بســماللّـهالرّحمـنالرّحيــم

 
މިނިސްޓަރ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓް މުޙަންމަދު އަސްލަމް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ހުވަދުއަތޮޅުގެ ކުރިއަށް ތިއްބެވި ވިޔަފާރިވެރިން، ރާއްޖޭގެ ކުރިއަށް ތިއްބެވި ވިޔަފާރިވެރިން އަދި ވަކިން ޚާއްޞަކޮށް، މި ފަރެސް މާތޮޑާގެ ލޮބުވެތި ރައްޔިތުން.
 
السّـلام عليـكم
 
މި ސަރުކާރު އަދި މި ޕާޓީ، މި ރާއްޖޭގެ ވެރިކަން ކުރުމަށް ހިތުއެޅީ، މި ރާއްޖޭގެ ތަޞައްވުރެއް، މި ރާއްޖެ ބަދަލުކުރުމަށް އަޅުގަނޑުމެން އެދުނު ގޮތްތަކެއް، އަޅުގަނޑުމެންގެ އެންމެންގެ ހިތްތަކުގައި ބިންވަޅު ނެގިގެން. ކިތަންމެ ކިތަންމެ ސަބަބެއް އަޅުގަނޑުމެންގެ ހުރި. ޒާހިރު ފާޅުކޮށްދެއްވައިފި. އަނިޔާވެރިކަން. އިންޞާފެއް ނެތްކަން. ޚުދު މުޚްތާރު ވެރިކަމުން ސަލާމަތްވުން. ރަށްރަށުގެ ތަރައްޤީގެ ކަންކަމުގައި ރަނގަޅަށް މައި ސަރުކާރުން މަސައްކަތް ނުކުރާ މިންވަރު، ދުވަހެއް ދުވަހަކަށް ބޮޑުވަމުންދިޔަކަން. މުޅި ރާއްޖެއަކީ ހަމައެކަނި މާލެ ކަމަށް ދެކެވޭ ދެކެވުމަށް ކުޑަވެސް ބަދަލެއް ނާންނަކަމުން. ހުޅުމާލެއާއި އަދި އެހެންގޮސް އެދިމާއެކީ ހިއްކައި، ރާއްޖޭގެ ތިންލައްކަ މީހުން، މާލޭ ސަރަޙައްދަށް ގެނެސް، ރާއްޖެތެރެ އުވާލުމުގެ، ރަށްރަށުން މީހުން ބޭލުމުގެ ވިސްނުން ދުވަހެއް ދުވަހަކަށް ފުޅާވަމުންދިޔަކަން. ހަމަ ހިލާ އެއްގޮތަކަށްވެސް ދައުލަތުގެ ފުރިހަމަ ސަރުކާރެއް، ފުރިހަމަ ދައުލަތެއް، ޒަމާނީ ޤައުމެއް ހިންގުމަށް، ކުރީގައި އެއްގޮތަކަށްވެސް ތައްޔާރަށް ނެތްކަމުން. ނާޖާއިޒު ފައިދާއާއި ކޮރަޕްޝަންގެ މަޝްރޫޢުތައް ޙައްދުފަހަނަޅައި ގޮސްފައިވީކަމުން. ޢާއިލީ ވެރިކަމާއި، އަދި އެހެންވެސް ގާތްތިމާގެ ރަޙްމަތްތެރިންނަށް އެކަނި މުޅި ޤައުމު ފޮތިފޮތިކޮށްލައި ބަހާލެވޭކަން. މި ރާއްޖޭގެ ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލީ. ރައްޔިތުން ނުކުމެ އަޑު އުފުލީ. އެ އަޑު އުފުލި ދުވަހު، އެ އަޑު އުފުލި ދުވަސްވަރު، އެންމެ ބާރަށް، އެންމެ ސާދާކޮށް، އެންމެ ފަށުވިކޮށް އަޑު އުފުލި ހަމަގައިމުވެސް އެއްރަށަކީ މި ފަރެސް މާތޮޑާ. މި ރާއްޖޭގެ ރައްޔިތުން އަބަދުވެސް މިރަށުގެ ރައްޔިތުންނަށް، އަޅުގަނޑު ދަންނަވާނީ ޝުކުރުވެރިވާނޭ. އަޅުގަނޑު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ޙައިޘިއްޔަތުން، ޑިމޮކްރަސީއަށްޓަކައި އަދި ވެރިކަން ބަދަލުކުރުމަށްޓަކައި، ޚުދު މުޚްތާރުކަން ނެތި، މި ރާއްޖެއިން ފޮހެލުމަށްޓަކައި މި ފަރެސް މާތޮޑާ ރައްޔިތުން ކުރި ނުހަނު ހިތްވަރުގަދަ މަސައްކަތަށްޓަކައި ޝުކުރު ދަންނަވަން.
 
މި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން މިސަރުކާރު ހިންގުމަށް ނުކުތީ، ފަރެސް މާތޮޑާގެވެސް ތަރައްޤީގެ ތަޞައްވުރެއް އޮވެގެން. ކުރެހުމެއް އޮވެގެން. ވިސްނުމެއް އޮވެގެން. ޕްލޭނެއް އޮވެގެން. އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުންގެ އަޑުއަހަމުން ގެންދިޔައީމު. މި ރަށުގައިވެސް އަޅުގަނޑަށް ޔަޤީން ނުހުންނާނެ ހިޔާވަހިކަމެއް، މި ޕާޓީގެ މެންބަރުން އެތަނަކަށް ޒިޔާރަތްކޮށް، އެތަނުގައި ތިބި ބަޔަކާ ވާހަކަ ނުދައްކާ ހަމަ އެންމެ ގެއެއްވެސް. އަޅުގަނޑު ނުދަންނަވާނަން މި ފަރެސް މާތޮޑާގައިވެސް ހުންނާނެއެކޭ. ރާއްޖޭގެ ރައްޔިތުންގެ އަޑު، މި ޕާޓީއިން އެހިން. މިހާރުވެސް ދަނީ އަހަމުން. ކުރިއަށް އޮތް ތަނުގައިވެސް އަހާނެ. އެ އަޑުތައް އެންމެފަހުން ފުރޭނިގެން އައިސް ވެގެން ދިޔައީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީ.ގެ ވަޢުދުތަކަށް. އެހެންވީމާ، ސަރުކާރުގެ ސިޔާސަތަށް. އަދި ވަކިން ޚާއްޞަކޮށް، ޤައުމީ ތަރައްޤީގެ އޮނިގަނޑަށް.
 
