بســماللّـهالرّحمـنالرّحيــم

 
މިނިސްޓަރ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓް މުޙަންމަދު އަސްލަމް، މަޑަވެލީ ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙަންމަދު ނާޒިމް، ދެންވެސް ވަޑައިގެން ތިއްބެވި ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނާއި އަދި މި ހުވަދުއަތޮޅާއި ނަޑައްލާގެ ވެރިންނާއި އަދި ވަކިން ޚާއްޞަކޮށް ނަޑައްލާގެ ލޮބުވެތި ރައްޔިތުން،  
 
السّـلام عليـكم
 
މި ސަރުކާރު އުފެދިގެންއައީ ވަރަށްގިނަ ރައްޔިތުންނާ މަޝްވަރާކުރެވި، ވަރަށްގިނަ ގޭގެއަށް ޒިޔާރަތްކުރެވި، ވަރަށްގިނަ މީހުނާ ބައްދަލުވެ، ވަރަށްގިނަ އަޑުއެހުންތަކެއް، ދިވެހި ރައްޔިތުންގެ އިޙްސާސްތަކެއް ދެނެގަތުމަށްފަހުގައި، އެލިބުނު މަޢުލޫމާތުގެ މައްޗަށް ބިނާވެ، މިޕާޓީގެ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ވަޢުދުތައް އެއީ، އެ މަޢުލޫމާތުކަމަށްވެ، އަދި ފަހުން       އެ ވަޢުދުތައް އެއީ މިޕާޓީގެ ސިޔާސަތުތަކަށްވެ، މި ސަރުކާރުގެ ސިޔާސަތުތަކަށްވެ، އަދި ޤައުމީ ތަރައްޤީގެ އޮނިގަނޑައްވެސް މިދެންނެވި ސިޔާސަތުތައް މިހާރު މިވަނީ އެކަށައެޅިފައި.
 
 ސަރުކާރަށް އަދި ޕާޓީއަށް ފާހަގަވި ވަރަށްގިނަ ޙަޤީޤަތްތަކެއް އެބަހުރި. ދޮރުންދޮރަށް ހިނގިއިރު އަދި ރައްޔިތުންގެ އަޑުއަހަމުން ގެންދިޔައިރު އަދި އެނޫންވެސް އެހެން ކިތަންމެއިރެއްގައި މާކުރިއްސުރެން ފަށައިގެން އަޅުގަނޑުމެންނަށް އެނގި ސާފުވަމުންދާ އެއް ޙަޤީޤަތަކީ،           މި ނަޑައްލާގެވެސް ގިނަ ރައްޔިތުންނަކީ ނިކަމެތިންނޭ. ނަޑައްލާގެ އާބާދީގެ ތިންބައިކުޅަ އެއްބަޔަށްވުރެ ގިނަ އަދަދުގެ ރައްޔިތުންނަކީ އެމީހުންނަށް ރެޔާދުވާލަށް ފަނަރަ ވިހިރުފިޔާ ނުލިބޭމީހުން، ނިކަމެތިން. އަޅުގަނޑުމެންނަށް އަބަދުވެސް ސާފު، ރާއްޖޭގެ ވަރަށްގިނަ ޚިދްމަތްތައް ރައްޔިތުން އެންމެ އެދޭ މިންވަރަށް ދެމުންނެއް ނުގެންދެވޭ. އެ ޚިދްމަތްތައް ރަނގަޅުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ގެންދަންޖެހޭ މިންވަރު ވަރަށްވެސްފުޅާ. މީގެ އިތުރުން، އަޅުގަނޑުމެންނަށް އެނގޭ އަނެއް ޙަޤީޤަތަކީ، މިދެންނެވި ކަމުނުދާ ޚިދްމަތްތަކަށްވެސް މި ނަޑައްލާގެ އަދި މި ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ވަރަށްގިނަ ރައްޔިތުންނަކަށް އަތެއް ނުފޯރައޭ. އެހެންވެ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީ އިން ވަޢުދުވީ، ރާއްޖޭގެ ރައްޔިތުން ބޭސް ސިޓީއަށް ސަލާންޖަހާޖެހުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ނައްތާލަދޭނަމޭ. އެހެންވެ، ސަރުކާރުން މަދަނައިގެ ވިއުގަ ހަރުދަނާކުރަން ފެށީ.     އެ ވިޔުގައިގައި ވީހާވެސް ގިނަބަޔަކު ރަޖިސްޓަރީކުރުމުގެ މަސައްކަތް ފަށައިގަނެވުނީ.
 
 އަޅުގަނޑުމެންނަށް މިއަދު މި ހިތްހަމަޖެހުން ލިބެނީ،  މި ނަޑައްލާގެ 180 މީހަކު މަދަނައިގައި ރަޖިސްޓަރީ ކުރެވިފައިވާތީވެ. އަޅުގަނޑުމެންނަށް އުފާވެރިކަންލިބި އަދި ހިތްވަރުލިބި އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބެނީ، މި ނަޑައްލާގެ ރައްޔިތުންނަށް މަދަނަ މެދުވެރިކޮށް، ބޭސްފަރުވާކުރުމަށް 2010 ވަނައަހަރުގެ ތެރޭގައި ތިންލައްކަ ހަތްދިހަ ނުވަހާސްރުފިޔާ ޚަރަދުކުރެވިފައި އޮތީތީވެ. އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންގެ އަމާޒަކީ، ނަޑައްލާގެ ތަރައްޤީ. ސަރުކާރު އުފެދިގެންވެސް އައީ ނަޑައްލާގެ ތަރައްޤީގެ ތަޞައްވުރަކާއެކީގައި. އަޅުގަނޑުމެންގެ ހިތްތަކުގައި އަދި އަޅުގަނޑުމެންގެ ފޮތްތަކުގައި އަޅުގަނޑުމެން ކަނޑައެޅީމު، ނަޑައްލާއާ ގުޅޭގޮތުން ގެންގުޅޭނެ ސިޔާސަތެއް. ނަޑައްލާ ކުރިޔަށް ގެންދިއުމަށްޓަކައި އަޅުގަނޑުމެން ކަންކުރާނެ ގޮތްތަކެއް. މިއަދު އަޅުގަނޑުމެންނަށް އެނގޭ އެންމެ މުހިންމު އެއް ޙަޤީޤަތަކީ، އެއްވެސް ރަށެއްވެސް، އެއްވެސް ޤައުމެއްވެސް ތަރައްޤީވެއެއް ނުދެއޭ، އެޤައުމެއްގެ ރައްޔިތުންގެ ޢާންމު ޙާލަތު ނުބެލެހެއްޓޭނަމަ.
                                                                                                                                                             
