ ދަރަންޏަކީ، މަހަކު އެއްލައްކަރުފިޔާއޭ. އަޅުގަނޑު ދެކެނީ، ކަންމަތީ ސްޓޯރުގެ ދަރަނި ފިލުވައިލެވިއްޖެކަން. އަޅުގަނޑު ނުދަންނަވަން އަދި ރުފިޔާއެއް ލިބުނަސް އެ ރުފިޔާ ހުރިހާ ބޭފުޅުންމެ އެންމެ ޒިންމާދާރު ގޮތުގައި ޚަރަދު ކުރައްވާނެ ކަމަކަށް. އެހެންނަމަވެސް، އަޅުގަނޑުމެން ދޮށީ އުމުރުގެ މީހުންނަށް މިދޭ ޕެންޝަނަކީ، އެމީހުންގެ ހަޔާތުގައި ވަރަށްގިނަ މަސައްކަތް އެމީހުން ކޮށްފައިވާތީވެ. މިރާއްޖެ އަޅުގަނޑުމެންނަށް މިގޮތަށް ރައްދުކޮށްދިނީ އެމީހުން ކަމަށްވާތީވެ. މިހޯނޑެއްދޫ ރައްޔިތުންނަށް، މިއަދުގެ ޖީލަށް މިގޮތަށް ފޯރުކޮށްދީފައި މިއޮތީ އަޅުގަނޑުމެންގެ ތެރޭގެ ދޮށީ އުމުރުގެ މީހުން ވަރަށްގިނަ މަސައްކަތް ކުރީތީވެ. އެމީހުން ރުކަށް، ވަލަށް ވަނީތީވެ. މަހަށް، ފަރަށް ފުރީތީވެ. ވަޑާން ކުރީތީވެ. ގެދޮރު އެޅީތީވެ. އެމީހުން ކިތަންމެ މަސައްކަތެއް ކުރީތީވެ. އަޅުގަނޑުމެން ހަމަކަށަވަރުން އަޅުގަނޑު ނިސްބަތްވާ ސިޔާސީ ޕާޓީގެ އެމް.ޑީ.ޕީ.ގެ ފަލްސަފާއެއް ނޫން އެއީ، މިރާއްޖޭގައި ޕެންޝަނެއް ޙައްޤުވަނީ ހަމައެކަނި ސަރުކާރު މުވައްޒަފުންނަށް ކަމަށް ދެކެވޭ ދެކުން. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހޯނޑެއްދޫ ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަން ނުވަތަ ފަޤީރުކަމުން ސަލާމަތްވުމުގެ ދަލެއް، އެ އެންމެ ރައްޔިތުންގެ ގާތުގައި އަޅުގަނޑުމެން އަޅާދޭނަން. އަދި އެރައްޔިތުންނަށް ފަސޭހަކަމާއެކީގައި، ހާސްކަމެއްނެތި ދިރިއުޅެވޭނޭ މަގު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިވަނީ ހޯދައިދޭން ފެށިފައި.
 
ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި، އެކަނިވެރި މައިންނާއި އަދި ޔަތީމު ކުދިންނަށް ދެވޭ ފައިސާ، މިރަށުގައި 2010 ވަނަ އަހަރު ފަންސާސް ހަތަރުހާސްރުފިޔާ، މިރަށުގެ ދިހަ ފަރާތަކަށް ކޮންމެ މަހަކު ދެވިފައި އޮތްކަމީ، މި ސަރުކާރަށް ހިތްހަމަޖެހުން ލިބޭ ކަމެއް. އަޅުގަނޑުމެންނަށް އުފާވެރިކަން ލިބޭ ކަމެއް. އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންގެ އަމާޒަކީ މިރަށު ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުން. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ މިރަށް ތަރައްޤީ ކުރުމަށް.
 
މިސަރުކާރު، ސަރުކާރު ހިންގުމުގެ ކުރީގައިވެސް އަޅުގަނޑުމެންގެ އޮތް، ހޯނޑެއްދޫގެ ތަޞައްވުރެއް. އަޅުގަނޑުމެންގެ އޮތް، ހޯނޑެއްދޫ ތަރައްޤީ ކުރާނެ މަންޒަރެއް. ތަރައްޤީއަކީ އަބަދު ޢިމާރާތެއް އެޅުމެއް ނޫން. ބިނާއެއް ކުރުމެއް ނޫން. ބޮޑު ހިލަ ބަނދަރެއްވެސް ނޫން. އެއްގަމު ތޮށްޓެއްވެސް ނޫން. ސަހަރާ ވަށާފާރެއްވެސް ނޫން. ތަރައްޤީއަކީ ހޯނޑެއްދޫ މީހާ ތަރައްޤީވުން. އެމީހާއަށް ތަންދޮރު އޮޅުންފިލާގޮތްވުން. އެމީހާ ސަލާމަތްކަންމަތީގައި ހުރެވޭނެ ގޮތެއް ހޯދިގެން ނޫނިއްޔާ ދެން އަދި އިތުރަށް ކުރަން މިއޮތް ތަރައްޤީގެ މަސައްކަތް ކުރުމަށް ވަރަށް ދަތިވާނެ. އަޅުގަނޑުމެންނަށް މި އިންތިޚާބަށް ތިޔަބޭފުޅުންގެ ކިބައިން އަނެއްކާވެސް އަޅުގަނޑު ޝުކުރު ދަންނަވަން، ތިޔަބޭފުޅުންނަށް ވަރަށް ރަނގަޅު ލީޑަރެއް ނާޒިމް އަޅުގަނޑަށް ދެއްވައިފި. އަޅުގަނޑާއެކުގައި މިރަށުގެ ތަރައްޤީއަށް ނުހަނު މަސައްކަތް ނާޒިމް ކުރައްވާ. އަޅުގަނޑަށް އެހެންވީމާ ހޯނޑެއްދޫގެ ކަންކަމާ އަޅާލައި، ބަލައި ސަރުކާރަށް ވީމިންވަރަކުން އެކަންކަމައިގެން އުޅެން ފަސޭހަވޭ. ދެން މިހާރު އަޅުގަނޑުމެން ކުރަން ބޭނުންވެގެން މިއުޅޭ ކަމަކީ މިތަނުގެ ހިންގުން ސީދާ މިތަނުގެ ރައްޔިތުންނަށް ދިނުން. ރައްޔިތުން އިންތިޚާބުކުރާ ބަޔަކަށް އެހިންގުން ހަވާލުކުރުން.
 