އެވާހަކަތަކުގެ ތެރެއިން އަޅުގަނޑުމެންނަށް ފާހަގަވި ކިތަންމެ ޙަޤީޤަތެއް ހުރި. ވަކިން ޚާއްޞަ ގޮތެއްގައި، މި ފަރެސް މާތޮޑާގައިވެސް ރައްޔިތުންގެ ތެރެއިން ތިންބައިކުޅަ އެއްބައި ރައްޔިތުންނަށްވުރެ ގިނަ ބައިވަރު މީހުންނަކީ، ނިކަމެތި ފަޤީރުންނޭ. އެމީހުންނަކީ، އެމީހުންނަށް ރެޔާ ދުވާލުގެ މައްޗަށް ވިހި ބާރަ ރުފިޔާ ނުލިބޭ މީހުންނޭ. އެމީހުންނަކީ އ.ދ. އެ ބަޔާންކުރާ ހައިހޫނުކަމުގެ ރޮނގުން ތިރީގައި ތިބި މީހުންނޭ. އަޅުގަނޑުމެން ހިތުގެ އަޑީން ގަބޫލުކުރަން، އެއްބަސްވަން. މިދިޔަ ދިގު 30 އަހަރުވެސް އަދި މިދިޔަ ދެއަހަރުވެސް، މި ރާއްޖޭގެ ރައްޔިތުންނަށް ދޭންޖެހޭ ކިތަންމެ ޚިދްމަތެއް އަދިވެސް މިއޮތީ، ރައްޔިތުން އެ އެދޭ މިންވަރަށް، އެ އެދޭ ފެންވަރުގައި، އެ އެދޭ ވަގުތުތަކުގައި ނުދެވިފައި. މިދެންނެވި ކަމުނުދާ ޚިދްމަތްތަކަށްވެސް އަދި ވަކިން މިއޮންނަނީ، ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއްބައި މީހުންނަށް އަތްނުފޯރާފައި. މިރަށުގައިވެސް މީހަކަށް ބައްޔެއްވެގެން ޑޮކްޓަރަކަށް ދެއްކުނު ނަމަވެސް، އެ ޑޮކްޓަރު ލިޔެވޭ ބޭސް ސިޓީއަށް ބޭސް ހޯދުމުގެ ތަނަވަސްކަމެއް، ފަރެސް މާތޮޑާގެ ގިނަ ރައްޔިތުންގެ ނުހުރޭ. އެހެންވީމާ، މި ޤައުމު އަދި މި ރަށް ތަރައްޤީ ކުރުމަށް ކޮންމެހެން ބޭނުންވާ އެންމެ ފުރަތަމަ ފިޔަވަޅަކީ، ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަން ރައްޔިތުންނަށް ހޯދައިދިނުން. މަދަނައިގެ ވިއުގަ ފެށިގެން އައީ، މިދެންނެވި ހިސާބުން. އެމް.ޑީ.ޕީ.ގެ ވަޢުދެއް ފުއްދުމަށްޓަކައި. ވަޢުދަކީ، ބޭސް ސިޓީއަށް ސަލާންޖެހުން، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރެއްގައި ހުއްޓުވާލާނަމޭ. މިރޭ އަޅުގަނޑުމެންނަށް އުފާވެރިކަން ލިބެނީ، ހިތްހަމަޖެހުން ލިބެނީ،  މި ފަރެސް މާތޮޑާގެ 346 މީހަކަށް މަދަނައިގައި ބައިވެރިވެ، ޚިދްމަތް ލިބެމުންދާކަމުން. އަޅުގަނޑުމެންނަށް މިރޭ ހިތްހަމަޖެހުން ލިބެނީ، 2010 ވަނަ އަހަރު އެކަނިވެސް ހަތްލައްކަ ހަތްދިހަ ހަތަރުހާސްރުފިޔާ، މި ފަރެސް މާތޮޑާ ރައްޔިތުންގެ ބޭސްފަރުވާއަށް ސަރުކާރުން ސީދާ ރައްޔިތުންނަށްދީގެން ޚަރަދު ކުރެވިފައި އޮތީތީވެ. އަޅުގަނޑު މިދަންނަވަނީ، މިތާ ހެލްތް ސެންޓަރު ހިންގަން މިފައިސާ ޚަރަދުކުރި ވާހަކައެއް ނޫން. ތިނަދޫ ހޮސްޕިޓާގައި ތިބި މީހުންނަށް މުސާރަ ދިނުމަށް މިފައިސާ ޚަރަދު ކުރެވުނު ވާހަކައެއް ނޫން. ހަމަ ސީދާ ފަރެސް މާތޮޑާ ރައްޔިތުންގެ ތެރެއިން މަދަނައިގައި ބައިވެރިވެފައި ތިބި މީހުންނަށް، ރައްޔިތުންނަށް ބޭސްފަރުވާ ކޮށްދިނުމަށްޓަކައި، ބޭސް ސިޓީއަށް ބޭސް ނަގައިދިނުމަށްޓަކައި ހަތްލައްކަ ހަތްދިހަ ހަތަރުހާސް ރުފިޔާ ޚަރަދު ކުރެވިފައިވާ ކަމަށް. އެއީ މި ސަރުކާރަށް ލިބޭ ހިތްހަމަޖެހުމެއް. އެއީ މި ޕާޓީއަށް ހިތްވަރު ލިބޭ ސަބަބު. އެއީ އަޅުގަނޑުމެން އުފާވާ ސަބަބު.
 