ފަޤީރުކަމަކީ ތަރައްޤީއަށް އޮތް އެންމެބޮޑު ހުރަސް. އެންމެބޮޑު ދުޝްމަން. ނިކަމެތިކަމުން އަރައިގަނެވިގެން މެނުވީ ރަނގަޅަށް ނުކުމެ އުފެއްދުންތެރިކަމުގެ މަސައްކަތްތައް ކުރަން ރައްޔިތުންނަށް ދަތިވާނެ. ރައްޔިތުންނަށް ރަށުގެ ތަރައްޤީގައި ބައިވެރިވުމުގެ މާބޮޑު ޖޯޝެއް އަދި ސަބަބެއްވެސް އަދި ބޭނުމެއްވެސް ނުމެއޮންނާނެ. ފަޤީރުކަމުން ރައްކާތެރިކޮށްދިނުމަކީ ތަރައްޤީއަށް ކޮންމެހެން ބޭނުންތެރިކަމެއް. އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބޭ، މިނަޑައްލާގެވެސް ކޮންމެވެސް އަދަދެއްގެ މީހުންނަށް ސަރުކާރުގެ ޚަރަދުގައި ބޭސްކޮށްދެވިފައިވާތީ. އެނގިވަޑައިގަންނަވާނެ، މީގެ ކުރީގައި މިކަންއޮންނަ ގޮތަކީ ތީމުގެއަށް، ރިޔާސީ ގަނޑުވަރަށް ސިޓީއެއްލިޔުނީމާ، ބައެއްފަހަރު ބައެއް ބޭފުޅުންނަށް އެއީރަނގަޅު ބޭފުޅުންނާ ގުޅިފައިއޮތިއްޔާ، ރަނގަޅު ބޭފުޅުން ދަންނަންޏާ، ދެކޮޅު ޓިކެޓާއި                                                                                                              200ރުފިޔާ ދީ އަދި އިތުރަށް ދެންހުރިބައި ހޯދަންވެގެން ރައްޔިތުން މަގުމައްޗަށް ނެރެލަނީ.
 
އަޅުގަނޑުމެންގެ އަމާޒަކަށްވީ، އަޅުގަނޑުމެންގެ ބޭނުމަކަށްވީ، މިދެންނެވި ޙާލުގައި ރައްޔަތުން އުޅުނަ ނުދީ، އަޅުގަނޑުމެނަށް މިރާއްޖެ ބަދަލުކުރެވެން އޮތްގޮތެއް ހޯދުން. މިޕާޓީގެ އެބައޮތް ވިސްނުމެއް، ފިކުރެއް. މިޕާޓީގެ އެބައޮތް ތަޞައްވުރެއް އަދި އަޅުގަނޑުމެންގެގައިގައި  އެކަންކުރުމުގެ ހިތްވަރު ހުރިކަން އަޅުގަނޑަށް ޔަޤީން، ނުލާހިކު ރަނގަޅަށް ނަޑައްލާ ރައްޔިތުންނާއި ހުވަދޫ ރައްޔިތުންނާއި ރާއްޖޭ ރައްޔިތުން ދެނެހުންނާނެ. އަޅުގަނޑުމެނެއް ފަހަތަކަށް ނުޖެހޭނަން. އަޅުގަނޑުމެންގެ ބޭނުމަކީ، ތަރައްޤީ. އަޅުގަނޑުމެންގެ އަމާޒަކީ، ނަޑައްލާ ރައްޔިތުން މުއްސަނދިވުން. އަޅުގަނޑު އެހެންވީމާ، އަނެއްކާވެސް ނަޑައްލާ ރައްޔިތުންގެ ކިބައިން މި އެދެނީ، އަޅުގަނޑުމެނަށް ވޯޓެއް ދެއްވާށޭ. އެމް.ޑީ.ޕީގެ 5 ކެންޑިޑޭޓުންނަށްވެސް ވޯޓެއްދެއްވާށޭ. ދާއިރާ އަތޮޅު ކައުންސިލަށް އިންތިޚާބުވުމަށް އަންނަ ދާއިރާ ބޭފުޅުންނަށްވެސް ވޯޓެއް ދެއްވާށޭ. ތިލަފަތާ ދިމާގައި ފާހަގަ ޖައްސަވާށޭ.
 
