بســماللّـهالرّحمـنالرّحيــم

       
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން. ދައުލަތުގެ ވަޒީރުން. އެހެންވެސް ދައުލަތުގެ ވެރިންނާއި، އަމިއްލަ ކުންފުނިތަކުގެ ވެރިންނާއި، އަދިވެސް މިތަނަށް ވަޑައިގެން ތިއްބެވި އެންމެ ބޭފުޅުން.
 
السّـلام عليـكم
 
މާލެއަކީ މުޅި ދުނިޔޭގައި އެންމެ ތޮއްޖެހިފައި އޮތް އެއް ބިންކޮޅު. މާލެއަށްވުރެ ވަކި ބޮޑަށް ތޮއްޖެހިފައި އޮތް ބިމެއް، ދެން އޮތް ކަމަށް އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތީ، ޓޯކިޔޯގެ ބައެއް ސަރަޙައްދުތަކާއި އަދި ހޮންގކޮންގގެ ބައެއް ސަރަޙައްދުތައް. އެހެން ނަމަވެސް، މާލެއާ އެއްވަރަށް މުޅި ރަށްއެކީ ތޮއްޖެހި އަދި ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް މާލޭގައި ދިރިއުޅެން ޖެހިފައި އޮތްއިރު އަދި ދުވަހުން ދުވަހަށް މާލޭގެ އާބާދީ ބޮޑުވަމުންދާއިރު، އަޅުގަނޑުމެނަށް މާލޭގެ މައްސަލަތައް ޙައްލުކުރުން ލަސްކުރެވޭކަށެއް ހަމަ އެއްގޮތަކަށްވެސް ނެތް. މިއަދުން މިއަދަށްވެސް މިކަންކޮށް ނިންމަން ސަރުކާރުން ބޭނުންވޭ، ސަރުކާރު އެދޭ. ދެއަހަރު ދުވަސް ވޭތުވެދިޔަކަމީވެސް، އަޅުގަނޑުމެންނަށް ލިބުނު ވަރަށްބޮޑު ގެއްލުމެއް. އަޅުގަނޑުމެންނަށް ލިބުނު ވަރަށްބޮޑު ހިތާމައެއް.
 
މިއަދު މިއީ ވަރަށް އުފާވެރި ދުވަހެއް. އަޅުގަނޑުމެން ހިންގަމުން މި އައި މަޝްރޫޢު، ޢަމަލީ ގޮތުން ފެށި، މިތަނުގައި 13 މިލިއަން އަކަފޫޓްގެ ބިން، މާލެއާއި އަދި އެހެންވެސް ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ބޭނުން ކުރުމުގެ ފުރްޞަތު، އިރާދަކުރެއްވިއްޔާ، ދާދި އަވަހަށް ލިބިގެންދާނެ. މާލޭގެ ގުދަންތަކާއި އަދި މާލޭގެ އެހެންވެސް އެކިއެކި މަސައްކަތްތަކަށް ބޭނުންވާ ބިން ލިބިގެން ނޫނިއްޔާ، އަޅުގަނޑުމެން މި އެދޭ ތަރައްޤީ، އަޅުގަނޑުމެން މި އެދޭ ބަދަލު، މާލެއަކަށް ނުގެނެވޭނެ. ރާއްޖެއަކަށްވެސް ނުގެނެވޭނެ.
 
އަޅުގަނޑު ޔަޤީން ކުރަނީ، އޮމާންކަމާއެކީގައި އަދި ތާވަލު ކުރެވިފައިވާ ގޮތަށް މަސައްކަތް ގެންގޮސް ނިންމޭނެ ކަމަށް. އަޅުގަނޑުމެން އުންމީދު ކުރަނީ، 2011 ވަނަ އަހަރު ނިމި، 2012 ވަނަ އަހަރުގައި، މި ކުންފުނީގެ ފަރާތުން އެކިއެކި ފަރާތްތަކަށް ބިން ކުއްޔަށް ދިނުމާއި، ވިއްކުމާ، އެ މަސައްކަތް ފަށައިގަނެވޭނެ. އަދި ހަމަ އެހެންމެ، މިތަނުގެ މަގުތައް ހެދުމާއި، ފެނާއި، ނަރުދަމައާއި، ކަރަންޓާ، އަދި ޝޯ ޕްރޮޓެކްޝަން ނުވަތަ ގޮނޑުދޮށް ރައްކާތެރިކުރުމާ،    މި މަސައްކަތްތަކަކީ ކުރާން އިތުރަށް ހުރި މަސައްކަތް. މިއިން މަޝްރޫޢެއްގައި ފަސްއެޅުން އެއީ، މުޅިން ހުރިހާ ކަމެއް ނޫން. އޭގެއިތުރަށް، ރަނގަޅު ތަނެއްގެ ގޮތުގައި، ރަނގަޅު ބިމެއްގެ ގޮތުގައި އަދި ބޭނުންކުރެވޭ ތަނެއްގެ ގޮތުގައި ބިން ހަދައި، ވިޔަފާރީގެ ގޮތުން އެ ބިން ބޭނުންކުރެވޭނޭ އުޞޫލުތަކުގެ ތެރެއަށް ދެވޭނެ މަގު، އަވަހަށް ތަނަވަސްވާނެ ގޮތްތަކެއް އަޅުގަނޑުމެން، ސަރުކާރުން ހައްތަހާވެސް އެދެނީ.
 
އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް މިއަދު ފެންނަމުން މިދަނީ، މިމަސައްކަތްތައް ކުރިއަށްދާތަން. އާދެ! އަޅުގަނޑު ދަންނަވާނީ، މާލެއާއި މިތަނާ ރަނގަޅު ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން ގުޅާލެވި، އޭގެ ސަބަބުން، މާލެއަށް ނުހަނު ގިނަ ލުއިވެގެންދާނެއޭ. އަދި ރާއްޖޭގެ އެތައް ވިޔަފާރިއަކަށް، މީގެ ކިތަންމެ ފައިދާއެއް ވެގެންދާނެއޭ.
 
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑު މިކަމުގައި، މިމަސައްކަތާ ޙަވާލުވެ، މަސައްކަތް ކުރިއަށްގެންދާ ކުންފުންޏަށާއި އަދި ތިލަފުށި ކޯޕަރޭޝަނަށާއި އަދިވެސް ސަރުކާރުގެ އެހެން މުއައްސަސާތައް، މިކަމުގައި ބައިވެރިވާ، މި އެންމެ ފަރާތްތަކަށް ޝުކުރު ދަންނަވަން. އަޅުގަނޑުމެންގެ ހައްތަހާވެސް ބޭނުމަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން.
 
والحمد للّـه. والسّـلام عليـكم
___________________________