އަޅުގަނޑުމެންގެ ބޭނުމަކީ، ފަރެސް މާތޮޑާގެ ތަރައްޤީ. އަޅުގަނޑުމެންގެ އަމާޒަކީ، މިރަށު ރައްޔިތުން ތަނަވަސްވުން. ހާސްކަމެއްނެތި އުފަލުގައި މި ރައްޔިތުންނަށް އުޅެވޭނެ ގޮތެއް ހޯދުން. އެކަމަށްޓަކައި ފޯރުކޮށްދޭންޖެހޭ އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމަކީ، ކޮންމެހެން ބޭނުންތެރި ކަމެއް. އެ ރައްކާތެރި ކަމަށްޓަކައި ސަރުކާރުން ހިންގަމުން ގެންދާ މަސައްކަތްތައް އެބަހުރި. އަދި އެމަސައްކަތްތައް ފުޅާކޮށް، މިރަށުގެ ހުރިހާ ރައްޔިތުން މަދަނައިގެ ވިއުގައިގައި ހިމެނުމަކީ،        މި ސަރުކާރުގެ އަމާޒު. މި ސަރުކާރަށް ހިތްހަމަޖެހުން ލިބެނީ، މި 2011 ވަނަ އަހަރުވެސް، މިރަށުން މަދަނައިގައި ބައިވެރިވެފައި ތިބި 346 މީހުންގެ ތެރެއިން ކޮންމެ މީހަކަށްވެސް އެއްލައްކަ ރުފިޔާ، ބޭސްފަރުވާއަށްޓަކައި، ބަލިވެދާނެތީ މާލިއްޔަތުގައި ރައްކާ ކުރެވިފައިވާތީވެ. ބޭނުމަކީ މި ފަރެސް މާތޮޑާ ރައްޔިތުންގެ ޤަދަރާއި ޢިއްޒަތް ރައްކާތެރިކޮށްދިނުން. އެއް ވިޔަފާރިއެއް ގާތުން، އަނެއް މަހުޖަނެއް ގާތުން ބޭނުންވާ ބޭސްކޮޅު ހޯދުމަށް އާދޭސް ކުރަމުން، ސަލާން ޖަހަމުން ހިނގާއިރު، ރައްޔިތުންގެ ޤަދަރާއި އިއްޒަތް ރައްކާތެރިކަން ވަރަށް އުނދަގޫވާނެ. ސަރުކާރަކުން އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދޭންޖެހެނީ، ބޭސްކޮށްދިނުމަށްޓަކައި ފުރަތަމަ. ހަމަ އެހެންމެ، ރައްޔިތަކު އުފެއްދުމަށްޓަކައި. ޤަދަރާއި އިއްޒަތް ލިބިގެންވާ، ތިމަންނާއަކީ ޙައްޤުތަކެއް ލިބިގެންވާ ފަރެސް މާތޮޑާ މީހެކޭ ބުނެވޭފަދަ ރައްޔިތަކު އުފެއްދުމަށްޓަކައި. އަޅުގަނޑުމެންގެ އަމާޒަކީ މިދެންނެވީ. އަޅުގަނޑުމެންގެ ބޭނުމަކީ، މިތަނުގައި ޤަދަރުވެރި ރައްޔިތަކު އުފެއްދުން. ބިނާކުރުން. އަޅުގަނޑުމެން ކުރަމުން މިގެންދަނީ އެމަސައްކަތް.
 
މިރަށުންވެސް އަދި ރާއްޖޭގެ އެހެން ރަށްރަށުންވެސް މި ސަރުކާރަށްވެސް، މިޕާޓީއަށްވެސް ފެންނަމުންދިޔަ މަންޒަރުތައް ވަރަށް ސާފު، ވަރަށް ސާދާ. ދޮށީ ޢުމުރުގެ މީހުން އުޅެމުންދިޔަ ޙާލު. ޒަމާން ވަންދެން މަސައްކަތްކޮށް، މި ރާއްޖެ މިގޮތަށް ބިނާކޮށް، މިއަދު އަތްފައިގައި ވަރުނެތުނީމާ، ދެން ބިކަހާލުގައި ޖެހި، ހޮޅުއަށިތަކާއި، ގޮނޑުދޮށްތަކާއި، ރުއްރުއްދަށުގައި އަދި މާލޭގައިވެސް ބައިކުރަމުން ގެންދިޔަ ގޯތިތަކުގެ ހާސްކަމުގެ ތެރޭގައި، ދޮށީ ޢުމުރުގެ މީހުން ބިކަވެ ޙާލުގައި ޖެހިފައި ތިއްބައި، މި ޕާޓީ ދުށީ މަދެއްކޮނެއް ނޫން. މި ޕާޓީ އެއްގޮތަކަށްވެސް ގަބޫލުކުރާ ފަލްސަފާއެއް، ގަބޫލުކުރާ ސިޔާސަތެއް ނޫން، މި ރާއްޖޭގައި ޕެންޝަނެއް ޙައްޤުވަނީ ހަމައެކަނި ސަރުކާރުގެ ވަޒީފާ އަދާކުރި ބޭފުޅުންނަށް ކަމަށް ދެކެވޭ ދެކެވުން. އެހެންވީމާ، އެމް.ޑީ.ޕީ އިން ވަޢުދުވީ، އެމް.ޑީ.ޕީ ސަރުކާރެއްގައި، 65 އަހަރުން މަތީގެ ކޮންމެ މީހަކަށް، އަންހެނަކަސް، ފިރިހެނަކަސް ދެހާސް ރުފިޔާގެ ޕެންޝަނެއް ދިނުމަށް. އަޅުގަނޑުމެންނަށް މިރޭ ހިތްހަމަޖެހުން ލިބެނީ، އަޅުގަނޑުމެނަށް މިރޭ އުފާވެރިކަން ލިބެނީ، މި ފަރެސްމާތޮޑާގެ 97 މީހަކަށް، މިދެންނެވި ދެހާސް ރުފިޔާގެ ޕެންޝަން ދެމުން ގެންދާތާ މިހާރު މިވީ ރަނގަޅު ދެއަހަރު. އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބެނީ، މި ފަރެސްމާތޮޑާއަށް ކޮންމެ މަހަކު އެއްލައްކަ ނުވަދިހަ ހަތަރުހާސް ރުފިޔާ، ޕެންޝަންގެ ގޮތުގައި ޚަރަދު ކުރުމުގެ ފުރްޞަތު ސަރުކާރަށް ލިބެމުންދާތީ.
 
އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑުމެންގެ ބޭނުމަކީ، ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުން. އެކަނިވެރި މައިންނަށާއި، ޔަތީމު ކުދިންނަށް މިރަށުގައިވެސް މިދިޔަ     6 މަސް ދުވަހުގެ ތެރޭގައި، މިރަށުގެ 47 މީހަކަށް ދެލައްކަ އެއްހާސް ރުފިޔާ ޚަރަދު ކުރުމުގެ ފުރްޞަތު، މި ސަރުކާރަށް ލިބިފައި އޮތްކަމީ، ސަރުކާރަށް ހިތްހަމަޖެހުން ލިބޭ ކަމެއް. ސަރުކާރުގެ އަމާޒަކީ، އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމް އިތުރަށް ކުރިއެރުވުން. މިރަށުގެ ހުރިހާ ރައްޔިތުން، ޕްރޮގްރާމްގައި ބައިވެރި ކުރެވޭނެ ގޮތެއް އަޅުގަނޑުމެން ހޯދުން. އެކަމަށްޓަކައި އަޅުގަނޑުމެން އެބަ އެދެން، ފަރެސް މާތޮޑާ ރައްޔިތުންގެ ކިބައިން، ތިޔަބޭފުޅުންގެ ވޯޓް، އެމް.ޑީ.ޕީ ކެންޑިޑޭޓުންނަށް ދެއްވާށޭ.
 
އަޅުގަނޑުމެންގެ ބޭނުމަކީ، މިރަށުގެ ތަރައްޤީއޭ. މިރަށުގެ ތަރައްޤީ ހޯދުމަށްޓަކައި ފުރަތަމަ ކުރާން މިޖެހޭ ކަމަކީ، އިޖްތިމާޢީ ރައްކާތެރިކަން ހޯދުމޭ. އެކަމުގެ އޮނިގަނޑު، އެކަމުގެ ސިޔާސަތު ސަރުކާރުން އެވަނީ އެކުލަވައިލާފައި. އެ ސިޔާސަތު ތަންފީޛު ކޮށްދިނުމަށް ސަރުކާރުން އެދެން ބޭނުންވަނީ، މިރަށުގެ ރަށު ކައުންސިލަށް. އެ ރަށު ކައުންސިލަކީ، އެކަން ކޮށްދޭން ބޭނުންނުވާ ބަޔަކަށްވާ ކިތަންމެ ސަބަބެއް، ވެދާނެ ކިތަންމެ ސަބަބެއް އެބަހުރި. އެންމެބޮޑު ސަބަބަކީ، ވެރިކަމުގެ ދަހިވެތިކަން. ފަރެސް މާތޮޑާ ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ސަރުކާރަކުން ފޯރުކޮށްދެވިއްޖެނަމަ، އޭގެ ސަބަބުން މިރަށު ރައްޔިތުން، މި ސަރުކާރާމެދު ހިތްހަމަޖެހުން އުފެދޭނެ. ހިތް ޙަލާލުވާނެ. އެހެންވީމާ، ދެން އަންނަ ރިޔާސީ އިންތިޚާބެއްގައި، ފޭލްވީ ބޭފުޅުންނަށް އަލުން އަނބުރާ ވަޑައިގަންނަވަން ދަތިފުޅުވާނެކަން، އެބޭފުޅުންނަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާ. މާލިއްޔަތު ޤާނޫނު ހުއްޓުވާލަން މަސައްކަތް ކުރެއްވީ، އިތުރު އެއްވެސް ސަބަބަކާހުރެއެއް ނޫން. ހަމަ އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމަށް ހުރަސް އެޅުމަށްޓަކައި. ސަބްސިޑީއެއް ނުދެވޭނޭ ވިދާޅުވާން ބޭނުންވީ. އެހީތެރިކަމެއް ފޯރުކޮށެއްނުދެވޭނެއޭ ވިދާޅުވާން ބޭނުންވީ. އެއީ، ދައުލަތުގެ މާލިއްޔަތޭ، އެއެއް ސަރުކާރަކަށެއް ނުބެހޭނެއޭ. މާލިއްޔަތު ޤާނޫނަށް ގެނައި އިޞްލާޙު ގެނައުމަށްޓަކައި ދެކެވުނު ވާހަކަތައް، ލީކްވީ ފޯންކޯލްތަކުން އަޅުގަނޑުމެނަށް އަޑުއިވުނު. އެ މާލިއްޔަތު ޤާނޫނަށް އިޞްލާޙު ގެނައުމަށްޓަކައި، އެބޭފުޅުންގެ މެދުގައި ކުރެވުނު މަޝްވަރާތައް އަޅުގަނޑުމެންނަށް ސާފުވި.
 
ބޭނުންވީކީ ސަރުކާރު ޖަވާބުދާރީ ކުރުވާކަށެއް ނޫން. ބޭނުންވީކީއެއް ސަރުކާރުން ކުރާ ކަންކަން ރަނގަޅު މަގުގައި ބަހައްޓާކަށެއް ނޫން. ބޭނުންވީ ސަރުކާރުން ކުރަމުން އައި ކަންތައް ހުއްޓުވާލަން. މިތަނުގައިވެސް ތިޔަބޭފުޅުން އުފައްދަވާ ރަށު ކައުންސިލް އެއީ، މި ފިކުރު ގަބޫލުނުކުރާ ރަށު ކައުންސިލަކަށް ވެއްޖެނަމަ، އުފެދޭ ކައުންސިލްގެ އުންމީދަކީ އަދި ރަށް ތަރައްޤީ ކުރަން ބޭނުންވި ކަމުގައިވިޔަސް، ޕާޓީ ނިޒާމްގައި މަސައްކަތް ކުރާއިރުގައި، އެނގިވަޑައިގަންނަވާނެ، އެކުލަވައިލަންޖެހޭނީ، އަޅަންޖެހޭނީ ވިޓަލަމް. ސީދާ މައި އޮފީހުން އަންގަންޖެހޭނީ، އެވެނި ކަމެއް، މިވެނި ކަމެއް، މިވެނި ގޮތަކަށް، އެވެނި ގޮތަކަށް ކުރުމަށް. އަދި ވަކިން ޚާއްޞަކޮށް، އެތެރޭގެ ޑިމޮކްރަސީވެސް, ސިޔާސީ ޕާޓީތައް ހިނގަމުން އަންނާނީ ހަމަ އެންމެ މީހަކު ބުނާ ބަހަކަށް. އެންމެ މީހަކު އެދޭ ގޮތަކަށް. އެމީހާ އެދަނީ ދަރިދަރިކޮޅަށް، ތިމަންނާއަށް މިރާއްޖޭގެ ވެރިކަން ކަން ކަމަށްވަންޏާ، ދެން އެ ޕާޓީއެއް      އެ އެނބުރެނީ، އެ ދަރިދަރިކޮޅަށް، އެވެރިކަން ރުކުރުވާލުމަށްޓަކައި.
 