މި ޕާޓީ އުފެދިގެން އައިއިރުގައި ރައްޔިތުންގެ އަޑު އަޅުގަނޑުމެން އަހަމުން ދިޔައިން. ރާއްޖޭގެ ވަރަށްގިނަ ރަށް ރަށުގެ ގޮނޑުދޮށްތަކުންނާއި، ހޮޅުއަށިތަކުންނާއި، ރުށްރުށްދަށުން އަދި މާލޭގައިވެސް ގޯތިތައް ފޮތިކުރަމުން ކުރަމުން އައިސް އެންމެފަހުން ބަދިގެހުރިތަނުގައި ހުންނަ ކޮޅުފިލާގޮނޑިއެއްގައި ހުއްޓިފައި ހުންނަނީ ކާފަ ނުވަތަ މާމަ. އަޅުގަނޑުމެނަށް މިރާއްޖެ މިގޮތަށް ލިބިފައި މިއޮތީ، އަޅުގަނޑުމެންގެ ދޮށީ އުމުރުގެ މީހުން ނުހަނުގިނަ މަސައްކަތް ކުރީތީވެ. އެމީހުން މަހަށް ފަރަށް ދިޔައީތީވެ، ރުކަށް އަރާ ވަލަށްވަނީތީވެ، ގެދޮރުއަޅައި ވަޑާންކުރީތީވެ، އޮޑިދޯނިފަހަރު ބަނދެ، ކިތަންމެ ކިތަންމެ މަސައްކަތެއް އެ މީހުންކުރީތީވެ. ދެން މިއަދު މިރާއްޖޭގައި ކޮންބަޔަކަށްތޯ ޕެންޝަނެއް ޙައްޤުވަނީ އަޅުގަނޑުމެން ދެކޭއިރުގައި އެއީ، ހަމައެކަނި ސަރުކާރު މުވައްޒަފުންނަށް ކަމަށް ދެކެވޭ ދެކެވުން އެއީ، ހަމަގައިމުވެސް އަޅުގަނޑު ނިސްބަތްވާ ޕާޓީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ،ޕީ ގަބޫލުކުރާ ފަލްސަފާއެއްނޫން.
 
މިޕާޓީ ދެކެނީ އުމުރުން 65 އަހަރުންމަތީގެ ކޮންމެމީހަކަށް، އަންހެނަކަސް ފިރިހެނަކަސް އާމްދަނީމަދު ކޮންމެމީހަކަށް 2000 ރުފިޔާގެ ޕެންޝަނެއް ޙައްޤުކަމަށް. އަޅުގަނޑުމެންނަށް މިއަދު ހިތްހަމަޖެހުންލިބެނީ، ނަޑައްލާގެ 64 މީހަކަށް ގަވާއިދުން މި 2000ރުފިޔާ ލިބެމުން އަންނަތާ މިހާރު މިވީ ދެއަހަރު. އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބެނީ، މި ނަޑައްލާޔަށް ކޮންމެމަހަކު އެއްލައްކަ އަށާވީސްހާސްރުފިޔާ ޕެންޝަންގެ ގޮތުގައި ހޭދަކުރުމުގެ ފުރްޞަތު ސަރުކާރަށް ލިބިފައިވާތީވެ. އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންގެ އަމާޒަކީ، ޤައުމީތަރައްޤީ. އަޅުގަނޑުމެންގެ މަޤްޞަދަކީ އިޖްތިމާޢީ ރައްކާތެރިކަން ރައްޔިތުންނަށް ހޯދައިދިނުން. އަޅުގަނޑުމެންގެ ވަޢުދަކީ، ބޭސް ސިޓީއަށް ސަލާންޖެހުން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހުއްޓުވާލާނަމޭ. އަޅުގަނޑުމެންގެ ހަމައެކަނި ބޭނުމަކީ ވަޢުދު ފުއްދުން. ރައްޔިތުންނަށް ޚިދްމަތްކުރުން.
 
މި ސަރުކާރެއް ދެމިއެއްނޯވޭ، އެނޫން ބޭނުމަކަށް. އަޅުގަނޑަށް މިއަދު ހިތްހަމަޖެހުން އިތުރަށް ލިބެނީ، އެކަނިވެރި މައިންނާއި ޔަތީމު ކުދީންނަށް ދެވޭ ޢިނާޔަތުގެ ގޮތުގައި މިދިޔަ    2010 ވަނަ އަހަރު މިނަޑައްލާއަށް، ނަޑައްލާގެ  12 ފަރާތަކަށް 58 ހާސް ރުފިޔާ ޚަރަދުކުރުމުގެ ފުރްޞަތު ސަރުކާރަށް ލިބިފައިވާތީ. މި ސަރުކާރުގެ ހުރިހާވެސް އުންމީދަކީ، ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުން. ސަރުކާރުން އަބަދުވެސް މަސައްކަތްކުރަމުން ގެންދާނީ މިދެންނެވި މަގަށް. ރައްޔިތުންގެ ސަލާމަތް ރައްޔިތުންނަށް ހޯދައިދިނުމަށް. އަޅުގަނޑު ދިވެހިރައްޔިތުގެ ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީގެ ކައުންސިލް މެންބަރުން އިންތިޚާބުކޮށްދިނުމަށް، މިނަޑައްލާގެ އެންމެ ރައްޔިތުންގެކިބައިން، އެމް.ޑީ.ޕީގެ  މެންބަރުން އެކަންޏެއްނޫން، ޑީ.އާރް.ޕީ މެންބަރުން އެކަންޏެއްނޫން، ހަމަ ރަށް ހުސްކޮށް ހުރިހާ ރައްޔިތުންގެ ކިބައިން އެދެނީ، ވަރަށް އިޚްލާޞްތެރިކަމާއެކުގައި ދެއްވާށޭ، އަޅުގަނޑަށް ފުރްޞަތެއް މިރަށް ބަދަލުކުރުމަށް. އަޅުގަނޑާއެކުގައި މަސައްކަތްކުރަން ނުކުންނަވާށޭ. އަޅުގަނޑެއް ތިބޭފުޅުންނަކަށް ޚިޔާނާތެއްނުވާނަން. އަޅުގަނޑެއް ތިބޭފުޅުންގެ ފައިސާއިން ލޯލާރިއެއްގައިވެސް އިރާދަކުރެއްވިއްޔާ ނުޖެހޭނަން. އަޅުގަނޑު ތިބޭފުޅުންނަށްޓަކައި ތިބޭފުޅުންނާއެކުގައި މަސައްކަތް ކުރުން ހުއްޓައެއްނުލާނަން، އަޅުގަނޑު އިރާދަކުރެއްވިއްޔާ އެންމެދުވަހެއްވެސް ދުލެއްނުކުރާނެ، ދިހަ ބާރަ ގަޑިއިރު މަސައްކަތްނުކޮށެއް. އަޅުގަނޑުގެ އެދުމަކީ، އަޅުގަނޑުގެ އާދޭހަކީ، ނަޑައްލާ ރައްޔިތުން އަޅުގަނޑުމެނަށް މިފަހަރުގެ ކައުންސިލް ދެއްވާށޭ. އަޅުގަނޑުމެނަށް، އެމް.ޑީ.ޕީ ކެންޑިޑޭޓުންނަށް ވޯޓު ދެއްވާށޭ.
 