އަޅުގަނޑު ވަރަށްބޮޑަށް ޝުކުރު ދަންނަވަން ބޭނުން، އަޅުގަނޑު ޢައްޔަނު ކޮށްފައިހުރި ކައުންސިލެއްގެ ގޮތުގައި މުޙަންމަދު އަޔާޒް އެކޮށްދެއްވި މަސައްކަތަކީ، އަގުހުރި މަސައްކަތެއް. އެބޭފުޅާ މިދިޔަ ދެއަހަރު ވަންދެން އަޅުގަނޑު ހައްޔަރު ކޮށްފައިހުރި ބޭފުޅެއްގެ ގޮތުގައި، މިރަށުގެ މަސައްކަތުގައި ނުހަނު ރަނގަޅަށް އުޅުއްވައިދެއްވައިފި. އެބޭފުޅާއާ އެކުގައި ކައުންސިލަށް ކުރިމަތިލައްވާ އެހެން ހުރިހާ ބޭފުޅުންނަކީވެސް، ވަރަށް ޤާބިލު ބައެއް. ވަރަށް ކަމަށް އެކަށީގެންވާ ބައެއް. މިރަށުގެ ތަރައްޤީ ސަރުކާރުގެ ޕްލޭންތަކާއެކީގައި ތަންފީޒު ކުރަމުން ގޮސް، ދާދި އަވަހަށް އަޅުގަނޑު ދަންނަވާނީ ހާސިލު ކޮށްދެވޭނެޔޭ.
 
އަޅުގަނޑުމެންގެ އެބައޮތް، މިރަށުގެ ތަރައްޤީގެ ތަސައްވުރެއް. މި ސަރުކާރުން އިރާދަކުރެއްވިއްޔާ މިއަހަރު މިރަށުގެ ނަރުދަމާ ހަދަން ފަށާނެ. އަދި މިއަހަރު އިރާދަކުރެއްވިއްޔާ      އެ ނަރުދަމާ ތިޔަބޭފުޅުން ރަނގަޅު ކައުންސިލެއް އިންތިޚާބުކޮށް، އެ ކައުންސިލް ލައްވާ ނަރުދަމާ ހައްދަވައިފިއްޔާ އަދި ކޮންމެ ފޫޓަކަށް ކޮންނަމުންދާއިރު، ކޮންމެ ހޮޅިއެއް އަޅަމުންދާއިރު، ކޮންމެ ޕަމްޕެއް ބެހެއްޓޭއިރު ކައުންސިލަރުން ބަލަހައްޓަވައިގެން ތިއްބެވިއްޔާ ހެދޭ ނަރުދަމާ ފުރިހަމަވާނެ. އަދި ހަދާ ނިމިގެން ބޭނުން ކުރަން ފަސޭހަވާނެ. މިއަދާ ހަމައަށް އައިއިރުގައި ކިތަންމެ ނަރުދަމައެއް އަޅުގަނޑަށް ދިމާވެއްޖެ. ހަދާ ނިމުނީމާ އަލުން އަނބުރާ ކޮނެގެން ދެން އެ އެހެން ގޮތަކަށް ހަދަން ޖެހުން. ދިއްދޫގެ ނަރުދަމާ އެއީ، ހަމަ ދިމާވި ބޮޑު ބިރުވެރިކަމެއް. އެނަރުދަމާ ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހުނު މަސައްކަތް އާ ނަރުދަމާއެއް އެޅުމަކާ އެއްވަރުވެއްޖެ. އަޅުގަނޑުމެންގެ ބޭނުމަކީ، ރަށްރަށުގައި ކުރެވޭ މަސައްކަތް ހަރުދަނާ ގޮތުގައި، ރަނގަޅު ގޮތުގައި، ދެމެހެއްޓެނިވި ގޮތުގައި ކުރުން. އިތުރު ޚަރަދާއި ބޭކާރު އިސްރާފު އޭގައި ނުހިމެނުން. އަދި ކަން ކުރުމަށް ތިބެނީ ހުރަސް އަޅާ ބާވަތުގެ ބޭފުޅުންނެއްވެސް ނޫން.
 
ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ރައްޔިތުންގެ މަޖިލީހަށް ވާދަވެރި ޕާޓީތަކުން މެންބަރުން ކުރިމަތިލެއްވިއިރުގައި ހުރިހާ ބޭފުޅުންވެސް ވަޢުދުވަމުން ވަޑައިގެންނެވި އެބޭފުޅުން ސަރުކާރު ޒިންމާދާރު ކޮށްދެއްވާނަމޭ. ސަރުކާރު ޖަވާބުދާރީ ކޮށްދެއްވާނަމޭ. އެކަން ކޮށްދެއްވިނަމަ ކިތަންމެހާވެސް ރަނގަޅު. އަޅުގަނޑަށް މަސައްކަތް ކުރަން ކިތަންމެ ތަނަކުން ފަސޭހަވީސް. ތިއޮއް، ކަމެއް ގޯސްކޮށް ދަނީއޭ. އެހެންވީމާ އެކަން އެއޮތީ ގޯސްކޮންނޭ. ނޫން އެމަސައްކަތެއް ނޫން އެބޭފުޅުން ކުރައްވަން ބޭނުންފުޅުވެވަޑައިގެންނެވީ. އަލުން އަނބުރާ ވެރިކަމުގެ ޖާހަތާއި، ވެރިކަމުގެ ލައްޒަތާއި އޭގެ ޝަހެންޝާހް ބޭނުންވެވަޑައިގަންނަވައިގެން އަލުން ވެރިކަމަށް ވަޑައިގަތުމުގެ މަސައްކަތެއްގައި ހައްތަހާވެސް އުޅުއްވާން ޖެހިވަޑައިގަތީ. އެހެންވީމާ، ރައްޔިތުންނަށް ވެފައިވާ ވަޢުދު އެއީ، ސަރުކާރު ޒިންމާދާރު ކުރުވުން. ސަރުކާރު ޖަވާބުދާރީ ކުރުވުން. އެކަމެއް ހަމަ ހިލާ ނުވި. ރައްޔިތުންގެ މަޖިލީހުގެ ދައުރެއްގެ ބޮޑުބައިގައި އެއްވެސް ވަޒީރަކު އެބޭފުޅުން ސުވާލުކުރާނެ ނެތި ހިނގައްޖެ. އެހެންނަމަވެސް، ހަމަ ވަޒީރުން ދިޔައީ ބާރަށް. އަސްލަމް ދިޔައީ ބާރަށް މަސައްކަތް ކުރައްވަމުން. އަސްލަމް ވަޑައިގެންނެވީ ފިޔޯރީގެ ބަނދަރުވެސް ހައްދަވަމުން. އަދި ހޯނޑެއްދޫއާއި މަޑަވެއްޔާ ގުޅުވާލުމަށް ބޭނުންވާ ހުރިހާ އިންތިޒާމުތައްވެސް ހަމަޖައްސަވަމުން. އިރާދަކުރެއްވިއްޔާ މިފަހަރުގެ ބަޖެޓުގައި ވާނެ ތެއްތިރީސް މިލިޔަން ރުފިޔާ ހިމެނިފައި. އެއީ، މިދޭތެރެ ގުޅުވާލުމަށް.
 
އަޅުގަނޑުމެންގެ އެބައޮތް ތަޞައްވުރެއް. އަޅުގަނޑުމެންގެ އެބައޮތް ވިސްނުމެއް. އަޅުގަނޑުމެން ކަންބޮޑުވަނީ އެ ވިސްނުން ޓެސްޓްކުރާނެ ބަޔަކު، އަޅުގަނޑުމެންގެ ތަޞައްވުރާ ޖަދަލު ކުރާނެ ބަޔަކު ނެތް ކަމުން. އަޅުގަނޑުމެންގެ ތަޞައްވުރުގައިވާ ކަމެއް ނުވަތަ އަޅުގަނޑުމެންގެ ޕްލޭންގައިވާ ކަމެއް އޮތީ ފުރިހަމައަކަށް ނޫނޭ، މިރަށުގެ މިވެނި ތަނަކާއި މިވެނި މަގަކާ އެއާ ހުރަސް އެޅެޔޭ. މިރަށުގައި އެވެނިކަމެއް މިވެނި ކަމެއް ކުރާ ގޮތާ އެއާ ތަފާތުވެޔޭ. އެހެންބުނާނެ ބައެއް އަޅުގަނޑުމެން ޖެހޭނެއޭ ހޯދަން. އެމީހުންނަކީ ރަށު ކައުންސިލަރުން. އެމީހުންނަކީ ޖުމްލަ ބޮޑު މަންޒަރު އެމް.ޑީ.ޕީ.އާ އެކީގައި ގަބޫލުކޮށްގެން ބަލަހައްޓައިގެން ތިބޭ ބައެއް. ކުދި، އަދި އައިސް އެންމެފަހު ފިއްޔަށް ދާއިރުގައި އެފިލި އެއީ، ރަށާއި މުޖުތަމަޢާއި ގުޅުވާލެވޭ ފިއްޔެއްތޯ، ލާމެހޭ ކަމެއްތޯ މިކުރެވެނީ، ހިމުންވޭތޯ ބަލާ ބައެއް. އެބައިމީހުންނަކީ އަޅުގަނޑުމެންނާ ޖަދަލުކުރާ ނުވަތަ އަޅުގަނޑުމެންނާ އިންކާރުކުރާ ނުވަތަ ސަރުކާރުގެ މަޝްރޫޢުތަކަށް ހުރަސްއަޅަން ތިބި ބަޔަކަށް ވަނީވިއްޔާ ވަރަށް ދަތިވާނެ، ސަރުކާރަށް މަސައްކަތް ކުރަން. ސަރުކާރަކުން ޖަދަލެއް ނުކުރާނަން އެއްވެސް ބަޔަކާއެއް. އަޅުގަނޑު ޖެހޭނީ ފަހަތަށް. އަޅުގަނޑުމެން ބޭނުންވަނީ ކުރިއަށްދާން. ކުރިއަށް ދިޔުމުގައި ގޮސް، މީސްމީހުންނާ މުޑި ނެގޭކަށް އަޅުގަނޑުމެން ބޭނުމެއް ނޫން. އަޅުގަނޑުމެން ބޭނުމީ، ރައްޔިތުންގެ އިޙްތިރާމް. އަޅުގަނޑުމެން ބޭނުމީ، ރައްޔިތުންގެ ޤަދަރާއި ރައްޔިތުންގެ ލޯބި.
 
އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، އަޅުގަނޑު، ތިޔަބޭފުޅުންގެ ލޯލާރިއެއްގައިވެސް، އެންމެ ފައިސާ ފޮއްޗެއްގައިވެސް ނުޖެހޭނަން. އަޅުގަނޑެއް ތިޔަބޭފުޅުންނަށްޓަކައި މަސައްކަތް ކުރުމެއް ހުއްޓައެއް ނުލާނަމޭ. އިރާދަކުރެއްވިއްޔާ ކޮންމެ ދުވަހަކުވެސް އަޅުގަނޑު ދިހަ، ބާރަގަޑިއިރު މަސައްކަތް ކުރާނަން. އަދި އަޅުގަނޑަށް އެނގޭ، އަޅުގަނޑުމެންގެ ޓީމާއެކީގައި       މި ހުވަދުއަތޮޅު، މި ހޯނޑެއްދޫ އަދި މަޑަވެލިވެސް ތިނަދޫވެސް އަޅުގަނޑުމެންނަށް މިއަތޮޅުއެކީގައި ތަރައްޤީ ކުރެވިދާނެ، އަނބުރާލެވިދާނެ. ވަރަށް ތަނަވަސް އަތޮޅެއް މިއީ. މުޅި ދުނިޔޭގައި އޮތް އެންމެ ބޮޑު އެންމެ މުއްސަނދި އެއް އަތޮޅު މިއީ. ދިވެހިރާއްޖޭގެ ތަރައްޤީ އަޅުގަނޑުމެން ބޭނުމިއްޔާ ހުވަދޫ ތަރައްޤީ ކުރަން އެބަޖެހޭ. ހުވަދޫއޭ މިކިޔޭ އިންޖީނުގައި ނޫނީ ރާއްޖެއެއް ތަރައްޤީއެއް ނުވާނެ. ރާއްޖެ ކުރިއަރައިދާނީ، އަބަދުވެސް ރާއްޖެއަށް ތިޔާގިކަން އައިސްފައިވާނީ، ހުވަދުއަށް ތިޔާގިކަން އައިސްފައޭ. މީގެކުރީގައި އެއީ، މަހާއި ކާށި. މިހާރުވެއްޖިއްޔާ ހަމަ މަހާއި ޓުއަރިޒަމާ އަދި ބުރަ މަސައްކަތުން. އަޅުގަނޑުމެންނަށް އެބަ އެނގޭ، މިރަށްރަށުގެ މުއްސަނދިކަމާއި އަދި ރައްޔިތުންގެ ޤާބިލުކަން. އެކަން ކުރިއެރުވުން އެއީ، އަޅުގަނޑުމެންގެ އަމާޒު. އަޅުގަނޑުމެންގެ ބޭނުމަކީ ތިޔަބޭފުޅުން މުއްސަނދި ކުރުވުން. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީވެސް ރައްޔިތުން މުއްސަނދި ކުރުމަށްޓަކައި. ހޯނޑެއްދޫ ރައްޔިތުން މުއްސަނދި ކުރުމަށްޓަކައި.
 
ހޯނޑެއްދޫއާއި މަޑަވެއްޔާ ގުޅުވާ ހޯނޑެއްދޫގެ ދަނޑުވެރިކަން އިންތިހާއަށް ތަރައްޤީ ކުރުމުގެ ފުރުސަތުތައް މާބޮޑަށް ފުޅާކުރެވިދާނެ. އަޅުގަނޑުމެންނަށް އެކަން ކުރުމުގެ ފުރިހަމަ ޕްލޭނެއް މިވަނީ ކުރެހިފައި. އަޅުގަނޑު މިއެދެނީ، ތިޔަބޭފުޅުން ތިލަފަތަށް ވޯޓު ދެއްވާށޭ. އެމް.ޑީ.ޕީ ކެންޑިޑޭޓުންނަށް ފާހަގަ ޖައްސަވާށޭ. އަޅުގަނޑުމެންނާއެކީގައި މިމަސައްކަތް ކުރެއްވުމަށް ތިޔަބޭފުޅުން ނުކުންނަވާށޭ.
 