އަޅުގަނޑުމެން ފަރެސް މާތޮޑާ ރައްޔިތުންގެ ކިބައިން މި ކައުންސިލަށް މިއެދެނީ، މިދެންނެވި މަގަށް މި ރާއްޖެ ދިޔުމަށް އަޅުގަނޑުމެން ނޭދޭތީވެ. މި ސަރުކާރުން މި ޕާޓީއިން މިރަށު ރައްޔިތުންގެ ކިބައިން އެމް.ޑީ.ޕީ.ގެ މެންބަރުންނަށް ވޯޓް ދެއްވުމަށް މި އެދެނީ، މިއަދަކަށް ނޫން. އަދި ސަރުކާރަށްދޭ ވޯޓެއް ދެއްވުމަކަށްވެސް ނޫން. ޕާޓީއެއްދޭ ވޯޓެއް އެކަނި ދެއްވުމަކަށްވެސް ނޫން. އަންނާން އޮތް މި ފަރެސް މާތޮޑާގެ ޖީލަށްދޭ ވޯޓެއް ދެއްވުމަށްޓަކައި. އަޅުގަނޑުމެންގެ ޕްރޮގްރާމްތައް ރަނގަޅަށް ހިންގުމަށްޓަކައި. މި ރާއްޖެ ބަދަލުކުރުމަށްޓަކައި. މި ރާއްޖޭގެ ރައްޔިތުންނަށް ތަނަވަސް ދިރިއުޅުމެއް ހޯދައިދިނުމަށްޓަކައި. އަޅުގަނޑުމެންނަށް އެމަސައްކަތް ކާމިޔާބުވާތަން ވަރަށް ސާފުކޮށް ފެންނަމުން އެބަދޭ. އަޅުގަނޑުމެންނަށް މި ރާއްޖެ އަދި މި މާތޮޑާ، މި ފަރެސް މާތޮޑާ ބަދަލުކުރެވޭނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް.
 
 މާތޮޑާވެސް ތަރައްޤީ ކުރެވޭނީ، އަދި ކޮންމެ ޤައުމަކަށްވިޔަސްވެސް ތަރައްޤީ ކުރެވޭނީ، އެ ޤައުމެއްގެ ރައްޔިތުން ތަރައްޤީވީމާ. މާތޮޑާވެސް ތަރައްޤީވާނީ، ފަރެސް މާތޮޑާވެސް ތަރައްޤީވާނީ، ފަރެސް މާތޮޑާ ރައްޔިތުން ތަރައްޤީވީމާ. މިރަށުގައި އަޅާ ބިނާއަކުން، މިރަށުގައި ކުރާ ޢިމާރާތަކުން އެކަނި މިރަށެއް ތަރައްޤީއެއް ނުވާނެ. މިރަށް ތަރައްޤީ ކުރުމަށްޓަކައި ކުރާން ޖެހިފައި އޮތް އެންމެ މުހިންމު ކަމަކީ، މިރަށު މީހާއަށް ތަންދޮރު އެނގޭނޭ ގޮތެއް ހޯދުން. މިރަށު ދަރިންނަށް ރަނގަޅު ތަޢްލީމެއް ދެވޭނެ ގޮތެއް ހޯދުން. ފުރްޞަތު ލިބުނީމާ، މިރަށު ދަރިންނަށްވާ ގޮތް އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް ފެންނަން އެބައޮތް. ފުރްޞަތު ލިބުނީމާ، މި ހުވަދޫ ދަރިންނަށްވާގޮތް އަޅުގަނޑުމެންނަށް ނުހަނު ސާފުކޮށް ފެންނާން އެބައޮތް. އަޅުގަނޑު މިދަންނަވަނީ ހަމަ ޢަބްދުﷲ ޖާބިރުގެ ވާހަކަ. އަޅުގަނޑު މިދަންނަވަނީ ހަމަ ޒާހިރުގެ ވާހަކަ. އަޅުގަނޑު މިދަންނަވަނީ ހަމަ އަސްލަމްގެ ވާހަކަ. އަޅުގަނޑުމެންނަށް އެބަ ފެނޭ، އެބަ އެނގޭ، މި ރާއްޖޭގެ އެންމެ ކުރީ ސަފުގައި ހުރިހާ މަސައްކަތެއްގައިވެސް ހުވަދޫ މީހުން ކުރިއަރައިދާގޮތް. އަޅުގަނޑުމެން އަބަދުވެސް ޢަޖައިބުވޭ، ދެގަނޑު ފަނާއެކީގައި ފެށި މީހަކު، އެތައް ރިޒޯޓަކާއެކުގައި ޢުމުރު ދެބައި ނުވަނީސް އިންނެވީމާ، އެއީ ދެން ޢަޖައިބެއްކަން. އެހެންވީމާ، އަޅުގަނޑު ދަންނަވަނީ، މި ހުވަދޫ ކިޔާ އިންޖީނުގައޭ މި ރާއްޖެ ތަރައްޤީވާނީ. ރާއްޖޭގެ ތަނަވަސްކަން މިއަދަކު އެކަންޏެއް ނޫން. ރާއްޖޭގެ ތިޔާގިކަން އަބަދުވެސް ގުޅިފައި ހުންނާނީ، ހުވަދޫގެ މަސްވެރިކަމުގެ ތިޔާގިކަމާ. ހުވަދޫގެ ރުއްރުކުގެ މަތިވެރި ރަނގަޅު އަހަރު އަހަރާއި، މަސްވެރިކަން ހެޔޮ އަހަރު އަހަރާއި، ރާއަށް ވަރުވާއަށް ލިބޭ އެއްޗެހި އެތައް ބަޔަކު ގިނަވެ، އެހެންވީމާ، ރާއްޖެ ތިޔާގިވެ، ތަނަވަސްވޭ. ތެދުފުޅެއް، އޭރު އެހުރިހާ އެއްޗެއް ހަމަ ކާން ލިބެނީ ގޭގޭ ތަށިމައްޗަށް. އަޅުގަނޑުމެން މި ރާއްޖެ ބަދަލުވަމުންދާއިރުގައިވެސް، ހުވަދުއަތޮޅުގެ މުއްސަނދިކަން އަދި ހުވަދުއަތޮޅުގެ ޤުދްރަތީ ވަސީލަތްތައް މި ރާއްޖޭގެ ތަރައްޤީއަށް އަޅުގަނޑުމެންނަށް ބޭނުންކުރެވިދާނެ. މިސަރުކާރު ހިންގުމަށް އަދި މި ސަރުކާރަށް ހިންގުމައިގެން އަޅުގަނޑުމެން ނުކުމެ މިތިބީ، މިދެންނެވި ތަރައްޤީ ހޯދުމަށްޓަކައި. މިދެންނެވި ބަދަލު މި ރާއްޖެއަށް ގެނައުމަށްޓަކައި. އަޅުގަނޑަށް ޔަޤީން، އަޅުގަނޑުމެންނަށް ތިޔަބޭފުޅުންނާ އެކުގައި އެމަސައްކަތް ރަނގަޅަށް ކުރެވޭނެކަން. ވަށާޖެހޭ ތަޢްލީމާއި، އެއްދަންފަޅީގެ މަދްރަސާ، މި ފަރެސް މާތޮޑާގައި ޤާއިމް ކުރުމަކީ ސަރުކާރުގެ އަމާޒެއް. އެކަން އިރާދަކުރެއްވިއްޔާ، މި ސަރުކާރުގެ ދައުރުގެ ތެރޭގައި، އަޅުގަނޑުމެން ކުރާނަން.
 