ވާދަވެރި ސިޔާސީ ނިޒާމު ކިތަންމެހާވެސް ބޭނުން. އަދި އެ ނިޒާމު އޮވެގެންމެނުވީ އަޅުގަނޑުމެން މިއެދޭ ތަރައްޤީ، އަޅުގަނޑުމެން މިއެދޭ ބަދަލު އަޅުގަނޑުމެންނަކަށެއް ނުގެނެވޭނެ. އެބަދަލު ގެނައުމަށްޓަކައި ބާރުވެރި ފަރާތްތައް ޒިންމާދާރު ގޮތުގައި، ސަރުކާރު ޒިންމާދާރު ކުރުވުމަށް، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެބަ މަސައްކަތް ކުރައްވާންޖެހޭނެ. އެބޭފުޅުންގެ މަސްއޫލިއްޔަތެއްނޫން އެއީކީއެއް، އެބޭފުޅުންގެ ވަޒީފާއެއްނޫން އެއީކީއެއް، ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމަކީ.  މިއަދު ހަމަ ކުރީގައިވެސް އޮތް ޤާނޫނުލްޢުޤޫބާތު އެއޮތްގޮތަށް އެބައޮތް. މިއަދު ކުރީގައިހުރި ގަވާއިދުތައްވެސް އޭގޭ އަސާސީގޮތުގައި އެއޮތްގޮތަށް އެބައޮތް. އެހެންނަމަވެސް، މި ސަރުކާރަކީ ކުޑަކޮށްވެސް ރައްޔިތުންނަށް އަނިޔާއެއްދީ، ސިޔާސީ ބޭނުމުގައި މީހުން ހިފައިހައްޔަރުކޮށް، ސިޔާސީ ބޭނުމުގައި މީހުންނަށް ގެއްލުންދީ ހަދަންބޭނުންވާ ސަރުކާރެއްނޫން. އަޅުގަނޑުމެންނަށް އެނގޭ ރައްޔިތަކު ހިފަހައްޓައިގެން، އޮބަހައްޓައިގެން، ބިރުދައްކައިގެން ތަރައްޤީއެއް ނުލިބޭނެކަން. އަޅުގަނޑުމެނަށް ސާފު ޙަޤީޤީ ތަރައްޤީލިބޭނީ ރައްޔިތުމީހާ، ނަޑައްލާ މީހާ ތަރައްޤީވީމާކަން. ނަޑައްލާއެއް ތަރައްޤީއެއް ނުވާނެ، ނަޑައްލާ މީހާ ތަރައްޤީ ނުވާހާ ހިނދަކު. އޭނާގެ ޚިޔާލު ފާޅުވާން ޖެހޭނެ. އޭނާގެ ވިސްނުން ހުޅުވެންޖެހޭނެ. އަޅުގަނޑު އަބަދުވެސް އާދޭހާއެކު އެދެން، އަޅުގަނޑުމެންގެ ވިސްނުން ރަށުގެ ގޮނޑުދޮށާ ހިސާބުގައި ބެހެއްޓޭކަށެއްނެތޭ.  މިރަށު ގޮނޑުދޮށުން އަދި އަތޮޅުދުނިން ބޭރަށް އަދި ރާއްޖޭގެ އަސްދަނޑީންވެސް ބޭރަށް އަޅުގަނޑުމެންގެ ވިސްނުން، އަޅުގަނޑުމެންގެ ފިކުރު އެބަގެންދާންޖެހޭ.
 
އަޅުގަނޑުމެން މި އެދޭބަދަލު އަޅުގަނޑުމެންނަށް ހޯދޭނީ ލާމެހިފައިވާ ދިވެހިރާއްޖެއެއްގައި. ރާއްޖޭގެ އެއްތަނާ އަނެއްތަނާ ވަރަށްރަނގަޅަށް ގުޅިގެން. އެހެންވީމާ،       މި ސަރުކާރުގެ އެހެން ވަޢުދަކަށްވީ، މި ޕާޓީގެ އެހެން ވަޢުދަކަށްވީ، މި ސަރުކާރުގެ 5 އަހަރު ދުވަހުގެ ތެރޭގައި، ރާއްޖޭގެ ރަށްތައް ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ގުޅުވާލަ ދޭނަމޭ.  ނަޑައްލާއިން ދަތުރަށްއަރާ މިންވަރު މަދުވަނީ އެ ޚިދްމަތް އެކަށީގެންވާވަރަށް ތަޢާރަފު ކުރެވިފައި ނުވާތީކަން އަޅުގަނޑަށް ކަށަވަރު. އެމް.ޑީ.ޕީގެ ވަޢުދަކީ     7 އަހަރުގެ ތެރޭގައި ދަތުރުފަތުރު ކުރުމުގެ ނިޒާމެއް ގާއިމުކޮށްދިނުން. ފުރަތަމަ ދެއަހަރުގެ ތެރޭގައި އަސާސީ ޚިދްމަތްތައް ގާއިމުކުރުން. އެ ދެއަހަރު މިހާރު ފާއިތުވެ ހިނގައްޖެ. އަޅުގަނޑުމެނަށް މިހާރު މިއަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ އަސާސީ ޚިދްމަތުން އަރައިގަނެ، ތިބޭފުޅުން ރަށުބަންދުން ވީއްލޭނޭ ގޮތަކަށް މިތަނުގެ ދަތުރުފަތުރުގެ ނިޒާމު ހަމަޖެހިގެންދާނެ. އަޅުގަނޑުމެންގެ ބޭނުމަކީ، ނަޑައްލާ ރައްޔިތުން މުއްސަނދިވުން، ތަނަވަސްވުން. އަޅުގަނޑުމެންގެ ބޭނުމަކީ، މިރަށު ރައްޔިތުންގެ ޖީބަށް މިއަދުވަން މިންވަރަށްވުރެ އަދި މާރަނގަޅު މިންވަރެއް މާދަމާވަނުން.
 