ލާމަރުކަޒީ އުޞޫލުން ރާއްޖޭގެ ރަށްތައް ހިންގުމުގެ ފިކުރަކީ، ހިންގުމުގެ ވިސްނުމަކީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީ.ގެ ވިސްނުމެއް. އެއީ، މިޕާޓީން ދައްކަމުން އައި ވާހަކައެއް. އަދި ލާމަރުކަޒީ ބަސް އެއީ، މާފިލާފުށިން ގޯތިދޭން ވެގެން ކީ ބަހެއްގެ ގޮތުގައިވެސް އަޅުގަނޑަށް ހަމަ ފާހަގަވޭ. އެހެންނަމަވެސް، މިފަލްސަފާއަކީ މާލޭގައި ހުރި ބާރު އެހެން ތަންތަނަށް ބެހުން. އެ އުޞޫލަކީ އެމް.ޑީ.ޕީ. ގަބޫލުކުރާ އުޞޫލެއް. ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ޤާނޫނު އަސާސީ އިޞްލާޙުވަމުން ދިޔައިރުގައި، އެ އަސާސްގައި ހިމެނުނު އަސާސީ ސިފަތަކާއި އުޞޫލުތައް ކަނޑައެޅުނުއިރު، އެއަކު ނެތް ލާމަރުކަޒީ އުޞޫލުން ރާއްޖެ ހިންގާ ވާހަކައެއް. އޭގައި ލިޔެފައި އޮތީ ދިވެހި ދައުލަތަކީ ޔުނިޓަރީ ދައުލަތެކޭ. އެހެންވީމާ، ރަށްވެރިކަމެއް ތަރައްޤީ ކުރުމުގެ ވާހަކައެއް އެއަކުނެތް. އޭރު އޭގައި އޮތީ މާލެއަށް އަނެއްކާވެސް އެންމެހާ ބާރު ޖަމާކޮށްގެން، މާލޭގައި ވެރިކަމުގެ ޝަހެންޝާހާއި، ވެރިކަމުގެ ކަރާމަތާއި، މާލޭގައި ވެރިކަމުގެ ދުށްޔެއްލައި، އެ ރަތްދޫލައިގައި ފިނިކޮޓަރީގައި މާލޭގައި ވެރިކަން ކުރަމުން ގެންދާގޮތަށް. އަޅުގަނޑުމެންނަށް ފާހަގަވި، މިދެންނެވި މަގުން ކަން ކޮށްގެން އަޅުގަނޑުމެން މިއެދޭ ބަދަލު، މިރާއްޖެ މިއޮތީ ބަދަލަކަށް ބޭނުންވެފައި، އެކަމަކަށް ޝައްކެއްނެތް. އެބަދަލަކީ، އަޅުގަނޑުމެން ތަނަވަސްވާން، އަޅުގަނޑުމެންގެ ޢާންމު ޙާލަތު ރަނގަޅުވުމަށް އަޅުގަނޑުމެން އެދޭ ބަދަލު. އެބަދަލު ގެނައުމަށްޓަކައި ވަކި ޚާއްޞަ ކަންތައްތަކެއް، ވަކި ގޮތެއްގައި، ވަކި އިރެއްގައި، ވަކި ގޮތަކަށް އެބަ ކުރަންޖެހޭ.
 
މި ސަރުކާރުން ވީ ވަޢުދެއް އެއީ، ރާއްޖޭގެ މަސްވެރިން ބާނާ މަހަށް އަޅުގަނޑުމެންގެ ސަރުކާރެއްގައި އިރާދަކުރެއްވިއްޔާ ހަމަ އަގު ހޯދައިދޭނަމޭ. ހުވަދުއަތޮޅު އެއްވެސް މީހެއް ކައިރީ ހޯނޑެއްދުއަކަށް ބުނެދޭކަށް ނުޖެހޭނެ، މީގެކުރީގައި މަހުގެ އަގު، ހުރި މިންވަރު، ހުރި އަދަދު. ކިލޯ ހަމަނުވާ މަހަކަށް ދެރުފިޔާބައި. ގިނަވެގެން ލިބިފައި އޮންނާނީ ފަސްރުފިޔާ. މިއަދު ސިޔާސަތަށް ގެނައި ބަދަލުން މަސްވެރިކަން ހުޅުވާލެވި، ރައްޔިތުންނަށް، މަސްވެރިންނަށް ދިހަރުފިޔާ، ނުވަރުފިޔާ، ބާރަރުފިޔާ، ސާދަރުފިޔާ، ނުލިބޭ ދުވަހެއް ހަމަ މަދުވާނެ. އަޅުގަނޑުމެންގެ ބޭނުމަކީ، މަސްވެރިންގެ އާމްދަނީ އިތުރުކޮށްދިނުން. އަޅުގަނޑުމެންގެ ބޭނުމަކީ، މިރަށާއި މިރާއްޖޭގެ ތަރައްޤީ އަޅުގަނޑުމެން ހޯދުން.
 
ބައެއް ފަހަރަށް ބައެއް ބޭފުޅުން ބައެއް ކަންކަމާ ގުޅިގެން ވިދާޅުވޭ އެއީ، ކުރީ ސަރުކާރުން ކުރި ކަމެކޭ. އާދެ! އަޅުގަނޑުގެ ކުރީ ދަރިފުޅު ވިހެއީވެސް ކުރީ ސަރުކާރުގައޭ. އެވެސް ކުރީ ސަރުކާރުން ކުރި ކަމެއްގެ ގޮތުގައި މިދެކެންޖެހެނީ. އަޅުގަނޑުމެންނަށް ކުރީ ސަރުކާރުން ކޮށްފައިހުރި ބައެއް ކަންކަން އެބަ ފާހަގަވޭ. އައްޑުއަތޮޅު ހިތަދޫގައި ބަނދަރެއް ހަދާފައި އޮތް. ބައިނަލްއަޤްވާމީ ބަނދަރެއް. ތިލަދުންމަތީ ކުޅުދުއްފުށީގައިވެސް ހަމަ ބަނދަރެއް ހަދާފައި އޮތް. އަޅުގަނޑުމެން ސަރުކާރު ހިންގުމާ ހަވާލުވެ އަޅުގަނޑު އެބަނދަރަށް ގޮސް ބަލާލިއިރު، އެތަނަށް ބާލައި މުދަލުގެ މިންވަރު، އަދަދު މަދު ހިތަދޫ ބަނދަރަށް ބާލައި މުދަލަށްވުރެ. ހޯނޑެއްދޫ ބަނދަރަށް ބާލައި މުދަލަށްވުރެ. މަހެއްގެ މައްޗަށް 150 ޓަނުގެ މުދާ، ހިތަދޫ ބައިނަލްއަޤްވާމީ ބަނދަރަށް ބާލާފައެއް ނެތް. އަޅުގަނޑުމެން ގެނައީ ސިޔާސަތަށް ބަދަލެއް. އެބަނދަރަށް ބާލާ މުދަލަށްވެއްޖިއްޔާ ނަގާ ޑިއުޓީގެ     30 ޕަސެންޓް ކަނޑާލަދޭނަމޭ.  މިއަދު، މިދިޔަ މަހު ހިތަދޫ ބަނދަރަށް ސާދަހާސް ޓަނުގެ މުދާ ބޭލި. އޭގެ ގިނަ މުދާ ގެނައީ ހުވަދުއަތޮޅަށް. މިއަދު ލީސިންގ ކުންފުނިން، ހުވަދުއަތޮޅު މީހުން ބަދެފައިހުރި ބޮޑެތި ދޯނިފަހަރު، އަޅުގަނޑުމެން ސަރުކާރު ހިންގުމާ ހަވާލުވިއިރު ވަރަށްގިނަ ދޯނިފަހަރު ހުރީ އެހެލާފައި. މިއަދު ހޯއްދަވައިދެއްވަން ޖެހިފައި. ހިތަދޫއާއި ހުވަދޫއާ ދޭތެރޭގައި މުދާ ހިފައިގެން ދަތުރުކުރާނެ. އަޅުގަނޑުމެންނަށް މިހޯނޑެއްދޫގެ އިޤްތިޞާދުވެސް، ހުވަދޫގެ އިޤްތިޞާދުވެސް އިރާދަކުރެއްވިއްޔާ ބަދަލުކުރެވޭނެ. އަޅުގަނޑުމެން އޭގެ ތަޞައްވުރެއް، އޭގެ ވިސްނުމެއް އެބަގެންގުޅެން.
 