މިއަހަރުގެ ތެރޭގައި، މިދިޔަ އަހަރުގެ ތެރޭގައި، ސަރުކާރަށް ރާއްޖެއަށް ފެނުނު އެއް މަންޒަރަކީ، މަސްވެރިކަމުގެ އާލާތް ހެދުމުގައި ދައުލަތުންދޭ އެންމެ މަތީ އެއް އިނާމު މިދިނީ މިރަށު ރައްޔިތަކަށް، ބުޅި ޖެހުމުގައި. އަޅުގަނޑުމެންގެ ބޭނުމަކީ، އެމަސައްކަތް އަދި އެބާވަތުގެ މަސައްކަތްތައް އެއީ ހަރުދަނާ ވިޔަފާރިއަށް، ފައިދާހުރި އަދި ވަޒީފާގެ ފުރްޞަތުތައް ހޯދައިދޭ ވިޔަފާރިއަށް ބަދަލުކުރުން. އަޅުގަނޑުމެންގެ އަމާޒަކީ، އަމިއްލަ ވިޔަފާރިތައް ކުރިއަރުވައިގެން، އެ ވިޔަފާރިތައް މެދުވެރިކޮށްގެން، އިތުބާރު ހުރި ވަޒީފާތައް އަތޮޅުތަކުގައި އިތުރުކުރުން. އިރާދަކުރެއްވިއްޔާ، މިއަހަރުގެ ތެރޭގައި ބަޖެޓްގައި އޮތީ ހިމެނިފައި. ލުއި ލޯނު، މި ފަރެސް މާތޮޑާގެ ވިޔަފާރިވެރިންނަށްވެސް ލިބޭނެ. އަދި އުފެއްދުންތެރިންނަށް ވަކިން ޚާއްޞަކޮށް، އެ ލޯނުތައް ފަހިވެގެންދާނެ. އަޅުގަނޑުމެންގެ އެންމެ މަސައްކަތަކީ، ރާއްޖޭގެ ގިނަ ބައިވަރު ރައްޔިތުންގެ އާމްދަނީ އިތުރުކޮށްދިނުން.
 
މި ސަރުކާރު، ސަރުކާރު ހިންގުމާ ޙަވާލުވުމުގެ ކުރީގައި، އެމް.ޑީ.ޕީ އިން ވަޢުދުވަމުން ގެންދިޔަ. އަޅުގަނޑު ހޯނޑެއްދުއަށް ދިޔައިރު ޖަހާފައި އޮތް، އަޅުގަނޑުމެން ވަޢުދުވިއޭ، 14 ރުފިޔާއަށް މަސް ކިލޯއެއް ގެންގޮސްދޭނެ ކަމަށް. ތިޔަބޭފުޅުން ހަނދުމަފުޅު ހުންނާނެ، ފަރެސް މާތޮޑާ މަސްވެރިން ވަރަށް ރަނގަޅަށް. ސާފުކޮށް ހަނދުމަފުޅު ހުންނާނެ. މީގެ އަހަރުތަކެއް ކުރީގައިވެސް ކިލޯ ހަމަނުވާ މަހަކަށް އެލިބެނީ ދެރުފިޔާބައި. 2008 ވަނަ އަހަރާ ހަމައަށް އައިއިރުވެސް ގިނަވެގެން ފަސްރުފިޔާ. މަސްވެރިކަމުގެ ސިޔާސަތު ބަދަލުކޮށް، މަސްވެރިކަން ހުޅުވާލެވުނީމާ، މިއަދު ކޫއްޑޫންވެސް ނުވަ ރުފިޔާއަށް މަސް ކިލޯއެއް އެބަ ގަނޭ. އަދި އެއަށްވުރެ އަދި މާ ބާރަށް އަމިއްލަ ފަރާތްތަކުން މިހާރު އަންނަނީ، ބާރަ ރުފިޔާ، ތޭރަ ރުފިޔާ، ސާދަ ރުފިޔާއަށްވެސް ކިލޯއެއް ގަންނަމުން. އަޅުގަނޑުމެންނަށް ޔަޤީން، މަސްވެރިކަމުގެ ޞިނާޢަތު ހުޅުވާލެވިއްޖެނަމަ، ހުޅުވާލެވުމުން ދިވެހިރާއްޖޭގެ މަސް ގަންނަން ބޭނުންވާ މީހުން ބައިވަރު. އެމަހުގެ ހަމަ އަގު ރާއްޖޭގެ މަސްވެރިންނަށް އިރާދަކުރެއްވިއްޔާ ހޯދައިދެވޭނެ. އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންގެ އަމާޒަކީ ރައްޔިތުން މުއްސަނދިވުން.
 