އަޅުގަނޑު ޙަޤީޤަތުގައި ވޯޓެއްދޭން މިއެދެނީ، މި ސަރުކާރަކަށްވެސް ނޫން. ޕާޓީއަކަށްވެސް ނޫން. އަޅުގަނޑަކަށްވެސް ނޫން. ދެން އަންނާންއޮތް ނަޑައްލާގެ ޖީލަށް. ތިބޭފުޅުން ވިހާން ދެން ތިބިހާ ކުދިންނަށް. ތިބޭފުޅުންގެ މިއަދު މިއޮތީ ހަވީރުވެފައި. ގެއްލިފައި ނިމިފައި. އިއްޔެ ގެއްލުނުތާ ކިތަންމެއިރެއް. ނެތި ގޮސްފި. އަޅުގަނޑުމެންނަށް ހޯދެންއޮތީ މާދަމާ އެކަނި. އަޅުގަނޑުމެންނަށް ހޯދެންއޮތީ މުސްތަޤްބަލް. ނިމިދިޔަތާނގައިވެގެނެއް، އަޅުގަނޑުމެންނަކަށެއް މުސްތަޤްބަލެއް ނުހޯދޭނެ. މުސްތަޤްބަލަށްޓަކައި ތިބޭފުޅުން ވިސްނަވާށޭ. އަންނާންއޮތް ޖީލަށްޓަކައި، ވިހާންތިބި ކުދިންނަށްޓަކައި ތިބޭފުޅުން، އަޅުގަނޑު މިއެދެނީ އެމް.ޑީ.ޕީއަށް ވޯޓެއްދޭން. އަޅުގަނޑުމެންގެ 5 ކެންޑިޑޭޓުންނަށް އަދި ދާއިރާ ކެންޑިޑޭޓުންނަށް ތިބޭފުޅުންގެ ވޯޓު ދެއްވުމަށް. ނަޑައްލާ ތަރައްޤީވާނީ ނަޑައްލާމީހާ ތަރައްޤީވެގެން. އޭނަގެޢާންމު ޙާލަތާ، އޭނަޔަށް ތަންދޮރުފިލައިގެން. އޮޅުން ފިލައިގެން، ވާނުވާ އެނގިގެން. އެހެންވީމާ، މިމަދަރުސާ މުހިންމުވެގެންދަނީ.
 
ނަޑައްލާ މަދަރުސާ އެއްދަންފަޅިއަށްހަދައި، މިމަދަރުސާގައި ވަށާޖެހޭ ތަޢުލީމެއް ދިނުމަކީ ސަރުކާރުގެ ވަރަށްބޮޑު އަމާޒެއް. އަޅުގަނޑުމެނަށް ހަމަ ފުރަތަމަ ސަރުކާރު ހިންގަން ފަށައިގަތުމާ އެކުގައި ތިބޭފުޅުންގެ މެންބަރު މުހަންމަދު ނާޒިމުގެ ވަކާލާތުކުރުމާ އަދި  ތަކުރާރުކޮށް، ދަންނަވަންތޯ، ތަކުރާރުކޮށް އަޅުގަނޑުގާތުގައި އެވާހަކަދައްކާތިއްޔާ އަދި އެއީ އަޅުގަނޑުމެންގެ އަމާޒުކަމަށްވާތީއާއި، އެކަން އަޅުގަނޑުމެންނަށް ކޮށްދެވެން އޮތީތީވެ، އިރާދަކުރައްވައިގެން       މި ސްކޫލަށް މިދިޔަ ދެއަހަރުތެރޭގައި ސަރުކާރަށް މިވަނީ ބައެއްބައެއް ޚަރަދުކުރެވި، ބައެއްބައެއް ބަދަލު ގެނެވިފައި. އަޅުގަނޑު ތިބޭފުޅުންނަށް ޔަޤީންކޮށް އަރުވަން ބޭނުންވަނީ ތިބޭފުޅުން، ތިބޭފުޅުންގެ ތެރެއިން މި ސަރުކާރުގެ ވިސްނުމުގެ ކައުންސިލެއް އިންތިޚާބު ކުރެއްވީމާ، އެއިން ނުކުންނަ ނަތީޖާ އަދި މާރަނގަޅުވާނެއޭ. އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން މިގައްދޫގެ ދާއިރާގެ ޢިއްޒަތްތެރި މެންބަރަށް ޝުކުރު ދަންނަވަން މިރަށަށް. ނަޑައްލާއަށް ކޮމްޕިއުޓަރ ކްލާހެއް އެބޭފުޅާ ހައްދަވައި ދެއްވީތީ. އަޅުގަނޑުމެން އެދެނީ، އެފަދަ ހުވަދޫ ދަރިން. އަޅުގަނޑުމެން ބޭނުންވަނީ ރަށާއި، އަތޮޅާއި، ޤައުމަށްޓަކައި މަސައްކަތްކުރާ ހީވާގި ވެރިން. އަޅުގަނޑު ހުވަދުއަތޮޅު ކޮންމެ ތަނަކަށް ބަލައިލިޔަސް، މިއަތޮޅުގެ ވިޔަފާރިވެރިންނާއި އަޅުގަނޑުމެންނާއެކު މިއަދު ބައިވެރިވެވަޑައިގަންނަވާ. އެނގިވަޑައިގަންނަވާނެ، ޢަބްދުﷲ ޖާބިރު. އަޅުގަނޑުމެންނާއެކު އެބަ މަސައްކަތްކުރައްވާ. ކުރައްވަނީކީ އިތުރު މަސައްކަތެއްނޫން، ހަމަ ވިދާޅުވަނީ، އަތޮޅު ބަދަލުކުރަން، އަތޮޅު ތަރައްޤީކުރަން، ރަށްތައް ބަދަލުކުރަން، ރަށްތައް ތަރައްޤީކުރަން. ދެން ކުރާންހުރިކަމަކި ކޮބައިހޭ؟ މަދަރުސާ ކުރިއަރުވަމުން ގެންދިއުމަކީ އަޅުގަނޑުމެންގެ ވަރަށްބޮޑު ބޭނުމެއް.
 