 އަޅުގަނޑުމެން ސަރުކާރު ހިންގުމާ ހަވާލުވިއިރު މިރަށްރަށުގައި އަށްޑިހައިގެ ކުރީކޮޅު ގެނައި ކުޑަކުޑަ ޖަނަރޭޓަރަކުން، ފަހުން ބޮޑުވަމުން ބޮޑުވަމުން ޖަނަރޭޓަރު ވަށައިގެން ޢިމާރާތްވެސް ބޮޑުވަމުން އައިސް އެއެއް މިއެއް ނޭނގި ބައެއް ރޭރޭ ކަރަންޓު ލިބޭނެ. އަނެއްބައި ރޭރޭ ކަރަންޓު ނުލިބޭނެ. ކަރަންޓުގެ ކަންތައްތަކެއް ހިންގަމުން ގެންދިޔަ. ކާކަށްތޯ ނުވިސްނޭންވީ ކުޑަކުޑަ ރަށެއްގެ ދަރަޖައިގައި މިފަދަ ވިޔަފާރިއެއް ކުރަން އުޅެގެންގޮސް ޖެހޭނެތަން. ޖެހޭނެ ތަނުގައި ޖެހިފައި ހުރީ. އެއީ، ކަރަންޓު ނެތުން. އަޅުގަނޑުމެން ކުރާ ޚަރަދު ކުޑަވެގެނެއް ނުދޭ. 2008 ވަނަ އަހަރު ނިމުނުއިރުވެސް ސަރުކާރުން އިންޖީނުގެތަކުގެ ޕެކިންއަށާއި، ޕަމްޕަށާއި ދެންވެސް ހުރި އަނެއް ބަޔަކަށާއި ތެލަށާއި ހަތްދިހަ އަށްމިލިޔަންރުފިޔާ ޚަރަދު ކުރަންޖެހިފައި އޮތީ. އޮތްއިރުވެސް ކަރަންޓެއް ރައްޔިތުންނަކަށް ލިބޭނެ ގޮތެއްނުވޭ. މިއަދު އެންމެފަހުން ކަރަންޓު ކަނޑައިގެން ދިޔަ ދުވަސް ހޯނޑެއްދޫގައި، އަޅުގަނޑު ހިތުން ތިޔަބޭފުޅުންނަށް އަޅުގަނޑަށްވުރެ ބޮޑަށް އެނގިވަޑައިގަންނަވާނެ. ޔުޓިލިޓީ ކުންފުންޏަށް ކަރަންޓް އެކީގައި ދިނީމާ، މުޅި ހުވަދުއަތޮޅުގައި ހުރި ހުރިހާ ރަށެއްގެ އިންޖީނުގެ އެއްފުރާޅަކަށްލައި، އެކުންފުނީގެ ދަށުން ހިންގާން ފެށުނީމާ އެބަ ލިބޭ ގަވާއިދުން ކަރަންޓު. އަދި ނަރު އަޅަން ޖެހުނީމާ ނަރު އަޅާނެ. ކޮންމެހެން ނަރު އަޅަންވެއްޖެޔޭ ކިޔައި، ރަށުން ވަފުދު ހަދައިގެން މާލޭ ގެއިން ގެއަށް ސަލާން ޖަހަން ހިނގާކަށެއް ނުޖެހޭ. އިންޖީނު ބަދަލުކުރަންވެއްޖެޔޭ ކިޔާ ވަފުދު ހަދައިގެން ގޮސް ހެންވޭރު ޕާކުކައިރީގައި މުޅި ރޭ ހޭދަކުރާކަށް ނުޖެހޭނެ. ހެންވޭރު ދަނޑުކައިރީގައޭ އަޅުގަނޑު ދަންނަވާނީ.
 