އަޅުގަނޑުމެން މި ކައުންސިލްގެ ގޮނޑިތައް އެމް.ޑީ.ޕީ އަށް ދެއްވުމަށް މި އެދެނީ، އެމަސައްކަތް ކުރުމަށް. ރައްޔިތުން މުއްސަނދި ކުރުމުގެ މަސައްކަތުގައި، އަޅުގަނޑުމެންނަށް ޝާމިލްވެވޭނެ ގޮތް، އުޅެވޭނެ ގޮތް އަޅުގަނޑުމެންނަށް ފަހިކޮށްދެއްވުމަށް. ސަރުކާރުގެ ބޭނުމަކީ، ހަމަ އެންމެ ބޭނުމެއް. މި ރައްޔިތުންނަށް ޚިދްމަތް ކޮށްދިނުން. ސަރުކާރު އުފެދިފައި އޮންނަނީ،          އެ ރައްޔިތުންގެ ކިބައިން ރައްޔިތުންނަށްޓަކައި ޤާނޫނުއަސާސީވެސް އަދި އަޅުގަނޑުމެން އެންމެންވެސް ހިތުގެ އަޑީން ގަބޫލުކޮށް މިތިބީ، އެންމެ މުހިންމު، އެންމެ ވަރުގަދަ މުއައްސަސާއަކީ ރައްޔިތުންނޭ. އެރައްޔިތުންނަށް ހެވާއި ލާބަ ނުލިބޭ ގޮތަކަށް ހިނގާ ވެރިކަމުގެ ނިޒާމެއް އެއީ، ބޭނުންތެރި ނިޒާމެއް ނޫނޭ.
 
ލާމަރްކަޒީ އުޞޫލުން ރަށްރަށް ހިންގުމަކީ، ރާއްޖެ ހިންގުމަކީ ރައްޔިތުންގެ ގާތުން ރައްޔިތުންނަށްޓަކައި، ރައްޔިތުންގެ އިޙްސާސްތަކާ އެއްގޮތްވާ ގޮތުގެ މަތިން، މި ވެރިކަން ކުރުން. އެކަން ކުރުމަށްޓަކައި މި ބޭނުންވަނީ، ރަށްވެރިކަން ތަރައްޤީކުރުން. ލާމަރްކަޒީ އުޞޫލުން ރާއްޖޭގެ ރަށްތައް ހިންގުން. ހިނގަން މިއުޅޭ ކަމަކީ، ކުޑަކަމެއް ނޫން، ޒާހިރު ފާހަގަކުރައްވައިފި. ރަށްކުރިއަރުވާ ކޮމިޓީއެއް ހަދަނީކީއެއް ނޫން. ޖިންސުއްލަޠީފުންގެ ރޫޙެއް ހަދަނީކީއެއްވެސް ނޫން. ވަކިން ޖަމްޢިއްޔާއެއް ހިންގަން އުޅެނީކީވެސް ނޫން. ކުރަން މިއުޅޭ ކަމަކީ، އެތައް ސަތޭކަ އަހަރު ވަންދެން މާލެއަށް އެއްވެފައި ހުރި ބާރު، އެއިން ބައެއް މި ފަރެސް މާތޮޑައަށް ދިނުން. އަޅުގަނޑުގެ ރަށުގައި ހުރި އެއްޗަކުން ބައެއް، މިރަށަށްދޭން.
 
އެކަން ކުރާން މިއަދު މިތިބީ އަޅުގަނޑުމެން. އެކަން ކުރުމުގެ ފިކުރު ގެންގުޅުނީވެސް އަޅުގަނޑުމެން. އެކަން ކުރުމަށް އެދި މިއުޅެނީވެސް އަޅުގަނޑުމެން. މާލޭގެ ވަރަށްގިނަ ރައްޔިތުން މާލޭގައި އެއްވެފައި އެއޮތް ބާރު ދޫކޮށްލުމާ މެދުގައި އަދިވެސް ކިތަންމެ ގޮތަކަށް ވިސްނައިދާނެ. މާލެއަށް އެ ބާރު އެއްވެފައި އެއޮތީ އެއްދުވަހަކުން، ދެދުވަހަކުންނެއް ނޫން. އެތައް ސަތޭކަ އަހަރަކުން މާލޭގެ ވެރިކަމުގެ ޚާންދާންތަކުން، ބައެއްފަހަރަށް ތޮޅެގެން، ބައެއްފަހަރަށް ހުވަދޫ މީހުން އަތުން، އަނެއްބައިފަހަރަށް ލޯބިން ހޯދާފައިވާ ބާރު.
 