އަޅުގަނޑަށް މިއަދު ހިތްހަމަޖެހުން ލިބެނީ، މިދިޔަ 2010 ވަނައަހަރު ތެރޭގައި މިރަށު ދަރިވަރުންނަށް ފޮތްފަންސޫރު ގަލަމާއި އަދި އެބާވަތުގެ މަދަރުސާގެ ސާމާނު ހޯދުމަށް  އެއްލައްކަ ތެއްތިރީސްހާސް ފަސްސަތޭކަ އަށްޑިހަ ހަތަރުރުފިޔާ ޚަރަދުކުރުމުގެ ފުރުޞަތު         މި ސަރުކާރަށް ލިބުނީތީވެ. އަޅުގަނޑުމެންނަށް އުފާވެރިކަންލިބި، ހިތްހަމަޖެހުންލިބި، ހިތްވަރުލިބެނީ މިނަޑައްލާގެ 20 ދަރިވަރުންނަށް އިމްތިޙާނުގެ ފީދެއްކުމަށްޓަކައި ސާޅީސްތިންހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ ޚަރަދުކުރެވިފައިވާތީ. މި ސަރުކާރުގެ ވަޢުދުތައް މި ސަރުކާރުން މިދަނީ، އަޅުގަނޑުމެން ބުނިން، ބޭސް ސިޓީއަށް ސަލާންޖެހުން އަޅުގަނޑުމެން ނައްތާލަދޭނަމޭ. ކަންމަތީ އިސްޓޯރުގެ ދަރަނި އިރާދަކުރެއްވިއްޔާ ކަނޑައިދޭނަމޭ. ކަންމަތީއިސްޓޯރަށް އަޅުގަނޑުމެން ދިޔައީ، 65 އަހަރުން މަތީގެ މީހުނަށް ޕެންޝަނެއް ދެމުން. ވަރަށްބޮޑަށް ސާފުވެފައި އޮތް ޙަޤީޤަތަކީ، ނަޑައްލާފަދަ ކުދިކުދި އާބާދީއަށް ކޮންމެސް މިންވަރެއްގެ ފައިސާކޮޅެއް ސަރުކާރުން ގަވާއިދުން މިތަނުގެ އިޤްތިޞާދުގައި ދައުރުވުމަށް ނުލިބެނީނަމަ ދުވަހެއްދުވަހަކަށް މިތަން ދާނީ ހީނަރުވަމުން. މިރަށަށް ކޮންމެމަހަކު އެއްލައްކަ އަށާވީސްހާސް ރުފިޔާ، 65 އަހަރުންމަތީގެ މިހުންގެ ޕެންޝަންގެ ގޮތުގައި ދެވޭކަމުން، މިރަށުގެ ހަމަގައިމުވެސް 2008 ގައިއޮތް ކަންމަތީ އިސްޓޯރުތަކުގައިހުރި ދަރަނީގެ މިންވަރަކީ މަހަކު އެއްލައްކަރުފިޔާއަށްވުރެ މަދުއަދަދެއް. މިހާރު އަޅުގަނޑު އަހާލަން ބޭނުން، ވިޔަފާރިވެރިން ގާތު ވިކުރާފޮތް ކިހިނެއްތޯ، ލޭންދޭނަށް ކިހިނެއްތޯވަނީ. އަންނަމަހުތޯ ފައިސާދައްކަނީ އަދިވެސް ހާސްތޯ. އަޅުގަނޑަށް ޔަޤީން، ހާސްކަން ބޮޑުވާނެކަން. އަޅުގަނޑަށް ޔަޤީން އަދި އަރައިގަންނަންޖެހޭ ކިތަންމެކަމެއް އެބަހުރިކަން. ޝައްކެއްނެތް، އަޅުގަނޑުމެން ނުކުމެ މިތިބީ އެމަސައްކަތްކުރަން. އަޅުގަނޑުމެން ނުކުމެ މިތިބީ ނަޑައްލާ ރައްޔިތުންނާއެކީގައި އެމަސައްކަތް ހިންގަން. އަޅުގަނޑު މިއެދެނީ، ތިލަފަތަށް ތިބޭފުޅުން ވޯޓުދެއްވާށޭ. އޭރުން ތިބޭފުޅުންނަށް އަޅުގަނޑުމެންނާއެކުގައި މަސައްކަތްކުރުމުގެ ފުރްޞަތު އެފަހިވެގެން ދިޔައްޔޭ.
 