އަޅުގަނޑުމެން މިމަސައްކަތް ހިންގަމުން މިގެންދަނީ މިރަށްރަށުގައި ކަން ހިނގާ ދިޔަގޮތް އަދި ހިނގަމުން އަންނަ ގޮތް އަޅުގަނޑުމެންނަށް ވަރަށް ފުރިހަމައަށް އެނގޭތީވެ. އަޅުގަނޑުމެންނަށް ދަސްވެފައި ހުރީތީވެ. އަޅުގަނޑު މިއަދު ތިޔަބޭފުޅުންގެ ކިބައިން މިއެދެނީ، ދެއްވާށޭ އަޅުގަނޑުމެންނަށް ފުރުސަތެއް. އަޅުގަނޑުމެންނަށް އަނެއްކާވެސް މި ފުރުސަތު ދެއްވާށޭ. ނުކުންނަވާށޭ އަޅުގަނޑުމެންނާއެކީގައި މިހޯނޑެއްދޫއާއި މިހުވަދޫ ބަދަލު ކޮށްލަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ފުރިހަމައަށް އެކަން ކުރާނަމޭ.
 
ހޯނޑެއްދޫގެ ދަނޑުވެރިކަން ތަރައްޤީ ކުރުމަށްޓަކައި މިއަހަރުގެ ބަޖެޓުގައި ޚާއްޞަ ޕްރޮގްރާމްތަކެއް އެކުލެވިފައިވާނެ. އޭގެތެރޭގައި، މިރަށުގެ ދަނޑުވެރިންނަށް ލުއިލޯނު ދިނުމާއި އަދި ދަނޑުވެރިންގެ ގޮވާން ފަސޭހަގޮތުގައި އެ މާރުކޭޓުތަކަށް ވާސިލުކޮށްދެވޭނެ ޕްރޮގްރާމްތައް އިރާދަކުރެއްވިއްޔާ މިފަހަރުގެ ބަޖެޓުގެ ޕްރޮގްރާމްތަކުގެ ތެރެއިން ހޯނޑެއްދޫގައި ހިންގަން ފެށޭނެ. އަޅުގަނޑުމެން މިއެދެނީ، އަޅުގަނޑުމެންގެ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރަށު ކައުންސިލެއް އިންތިޚާބު ކޮށްދެއްވުމަށް. ފެބްރުއަރީ 5 ގެ ފަހުން އަޅުގަނޑުމެންނަކަށެއް ނެތް އަތްދޫކޮށްލާފައިދެވޭކަށް. ކައުންސިލް އޮންނަ ގޮތެއް، ކައުންސިލް އިށީންނަ ތަނެއް، ކައުންސިލް ކުރަންވީ ކަމެއް، އެހެން ބަޔަކަށެއް ނުމެ އެނގޭ. އެއީ، ކިހިނެއްވާ ކަމެއް ކަމެއް. އައްސަވަންވީނޫންތޯ ވާދަވެރި ކެންޑިޑޭޓުންގެ އަރިހުގައި އެއީ ކޮންތަނެއްތޯ، ކައުންސިލަކީ. އެއީ، ކިހިނެއްވާކަމެއްތޯ. އެއީ، ކޯޗެއްތޯ. ކާއެއްޗެއްތޯ. އަޅުގަނޑުމެންނަށް އެއީ ލައިގެން ކާއެއްޗެއްގެ ގޮތުގައި ފާހަގަވެގެންވެސް އުޅެވިދާނެ. އަޅުގަނޑު ދަންނަވާނީ، މިއީ އެމް.ޑީ.ޕީ.ގެ ވިސްނުމެކޭ. އަޅުގަނޑުމެންނަށޭ މީގެ ފިލިކޯޅި ހަމަކުރެވޭނީ. މީގެ ބަނޑުވައް އަކުރު އެއްވަރު ކުރެވޭނީ. އަޅުގަނޑުމެންނޭ މިކަން ދަންނަ ބަޔަކީ. މިއީ އަޅުގަނޑުމެންގެ ފަލްސަފާއެއް. އަޅުގަނޑުމެންގެ ވިސްނުމެއް. މިކަން ތަންފީޒު ކުރަން އަޅުގަނޑުމެން ނުކުމެ މިތިބީ. ވަޒީފާގެ ފުރުސަތު އިތުރު ކުރުމަކީ ކޮންމެހެން ބޭނުން ކަމެއް.
 
ސަރުކާރުގެ ވަޒީފާތައް އެކަނި އެއީ އިތުބާރުހުރި ވަޒީފާގެ ގޮތުގައި ދެކިގެނެއް އަޅުގަނޑުމެންނަކަށް މިއަދެއް ކާމިޔާބެއް ނުހޯދޭނެ. އަމިއްލަ ވިޔަފާރި އެބަ ކުރިއަރުވަންޖެހޭ. ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅާލުމަކީ، މި ސަރުކާރުގެ ވަޢުދެއް. ހަތް އަހަރު ދުވަހުގެ ތެރޭގައި އެމަސައްކަތް ހިންގައިދިނުމަށް ސަރުކާރުން ސިޔާސަތު ކަނޑައަޅާފައިވަނީ. ދެއަހަރުގެ ތެރޭގައި އަސާސީ ޚިދްމަތްދޭން ފަށަން. މިހުވަދޫގައި ދެވޭ ޚިދްމަތް، އެހެން އަތޮޅުތަކާ އަޅާބަލާއިރު ވަރަށް ބޮޑުތަނުން ދެރަ. އެކަން ރަނގަޅު ކުރުމަކީ، އިންތިޚާބުވާ ކައުންސިލްގެ ވަރަށް މުހިންމު އަމާޒަކަށްވާން ޖެހޭނެ. އެ ސިޔާސަތު ހިންގުމާއި އަދި މިސާލަކަށް ފ.މ.ދ. ގައި އެކަން ކުރާ ގޮތަށް، ނުވަތަ ތ.ލ. ގައި އެކަން ކުރާގޮތަށް އަދި މާރަނގަޅަށް ހުވަދޫގައި ކުރެވޭނެ. މިއަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ހުވަދުއަތޮޅުގައި އިތުރު މަތިންދާބޯޓު ޖައްސާ ދެ އެއަރ ސްޓްރިޕުގެ މަސައްކަތް ފަށައިގަނެވޭނެ. ގައްދޫ ބޭރުގައި އެއްތަން، ވިލިނގިލީ ބޭރުގައި އަނެއްތަން. މިހުވަދޫއަށް އައްޑުއަތޮޅަށް ޖައްސާ، ސީދާ ބޭރުން ޖައްސާ މަތިންދާބޯޓުގައި އަންނަ ޓުއަރިސްޓުންނަށް އިރާދަކުރެއްވިއްޔާ އެއަރޓެކްސީގައި، މޫދަށް ޖައްސާ ބޯޓުގަޔާއި އަދި މިދެންނެވި ތަންތަނަށް ޖައްސާ ބޯޓުފަހަރުގައި އައިސް މިހުވަދޫގެ ރިޒޯޓުތައް އިރާދަކުރެއްވިއްޔާ ފުރާލެވޭނެ. މިހުވަދޫގައި މިހާރު ހުރީ 5 ރިޒޯޓު. އަޅުގަނޑުމެންނަށް ޔަޤީން، ރަނގަޅު ދަތުރުފަތުރުކުރުމުގެ ނިޒާމަކުން ހުވަދުއަތޮޅު ގުޅާލެވޭގޮތްވުމުން  މި 5 ރިޒޯޓު އެތައް ގުނައަކުން އިތުރުވެގެންދާނެ. އެއީކީއެއް ޝައްކު ހިނގާކަމެއް ނޫން.
 