މިއަދު އަޅުގަނޑުމެންނަށް ލިބިފައިވާ ނަޞީބަކީ، އެމް.ޑީ.ޕީ.އޭ އަޅުގަނޑު ދަންނަވާނީ. އެ ޕާޓީގެ ލީޑަރޝިޕް ތިޔަބޭފުޅުން ބައްލަވާލައްވާ. އޭގައި އެތިއްބެވީ ކޮންބޭފުޅުންނެއްތޯ. އެއީ، މިދެންނެވި ޚާންދާންތަކުގެ މިއަދުގެ ޖީލު. އެއީ މި ވެރިކަން އަދި މި ބާރު، މިރަށްރަށަށް ދިނުމަށް މިހާރު ނުކުމެ ތިއްބެވި ބޭފުޅުންނަކީ. އެ ބާރު ބެހުމުގެ ބަލަދުވެރިންނަކީ އަޅުގަނޑުމެން. އެހެން ބައެއް ނޫން. އަޅުގަނޑުމެން އެހެންވެ މި އެދެނީ އިޚްލާޞްތެރިކަމާއެކުގައި ވޯޓް ދެއްވާށޭ އަޅުގަނޑުމެންނަށް. ފުރްޞަތެއް ދެއްވާށޭ އަޅުގަނޑުމެންނަށް. މި ބާރު އިންޞާފުވެރިކަމާއެކީގައި މިއަދު ނުބެހިއްޖެނަމަ، މާދަމާ މިކަން ކުރުމުގެ ފުރްޞަތު އޮންނާނެ ކަމަށް ކޮންމެހެން ދެކެވަޑައިގަންނަވާނެ ކަމެއް ނެތް. ރަނގަޅު ހަރުދަނާ ޤާނޫނުތަކެއްގެ ތެރޭގައި، ރަނގަޅު ވަރުގަދަ ޑިމޮކްރަސީއެއްގެ ބިންގާ އަދި       މި ރާއްޖޭގެ ޘަޤާފަތުގެ ތެރޭގައި ނުނެގިއްޖެނަމަ، އަޅުގަނޑުމެން މިއެދޭ ގޮތެއް ނޫން ކޮންމެހެން މާދަންވާނީކީއެއް ނޫން. ހަމަ އެއްވެސް ކަމެއް ނޫން. އަދިވެސް މިރަށުން ފަންސާހަކަށް މީހުން ހައްޔަރު ކުރީމާ ރަށް މަޑުވާނެ. މީހުންގެ ޚިޔާލު ހުންނާނީ އެގޮތަށް. މާލެއިންވެސް ދުއިސައްތަ، ތިންސަތޭކަ މީހުން ކުޑަގޮޅިއަށްލައި އަނދަގޮނޑި ޖެހީމާ މާލެވެސް މަޑުވާނެ. ރައްޔިތުންގެ މަޖިލީހުންވެސް ހައެއްކަ މީހުން ހައްޔަރުކޮށްލީމާ އެތަންވެސް މަޑުވާނެ. އަދި ފުލުހުންނާއި ސިފައިން، މިއެންމެ މުއައްސަސާތަކަށް ގާތްތިމާގެ މީހުން ގެނެސް، އެމީހުން ލައްވައި އެތަންތަންވެސް ހަމަ އަނބުރާލެވިދާނެ.
 
އަޅުގަނޑުމެން މިއުޅެނީ އެ ވެރިކަން ކުރާކަށެއް ނޫން. އަޅުގަނޑުމެން މިއުޅެނީ، އެކަން މި ރާއްޖޭގައި ވިޔަނުދޭން. އަޅުގަނޑުމެންނަށް އެނގޭ، މި ރާއްޖެ ހިނގަމުން އައި ގޮތް. މާޒީގައިވެސް މި ރާއްޖެ ހިނގަމުން އައިގޮތް. އެ މާޒީއިން ތަޖްރިބާ ހޯދައިގެން، ފިލާވަޅު ލިބިގެން، ޒާހިރު އެ ބުނުއްވީ އަޅުގަނޑުމެންގެ މުސްތަޤްބަލް ބިނާކުރާށޭ. އަޅުގަނޑު ދަންނަން އެ މާޒީ. ޒާހިރަށްވެސް އެނގިލައްވާ. އެ މާޒީއަށްދާކަށް އަޅުގަނޑުމެންނެއް ބޭނުމެއް ނޫން. އަޅުގަނޑުމެންނެއް ބޭނުމެއް ނޫން، އަޅުގަނޑުމެންގެ ދަރިން ކުޑަގޮޅީގައި ބައިތިއްބާކަށް. އަޅުގަނޑުމެންނެއް ބޭނުމެއް ނޫން، އަޅުގަނޑުމެންގެ ދަރިން އަނދަގޮނޑި ޖަހާކަށް، އެއްހުޅު ބިޑި އަޅާކަށް، ޗޭނުޖަހާކަށް، އޭންގަލަށް ނަގާކަށް، ނެސްޕްރޭ ދަޅެއްމަތީ ބައިންދައި މަރާލާކަށް އަޅުގަނޑުމެންނެއް ބޭނުމެއް ނޫން. އަޅުގަނޑުމެން ބޭނުމީ، މި ރާއްޖެ ބަދަލުކުރަން. އަޅުގަނޑުމެން ބޭނުންވަނީ، އެ ޔަޤީންކަން ރާއްޖޭގެ މުޖްތަމަޢަށް ގެންނަން. އެ ގެނައުމަށް ކަން ކުރާން ޖެހޭނީ ވަކިގޮތަކަށް، ވަކިކަމެއް. އެކަން ކުރަމުން އަޅުގަނޑުމެން މިގެންދަނީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މެނިފެސްޓޯގެ ތެރެއިން. ވަކި އޮނިގަނޑެއްގެ ތެރެއިން، ވަކި ތަރުތީބަކުން. އަޅުގަނޑު މިރޭ މި އެދެނީ، އެކަން އަޅުގަނޑުމެން ކުރިޔަ ދެއްވާށޭ. އަޅުގަނޑުމެންނަށް އެ ފުރްޞަތު ދެއްވާށޭ. އަޅުގަނޑުމެންނަށް ޒައްރެއްގެ މިންވަރުގެ ފުރްޞަތެއް ދެއްވިޔަސްވެސް، މޭލެއް އިރާދަކުރެއްވިއްޔާ އަނބުރާ ތިޔަބޭފުޅުންނަށް ދޭނަން.
 
އަޅުގަނޑުމެންގެ އަބަދުވެސް ދުޢާއަކީ، މި ރާއްޖޭގެ ކުރިއެރުން. އަޅުގަނޑުމެންގެ އަބަދުވެސް ބޭނުމަކީ، އަޅުގަނޑުމެން އެންމެންގެ އުފާވެރިކަމާއި ތަރައްޤީ. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ބާއްޖަވެރި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.
 
والحَمْـدُ لِلّـهِ. والســّلام عليــكم.
 
_______________________