ދަރިވަރުންގެ ތަރައްޤީއަށްޓަކައި ކުޅިވަރަކީ ކޮންމެހެން ބޭނުންތެރިކަމެއް. އެއީ، ހަމައެކަނި ކަސްރަތެއްނޫން. އެއީ، މީހަކު މީހަކަށްވުމަށް ކޮންމެހެން ބޭނުންތެރިކަމެއް. ރަނގަޅަށް ކުޅެންޖެހޭނެ، ދުވަންޖެހޭނެ، ވެއްޓެންޖެހޭނެ، އަރިއަޅާންޖެހޭނެ، މޮޅުވާންޖެހޭނެ. ދެރަވާންޖެހޭނެ. ޙަޔާތެއް ބިނައެއް ނުކުރެވޭނެ މޮޅުނުވެ، ދެރަނުވެ. މޮޅުމީހަކަށް ނުހެދޭނެ އޭނާ ނުކުޅެ، އޭނާ އިތުރު ޙަރަކާތް ނުގެންގުޅެ. ވީމާ، މަދަރުސާއެއްގައި ކިޔަވައިދިނުން ވަރަށް މުހިންމު. ކުޅިވަރަކީ ކުޅިވަރެއްނޫން. ކުޅިވަރަކީ އެންމެ މުހިންމު ތަޢުލީމު. ތަޢުލީމަކީ ހަމައެކަނީ ފޮތުން ކިޔަވާ އެއްޗެއްނޫން. އެހެންނަމަ އަޅުގަނޑު ތަންދޮރު އެނގޭ މީހެއްގެ ގޮތުގައި ނުވަތަ ކިރިޔާވެސް އަކުރުފިލާމީހެއްގެ ގޮތުގައިވެސް ނުހުންނާނެ. ތަޢުލީމަކީ މުޅި ޙަޔާތުގައި އަޅުގަނޑުމެން އެއްކުރާ ތަޖުރިބާ. ފޮތުން އަޅުގަނޑުމެން މި ދަސްކުރަނީ އެ ތަޖުރިބާ އެއްކުރާގޮތް.  
 
އަޅުގަނޑުމެން ތައްޔާރުކުރަން މިޖެހެނީ ރަނގަޅު ނަޑައްލާ މީހެއް. އަޅުގަނޑުމެންގެ އަމާޒަކީ، ކޮންމެ ނަޑައްލާ ރައްޔިތަކީވެސް ތިމަންނާއަކީ ޙައްޤުތަކެއް ލިބިގެންވާ ނަޑައްލާ މީހެކޭ ފަޚުރުވެރިކަމާއެކުގައި ބުނެވޭ ނަޑައްލާ ރައްޔިތަކު އުފެއްދުން. އަޅުގަނޑުމެންގެ އަމާޒަކީ، ތިމަންނާޔަކީ ތިމަންނާގެ އަމިއްލަ ޙަލާލު މަސައްކަތުން ތިމަންނާގެ އަނބިދަރިން ބަލަހައްޓާ ނަޑައްލާ މީހެކޭ ބުނެވެނޭ ނަޑައްލާ ރައްޔިތަކު އުފެއްދުން. އަޅުގަނޑުމެންގެ މަސައްކަތް މިގެންދަނީ މިދެންނެވި މިޞްރާބަށް.
 
މިއަދު އަޅުގަނޑުމެން މިރަށަށްއައިސް މިތިބީ ވަރަށް މުހިންމު ވާހަކައެއް ދަންނަވަން.  މި ނަޑައްލާގެ ތަރައްޤީގެ އެންމެ މުހިންމު އެއް މުއައްސަސާގެ ބިންގާ މިއެޅެނީ ފެބްރުއަރީ       5 ވަނަދުވަހު. އެއީ ރަށުކައުންސިލްގެ އިންތިޚާބު. ރަށްވެރިކަމުގެ އިންތިޚާބު. މިކަމަކީ މީގ ކުރީގައި ހަމައެކަނި މާލޭން އެންގީމާ އަންގާހާގޮތަކަށް ކުރާންއޮންނަކަމެއް.
 
އަޅުގަނޑު ހޯޑެއްދުއަށް ދިޔަތަނާ، އެއޮށްބޮޑު ރަށުގައި ހުރި އަންހެނަކު އަޅުގަނޑު ގާތުގައިބުނެފި. ރައީސްއޭ، 15 އަހަރުވެއްޖެއޭ ތިމަންނާ ގޯއްޗަކަށްއެދިގެން އުޅޭތާ. ހޯޑެއްދުއަކީ ހުވަދުއަތޮޅުގެ އެންމެ ބިންބޮޑު، ދެވަނައަށް ބިންބޮޑު ރަށް. ހޯޑެއްދުއަކީ ހުވަދުއަތޮޅުގައި އޮތް  އެންމެ މީހުންމަދު އެއްރަށް. އަޅުގަނޑު އެ ޖަވާބުގައިބުނީ ކީއްވެބާއޭ އޭނާއަށް ގޯއްޗެއް ނުލިބިގެން ހޯޑެއްދޫގައިއެހެރީ. ކަނޑާފައި ދިނީމާ ނިމުނީނޫންހޭ؟ އެހެންނަމަވެސް، މިކަން އޮންނަ ގޮތަކީ، ރައީސް އަރިހުގައި ދަންނަވަންޖެހޭނެ. ރައީސް ދެއްވިއްޔާ ލިބޭނީ. ރައީސްދެއްވިއްޔާ ދެއްވި މިންވަރަކަށް ލިބޭނީ. ނުދެއްވިއްޔާ އެ ނުދެއްވި މީހަކަށް އެއޮތީ ބަދުނަސީބު. އަދި ނުދެއްވާ، ނުރުއްސަވާ، ނުދިންނަވާ މީހަކަށް ހުރި ބަދުނަސީބުގެ ކަންތައް އޮތް މިންވަރަކީ ދެން ގެންދާނީ ޖަލަށް. އެއީ، ގޯތީގެވާހަކަ އެހީތީވެ. އަޅުގަނޑު މިހަދަނީކީ ދޮގެއްނޫން. ތިބޭފުޅުންނަށް ވަރަށްރަނގަޅަށް މިކަން ސާފުކޮށް އެނގިވަޑައިގަންނަވާނެ. އަޅުގަނޑަކަށް މަދެއް ކޮށެއްނޫން، މިނަޑައްލާ މީހުންވެސް ޖަލުން ދިމާވެފައިހުރީ. ހަމައެއްގޮތަކަށް، ދެއުޅިއެއްވާ ކަމެއްގައެއް އެތަނަށް ގެންގޮއްސާ އިންދަކާއެއް ނުދެކެން.
 