އަޅުގަނޑުމެންނަށް ފެނޭ ވަރަށް އުޖާލާ މަންޒަރެއް. އެހެންވެ، އަޅުގަނޑުމެން މިއެދެނީ އަޅުގަނޑުމެންނަށް، އެމް.ޑީ.ޕީ.އަށް މިވޯޓު ދެއްވުމަށް. އަޅުގަނޑުމެންގެ ހިތްތަކުގައި އެބަހުރި ކިތަންމެ އިޙްސާސެއް. އަޅުގަނޑަކީ މާލޭ މީހެއް. އަޅުގަނޑަކީ އަދި އޭގެ އިތުރުން އަޅުގަނޑުގެ މައިންބަފައިންވެސް ގަލޮޅު މީހެއް، ދެމީހުންވެސް. އަދި ދަރިދަރިކޮޅަށް އެތަނުން ސަލާމަތްނުވާ މީހުން. އަޅުގަނޑުމެން މިއަދު މިއުޅެނީ މާލެއަށް އެއްކޮށްފައިހުރި ބާރެއްގެ ބައެއް ހޯނޑެއްދޫއަށް ދޭން. އެބާރު މާލެއަށް އެއްކޮށްފައި އޮތީ މިއަދު ތިޔަބޭފުޅުން ބައްލަވައިފިއްޔާ އެމް.ޑީ.ޕީ.ގެ ލީޑަރޝިޕްގެ ޢާއިލާތަކުން. މިދިޔަ އެތައް ސަތޭކަ އަހަރެއްގެ ތެރޭގައި، މާލޭގެ ވެރިކަމުގެ ޚާންދާނުތަކުން ބައެއް ފަހަރަށް ތޮޅެގެން، ވަރަށްބޮޑަށް ތޮޅެގެން، އަނެއްބައި ފަހަރަށް ލޯބިން، މާލެއަށް އެއްކޮށްފައި ހުރި ބާރު. މުލީގޭ ދޮންޙަސަންމަނިކު، ދޮންބަންޑާރައިން، އެ ބަންޑާރައިންގެ އައުލާދުގެ މިލްކެކޭ، މާލޭގެ ބާރަކީ. އެއީ ވަރަށް ފަހާ ޖެހެންދެންވެސް ހަމަގައިމުވެސް އަޅުގަނޑުގެ މައިންބަފައިން ގަބޫލުކޮށް އުޅުނު ޙަޤީޤަތެއް. މިއަދު އަޅުގަނޑުމެންނަށް ހިތްހަމަޖެހުން މި ލިބެނީ، މިދެންނެވި ޚާންދާނުގެ މިއަދުގެ ޖީލު އެތިބީ އިރާދަކުރެއްވިއްޔާ އެމް.ޑީ.ޕީ.ގައި. އެބޭފުޅުން ރަށުން ރަށަށް، ގެއިން ގެއަށް، ދޮރުން ދޮރަށް         އެ ވަޑައިގަންނަވަނީ އެބޭފުޅުންގެ ކާބަފައިން އެއްކޮށްފައި އޮތް ބާރު މިރަށްރަށަށް ބަހަންވެގެން. ދެން އެކަމުގެ ވަލީވެރިންނަކީ، ބަލަދުވެރިންނަކީ އެމް.ޑީ.ޕީ. ނޫން ބަޔަކަށް ނުވާނެ. އެބާރު ބަލާ އަންނަންޏާ އެއޮތް ބައެއްގެ ގާތަށް އައުން އެއީ، ބުއްދިވެރި ކަމެއް. އެއްޗެއް ނެތް ބައެއްގެ ގާތަށް ބަލާ ގޮސްގެނެއް ލިބެނީކީއެއް ނޫން. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިކަން ކުރާނު. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިހޯނޑެއްދޫ ތަރައްޤީ ކުރާނަން. އަޅުގަނޑަށް ފެންނަނީ އުފާވާ ޒަމާނޭ. ހިތާއޭ އަހާށޭ. އުފާވެރިވި މިރާގޭ
 
والحَمْـدُ لِلّـهِ. والســّلام عليــكم.
 
_______________________