އަޅުގަނޑުމެނަށް ތަރައްޤީއަށްޓަކައި އެންމެ މުހިންމުކޮށް ހިންގަންޖެހޭ އެއްކަމަކީ ރައްޔިތުން ދޫކޮށްލުން. ރައްޔިތުން މިނިވަންކުރުން، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަން ރައްޔިތުންނަށް ދިނުން. އެހެންވީމާ، މި ސަރުކާރުގެ އަބަދުވެސް އެންމެބޮޑު މަޝްރޫޢަކީ ޑިމޮކްރަސީ. އަޅުގަނޑަށް އެނގޭ، ތިބޭފުޅުންގެ ނަޒަރުގައި އެއީ މާމުހިންމު އެއްޗަކަށްނުވާނެ. އެއްވެސް ވެރިކަމުގެ ނިޒާމުގެ ބޭނުމެއްނެތް، އެއިން ނަރުދަމައެއް ނޭޅެންޏަކާއެއް، އެއްގަމުތޮށްޓެއް ނުހެދެންޏަކާއެއް. ސަހަރާގެ ވަށާފާރު ނޭޅެންޏަކާއެއް، ބޯޅަދަނޑުބިން ހަރުނުކުރެވެންޏަކާއެއް. ޑިމޮކްރަސީއިން ބޯޅަދަނޑު ހެދޭނެ. ޑިމޮކްރަސީއިން ނަރުދަމާ އެޅޭނެ. ވިޔަފާރި ތަރައްޤީވާނެ، މުއްސަނދިވާނެ. ޤައުމުތައް މުއްސަނދިވެފައި އެވަނީ އެހެންވެގެން. ނަޑައްލާވެސް މުއްސަނދިވާނެ. ނަޑައްލާވެސް މުއްސަނދިވާނެ، ހޯނޑެއްދޫވެސް މުއްސަނދިވާނެ. ރަތަފަންދޫވެސްވާނެ. މުޅި ހުވަދުއަތޮޅުވެސްވާނެ. އަޅުގަނޑުމެނަށް އިރާދަކުރެއްވިއްޔާ މިރާއްޖެ ބަދަލުކުރެވޭނެ.
 
އަޅުގަނޑަށް ހަމަ ފެންނަނީ ވަރަށްއުފާވާ މަންޒަރެއް. އަޅުގަނޑުމެންނަށް މިހާތަނަށް ކަންކުރެވިފައިހުރި މިންވަރާގުޅޭ ގޮތުންވެސް ހިތްހަމަޖެހޭ. މިތާނގެ ބަނދަރުގެ ވާހަކަ އަޅުގަނޑު ގާތުގައި ތިނަދޫއިން އަޅުގަނޑާ ބައްދަލުވި މިރަށުގެ ވަފުދެއް ދެއްކި. ހަމަ ނާޒިމް އެހާވަރަށް ދައްކަވާ، އަދި އަސްލަމް އެންމެފަހުން އެވާހަކަ ދައްކަވާ. މިރަށުގެ ބަނދަރު އިރާދަކުރެއްވިއްޔާ، ނެރަކާއެކީގައި ހަދާފައިއޮތް މަޑިވަޅެއް ބަނދަރަކަށް މިއޮތީ ބަދަލުކޮށްދެވިފައި. އެމަޑިވަޅުގެ ގޮތުގައި އަޅުގަނޑުމެނަށް އެތަން ހަމަ ބޭނުންކުރަން ދަތި. އޭގޭބޭނުމަކީ ކޮންމެހެންނެއް ހަމައެކަނި ނެރެއް ހަދާލުމެއްނޫން. އޭގެ ބޭނުމަކީ ނަޑައްލާ މީހުންނަށް ދެވޭނެގޮތެއް ހޯދުން. މިތަނަށް މީހުނަށް އާދެވޭނެ ގޮތެއް ހޯދުން. މިރަށުގެ އޮޑިދޯނިފަހަރު މިތަނުގައި އަޅާފައި ބެހެއްޓޭނެގޮތެއް ހޯދުން.
 
އަޅުގަނޑުމެންގެ އަމާޒަކީ، މިރަށުގެ ތަރައްޤީ. އަޅުގަނޑުމެން އާދޭހާއެކު ނުހަނު އިޚްލާޞްތެރިކަމާއިއެކު މިރަށު ރައްޔިތުންގެކިބައިން މިއެދެނީ، ދެއްވާށޭ، އަޅުގަނޑުމެންނަށް ފުރްޞަތެއް. ކިތަންމެ ހަނި ފުރްޞަތެއްނަމަވެސް ދެއްވާށޭ. ދެއްވައިފިއްޔާ އަޅުގަނޑުމެން މިރާއްޖެ ބަދަލުކުރާނަމޭ، މިނަޑައްލާ ތަރައްޤީ ކުރާނަމޭ. އަޅުގަނޑު ދަންނަވާނީ މިއީ ހަމަ އަޅުގަނޑުމެނަށް އަންނަ އުފާވާ ޒަމާނޭ، ހިތާއޭ އަހާށޭ، އުފާވެރި މިރާގޭ.
 
والحَمْـدُ لِلّـهِ. والســّلام عليــكم.  
                                                                                                                               
_______________________